Support Us

ކޮލަމް: ދިނަށަ

ފަޚުރުވެރިވާންވީ އަމިއްލަވަންތަކަމަށެވެ!

އަދަބާއި ޅެމާއި ފަލްސަފާ އާއި ލިޔުންތަކުން ބޭރު މީހުންގެ ކަންކަން ތަރުޖަމާކޮށް ހުށަހެޅުމުގައި އަމިއްލަވަންތަ މޮޅުކަމެއް ނެތެވެ. ކުރިއަރުވާންވީ އަމިއްލަވަންތަކަމާއި އަމިއްލަ ފިކުރާއި ހުނަރެވެ. ދިވެހި ކާބަފައިން ކުރިއަރައި ގޮސްފައިވަނީ އަމިއްލަވަންތަ ކަމުގައެވެ.

ދިވެހި ޅެންވެރިކަމުގެ ބާވަތްތަކުން ރައިވަރުގައި ފެންނާން ހުރި ޅެންވެރިކަމާއި އަދަބާއި ފަލްސަފާއަކީ ވެސް ދުނިޔޭގެ އެހެން ބަޔަކަށް ދިވެހި ކާބަފައިން ދަށުލާފައި އިތުރު ކުރިއެރުމެއް ހޯދިފައި ނުވާ މޮޅު ޅެންވެރިކަމެއް ކަމަށް ފަންނީ ޕްރޮފެސަރުންގެ ދޫތަކުން މިއަދު ދުނިޔޭގެ ފަންނީ މަކާންތަކުގައި އިޢުތިރާފު ވަމުން އަންނަކަން އެއީ އެކަމުގެ ހެކިތަކެވެ.

ފަޚުރުވެރިވާންވީ ބޭރު ބަހަކުން ބުނެފައިވާ މޮޅު ޢިބާރާތެއް ދިވެހި ބަހަށް ގެނެސްދެވިގެން އެކަމާއެއް ނޫނެވެ. ދިވެހި ކާބަފައިން އަދަބާއި ފަލްސަފާގެ ރޮނގުން ވުޖޫދު ކޮށްފައިވާ މުތްތަކުން ހިރަފުސް ފޮޅައި އޮފްދާރުކޮށް ގިރިޓީ ކުރެވޭ ކުރުމުގެ މައްޗަށެވެ.

އަމިއްލަވަންތަކަން ފިޔަވައި އެހެން ސަޤާފަތެއްގެ އެހެން ބަހުރުވައެއްގެ ކަންކަމަކީ ދިރުވައި އޭގެ މައްޗަށް ފަޚުރިވެރިވާންވީ ކަންކަމެއް ނޫނެވެ.
ޢިލްމިއްޔަ ދިރާސާތަކަށްޓަކައި ބޭރުމީހުންގެ ފަންނީ ކަންކަން ދިވެހިބަހަށް ގެނައުމަކީ ނުކުރާންވީ ކަމެކޭ ބުނަނީއެއް ނޫނެވެ. އެހެނަސް އެފަދަ އެއްޗެއް ދިވެހިބަހަށް ގެނެވުމަކީ، ފަޚުރުވެރި ވާންވީ ވަރުގެ ކަންކަމެއް ނޫނެވެ.