Support Us

ބުއްދިވެރިއެއްގެ ބުއްދިވެރި ބަސްކޮޅެއް

އޭނާގެ މައްޗަށް މާތް މަތިވެރި އަޚުލާގީ ގަބޫލުކުރުންތައް ވެރިކަން ނުކުރާ ވެރިއެއްގެ ކިބައިގައި އެއްވެސް ހެވެއް ނޯންނާނެއެވެ. އޭނާގެ މައްޗަށް ވެރިކަން ކުރަނީ މާތް އަޚުލާގީ ގަބޫލުކުރުންތަކެއް ކަމަށް ނުވާ ނަމަ، އެ ވެރިޔާގެ މައްޗަށް ވެރިކަން ކުރާނީ އޭނާގެ ހަވާ ނަފްސެވެ. އެހެން ވެއްޖެ ނަމަ، އޭނާގެ ވެރިކަން ބިނާވެފައި އޮންނާނީ އޭނާގެ ހަވާ ނަފްސުގެ އެދުންތައް ފުރިހަމަ ކުރުމަށް އިސްކަން ދެވިގެންނެވެ.

އޭނާގެ މައްޗަށް އޭނާގެ ސަލާމަތް ބުއްދި ވެރިކަން ނުކުރާ މީހާގެ ވެސް އެއްވެސް ހެވެން ނޯންނާނެއެވެ. އެހެނީ، އޭނާގެ މައްޗަށް ވެރިކަން ކުރަނީ އޭނާގެ ސަލާމަތް ބުއްދިކަމަށް ނުވާ ނަމަ، އޭނާގެ މައްޗަށް ވެރިކަން ކުރާނީ އޭނާގެ ޖަޒުބާތުތަކާއި އޭނާގެ ކިބައިގައިވާ މޮޔަކަމެވެ. އޭނާގެ ހަވާ ނަފްސު ނުރުހޭ، އޭނާގެ އަމިއްލަ މަސްލަހަތާ ދުރު، ކަންކަން އޭނާގެ ނަފްސުގެ މައްޗަށް ހުށަހެޅުމުން، އޭނާ ހިލި، އޭނާގެ ނަފްސުގެ ތެރޭގައި އޭނާގެ ޖަޒުބާތުތައް ކެކިގަނެއެވެ. ދެން، ނުރުހި ރުޅިއައިސް، އޭނާގެ ބުނާ އެއްޗަކާއި ކުރާ ކަންކަން ބުނެ ކުރެއެވެ. މިފަދަ ސިޔާސީ ވެރިން އެއްދުވަހު ބުނާ އެއްޗެއް އަނެއް ދުވަހު ހަނދާނެއް ނުހުންނާނެއެވެ. އެއްދުވަހު މީހަކަށް ތައުރީފުކޮށްފައި އަނެއް ދުވަހު ހަމަ އެމީހާއަށް އެއްޗެހި ކިޔައި ބަދުބަސް ބުނާނެއެވެ.

އަދި، އޭނާގެ މައްޗަށް މާތްﷲ ބައްލަވާ ވޮޑިގެންވެ، އެކަލާނގެ ބާރުފުޅު ހިނގާކަން، ނުދަންނަ ނުވަތަ ގަބޫލު ނުކުރާ އެއްވެސް ވެރިއެއްގެ ވެސް ހެވެއް ނޯންނާނެއެވެ. އެހެނީ، އެފަދަ، ވެރިން، އޭނާ ނުރުހޭ މީހުންނާއި އޭނާގެ ޚަސްމުން ވެސް އޭނަގެ އަދުއްވުން ފަދައިން، ނެތިކޮށްލަން ޖެހިލުމެއް ނުވާނެއެވެ. ފިރުއައުނު، ބަނީ އިސްރާއީލުގެ މައިން އުފަންކުރާ ކޮންމެ ފިރިހެން ދަރިއަކީ އޭނާގެ ޚަސްމެއް ކަމަށް ދެކި، އެކުދިން މެރި ފަދައިން، އެފަދަ ވެރިއެއް ދެކޭނީ އޭނާ ނުރުހޭ މީހުންނާއި އޭނާގެ ޚަސްމުންނަކީ ވެސް އޭނާގެ އަދުއްވުން ކަމާއި، އަދި އެހެންވެ، އޭނާގެ ވެރިކަމަށް އޮތް ނުރައްކަލެއް ކަމުގައެވެ. އެހެންވެ، އެފަދަ އެންމެން ނެތިކަޮށްލަން އޭނާގެ ބާރު އޭނާ ބޭނުން ކުރާނެއެވެ.