Support Us

މަރުހޫމާ ފާއިޒާގެ ޅެން ބައިތަކާ އެކު ހިނދުކޮޅެއް

ގައުމެއް ދިރޭނީ ގައުމުގާ ހުރެގެންނެ ރޫހެއް ހަމަ ދިރޭ
އައުދާނަ ގައުމީ ލޯބި ހިތްތަކުގައި އުފެދިގެންނޭ ދިރޭ

މަތީގައި ލިޔެފައި އެވަނީ މަރުހޫމާ ޑޭޒީމާގޭ އާމިނަތު ފާއިޒާގެ އެންމެ މަޝްހޫރު އެއް ޅެން ކަމުގައި ބެލެވިދާނޭ 'ގައުމީ ލޯބި’، މިޅެމުގެ ފުރަތަމަ ބައިތެވެ. މި ބައިތުގެ މައްޗަށް އަވަސް ކަޅިއެއް އެއްލައި ބައިތުގައި އެކުލެވޭ މާނައިގެ ހިޔަލުގައި ކުޑަކުޑަ ހިނދުކޮޅެއް ހޭދަކޮށްލަމާ ހެއްޔެވެ؟

މި ބައިތުގައި ޅެންވެރިޔާ ވިދާޅުވަނީ ކީކޭ ހެއްޔެވެ؟ އޭނާ ވިދާޅުވަނީ ގައުމަކަށް 'ދިރުން' ލިބޭނީ، އެގައުމުގައި، އެ ގައުމަށް ދިރުން ދޭނޭ 'ރޫހެއް' ހުރެގެންނެވެ. އެ 'ރޫހަކީ' އެ ގައުމެއްގެ މީހުންގެ ހިތްތަކުގައި އެމީހުންގެ ގައުމަށްޓަކައި އުފެދިފައިވާ ލޯތްބެވެ.

މިޅެން ބައިތުގައި، ދެ ސިފަޔަކުން މި ނަންގަތް ލޯބި، ޅެންވެރިޔާ ސިފަކުރައްވައެވެ. އެއް ސިފައަކީ 'އައުދާނަ' މިއެވެ. ޅެންވެރިޔާ ވިދާޅުވަނީ އެލޯތްބަކީ އައުދާނަކަށް ލިބިގެންވާ ލޯތްބެކެވެ. ދެވަނަ ސިފައަކީ 'ދިރޭ' މިއެވެ. އާދެ، ޅެންވެރިޔާ ބަޔާންކުރައްވަނީ އެ ލޯތްބަކީ ދިރިދިރި ހުންނަ ލޯތްބެއް ކަމެވެ.

'އައުދާނަ' މި ލަފްޒުގެ މާނައަކީ މާތްކަމެވެ. މުގައްދަސުކަމެވެ. މަތިވެރި އިހުތިރާމެއް ދީފައި އޮތުމެވެ. ގައުމީ ސަލާމުގައި ވެސް މި ލަފްޒު ހިމެނޭ ނޫން ހެއްޔެވެ؟ 'އައުދާނަކަން ލިބިގެން އެވާ ދިދައަށް ކުރީމެ ސަލާމް'! އާދެ، މާތް މުގައްސަކަން، އިހުތިރާމާއި މައުނަވީ ތާހިރުކަން، ލިބިގެންވާ ދިދައަށް ސަލާންކޮށް އިހުތިރާމު އަދާކުރަމެވެ.

'ދިރިދިރި' ހުރުމަކީ މަރުވެ، ނެތި ދިޔުމުގެ އިދިކޮޅެވެ. ޅެންވެރިޔާ ވިދާޅުވަނީ ގައުމަށް ދިރުން ގެނެސްދޭނީ ގައުމުގެ ރޫހު ކަމުގައިވާ ގައުމަށްޓަކައި އޮންނަ ލޯބި، ގައުމުގެ މީހުންގެ ހިތްތަކުގައި މަރުނުވެ ދިރިދިރި އޮވެގެން ކަމެވެ. އާދެ، ގައުމަށް ދިރުން ގެންނަ ގައުމުގެ ރޫހަކީ، ފުރާނައަކީ، ގައުމާމެދު، ގައުމުގެ މީހުންގެ ހިތްތަކުގައި އުފެދޭ ލޯތްބެވެ. އެއީ މާތް މުގައްދަސު ލޯތްބެކެވެ. އެ ލޯތްބަކީ އެއަށް އެއްވެސް ހީނަރުކަމެއް އައިސް މަރުވެ، ނެތިދާ ލޯތްބެއް ނޫނެވެ. އެއާ ޚިލާފަށް، އަބަދުމެ ދިރިދިރި ހުންނަ ލޯތްބެކެވެ. މިލޯބި މިގޮތުގައި، ގައުމާ މެދު މީހުންގެ ހިތްތަކުގައި އޮތުމުން ގައުމުވެސް، މަރުނުވެ ދިރި އޮވެއެވެ.

ދެން އަދިވެސް އިތުރަށް ޅެން ބައިތުގެ މައްޗަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟ އެންމެ ފުރަތަމަ، ޅެންބައިތުގައި ބޭނުންކުރެވިފައިވާ މިފްތާހީ ލަފްޒުތަކުގެ މައްޗަށެވެ. ޅެންބައިތުގެ މާނަ ހުޅުވާލަދޭ މިފްތާހު، އާދެ، ތަޅުދަނޑިކަމުގައި ބެލެވޭ ލަފްޒުތަކުގެ މައްޗަށެވެ.

އެންމެ ފުރަތަމަ 'ރޫހު' މި ލަފްޒުގެ މާނައިގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ ރޫހުގެ އަސާސީ މާނައަކީ ފުރާނައެވެ. އެއްޗަކަށް ދިރުންދޭ ބާރެވެ. ގައުމަކީ ޖިސްމެއްގެ، ހަށިގަނޑެއްގެ، ގޮތުގައި ބަލައިފި ނަމަ، އެ ހަށިގަނޑަށް ދިރުންދޭ ރޫހަކީ، ފުރާނައަކީ، ގައުމުދެކެ ގައުމުގެ މީހުންވާ ލޯތްބެވެ. އެއީ ގައުމަށް ދިރުން ގެނެސްދޭ ގައުމުގެ ފުރާނައެވެ.

ދެވަނަ މިފްތާހީ ލަފްޒަކީ އައުދާނައެވެ. އާދެ ގައުމީ ލޯބިވާންޖެހޭނީ މާތް މުގައްދަސު ލޯތްބަކަށެވެ. އެއީ އޭގައި އަމިއްލަ އެދުމެއް ނުވާ ވަރަށް ވެސް އިޚުލާސްތެރި ލޯތްބެކެވެ. މިކަން އިތުރަށް ސާފުވެޔުމަށްޓަކައި ލޯތްބަކީ ކޮބައިކަމާއި އަދި ލޯބީގެ ބާވަތްތަކުގެ މައްޗަށް އަލިއަޅުވާލަން ޖެހެއެވެ.

ލޯތްބޭ ބުނެ އިޝާރަތްކުރަނީ ވަރުގަދަ ރުހުމަކަށާއި އެ ރުހުމުގެ މައްޗަށް ބިނާވާ ގުޅުމަކަށެވެ. މިފަދަ ރުހުމާއި ގުޅުން އުފެދިގެން އަންނަ އަސްލަކީ، މޫލާފައި އޮންނަ ތަނަކީ، ކޮބައި ހެއްޔެވެ؟ އެއީ ބައެއް ފަހަރު ހިތެވެ. އަނެއް ބައެއްފަހަރު ސިކުނޑިއެވެ. އަދި، އަނެއް ބައިފަހަރު ހިތާއި ސިކުނޑިއާއި ދޭތީގެ މައްޗަށް ބިނާވެ، އުފެދޭ ލޯތްބާއި ގުޅުންތައް ވެސް ހުރެއެވެ.

ހިތާއި ސިކުނޑިއޭ ހެއްޔެވެ؟ ތަފާތު މާނަތަކުގައި ބޭނުން ކުރެވޭ ދެ ލަފްޒެވެ. ހަށިގަނޑުގެ ވަކި ވަޒީފާތަކެއް އަދާކުރާ ގުނަވަންތަކަށް މި ދެނަންދީ، ކިޔެއެވެ. އެއް މާނައެއްގައި ހިތަކީ މޭކޮށީގައި ލެއްވިފައިވާ، ލޭ ބުންބާކޮށް، ހަށިގަނޑުގެ އެކިތަންތަނަށް ލޭ ފޮނުވައިދޭ ގުނަވަނެވެ. ސިކުނޑިއަކީ ބޮލުގެ ނާށިގަނޑުތެރޭގައި ލެއްވިފައިވާ ވިސްނާ ފިކުރުކުރުމާއި އަދިވެސް އިންސާނީ ހަރަކާތްތައް ހިންގައި ކޮންޓުރޯލުކުރާ މަރުކަޒެވެ. މިމާނައިގައި ހިތާއި ސިކުނޑި ބޭނުންކުރާއިރު، މި ދެ ލަފްޒަކީވެސް ހިއްސީ ދެލަފްޒެވެ. އެދެލަފްޒުން ވެސް އިޝާރަތްކުރެވެނީ އޭގައި ބީހި އަތްލައި، އޭގެ ރަހައާއި ވަސްވެސް ބެލިދާނޭ އެއްޗިއްސަށެވެ.

މިފަދަ ހިއްސީ މާނައެއްގެ އިތުރުން ހިތާއި ސިކުނޑި، މި ދެލަފްޒު، މައުނަވީ މާނައަކަށް އިޝާރަތްކޮށް ވެސް ބޭނުންކުރެވެއެވެ. ހިތަކީ އިންފިއާލުތަކުގެ ނުވަތަ ޖަޒުބާތުތަކުގެ މަރުކަޒެވެ. ލޯތްބާއި ނަފުރަތު، އެކުވެރިކަމާއި ރުޅިވެރިކަން، ހިތްހެޔޮކަމާއި ހިތްހަރުކަން ފަދަ ޖަޒުބާތަކުގެ، ހިފެހެއްޓުމެއް ނެތި އިންސާނާގެ ހަށިގަނޑުގެ ތެރެއިން އުތުރި އަރާ ޝުއޫރުތަކުގެ މަރުކަޒެވެ. ނަފްސުގެ އެންމެ އެތެރެއިން، ބޭއިޚުތިޔާރުގައި، ބައެއް ފަހަރު، އޭގެ މައްޗަށް ބާރުވެސް ނުފޯރުވޭ ގޮތެއްގައި، އުތުރިއަރައިގެން އަންނަ އުތުރިއަރައިގަތުންތަކުގެ މަރުކަޒެވެ. ހޫނާއި ފިނިކަން، ރީތިކަމާއި ހުތުރުކަން، މިކަންކަމަކަށް ޖަޒުބާތުތަކޭ ނުކިޔޭނެއެވެ. މިކަންކަމަކީ ބީހުމާއި ފެނުން ފަދަ ހިއްސުތަކުގެ ޒަރީއްޔާއިން، ގަސްދަކާއި އެކު، ދެނެގަނެވޭ އިހުސާސުތަކެކެވެ. ނަމަވެސް، ޖަޒުބާތުތަކަކީ، ގަސްދަކާއި ނުލައި، ހިތުގައި– ޖަޒުބާތުގެ މަރުކަޒުގައި– އަމިއްލަ އިޚްތިޔާރަކާ ނުލައި އުފެދިގެން އަންނަ ޝުއޫރުތަކެކެވެ. އުތުރިއަރައިގަނެ، އެކަން، ހިތަށް އެނގޭ އެނގުންތަކެކެވެ.

ހަމަ މިފަދައިން، މައުނަވީ ސިފައެއްގައި، ސިކުނޑި ވެސް ބޭނުންކުރެވެއެވެ. ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު ވަކިކޮށްދޭ ބާރަށް އިޝާރަތްކޮށެވެ. މި މާނައިގައި ބޭނުންކުރާއިރު، ބައެއް ފަހަރު، އެ ބާރަށް ބުއްދިއޭ ވެސް ކިޔައެވެ. އަދި، ބައެއް ފަހަރު ހިތޭ ވެސް ކިޔެއެވެ. ތިއީ ބުއްދި ގަބޫލުކުރާ ކަމެކޭ ނުވަތަ ގަބޫލުކުރާ ކަމެއް ނޫނޭ ބުނާއިރު، އެ ބުނެވެނީ ތިމަންނަގެ ސިކުނޑިއަށް، ވިސްނުމަށް، ފެންނަގޮތެކެވެ. ހަމަ އެހެންމެ، ބައެއް ފަހަރު، ތިމަންނަގެ ހިތަށް މިވެނި އެއްޗެއް އަރައޭ، ނުވަތަ މިވެނި ކަމެއް މިވެނި ގޮތަކަށް ފެނެއޭ ބުނާއިރު އެ އިޝާރަތްކުރަނީ ވެސް ޖަޒުބާތަކަށް ނޫނެވެ. ބުއްދިއަށް ނުވަތަ ސިކުނޑިއަށް ފެންނަ ގޮތަކަށެވެ.

ލޯބީގެ ބާވަތްތައް ބަޔާންކުރާ އިރު، ހިތުގެ ލޯތްބާއި ސިކުނޑީގެ ލޯބީގެ ވާހަކަ ދައްކައެވެ. މިތަނުގައި ހިތާއި ސިކުނޑި ބޭނުންކުރެވެނީ ވަކިކަހަލަ ޖަޒުބާތުތަކެއްގެ ނުވަތަ އިހުސާސުތަކެއްގެ އަސްލު ނުވަތަ މަރުކަޒުގެ މާނައިގައެވެ. އެއްބަޔަކު ދެކޭ ގޮތުގައި، ލޭގެ މައްޗަށް ބިނާވާ ވަރުގަދަ ގުޅުންތަކަކީ ހިތުގެ ލޯބީގެ މައްޗަށް ބިނާވާ ގުޅުންތަކެކެވެ. ރަހުމަތްތެރިކަމުގެ މައްޗަށް ބިނާވާ ގުޅުމުގެ ލޯތްބަކީ ސިކުނޑީގެ ލޯތްބެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަ ގާތް އިޚުލާސްތެރި ގުޅުން ބިނާވަނީ ހިތާއި ސިކުނޑީގެ ލޯބީގެ މައްޗަށެވެ. އާދެ، މިއީވެސް އެއްބަޔަކު ލޯބީގެ ބާވަތްތައް ބަޔާންކޮށް އޮޅުންފިލުވައިދޭ ގޮތެކެވެ.

އަޅުގަނޑަށް ހީވާ ގޮތުގައި ލޯބީގެ މައްޗަށް ބިނާވާ ކޮންމެ ގުޅުމެއް ވިޔަސް، އެއީ މައިބަފައިވަންތަކަމުގެ ގުޅުން ކަމުގައި ވިޔަސް، ނޫނީ އަޚުއުޚުތުވަންތަކަމުގެ ގުޅުން ކަމުގައި ވިޔަސް ނޫނީ ރަހުމަތްތެރިކަމުގެ ގުޅުން ކަމުގައި ވިޔަސް، އެ ގުޅުމަކީ ހިތާއި ސިކުނޑީގެ މައްޗަށް ބިނާވާ ގުޅުމަކަށް ވެދާނެއެވެ. މިހެން ބުނާއިރު، ހިތާއި ސިކުނޑި މި ބޭނުންކުރެވެނީ އިންސާނާގެ ކިބައިގައި ލެއްވިފައިވާ ދެބާރެއްގެ އަސްލުގެ މާނައިގައެވެ. ޖަޒުބާތުތަކުގެ އަސްލާއި އަދި ވިސްނާ ފިކުރުކުރުމުގެ އަސްލެވެ. މި ދެބާރަކީ އިންސާނާއަށް މަގުދައްކާ، އޭނާގެ ޚިޔާލުތަކާއި ފިކުރުތަކަށް އަމަލީ ސިފަ ގެނައުމަށް ހިއްވަރުދީ ބާރުއަޅައިދޭ ދެ ބާރެވެ. އެހެން އިބާރާތަކުން ދަންނަވާ ނަމަ، އިންސާނާގެ ވިސްނުމާ ފިކުރާއި އޭނާގެ ޖަޒުބާތުތައް، މި ދެކަމަކީ އޭނާ ކޮންޓުރޯލުކުރާ ދެބާރެވެ. ބައެއް ފަހަރު، ޖަޒުބާތުގައި ޖެހި އިންސާނާ ކަންކަން ކުރެއެވެ. މިފަދައިން ކަންކަން ކުރާއިރު، އެކުރާ ކަމެއް ކުރަނީ އާޚިރުގައި އެއީ ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ ބަލާފައެއް ނޫނެވެ. އަނެއްބައިފަހަރު އޭނާގެ ވިސްނުމާއި ފިކުރުގެ އަލީގައި އޭނާ ކަންކަން ކުރެއެވެ. މިފަދައިން ކަންކަން ކުރާއިރު، އެކަންކަން އޭނާ އެކުރަނީ އެކަންކަމުގެ ރަނގަޅާއި ނުބައި ބަލައި އެކަން އެނގިހުރެއެވެ.

ލޯބީގެ ގުޅުމަކީ މިނަންގަތް ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކޮންމެ ބާވަތެއްގެ ގުޅުމެއް ކަމުގައި ވިޔަސް، އެއީ ހިތާއި ސިކުނޑިގެ މައްޗަށް ބިނާވާ ގުޅުމެއް ކަމަށް ވެއްޖެ ނަމަ، އެ ގުޅުން ވަރުގަދަވާނެއެވެ. އެއީ އޭނާގެ ހިތާއި ސިކުނޑި، އާދެ، އޭނާގެ މުޅި ނަފްސު، އެކަމުގައި ޝާމިލުވެގެންވާނެތީއެވެ. ލޯބީގެ ގުޅުމެއްގައި ހަމައެކަނި ހިމެނެނީ އެއްކަމެއް- ހިތް ނޫނީ ސިކުނޑި- ކަމުގައިވާ ނަމަ، އެ ގުޅުން އޮންނާނީ އެންމެ ވަރުގަދަ ގޮތެއްގައެއް ނޫނެވެ. ނޫނީ އެންމެ ފުރިހަމަ ގޮތެއްގައެއް ނޫނެވެ. މީގެ ދެތިން މިސާލުގެ މައްޗަށް ބަލައިލަމާ ހެއްޔެވެ؟

އެންމެ ފުރަތަމަ ދޭދޭ މީހުންގެ މެދުގައި އުފެދޭ 'ލޯބީ’ގެ ގުޅުމުގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ ހަމައެކަނި ބޭރުފުށުން ފެންނަ ސޫރައެއްގެ އަސަރު އޭނާގެ ހިތަށް ކޮށް، އެ ރީތިކަމާ މެދު ހިތުގައި ވަރުގަދަ ރުހުމެއް އުފައްދާލަފާނެއެވެ. ދެން، އެ ރުހުން އުފައްދާލި ރީތިކަމުގެ ވެރި ފަރާތާ ދިމާއަށް އޭނާގެ ހިތް ލެނބިދާ ގޮތް ވެއެވެ. މިސާލަކަށް ބުރުސޫރަ ރީތި އަންހެނެއް ފިރިހެނަކަށް ފެނުމެވެ. ނުވަތަ ބުރުސޫރަ ރީތި ފިރިހެނެއް އަންހެނަކަށް ފެނުމެވެ. މިއީ ބޭރު ފުށުގެ މައްޗަށް ބިނާވާ ތައުސީރެކެވެ. އަސަރުކުރުވުމެކެވެ. ދެމީހުންގެ ދެމެދުގައި، ހަމައެކަނި ސޫރައިގެ މައްޗަށް ބިނާވެ ގުޅުމެއް އުފެދި، އެގުޅުމަށް ލޯތްބޭކިޔައި، އާޚިރުގައި އެކަން، ޖިސްމާނީ ޖިންސީ ލައްޒަތެއް ލިބިގަތުމާ ހަމައަށް ގެންގޮއްސާނެއެވެ. ނަމަވެސް، މިގުޅުން ހަގީގީ ލޯބީގެ ގުޅުމަކަށް ބަދަލުވެގެންދަނީ، އެކަކު އަނެކަކަށް ރަނގަޅަށް ތައާރުފުވެ، އެކަކު އަނެކަކަށް ރަނގަޅަށް ދަސްވެ، ބޭރުފުށުގެ އިތުރުން، އެކަކު އަނެކަކުގެ ކިބައިގައިވާ އަޚުލާގީ، އެބަހީ އެކަކަކު އަނެކަކުގެ ނަފްސުގެ ތެރޭގައި ހުންނަ ގޮތްތަކާ، މެދު ސިކުނޑީގެ ބާރުގެ އަލީގައި ރުހެވިގެންނެވެ. މިފަދަ ގޮތެއްގައި ދެމީހެއްގެ ދެމެދުގައި ޖަޒުބާތުތަކުގެ ސަބަބުން އުފެދޭ ގުޅުން، ސިކުނޑީގެ ބާރުގެ މައްޗަށް ވެސް ބިނާވާ ގުޅުމަކަށް ވެއްޖެ ނަމަ، އެ ގުޅުން ވާނީ ހަގީގީ ލޯބީގެ ވަރުގަދަ ގުޅުމަކަށެވެ. ނަމަވެސް، ހަމައެކަނި ބޭރުފުށުގެ ތައުސީރަކުން އުފެދޭ ވަގުތީ ގަޔާވުމަކާއި ރުހުމަކުން އުފެދޭ ގުޅުމަކަށް ލޯތްބޭ ކިޔުނު ކަމުގައި ވިޔަސް، ޖިސްމާނީ ލައްޒަތެއް ހާސިލުވުމާ ހަމައިން އެ ގުޅުމަށް ނިމުމެއް އަންނަ ނަމަ އެއީ ހަގީގަތުގައި ލޯތްބަކަށް ނުވެއެވެ. އެވަނީ ޝަހުވަތުގެ އެދުމަކަށެވެ. ޝަހުވަތުގެ އެދުމަކީ އިންސާނާގެ ކިބައިގައި ލެއްވިފައިވާ ހައިވާނީ ސިފައަކަށް ވެފައި، އިންސާނީ ދޭދޭ ގުޅުން ބިނާވާންޖެހޭ އަސްލެއް ކަމަށް މިކަން ހެދުމަކީ އިންސާނީ ރީތި އަޚުލާގީ ސިފައަކަށް ނުވާކަން އިންސާނާއަށް ގަބޫލުކުރެވޭތީ، ހައިވާނީ އެއެދުން ހާސިލުކުރުމުގެ ބޭނުމުގައި، ތިމާގެ އަމިއްލަ ނަފްސަށް އޮޅުވާލައި، އެއެދުން ހާސިލުކުރުމުގެ މަގަށް ނަފްސު ގެންދިޔުމަށްޓަކައި، ރީތިކޮށްލުމުގެ ގޮތުން އެއަށް ލޯތްބޭ ކިޔެނީއެވެ.

ދެން، މައިބަފައިވަންތަ ކަމުގެ ލޯތްބަށް ބަލާލި ކަމުގައި ވިޔަސް، އެ ލޯތްބަކީ ހަމައެކަނި ޖަޒުބާތުގެ މައްޗަށް ބިނާވާ ގުޅުމެއް ކަމަށް ވަންޏާ، އެ ގުޅުން ފުރިހަމައެއް ނުވެއެވެ. އޭރުން، ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނޭ ފަދައިން، ތިމާގެ ގާތް މީހާ ކުރާ އެއްވެސް ކަމެއް ސިކުނޑީގެ ފަތިގަނޑަކުން މިނާލެވޭ ގޮތެއް ނުވާނެއެވެ. ނަތީޖާއަކީ ތިމާގެ ގާތް މީހާ ހަލާކުގެ ތެރެއަށް ދިޔުމުގެ މަގު ފަހިވުމެވެ. ހަމަ އެފަދައިން، ރަހުމަތްތެރިކަމުގެ ގުޅުމަކީ ވެސް ހަމަ އެކަނި ސިކުނޑީގެ މައްޗަށް ބިނާވާ ގުޅުމެއް ކަމަށް ވަންޏާ، ރަހުމަތްތެރިޔާއަށް ކިތަންމެ ކުޑަ ކުށެއް ކުރެވުނު ކަމުގައި ވިޔަސް، އެކުށަށް މާފު ދެވުމުގެ އިހުސާންތެރިކަމުގެ ޝުއޫރެއް މީހެއްގެ ހިތުގައި އުފެދޭ ގޮތެއް ނުވާނެއެވެ. ނަތީޖާއަކީ މިފަދަ ގޮތެއްގެ މައްޗަށް ބިނާވާ ގުޅުން ދެމިގެން ނުދިޔުމެވެ. ރަހުމަތްތެރިކަމުގެ ގުޅުމަކީ އަސާސެއްގެ ގޮތުން، ސިކުނޑީގެ މައްޗަށް ބިނާވާ ގުޅުމެއް ކަމުގައި ވިޔަސް، އެގުޅުން ވެސް ދެމެހެއްޓޭނީ، އެގުޅުމުގައި ވެސް ޖަޒުބާތުތައް އެކުލެވުނީމައެވެ.

އާދެ، ދެން، ޅެންވެރިޔާގެ ޅެން ބައިތުގެ މައްޗަށް އަދި އެއްފަހަރު ނަޒަރު ހިންގާލައި ޅެން ބައިތުގައި ބުނާ އެއްޗަކާ މެދު ވިސްނާލަމާ ހެއްޔެވެ؟

ގައުމެއް ދިރޭނީ ގައުމުގާ ހުރެގެންނެ ރޫހެއް ހަމަ ދިރޭ
އައުދާނަ ގައުމީ ލޯބި ހިތްތަކުގައި އުފެދިގެންނޭ ދިރޭ

ގައުމުގެ ފުރާނައަކީ ގައުމަށް ދިރުން ގެނެސްދޭ އަސާސަކީ، ޖައުހަރަކީ، ގައުމުގެ ދަރިންގެ ހިތުގައި ގައުމަށްޓަކައި އުފެދިފައި އޮންނަ ލޯތްބެވެ. ގައުމެއް މަރުނުވެ، ދިރި ދެމިއޮންނާނީ، ސިޔާދަތަކާއި މިނިވަންކަމެއް ލިބިގެންވީ ކާއިނެއްގެ ގޮތުގައި ގައުމަށް އޮވެވޭނީ، ގައުމުގެ ދަރިންގެ ހިތްތަކުގައި ގައުމާ މެދު ވަކި ކަހަލަ ޚާއްސަ ލޯތްބެއް އުފެދިފައި އޮވެގެންނެވެ. ހިތާއި ސިކުނޑީގެ ލޯތްބެކެވެ. އަމިއްލަ މާއްދީ އެދުމެއްގެ މައްޗަށް ބިނާ ނުވާ، ހުސްތާހިރު، މާތް މުގައްދަސު ލޯތްބެއް އެމީހުންގެ ހިތްތަކުގައި އުފެދިގެންނެވެ. މިފަދަ ލޯތްބަކީ ގައުމަށް ދިރުންގެނެސްދީ ގައުމުގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކުރާނޭ ލޯތްބެކެވެ. ކީއްވެ ހެއްޔެވެ؟ ސަބަބަކީ ގައުމުގެ ދަރިންގެ މެދުގައި ގައުމާ މެދު މިފަދަ ލޯތްބެއް އޮވެއްޖެ ނަމަ، އެމީހުންގެ ކިބައިގައި ހޭލުންތެރި ފާރަވެރި ޒަމީރެއް އޮންނާނެއެވެ. އަދި ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް ކުޑަ ނުރައްކާތެރިކަމެއް މެދުވަރިވާހެން ހީވި ނަމަވެސް، އެ ޒަމީރުގައ ކޮށައިގަނެ، އެ ޒަމީރަށް އެނގުންވާނެއެވެ. އަދި، އެނުރައްކާ ނެތިކޮށްލުމަށްޓަކައި ތިމާގެ ހުރި ނަމަ ހުރި ބާރަކާއި ހިއްވަރައިގެން ތެދުވާނެއެވެ. އާދެ، ގައުމު މަރުވެ، ނެތިދިޔުމުގެ ފުރުސަތެއް ނުދޭނެއެވެ. އެމީހުންގެ ގައުމީ ލޯތްބަކީ ގައުމަށް ދިރުންދޭ، އެމީހުންގެ ހިތުގެ އެންމެ ފުންމިނުން އުފެދި އުތުރި އަރައިގެން އަންނަ ވަރަގަދަ ބާރަކަށް ވުމުންނެވެ. މިފަދަ ލޯތްބެއް އުފެދެނީ ކިހިނެއް ހެއްޔެވެ؟ މި ސުއާލުގެ ޖަވާބުގެ މައްޗަށް އެހެން ފަހަރަކުން ބަލާލެވޭތޯ، އިރާދަކުރެއްވިއްޔާ، މަސައްކަތްކޮށްލާނަމެވެ.