Support Us

ހަކީމީ ބޭސްވެރިއެއްގެ ބޭސްކުރުމުގެ ވާހަކަ

އެންމެ ކުޑަ އުޖޫރައާ މެދު ހިތްހަމަނުޖެހިގެން، މީހަކު ގަސްދުކުރީ ހަކީމީ ބޭސްވެރިއަކަށްވާށެވެ. އަދި، އަމިއްލަ ކުލިނިކެއް ހުޅުވައިގެން ބޭސްވެރިކަމުގެ ޚިދުމަތް އާންމުންނަށް ފޯރުކޮށްދޭށެވެ.

އޭނާއަކީ ފަހަރެއްގައި ވެސް އެއްވެސް ބާވަތެއްގެ ބޭސްވެރިކަމުގެ ފާހެއް އޮތް މީހެއް ނޫނެވެ. އެހެންވެ، ގަވާއިދުގެ މަތިން ކަންތައް ކުރާ ނަމަ، ކުލިނިކެއް ހުޅުވައިގެން ބޭސްކުރުމަކީ ކުރެވޭނޭ ކަމެއް ނޫންކަން ވެސް އޭނާއަށް އެނގެއެވެ.

ނަމަވެސް، ހިތާހިތާ އޭނާ ބުންޏެވެ. އެއްވެސް ބޭސްވެރިކަމުގެ ފާހެއް ނެތް މީހަކަށް، އެކިއެކި ކަންކަމަށް ފެންކިޔެވުމާއި ހިޖާމާކުރުމުގެ ކުލިނިކުތައް ހުޅުވައި މީހުންގެ އަތުން ފައިސާނަގައި ވިޔަފާރިކޮށް ބޭސްކުރުމަށް ގަވާއިދުތައް ތަންދޭ އިރު، ހަކީމީ ބޭސް ނޫނީ އެހެން ބޭހެއް ވިޔަސް، އެކަން ކުރުމުގެ ފާސް ނެތް މީހަކަށް ވެސް، ކުލިނެއްކެެއް ހުޅުވާލެވުމުގެ ގޮތެއް އޮވެދާނެތާއެވެ.

ކޮންމެއަކަސް މިކަމާ މެދު އަޅުގަނޑުމެންގެ ވާންއުޅޭ ހަކީމީ ޑޮކްޓަރު، އޭނާގެ ރައްޓެއްސަކާ މަޝްވަރާކޮށްލިއެވެ. ދެން، ރައްޓެހި ރަހުމަތްތެރިޔާ ބުންޏެވެ.

"ތިޔައީ މާ އުނދަގޫ ކަމެއް ނޫނެވެ. ކުޑަ ފައިސާ ކޮޅެއްގެ ހަދިޔާއަކުން މިހާރު ނުކުރެވޭނޭ އެއްވެސް ކަމެއް ނޯވޭ ނޫން ހެއްޔެވެ؟"

ވާންއުޅޭ ހަކީމު އަހާލިއެވެ. "ދެން ގާނޫނާއި ގަވާއިދު ކޮބާ ހެއްޔެވެ؟"

"ގާނޫނާ ގަވާއިދު ވެސް އޮންނާނެއެވެ. ނަމަވެސް، އެއީ ރަސްގެފާނު އަތުގައި އޮންނަ ލަޓިބުރިއެއް ކަހަލަ އެއްޗެކެވެ. އޭނަ ބޭނުން މީހެއް ގައިގައި ތަޅާށެވެ! ނޫނީ އެއީ ފައި ކައްސާލައިގެން ރަސްގެފާނު ބިން މައްޗަށް ވެއްޓޭ ވަގުތު ވަގުތު އޭގައި ހިފަހައްޓާލައިގެން ކޮޅަށް ހުންނަން އޮންނަ އަސާ ގަނޑެކެވެ."

"އެއީ ކިހިނެއްވާ ކަމެއް ހެއްޔެވެ؟"

"އެއީ ވަރަށް ވެސް ފަސޭހައިން ވިސްނިދާނޭ ކަމެކެވެ. ގާނޫނާއި ގަވާއިދުތައް މީހުން ގައިގައި ތަޅަން ގެންގުޅޭ ލަޓިބުރިއަކަށް ވުމުގެ މިސާލަކީ، ރަސްގެފާނާއި އިދިކޮޅު ވާހަކައެއް ބުނެފާނެ ކަމަށް ބަލައި، ރަސްގެފާނަށް ފާޑުކިޔުމާއި ފާޑުކިޔުމުގެ ހަރަކާތެއްގައި ބައިވެރިވުމަކީ، ރަސްގެފާނުގެ ވަޒީފާގައި ދެމިހުންނަން ބޭނުންވެއްޖެ ނަމަ ކުށެއްކަމުގައި ކަނޑައަޅާލައި އެފަދަ އަމަލު ހިންގާ މީހުން ވަޒީފާއިން ވަކިކުރެވޭ ގާނޫނުތަކާއި ގަވާއިދުތައް ހަދާލުމެވެ. ގާނޫނު އަސާގަނޑަކަށް ވުމުގެ މިސާލަކީ، ރަސްގެފާނުގެ ބަހަށް އޭނާގެ މަޖުލީހުން އެކިކަންކަން ކުރުމެވެ. މިސާލަކަށް، ރަސްގެފާނުގެ އަމިއްލަ ޒާތީ ޚަރަދަށް މިލިޔަނުން މިލިޔަނުން ޚަރަދުކުރުމަށް ވެސް ކަނޑައަޅާލުމެވެ. އޭނާ މުނިފޫހިފިލާ ކަންކަން ކުރުމަށްޓަކައެވެ. މިއިން ކަމަކާ މެދު މީހަކު އެއްޗެއް ބުނެފި ނަމަ، އެކަން އޮތީ ކަމާ ބެހޭ ފަރާތްތަކުން ވަކި ގަވާއިދެއްގެ މަތިން ނިންމާފައޭ ބުނީމަ އެ އޮތީ ނިމިފައެވެ. ބައިތުލް މާލުގެ ޚަޒާނާގެ މެޓާ ޖާޑިއަށް ބޭނުން ވަގުތަކު އަތް ބާނައިގެން ބޭނުން ވަރަކަށް މެޓާ ނެގޭ ގޮތް ގާނޫނީ ގޮތުން ބާރުލިބިގެން ހުއްދަވީއެވެ. ރަސްގެފާނު އެއްގޮތަކަށް ވެސް ވައްކަމެއް ނުކުރާނެއެވެ. އަދި ކިއެއް ހެއްޔެވެ؟ ނުވެސް ކުރެވޭނެއެވެ. ދެން، އެކަމާ އިދިކޮޅަށް މީހަކު އެއްޗެކޭ ބުނެފި ނަމަ، އެންމެ އިހުއް ސުރެން ފެށިގެން ވެސް ކަންކުރަމުން އަންނަނީ މިފަދައިންނޭ ބުނެ ނިންމާލީމައި ނިމުނީއެވެ. ކުރީ ސަރުކާރު ތަކުގެ މިފަދަ އަމަލުތައް މަތިން ހަދާންކޮށްދިނީމަ ރަނގަޅު ހަމަ ދެއްކުނީއެވެ. އެ ހަނދާން ކިޮށް ދިނުމަކީ ނުރަނގަޅު ރަނގަޅަށް ހަދާލެވޭ ފަދަ ވަރަށް ވަރުގަދަ ފަންޑިތައެކެވެ. ދެން، އިތުރަށް މީހުންގެ އަނގަ ބަންދުކުރަން ބޭނުން ވެއްޖެ ނަމަ، ވޯޓު ބޭނުންކޮށްގެން ރަސްގެފާނާއި އޭނާގެ އައުވާނުން ދުރުކުރަން ބުނާށެވެ! ވޯޓަކީ ބޭނުންވެއްޖެ ހިނދެއްގައި ރަސްގެފާނަށް 99.9 ޕަސަންޓު ވޯޓު ލިބޭ ގޮތަށް ނިންމާލެވިދާނޭ ކަމެއް ނޫން ހެއްޔެވެ؟ އެއީ ވޯޓުގެ ބާޒާރުން ގަންނަން ލިބޭ އެއްޗެކަށްވާތީއެވެ! ގުނބޯ ހެއްދޭ ބަޔަކަށް އެމީހުންގެ ކަރާމަތާއި ޒަމީރު ވިއްކާލުމަކީ ދާދި ފަސޭހަކަމެކެއް ނޫން ހެއްޔެވެ؟"

"ދެން، އަބަދުވެސް އިވޭ، އިސްލާހުގެ އަޑުގެ ވާހަކަޔޯއެވެ؟ ޚާއްސަކޮށް ދައުރެއް ނިމި، ދައުރެއް ފެށެން އުޅޭ އިރު އެވާހަކައިގެ އަޑު ގަދަވޭ ނޫން ހެއްޔެވެ؟"

"އެއީ އެހެންދައްކާ ވާހަކައެއް ނޫނެވެ. ފަހަރެއްގައި ވެސް އެއަށް އަމަލީ ސިފަ ގެންނަން ދައްކާ ވާހަކައެއް ނޫނެވެ. އެއީ މީހުންގެ ލޯތަކުގައި އަޅުވާލެވޭ އަނދުނެކެވެ. މީހުން ގުނބޯ ހައްދާލަަން ކުރާ ކަމެވެ. ދެން، މީހުން ވެސް އަބަދުވެސް ތިބެނީ ގުނބޯ ހެއްދޭ ގޮތަކަށް އެ ގޮތަށް ރުހިފައި ނޫން ހެެއްޔެވެ؟ އެހެންވީމާ، ހަމައެކަނި ގުނބޯ ހައްދާ މީހުން ކުށްވެރިކޮށްގެން ފަރަކުނުޖެހޭނެއެވެ. ހަމަ އެއާ އެއްވަރަށް، ނޫނީ އެއަށް ވުރެ ވެސް ބޮޑަށް، ރުހިގެން ގުނބޯ ހެދެން ތިބޭ ބަޔަކު ވެސް ކުށްވެރި ކުރަންޖެހޭނެތާއެވެ. އެއްފަހަރު، ފިހާރައިގެ ވަތްގަނޑަކަ އަތް ބާނައި ބޭނުން ވަރަކަށް ބޭނުން އެއްޗެއް ނެގި ބަޔަކާ ދެވަނަ ފަހަރަށް ނޫނީ ތިންވަނަ ފަހަރަށް ވެސް ފިހާރައިގެ ވަތްގަނޑު ހަވާލުކުރާނީ ކޮން ކަހަލަ މީހެއް ހެއްޔެވެ؟ އެއް ހޮރުން ކަށި ޖެހި ހޮރަށް ދެވަނަ ފަހަރަށް، އަދި، ތިންވަނަ ފަހަރަށް ވެސް އޭނާގެ އަތްލާނީ ކޮންފަދަ މޮޔައެއް ހެއްޔެވެ؟ އެމީހުންގެ ކަރާމަތާއި ޒަމީރު ވެސް، އެންމެ މަތީ އަގެއް ހުށަހެޅި ފަރާތަކަށް ވިއްކާލަން ރުހިގެން ތިބޭ ގުނބޯ ހެއްދޭނޭ ބައެއް ނޫން ހެއްޔެވެ؟"

"ދެން އެންމެ ރަނގަޅެވެ." އަޅުގަނޑުމެންގެ ހަކީމީ ބޭސްވެރިޔާ އަނެއްކާ ވެސް ބުންޏެވެ. "އަހަންނަށް ހަކީމީ ބޭސްކުރުމުގެ ހުއްދަ ލިބޭނީ ކިހިނެއް ހެއްޔެވެ؟"

"ތިޔައީ ދާދި ފަސޭހަކަމެކޭ އަހަރެން ބުނެފީމު ނޫން ހެއްޔެވެ؟" ރަހުމަތްތެރިޔާ ބުންޏެވެ. "އެކަމުގެ ހުއްދަ ދޫކުރަން ތިބޭ މީހުންނަށް ކުޑަ ހަދިޔާއެއް ދިނުމުން ތިކަން ހަމަޖެހޭނެއެވެ. އެ ހުއްދައެއް ނުލިބިދާނެތީ ކުޑަކޮށް ވެސް ކަންބޮޑުވެ، ހާސްވާކަށް ނުޖެހެއެވެ."

އެންމެ ފަހުން، އަޅުގަނޑުމެންގެ ހަކީމީ ބޭސްވެރިޔާއަކި ހަކީމީ ފާސް ލިބިގެން ހުރި މީހަކަށް ވެއްޖެއެވެ. އަދި އޭނާ ކުލިނިކެއް ވެސް ހުޅުވައިފިއެވެ. އަދި، ކުލިނިކުގެ ބޭރުގައި އިޝްތިހާރު ބޯޑެއް ބެހެއްޓިިއެވެ. ބޭސްކުރުމުގެ ވިޔަފާރި ކުރިއަރުވައި ވީހާ ވެސް އަވަސް މުއްދަތެއްގެ ތެރޭގައި މުއްސަނދިވުމަށެވެ. އޭނާގެ އިޝްތިހާރު ބޯޑުގައި ލިޔެފައި އޮތެވެ. "ހަކީމީ ބޭސްފަރުވާ އެންމެ 100 ރުފިޔާއަށް ހޯއްދަވާށެވެ! ފަރުވާލިބިގެން، ޝިފާ ނުލިބިއްޖެ ނަމަ، އަނބުރާ 500 ރުފިޔާ ދެވޭނެއެވެ.'

ކޮންމެއަކަސް، ހަކީމީ ބޭސްވެރިޔާގެ ކުލިނިކު ދޮށުން ދިޔަ ވިޔަފާރިވެރިއަކަށް އިޝްތިހާރު ބޯޑު ފެނިގެން މިއީ ފައިސާ ފޮއްޗެއް ހޯދާލާނެ ރަނގަޅު ފުރުސަތެއް ކަމުގައި ދެކި، ކުލިނިކަށް ވަނެވެ. ދެން ހަކީމީ ޑޮކްޓަރާ ބައްދަލުކޮށް ވިޔަފާރިވެރިޔާ، އޭނާގެ ބަލީގެ ވާހަކަ ބުންޏެވެ.

"ޑޮކްޓަރެވެ! އަހަރެންގެ ރަހައިގެ ހިއްސު ކެނޑިގެން އުޅޭތާ ދުވަސް ކޮޅެއް ވެއްޖެއެވެ."

"ތިޔައީ އެއްވެސް މައްސަލައެއް ނޫނެވެ. ތިކަން ރަނގަޅު ކުރެވިދާނެއެވެ."

ދެން ޑޮކްޓަރު ނަރުހަށް ގޮވާލައިފައި، ހަރުފަތްތަކުގައި ނަންބަރު ޖަހައި، އަތުރާލެވިފައި ހުރި ހަކީމީ ބޭސްފުޅިތަކަށް އިޝާރަތްކޮށްލާފައި، 15ވަނަ ނަމްބަރުގެ ބޭސްފުޅި ގެނައުމަށް ބުންޏެވެ.

ނަރުސްކުއްޖާ 15 ނަމްބަރުގެ ބޭސްފުޅި ގެނެސް ދިނުމުން، އެ ފުޅި ހުޅުވާލައިފައި ބަލި މީހާގެ އަނގައަށް އެ ފުޅިން ދެ ތިން ތިކި ޖެއްސެވެ.

ދެން، ވިޔަފާރިވެރިޔާ ކުޅުގަނޑެއް ޖަހާފައި، ހަޅޭލަވައި ގަތެވެ. "އަހަރެންގެ އަނގަޔަށް ދިޔަ އެޅީ ސާފު ތެލެއް ނޫން ހެއްޔެވެ؟"

ޖަވާބުގައި ހަކީމީ ޑޮކްޓަރު ބުންޏެވެ. "ރަހަ ރަނގަޅަށް ބުނަން އެނގިއްޖެތާއެވެ! އެހެންވީމާ، ބަލިން ފަސޭހަވީ ނޫން ހެއްޔެވެ؟ އަވަހަށް ބޭސްކުރުމުގެ އުޖޫރައަށްވާ ސަތޭކަ ރުފިޔާދޭށެވެ!"

ވިޔަފާރިވެރިޔާ 100 ރުފިޔާ ދީފައި ކުލިނިކުން ނިކުމެގެން ދަމުން ހިތަށް އެރިއެވެ. އަހަރެންގެ ފައިސާ އަނބުރާ އަދި އަތުލާނަމެވެ.

އޭގެ ހަފްތާއެއް ފަހުން، ވިޔަފާރިވެރިޔާ ހަކީމީ ބޭސްވެރިޔާގެ ކުލިނިކަށް އަނެއްކާ ވެސް ޒިޔާރަތް ކުރިއެވެ. އަދި ޑޮކްޓަރާ ބައްދަލުކޮށް، އޭނާގެ ހަނދާން މުޅިން ފިލައި ދިޔަ ވާހަކަ ބުނެ، އެކަމަށް ފަރުވާއަކަށް ވެސް އެދުނެވެ.

"ތިޔައީ އެއްވެސް މައްސަލައެއް ނޫނެވެ." އަނެއްކާ ވެސް ޑޮކްޓަރު ބުންޏެވެ. ދެން، ނަރުހަށް ގޮވާލައިފައި ހަމަ އެއްކަލަ 15 ނަމްބަރުގެ ބޭސްފުޅި ގެނައުމަށް ބުންޏެވެ.

ފުޅި ގެނައުމުން، އޭގެ މަތި ނަގާފައި ވިޔަފާރިވެރިޔާގެ އަނގައަށް އެއިން ތިއްކެއް ޖަހަން އުޅުމުން، ވިޔަފާރިވެރިޔާ ހަޅޭލަވައި ގަތެވެ. "މިފަހަރު އަހަންނަކަށް ލަނޑެއް ނުދެވޭނެެއެވެ! ތީ މިދިޔަ ހަފްތާގައި އަހަރެންގެ އަނގައަށް އެޅި ސާފުތެލެއް ނޫން ހެއްޔެވެ؟"

ބޭސްވެރި ހަކީމު ބުންޏެވެ. "ތިަޔަ ބުނީ ހަމަ ރަނގަޅަށެވެ! ކުރީ ހަފްތާގައި ވެސް ބޭސްކުރީ ހަމަ މިފުޅިންނެވެ. ދެން، މިހާރު، ހަނދާން އަނބުރާ ލިބިއްޖެ ނޫން ހެއްޔެވެ؟ އެހެންވެ، ފަރުވާކުރުމުގެ އުޖޫރައަށްވާ 100 ރުފިޔާ އަވަހަށް ދޭށެވެ!"

ވިޔަފާރިވެރިޔާ ރުޅިއައިސް އަދި ދެވަނަ ފަހަރަށް ވެސް ބޭސްވެރި ހަކީމުގެ މަޅީގައި ޖެހުނީތީ ލަދުގަންފައި ހުރެވެސް، 100 ރުފިޔާ ދީފައި ކުލިނުކުން ނުކުތެވެ. އަދި، ހިތާ ހިތާ ބުންޏެވެ. އަހަރެން އަތުން ގެއްލުނު 200 ރުފިޔާ އަނބުރާ ހޯދަން އަދި އަންނާނަމެވެ.

ދެން ހަފްތާއެއްހާ ދުވަސްކޮށްލާފައި ވިޔަފާރިވެރިޔާ އަނެއްކާވެސް ބޭސްވެރި ހަކީމުގެ ކުލިނިކަށް ދިޔައެވެ. މިއަދު އޭނާ ހުރީ ލޯ ނުފެންނަ ކަހަލަ ކަޅު އައިނެއް އަޅައިގެންނެވެ. އަދި، ޑޮކްޓަރާ ބައްދަލުކުރުމަށް ފަހު، ބުންޏެވެ. "އަހަރެންގެ ލޯ މުޅިން އަނދިރި ވެއްޖެއެވެ. މިހާރު އެއްގޮތަކަށް ވެސް އަހަންނަކަށް ނުފެނެއެވެ. މިކަމަށް އެއްވެސް ފަރުވާއެއް އެބަ އޮތް ހެއްޔެވެ؟"

ދެން ޑޮކްޓަރު ބުންޏެވެ. މި ކުލިނިކުގައި މުޅިން އަނިދިރިވެފައި ހުންނަ ލޯލޮލަށް ކުރެވޭނޭ ބޭހެއް އަދި ތައްޔާރު ނުކުރެވެއެވެ. އެހެންވެ، ބައްޔަށް ފަރުވާކުރެވެން ނެތުމުން، މި ކުލިނިކުގެ ސިޔާސަތުގެ ދަށުން، ފައްސަތޭކަ ރުފިޔާ ދޭނަމެވެ. އެހެން ބުނެފައި ވިޔަފާރިވެރިޔާގެ އަތަށް ފައިސާގެ ނޫޓެއް ލިޔެއެވެ.

ވިޔަފާރިވެރިޔާ ނޫޓަށް ބަލާލި އިރު، އެއީ 10 ރުފިޔާގެ ނޫޓެކެވެ. ދެން، ރުޅިއައިސްގެން ބުންޏެވެ. މިއަދު އަހަންނަށް ލަނޑެއް ނުދެވޭނެއެވެ. ތިޔަ ދިނީ 10 ރުފިޔާގެ ނޫޓެކެވެ. ދޭން އޮންނަނީ 500 ރުފިޔާއޭ ބުނީމު ނޫން ހެއްޔެވެ؟"

ޖަވާބުގައި ބޭސްވެރި ހަކީމުވެރިޔާ ބުންޏެވެ. "އެހެންވީމާ ލޮލުގެ ފެނުން ވެސް އަނބުރާ ލިބުނީތާއެވެ!" ދެން 10 ރުފިޔާ އަތުލާފައި، ބޭސްފަރުވާއަށް އޮންނަ އުޖޫރަކަމުގައިވާ 100 ރުފިޔާ ވިޔަފާރިވެރިޔާ އަތުން އަޅުގަނޑުމެންގެ ހީލަތްތެރި ބޭސްވެރި ހަކީމު ނެގިއެވެ.

ދެން ވިޔަފާރިވެރިޔާ ދިޔުމުން، ބޭސްވެރި ހަކީމު ބުންޏެވެ. މުސާރައިގެ ކުޑަ އުޖޫރަ ކޮންމެ ގޮތަކަށް ކަނޑައަޅާލެވިފައި އޮތަސް، އެއީ މައްސަލައެއް ނޫނެވެ. މިކަހަލަ ހަކީމީ ބޭސް ކުރުން ފަދަ އެތައް ވިޔަފާރިއެއް ކުރުމުގެ ފުރުސަތު މިހާރު އެބަ އޮތެވެ. މަކަރާއި ހީލަތް ބޭނުން ކޮށްގެންނެވެ. ރަސްގެފާނުގެ ރަސްކަމަށް ނުރައްކަލެއް ނެތީވިއްޔާ މިފަދަ ކޮންމެ ކަމެއް ވެސް ހުއްދައެވެ. ވައްކަމާއި ފަސާދައިގެ އަމަލުތަކެވެ. ޑުރަގު ވިޔަފާރިއެވެ. މަރާމާރީ ހިންގުމާއި މީހުން މެރުމެވެ. އަދި، ކިޔެއް ހެއްޔެވެ؟ މިފަދައިން ކަންކަން ކުރަން ލިބިފައި އޮންނަ ފުރިހަމަ މިނިވަންކަމުގެ ތެރޭގައި މުގައްދަސު ތަންތަނަށް ދެކަމު ހާޖަތަށް ދިޔުމާއި، މުގައްދަސު ފޮތްތަކަށް ކުޅުޖަހައި ރޯކުރުން ވެސް ހިމެނެއެވެ!

އަދިވެސް، އޭނަގެ ހިތަށް ވިސްނައިދީ، މިއީ ރަނގަޅު ގޮތް ކަމުގައި ބުނެދިނުމުގެ ގޮތުން ހިތާހިތާ އަރަބި ޅެން ބައިތެއް ވެސް ކިޔާލިއެވެ. ސިޔާސީ މުނާފިގުކަމުގެ ބަލީގެ ތެރޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަންއޮން ގޮތް އޭނާގެ ހިތަށް ހަނދާންކޮށްދިނުމަށްޓަކައެވެ. މަކަރާއި ހީލަތް ހަދަމުންދާއިރު އޭނާއަށް އިހުސާސުވާ އޭނާގެ ޒަމީރުގެ ކޮށުންތަކަށް އަޅާނުލައި، އޭނާގެ ޒަމީރު މަރާލުމުގެ ގޮތުން ވެސް މެއެވެ.

يساق للسجن من سب الزعيم * ومن سب الإله فإن الناس أحرار

'ވެރިޔާއާ ދިމާއަށް ބަދު ބަަސް ބުނާ މީހާ ލަވާފައި ޖަލަށް ގެންދެވެއެވެ. ނަމަވެސް އިލާހުވަންތަ ފަރާތަށް ބަދު ބަސް ބުނާ މީހާއާ ދޭތެރޭ ބެލެވެނީ މީސްތަކުންނަކީ (އޭނަ ވެސް ހިމެނޭ ގޮތުގައި، ބޭނުން އެއްޗެއް ބުނެވެން ޖެހޭނޭ) މިނިވަން ބައެއް ކަމުގައެވެ."

އެހެންވީމާ ސަލާމާއި ސަލަވާލެއްވި ކީރިތި ރަސޫލާގެ ކާޓޫނު ކުރެހުމާއި އެކަލޭގެފާނަށް ހަޖޫކިޔައި ބަދުބަސް ބުނުމަކީ ފަރުދީ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ބުނެ އަޑުއުފުލާފާނެއެވެ. މިފަދައިން އަޑުއުފުލާ މީހުން، އެ ފަަދަ ކަންކަން ކުށްވެރިކުރާ މީހުންނަކީ ދީނީ ހަރުކަށި ފިކުރުގެ މީހުންނޭ ވެސް، ބުނެފާނެއެވެ. ނޫނީ މިފަދަ އަމަލުތަކަކީ ކުރީ ސަރުކާރުން ފެށި ކަމެކޭ ވެސް ބުނެފާނެއެވެ. ހަގީގަތް ހޯދަން އުޅޭކަން ނުޖެހޭނެއެވެ. ކޮންމެ އެއްޗެއް ބުނި ކަމުގައި ވިޔަސް އެކަން ހުއްޓުވަން ފިޔަވަޅެއް ނޭޅޭނެއެވެ. އަދި އަޅަން ޖެހޭނޭ ކަމަކަށް ވެސް ނުދެކޭނެއެވެ. ގުނބޯ ހެއްދުމުގެ އެކަށޭނަކަން ލިބިގެންވާ ބަޔަކު މިފަދަ ވާހަކަތައް ހިތުން ރުހުމުން ބަލައިގަނެ، ގަބޫލުކޮށް، އެކަންކަން ދިފާއުކުރަން ތިބޭނެތީއެވެ. އެއީ ފަރުދީ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމަށްވާތީޔޯއޭ ބުނަމުންނެވެ! އެހެންވެ، ރަސްގެފާނާއި އޭނާގެ އަރިސް އައުވާނުންގެ މާތްކަމާއި މުގައްދަސުކަން، ގަދަރާއި ޝަރަފު، ބޮޑުކަމާއި މަތިވެރިކަން، ހައިބަތާއި މަގާމު، ކީރިތި ރަސޫލާއަށް ވުރެ، ނޫނީ މާތްކަލާގެ ކަލާންފުޅާއި އެކަލާނގެ ގެކޮޅުތަކަށް ވުރެ ވެސް ބޮޑުވަނީއެވެ! މުގައްދަސު ފަރާތްތަކާއި މުގައްދަސު ތަންތަނާއި އެއްޗިއްސަކީ އިހުތިރާމުކުރުން ހައްގު ފަރާތްތަކާއި ތަންތަނާއި އެއްޗިއްސެއް ނޫނެވެ! ހުރިހާ ވެސް ގަދަރަކާއި އިއްޒަތަކާއި ޝަރަފަކާއި އިހުތިރާމެއް ހައްގުވަނީ ހަމައެކަނި ރަސްގެފާނާއި ރަސްގެފާނުގެ އަރިސް އައުވާނުންނަށެވެ! އާދެ، ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ ފައިދާއެވެ! ރާއްޖޭގައި ތައާރަފުކުރެވުނު، އެ ނިޒާމުގެ ފޮނި ފޮނި މޭވާއެވެ.