Support Us

ދަތުރުވެރިޔާއާއި ޖުހާ

އެއްދުވަހަކު ދަތުރުވެރިޔަކު ޖުހާއާ މަގުމަތިން ބައްދަލުވިއެވެ. އިރު އޮއްސުމުގެ ކުރިން، ޖެހިގެން އޮތް ރަށަށް ފޯރާނެތޯ ސާފުކޮށްލުމުގެ ގޮތުން ދަތުރުވެރިޔާ ޖުހާއާ ސުއާލުކޮށްލިއެވެ.

"ކައިރީގައި އޮތް މިވެނި ރަށަށް ހިނގާފައި ދާން ކިހާ އިރެއް ނަގާނެ ހެއްޔެވެ؟"

ދަތުރުވެރިޔާގެ ވާހަކައަށް ޖުހާ އެއްޗެއް ނުބުނުމުން، ސުއާލު އަޑު ނީވުނީ ކަމަށް ބަލައި، ތަންކޮޅެއް ބާރަށް ދަތުރުވެރިޔާ ބުންޏެވެ. "ކައިރީގައި އޮތް މިވެނި ރަށަށް ދާން ކިހާއިރެއް ނަގާނެ ހެއްޔެވެ؟"

އަނެއްކާ ވެސް ހަމަ އެކައްޗެއް ވެސް އިވޭ ކަމަށް ނުހަދައި ދަތުރުވެރިޔާގެ މޫނަށް ބަލަހައްޓައިގެން ޖުހާ ހުއްޓެވެ.

މި ފަހަރު ދަތުރުވެރިޔާއަށް އެނގުނީ ޖުހާއަށް ދަތުރުވެރިޔާ ބުނި އެއްޗެއް ނީވުނީ ނޫންކަމެވެ. ނަމަވެސް، ދަތުރުވެރިޔާ ދުށީ، ޖުހާއަށް ދަތުރުވެރިޔާގެ ވާހަކަ އިވުމުން ވެސް، ފޮނިވެފައި، އެއްޗެއް ނުބުނީކަމެވެ. ދެން، ވަރަށް ރުޅިއައިސްގެން، ކުރިއަށްވުރެ ވެސް ބާރަށް ޖުހާގެ ކަންފަތް ބުޑުގައި ދަތުރުވެރިޔާ ހަޅޭލަވައިގަތެވެ. "މިހިރަ ބީރާއެވެ! ކަލޭ ކުރެން އަހަރެން މިއަހަނީ މިތާ ކައިރީގައި އޮތް ރަށަށް ހިނގާފަ ދާން ކިހާ އިރެއް ނަގާނެ ހެއްޔެވެ؟" މިިހެން ބުނެފައި، އައިސްފައި ހުރި ރުޅިއާއެކު ދުރުދުރުގައި ފިޔަވަޅު އަޅަމުން ވަރަށް ބާރަށް ހިނގައިގަތެވެ.

މިތަން ބަލަން ހުރެފައި، ދަތުރުވެރިޔާއަށް ތަންކޮޅަކަށް ދެވުމުން، ޖުހާ ގޮވާލިއެވެ. "ދޮޅު ގަޑި އިރެވެ!" ދެން، ދަތުރުވެރިޔާ އެނބުރި ބަލާލާފައި ގޮވާލިއެވެ. "ކުރިން ތިހެން ނުބުނީ ކީއްވެހެއްޔެވެ؟" ޖަވާބުގައި ޖުހާ ގޮވާލިއެވެ. "ކަލޭ ހިނގާ ބާރުމިނެއް ނޭނގެނީސް އެއާމެދު އެއްޗެއް ބުނާކަށް ނޭނގޭނެ ނޫން ހެއްޔެވެ!"

އިބުރަތް: ސުއާލެއް ކުރިޔަސް ނޫނީ ޖަވާބެއް ދިނަސް، ރަނގަޅަށްއޮޅުން ފިލައި، ސާފުވާނޭހެން، ބުނާ އެއްޗެއް ބުނަން ޖެހެއެވެ!