Support Us

ކުރު ވާހަކަ: ކުޑަކުއްޖަކަށް ސިޔާސީ ފަސާދައަކީ ކޮބައިކަން ބުނެދިނުން

އެއްދުވަހަކު، ކުޑަކުއްޖަކު މަދަރުސާއިން އައިސް އޭނާގެ ބައްޕައާ ސުއާލުކުރިއެވެ.

ކުޑަ ކުއްޖާ: ބައްޕާއެވެ! މިއަދު ކިލާހުގައި އިވުނު އިބާރާތެކެވެ. 'ސިޔާސީ ފަސާދަ' އޭ ކިޔައިގެން ކުދިން ވާހަކަދައްކާ ހެދި އަޑު އެހީމެވެ. ނަމަވެސް، އަޅުގަނޑަކަށް އެއީ ކޮބައިކަމެއް ހަމަ އެއްގޮތަކަށް ވެސް ވިސްނޭ ގޮތެއް ނުވިއެވެ. އަޅެ ބައްޕަ އަޅުގަނޑަށް ސިޔާސީ ފަސާދައަކީ ކޮބައިކަން ކިޔައި ދެއްވަފާނުތޯއެވެ!

ބައްޕަ: ސިޔާސީ ފަސާދައަކީ ކޮބައިކަން ވިސްނޭ ވަރަށް ވުރެ ދަރިފުޅު އަދި ތަންކޮޅެއް ކުޑައެވެ. ނަމަވެސް، އެ މަފްހޫމު، މާނައަކީ އެ އިބާރާތުގެ މާނަ، ދަރިފުޅަށް ވިސްނިދިޔުމަށްޓަކައި އެނގިގަންނަން ޖެހޭނޭ ކަންކަން އެބަ ހުއްޓެވެ. މިސާލަކަށް ދައުލަތް ދައުލަތުގެ ޚަޒާނާ، ރައްޔިތުންގެ މަޖުލީހާއި ސަރުކާރު، ރައްޔިތުންނާއި މަސައްކަތް ކުރާ އާމިލުން އަދި މުސްތަގުބަލު ފަދަ މަފްހޫމުތަކެވެ. ސިޔާސީ ފަސާދައަކީ ކޮބައިކަން އެނގޭނީ އެންމެ ފުރަތަމަ މި މަފްހޫމުތައް، މި އިބާރާތްތަކުގެ މާނަތައް ރަނަގަޅަށް ދަސްވެގެންނެވެ. ދަރިފުޅަށް މި ލަފްޒުތަކުގެ މާނަ އެނގޭ ހެއްޔެވެ؟

ދަރިފުޅު: ނޫނެކެވެ. ނޭނގެއެވެ!

ބައްޕަ: އެހެންކަމަށް ވަނީ ނަމަ، އެންމެ ފުރަތަމަ މި ލަފްޒުތަކުގެ މާނަ ބައްޕަ ދަރިފުޅަށް ކިޔައިދޭނަމެވެ. ދަރިފުޅަށް ވިސްނިދާނޭ ގޮތެއްގެ މަތިންނެވެ. ބައްޕަމެންގެ ގެ ރަމްޒުކޮށްދެނީ ދައުލަތް ކަމަށް ބަލާށެވެ! ދެން، ބައްޕައަކީ ގެއަށް ފައިސާ ހޯދާ މީހާ ނޫން ހެއްޔެވެ؟ އެހެންވެ، ބައްޕައަކީ ދައުލަތުގެ ޚަޒާނާކަމަށް ބަލާށެވެ! ދެން، ދަރިފުޅުގެ ކަންތައްތައް ބައްޕައާއި މަންމައާއި ގޭގެ ބޮޑެތި އެހެން މީހުންވެސް ބަލަން ޖެހޭ ނޫން ހެއްޔެވެ؟ އެހެންވެ ދަރިފުޅު ރަމްޒުކޮށްދެނީ ރައްޔިތުންނެވެ. ދެން، ގޭގެ ކަންކަން ބަލަހައްޓައި ހިންގަނީ މަންމަ ނޫން ހެއްޔެވެ؟ އެހެންވެ، މަންމަ ރަމްޒުކޮށްދެނީ މަޖުލީހާއި ސަރުކާރެވެ. ދެން، ގޭގައި ޚިދުމަތްކޮށް ދޭން އުޅެ ރީތިރީތި މަންދައްތަ ރަމްޒުކުރަނީ މަސައްކަތްތެރި އާމިލުންނަށް ކަމުގައި ދެކޭށެވެ! ދެން އޮތީ މުސްތަގުބަލެއް ނޫން ހެއްޔެވެ؟ ތުއްތު ތުއްތު ކޮއްކޮ އަކަށް އެއްވެސް، ކަމެއް އަމިއްލައަކަށް ނުކުރެވޭ ނޫން ހެއްޔެވެ؟ ތުއްތު ކޮއްކޮ ރަނގަޅު ގޮތުގައި ބޮޑުކުރުމަށް ގޭ އެންމެން ވެސް އަޅާލަން ޖެހޭ ނޫން ހެއްޔެވެ؟ އެހެންވެ، ތުއްތު ކޮއްކޮ ރަމްޒުކޮށްދެނީ އަހަަރުމެން އެންމެންގެ މުސްތަގުބަލެވެ!

ދެން ދަރިފުޅު މިކަންކަމާ މެދު ރަނގަޅަށް ވިސްނާލާށެވެ! މިކަންކަން ވިސްނުނީމާ ސިޔާސީ ފަސާދައަކީ ކޮބައިކަން ވިސްނައިގަންނަން ފަސޭހަވާނެއެވެ.

ބައްޕަގެ ވާހަކަ އަޑުއަހައިފައި، ދަރިފުޅު ނިދަން ދިޔައެވެ. ނަމަވެސް، އެތައް އިރެއްވީ އިރުވެސް ނިދޭ ގޮތެއް ނުވިއެވެ. ދެން، އެހެން އޮއްވާ ކުޑަ ކޮއްކޮ ރޯ އަޑު އިވެއްޖެއެވެ. އެއްގޮތަކަށް ވެސް ކުޑަ ކޮއްކޮ ހުއްޓާނުލީމާ، ހިތަށް އެރީ ވާނުވާ ބަލާލަން ދާށެވެ. ދެން، ކުޑަ ކޮއްކޮ ކޮޓަރިއަށް ވަދެ ބަލާލި އިރު، ކަމަކު ދާކަށް ނެތެވެ. ކުޑަ ކޮއްކޮއަށް އޮތީ ވަރަށް ބޮޑަށް ޕުއްޕުލެވި، ހަޑިވެފައެވެ. ދެން، އަވަހަށް މަންމަ ކޮބައިތޯ ބަލާލަން ދިޔައިރު، މަންމަ އޮތީ ގަދައަށް ނިދާފައެވެ. މަންމަ ކައިރީ ބައްޕަ ނެތުމުން، ބައްޕަ ހޯދަން ވެގެން އެއް ކޮޓަރިން އަނެއް ކޮޓަރިއަށް ބަލަމުން ދިޔައެވެ. އެހެން ގޮސް ރީތިރީތި ޚާދިމާ މަންދައްތަ ކޮޓަރިއާ އަރާ ހަމަވިތަނުން، އެ ކޮޓިަރިން ބައްޕައާއި މަންދައްތައް ވާހަކަދައްކާ އަޑާއި ހޭ އަޑު އިވުނެވެ. ދެން، ކޮންމެ އަކަސް، ހަދާނެ ނުހަދާނެ ގޮތެއް ނެތިގެން، ދަރިފުޅު އެނބުރި އޭނާ ކޮޓަރިއަށް ގޮސް، އަނެއްކާ ވެސް ނިދޭތޯ އޮށޯތެވެ.

އަނެއް ދުވަހު، ސައިބޯން އިނދެފައި ބައްޕައަށް ދަރިފުޅު ނަންގަތެވެ.

ދަރިފުޅު: ބައްޕާއެވެ. މިހާރު އަޅުގަނޑަށް ސިޔާސީ ފަސާދައަކީ ކޮބައިކަން ވިސްނިއްޖެއެވެ.

ދެން ބައްޕަ ބުނުއްވިއެވެ. އެއީ ސިޔާސީ ފަސާދައަކީ ކޮބައިކަން އަޅެ ބުނެދީ ބަލާށެވެ.

ދަރިފުޅު: އެއީ ދައަލުތުގެ ޚަޒާނާ ރީތިތީރި މަސައްކަތު ކުދިންނާއެކު މުނިފޫހި ފިލުވުމަށް ހޭދަކުރެވެމުންދާއިރު، މަޖުލީހާއި ސަރުކާރު ގަދަ ނިންޖަކުން ނިދައިފައި އޮތުމެވެ. ދެން، ރައްޔިތު މީހާ އޭނާއަށް އަޅާނުލެވި، ވާނުވާ ނޭނގި، ހަދާނެ އެއްވެސް ގޮތެއް ނެތިފައި، ލޮލުފިޔަ ވެސް ޖަހާ ނުލެވި އޮންނަން ޖެހެއެވެ! ދެން، މުސްތަގުބަލަށް ވާނީ ކިހިނެއް ހެއްޔެވެ؟ މުސްތަގުބަލު އޮންނާނީ ނަޖިހުގެ ތެރެއަށް ގެނބި، ނަޖިހާ ތަތްތެޅި އެއްކޮށް މޮޑެވިފައެވެ!

(ތަރުޖަމާއެއް)