Support Us

ރަސްގެފާނާއި ހަކީމު: މައްސަލަ ހައްލުކުރާކަށް ނުވާނެއެވެ.

އެއްސަހަރެއްގައި އުޅުއްވި ރަސްކަލެކެވެ. އެ ރަސްގެފާނުގެ ޚާއްޞަ ހަކީމަކު (ޑޮކްޓަރަކު) ހުރެއެވެ. އާލާސްކަންފުޅެއް ޖެހިއްޖެނަމަ މުޅީން ވެސް ބޭސްފަރުވާ ކުރައްވަނީ މި ދެންނެވި ހަކީމެވެ. އެކަމަށް ވަރަށް ބޮޑު އުޖޫރައެއް ވެސް ދެއްވައެވެ.

ރަސްގެފާނުގެ އިސްތަށިފުޅުގައި ރިއްސާތީ މި ދެންނެވި ހަކީމު ބޭސްފަރުވާ ކުރާތާ އެތައް ދުވަހެކެވެ. މުޅީން ފަސޭހަފުޅެއް ނުވެއެވެ.

މިހެން މިކަން ދަނިކޮށް އެއް ދުވަހަކު ރަސްގެފާނުގެ އިސްތަށިފުޅުގެ ރިހުން މާބޮޑުވެގެން އަނެއްކާ ވެސް ހަކީމު ބަލައި ފޮނުއްވިއެވެ. އެ ދުވަހު ހަކީމު އޮތީ ވަރަށް ބޮޑަށް ބަލިވެއެވެ. ރަސްކަމުގެ ގަނޑުވަރަށް ދެވޭވަރެއް ނޫނެވެ. އެހެންކަމުން ހަކީމު ކައިރިން ބޭސްވެރިކަން ދަސްކުރަމުންދިޔަ ޒުވާން ދަރިފުޅު ގަނޑުވަރަށް ފޮނުވިއެވެ. އެ ޒުވާނާ ދިޔަތާ މާގިނައިރެއް ނުވެ ފައިސާ ބޮނޑިއެއް ހިފައިގެން އެނބުރި އަތުވެއްޖެވެ.

ރަސްގެފާނުގެ އާލާސްކަންފުޅުގެ ޚަބަރު ދަރިފުޅުކުރެން ހަކީމު ސާފުކުރިއެވެ. ދަރިފުޅު ބުންޏެވެ. "ބައްޕާއެވެ. ރަސްގެފާނުގެ އިސްތަށިފުޅުގައި ރިހެނީ އިސްތަށިފުޅުގައި ދައިގަނެގެން އޮތް ކުޑަކުޑަ ސޫއްޕެއްގެ ސަބަބުންނެވެ. ހޫނުކޮށްފައި ތިނޯހެއް ޖެއްސިތަނުން އެ ސޮރުގެ ކަންތައް ހިނގައްޖެއެވެ. ދެނެއް އެ އިސްތަށިފުޅަކު ނުރިހޭނެއެވެ. މިއޮތް ހުރިހާ ދުވަހު ބައްޕައަށް ހަމަ އެ ސޫފި ނުފެނޭ ހެއްޔެވެ؟"

ދެއަތަށް ބޯ ހޫރުވާލާފައި ބައްޕަ ބުންޏެވެ. "ތިޔަކުރީ ހާދަހާވާ ދެރަ ކަމެކެވެ. ބައްޕަ ހީކުރީ ކޮންމެ ދުވަހަކު ބައްޕައާއެކު ރަސްގެފާނަށް ބޭސްފަރުވާ ކުރުމަށް ދަރިފުޅު ދާތީ ވާނުވާ އެނގޭނެ ކަމަށެވެ. ބައްޕައަށް ވެސް މައްސަލަ އެނގެއެވެ. އެކަމަކު މައްސަލަ ހައްލުކޮށްފިނަމަ އަހަރެމެންގެ ބޭނުން ނެތުނީ ނޫންހެއްޔެވެ. އެ ސޫފި މަރާނުލާ ކޮންމެ ވެސް ވަރަކަށް ބަލި ކޮށްލާފައި ކޮންމެ ދުވަހަކު މި އަންނަނީ އެހެންވެއެވެ. ތިޔަވީ ގޮތުން މިއިން ދުވަހަކު ވެސް އަހަރެމެންގެ ބޭނުމެއް ރަސްގެފާނަކަށް ނުޖެހޭނެއެވެ. އަހަރެމެންގެ ބޭނުން ކެނޑުނީއެވެ. ދަރިފުޅާއެވެ. މައްސަލަ އެނގުނަސް ހައްލުކޮށްގެން ނުވާނެ މައްސަލަ ހުންނާއެވެ. އަހަރެމެންގެ ތެރޭގައި މައްސަލަ ގިނައީ އެހެންވެއެވެ. (ނިމުނީ)

ނޯޓު: މިފަދަ ގިނަ ވާހަކަ ތަކަކީ ވަރަށް ގިނަ ބަސްބަހުން ލިޔެވިފައި ހުންނަ އަދި އެކި މުޖުތަމަޢު ތަކުގައި އެކިގޮތްގޮތަށް ކިޔަމުން ނަގުލުވަމުން އަންނަ އަދި އެ ވާހަކަތަކުގެ އަސްލު ވެރި ފަރާތް ނޭނގޭ ވާހަކަތަކެވެ. މި ވާހަކަ ލިޔެފައި މިވަނީ އަޅުގަނޑު އަޑުއެހި ގޮތަށެވެ. ވާހަކައިގެ ފިކުރީ ޙައްޤުވެރިކަންވަނީ ޙައްޤުވެރި ފަރާތަށެވެ.

 

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *