Support Us

އީމާންކަމުގެ ދަތުރު- 1

ނޯޓު: މިއީ މި ޒަމާނުގެ އިސްލާމީ އިލްމުވެރި ދާއީއެއް ކަމުގައިވާ ޑރ. އިޔާދު ޤުނައިބީގެ ސިލްސިލާއެއް ކަމުގައިވާ 'ރިޙްލިތު އަލްޔަގީން (ޔަގީންކަން ހޯދުމުގެ ދަތުރު)، މި ސިލްސިލާގެ ދިވެހި ތަރުޖަމާއެކެވެ. ދިވެހި ތަރުޖަމާ ހުށަހަޅާލަން ގަސްދުކުރަނީ، އަސްލު ވާހަކައިގެ މާނައަށް ރިއާޔަތްކޮށް، ބައެއް ތައުލީގާއި ކޮމެންޓާ ވެސް އެކުގައެވެ. މި ސިލްސިލާގައި އެކުލެވޭ ބައިތައް ވަކިވަކިން ހުށަހަޅާލެވޭ އިރު، ކޮންމެ ބައެއްގެ ވެސް އަސްލު ތަރުޖަމާއާ އެކު ފެންނަން އޮންނާނެއެވެ. އެއިން އެބައިގެ އަސްލު، އަރަބި ބަހުންނާއި އަދި އޭގެ އިނގިރޭސި ތަރުޖަމާ ވެސް ފެންނަން އޮންނާނެއެވެ. މި ސިލްސިލާގެ ބައިތައް އެހެން ބަސްބަހަށް ވެސް ދަނީ ތަރުޖަމާ ކުރެވެމުންނެވެ. މި ސިލްސިލާއާ ބެހޭ ގޮތުންނާއި އަދި، ޑރ. ޤުނައިބީގެ ސިޔަރަތާ ބެހޭ މައުލޫމާތު ތިރީގައިވާ ލިންކުން ލިބެން އޮންނާނެއެވެ. https://www.youtube.com/watch?v=aP8mjYPDCN0 އޭނާއަކީ ފަލަސްތީނަށް ނިސްބަތްވާ އުރުދުންގެ ރައްޔިތެކެވެ. އޭނާ މަތީ ތައުލީމު ހާސިލުކުރެއްވީ އެމެރިކާއިންނެވެ. ހިޔުސްޓަން ޔުނިވަސިޓީއިން، ފާމަކޮލޮޖީގެ ރޮނގުން ޕީ.އެޗް.ޑީ ހާސިލުކުރައްވާފައިވެއެވެ. އަދި، މި ދާއިރާއާ ގުޅޭ ގިނަ ލިޔުންތައް ލިޔުއްވާފައިވެއެވެ. މި ސިލްސިލާގެ ބައިތަކުން އޭގެ އިތުރު މައުލޫމާތު ލިބޭނެއެވެ.

ރާއްޖެ އިސްލާމްވިތާ އާ އަހަރެއް ފުރުމުގެ މުނާސަބާތް ފާހަގަކުރަމުންދާ ވަގުތެއްގައި މިފަދަ ދަތުރެއް، އާދެ، އީމާންކަން ދިރުވައި އީމާންކަން ވަރުގަދަ ކުރުމުގެ ދަތުރެއް ފެށުމަކީ ވަރަށް ވެސް މުނާސިބު ކަމެއް ކަމުގައި ދެކެމެވެ. އެގޮތުން، މާތްﷲގެ ހަޟުރަތުން ވާގި އެދޭ ހާލު، މި ސިލްސިލާ ތަރުޖަމާކޮށް، ދިވެހި ބަހުން ހުށަހަޅާލުމުގެ މަސައްކަތް ފަށައި، ސިލްސިލާގެ ފުރަތަމަ ބައި ގެނެސްދެމެވެ. -ޢ.ޣ.ޢ.ރ.، މުތަރުޖިމު-

ސިލްސިލާގެ ބިންގާ އަޅާލުން

އަހަރެން މުސްލިމެއްގެ ގޮތުގައި ހުންނަނީ ކީއްވެ ހެއްޔެވެ؟ ޔަގީންކަމާއެކު، އިސްލާމް ދީނަކީ ހައްގު ދީންކަން އަހަންނަށް ބުނެ އަންގައިދެނީ ކޮން ކަމެއް ހެއްޔެވެ؟ އިސްލާމް ދީނުގެ ނަބިއްޔާ، ސަލާމާއި ސަލަވާތްލެއްވި ކައު އިތުރު ރަސޫލާއަކީ ހަމަ ހަގީގަތުގައި ވެސް ރަސޫލު ބޭކަލެއް ހެއްޔެވެ؟ އެކަލޭގެފާނުގެ މައްޗަށް ބާވާލެއްވުނު، ކީރިތި ގުރުއާނަކީ ހަގީގަތުގައި ވެސް މާތްﷲ ބާވާލެއްވި، އެކަލާނގެ ކަލާމްފުޅު ހެއްޔެވެ؟

މި ހުރިހާ ކަމެއްގެ ކުރިން، އެންމެ ފުރަތަމައިން ވެސް، އަހާލަން ޖެހެނީ ހަގީގަތުގައި ވެސް ކަލަކު ވޮޑިގެންވޭ ހެއްޔެވެ؟ އާދެ، ހުރިހާ ވުޖޫދެއްގެ، ހަޔާތާއި ކާއިނާތުތަކާއި ކައުނުގެ، އަސްލު ކަމުގައިވާ މާތްﷲ ވޮޑިގެންވޭ ހެއްޔެވެ؟

ޣައިރު މުސްލިމުން ވެސް، އިސްލާމް ދީނުގެ އުނގެނުންތައް އުނގެނި ދަސްކޮށް، އިސްލާންވުމަށް ގޮވާލެވިފައިވަނީ ކީއްވެ ހެއްޔެވެ؟ އަދި، އަހަންނަށް ޣައިރު މުސްލިމުންގެ ދީންތައް އުނގެނުން ލާޒިމު ނުކުރަނީ ކީއްވެ ހެއްޔެވެ؟ [ޝައްކެއްނެތް ގޮތުގައި، ކީރިތި ޤުރުއާނުގައި އިސްލާމީ ހިދާޔަތުގެ ދޮރުވަނީ އެންމެންނަށްޓަކައި ވެސް ހުޅުވިފައެވެ. ނަމަވެސް، އެއްވެސް މީހަކަށް އިސްލާމް ދީން ގަބޫލުކޮށް، ބަލައިގަތުން މަޖުބޫރެއް ނޫނެވެ. ކަން މިހެން އޮތް ކަމުގައި ވިޔަސް، މުސްލިމުންނަށް ހުރިހާ މައިދާނެއްގައި ވެސް، އިލްމީ އަދި އަދަބީ މައިދާންތަކުގައި ވެސް އުނގެނެން ޖެހެއެވެ. އެ ގޮތުން، އިހުގެ މުސްލިމުން ފަދައިން، އެހެން ދީންތައް ވެސް އުނގެނެން ވެސް ޖެހެއެވެ. މިކަމުގެ ހެއްކެއްގެ ގޮތުން، ތަފްސީލީ ގޮތެއްގައި އެންމެ ފުރަތަމަ، ދުނިޔޭގެ ތާރީޚުގައި ދީންތައް އަޅާކިޔައި ފޮތްތައް ލިޔެ ތަސްނީފުކުރީ މުސްލިމު އިލްމުވެރިންކަން ފާހަގަކޮށްލަން ޖެހެއެވެ. ޝިހުރިސްތާނީގެ ކިތާބު އަލްމިލަލި ވަ އައްނިޙަލި މިސާލެއްގެ ގޮތުން ފުދެއެވެ.]

އިސްލާމް ދީނުގައި ހުދޫދުތަކުގެ ނަމުން ނަންދެވިފައިވާ އުގޫބާތުތަކެއް ކަނޑައެޅިފައި އޮތީ ކީއްވެ ހެއްޔެވެ؟

[އިހުގައި،] އިސްލާމީ ފިގުހުގައި އަޅުންގެން ގުޅުން ހުއްދަކުރެވިފައި އޮތީ ކީއްވެ ހެއްޔެވެ؟

އިސްލާމީ ފުތޫހާތުތައް، އެކި ތަންތަން ފަތަހަކުރުން، މެދުވެރިވީ ކިހިނެއް ހެއްޔެވެ؟

ނުބައިކަންކަން ވުޖޫދުގައި އޮންނަނީ ކީއްވެ ހެއްޔެވެ؟ ހަނގުރާމަތައްކޮށް (މީހުން މަރައި، ތަންތަން ސުންނާފަތިކުރުން) މެދުވެރިވަނީ ކީއްވެ ހެއްޔެވެ؟

އަނިޔާވެރިކަން އޮންނަނީ ކީއްވެ ހެއްޔެވެ؟

ކީރިތި ރަސޫލާގެ އަސްހާބު ބޭކަލުންގެ މެދުގައި ކަންކަމާ މެދު ޚިޔާލުތަފާތުވުން އޮތީ ކީއްވެ ހެއްޔެވެ؟

ކީރިތި ރަސޫލާ ﷺ ސުންނަތަކީ ހަގީގަތުގައި ވެސް ސާބިތުވާން އޮތްކަމެއް ހެއްޔެވެ؟ މުސްލިމެއް ކަމަށްވުމުން، ކީރިތި ރަސޫލާ ﷺ ސުންނަތަށް ތަބާވުމަކީ އަހަރެންގެ މައްޗަށް ލާޒިމު ކަމެއް ހެއްޔެވެ؟ ކޮންމެހެން ކުރަން ޖެހޭނޭ ކަމެއް ހެއްޔެވެ؟

އިސްލާމް ދީނުގެ ނަމުގައި ހުށަހަޅާލެވޭ އުނގަންނައިދިނުންތައް ބުއްދީގެ ހަމަތަކާ ފުށުއަރާ ކަމަށްވާ ނަމަ، އަހަރެން ކަންތައް ކުރަން ޖެހޭނީ ކިހިނެއް ހެއްޔެވެ؟

ލޮބުވެތި ބެލުން، (ކިޔުން)، ތެރިންނޭވެ! މިއަދު، 'ޔަގީންކަން ހޯދުމުގެ ދަތުރުގެ ނަމުން ނަންދެވިފައިވާ އާ ސިލްސިލާއެއް ފަށަން އަޅުގަނޑުމެން ގަސްދުކުރަމެވެ. ދެންމެ މި ހުށަހަޅާލި ސުއާލުތަކަށް، މި ސިލްސިލާގެ ތެރެއިން، ހިތްހަމަޖެހޭ ފަދަ، އެކަށީގެންވާ ޖަވާބުތަކެއް ދެވޭނޭ ހެއްޔެވެ؟ އިރާދަފުޅު ކުރެއްވިއްޔާ އާދޭހެވެ! އެކަމާ މެދު އެއްވެސް ޝައްކެއްނެތެވެ. ނަމަވެސް، އެ ސުއާލުތަކަށް ޖަވާބު ދިނުމުގެ ކުރިން، އަޅުގަނޑުމެންގެ ޚިޔާލުތަކާއި ފިކުރުތައް ތަރުތީބުކޮށް، އިންތިޒާމުކޮށްލަން ޖެހެއެވެ. މި ނަންގަތް ސުއާލުތަކުގެ ޖަވާބު އޭގެ މައްޗަށް ބިނާވާ އަސާސު، ބިންގާ، އަޅާލުމަށްޓަކައެވެ.

ޝައްކު އުފެދޭ ކަހަލަ ކަމެއް ދިމާވާ ކޮންމެ ފަހަރަކު، އަޅުގަނޑުމެންގެ އީމާންކަމަށް ގުޑުން އަރާކަމަށް ވަންޏާ، އަޅުގަނޑުމެންގެ އީމާން ކަމުގެ މޭޒު ވައްތަރުވާނީ އޭގެ ފައިތައް ދޫވެ، ވަރަށް ވެސް ބަލިކަށިވެފައިވާ މޭޒަކާއެވެ. އެހެންވީމާ، މިފަދަ މޭޒެއް އޭގެ މަތީ އެއްވެސް ބަރެއް ލިބޭ ފަދަ އެއްޗެއް، އެއީ ކިތަންމެ ލުއި އެއްޗެއް ކަމުގައި ވިޔަސް، ބޭވިއްޖެ ނަމަ، ހެލެން ފަށާނެއެވެ. މީހެއްގެ އިމާންކަމުގެ ހާލަކީ މިފަދަ މޭޒެއްގެ ހާލުކަމުގައި ވެއްޖެ ނަމަ، އެއް ޝުބުހާއަކުން، ޝައްކުކުރެވޭ އެއްކަމަކުން އަރައިގަނެވޭ އިރަށް އޮންނާނީ އެހެން ޝުބުހާއެއްގެ، ޝައްކު ކުރުމެއްގެ، ތެރެއަށް ވެއްޓިފައެވެ. އީމާންކަން ގެނެސްދޭ ޔަގީންކަމުގެ ފިނިކަން، ހިތުގެ ހަމަޖެހުން، އެ ފަދަ މީހަކަށް އިހުސާސެއް ނުކުރެވޭނެއެވެ. މިއާ ޚިލާފަށް، ޝުބުހާތުތައް، ޝައްކުތައް، މެދުވެރިވާ ކޮންމެ ފަހަރަކު، އޭގެ ތެރެއަށް ވެއްޓި، އެއް ޝައްކުގެ މައްޗަށް އަނެއް ޝައްކު އެޅި، ޝައްކުތައް ގިނަވެ، އެންމެފަހުން، އެކަމަކީ އޭނާގެ އީމާންކަން ފުނޑުފުނޑުކޮށްލައި، އެއްކޮށް ނެތިކޮށްލުން ވެސް މެދުވެރިކުރެއެވެ.

އެހެންވީމާ، މި ސިލްސިލާގެ އެންމެ ފުރަތަމަ މަގުސަދަކީ އަޅުގަނޑުމެންގެ އީމާންކަމުގެ ސައްހަ ތަނބުތައް ބަޔާންކުރުމެވެ. އީމާންކަން އޭގެ މައްޗަށް ބިނާވާ ކަންކަން ބަޔާންކޮށް ބުނެދިނުމެވެ. އެކަމުގެ މައްޗަށް އަޅުގަނޑުމެންގެ އީމާންކަން ބިނާވެފައިވާ ކަންކަން ބަޔާންކޮށްދިނުމެވެ. އީމާންކަމުގެ ސާބިތު، ނުގުޑާ، ވަރުގަދަ، ހިތަށް ޔަގީންކަން ގެނެސް، ހިތް ހަމަޖައްސައިދޭ ބިންގާތަކެވެ. އެއަށް ފަހު ވެސް، އެ ބިންގާތައް ދެނެގަތުމަށް ފަހު ވެސް، ފާޑުފާޑުގެ ސުއާލުތައް އަޅުގަނޑުމެންގެ ކުރިމައްޗަށް ހުށަހެޅިދާނެއެވެ. ނަމަވެސް، އޭރުން، އަޅުގަނޑުމެންގެ އީމާންކަމުގެ މޭޒަށް އެކަން ތަހައްމުލުކުރެވި، އުފުލޭނެއެވެ. އޭރުން، އެ ފަދަ ޝައްކުތައް އުފައްދާ ސުއާލުތަކުގެ ޖަވާބު ހޯދުން ގުޅޭނީ ކީރިތި ގުރުއާނުގެ ބަޤަރާ ސޫރަތުގެ 260ވަނަ އާޔަތުގައި އިޝާރަތް ކުރެވިފައިވާ [މަރުވުމަށް ފަހު، އަލުން ދިރުއްވަނީ ކިހިނެއްކަން ސަލާމްލެއްވި އިބުރާހީމުގެފާނު، ހޯއްދަވަން އުޅުއްވި] 'ތިމަންކަލޭގެފާނުގެ ހިތްޕުޅަށް އިތުރު ޔަގީންކަން ލިބި، ހިތްޕުޅު ހަމަޖެހި ދިޔުމަށްޓަކައޭ' ވިދާޅުވެ، އެކަން ހޯއްދަވަން އުޅުއްވި އުޅުއްވުން ފަދަ ގޮތާއެވެ. އެފަދަ ސުއާލުތަކުގެ ޖަވާބު ލިބިއްޖެ ނަމަ، އެކަމުގެ ނިއުމަތަށް ހަމްދާއި ޝުކުރު ހުއްޓެވެ. އެކަމުގެ ޖަވާބު [ވަގުތުން] ނުލިބުނު ނަމަ، އެ ސުއާލާ ގުޅޭ ކަން ހިމަނާލެވޭނީ އެކަންކަން ގަބޫލުކޮށް ތަސްލީމުކުރެވޭ ކަންކަމުގެ ކުޑަ ދަށުގެ ތެރޭގައެވެ. [ފަހަރެއްގައި ވެސް، އެކަން ގަބޫލުކުރަމާއި ތަސްލީމުކުރުން ބިނާވަނީ ކަނު އަނދީރިގެ ގަބޫލުކުރުމުގެ މައްޗަކަށް ނޫނެވެ.] ނަމަވެސް، އެކަން އުފެދިގެން އަންނަނީ ބުއްދީގެ ހަމަތަކުގެ މައްޗަށް ބިނާވެފައި އޮންނަ އީމާންކަމެއްގެ ތެރެއިންނެވެ. މިއީ އަގުލާނީ ސިފައެއްގެ މައްޗަށް، ސަލާމަތް ބުއްދި ބޭނުންކޮށްގެން ނެރޭ ނަތީޖާއެއްގެ މައްޗަށް، ބިނާވެފައި އޮންނަ ހެޔޮ ގޮތެކެވެ. [މިކަންކަމުގެ ތަފަސީލުތައް ސިލްސިލާގެ އެކި އެކި ބައިތަކުން ފެންނަމުންދާނެއެވެ.] މިފަދަ ތަސްލީމަކާއެކު، ދީލާލުމަކާއެކު އޮންނަނީ އުނގެނުމެވެ. އަދި، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް، އުނގެނުމުގެ ރަނގަޅު މަސްދަރުތަކުން އުނގެނެން މަސައްކަތްކޮށްފި ނަމަ، އޭނަގެ ކުރިމައްޗަށް ހުށަހަޅާލެވޭ، ޝުބުހާތުއް، ޝައްކުތައް، އުފައްދާ ދެންމެ މި ނަންގަތް ފަދަ ސުއާލުތަކަށް، ހިތަށް ޔަގީންކަން ގެނެސް، ހިތް ހަމަޖައްސައިދޭ ފދަ ޖަވާބު ލިބޭނެއެވެ. ދެން، އޭނާގެ މިފަދަ ސުއާލުކުރުންތައް ފުރޮޅިގެންދާނީ އޭނާގެ ގާތުގައި އިސްލާމް ދީނުގެ ސައްހަކަށް ވަރުގަދަކޮށްދޭ އިތުރު ތަނބަކަށެވެ. ޑރ. މުހައްމަދު ދައްރާޒު ވިދާޅުވެފައި އޮންނަ ފަދައިން، ސާފުކޮށް އެނގެން އޮންނަ ހައްގުގެ ކުރި މައްޗަށް ގެނެވޭ ކޮންމެ ޝުބުހާއަކީ އެ ޝުބުހާ ހައްގުގެ ބާރުގައި، ހައްގުގެ ކޮޅަށް އެ ޝުބުހާ އަނބުރާލާނޭ، އަދި، ހައްގު ދިފާއުކުރާނޭ ހެއްކާއި ހުއްޖަތްތަކުގެ ލިސްޓުގެ ތެރޭގައި ހިމާނާލެވޭނޭ އިތުރު ހުއްޖަތަކަށް ވެގެންދާނެއެވެ.

އީމާންކަމުގެ ބިނާ އޭގެ މައްޗަށް އާރާސްތުކުރެވޭ ތަނބުތައް ބިނާކުރުމަށް ފަހު، ދެން، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެނބުރިލާނީ ދީނާ މެދު އުފައްދާ ޝުބުހާތުތަކާއި ޝައްކަތުތަކާ ދޭތެރޭ ކަންތައް ކުރާނޭ ހެޔޮ މަންހަޖު، މަގު، ބަޔާންކުރުމަށެވެ. މަޑުމައިތިރިކަމާ އެކު، އަޅުގަނޑުމެންނާ ކުރިމަތިކުރާ އެފަދަ ސުއާލުތަކާ މެދު ހެޔޮ ގޮތުގައި، އިލްމީ ސިފައެއްގައި ކަންތައް ކުރާނީ ކިހިނެއް ކަން ބަޔާންކުރުމަށެވެ. އަދި ކިއެއް ހެއްޔެވެ؟ މީގެ އިތުރުން، އަޅުގަނޑުމެންނަށް އެފަދަ ސުއާލުތަކުގެ ތެރެއިން، [ދެންމެ މިނަންގަތް ފަދައިން]، އަޅުގަނޑުމެންނަށް ފުރޮޅާލައި، ބަދަލުކޮށްލެވެން އޮތް އެއްޗެއް، އަޅުގަނޑުމެންގެ އީމާންކަށް އިތުރުށް ސާބިތުކޮށް ވަރުގަދަކޮށްދޭ ތަނބުތަކަކަށް ފުރޮޅައި ބަދަލުކޮށްލެވޭތޯ ބަލާނީއެވެ. އަދި، އަޅުގަނޑުމެންގެ ނަފްސާ މި ސުއާލުކޮށްލުމަށް އެނބުރި އަޅުގަނޑުމެން ދާނަމެވެ. 'އެންމެ ފުރަތަމަ، މަތީގައި ނަންގަތް ފަދަ ޝުބުހާތުތައް އުފެދެން ދިމާވަނީ ކީއްވެ ހެއްޔެވެ؟ މިފަދަ ސުއާލުތައް އުފެދި، އިންސާނާގެ ނަފްސު ހައިޖާނުކޮށްލުމީ ހުރިހާ އިންސާނުންނަށް ވެސް ކުރިމަތިވާ އާންމު ކަމެއް ހެއްޔެވެ؟ ނޫން ނަމަ، މިކަމަކީ، ނަފްސާނީ ގޮތުން އަޅުގަނޑުމެން ބަލިވެ، އެކަން ބަރުދާސްތުކުރަމުންދާކަމުގެ އަލާމާތްތަކެއް ހެއްޔެވެ؟ ޝުބުހާތުތައް އުފައްދާ މިފަދަ ސުއާލުތަކާއިގެ އަޅުގަނޑުމެން މަޝްއޫލުވެ، އަޅުގަނޑުމެންގެ ވަގުތުތައް އެކަމުގައި ހޭދަކޮށްލަން ޖެހޭ ސަބަބަކީ، އަޅުގަނޑުމެންގެ ނަފްސާއި އަދި އަޅުގަނޑުމެންގެ ދީނާ މެދު، އަޅުގަނޑުމެންނާ އަދާވާތެރިވާ މީހުންގެ ލޮލުން އަޅުގަނޑުމެންނަށް ބެލުމުގެ ނަތީޖާއެއް ނޫން ބާވައޭ ހިތަށް އަރައެވެ؟ އެފަދަ އަދާވާތްތެރިން، ޚަބަރު ފަތުރައި އަދި އަސަރުކުރުވާ ވަސީލަތްތަކުގެ [ނޫސް، ޓީ.ވީ.، ތަމްސީލު، ފިލްމު، ޚަބަރު ފަތުރައި އަސަރުކުރުވާ އިޖުތިމާއީ ވަސީލަތްތައް] މައްޗަށް ވެރިވެ، ބާރު ހިންގުމުގެ ސަބަބުން، އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރުކުރުން، އަޅުގަނޑުމެންގެ އިހުސާސުތައް، އަޅުގަނޑުމެންގެ ޒައުގާއި (ރަހައާއި) އަޅުގަނޑުމެންގެ އަޚުލާގީ ހަމަތައް އަނބުރާލައި އަލުން ތަރުތީބުކޮށް، ހެވަކީ ނުބައިކަމަށް، އަދި ނުބަޔަކީ ރަނގަޅުކަމަށް ދެއްކުމުގެ ނަތީޖާއެއް ނޫން ބާވައެވެ؟ [މިކަމުގެ އެންމެ ރަނގަޅު އެއް މިސާލަކީ، މީގެ ސާޅީހަކަށް އަހަރު ކުރިއަށް ބަލާލި ކަމުގައި ވިޔަސް، އެއްޖިއްސުގެ ގުޅުން ހިންގުން ފަދަ އެންމެން ވެސް އެއީ އަޚުލާގީ ގޮތުން ނުބައިވެގެންވާ ކަމެއްކަން ދުށް ކަންކަން މިއަދު މިއޮތީ ޚަބަރު ފަތުރާ ވަސީލަތްތަކުގެ ބާރުގައި ހަމަ އެންމެ ރަނގަޅުކަމަށް ދުށުމަށް ބާރުއެޅި، ފުރަގަސް ފަރާތަކީ ޖިންސީ ގުނަވަނެއްކަމުގައި– މިއީ ސައިންސާ ކަނޑައެޅިގެން ޚިލާފު، އަދި، އެގޮތަށް ދެކިއްޖެ ނަމަ، އެތައް ސިއްހީ އަދި ނަފްސާނީ މައްސަލަތައް މެދުވެރިކުރުވާ ކަމަކަށްވީ އިރުވެސް- އަދި، މީސްތަކުންގެ ހިތްތަކަށް އެ ގޮތް ވައްދައިދީފައެވެ. އާދެ، ތިމާމެންގެ އަމިއްލަ ސަލާމަތް ބުއްދި ބޭނުންނުކޮށް ވަކި ގޮތެއް މީސްތަކުންގެ ތެރޭގައި ފަތުރަން އުޅުމުގެ ވަރަށް ރަނގަޅު މިސާލެކެވެ.]

އަޅުގަނޑުމެންގެ ނަފަސުގައި ޝުބުހާތުތައް އުފެދޭ ސުއާލުތަކައީ މައްސަލަތައް އުފެއްދުމުގެ ފުރުސަތު، އަޅުގަނޑުމެންގެ އަދާވަތްތެރިންނަށް ދިނުމަކީ އަޅުގަނޑުމެންގެ އިންސާނީ ކަރާމަތާއި އަދި ވިސްނުމުގެ އަމިއްލަ މިނިވަންކަމާ އެކަށީގެންވާ ކަމެއް ހެއްޔެވެ؟ އަދި، މި ގޮތަށް ކަންތައްކޮށް، ބައެއް ފަހަރު ދިފާއުކުރުމުގެ ގޮތް ޚިޔާރުކޮށްގެން، ނޫނީ އަނެއް ބައިފަހަރު [މާތްﷲ ވޮޑިގެންވުން ފަދަ ދީނީ ޖައުހަރީ ކަންކަމާ މެދު] ޝައްކުކުރާ ބައެއްގެ ގޮތް ޚިޔާރުކުރުން އެއީ އަޅުގަނޑުމެން ގޮތް ކަމުގައި ދެކި، ފުއްދާލައި ފަރުޖައްސާލައިގެން އަޅުގަނޑުމެން ހަމަ ތިބެންވީ ހެއްޔެވެ؟

އަޅުގަނޑުމެންގެ މި ސިލްސިލާގެ އަމާޒުފަތްގަނޑަކީ ހިތްތަކުގައި އީމާންކަމުގެ ޔަގީންކަމާއި މުސްލިމަކަށްވީތީ ފަޚުރުވެރިވުމުގެ އިހުސާސު އާކޮށް އަލުން ދިރުވައި ބިނާކުރުމެވެ. މިކަން ކުރުމުގެ ގޮތުން އަޅުގަނޑުމެން އެނބުރިދާނީ އަޅުގަޑުމެންގެ ދީނުގެ ތައުލީމާތުތަކުގެ މޫތަކަށެވެ. އާދެ އަޅުގަނޑުމެންގެ ދީނުގެ އަސްލުތަކަށެވެ. އަސާސުތަކަށެވެ. އެންމެ ފުރަތަމަ އަޅުގަނޑުމެން މަސައްކަތްކުރާނީ އަރަހުށި ހުސްތާހިރުވަންތަ މާތްﷲ ވޮޑިގެންވުން ސާބިތުކޮށްދިނުމަށެވެ. ދެން، އެއަށް ފަހު، ސަލާމާއި ސަލަވާތްލެއްވި މުހައްމަދުގެފާނަކީ މާތްﷲގެ ރަސޫލެއްކަން ސާބިތުކޮށްދިނުމަށެވެ. އަދި، ކީރިތި ޤުރުއާނަކީ މާތްﷲގެ ކަލާމްފުޅުކަން ބަޔާންކޮށްދިނުމަށެވެ. ދެން، އަންނަނި ކަންކަން ބިނާކުރާނީ މި އަސާސުތަކުގެ މައްޗަށެވެ. މިމައްސަލަތައް ހުށަހަޅާލެވޭނީ، އިރާދަކުރެއްވިއްޔާ، ފަސޭހައިން ވިސްނޭ، ނަމަވެސް ހިތަށް ޔަގީންކަމާއި ހަމަޖެހުން ލިބިދޭ، އަދި އަޑުއަހާ މީހުން ގަޔާވެސްވާ ސިފައެއްގައެވެ.

މި ސިލްސިލާގެ ފުރަތަމަ ބައިތަކުގައި މުޚާތަބުކުރެވެނީ ކާކާ ހެއްޔެވެ؟ އެންމެނާއެވެ. ކަލަކު ވޮޑިގެންވާކަން ގަބޫލު ނުކުރާ ލާއިލާހީން (އެތީސްޓުން) ނެވެ. ކަލަކުވޮޑިގެންވާ ކަމާ މެދު، ވަކިކޮޅަކަށް ނުޖެހި ޝައްކުމަތީ ތިބޭ ނޭންގީން (އެގްނޮސްޓިކުން) ނެވެ. އަދި، ދީނީ ކަންކަމާ މެދު ހިތުގައި ޝައްކުތައް އުފެދިފައިވާ މީހުންނެވެ. އަދި، ޚުދް، އީމާންވެގެން ތިބި މީހުން ވެސް މެއެވެ. މީގެ އިތުރުން، ކުޑަވެސް ޝައްކުކަމެއް ނެތި، މާތްﷲއަށާއި އެކަލާނގެ ރަސޫލާއަށް، ހިތުގެ އެންމެ ފުން މިނުން އީމާންވެ ތިބި މުއުމިނުންވެސް މެއެވެ. އާދޭހެވެ! މިފަދަ މުއުމިނުންނާ ވެސް މި ސިލްސިލާގެ ބައިތައް މުޚާތަބުކުރެއެވެ. ކީއްވެ ހެއްޔެވެ؟ މަގުސަދަކީ ކޮބައި ހެއްޔެވެ؟ މިކަމުން، އެފަދަ މުއުމިންނަށް ލިބޭނޭ ފައިދާއަކީ ކޮބާ ހެއްޔެވެ؟ މިކަމުގައި އަޅުގަނޑަށް އޮތީ ކޮން އެއްޗެއް ހެއްޔެވެ؟ މުއުމިނެއްގެ ހައިސިއްޔަތުން، މިކަމުން، އަޅުގަނޑަށް ލިބެން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟

މިކަމުން ކަލެއަށް ބޮޑުވެގެންވާ ފަސް ފައިދާއަކުން ފައިދާ ކުރާނެއެވެ. އިރާދަކުރެއްވިއްޔާ، ދެން އަންނަ ބައެއްގައި މި ފަސް ފައިދާއަކީ ކޮބައިކަން ކަނޑައަޅާލެވި، އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކައި އެކަން ބަޔާންކުރެވޭނެއެވެ.

ލޮބުވެތި ބެލުން/ކިޔުންތެރިންނޭވެ! މި ސިލްސިލާގެ ސަބަބުން، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ހިތްތަކުގައި އީމާންކަމުގެ ޔަގީންކަމުގެ މޫ ލައްވައި، ވަރުގަދަކޮށް، އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ހިތްތަކަށް ފިނިކަން ގެނެސްދޭނެއެވެ. އަދި، އަޅުގަނޑުމެންގެ ދީނީ އަޚުލާގީ ސަމުގާ ހަމައަކަށް އަޅުވައި، އަޅުގަނޑުމެންގެ ހުއްޖަތް، ޒުވާބު ދިނުން ވަރުގަދަކޮށް، މިކަންކުރުމުގެ ބާރު އަޅުގަނޑުމެންނަށް ލިއްބައިދޭނެއެވެ. އަދި އެ ގޮތުން، ހެޔޮ މަގުގައި ދެމި ތިބުމުގެ އަޒުމުގެ ހުޅުގަނޑު ރޯކޮށް، މާތްﷲގެ އިރާދަފުޅާއެކު، އަޅުގަނޑުމެން ވެގެންދާނީ ހެޔޮމަގަށް އަލިކޮށްދޭ އަލީގެ މުންނާރުތަކަކަށެވެ. އެހެންވެ، މި ސިލްސިލާގެ ބައިތައް ބަލައި ކިޔައި، އަމިއްލައަށް ވިސްނައި ފިކުރުކުރުން ކުރިއަށް ގެންދާށެވެ!

(ތަރުޖަމާއެއް)