Support Us

ކޮލަމް: ދިނަށަ

ޤުދުރަތީ ރީތި މަންޒަރެއް މިރޭ ބަލައިލަން ބޭނުންތަ؟

މިރޭ، (ނޮވެމްބަރ 10 ވަނަ ދުވަހުގެ ރޭ) 6:30 އިން ފެށިގެން 11:29 ގައި ހަނދު އޮއްސޭންދެން މުސްތަރީ އާއި ޒުހުލާއި ހަނދު ކުންބަ ރާހީގައި ދަތުރުކުރާ މަންޒަރު ފެންނާނެއެވެ. ހަނދު ހުންނާނީ ކުންބަ ރާހީގެ 6 ދަރަޖައިގައެވެ. ޒުހުލު ހުންނާނީ 7 ދަރަޖައިގައެވެ. މުސްތަރީ ހުންނާނީ 23 ދަރަޖައިގައެވެ. އަދި 9:10 ގައި އޮއްސޭންދެން މަކަރަ ރާހީގެ 4 ދަރަޖައިގައި ހުރެގެން ޒުހުރަތު ވެސް ހަނދު ފިޔަވައި އެންމެ އަލިގަދަކޮށް އުދަރެހާއި އެންމެ ކައިރިން ފެންނަމުންދާނެއެވެ.

އަދި ފެނުން ފަނޑު ނަމަވެސް މަކަރަ ރާހީގެ 24 ދަރަޖައިގައި "ޕުލޯޓޯ" ވެސް އެވަގުތު އެކުގައި ދަތުރު ކުރަމުން ދާނެއެވެ.

ކުންބަ ރާހީން މުސްތަރީ ނުކުތުމަށްފަހު ދެން މުސްތަރީ އާއި ޒުހުލު އެއް ރާއްސަކުން ރާއްޖެއަށް ފެންނާނީ ގިނަ އަހަރުތަކެއްގެ ފަހުގައެވެ.

އެންމެ އަވަހަށް ވެސް މި ދެ ގުރަހަ ދެން އެއް ރާއްސަކުން ބައްދަލުވާނީ 2040 ވަނަ އަހަރުގައެވެ. އެއީ 2040 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު މާލޭގަޑިން 6:30 ގައި މި ދެ ގުރަހަ ތުލަ ރާހީގެ 17 ދަރަޖަ 56 ދަގީގުގައި އެއްއުއި ވާނެއެވެ. އެހެނެއް ކަމަކު މި ދެ ގުރަހަ 2040 ވަނަ އަހަރު އެކުގައި ދަތުރު ކުރާ ވަގުތު ތަކަކީ ރާއްޖެއަށް އުދަވެފައި ހުންނަ ވަގުތުތަކަށް ނުވާތީ އެ މަންޒަރު ރާއްޖެއަކަށް ނުފެންނާނެއެވެ. އަދި މިފަދަ މަންޒަރު ގިނަގިނައިން ފެނުމަކީ، އެހައި ޢާންމުކަމެއް ވެސް ނޫނެވެ.

އެހެންކަމުން މިރޭގެ މި މަންޒަރު ބަލައިލުމަކީ ލިބޭ ހެޔޮ ފުރުޞަތެކެވެ. މާތްރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ޢަޤްލީ ހެކިތަކުގެ ތެރޭގައި ހިމެނޭ މިފަދަ ކަންކަން ދެނެގަތުމަށްޓަކައި މިފަދަ މަންޒަރު ބަލައިލުމަކީ ނުކުރާންވީ ކަންކަމެއް ނޫނެވެ.