Support Us

ޖުމްހޫރީ ދުވަހުގެ ވާހަކައެއް

މިއަދަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔަތަށް 53 އަހަރު ފުރޭ 54ވަނަ ޖުމްހޫރީ ދުވަހެވެ. އާދަކާދައިގެ އަދަބު ނިޔާކުރާ ގޮތުން، ދުވަހުގެ ތަހުނިޔާއާއި ހިތުގެ ހެޔޮ އެދުން އެންމެނަށް ވެސް ރައްދުކުރަމެވެ. މި އިހުތިފާލުކުރާ ކުރުމާއި ކިޔޭ ތަހުނިޔާއާއި ފާޅުކުރެވޭ ހިތުގެ ހެޔޮ އެދުމަކީ މާނަވީ އެއްޗަކަށް ހަދާލަން ޖެހެއެވެ. އެގޮތުން، މިއަދު، ރާއްޖޭގެ ކައިރި މާޒީގެ ސިޔާސީ ހަޔާތުގެ މައްޗަށް ކަޅިއެއް އެއްލަން ގަސްދުކުރަމެވެ. އެކަމުން ފިލާވަޅެއް ލިބިގަނެ، އިބުރަތެއް ހާސިލުކޮށް، ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ފެށޭތޯއެވެ.

ރާއްޖޭގެ ކައިރި މާޒީގެ ސިޔާސީ ތާރީޚަށް ނަޒަރު ހިންގާލާއިރު، މަގުފާހަގަތަކެއްގެ ގޮތުގައި ހިމަނާލެވޭ ވަރަށް ވެސް މުހިއްމު ތިން ކަމެއް ފާހަގަކޮށްލެވެއެވެ. މީގެ ތެރެއިން ފުރަތަމަ ކަމަކީ 1932 ވަނަ އަހަރު ތައާރުފު ކުރެވުނު ގާނޫނު އަސާސީއެވެ. އަދި، އެއާ ގުޅިފައިވާ ދުސްތޫރީ ވެރިކަމެއްގެ ފެށުމެވެ. ދެވަނަ ކަމަކީ 1952ގައި އަލަށް ތައާރުފުކުރެވުނު ޖުމްހޫރީ ވެރިކަމެވެ. ތިންވަނަ ކަމަކަށް ފާހަގަކުރެވެނީ 2008ގައި ތައާރުފު ކުރެވުނު ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ ނިޒާމެވެ. ހިތާމައާއެކު ބުނަން ޖެހެނީ މިތިން ކަންތަކުގެ ތެރެއިން ފުރަތަމަ ދެ ކަންތައް ހަމަ މުޅިން ނާކާމިޔާބުވެ ދިޔަކަމެވެ. ތިންވަނަ ކަމަށް ވެސް އެކަށީގެންވާ ކާމިޔާބީއެއް ލިބުނުކަމުގައި އަދި ބުނެވެން އޮތްހެނެއް ހިޔެއް ނުވެއެވެ. މި ލިޔުމުގައި، މަތިމަތިން ނަމަވެސް، ބަލާލަން ބޭނުންވަނީ، ސިޔާސީ ތާރީޚުގައި މަގުފާހަގަތައް ގޮތުގައި ފާހަގަކޮށްލެވޭ މި މުހިއްމު ކަންކަން ފޭލުވެ ދިޔައީ ނޫނީ ކާމިޔާބު ނުވެ އޮތީ ކީއްވެގެން ކަމެވެ.

1932 ވަނަ އަހަރު ތައާރުފު ކުރެވުނު ގާނޫނު އަސާސީ

ނަވާރަ ސަތޭކަ ބައްތިރީސް ވަނަ އަހަރު ދުސްތޫރީ ވެރިކަމެއް ތައާރުފު ކުރުމުގެ ގޮތުން ގާނޫނު އަސާސީއެއް ލިޔެވުނެވެ. ނަމަވެސް، އެކަން ނިމުނީ ކިހިނެއް ހެއްޔެވެ؟ ގާނޫނު އަސާސީއެއް އެކުލަވާލެވި، އެއަށް އަމަލުކުރެވެން ފެށިތާ ދުވަސް ކޮޅެއްވީތަނާ ހެން، އެ ގާނޫނު އަސާސީ ވީދާލެވި، އުވާލެވިގެންނެވެ. އާދެ، އެ ގާނޫނު އަސާސީވީ ބޭކާރު އެއްޗަކަށެވެ. މިކަން މިހެން ދިމާވާން މެދުވެރިވީ ކީއްވެގެން ހެއްޔެވެ؟ ޖުމްހުރީ ދުވަހެއް ފާހަގަކުރަމުންދާއިރު، މިއީ މިސުއާލުކޮށް، މިސުއާލުގެ ޖަވާބު މަތިން ހަނދާނކޮށްލުން މުހިއްމެވެ. މިކަން ހަނދާނަށް ކުރަން ޖެހެނީ ކޮން ބައެއް ހެއްޔެވެ؟ އާންމު ރައްޔިތުންނެވެ. އާދައިގެ ފަރުދުންނެވެ. ސަބަބު، ފަހުން، ބަޔާން ކޮށްދެވޭނެއެވެ.

ނަވާރަ ސަތޭކަ ބައްތިރީހުގައި ތައާރުފުކުރެވުނު، ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އުވިގެން ދިޔައީ ކީއްވެ ހެއްޔެވެ؟ ކުރު ޖަވާބަކީ، ތަބީއީ ގޮތުން، އެކަން ކުރަންޖެހޭ ގޮތަށް އެކަން ނުކުރެވުމުންނެވެ. ގާނޫނު އަސާސީއެއް އެކުލަވާލުން ފެށެން ޖެހޭނީ ރައްޔިތުންނާ ހަމައިންނެވެ. ރައްޔިތުން ބައިވެރިވެގެންނެވެ. ސަބަބަކީ ގާނޫނު އަސާސީއެއްގެ އެންމެ ފުރަތަމަ ވެސް، އަދި އެންމެ ފަހުގެ ވެސް، ބޭނުމަކީ އެއީ ރައްޔިތުންގެ ފަރުދީ އަދި ޖަމާއީ ފައިދާއަށްޓަކައި އެކުލަވާލެވިފައި އޮންނަ އެއްޗަކަށް ވުމެވެ. ޝައްކެތް ނެތް ގޮތުގައި، ތަނެއްގެ އާންމު ރައްޔިތުންގެ އެންމެންނަކަށް، އަމަލީ ގޮތެއްގައި، މިކަމުގައި ބައިވެރިއެއް ނުވެވޭނެއެވެ. އެހެންވެ މިކަން ކުރަން ޖެހެނީ، އާންމު ރައްޔިތުން ތަމްސީލުކުރާ ބައެކެވެ. އަދި، މި މުމައްސިލުންނަކީ އާންމުންގެ ޝުއޫރު ވިސްނޭ، އެއަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ވާންޖެހެއެވެ. މީގެ އިތުރުން، ތަނުގެ އާދަކާދައާއި ތަނުގެ އަގުތަކަށް ވެސް، ހުރުމަތްތެރިކޮށް ހިތާ، ތަނަށް އިޚުލާސްތެރި ބަޔަކަށް ވާންޖެހެއެވެ.

ގާނޫނު އަސާސީ އެކުލަވާލުމަށްޓަކައި، ރައްޔިތުން ތަމްސީލުކުރާނޭ، ގާބިލު ބަޔަކު ހޮވުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވަނީ ސިޔާސީ ގޮތުން ތަސައްރުފު ފުދިފައިވާ ރައްޔިތެކެވެ. ތަނުގެ ޖަމާއީ ހަޔާތާ މެދު، މުސްތަގިއްލު ސިފައެއްގައި ވިސްނާ ފިކުރުކުރަން ދަންނަ، ހޭލުންތެރި ފަރުދުންތަކެކެވެ. ސިޔާސީ ގޮތުން ތަސައްރުފުދި، މިފަދަ ހޭލުންތެރިކަމެއް ލިބިފައި އޮންނަން ޖެހެނީ، އެމީހުން އުފުލަން ޖެހޭ މަސްއޫލިއްޔަތުތަކެއް އޮންނަކަން ދަނެ، އެކަން އެންމެ ހެޔޮގޮތުގައި އަދާކުރެވި ދިޔުމަށްޓަކައެވެ. އެމީހުންގެ ދައުލަތަކީ، އާދެ ދިވެހި ދައުލަތަކީ، އެއިރެއްގައި އޮންނަ ސަރުކާރެއްގެ ނޫނީ ވެރިޔާގެ ނޫނީ އޭނައާއި އޭނާގެ އާއިލާގެ ނޫނީ އޭނައާއި އޭނާގެ ގާތް މީހުންގެ ސިޔާސީ ކިޔާނެއް (ޕޮލިޓިކަލް އެންޓިޓީއެއްކަން) ނޫންކަމާއި، އެއީ ހަމަހަމަ ގޮތެއްގައި، ހުރިހާ ރައްޔިތުންނަށް ވެސް އެ ދައުލަތުގެ މިލްކުވެރިކަން ލިބިފައި އޮތް ކިޔާނެއްކަން ދެނެގަނެ، އެ ކިޔާނަށް ތެދުވެރިވެ، އިޚުލާސްތެރި ވެގެންނެވެ. ރައްޔިތުން ތަމްސީލުކުރާ މީހުންނަކީ ރައްޔިތުންގެ ފަރުދީ ފައިދާއަށާއި ޖަމާއީ ހެވަށްޓަކައި ވެސް މަސަކަތްކުރާ ބަޔަކަށް ހެދުމަށްޓަކައެވެ.

މި މަސްއޫލިއްޔަތު، މިނަންގަތް ހެޔޮގޮތުގައި އުފުލުމުން، ހުރިހާ ރައްޔިތުންނަށް ވެސް ލިބިދޭން ޖެހޭ ހައްގެއް ވެސް އޮވެއެވެ. މުހުދާތުކަން ފިލުވައި، އަބުރުވެރިކަމާއެކު، ދިރިއުޅުމުގެ ހައްގު ލިބުމެވެ. މުހުތާދުކަން ފިލުވުމަކީ ރައްޔިތުންގެ އަސާސީ ބޭނުންތައް ކަމުގައިވާ ކެއުމުން ބުއިމާއި އަންނައުނު ހޯދުމާއި ބޯހިޔާކުރުމާއި ސިއްހީ އަދި ތައުލީމީ ޚިދުމަތް ފަދަ ޚިދުމަތްތައް، އެމީހަކު އަދާކުރާ ވަޒީފާއެއް، ނުވަތަ ކުރާ މަސައްކަތް، މެދުވެރިކޮށް ހޯދޭނޭ ގޮތް ވެފައި އޮތުމެވެ. މިކަން ހަގީގަތަކަށް ހަދާލެވޭނީ މިކަންކަން، ހުރިހާ އެންމެންނަށް، ހަމަހަމަ ގޮތެއްގައި، ފޯރުކޮށްދޭނޭ އަދުލުވެރި ސިޔާސީ ނިޒާމެއް ގާއިމުވެފައި އޮވެގެންނެވެ. މިފަދަ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތަކީ ރައްޔިތުންގެ މައްޗަށް އޮތް ކިފާޔަތުގެ ފަރުޟެއް ފަދަ ކަމެކެވެ. އެންމެން ވެސް މިކަން ކުރާނެ ގޮތަކާ މެދު ވިސްނައި، ކަމުގެ ގާބިލުކަން ތިބި މީހުން މިކަމާ މެދު ބަހުސްކޮށް މިކަން ކުރާނޭ ގޮތް ހޯދައި މިފަދަ ނިޒާމެއް ގާއިމުކުރެވޭތޯ މަސައްކަތްކުރަން ޖެހެއެވެ.

ދައުލަތުން ރައްޔިތުންނަށް ލިބިދޭ ހައްގުތައް ލިބިދީ، އެމީހުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދުމަށް މަސައްކަތްކުރުން، އަދި، ހަމަ އެހެންމެ، އެމީހުންގެ ދައުލަތަށް ތެދުވެރިވެ، އިޚުލާސްތެރިވުން، މިކަންކަން ލާޒިމުކޮށް ނިޔާކުރަނީ، އެމީހުން ތަމްސީލުކުރާނޭ ގާބިލު މީހުން ފާހަގަކޮށް، އެފަދަ މީހުން އެ މަސައްކަތް ކުރުމަށް ހޮވުމެވެ. މި މުމައްސިލުންނަކީ، ވެރިން ކަމުގައި ވިޔަސް، ނޫނީ ގާނޫނު ހަދާ މީހުން ކަމުގައި ވިޔަސް، ނޫނީ ރައްޔިތުންގެ މަޖުލީހުންގެ މެމްބަރުން ކަމުގައި ވިޔަސް ވެހެވެ. އެފަދަ މީހުން ވާންޖެހޭނީ ގާބިލު، ކަމަށް އެކަށީގެންވާ މީހުންނެވެ. ސަބަބަކީ، އާންމު ފަރުދުންނަށް ދައުލުތުގެ ފަރާތުން ލިބިދޭން ޖެހޭ ހައްގު– މުހުތާދުކަން ނެތް، އަބުރުވެރި ދިރިއުޅުން ހޯދައިދިނުން– ފުއްދެން އަންނަނީ އާންމު ރައްޔިތުން، މި މަސްއޫލިއްޔަތު، ފުރިހަމަ ގޮތުގައި އަދާކުރެވިގެންނެވެ. މިހާރު އަޅުގަނޑުމެން ފެންނަ، ހިތު ހުރި ބަހަކުން، އެއްވެސް ހަމައަކަށް، އެއްވެސް އުސޫލަކަށް، ތަބާވުމެއް ނެތި، މަޖުލީސްތެރޭގައި ވާހަކަ ދައްކައި، އެ މަޖުލީހުގެ އާންމު އަދަބުތަކާއި ޚިލާފުވާ ޖޯކަރުން، އަދި، ބައެއް ޚަބަރުތައް ބުނާ ގޮތުން ނަމަ، މަސްތުވެ، ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ފަދަ ހަމަ ބުއްދި ފިލައި ގޮސްފައިވާ މީހުން، ރައްޔިތުންނަކީ، މަތީގައި ނަންގެންފައިވާ ފަދައިން ސިޔާސީ ތަސައްރުފު ފުދިފައިވާ ބަޔަކަށްވެފައި ތިބި ނަމަ، އެފަދަ މީހުންނެއް ރައްޔިތުން ނުހޮވާނެއެވެ. އަދި، ކިއެއް ހެއްޔެވެ؟ ރައްޔިތުންގެ މަޖުލިހަކީ، ޗަރުކޭހެއް ކަމަށް ދެކި، އެމީހުންނަށް ޗަރުކޭހީ ކުޅިވަރު ކުޅެން ފުރުސަތު ލިބިފައި އޮތް ތަނަކަށް ވެސް، ޚުދް، މަސްތީ ހާލަތެއްގައި ތިބޭ އެފަދަ ޖޯކަރުން ވެސް ނުދެކޭނެއެވެ. ނަމަވެސް، ރައްޔިތުން ސިޔާސީ ގޮތުން ތަސައްރުފު ފުދި، މަޖުލީހަށް ހޮވާ މީހުންނަކީ ރައްޔިތުންގެ، މަތީގައި ނަންގަނެވި ދިޔަ، ހައްގުތައް ހޯދައިދޭން މަސައްކަތް ކުރަން ޖެހޭ ބަޔަކަން ވާން ޖެހޭނެކަން ރައްޔިތުންނަށް އެނގިއްޖެ ނަމަ، އެ މަޖުލީހަށް ތަނެއް ދޮރެއް ނޭނގޭ، އެންމެ ކުޑަވެގެން، މަންތިގީ ސިފައެއްގައި ރީތިކޮށް އެއްޗެއް ވެސް ބުނަން ނޭނގޭ، ބައެއް ފަހަރު، ފަންސަވީސް އަހަރު ދުވަސް ވަންދެން ވެސް، އެއްޗެއް ބުނަން ނޭނގި މަންމަނުންތަކެއް ހެން، ހަނު ތިބޭ މެމްބަރުންނެއް މަޖުލީހަށް ހޮވިފައި ނުތިބީހެވެ.

މިހިސާބުން ދެ ސުއާލު އުފެދެއެވެ. ފުރަތަމަ ސުއާލަކީ 1932ގައި އެކުލަވާލެވުނު ގާނޫނު އަސާސީ އެކުލަވާލުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތީ ކިހާ ވަރަކަށް ހެއްޔެވެ؟ ދެވަނަ ސުއާލަކީ އެ ދުވަސް ވަރު، ރައްޔިތުންގެ ހޭލުންތެރިކަން އޮތީ މިފަދަ މުހިއްމު މަސްއޫލިއްޔަތެއް އަދާކުރެވޭނޭ ސިފައެއްގައި ހެއްޔެވެ؟ ފުރަތަމަ ސުއާލުގެ ޖަވާބުގައި ބުނަން ޖެހޭނީ މިކަން ކުރުމުގައި އާންމު ރައްޔިތުންގެ ބައިވެރިވުން އެއްގޮތަކަށް ވެސް ނެތް ކަމެވެ. އެކަން ކުރެވުނީ މަދު ބައެއްގެ މައްޗަށް، ރާއްޖޭގެ ރަދުން އެކުލަވާލެއްވި ކޮމިޓީއަކުންނެވެ. އާދެ، 1931ގެ މާޗު މަހު، ރާއްޖޭގެ އޭރުގެ ރަދުން، މުހައްމަދު ޝަމްސުއްދީނު އެކަން މަތިކުރެއްވީ 'ސާދަ ބޮޑުން’ނާއެވެ. ގާނޫނު އަސާސީގެ ބިންގާ އެންމެ ފުރަތަމަ ވެސް މި އެޅުނީ 'ކައްޗަށެވެ'! ނަމުގައި، ރައްޔިތުންގެ ހެވަށް ކުރެވޭ ކަމެއް މި ކުރެވެނީ، ރައްޔިތުންނާ އެއްވެސް ސިފައެއްގައި މަޝްވަރާ ނުކުރެވިއެވެ. މި ގޮތަށް ކަންތައް ކުރެވެން ޖެހުނީ ކީއްވެގެން ކަމާ މެދު ވިސްނާލުމުން ދެވަނަ ސުއާލުގެ ޖަވާބު ލިބިއެވެ. އާންމު ރައްޔިތުން ތިބީ އެކަން ކުރަން އެކަށީގެންވާ ބަޔަކު ހޮވާލެވޭނޭ ހާލަތެއްގައި ނޫންކަމަށްވާތީއެވެ.

ޝަމްސުއްދީން ރަދުން މެދުޒިޔާރަތްދޮށުގައި ފާތިހާ ވިދާޅުވަނީ -ފޮޓޯތައް: މޯލްޑިވްސްރޯޔަލްފެމިލީޑޮޓްކޮމް

އާންމު ފަރުދުންގެ ސިޔާސީ ތަސައްރުފު ފުދުމާއި ހޭލުންތެރިކަން ބިނާވަނީ، ޝައްކެއްނެތް ގޮތުގައި، އުނގެނުމުގެ މައްޗަށެވެ. ރަސްމީ ގޮތެއްގައި 1927 ގައި ސަރުކާރުގެ ބެލުމުގެ ދަށުން އިސްކޫލެއް ހިންގަން ފެށުނެވެ. ނަމަވެސް އެކަން ފެށުނު އިރު، އެކަން ފެށުނީ ތައުލީމަކީ މުހިއްމު ކަމެއްކަން ވެރިންނަށް ފެނިގެން، އިލްމީ ބަޔަކަށް އާންމު ރައްޔިތުން ހަދައި އެމީހުން ހޭލުންތެރި ކުރުމުގެ ބޭނުމެއްގައެއް ނޫނެވެ. އަމިއްލައަށް ބަޔަކު ކިލާހެއް ހިންގާތަން ފެނި، އެކަން އެއީ ވެރިކަމަށް ލޮޅުމެއް ގެނުވަފާނެކަމަކަށް ބެލެވި، ސަރުކާރުގެ ބާރުގެ ދަށަށް ކިޔެވުން ގެނެސް، ވެރިކަމަށް ގޮންޖެހުމެއް އައުން ހުއްޓުވުމުގެ ބޭނުމުގައެވެ. މިކަން ފާހަގަކޮށްލަން ބޭނުންވަނީ ދެންމެ މި ބުނި، ރައްޔިތުންގެ ހާލަތު އޮތް ގޮތް ބަޔާން ކުރުމަށްޓަކައެވެ. އެއްވެސް ކަހަލަ އާންމު ތައުލީމީ އޮއިވަރެއް ނެތް ތަނެއްގައި، އާންމުންގެ އެއްވެސް ކަހަލަ ގައުމީ ހޭލުންތެރި ކަމެއް ނޯންނާނެކަމަށް ހެކި ލިބިގަތުމައްޓަކައެވެ. އުނގަންނައިދިނުމުގެ މަސައްކަތް ފެށުނީ އެކަމާ ގަޔާވެގެން، ތައުލީމު ލިބިގަތުމުގެ ފުރުސަތު އެންމެނަށް ދޭން ނޫންކަން ފަހުން ކަންތައް ވެގެން ދިޔަ ގޮތުން ވެސް އެނގުނެވެ. 1950ގެ އަހަރުގެ ފަހުގެ އަހަރުތަކަށް އެޅުނު އިރު، ތައުލީމީ މަސައްކަތް އޮތީ ހީނަރުވެ، ބޮނޑު ނިގުލަށް ގޮއްސައެވެ. އެކަމާ ފާޑުވިދާޅުވުމުގެ ގޮތުން އޭރުގެ އިސް ބޭފުޅަކު، ތައުލީމު ދިނުމާ ބެހޭ ހަރުދަނާ އެއްވެސް ކަމެއް ނުކުރާތީވެ، ބޭކާރު ވުޒާރާއެއް ނުބެހެއްޓުމަށްޓަކައި ތައުލީމީ ވުޒާރާ އުވާލައްވަން ވެސް ހުށަހެޅުއްވި ހުށަހެޅުއްވުމުން ދޭހަވާ ފަދައިންނެވެ.

މީގެ އިތުރުން، އާންމުންގެ އިގުތިސާދީ ހާލަތު އޮތް ގޮތުން، އެދުވަސްވަރުގެ އާންމު އެންމެންގެ ހެން ވެސް ވިސްނުމަކަށް ވެފައި އޮތީ ބަނޑުފުރާނަމުއްތިކޮށްލުމުގެ މަސައްކަތް ކުރުމެވެ. އަދުގައި ބަޑުހައި ހޫނުކަން ފިލުވާލުމައްޓަކައި ކާނޭ ބޯނޭ އެއްޗެއް ހޯދުމުގެ މަސައްކަތްކުރުމެވެ. މިފަދަ ހާލަތެއްގައި ރާއްޖޭގެ ކަންތައް އޮތް ދުވަސްވަރެއްގައި ގާނޫނު އަސާސީއާ މެދު ވިސްނައި، އެކަން އެކުލަވާލާނޭ ގާބިލު ބަޔަކު ހޮވުމަށްޓަކައި އަމަލީ ގޮތެއްގައި އާންމު ފަރުދުންނަށް ބައިވެރިވެވިދާނެ ހެއްޔެވެ؟ އެދުވަސްވަރުގެ މަންޒަރު ހިތަށް ގެނައުމުން، އަޅުގަނޑަށް ލަފާކުރެވެނީ، 1931ގައި ގާނޫނު އަސާސީއެއް އެކުލަވާލުމުގެ ވާހަކަ ދެކެވި، އަދި 1932 އެ މަސައްކަތް ނިންމައި، މި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުނު އިރު، ރާއްޖޭގެ ކަންކޮޅުތަކުގައި، އުތުރާއި ދެކުނާއި މެދުރާއްޖޭގައި، އުޅުނު ގިނަ ބަޔަކަށް މިކަމުގެ ޚަބަރެއް ވެސް އެނގިފައި އޮތުމަކީ ދުރުކަމެކެވެ. އަދި، އެކަން، އެނގިފައި އޮތަސް، އެކަމަކީ ކިހާވަރެއްގެ މުހިއްމު ކަމެއްކަމާއި، އެކަމާ އެމީހުންގެ މައީޝީ މަސީރު ގުޅިފައި އޮވެދާނެކަން ވެސް އިހުސާސުވާނޭ ހެނެއް ހިއެއް ނުވެއެވެ.

އާންމު ރައްޔިތުންގެ ހާލަތަކީ މިއީ ކަމަށްވާއިރު، އެމީހުންގެ ނަމުގައި، ގާނޫނު އަސާސީއެއް ހަދަން ދިމާވީ ކީއްވެ ހެއްޔެވެ؟ ހަގީގަތުގައި ވެސް، އާންމު ރައްޔިތުންގެ ފައިދާއަށްޓަކައި ހެއްޔެވެ؟ އެކަން ކުރަން މެދުވެރި ސަބަބުތަކަށް ބަލާލާއިރު، މީގެ ތެރޭގައި ރައްޔިތުންގެ ފައިދާއަށް އެކަން ކުރުން ހިމެނިފައެއް ނޯވެއެވެ. މިކަމުގެ މައިގަނޑު ސަބަބަކަށް އޮތީ އޭރުގެ ރަދުން މުހައްމަދު ޝަމްސުއްދީނަށް ފަހު އޭނާގެ ދަރިކަލުން އަމީރު ހަސަން އިއްޒުއްދީނު ރަސްކަމަށް އިސްކުރުމާ މެދު ވެރިކަމުގެ އިސްސަފުގައި ތިއްބެވި ބައެއް ބޭފުޅުން ގަބޫލުފުޅު ނުވުމާއެވެ. އެކަމާ އެބޭފުޅުން ނުރުހުންވެވަޑައިތީ، އަމީރު ހަސަން އިއްޒުއްދީނަކީ، ރަސްގެފާނުގެ ދަރިކަލުން ކަމަށް ވިޔަސް، އޭނާގެ ކިބައިގައި ރަސްކަންކުރެއްވުމުގެ ގާބިލުކަން ނެތުމެވެ. މި ދެބަސް ވުމުގެ އޮއިވަރުގެ ތެރޭގައި، ރާއްޖޭގެ ވެރިކަމުގެ އާއިލާގެ ތެރެއިން، އެކަމުގެ ގާބިލުކަން ލިބިގެންވީ، ބައެއް ބޭބޭފުޅުން، އެބޭފުޅުންގެ އަތްޕުޅު މައްޗަށް ވެރިކަން ފިރާލެއްވުމަށް އުޅުއްވާނެތާއެވެ. މިފަދަ އެއްބޭފުޅަކީ އޭރުގެ ބޮޑުވަޒީރު އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. އެކިލެގެފާނާ އިދިކޮޅު ބޭފުޅުން ދެކެވަޑައިގަތީ އޭނާގެ ނުފޫޒު ގަދަވެ، އޭނާ އެދިވަޑައިގަންނަވާ ގޮތަކަށް ކަންތައް ނިމިގެން ހިނގައިދާނޭ ކަމެވެ. އެކަން ހުއްޓުވުމުގެ ގޮތުން، ގާނޫނު އަސާސީއެއް ހަދައި، އެ ގާނޫނު އަސާސީގައި ބުނާ ގޮތަށް ކަންތައް ކުރެވިގެން ދިޔުމަށްޓަކައި ގާނޫނު އަސާސީއެއް އެކުލަވާލަން ޖެހުނީއެވެ. މިކަން އެހެން ގޮތް ގޮތަށްވެސް، ތަހުލީލުކޮށް މާނަކުރެވިދާނެއެވެ. ކޮންމެ ގޮތަކަށް ތަހުލީލު ކޮށް މާނަކޮށް، މިވެނި ތަހުލީލު ކުރެމެއް ރަނގަޅޭ އަދި އެވެނި ތަހުލީލުކުރުން ރަނގަޅެއް ނޫނޭ ބުނިކަމުގައި ވިޔަސް، ދެބަސް ނުވެވޭނެ އެއް ކަމެއް އެބަ އޮތެވެ. އެއީ ފަހަރެއްގައި ވެސް، ރައްޔިތުންނަށް ހެޔޮ ގޮތް އެދިގެން، ރައްޔިތުން ބާރުވެރިކުރުވައި، ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމުގެ ގޮތުން އެކުލަވާލެވުނު އެއްޗެއް ނޫނެވެ. އެގާނޫނު އަސާސީގައި ރައްޔިތުންގެ ހައްގުތަކެކޭ ކިޔައި އެއްޗެހިތަކެއް ލިޔެވިފައި އޮތަސް ވެހެވެ. ނަމަވެސް، 1932ގައި، ރާއްޖޭގައި ތައާރުފުކުރެވުނު ގާނޫނު އަސާސީއަކީ ވެރިކަމުގެ އިސް ސަފުތަކުގެ ތެރޭގައި އެ ދުވަސްވަރު އުފެދުނު އަރާރުންގަނޑަކާއި ދެބަސްވުންތަކަކަށް، ވަގުތީ ނަމަވެސް، ހައްލެއް ހޯދުމުގެ ގޮތުން ކުރެވުނު ކަމެއް ކަމެވެ.

ރައްޔިތުންގެ ސިޔާސީ ގޮތުން ތަސައްރަފު ނުފުދި، ރައްޔިތުންގެ ކިބައިގައި ހޭލުންތެރިކަން ނެތުމުން، މި ފަދައިން ކަންކަން ކުރުމުގެ ސަގާފަތަށް ނިމުން ނައިސް، އެ ސަގާފަތް ދެމިގެން ދިޔަތަން ފަހުން ވެސް ފެނުނެވެ. ރައީސް މައުމޫނުގެ ދުވަސްވަރު އެކުލަވާލެވުން ގާނޫނު އަސާސީގެ ތެރެއިންނެވެ. އެއްބަޔަކު ބޭނުންވީ އެ ގާނޫނު އަސާސީގެ ތެރެއިން ވެސް އޭރު އޮތް ވެރިކަން ދެމެހެއްޓުމެވެ. އަނެއް ބަޔަކު ބޭނުންވީ އެ ވެރިކަމަށް ނިމުމެއް ގެނައުމެވެ. ފަހަރެއްގައި ވެސް، ގާނޫނު އަސާސީއަކީ އެންމެންގެ މަސްލަހަތަށްޓަކައި ހެދޭ އެއްޗަކަށް ވާން ޖެހޭ ކަން، ހުރިހާ ވަގުތެއްގައި ބެލިގެން، އެކަމެއް ނުކުރެވެއެވެ. މީގެ އިތުރުން، އެ ގާނޫނު އަސާސީ ފާސްވެ، އެއަށް އަމަލުކުރަން ފެށުމުން ވެސް، އެ ވަގުތު ވެރިންނަށް ތިބި ބަޔަކަށް، ނުވަތަ ސިޔާސީ ނުފޫޒު ލިބިފައި އޮތް ބަޔަކަށް ފެނިއްޖެ ހިނދެއްގައި، އެ ބަޔަކު ބޭނުން ގޮތަކަށް ގާނޫނު އަސާސީ ބަދަލުކޮށްލައެވެ. ނުވަތަ ބަދަލުކޮށްލަން މަސައްކަތް ކުރެއެވެ. މީގެ އެއް މިސާލަކީ، އިންތިޚާބަކުން ހޮވިފައި ހުރި ނައިބު ރައީސަކު ހުއްޓައި، ވަކީ މީހަކު ނައިބު ރައީސަކަށް އައްޔަނުކުރަން ވެގެން، ގާނޫނީ ގޮތުން ހޮވިފައި ހުރި ނާއިބު ރައީސް މަގާމުން ދުރުކޮށް، ގާނޫނު އަސާސީ ބަދަލުކޮށް، ނާއިބު ރައީސަށް ހުންނަން ޖެހޭ މީހާގެ އުމުރު ބަދަލުކޮށް، އެހެން މީހަކު އައްޔަނު ކުރުމެވެ. ގާނޫނު އަސާސީއަކީ ވެރިންނަށް ތިބޭ މީހުން، މިފަދަ ގޮތެއްގައި، ކުޅެން އޮންނަ އެއްޗެއްކަން އަންގައިދޭ އަނެއް މިސާލަކީ، މިހާރު ދެކެވެމުންދާ ބަރުލަމާނީ ނިޒާމު ގާއިމުކުރުމުގެ ވާހަކައާއި އެކަމަށް ބޭނުންވެގެން، ދޫނުކޮށް، އެ މަސައްކަތުގައި އުޅޭ ޚުދްމުޚްތާރު މީހާގެ މިސާލެވެ. ރައްޔިތުންގެ ވޯޓަކުން ވަކި ނިޒާމެއް ކަނޑައަޅައި ނިމިފައި އޮއްވައި، ވެރިކަމަކީ އޭނާގެ އަމިއްލަ ހައްގެއް ކަމުގައި ދެކި، ވެރިކަމަށް އޭނާ އަންނަން ވެގެން އަނެއްކާ ވެސް ގާނޫނު އަސާސީ ބަދަލުކޮށްލަން ބޭނުންވެއެވެ. އާދެ، ގާނޫނު އަސާސީ އޮންނަނީ އިހުނޭ އެއްފަދައިން، މިހާރުވެސް، ވެރިކަމުގައި ތިބޭ މީހުން މޮޑޭ ފުށްގަޑެއް ފަދަ އެއްޗެއްގެ ގޮތުގައެވެ. ވަކި ބައެއްގެ ނުވަތަ ވަކި މީހެއްގެ އަމިއްލަ ނަފްސީ (ސެލްފިޝް) އެދުމަކީ ރައްޔިތުންގެ ފައިދާއަށްޓަކައި ކުރެވޭ ކަމެއްކަމަށް ދައްކައި، ނޫނީ އޮޓޮމެޓިކުން އެކަން އޮތީ އެ ގޮތަށް ކަމަށް ބެލެވި، ގާނޫނު އަސާސީއާ ކުޅެ މޮޑުމުގެ ކުޅިވަރު މިހާރު މާ ބޮޑުހެން ހީވެއެވެ! ސިޔާސީ ވެރިން ކަންކުރަނީ ގާނޫނު އަސާސީ އެކަމަށް ތަން ނުދޭ ނަމަ، އެމީހުން ބޭނުންވާ ގޮތަކަށް، ބައެއް ފަހަރު، ގާނޫނު އަސާސީ ބަދަލުކޮށްލައިގެންނެވެ. އަނެއް ބައިފަހަރު ގާނޫނު އަސާސީއަކީ އޮތް އެއްޗެއްކަމަށް ވެސް ނުބަލައެވެ! މީގެ ހެކި ލިބި ގަތުމަށްޓަކައި، ބޭރު ގައުމުތަކާ އެކު ހަދާ ލެވޭ ސިއްރު ބައެއް އެއްބަސްވުންތައް ހަނދާނަށް ގެންނާށެވެ! އާދެ، ރޭގެ އަނދިރިކަން، މިރޭގެ އަނދިރިކަމާ ހާދަހާވާ އެއްގޮތެވެ!

'ކައްޗަށް އެޅޭ ބިނާއެއްގެ ބިންގާ ކެއްޗާ ހަމައަށް ދިޔަޔަސް' އޮންނާނީ ކައްޗަށޭ ބުނެއުޅޭ އުސޫލުން، އޭގެ ބިންގާ ރަނގަޅު ނުވުމުގެ ނަތީޖާއަކަށްވީ، 1932ގައި ތައާރުފުކުރެވުނު، ރާއްޖޭގެ ފުރުތަމަ ގާނޫނު އަސާސީ، އެ ތައާރުފުކުރެވުނުތާ އަށެއްކަ މަސްދުވަސް ފަހުން، ވީދާކުދިކުދި ކޮށްލުމެވެ. މިކަން މި ގޮތަށް ހިނގަން މެދުވެރިވީ، ގާނޫނު އަސާސީއެއް އެކުލަވާލެވެން ޖެހުނު ސަބަބު، – ވެރިކަމުގެ އިސްސަފުތަކުގެ ތެރޭގައި ދެބަސްވުން ތަކެއް އުފެދުން – މިކަން، މިނަންގަނެވުނު ގާނޫނު އަސާސީ މެދުވެރިކޮށް ހައްލު ނުކުރެވުމުންނެވެ. ވެރިކަމަށް ފައިނަންގަވައިގެން ތިއްބެވި ބޭފުޅުން – ޚާއްސަ ގޮތެއްގައި ޝަމްސުއްދީނު ރަދުންގެ ދަރިކަލުން – ވެރިކަން ކުރެއްވުމުގެ އެދުންފުޅު، ގާނޫނު އަސާސީއެއް އެކުލަވާލުމަކުން، ފިލައި ފޮހެވިގެން ނުދިޔުމެވެ. އަދި، ގާނޫނީ އިމުގެ ބޭރުން، ވެރިކަމަށް އެދި މަސައްކަތް ކުރެއްވުމެވެ. އާޚިރު ނަތީޖާއަކަށްވީ އޭނާގެ ބައްޕާފުޅުގެ ރަސްކަމުގެ ނިމުން އައުމެވެ. އަދި، އެއާއެކު، އޭނާގެ ވެރިކަން ދަމަހައްޓަވަން ތައާރުފުކުރެއްވި ގާނޫނު އަސާސީ ވެސް، ވީދާލައި، އުވާލުމެވެ. އާދެ، އެ ރަސްގެފާނާ މެދު ނުރުހުންވި ނުރުހުންވުން ނިމިގެން ދިޔައީ އޭނާއާ އެކު، އޭނާ ގެންނެވި، ގާނޫނު އަސާސީ ވެސް، އެއީ އުސޫލެއްގެ ގޮތުން އެންމެ ރަނގަޅު އެއްޗަކަށް ވިޔަސް، ކަމު ނުގޮސްގެން، 'ގޮނޑަށް' އެއްލާލެވުނު ކުނިގަނޑަކަށް ވެގެންނެވެ.

މިކަމުން ފެނިގެން މިދަނީ، ރައްޔިތުން ހޭލުންތެރި ނުވުމުގެ ހިތި ނަތީޖާއެވެ. ގާނޫނު އަސާސީއެއް އެކުލަވާލުމަކީ، ޝައްކެއްނެތް ގޮތުގައި، ރަނގަޅު، ހަރުދަނާ ފިޔަވަޅެކެވެ. ނަމަވަސް އެކަން ކުރަންވީ ގޮތަށް، ރައްޔިތުން އިސްނަގައިގެން، އެމީހުންގެ ފައިދާއާއި ލާބައަށްޓަކައި، އެމީހުންގެ ހައްގުތައް ލިބިދިނުމަށްޓަކައި، އެމީހުންނަށް އަބުރުވެރި މައީޝީ ހަޔާތެއް ހޯދައި ދިނުމަށްޓަކައި، ގައުމީ މަސްލަހަތު ރައްކާކުރުމަށްޓަކައި، ކުރެވުނު ކަމަކަށް ނުވީމައެވެ. އާދެ، އަޅުގަނޑުމެންގެ ކައިރި ސިޔާސީ މާޒީގައި އެޅުނު ފުރަތަމަ ހަރުދަނާ ފިޔަވަޅު، ރައްޔިތުންގެ ހޭލުންތެރިކަން ނެތުމުގެ ސަބަބުން، ބޭކާރުވެގެން ދިޔައީއެވެ.

ދެން އޮތް މިފަދަ ދެކަމުން ވެސް ފެންނަނީ ހަމަ އެއް މަންޒަރެކެވެ. އެއް ތަމްސީލެއް ކުޅުނު ތަނެވެ. އަދި، ކުޅެވޭ ތަނެވެ. މުމައްސިލުން، އެކްޓަރުން، ބަދަލުކޮށްލައިގެން ތިބެއެވެ. މިކަން ފެނި، އެނގިދިޔުމަށްޓަކައި އަޅުގަނޑުމެންގެ ކައިރި ސިޔާސީ މާޒީގެ ދެވަނަ މުހިއްމު ހާދިސާގެ މައްޗަށް، ވަރަށް ކުރުކޮށް ބަލާލަމާ ހެއްޔެވެ؟ 1953ގެ ޖަނަވަރީ މަހު ތައާރުފުކުރެވުނު ޖުމްހޫރީ ވެރިކަމުގެ މައްޗަށެވެ. ދިވެހި ތާރީޚުގެ އެވޭލާ ޒަމާނުއްސުރެން ފެށިގެން، އެބަހީ، ތާރީޚުގައި އެނގެން އޮތް އެންމެ އިހުއްސުރެން ފެށިގެން އޮތް ވެރިކަމުގެ ނިޒާމު ކަމުގައިވީ ރަސްކަން އުވާލައި، އެނިޒާމު، ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ދިޔުމެވެ. ރަސްކަމޭ ބުނުމުން، އިޝާރަތް ކުރެވެނީ ޚުދްމުޚްތާރު ވެރިކަމަކަށެވެ. ގާނޫނުތަކާއި ގަވާއިދުތަކަކީ ރަސްގެފާނުގެ ދޫފުޅުން ނިކުންނަ އެއްޗެއް ކަމެވެ. މުޅި ދައުލަތުގެ ޚަޒާނާއަކީ ރަސްގެފާނުގެ ބާރާއި އިޚްތިޔާރުގެ ދަށުގައި އޮންނަ އެއްޗެއް ކަމެވެ. މައިގަނޑު ގޮތެއްގައި، ރަސްގެފާނާއި ވެރިކަމުގެ އާއިލާގެ އަރާމާއި ފަސޭހައަށްޓަކައި ހޭދަކުރަން އޮންނަ އެއްޗެއް ކަމެވެ. ރާއްޖޭގެ އެ ދުވަސް ވަރުގެ އާންމު މީހުންގެ ހާލަތަށާއި އަދި ރަށްރަށުގެ އިމްރާނީ ހާލަތަށް ބަލާލުމުން މިކަމުގެ ހެކި ލިބޭކަމަށް ފެނެއެވެ. އިންޓަނެޓުގެ ދިވެހި ތާރީޚާ ބެހޭ ސަފުހާތަކުން، 19ވަނަ ގަރުނާއި 20ވަނަ ގަރުނުގެ ކުރީކޮޅުގެ ބައެއް ފޮޓޯތައް ފެނެއެވެ. ދިވެހި ސަރުކާރުން ރާއްޖޭގެ އާންމުންގެ ހާލަތާއި ރަށްރަށުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތެއް ކުރެވިފައިވަނީ ކިހާ ވަރަކަށް މި ފޮޓޯތަކުން ލަފާކޮށްލެވޭނެއެވެ. މިފަދަ ސިފައެއްގައި ވެރިކަން އޮވެފައި، ޖުމްހޫރިއްޔަތަކަށް ވެރިކަން ބަދަލުވުމުން، ހިތަށް ފެނިގެންދަނީ އާވެރިކަމުގެ ނިޒާމުގައި ޚުދްމުޚްތާރުކަން ނޯނާނޭކަމާއި، އެނިޒާމަކީ ހަމައެކަނި ރައްޔިތުންގެ މަންފާއަށްޓަކައި ގާއިމުކުރެވޭނޭ ނިޒާމެއްކަމެވެ. ނަމަވެސް ހަގީގަތަކީ މިއީތޯއެވެ؟

ނަވާރަސަތޭކަ ފަންސާސް ތިނެއްގައި ތައާރުފުކުރެވުނު ޖުމްހޫރީ ވެރިކަންވެސްވީ ހަމައެކަނި އެންމެ މީހެއްގެ އެދުމެއްގައި ކުލަޖެހިގެން ހިނގައި ދިޔަ ކަމަކަށެވެ. އާދެ، ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ގެންނެވި އަމީރު މުހައްމަދު އަމީނުގެ އަމައްލަ އެދުންފުޅެއްގެ މަތިންނެވެ. ރަސްކަމެއް ގަބޫލުކުރަންވަން ބޭނުންފުޅު ނުވި ކަމުގައި ވިޔަސް، ވެރިކަން، އޭނާ އެ އާއިލާއަކަށް ނިސްބަތްވާ އަތިރީގެ އާއިލާގެ ވެރިކަމެއް ގާއިމުކުރަން ކުރެވުނު ކަމެއްކަމުގައެވެ. އަދި، އެފަދަ ވެރިކަމެއްގައި ވެރިއެއްގެ ގޮތުގައި އޭނާ ހުންނަވަން ބޭނުންފުޅުވެ ވަޑައިގަންނަވާތީ ވެސް މެއެވެ. ޖުމްހޫރީ ވެރިކަމަކީ ކޮބައިކަމާއި އަދި އެކަމުން ރައްޔިތުންނަށް ފައިދާ ލިބޭނޭކަން ރައްޔިތުންނަށް ވިސްނިގެން، ހެޔޮ ބަދަލެއް ގެންނަން ވެގެން ކުރެވުނު ކަމެއް ނޫނެވެ. ނަތީޖާއަކީ، އެތައް ދަތި އުނދަގޫތަކާ ރައްޔިތުން ކުރިމަތިލާން ޖެހުމެވެ. މީގެ ތެރެއިން ހިތާމައާއެކު، އެންމެ ބޮޑަށް، ފާހަގަކޮށްލަން ޖެހެނީ ބޮޑު ތަދުގެ ވާހަކައެވެ. ރާއްޖޭގެ ބައެއް ރަށްރަށުގެ އާބާދީގެ ތިންބައިކުޅަ ދެބައި މަރުވެ ދިޔަ ހިތާމަވެރި ހާދިސާއެކެވެ. މިސާލެއް ނަންގަނެލާނަމެވެ. މ.ނަލާފުށީގެ 900ގެ އާބާދީ، ބޮޑުތަދު ނިމުނުއިރު، 300އަށް ބަދަލުވެގެން ދިޔަ ވާހަކަ، ބޮޑުތަދު ތަޖުރިބާކުރެއްވި، އެރަށުގެ އިހުގެ ބައެއް ވެރިން ފާހަގަކުރެއްވިއެވެ. މިކަން މެދުވެރިވާން ދިމާވި މައިގަނޑު އެއް ސަބަބަކީ އޭރުގެ ސަރުކާރުގެ ސިޔާސަތުކަން ފާހަގަކުރަން ޖެހެއެވެ. އިޝްތިރާކީ (ސޯޝިއަލިސްޓު) ނިޒާމެއް ގާއިމުކުރުމައްޓަކައި، އަމިއްލައަށް ކާނާ އުފައްދަން ކުއްލި ގޮތަކަށް ނިންމި ނިންމުމާއެވެ. (މިކަމުގެ ހަގީގަތް، ބޮޑު ތަދު މެދުވެރިކުރުވި ސަބަބުތައް ހޯދުމަށްޓަކައި އިތުރު ދިރާސާތައް ބޭނުން ވެއެވެ.) އުސޫލެއްގެ ގޮތުން، އަމިއްލަ ފައިމައްޗަށް ތެދުވުމަކީ، ޝައްކެއްނެތް ގޮތުގައި ރަނގަޅުކަމެކެވެ. ނަމަވެސް، މިކަން ހިންގާލަން އުޅުނީ އެންމެ ރަނގަޅު ގޮތެއްގައެއް ނޫނެވެ. އާދެ، އެކަމަށް ތައްޔާރުވާން އެއްވެސް ވަގުތެއް ނުދީ ހަމަ ކުއްލި ގޮތެއްގައެވެ. އަދި، މީހުން ބާނާ މަސްކޮޅު ވެސް ކެއުން މަނާ ކުރެވުމެވެ. އެހެންވެ، އެ ރައީސް އަމީން ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން، މީސްތަކުން ބަނޑަށް ޖެހުނީއެވެ. މިކަމުގައި ދެވަނަ ބޮޑު ހަނގުރާމަ މެދުވެރި ކުރުވި، ދަތުރުފަތުރު ކުރުމާއި މުދާ އެތެރެ ކުރުމުގެ ދަތިކަން ވެސް ހަނދާނުގައި ބަހައްޓަން ޖެހެއެވެ. ކޮންމެ އަކަސް، ފުރަތަމަ ޖުމްހޫރިއްޔާގެ ދުވަސް ވަރު، ރައްޔިތުން ކުރިމަތިލާން ޖެހުން ބޮޑެތި ދަތިތަކުގެ ނަތީޖާއަކަށްވީ ފުރަތަމަ ޖުމްހޫރިއްޔާއަށް ވެސް، ފުރަތަމަ ގާނޫނު އަސާސީއަށްވީ ގޮތް ވުމެވެ. ވެރިކަމުގެ އާއިލާތަކުގެ ތެރެއިން، ވެރިކަމަށް ދަހިވެތިވެފައި ތިބި ބަޔަކުވެގެން، އާންމުންގެ ދަތިތަކުގެ ނާޖާއިޒު ފައިދާ ނަގައި، އާންމުންގެ ބަޔަކު މާލޭ މަގު މައްޗަށް ނެރެ، ގުޅަކުޅޭ ފަސްގަނޑަށް އެއްކޮށް، އެތަނަށް އައި ބަޔަކު އަމީރު އަމީން ދީދީ ވެރިކަމުން ދުރުކޮށް، ފުރަތަމަ ޖުމްހޫރިއްޔަތުގެ ނިމުން ގެނައުމެވެ. ގާނޫނުތަކާއި ގަވާއިދުތަކާއި ރައްޔިތުންގެ މަޖުލިހަކާއި ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމަށް ހުވާކޮށްގެން ތިބި އެ މަޖުލީހުގެ މެމްބަރުން ވެސް ތިއްބަވަނިކޮށް، އެބޭކަލުންނާ ނުބައްސައި ޣައިރު ގާނޫނީ ސިފައެއްގައި ގުޅަ ކުޅޭ ފަސްގަނޑުން ރައީސް އަމީނުގެ ވެރިކަން ނިމުމަކަށް ގެނައެވެ.

އަނެއްކާވެސް ބުނަން ޖެހެނީ، ފުރަތަމަ ޖުމްހޫރިއްޔަތު ވެސް ނިމުމުގެ މައިގަނޑު ސަބަބަކީ އާންމުންގެ ހޭލުންތެރިކަން ނެތުމުވެ. އަދި، އާންމުންގެ ހާލަތު މިފަދައިން އޮތުމުން، ވެރިންނަށް އެމީހުން ބޭނުން ގޮތަކަށް ކަންތައް ކުރުމުގެ މަގު ފަހިވުމެވެ. ވެރިން ކޮންމެ އެއްޗެއް ކިޔަސް، ކޮންމެ ފަދަ ގޮތަކަށް އަމަލު ކުރިޔަސް، ބުއްދީގެ ހަމަތައް ބޭނުންކޮށްގެން އިލްމީ ސިފައެއްގައި އެކަމާ މެދު، އެއްޗެއް ބުނުމުގެ ގާބިލުކަން ނެތުމެވެ. އަދި، އެފަދަ ވާހަކައެއް ބުނުމުގެ ފުރުސަތު ވެސް ނެތުމެވެ. މިފަދަ ހާލަތެއްގައި އާންމުން ތިބުމުން، އެމީހުންނަށް ތައުލީމެއް ދީގެން އެމީހުންގެ ނުދަންނަކަން ފިލުވައި، އެމީހުން ހޭލުންތެރިކުރުމުގެ ބަދަލުގައި، އެމީހުންގެ ނުދަންނަކަމުން، ނާޖާއިޒު ފައިދާ ނަގައި، އާންމުންގެ ނަމުގައި ވެރިންނަށް ބޭނުން ކަމެއް ކުރެވޭ ގޮތް ވަނީއެވެ. އާންމުންނަށް ކުރިމަތިލާން ޖެހުނު ބޮޑެތި ދަތިތަކާއި އަދި، ވެރިކަމުގެ އާއިލާތަކުގެ ތެރެއިން އަލަށް ނިކުތް ޒުވާނުންގެ ކިބައިގައި ރައީސް އަމީނުގެ މައްޗަށް އުފެދުނު ވަރުގަދަ ނުރުހުން ވެގެން ދިޔައީ ފުރަތަމަ ޖުމްހޫރީ ވެރިކަން، ޣައިރު ގާނޫނީ ސިފައެއްގައި، ގުޅަކުޅޭ ފަސްގަނޑަށް ނިކުތް ބަޔަކުގެ ބަހަށް، ވަރަށް ވެސް އަނިޔާވެރި ގޮތެއްގައި ނިމިގެން ދިޔުމެވެ. ވެރިކަން ނިމުމަށް ދިމާވި ހާދިސާތަކުގައި، ރައިސް އަމީނަށް ވަރަށް ބޮޑަށް އަނިޔާވެ، އެ އަނިޔާތަކުގެ ނަތީޖާއެއްގެ ގޮތުން ރައީސް އަމީން އަވަހާރަވީއެވެ. އަދި، އެ ހިސާބުން، ފުރަތަމަ ޖުމްހޫރީ ވެރިކަން ނިމި، ރައީސް އަމީން ގޯސްވި ފަދައިން، ޖުމްހޫރީ ވެރިކަންވެސް ގޯސްވެ، ރަސްކަން އަލުން އިއާދަވީއެވެ. ރައީސް ނާސިރުގެ ވެރިކަން ނިމި، އޭނާ ގޯސްވެ، އޭނާގެ ވެރިކަމުގައި ތައާރުފުކުރި ސައިކަލް ދުއްވާއިރު ހެލްމެޓު އެޅުން ފަދަ ކަންކަންވެސް އޮޓޮމެޓިކުން ގޯސްވި ފަދައިންނެވެ! އާދެ، ހޭލުން ތެރިކަން ނެތުމުގެ ނަތީޖާއެވެ!

މިއީ ހަމައެކަނި އެދުވަސް ވަރު ހިނގި ކަމެއްކަމުގައި ބުނެވޭކަށް ނެތެވެ. ހަމަ މިއަދު ވެސް މި ސަގާފަތް ދެމި އޮތްކަން ފާހަގަވެއެވެ. ކޮންމެ ވަސީލަތެއް ބޭނުން ކޮށްގެން، ކޮންމެ މަގަކުން ހިނގާފައި ވެރިކަމުގެ ގޮނޑީގައި އިށީނދެވިއްޖެ ނަމަ، ވެރިޔާވަނި އެންމެ މޮޅު މީހާއަށެވެ. ދީނުގެ ވަސީލަތް ނޫނީ ޑިމޮކުރަސީގެ ވަސީލަތް ވިޔަސް ވެހެވެ. ދުނިޔޭގައި ނެތްވަރުގެ އިލްމީ މީހަކަށެވެ. ހުރިހާ ކަމެއް ދަންނަ ހުރިހާ ކަމެއްގެ މާހިރަކަށެވެ. އަދި، ވެރިޔާގެ މިސޫރަ ކުރިއަރުވަން މަސައްކަތްކުރާ ބަޔަކު ވެސް އުޅެއެވެ. މިއަދު ނެރޭ ބައެއް ނޫސްތައް ބަލާލުމުން މި މަންޒަރު ވަރަށް ރީތިކޮށް ފެންނާނެއެވެ. ވެރިކަމަށް ހުންނަ މީހަކަށް ނުވަތަ ވެރިކަމުގެ ބާރު އޮތް ބަޔަކަށް، ތަސްބީހައެއް ކިޔާހެން، ދޮގު ތައުރީފުކުރާ ތަނެވެ. އާދެ، ޚުޝާމަދުކޮށް ލީޑަރު ތަސްބީހަ ކިޔާ ތަނެވެ. ތިމާމެންގެ އަމިއްލަ ބުއްދި ބޭނުން ކުރުމެއް ނެތި، ފައިސާ ފޮއްޗެއް ދިނީމާ ތިމާމެންގެ ގަލަމާއި ޒަމީރު ވެސް ވިއްކާލައިގެން ތިބެއެވެ. މިފަދަ ގޮތެއްގައި ކަންތައް އޮންނައިރު، ހެޔޮ ބަދަލެއް ގެނެވިދާނެ ހެއްޔެވެ؟

ދެން، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންނާ ދާދި ކައިރިން އިހަށް ދުވަހު ފެނިގެންދިޔައީ އަޅުގަނޑުމެންގެ ކައިރި މާޒީގެ ސިޔާސީ ހަޔާތުގެ މުހިއްމު ތިން ވަނަ މަގުފާހަގަކަމުގައި ބެލެވޭނޭ ހާދިސާއެވެ. އާދެ، 2008ގައި ތައާރުފުވެގެން ދިޔަ ގިނަ ޕާޓީތަކުގެ ސިޔާސީ ނިޒާމެވެ. ކުރީ ދެ ހާދިސާއާއެކޭ އެއްފަދައިން، މިފަހަރުގެ ވެސް މައިގަނޑު އަމާޒަކަށްވީ ރައްޔިތުންގެ ހެވާ ލާބައެއް ނޫނެވެ. ތަރައްގީގެ އަމާޒަކީ ރައްޔިތުން ކަމަށް ބަލައި ރައްޔިތުންގެ މައީޝީ ހަޔާތް އިސްލާހުކުރުމެއް ނޫނެވެ. ދެހާސް އަށަކާ ހަމައަށް، ވެރިކަމުގައި ދިގު މުއްދަތެއް ވަންދެން އެކަކު ހުރެ، އެ ވެރިކަން މަތިން ގިނަ ބަޔަކު ފޫހިވުމެވެ. އެ ނަފުރަތާއި ފޫހިކަން އުފެދެން ދިމާވީ، ތިރީސް އަހަރަށް ދިގުދެމިގެން ދިޔަ އެވެރިކަމުގައި، ކުރިން، ކައިރި މާޒީގައި ފާއިތުވެ ދިޔަ އެއްވެސް ވެރިކަމެއްގައި ނުޖެހޭހާ ބޮޑަށް 'ޖާހިލިއްޔަތުގެ' އަސަރުތަކެއްގެ ލައްތަށް ޖެހުމެވެ. ފަސާދަ އާންމުވެގެން ދިޔުމެވެ. ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭގައްޔާއި ވުޒާރާތަކުގެ ތެރޭގައްޔާއި އަދި އެހެން ވެސް އިދާރާތަކުގެ ތެރޭގައެވެ. ބޮޑެތި ޚިޔާނަތްތައް، އެކަމުގައި ވެރިކަމުގެ އާއިލާއާ ގުޅޭ ބަޔަކު ޝާމިލުވުމުން، އެފަދަ ބޮޑެތި ޚިޔާނަތްތަކަކީ ވެސް މައްސަލައަކަށް ނުވުމެވެ. މިސާލަކަށް އެފް.ޕީ.އައި.ޑީ.ގެ ޚިޔާނަތުގެ މައްސަލަ ހަނދާނަށް ގެންނާށެވެ. ދައުލަތުގެ ބޮޑެތި ބޮޑެތި ކުންފުނިތައް ބަނގުރޫޓުވެ، މިއިން އެއްވެސް ކަމެއް ތަހުގީގު ނުކުރެވިދިޔަ މައްސަލަތައް ހަނދާނަށް ގެންނާށެވެ. އެއްދުވަސް ވަރެއްގައި، މުޅި ދެކުނު އޭޝިޔާގައި މަޝްހޫރުވެގެން ދިޔަ ދިވެހި ޝިޕިން ކުންފުނި ބަނގުރޫޓުވެ ދިޔަ ގޮތެވެ. ދިވެހި އެއާރލައިން އުވި ނިމި ދިޔަ ގޮތެވެ. މީގެ އިތުރުން، ޝަރުއީ ނިޒާމު ފުނޑުފުނޑުވެގެން ދިޔުމެވެ. ގާޒީންނާއި ވަކީލުންނާއި ޚަސްމުން އެއްބައިވެ، ރިޝްވަތުގެ ފައިސާ ނަގައި މައްސަލަތައް ނިންމުމެވެ. އާދެ، 1978ގައި އާ ވެރިކަމެއް އައި އިރު، ރާއްޖޭގެ ޝަރުއީ ނިޒާމަކީ އާންމުންގެ އިތުބާރު އޮތް ނިޒާމެކެވެ. ދޮގު ހެކި ދިނުމާއި ރިޝްވަތުދީ ހިފުމުގެ ފަސާދައިގެ އަމަލެއް އެ ނިޒާމުގައި އަށަގެންފައި އެއިރަކު ނެތެވެ. މިވާހަކަތަކަށް އިޝާރަތްކޮށް އެދުވަސް ވަރު ރާއްޖެ ވަޑއިގެންނެވި މަޝްހޫރު އިލްމުވެރިއެއްކަމަށްވާ މައުލާނާ ވަހީދުއްދީން ޚާން ލިޔުއްވައި ރާއްޖޭގެ ޝަރުއީ ނިޒާމުގެ ނަޒާހަތްތެރިކަން ފާހަގަކުރައްވާފައި ވެއެވެ. މިލިޔުމުގެ ދިވެހި ތަރުޖަމާއެއް އެދުވަސްވަރުގެ ފަތްތޫރައިގެ ނަމްބަރެއްގައި ޝާއިއުކުރެވުނެވެ.

ކޮންމެ އަކަސް މިނަންގަތް ފަދަ 'ޖާހިލިއްޔަތުގެ އަސަރުގެ' ލައްތަށް ވެރިކަމުގައި ވަރުގަދައަށް އަށަގަންފައިވުމުން، 2008ގައި އެންމެ ބޮޑު އެދުމަކަށްވީ އެ ވެރިކަން ބަދަލުކޮށްލުމެވެ. ފަހަރެއްގައި ވެސް، ގައުމުގެ މައްސަލަތައް ހައްލުކުރާނީ ކިހިނެއްކަން ރައްޔިތުންގެ ކުރިމައްޗަށް ހުށަހަޅާލުމުގެ ބޭނުމެއް އޮތް ކަމަކަށް ފެނިގެންނެއް ނޫނެވެ. އެ ހިސާބަށް އައިރު އަލަށް ހެދުނު ގާނޫނު އަސާސީ ވެސް ހެދުނީ، ގައުމުގެ މަސްލަހަތު އިސްކޮންގެންނޭ ބުނެވޭކަށް ނެތެވެ. މި ގާނޫނު އަސާސީ އެކުލަވާލުމުގައި، އޭރުގެ ސަރުކާރުގެ އަމާޒުފަތްގަނޑަކަށްވީ، އެކަން ވެވުނު ވަރަކުން ދިގު ދެއްމުމެވެ. އޭރު އޮތް ސަރުކާރު، ވީހާ ވެސް ދިގު މުއްދަތަކަށް، ދަންމާލުމުގެ ދަހިވެތި ނަފްސީ އެދުމުގައެވެ. މިކަމުން، ގައުމަށް ދިމާވާ އުނިކަމުގެ އަސަރަކަށް ކުޑަކޮށް ވެސް ބެލުމެއް ނެތިއެވެ. ގައުމުގެ ލަގަން އެބައެއްގެ އަތް މައްޗަށް ދޫކޮށްލާނޭ ގާބިލު ލީޑަރުން އުފެއްދުމުގެ ކުޑަވެސް ބޭނުމެއް އޮތްކަމަށް ނުދެކިއެވެ. ފަސާދައާއި ޝަރުއީ ނިޒާމު ހަލާކު ކޮށްލުންވެސްވީ ވެރިކަން ދެމެހެއްޓުމައްޓަކައި ހަމަ އެންމެ ރަނގަޅު ކަންކަމަށެވެ. މީގެ އިތުރުން އެހިސާބަށް އައި އިރު، ވެރިކަމުގައި އަށަގަންފައި އޮތް ތަރަފުގެ ދިރިއުޅުން ވެސް ކޮންމެހެން ދަމަހައްޓަން ޖެހުނެވެ. ގައުމީ ޚަޒާނައިން ފައިސާ ހުސްވެ ދަރަނިވެރިވުމުން، ތަނުގެ ހަރުމުދާތައް ވިއްކަން ފެށުނެވެ. ރަށްތަކާއި ފަޅުތައް ވެސް މެއެވެ. އާ ގާނޫނު އަސާސީ އެކުލަވާލުމުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު އަމާޒުފަތްގަނޑަކަށް ވެފައިއޮތީ ވަކި މީހަކު ވެރިކަމަށް ނާދެވޭ ގޮތެއް ހެދެން އޮތް ނަމަ، އެ ގޮތެއް ހެދުމެވެ. ފާހަގަކޮށްލަން ބޭނުންވާ މުހިއްމު ނުކުތާއަކީ މި އާ ގާނޫނު އަސާސީ އެކުލަވާލުމުގައި ވެސް، އިސްކުރެވުނީ އާންމު ރައްޔިތުންގެ މަސްލަހަތާއި ގައުމުގެ ޖަމާއީ ހަޔާތުގެ މަސްލަހަތެއް ނޫނެވެ.

ކޮންމެ އަކަސް، 2008ގެ ރިޔާސީ އިންތިޚާބު ވެގެން ދިޔައީ ގިނަ ޕާޓީތަކެއް ބައިވެރި ވެގެން ހިންގާލެވުނު އިންތިޚާބަކަށެވެ. އަދި، ގިނަ ބައެއްގެ އެދުމާ އެއްގޮތަށް 30އަހަރުގެ ވެރިކަމަކަށް ނިމުން ގެނެވުނެވެ. ދެން، ފެނިގެން ދިޔައީ ކޮން ކަމެއް ހެއްޔެވެ؟ ނަވާރަސަތޭކަ ބައްތިރީހުގައި އަލަށް ގާނޫނު އަސާސީއެއް އެކުލަވާލެވިގެން ވެރިކަން ފެށުނުއިރު ވެރިކަން އޮތް ގޮތާއި އަދި 1953ގައި ފުރަތަމަ އަލަށް ޖުމްހޫރިއްޔަތެއް ގާއިމު ކުރެވިގެން އައި ވެރިކަމާއި މާ ބޮޑު ތަފާތު ގޮތަކަށް އޮތް ވެރިކަމެއް ނޫނެވެ. ނަމެއްގައި ޑިމޮކުރަސީއެއް އޮތެވެ. ހަގީގަތް އޮތީ ހަމަ ކުރިއެކޭ ވެސް އެއް ގޮތަށެވެ. ވެރިކަމުގެ ބާރު، މަޑު މަޑުން ނަމަވެސް، އެކެއްގެ މުށު ތެރަށް ގެނައުމުގެ ސަގާފަތެވެ. ތަފާތު ކުލަތަކުން އެކުލެވުނު ސަރުކާރު، އެއް ކުލައަކަށް ބަދަލުވެގެންދިޔަ ތަނެވެ. ޑިމޮކުރަސީ ނިޔާކުރާ ފަދައިން، އާންމުންގެ ޝުއޫތުރަކަށް ކުޑަކޮށް ވެސް ބެލުމެއް ނެތި، ތަނުގެ އާންމު އާދަކާދަތަކާއި ސަގާފަތަށާއި އަދި ގާނޫނުތަކާއި ގަވާއިދުތަކަށް ވެސް ބެލުމެއް ނެތި، ޚުދްމުޚްތާރު ސިފައެއްގައި، ކަންތައްތައް ކުރަން ފެށުމެވެ. މާލޭ ތެރޭގައި އާންމުކޮށް ރާ ވިއްކުން ތައާރުފުކުރަން އުޅުމެވެ. އެކަމަށް އާންމުންގެ ގިނަ ބަޔަކު ނުރުހުންވި ކަމުގައި ވިޔަސް ވެހެވެ. އެއާޕޯޓު، ޣައިރު ގާނޫނީ ސިފައެއްގައި، ރާއްޖެއަށް މާބޮޑު ފައިދާއެއް ނުލިބޭ ގޮތެއްގައި، ބޭރު ބަޔަކަށް ދިނުމެވެ. އެންމެ މީހެއްގެ އެދުމުގެ މައްޗަށް ބިނާކޮށެވެ! އާދެ، އާންމު ރައްޔިތުންނަކީ ތަންދޮރު ނުދަންނަ ބައެއްކަމުގައި ހަދާލައި، ވެރި މީހާއަށް ފެންނާނީ ރަނގަޅު ގޮތް ކަމަށް ބަލައިގެންނެވެ. ފިރުއައުނު ބުނެފައި އޮތް ފަދައިން 'އަހަރެން ކަލޭމެންނަށް ބުނެ އަންގައިދޭނީ ކަލޭމެންނަށް އެންމެ ރަނގަޅު ގޮތެވެ!' އާދެ، ތަނުގައި ހިންގާލެވުނީ، އަދި، މިހާރު ވެސް ހިނގަމުން މިދަނީ ފިރުއައުނު އެ ދެއްކި ޑިމޮކުރަސީއެވެ! ދެން، ޝަރުއީ ދާއިރާއާ ކުޅެވޭ ގޮތް ނުވުމުން، ކޯޓުތަކުގައި ތަޅުއަޅުވައި، ގާޒީން ވަގަށް ނެގުމެވެ. މީގެ އިތުރުން، ވެރިކަން ދެމެހެއްޓުމުގެ އެދުމުގައި، ބޭރު ސިފައިން ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތް ވެސް ފެށުމެވެ. މި ހުރިހާ ކަމެއްގެ ނަތީޖާއަކަށްވީ ވެރިކަމުގެ ދައުރު ހަމަ ނުވަނީސް، 2008ގައި ގާއިމުކުރެވުނު ވެރިކަން، އެއްބަޔެއްގެ ނަޒަރުގައި، އިސްތިއުފާ ދިނުމަކުން، އަނެއް ބަޔެއްގެ ނަޒަރުގައި ބަޣާވަތަކުން، ނިމުމަކަށް އައުމެވެ. އާދެ، 1932ގައި ތައާރުފުކުރެވުނު ގާނޫނު އަސާސީ އާއި 1953ގައި ތައާރުފު ކުރެވުނު އާ ޖުމްހޫރިއްޔަތުވެސް ފޭލިވެގެން ދިޔަ ފަދައިން 2008ގައި ތައާރުފު ކުރެވުނު ގިނަ ޕާޓީގެ ޑިމޮކުރަސީ ވެސް އަދި އޮތީ ފޭލިވެފައެވެ. ރައްޔިތުންނަށް، މަތީގައި ނަންގަނެވިފައިވާ ގޮތުގެ މަތިން އެމީހުންގެ މުހުތާދުކަން ފިލުވައިދީ، އެމީހުންގެ އަސާސީ ބޭނުންތައް ފުއްދައިދޭނޭ ނިޒާމެއް އަދި ގާއިމުކުރެވިފައި ނެތީމައެވެ.

ދެން، މިއަދު، އޭގެ ފަހުން ތޭރަ ވަރަކަށް އަހަރު ދުވަސް ފަހުން، ދެވަނަ ޖުމްހޫރިއްޔަތަށް 53 އަހަރު ފުރޭ 54 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރަމުންދާ އިރު، ގައުމުގެ ޖަމާއީ ހަޔާތަށް ނަޒަރު ހިންގާލުމުން ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ ފަސާދައިގެ އަމަލުތައް އިންތިހާއަށް މައްޗަށް ގޮއްސައިވާ ތަނެވެ. އެމް.ޕީ.ރާ.ސީ.ގެ މައްސަލަ ހިތަށް ގެންނާށެވެ. އެކަމުގައި ބައިވެރިވި މަދުބަޔަކަށް އަދަބު ދެވުނު އިރު، އަނެއް ބަޔަކު އަދާލަތުގެ ކުރި މައްޗަކަށް ނުގެނެވެއެވެ. މީގެ އިތުރުން، އެކަމުގެ މުގުލުގައި ހުރި މީހާ ހުރީ ހަގީގީ އެއް ވެސް އަދަބެއް ނުލިބޭ ސިފައެއްގައި ގޭގައެވެ. ބައެއް ގައުމުތަކުގައި މިފަދަ ބޮޑެތި ޚިޔާނަތްތަކަކީ އުމުރަށް ނުވަތަ ވަރަށް ވެސް ދިގު މުއްދަތަކަށް ޖަލަށް ލެވި ނޫނީ މަރުގެ އަދަބު ވެސް ދެވޭ ފަދަ ޖަރީމާއެކެވެ. ދެން، އަދިވެސް، ސަރުކާރުގެ ރަސްމީ އިދާރާއަކުން ކަމެއް ކުރެވެން އޮންނަ ގޮތުގެ މައްޗަށް ބަލާލާށެވެ. 'ކަޓެއް ނުދީ' އެއްވެސް ކަމެއް ނުވެއެވެ. މީގެ އިތުރުން، ދައުލަތުގެ ޚަޒާނާއަކީ ދެތިން މީހެއްގެ މަސްލަހަތަށްޓަކައި ބޭނުންކުރަން ޖެހޭ އެއްޗަކަށް ވެއްޖެއެވެ. އެކެއްގެ ޚަރަދަށްޓަކައި، ލައްކައިން ލައްކައިން ދުވާލެއްގެ މައްޗަށް ޚަރަދުކުރުމަކީ ގިނަ ޕާޓީގެ ޑިމޮކުރަސީ ހުއްދަކުރާ ކަމަކަށް ވެއްޖެއެވެ. އޭނާއަށް ލައްކައިން ގުނާލެވޭ މުސާރައާއި އިނާޔަތްތަކުގެ އިތުރުންނެވެ!

ދެން ޝަރުއީ ނިޒާމަށް ބަލާލަބަލާށެވެ! ކޯޓުތަކުގައި ރިޝްވަތު ދިނުމާއި ހިފުން އޮތީ އާންމުވެ، އެއީ ހަމަކަމުގައި، ކަންކުރަން އޮންނަ މަގުބޫލު ސަގާފަތް ކަމުގައި، ވެއްޖެއެވެ. ކުށްކުރުމުން ކުށްވެރިވަނީ ވަކި ބަޔެކެވެ. މައްސަލަތައް މައްސަލައަކަށް ވަނީ ވަކި ބަޔަކު އެކަން ކުރުމުންނެވެ. ޑުރަގު ފަދަ ގައުމަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގައި ޝާމިލުވާ މީހުން، 'ސިފައިންގޭ އެއް ދޮރުން ވަދެ، މިނިވަންވެ، އަނެއް ދޮރުން ނިކުމެގެން' ދެއެވެ. މަރާމާރީއާއި މީހުން މެރުން އާންމުވެ، އެކަންކަމީ މީހުން ކަންބޮޑުވާ ކަމަކަށް ނުވެއެވެ. އަދި، ވޭތުވެ ދިޔަ ދިހަ ވަރަކަށް ހިންގުނު މީހުން މެރުމުގެ ގިނަ ޖަރީމާތަކަކަށް އަދިވެސް އިންސާފުވަނީ ނުލިބިއެވެ. މީގެ އިތުރުން، ބަދުއަޚުލާގީ އަމަލުތައް ފާޅުގައި ހިންގައި، މުގައްދަސު ތަންތަނާއި އެއްޗެހީގެ ހުރުމަތް، ފާޅުގައި، ވަރަށް ކެރިގެން، ކަނޑާލުމަކީ ވެސް، ހަމަ އެންމެ ރަނގަޅު ކަމަކަށް ވެއްޖެ ކަހަލައެވެ. އާންމުންގެ މެދުގައި ދީނީ އަގުތައް ކުޑަވެގެންދާ ކަމުގެ އަލާމަތެވެ. އަދި، މި ކުޑަވުމާ ގުޅިފައި އޮންނަ، އަޚުލާގީ ބިންގަލަށް ގުޑުން އަރައި، ސިޔާސީ ވެރިންނަށް ނުރައްކަލެއް ނެތް ނަމަ، އެއްވެސް ގާނޫނީ ބާރެއް ނުހިނގާ، ބޭނުން ކޮންމެ ކަމެއް ކުރުމަކީ ހުއްދަކަމަކަށް ވަމުންދާ މަންޒަރު މުޖުތަމައުތަކުގެ ތެރެއިން ފެނިގެންދެއެވެ.

ދާޚިލީ ފަސާދައާ ހަމައިން ތަނުގައި ހުރި މައްސަލަތައް ނިމޭ ނަމަ ވެސް ރަނގަޅޭ ބުނެވިދާނެ ކަންނޭނގެއެވެ. ނަމަވެސް، 2008ގައި ތައާރުފު ކުރެވުނު ގިނަ ޕާޓީގެ ޑިމޮކުރަސީ ވެގެން ދިޔައީ ގައުމުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ބޭރުގެ ބާރުތައް ވެސް ވައްދަން ލިބުނު ފުރުސަތަކަށެވެ. އަދި، މިކަން ގާނޫނީ ސިފައެއްގައި ނޫނީ ޣައިރު ގާނޫނީ ސިފައެއްގައި ކުރެވުމެވެ. ވޯޓު ގަނެގެން، އެއްވެސް އަޚުލާގީ ހަމައެއް ޒަމީރެއް ނެތް އެތައް ބަޔަކު، ޕާޓީތަކުގެ ނަމުގައި ރައްޔިތުންގެ މަޖުލީހަށް ކުރިމަތިލައި، އެފަދަ މީހުންނަށް މެމްބަރުކަން ލިބުމެވެ. މީގެ ތެރޭގައި ރާއްޖޭގެ ޑުރަގު މަސްރަހުންނާއި ޖަލުތަކުން ތަމްރީނު ލިބިގެން، މަޖުލީހުގެ މެމްބަރުކަމުގެ ގާބިލިއްޔަތު ހޯދައިފައިވާ މެމްބަރުން ވެސް ހިމެނެއެވެ. މިފަދަ ބަޔަކަށް މީގެ ކުރިން، މެމްބަރުކަން ލިބުމަކީ މުސްތަހީލުކަމެކޭ ވެސް ބުނެވިދާނެއެވެ. މިފަދަ މެމްބަރުން ހޮވި، ޕާޓީ ބުނާ ގޮތް ހަދައި، ބޭރުގެ ބާރުތަކުގެ މަރުކަޒުތައް އެކިއެކި ނަންނަމުގައި ރާއްޖޭގައި ގާއިމު ކުރެވެމުންދަނީއެވެ. އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިކަމާ ނުރުހުނު ކަމުގައި ވިޔަސް ވެހެވެ. އާންމުންގެ އިހުސާސްތަކާއި ޝުއޫރުތަކަށް ބެލުމެއް، އަޅާލުމެއް، ނެތި ކަންކަން ކުރެވުނު ކަމުގައި ވިޔަސް، ތަނުގައި ހިންގާލެވެނީ ޑިމޮކުރަސީއޯލައެވެ. އާންމު ރައްޔިތުންގެ ޝުއޫރުތަކަށް އިހުތިރާމު ކުރަން ނުޖެހޭ، އާ ފާޑެއްގެ ޑިމޮކުރަސީއެއްތާއެވެ!

މީގެ އިތުރުން، ރާއްޖޭގެ ދަރަނީ، އިހުނާ އަޅާ ބަލާއިރު، އޮތީ އިންތިހާއަށް ބޮޑުވެ، ދަރަނި ދެއްކުމުގެ އެކަށޭނަކަން ވެސް ވަރަށް ބޮޑު ތަނުން ކުޑަވެފައެވެ. މި ދޭތެރެއަކުން، ސީ.ސީ.ސީ.ގެ ދަރަޖަ ލިބި، ދަރަނިދޭން ތިބި ފަރާތްތަކަށް ދަރަނި ނުދޭން ނުސީދާ ގޮތެއްގައި އިޝާރަތްކުރެވިފައެވެ. މިހެން ވުމުން، ކުރީގެ ސަރުކާރު ނުވަތަ ޗައިނާގެ ބޮލުގައި މިފަހަރު މިކަން އެޅުވޭ ގޮތެއް ނުވިއެވެ. ދެން އިވެން ފެށީ އެއީ ހަގީގަތެއް ނޫންކަމޭ ބުނެ ގޮވާ އަޑެވެ. މެންދުރުގެ އިރު އެއީ އިރެއް ނޫނޭ ބުނުން ފަދަ ގޮވުމެކެވެ. ނަމަވެސް، މިކަން ވެސް ގަބޫލުކުރާނޭ އެތައް ބަޔަކު އުޅޭނެއެވެ. އަދި، މިކަން ދިފާއުކޮށް ލިޔެ ހަދާ ގަލަންތައް ވެސް ފެނެއެވެ. ކޮންމެހެން އެއީ ތެދު ކަމަށް ވެގެންނެއް ނޫނެވެ. ޕާޓީއަކީ ތިމާގެ ދީނަށްވެ، ޕާޓީގެ ވެރިންނަކީ ތިމާ އެމީހުންނަށް އީމާންވާ ރަސޫލު ބޭކަލުންކަމުގައި ބެލެވުނީމައެވެ. އާދެ، 2008ގައި އަޅުގަނޑުމެންނަށް ތައާރުފު ކުރެވުނު ޕާޓީ ޑިމޮކުރަސީ ގެނެސްދިން ހެޔޮވެރިކަމާއި ތަރައްގީއަކީ މިއެވެ. ތަން އިތުރަށް ފަސާދަކޮށްލުމާއި، ދަރުވާލުމާއި ބައިބައި ކޮށްލުމެވެ. އަދި، ތިމާމެންގެ އަމިއްލަ ގައުމުގެ މީހުންނަށް ފާޚާނާ ނިޒާމެއް ގާއިމުކޮށް ތިމާމެންގެ އަމިއްލަ ގައުމު ތަރައްގީ ނުކުރެވުނު ބަޔަކީ، ދިވެހިރާއްޖެ ތަރައްގީކުރާނޭ ބަޔެއް ކަމުގައި ދުށުމެވެ!

މިފަދައިން ކަންތައް ވެގެން ދިޔައީ ކީއްވެ ހެއްޔެވެ؟ އާދެ، މި މިއަދު، ޖުމްހޫރީ ދުވަހެއް ފާހަގަކުރަމުންދާއިރު، މިއީ ކޮންމެ އާންމު ފަރުދަކު ކުރަން ޖެހޭ މުހިއްމު ސުވާލެކެވެ. މީގެ ޖަވާބުކަމުގައި އިވެނީ، ހަމަ 1932ގެ ގާނޫނު އަސާސީއާއި 1953ގެ ޖުމްހޫރިއްޔަތު ފޭލިވެގެން ދިޔަ ސަބަބެވެ. އާންމު ރައްޔިތުން، ސިޔާސީ ގޮތުން، ތަސައްރުފު ނުފުދި ވުމެވެ. ހޭލުންތެރިވާންވީ ވަރާ ގާތަށް ވެސް ހޭލުންތެރިވެފައި ނުވުމެވެ. އިންޑިޔާއަކީ ރާއްޖޭ ތަރައްގީ ކުރާނޭ ބަޔެކޭ ބުނުމުން އެކަން ގަބޫލުކުރެވެނީ އެހެންވެގެންނެވެ. ހަތްދިހަ އަހަރުވީ އިރު، ތިމާމެންގެ އަމިއްލަ ގައުމަށް ނުގެނެވުނު ތަރައްގީއެއް އެހެން ގައުމަކަށް ގެނެސްދެވިދާނޭކަން، ސިޔާސީ ތަސައްރުފެއް އޮވެ، ހޭލުންތެރިކަން ލިބި، އަމިއްލަ މުސްތަގިއްލު ވިސްނުމެއް އޮތް ބަޔެއް، ގަބޫލުކޮށްފާނެ ހެއްޔެވެ؟

އާދެ، މިއަދު އަނެއްކާ ވެސް މިދަނީ ޖުމްހޫރީ ދުވަހެއް ފާހަގަކުރަމުންނެވެ. މިކަން ފާހަގަކުރަމުންދާއިރު، އަޅުގަނޑަށް ހީވާގޮތުގައި މަތީގައި ބަޔާންވެ ދިޔަ ތާރީޚީ ތިން ހާދިސާ ފާހަގަކޮށް، އެކަންކަން މަތިން ހަނދާން ކުރަން ޖެހެއެވެ. މިތިން ހާދިސާއަކީވެސް ދިވެހި ޖުމްހޫރިއްޔަތާ ގުޅިފައި އޮތް ތިން ހާދިސާއަށްވާތީއެވެ. ނަވާރަސަތޭކަ ބައްތިރީހުގައި ތައާރުފުކުރެވެނު ފުރަތަމަ ގާނޫނުއަސާސީ، ވެގެން ދިޔައީ 1953ގައި އަލަށް ޖުމްހޫރިއްޔަތެއް ގާއިމުވެ ދިޔުމުގެ މަގުފަހިވުމާއެވެ. އަދި، މިކަން ވެގެން ދިޔައީ 1968ގައި ދެވަނަ ފަހަރަށް ޖުމްހުރީ ވެރިކަމެއް ގާއިމުކުރެވުމާއެވެ. ދެން، މިކަމަށް އެންމެ ފަހުން، ޖައުހަރީ ބަދަލެއް އައީ 2008ގައި ތައާރުފުކުރެވުނު ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ ނިޒާމު ތައާރުފުކުރެވުމުންނެވެ. ނަމަވެސް، ހިތާމައާ އެކު ފާހަގަކުރަން ޖެހެނީ މިހުރިހާ ކަމެއް ވެސް ފޭލުވިކަމެވެ. ދެހާސް އަށެއްގައި ތައާރުފުކުރެވުނު އާ ނިޒާމު އުވި ނުގޮސް އަދު އޮތް ކަމުގައި ވިޔަސް، އެ ނިޒާމުގެ ސަބަބުން، ރާއްޖެއަށް، ނުވަތަ އާންމު ރައްޔިތުންގެ މައީޝީ ހަޔަތަށް، މާ ބޮޑު، ހެޔޮ ބަދަލެއްއައެކޭ ބުނެވޭކަށް ނެތެވެ. މީގެ މާނައަކީ ފަހަރެއްގައި ވެސް މިކަންކަން އޭގެ ޒާތުގައި ގޯސް ވުމެއް ނޫނެވެ. އާންމު ރައްޔިތުންނަށް ފައިދާ އެދިގެން، އަދި ގައުމީ މަސްލަހަތު އިސްކޮށްގެން، އެކަންކަން ހިންގާލެވިއްޖެ ނަމަ، އެއީ ވަރަށް ވެސް ފައިދާ ހުރި ކަންކަމެވެ. ނަމަވެސް، މިކަންކަން ހިންގާލެވެނީ، އަދި، އަދުވެސް، އެކަން ކުރެވެމުން ދަނީ، މަދު ބައެއްގެ އަމިއްލަ ނަފްސީ ފައިދާއަށްޓަކައެވެ. ރައްޔިތުންގެ ނަމުގައި ކުރެވޭ ކަމެއްކަން ދައްކައިގެންނެވެ.

މިކަންކަން މަތިން، އާންމު ރައްޔިތުން މިއަދުވެސް، އަދި އަބަދުވެސް، ހަނދާންކުރަން ޖެހެނީ ކީއްވެ ހެއްޔެވެ؟ އެކަންކަން ފޭލިވެގެން ދިޔަ މައިގަނޑު ސަބަބުކަމުގައި އާންމު ރައްޔިތުންވީތީއެވެ. އެކަންކަން ކާމިޔާބުވާން އޮތް މައިގަނޑު ސަބަބަކީ އާންމު ރައްޔިތުން ހޭލުންތެރިވުމެވެ. ގައުމުގެ މުޖުތަމައީ މައްސަލަތަކާ މެދު މުސަތަގިއްލު ގޮތެއްގައި ވިސްނަން ދަސްކުރުމެވެ. މީގެ މާނައަކީ ކޮބައި ހެއްޔެވެ؟ ސިޔާސީ ނިޒާމެއް ކާމިޔާބުވުން ބިނާވަނީ ރައްޔިތުންނާއި އަދި ވެރިންގެ ވެސް މަސައްކަތުންނެވެ. މިކަން ފެށެނީ، އެންމެންވެސް، ތިމާމެންގެ ދައުލަތަށް ތެދުވެރިވެ އިޚުލާސަތެރިވެގެންނެވެ. އަދި، ތިމާމެންގެ މުޖުތަމައީ ތަރައްގީގެ މަސައްކަތުގެ އަމާޒަކީ ތަނުގެ އާންމު ރައްޔިތުންކަމަށް ހަދައި، އަމިއްލަ ނަފްސަށް ތިމާމެން އިތުބާރުކޮށްގެން، އެއީ ތިމާމެންނަށް ކުރެވިދާނޭ ކަމެއްކަން ހިތުގެ އަޑިން ގަބޫލުކޮށްގެން އެ މަސައްކަތް ކުރުމުންނެވެ. މިކަން ކުރުމަށް، ގައުމަށް ތެދުވެރި އިޚުލާސްތެރި ލީޑަރުންތަކެއް ބޭނުންވާ ފަދައިން، ހޭލުންތެރި، އަމިއްލައަށް ވިސްނަން އެނގޭ ތައުލީމީ ރައްޔިތެއް ވެސް ބޭނުންވެއެވެ. ގައުމަށް ތެދުވެރި އިޚުލާސްތެރި އަދި ގާބިލު ލީޑަރުން އުފެދޭނީ، އަމިއްލައަށް ވިސްނަން އެނގޭ ތައުލީމީ، މަސައްކަތްކުރަން ކެރޭ، ރައްޔިތެއް އުފެދިގެންނެވެ. މިއީ އަޅުގަނޑަށް ހީވާ ގޮތުގައި ޖުމްހޫރީ ދުވަހު ހަނދާންކޮށްލުން ވަރަށްވެސް މުހިއްމު ވާހަކައެކެވެ. މިވަގުތު ގައުމު ހިންގުމުގައި އަދި، ސިޔާސީ އެކިއެކި ޕާޓީތަކުގެ އިސް ސަފުގައި ތިބި، ޚުދްމުޚްތާރު، އަމިއްލަ ނަފްސީ އެދުމުން ފޯވެފައި ތިބި މީހުންނަށް ސިޔާސީ މައިދާނުގައި އިތުރަށް މަސައްކަތް ކުރުމުގެ ފުރުސަތު ނުދިނުމަށެވެ. އަދި، ރައްޔިތުންނަށް ފައިދާ ކުރާނޭ، އަދި، ގައުމުގެ މަސްލަހަތު ރައްކުރާނޭ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށްޓަކައެވެ.