Support Us

ނަސްރުގެ ދުވަސް ފާހަގަކުރުން ފަނޑު އަހަރުގެ ނަސްރުގެ ދުވަހުގެ ހާސަރެއް

އިއްޔެއަކީ ނަސްރުގެ ދުވަހެވެ. ދިވެހިންގެ ބަޔަކު އިސްނަގައިގެން، ތަމަޅަ ހަނގުރާމަވެރިންގެ ބަޔަކު ރާއްޖެ ގެނެސް، ރާއްޖެއަށް ހަމަލަދީ، އެމީހުން ބަލިވި ކަމުގެ ހާދިސާ ފާހަގަކުރާ ދުވަހެވެ. އެންމެ ފުރަތަމަ ހަނދާން އާކޮށްލަން ޖެހެނީ އެ ހާދިސާ ދިފާއުކުރުމުގެ އަމަލީ މަސައްކަތުގައި ބައިވެރިވެ، އެމީހުންގެ ފުރާނަ ގުރުބާނަކޮށްލި ސިފައިންނެވެ. އަދި، އޭގެ އިތުރުން، އެމީހުންގެ އާންމު މަސައްކަތުގައި އުޅެނިކޮށް، އެމީހުންގެ ގަޔަށް ބަޑިޖަހައި ޝަހީދުވި މަދަނީ އާންމު މުވާތިނުންނާއި އަދި، ރަހީނުކޮށްގެން ގެންދެވި، ވަރަށް ވެސް ބޭރަހުމީ ސިފައެއްގައި ބަޑިޖަހައި ޝަހީދުކޮށްލެވުނު ބޭކަލުންގެ ހަނދާނެވެ. ކޮންމެ ދުވަހެއްގެ ދުއާއަކީ ވެސް އެހުރިހާ ބޭކަލުންގެ ފާފަތައް ފުއްސަވައި އެބޭކަލުންނަށް ސުވަރުގެ މިންވަރުކުރެއްވުމެވެ. އަދި، އެބޭކަލުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުމެވެ. އެ ދުވަހު ޝަހީދުވީ ބޭކަލުންގެ ހަނދާން އާކޮށްލުމަށް ފަހު، ދެ ތިން ކަމެއް ފާހަގަކޮށްލައި، މިފަދަ ދުވަސްތަކުގެ ޒިކުރާއާކުރުމުގެ ބޭނުމާ މެދު އެއްޗެއް ބުނެލަން ވެސް ޖެހެއެވެ.

އެންމެ ފުރަތަމަ ވިސްނާލައި އެއްޗެއް ބުނެލަން ޖެހޭ ކަމަކީ މިފަދަ ހާދިސާތައް ދިމާވާން މެދުވަރި ސަބަބާ މެދުގައެވެ. ކުރީ ފަހަރަކު ވެސް ބުނި ފަދައިން، މިފަދަ ސަބަބުތައް މެދުވެރިކުރުވާ މައިގަނޑު އެއް ސަބަބަކީ އިސްތިބްދާދީ (ޑިކްޓޭޓަރޝިޕްގެ) ވެރިކަމުގެ ނިޒާމެވެ. ވެރިކަމުގެ ހުރިހާ ބާރުތަކެއް އެންމެ މީހެއްގެ އަތް ދަށުގައި އޮންނަ ނިޒާމާއި އެކަމާ ގުޅިފައި ހުންނަ ކަންތައްތަކެވެ. ވެރިކަމުގެ ނިޒާމު އެންމެ މީހެއްގެ އަތް ދަށުގައި އޮތުމުން، ވެރިކަމުގެ މައިގަނޑު މަގުސަދަކީ އެ ނިޒާމު ދެމެހެއްޓުމާއި އަދި، އެ ނިޒާމުގެ އިސްވެރިޔަކަށް ހުންނަ މީހެއްގެ ވެރިކަން ދެމެހެއްޓުމެވެ. ގައުމު ބިނާކުރުމާއި، ގައުމުގެ މުއްސަނދިކަން އެންމެހައި ރައްޔިތުންނަށް އިންސާފުވެރި ގޮތެއްގައި ބެހިގެންދާނޭ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްކުރުމާއި، މި ގޮތުން ރައްޔިތުންނަށް ފަސޭހައިން އުޅެވޭނޭ ދިރިއުޅުމެއް ގާއިމުކޮށްދީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމެއް ނޫނެވެ. އިސްތިބްދާދީ ވެރިކަން ނިޔާކުރަނީ ތަނުގެ ޚައިރާތު އޮންނަން ޖެހޭނީ ވެރިކަމުގައި ހުންނަ މީހަކު ބޭނުންވާ ގޮތަކަށް އެއާ މެދު ކަންތައް ކުރެވޭ ގޮތަކަށެވެ. އެފަދައިން އެކަން އޮތުމުން، ބައިތުލްމާލަކީ ވެރިކަމުގެ ހުންނަ މީހަކުގެ އަމިއްލަ މިލްކެއް ކަމުގައި ދެކެވި، އޭނައާއި އޭނާ ބޭނުންވާ މީހުންގެ ކަންކަން ފުއްދުމަށް ބޭނުންކުރެވޭ ގޮތް ވެސް ވެއެވެ.

މިފަދައިން ކަންތައް އޮތުމުގެ މަންތިގީ ނަތީޖާއަކީ، މިފަދައިން ކަންތައް ވަމުންދާއިރު، މިކަމާ މެދު، އެއްޗެއް ބުނުމަކީ މަނާކުރެވިފައިވާ ކަމަކަށް ވުމެވެ. އާދެ، ޚިޔާލު ފާޅުކުރުމުގެ މިނިވަކަން އެއްގޮތަކަށް ވެސް ނެތުމެވެ. ސަރުކާރަށް އަމާޒުވާ ގޮތަށް، ސީދާ ގޮތެއްގައި ވިޔަސް، ނުވަތަ ނުސީދާ ގޮތެއްގައި ވިޔަސް، އެއްވެސް ކަހަލަ ފާޑުކިޔުމެއް ކިޔައިފި ނަމަ، އެ ކީ މީހަކު ބަންދުކުރެވި، އޭނާގެ މުޅި ހަޔާތް ބަރުބާދުވެގެން ދިޔުމެވެ. މިއީ އެ ދުވަސް ވަރު، އާދެ، ނޮވެމްބަރު ތިނެއްގެ ދުވަސް ވަރާއި އަދި އޭގެ ފަހުން ވެސް، ފެނުނު ކަންކަމެވެ.

ކޮންމެ އަކަސް، ކަންކަން މިހެން އޮތުމުން، ކުރިމަތިވާ އެއްކަމަކީ ގައުމީ މައްސަލަތަކާ މެދު، ކަންކަމާ ބެހޭ މަސްއޫލު މީހުންގެ މެދުގައި މަޝްވަރާކުރުން ކުޑަވެގެން ދިޔުމެވެ. މިހެންވުމުގެ ސަބަބުތަކެއް ހުރެއެވެ. ބޮޑެތި ވަޒީފާތައް ދެވި، މަސްއޫލުކުރެވިފައިވާ މީހުންގެ ތެރޭގައި، ކަމަށް އެކަށީގެންވާ މީހުން ނުތިބުމެވެ. އެމީހުންނަކީ، ވަރަށް ގިނަ ފަހަރު، 'ރަސްގެފާނުގެ' ރައްޓެހިފުޅު، އަރިސް ބޭފުޅުންނެވެ. އެހެންވެ، ބޮޑެތި ވަޒީފާތަކަށް އަހުލުވެރިވުމުގެ ސެޓިފިކެޓަކަށް އޮންނަނީ ކަންކަން ދަނެ، ކަމުގެ ތަޖުރިބާ ލިބިފައި އޮތުމެއް ނޫނެވެ. ވެރިޔާގެ އަރިސް ބޭކަލަކަށް ނުވަތަ ވެރިޔާގެ އަރިސް ބޭކަލެއްގެ އަރިސް ބޭކަލަކަށް ވުމެވެ. މިފަދައިން މީހުން މަސްއޫލުކުރެވިފައި އޮތުމުން، އިސް މަގާމުތަކުގައި ބައެއް ފަހަރު ތިބޭ މަސްއޫލުވެރިންނަކީ ކަންކަމުގައި މަޝްވަރާއެއް ދެވޭ ފެންވަރު ހުރި ބަޔަކަށް ނުވުމެވެ. އެހެންވީމާ، އިސްތިބްދާދީ ވެރިޔާއަކީ ހުރިހާ ކަމެއް ދަންނަ މީހަކަށް ހަދާލެވެއެވެ. އަދި، މަޝްވަރާކުރުމަކީ ބޭނުންކަމަކަށް ނުވެ، އެފަދަ ސަގާފަތެއް އުފެދޭ ގޮތް ނުވެއެވެ.

މިކަމުގެ ހެކި، ނޮވެންބަރު ތިނެއްގެ ހާދިސާއިން ފެނިގެން ދެއެވެ. ނޮވެމްބަރު ތިނެއްގެ ތަހުގީގާ ބެހޭ ރިޕޯޓުތަކަށް ބަލާލާއިރު، އެނގެން އޮތް ކަމަކީ، ނޮވެމްބަރު ތިނެއްގެ ހާދިސާއާ ބެހޭ މައުލޫމާތު، ރާއްޖޭގެ ކަމާ ބެހޭ ފަރާތަށް ކުރިން ލިބިފައި އޮތް ކަމެވެ. ނަމަވެސް، އެ ހާދިސާ ހިނގާ ދިޔަ ގޮތް ފެނުމުން އެނގެނީ، މިކަމަށް އެއްވެސް ތައްޔާރީއެއް ވެފައި ނެތް ކަމެވެ. މިސާލަކަށް، ޝަހީދު ހުސައިން އާދަމަށް ވަޒަން ދެވޭނޭ ގޮތަށް، އޭނާ ފޯރިމަރަން ހުންނެވި ގޮޅީގެ ތެރެއިން ސިފައިންގެ ތެރެއަށް ދޮރެއް ވެސް ކަނޑާ ނުލެވި ހުރިކަމެވެ. (މިކަން ފަހުން ކުރެވުނެވެ). މީގެ އިތުރުން، ބަޑި ގުދަނުގެ ތަޅުދަނޑި ވެސް ފަސޭހައިން ލިބޭނޭ ގޮތުގެ ނިޒާމެއް ހަމަޖެހިފައި ނެތެވެ. އަދިވެސް، ކުރިއަށް ވިސްނާލެވިފައި އޮތް ނަމަ، ބަޔަކު ހަމަލަދޭން ރާއްޖެއަށް އާދެވޭނީ ދެމަގަކުންނެވެ. ކަނޑު މަގުންނާއި ވައިގެ މަގުންނެވެ. ތަހުގީގު ރިޕޯޓުތަކަށް ބަލައިލާއިރު، ޓައިގަރުންގެ މީހުން އަންނާނީ ކަނޑުގެ މަގުންކަން އަންދާޒާކޮށްލަން އެނގެއެވެ. ވައިގެ މަގުން އައިސް ހަމަލާދީ ތަނެއް ހިފުމުގެ ގާބިލުކަން އެމީހުންގެ ކިބައިގައި ނެތީމައެވެ. މީގެ އިތުރުން، ވައިގެ ބަނދަރެއްގެ ރަންވޭ ބަންދުކޮށްލުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. ދެތިން ރުއްގުޅިން ވެސް އެކަން ކުރެވިދާނެތާއެވެ. ދެން، ކަނޑު މަގުން އަންނަ ކަމަށް ވަންޏާ، އެ މަގު ބެލެހެއްޓޭނޭ ގޮތް ގޮތް ހުންނާނެތާއެވެ. އެމީހުން ވަންނާނީ ގާދޫ ކޮލުން ނުވަތަ ވިލިގިލީ ދިމާލުންނެވެ. މި ދެމަގުވެސް އެއްގަމުގައި ތިބެގެންނާއި އަދި ކަނޑުގައި ތިބެގެން ވެސް ބެލެހެއްޓޭނެއެވެ. ނަމަވެސް، މިއިން އެއްވެއް ކަމެއް ނުކުރެވެއެވެ. ކަމާ ބެހޭ ކަމުގެ ހުނަރު ހުރި، މީހުންގެ މެދުގައި މަޝްވަރާތަކެއް ކުރެވުނު ނަމަ، މި ނަންގަތް ފަދަ ފިޔަވަޅުތައް އެޅުނީހެވެ. އަދި، ޝަހީދު ހުސެން އާދަމަށް މަދަދު ފޯރުކޮށްދެވި، އޭނާގެ ފުރާނަ ވެސް ސަލާމަތްކުރެވުނީހޭ ވެސް ބުނެވިދާނެއެވެ. ކޮންމެ އަކަސް އިސްތިބްދާދީ ވެރިކަމާ ގުޅިފައި އޮންނަ، ކަންކަމާ މެދު، ހުޅުވާލެވެގެން ކުރެވޭ މަޝްވަރާތައް ނުކުރުމުގެ ސަގާފަތުގެ ނަތީޖާއަކީ ނޮވެމްބަރު ތިނެއްގެ ހާދިސާގެ ޚަބަރު ކުރިން ލިބިފައި އޮވެމެ، އެކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅި އޮތްކަމެވެ.

ވެރިކަމުގައި އިސްތިބްދާދީ ސިފަ އަށަގަނެ، އާންމު ރައްޔިތުންނަށް ޖަމާއީ މައްސަލަތަކާ މެދު، ފާޑުކިޔުމުގެ ނަޒަރުން ބަލައި އެއްޗެހި ބުނުމުގެ މިނިވަންކަން ނެތުމުން، އެއްކޮޅުން އާންމުންގެ މެދުގައި 'ސިޔާސީ މުނާފިގުކަމުގެ ބަލި' އުފެދެއެވެ. ބޭރު ފުށުން އެންމެން ހެން، ވެރިޔާއަށް ޚުޝާމަދާއި ދޮގު ތައުރީފުތައްކޮށް، އޭނާގެ ނަފްސާ މެދު، އޭނާ ދެކެން ބޭނުންވާ ސޫރަ ދައްކުވައިދެއެވެ. އޭނާއަކީ ހުރިހާ ގޮތަކުން އެންމެ މޮޅު، ހުރިހާ ކަމަކަށް އެންމެ ކުޅަދާނަ މީހާ ކަމުގައި ބުނެ ޚުޝާމަދުކުރަމުން ގެންދެއެވެ. އަނެއްކޮޅުން، ހަގީގަތަށް ބަލާލާއިރު، އާންމު ރައްޔިތުންގެ އެތައް ބައެއްގެ ހިތްތަކުގައި ވަރުގަދަ ނަފުރަތްތެރިކަމެއް ވެރިކަމުގެ ނިޒާމާއި އަދި އެ ނިޒާމުގެ ދަށުން ވެރިކަން ކުރާ މީހާއާ މެދު އުފެދެއެވެ.

މިނަންގަތް ނަފްރަތުގެ ނަތީޖާއަކަށް ވަނީ، ސަރުކާރާއި ދައުލަތް ވަކިކުރަން ނޭނގި، އޮޅޭ ގޮތް ވުމެވެ. ދައުލަތް ހިންގަން ހަވާލުކުރެވިފައިވާ މުއައްސަސާ ކަމުގައިވާ ސަރުކާރަކީ ދައުލަތް ކަމަށް ވެސްވެ، ދައުލަތަކީ ސަރުކާރު ހިންގާ ވެރިޔާގެ އަމިއްލަ މިލްކެއް ކަމުގައި ވުމެވެ. މި އޮޅުން އެރުމުން، ސަރުކާރަށް ފާޑުކިޔައި ސަރުކާރު ވައްޓާލަން އުޅުމާއި ދައުލަތް ފުނޑުފުނޑުކޮށްލަން އުޅުމާއި ތަފާތު ނުކުރެވޭ ގޮތް ވެއެވެ. ނޮވެމްބަރު ތިނެއްގެ ހާދިސާއިން ފެނިގެން ދިޔައީ މި އޮޅުންއެރި ތަނެވެ. ސަރުކާރާ އިދިކޮޅުވެ، ސަރުކާރު ވައްޓާލުމުގެ ގަސްދުގައި ބޭރު ބައެއްގެ އެހީ ހޯދުމުން، އެއަމަލު ހިމެނެނީ ހަމައެކަނި ބަޣާވަތުގެ އަމަލެއްކަމުގައެއް ނޫނެވެ. މީގެ އިތުރުން، ދައުލަތަށް ޚިޔާނަތްތެރިވި އަމަލެއްގެ ގޮތުގައެވެ. ދައުލަތަށް ޚިޔާނަތްތެރިވުމުގެ އަމަލަކީ މިއަދު ވެސް، ވަރަށް ގިނަ ގައުމުތަކުގައި، އެފަދަ ކުށްކުރާ މީހުން، އެމީހުންގެ ނަފްސު، މަރުގެ އުގޫބާތު ލިބުމުގެ މައްޗަށް ހުށަހެޅޭ ގާނޫނީ ބޮޑު ކުށެކެވެ.

ކޮންމެ އަކަސް މިތާ ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ ނޮވެމްބަރު ތިނެއް ފަދަ ހާދިސާތައް ދިމާވާން މެދުވެރިވާ މުހިއްމު ސަބަބެކެވެ. ވެރިކަމުގައި އިސްތިބްދާދީ ސިފަ އަށަގަނެ، މުޅި ދައުލަތަކީ މުސްތަބިއްދު ވެރިޔާގެ އެއްޗެއް ކަމުގައި އޭނާއަށް ބެލެވި، އޭނާ ބޭނުން ގޮތަކަށް ކަންކަން ކުރެވެން ފެށުމެވެ. އަދި، ސަރުކާރަށް ކުޑަވެސް ފާޑުކިޔުމެއް ކިޔުމުގެ ދޮރު ބަންދުކުރެވުމެވެ. ދެން، ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި، ބަޣާވަތްކުރުމުގެ އިތުރުން، ދައުލަތަށް ޚިޔާނަތްތެރިވުމުގެ އަމަލުވެސް ހިންގުން ރަނގަޅު ކަމެއްކަމުގައި ބެލެވެއެވެ.

މިފަދަ ވާހަކަތައް މިއަދު ދެއްކުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ފަހަރެއްގައި ވެސް، މިހާރު އަލަށް އުފެދެމުން އަންނަ، ބޭކާރު ތަހުގީގުތައްކޮށް، ބަޔަކާ މެދު ފިޔަވަޅު އަޅައި، ބަދަލު ހިފުމުށް ގޮވާކަށެއް ނޫނެވެ. ނަމަވެސް، ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫއަރާފާނޭ ކަންކަމާ މެދު ފުންކޮށް ވިސްނައި އެކަންކަމުން އިބުރަތް ލިބިގަނެ، މިފަދަ ހާދިސާތައް ތަކުރާރުވެދިޔަ ނުދިނުމަކަށްޓަކައެވެ.

މިފަދަ ހާދިސާތައް ތަކުރާރުވެ ނުދިޔުމަށްޓަކައި ކުރަންޖެހޭ ކަމަކީ ކޮބައި ހެއްޔެވެ؟ އެއްވެސް ޝައްކެއްނެތް ގޮތުގައި، އެންމެ ފުރަތަމަ، ރައްޔިތުން ހޭލުންތެރިވާން ޖެހެއެވެ. ކަންކަމާ ދޭތެރޭ އަމިއްލައަށް ވިސްނާ ފިކުރުކުރަން ޖެހެއެވެ. ދައުލަތަކީ އެންމެންގެ އެއްޗެއް ކަމާއި ސަރުކާރަކީ ދައުލަތް ހިންގަން އޮންނަ މުއައްސަސާއެއްކަން ދެނެގަންނަން ޖެހެއެވެ. ސިޔާސީ މަގާމަކަށް މީހަކު އިންތިޚާބުވުމުން ނުވަތަ މަގާމަކަށް މީހަކު އިސްކުރެވުމުން، އޭނާ ދައްކާ ހުރިހާ ވާހަކައެއް، އޭގެ މައްޗަށް ފާޑުކިޔުމުގެ ނަޒަރުން ބަލާނުލައި ބަލައިގަނެވިގެން ނުވާނެއެވެ.

މިކަން ސާފުކޮށްލަ ދިނުމުގެ ގޮތުން، ދެ މި ސާލެއް ލިޔެލާނަމެވެ. ނޮވެމްބަރު ތިނެއްގެ ހާދިސާގައި ރާއްޖޭގެ ސިފައިން ފިލީ ކަމާއި ނޮވެމްބަރު ތިނެއްގެ ހާދިސާގައި ރާއްޖެ ސަލާމަތްކޮށް ދިނީ އިންޑިޔާ ސިފައިން ކަމަށް ރައްޔިތުންގެ މަޖުލީހުގެ މެމްބަރަކު ބުނެފައި އޮވެއެވެ. މިއީ ހަގީގަތަކާ ޚިލާފު ވާހަކައެކެވެ. އިންޑިޔާ ސިފައިން ނައި ނަމަވެސް، ތަމަޅަ ހަނގުރާމަވެރިންނަށް ކުރިއެއް ނުލިބޭނެއެވެ. ސަބަބަކީ އެމީހުން ހީކުރި ގޮތަށް އަވަސް ގޮތެއްގައި އެމީހުންނަށް ކާމިޔާބު ނުލިބުނެވެ. އެމީހުންނަށް މިކަން ނުވުމުގެ ސަބަބަކަށް މެދުވެރިވީ ރާއްޖޭގެ ސިފައިންގެ މަސައްކަތާއި ގުރުބާނީއެވެ. ޚާއްސަ ގޮތެއްގައި މިތަނުގައި، ޝަހީދު ހުސެއިން އާދަމްގެ ލާނަފްސީ އަމަލު ފާހަގަކުރަން ޖެހެއެވެ. ރައްޔިތުން މަޖުލީހުގެ މެމްބަރު ބުނިފަދައިން އޭނާ ފިލާކަށް ނުދުވެއެވެ. އޭނާ ގޮވަމުން ގެންދިޔައީ އޭނާއަށް އިތުރު ވަޒަން ދިނުމަށެވެ. އަދި، އޭނާގެ މަސައްކަތުން ތަމަޅައިންގެ އިސް މީހަކު މަރާލެވުނެވެ. އަދި، ސިފައިންގެ މައި މަރުކަޒަށް ވަދެގަތުމުގެ ދޮރު ބަންދުކުރެވުނެވެ. މިކަމުގެ ސަބަބުން، އެމީހުން ހީކުރި އަވަސް ކާމިޔާބީ ނުލިބުމުން، އެމީހުން ހާންތިވެ، ވަރުބަލިވިއެވެ. އަދި، ހަނގުރާމަ ކުރިއަށް ގެންދުމަށް ނުކުޅެދުނެވެ. މިއިން އެނގެނީ، މިކަން ދިމާވީ، ރައްޔިތުންގެ މަޖުލީހުގެ މެމްބަރު އެއިޝާރަތް ކުރާފަދައިން، އިންޑިޔާގެ ސިފައިންގެ ސަބަބަކުން ނޫންކަމެވެ. ޝައްކެއްނެތް ގޮތުގައި އިންޑިޔާގެ ސިފައިންގެ އެހީ ވެސް ލިބުނެވެ. މިއެހީ މައިގަނޑު ގޮތެއްގައި ގުޅެނީ، އާންމު ދިވެހި މުވާތިނުންގެ ބަޔަކު ރަހީނުކޮށްގެން ގެންދިޔަ ތަމަޅަ ހަނގުރާމަވެރިންނާއި އަދި މިކަމުގެ އިސް ބައެއްގެ ގޮތުގައި ތިބި ދިވެހި ދެ ބާޣީން އަނބުރާ ރާއްޖެ ގެނައުމުގައެވެ.

ދެވަނަ މިސާލަކީ ދާދި ފަހުން، ގްލެސްގޯގައި އޮތް ތިމާވެށީގެ ކޮންފަރެންސާ ގުޅުވައިގެން، ރާއްޖޭގެ ސިޔާސީވެރިޔަކު ބުނި ވާހަކައެކެވެ. ދުނިޔެ ހޫނުވުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެ ވުޖޫދުން ނެތި ހިނގައްޖެ ނަމަ، ޗައިނާއަށް ދައްކަން އޮތް ލޯނު ނުދެއްކޭނެ ކަމާއި، އެހެންވެ، އެއިން ބައެއް މާފުކޮށް، އެފައިސާ ތިމާވެށީގެ ކަންކަން ރަނގަޅުކުރުމަށް ޚަރަދުކުރުން ކަނޑައަޅާލުމެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ވިސްނުން ބޭނުންކޮށްގެން ވިސްނާލައިފި ނަމަ، މިއީ ހަމަޖެހޭ ވާހަކައެއް ކަމުގައި ދެކޭނެހެނެއް ހިޔެއް ނުވެއެވެ. ރާއްޖެއިން މިވަގުތު ލޯނު ނެގިފައި އޮތީ ޗައިނާއިން އެކަންޏެއް ނޫނެވެ. އިންޑިޔާއިން ވެސް ހަމަ އެވަރަށް ނުވަތަ އެއަށް ވުރެ ގިނައިން ލޯނު ނަގާފައި ވެއެވެ. އެހެންވީމާ، ތިމާވެއްޓަށް ދިމާވާ ނުރައްކަލެއްގެ ސަބަބުން ރާއްޖެ ވުޖޫދުން ނެތިގެން ހިނގައްޖެ ނަމަ، ޗައިނާއަށް ޗައިނާގެ ލޯނު އަދާ ނުކުރެވޭ ފަދައިން އިންޑިޔާއަށް އަދާ ކުރަން ޖެހޭ އިންޑިޔާގެ ލޯނުގެ ފައިސާ ވެސް އަދާ ނުކުރެވޭނެތާއެވެ. އެހެންވީމާ، ތިމާވެށީގެ މައްސަލަ ބަހަނާއަކަށް ދައްކައިގެން ލޯނު ނުދެއްކުމުގެ ވާހަކަ ކިޔަން ވެއްޖެ ނަމަ، ޗައިނާއެކޭ އެއްފަދައިން އިންޑިޔާއަށް ދައްކަން ޖެހޭ ލޯނުން ބައެއް ވެސް މާފުކުރަން ޖެހޭ ވާހަކަ ބުނަން ޖެހެއެވެ. ހަމަ މިފަދަ ވާހަކައެއް މަޖުލީހުގެ އެހެން މެމްބަރަކު ވެސް ބުންޏެވެ. އޭނާ ބުނީ ޗައިނާގެ ލޯނު ދެއްކުން މުޅިން ހުއްޓާލުމަށެވެ.

މިފަދަ ގޮތެއްގައި، ބުއްދިއާއި ތެދާއި ހަގީގަތުގެ މަގުންނާއި އަދި ހައްގާއި އަޚުލާގީ ހަމަތަކުން އެއްކިބާވެ ތިބެ، ރައްޔިތުން ތަމްސީލުކުރަން ތިބޭ މީހުން، ވާހަކަދެއްކުމުގެ ޖުރުއަތު، ކެރުން، ލިބެނީ ކީއްވެގެން ހެއްޔެވެ؟ ރައްޔިތުންގެ އަމިއްލަ ވިސްނުމެއް ނެތުމާއި، ރައްޔިތުންގެ ހޭލުންތެރިކަމެއް ނެތުމުން، މިފަދަ ސިޔާސީ ވެރިން ދެކޭ ގޮތުގައި، އެމީހުން ބުނާ ކޮންމެ އެއްޗެއް ރައްޔިތުންގެ ގިނަ ބަޔަކު އެއީ ހަގީގަތެއް ނޫންކަމުގައި ވިޔަސް ގަބޫލުކުރާނެތީއެވެ. އެހެންވެ، ރައްޔިތުންގެ ކުރިމަތީ ތެދު ބަހުން ވާހަކަ ދެއްކުމަށް ވުރެ، އެމީހުންނަށް މުހިއްމީ ބޭރު ބައެއް ރުއްސައި އެމީހުންގެ ރުހުން ހޯދުމަށްޓަކައި ވާހަކަ ދެއްކުމެވެ. އާދެ، މި ނަންގަތް ވާހަކަތަކުގެ ވެރިން ޚިދުމަތްކުރަނީ، އެމީހުންނަށް އިތުބާރުކޮށް، އެމީހުން އިންތިޚާބުކޮށް އެވެރިންނަށް ބޮޑެތި މުސާރަދީ ޚަރަދުކުރާ ރައްޔިތުންނަކަށް ނޫނެވެ. ބޭރު ބަޔަކަށެވެ! މިފަދަ ގޮތަކަށް މި ސިޔާސީވެރިންގެ އަމަލުތައް ބަހައްޓަނީ ކީއްވެގެން ހެއްޔެވެ؟ މީގެ ޖަވާބު ހޯދާލަން، މީހަކު ބުނެފައި އޮތް ވާހަކައެއް ލިޔަލާނަމެވެ.

މި ވާހަކަ ބުނެފައިވަނީ ދެކުނު އެފްރިކާގެ ސިޔާސީ ލީޑަރެއް ކަމުގައިވާ ހެންޑްރިކް ވާޥުއާޑްއެވެ. ހެންޑްރިކް ވާޥުއާޑް އަކީ ސައުތު އެފްރިކާގެ ހަވަނަ ބޮޑު ވަޒީރެއްގެ ހައިސިއްޔަތުން އެތާނގެ ވެރިކަން ކުރި ސިޔާސީ ލީޑަރެކެވެ. އޭނާ ބޮޑު ވަޒީރުކަން ކުރީ 1958އިން 1966ގައި އޭނާއަށް ހަމަލާދީ މަރާލެވެންދެނެވެ. ދެކުނު އެފްރިކާގެ ތާރީޚުގައި އޭނާ ފާހަގަކުރެވެނީ 'އެޕާޓައިޑްގެ' މޭސްތިރި ކަމުގައެވެ. އާދެ، ދެކުނު އެފްރީކާގައި ވަޒަންވެރިވި ޔޫރަޕުގެ ދޮން މީހުންނާއި އެތަނުގެ އަސްލު މީހުންނާއި އަދި އެތަނަށް ހިޖުރަކުރި ޔޫރަޕުގެ ދޮން މީހުން ނޫން މިހުން ވަކިކޮށް ބޭތިއްބުމުގެ ސިޔާސަތުތައް އެކުލަވާލައި ކަނޑައެޅި މޭސްތިރި ކަމުގައެވެ. 1966ގައި އޭނާ މަރާލީ މިސިޔާސަތާ ދެކޮޅު އަދި، ތަނުގެ ހުރިހާ މުވާތިނުންނާ ހަމަހަމަ އެންމެނާ ގޮތެއްގައި ކަންތައްކުރުމަށް ގޮވާލި، ޔޫނާނީ ދަރިކޮޅަށް ނިސްބަތްވާ ތަނުގެ މީހެކެވެ.

ދެކުނު އެފްރިކާގެ އަސްލު އަހުލުވެރިންނަށް، އެތަނުގެ ޔޫރަޕުގެ ދޮން މީހުންގެ ނަސްލުގެ މީހުން ކިޔައި އުޅުނީ ބަންޓޫންނެވެ. ބަންޓޫންނާ މެދު ވާޥުއާޑް ބުނެފައި އޮވެއެވެ. "ބަންޓޫއެއްގެ ގައިގައި ކަލޭ މިއަދު ތެޅިކަމުގައި ވިޔަސް، މާދަމާ އޭނާ ކަލެއާ ކުރިމަތިލާނީ ހިނިތުންވެ ހުރެއެވެ. ބަންޓޫންނަކީ ރާމާ މަކުނުތަކެއް ފަދަ ބައެކެވެ. ކިތަންމެ ގޯސްކޮށް އެމީހުންނާ ދޭތެރޭ މުއާމަލާތްކުރި ކަމުގައި ވިޔަސް، އެމީހުން ކަލޭމެން (ދޮން މީހުންގެ) ގާތަށް އައިސް، ކަލޭމެންނަށް މަސައްކަތްކޮށްދީ ޚިދުމަތްކޮށް ދޭން ބޭނުންވެގެން އާދޭސްކުރާނެއެވެ. (އެހެންވީމާ،) ބަންޓޫންނަށް ވޯޓު ދިނުމުގެ ހައްގު ދޭން އަހަރުމެން ޖެހިލުންވެގެން ނުވާނެއެވެ. އެހެނީ، އެމީހުން އެ ވޯޓު ބޭނުންކުރާނީ (ޔޫރަޕުގެ) ދޮން މީހަކަށް ވޯޓުދޭށެވެ. ސަބަބަކީ ކުއްތާއިން ފަދައިން، އޭގެ ސާހިބާއާ ނުލައި ބަންޓޫންނަށް ނޫޅެވޭނެއެވެ. އެމީހުންނަށް އަމުރުކޮށް ކަންކުރަންވީ ގޮތް ބުނެދޭނެ (ޔޫރަޕުގެ) ދޮން މީހާއަށް ބަންޓޫން ބޭނުން ޖެހެއެވެ."

ވާޥުއާޑް ފާހަގަ ކުރާ ގޮތުގައި، ދެކުނު އެފްރިކާގެ ބަންޓޫން، އާދެ، ކަޅު މީހުންނަކީ 'ރާމާ މަކުނުތަކެއް' ފަދަ ބައެކެވެ. އޭނާ މިހެން ބުނީ ކީއްވެ ހެއްޔެވެ؟ ޝައްކެއްނެތެވެ. އޭނާގެ މަގުސަދަކީ އެޕާޓައިޑް، ޔޫރަޕުގެ ދޮން މީހުންނާ ދެކުނު އެފްރިކާގެ އަސްލު އަހުލުވެރިންނާ ވަކިކޮށް ބޭތިއްބުމުގެ، ނަސްލީ ތަފާތުކުރުމުގެ ސިޔާސަތު ހިންގުން ތަބުރީރު ކުރުމެވެ. އާދެ، އެކަމަކީ ހަމަ އެންމެ ރަނގަޅު ކަމެއް ކަމުގައި ދެއްކުމެވެ. އޭނާ ފާހަގަކުރާ ގޮތުގައި، ބަންޓޫންގެ ގައިގައި ތެޅިޔަސް، އަނެއް ދުވަހު، އެ އަނީޔާގެ މަތިން އެމީހުން ހަނދާނެއް ނުހުންނާނެއެވެ. އަދި، އެހެންވެ، އެމީހުންނަށް އަނިޔާދޭ މީހުންގެ ކުރިމަތީގައި، ޖެހިގެން އަންނަ ދުވަހު ވެސް އެމީހުން ތިބޭނީ ހިނިތުން ވެގެންނެވެ. މީގެ އިތުރުން، ޥާވުއާޑް ފާހަގަކުރާ ގޮތުގައި، ދެކުނު އެފްރިކާގެ އަސްލު އަހުލުވެރިންނަކީ ނުކުޅުދޭ ބައެކެވެ. އެއްވެސް އަމިއްލަ ވިސްނުމެއް ނެތް، އަދި، އެހެންވެ، އަމިއްލަ ނަފްސަށް އިތުބާރު ނުކުރާ، ބައެކެވެ. މިކަމުގެ ނަތީޖާއަކީ، ކަންކަން ދަސްކޮށް، އިސްނަގައިގެން އަމިއްލައަށް ކަންކަން ކުރަން ނޫޅުމެވެ. މިހެންވުމުގެ ނަތީޖާއަކީ އެމީހުންގެ މައްޗަށް އަމުރު ހިންގައި، ކަންކަންކުރާނެ ގޮތް އެމީހުން ގާތު ބުނެދޭނޭ މީހުން އެމީހުންނަށް ބޭނުން ޖެހޭނޭ ކަމެވެ.

ޝައްކެއްނެތެވެ. ޔޫރަޕުގެ އިސްތިއުމާރީ ބާރުތައް ދުނިޔޭގެ އެކި ތަންތަނަށް ވެރިވެ، އެތަންތަނުގައި އެ މީހުންގެ ވެރިކަން ހިންގާލުމައްޓަކައި ދެއްކި ބަހާނާއަކީ ތަނުގެ އަހުލުވެރިން ތަހުޒީބުކުރުމުގެ ބަހާނާއެވެ. ތަނުގެ އަހުލުވެރިންގެ ކިބައިގައި ކަންކަން ކުރުމުގެ ހުނަރާއި ގާބިލުކަން ނެތުމުންނެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ނިމި، ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ސުލްހައިގެ މުއާހަދާތައް އެކުލަވާލަން އުޅުނު ދުވަސް ވަރު، ދެކެވުނު ވާހަކަތަކުން ވެސް މި ބަހާނާގެ ވާހަކަ ފެންނާނެއެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ މައިގަނޑު ސަބަބަކީ ޔޫރަޕުގެ ކޮންމެ އިސްތިއުމާރީ ބާރެއް، މުޅި ދުނިޔެ އެމީހުންގެ އަތް ދަށަށް ގެންނަން އުޅެ، އެބާރުތަކުގެ މެދުގައި ޖެހުނު މައްސަލަތަކެވެ. އެހެންވެ، އެމެރިކާގެ އެ ދުވަސްވަރުގެ ރައީސް ވޫޑްރޯ ވިލްސަން ހުށަހެޅުއްވީ ޔޫރަޕުގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް ހުރިހާ ތަނެއް ވެސް މިނިވަން ކުރުމަށެވެ. ނަމަވެސް، އިނގިރޭސިންނާއި ފަރަންސޭސީން މިކަމާ ދެކޮޅު ހެދިއެވެ. ދެން، 'މޭންޑޭޓުގެ' ނިޒާމު ގާއިމުކުރެވުނެވެ. މި ނިޒާމުގެ ދަށުން، އިސްތިއުމާރުގެ ބާރުގެ ދަށުގައި އޮތް ތަންތަން ތިން ބަޔަކަށް ބަހާލެވުނެވެ. އެމީހުންގެ ކިބައިގައި އެމީހުންގެ ކަންކަން ހިންގުމުގެ ގާބިލުކަން ހުރި ނެތް ގޮތުގެ މައްޗަށް ބަލައި، ދާދި އަވަހަށް މިނިވަން ކުރެވިދާނޭ ގައުމުތަކާއި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިނިވަން ކުރެވިދާނޭ ގައުމުތަކާއި މީގެ އިތުރުން، އެބައި މީހުންނަށް މިނިވަންކަން ދިނުމަށް ދުވަސް ގަނޑެއް ނަގާނޭ ގައުމުތަކެވެ. އާދެ، ޔޫރަޕުގެ މުސްތައުމިރުން ދުށީ 'ކަޅު މީހުންނަކީ' – ދެކުނު އެފްރިކާގެ މުވާތިނެއް ކަމުގައިވި މަރުހޫމު ދީދާތު ވިދާޅުވާފަދައިން، ޔޫރަޕުގެ ދޮން ނޫން ކޮންމެ މީހަކީ ކަޅު މީހެކެވެ – އަމިއްލައަށް ކަންކަން ކުރަން އެނގޭ ބައެއް ނޫނެވެ. އަމިއްލައަށް ވިސްނާ ބައަކަށް ނުވުމުންނެވެ.

ވާޥުއާޑްގެ މިވާހަކައިގެ މައްޗަށް، – ބަންޓޫންނަކީ އަމިއްލައަށް ވިސްނައި، އަމިއްލައަށް ކަންކަން ކުރަން ނޭނގޭ ބައެއް ކަމުގައި ބުނި ވާހަކަ – ދެން އަމަލުކުރާތަން ފެނުނީ އިސްތިއުމާރީ ބާރުތަކުގެ ވަކިތަކުން މިނިވަންވެ، އެ ގައުމުތަކުގައި އުފެދުނު، އެ ގައުމުތަކުގެ މީހުންނެވެ. އެމީހުންވީ ތަނުގެ މީހުންގެ ހަމުގެ ކުލައިގެ މީހުން ކަމަށް ވިޔަސް، މުސްތައުމިރުން ކަންތައް ކުރި ގޮތަށް ތަން ހިންގަން އުޅުނު މީހުންނެވެ. އާދެ، ތަނުގައި އުފެދުނު ވަރުގަދަ މުސްތައުބިދުންނެވެ. ތަނުގެ މީހުންނަށް، ޥާވުއާޑް ބުނެފައި އޮތް ފަދައިން، 'ވޯޓުލުމުގެ ހައްގު' ދެއެވެ. ނަމަވެސް، އެއްވެސް ހޭލުންތެރި ކަމެއް ނެތުމުން، އެމީހުން ވޯޓުދެނީ އެމީހުން އަޅުވެތިކުރާ މީހުންނަށެވެ. އާދެ، ޔޫރަޕުގެ މުސްތައުމިރުން ފަދައިން، އެމީހުންގެ އަމަލުތައް ބަހައްޓައި، ތިމާމެންގެ އަމިއްލަ ރައްޔިތުންނަކީ 'ބަންޓޫން’ގެ ގޮތުގައި ދެކޭ މީހުންނެވެ. އެހެންވީމާ، ކޮންމެ ފަދަ މޮޔަ ވާހަކައެއް، ކޮންމެ ފަދަ ދޮގެއް، ކޮންމެ ފަދަ ތާކުންތާކު ނުޖެހޭ ވާހަކައެއް ދައްކާކަށް ޖެހިލުމެއް ނުވެއެވެ. ބަންޓޫންގެ ގޮތުގައި ތިބޭ ރައްޔިތުން، އަތްޖަހާލަ ޖަހާލާ ތިބޭނެއެވެ. ތިމާގެ މޮޅުކަމާއި ގާބިލުކަމާއި ކަމަށް އެކަށޭނަކަން ދެއްކުމުގެ ގޮތުން ތިމާގެ ނަސްލު ގުޅެނީ ކީރިތި ރަސޫލާއާކަމާ ބުނެ، ގޮވިޔަސް، އެކަން ވެސް، ގަބޫލުކޮށް އަތްޖަހައި ނަށަމުންދާނެއެވެ!

އަޅުގަނޑުމެންގެ ތެރެއިން ވެސް މި މަންޒަރު އެއް ސިފައަކަށް ވުރެ ގިނަ ސިފައިގައި ފެނެއެވެ. ރައްޔިތުންނަކީ ބަންޓޫންކަމަށް ހަދާ ސިޔާސީވެރިން، ރައްޔިތުން ބަންޓޫންނާ ހަދާ މަންޒަރެވެ. އަދި، ޚުދް ރައްޔިތުން ވެސް، ހަމަ ރުހިގެން، ބަންޓޫންނަށް ހެދިގެން ތިބޭ މަންޒަރެވެ.

އެންމެ އިހުގެ މިސާލެއްގެ ވާހަކަ ލިޔެލާ ނަމަ، ރައްޔިތުންނަކީ ހޭލުންތެރި ބަޔަކަށް ވެދާނެތީވެ، 1940ގެ މެދު އަހަރުތަކާ ހަމަޔާ ޖެހެންދެން ވެސް، ސަރުކާރުގެ ސިޔާސަތަކަށް ވެފައި އޮތީ އާންމު މީހުންނަށް ކިޔަވައި ނުދިނުމެވެ. އަދި، ފަގީރު ހާލެއްގައި މީހުން ބޭތިއްބުމެވެ. ދެން، ކިޔެވުން އާންމުކުރަން ޖެހުނީ، ސިއްރިއްޔާތުގައްޔާއި އަދި ފާޅުގައި ވެސް ބައެއް މީސްމީހުން ކިޔެވުމުގެ މަސައްކަތް ކުރަމުން ދާތީ އެކަން ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށްޓަކައެވެ. ދެން، ކިޔެވުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ސަރުކާރުގެ ކޮންޓުރޯލުގެ ދަށުގައި ބާއްވައިގެންނެވެ. އެންމެ ފުރަތަމަ ކިޔެވުމުގެ މަގުސަދަކަށްވީ ލިޔަން ކިޔަން ކުދިބަޔަކަށް ދަސްކޮށްދީ، ސަރުކާރުގެ ވަޒީފާތަކަށް މީހުން ތައްޔާރުކުރުމެވެ. ފަހަރެއްގައި ވެސް، ވިސްނަން ދަސްކޮށްދީ، ތައުލީމުޔާފްތާ ޖީލުތަކެއް އުފައްދާކަށް ނޫނެވެ. އިތުރަށް ކިޔަވައިދޭން ބޭރަށް އެންމެ ފުރަތަމައިން، ފޮނުވުނީ ވެރިކަމުގެ ދާއިރާގައި ތިބި މީސްމީހުންގެ ގާތް ތިމާގެ މީހުންނެވެ. ކޮންމެއަކަސް، މިކަމުން ފާހަގަކޮށްލަން ބޭނުންވަނީ ރާއްޖޭގެ ވެރިކަމުގެ ފަރާތުން ދިވެހިން ވެސް ބައިތިއްބަން ބޭނުންވީ، އަދި، މިހާރު ވެސް ބޭނުންވަނީ، ބަންޓޫންގެ ގޮތުގައެވެ. އަމިއްލައަށް ވިސްނުމުގެ މަސައްކަތް ނުކުރާ، އަމިއްލަ ނަފްސަށް އިތުބާރު ނުކުރާ ބައެއްގެ ގޮތުގައެވެ.

ދެން، މިހާރުގެ މިސާލަކަށް ބަލައިލަމާ ހެއްޔެވެ؟ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ މަގާމުތަކަށް ބޭރު މީސް މީހުން އިސްކުރަނީ ކުރާ ކުރުމެވެ. ޔޫރަޕުގެ ދޮން މީހުންނާއި އަދި އެނޫން ވެސް ބޭރު މީހުންނެވެ. ރާއްޖޭގެ ރިސޯޓުތަކުގައި ވެސް، މަތީ މަގާމުތަކަށް އިސްކުރެވެނީ ބޭރު މީހުންނެވެ. ޓުއަރިޒަމްގެ ސިނާއަތަށް ފަންސާސް އަހަރު ފުރެން ކައިރިވީއިރު ވެސް، މިފަދަ މަގާމުތަކަށް އަހުލުވެރިކުރުމަށްޓަކައި ތަނުގެ މީހުން އުފައްދަން ކުރެވުނު ހަރުދަނާ މަސައްކަތެއް ނުފެނެއެވެ. ތަނުގައި ކިޔަވައިދޭނޭ ތަނުގެ އަހުލުވެރިން ވެސް ނުއުފެއްދުނު ގޮތަށެވެ. އެއީ ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ނަމަވެސް، އެކަން ކުރަން ބޭނުން ނުވަނީއެވެ. ބަންޓޫންގެ ގޮތުގައި، މަކުނުތަކެއް ފަދައިން، މީހުން ބޭތިއްބުމަށެވެ. އަމިއްލައަށް ވިސްނައި އަމިއްލަ ނަފްސަށް އިތުބާރު ކުރަން ދަސްކޮށްދީފި ނަމަ، އަޅުވެތި ކުރުމަށް ދަތިވާނެތީއެވެ. އޭރުން، ގުނބޯތަކެއް ހެން، މީހަކު ޖަހާހާ ބެރަކަށް ނުނަށާނެއެވެ. އެހެންވެ، ކަންކަމަށް ތަނުގެ މީހުން އަހުލުވެރިކޮށް، ވަޒީފާތައް އެމީހުންނަށް ހަމަޖައްސައި، ފައިސާގެ މިނިވަންކަމެއް ހޯދައިދީފި ނަމަ، އަޑުގަދަކޮށްގެން ތިމާގެ ރުށް ގިނަ ކުރާހެން، ހަޅޭލަވާ މީހުންނަށް ބޮޑެތި ވަޒީފާތައް ބެހޭ ގޮތެއް ނުވާނެތާއެވެ.

ދެން، ބަންޓޫންގެ ގޮތުގައި ތަނުގެ މީހުން ބައިތިއްބުމުން، ކޮންމެ ފަދަ، ނާގާބިލު، ކަމުގެ އެއްވެސް ތަޖުރިބާއެއް ނެތް މީހަކަށް ވެސް ވެރިކަމަށް ވެސް އާދެވިދާނެއެވެ. މިކަން ކުރަން ފަސޭހަވާ ގޮތަކީ، އެކަކު ދެމީހަކު އެމީހުން ބޭނުންވާ ގޮތަކީ ރަނގަޅު ގޮތްކަމަށް ބުނެ ބެރުޖަހައި ހަޅޭލެވުމެވެ. ދެން، ބަންޓޫންގެ ގޮތުގައި ތިބޭ ރައްޔިތުން، އާނއެކޭ އާނކޭ ގޮވައި އެއްބަސްވާނެއެވެ. ކަމުގެ ހަގީގަތް ބެލުމެއް ނެތިއެވެ. އަމިއްލައަށް ވިސްނުމަކީ ބުރަ މަސައްކަތެއް ކަމަށް ދެކޭ އިރު، ކަމުގެ ހަގީގަތް ބަލާނީ ވެސް ކިހިނެއް ހެއްޔެވެ؟ ދެން އަނެއްކޮޅުން، ބާރަށް ހަޅޭލަވައި، އާނއެކޭ އާނއެކޭ ގޮވުމުގައި މާއްދީ ފައިދާތަކެއް ވެސް ލިބެން އޮވެއެވެ. ވަޒިފާތައް ލިބުން ފަދަ، ނޫނީ ކޮންމެ ވެސް، 'ކޮންޓުރެކްޓެއް' ލިބުން ފަދަ މާއްދީ ފައިދާތައް ލިބިދޭނޭ ކަންކަން ފަހިވެގެން ދިޔުމުގެ އުއްމީދު އޮތުމުންނެވެ.

ބަންޓޫންގެ ގޮތުގައި އާންމު މީސްތަކުން ބޭތިއްބުމުގެ އަނެއް ފައިދާއަކީ، ވާޥުއާޑު ބުނެފައިވާ ފަދައިން، 'ކިތަންމެ ވަރަކަށް ބަންޓޫން ގައިގައި ތެޅިޔަސް' އެމީހުން އެކަން ހަނދާން ނުހުންނަކަމެވެ. އާދެ، ވެރިންގެ ގޮތުގައި ތިބޭ މީހުން ކިތަންމެ ބޮޑު ގޯހެއް ހެދިޔަސް، އަދި އެކަން ތަކުރާރުކޮށް ކުރިޔަސް، އެކަމެއް ހަނދާނެއް ނުހުންނާނެއެވެ. މިސާލަކަށް، ދެހާހުގެ ފުރަތަމައިގެ ދިހަ އަހަރު ދުވަސްތަކުގެ ފަހުކޮޅަށް ބަލާލާއިރު، ތަނުގެ އިގުތިސާދު ވަރަށް ވެސް ހީނަރުވިއެވެ. ތަނުގެ މައި ވައިގެ ބަނދަރު ބޭރު ބަޔަކަށް، ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ދިނެވެ. ދިވެހި ދައުލަތް ޖާމިނުވެ، ނަގާ ލޯނަކުން ވައިގެ ބަނދަރު ތަރައްގީކުރާށެވެ. މިކަން ނިންމާލެވުނީ ހަމަ އެންމެ މީހެއްގެ އެދުމުގެ މައްޗަށެވެ. މިކަމުގެ މައްޗަށް ވިސްނައި ބަހުސްކޮށް، މިކަމަކީ ތަނުގެ އަމިއްލަ މީހުންގެ ބާރުގެ ދަށުގައި ބާއްވައިގެން ހިންގާލެވިދާނެ މަޝްރޫއެއްތޯ ވެސް ބެލުމެއް ނެތިއެވެ. ޝައްކެއްނެތް ގޮތުގައި މިކަމުގެ އަސްލު ސަބަބު ގުޅެނީ އެހެން ކަމަކާއެވެ. ބޭރުގެ ބަޔަކަށް ތަނުގައި ނުފޫޒު ހިންގުމުގެ މަގު ފަހިކޮށްދިނުމާއެވެ. ކޮންމެ އަކަސް، މިކަންތައް ގަނޑު ނިމިގެން ދިޔައީ ބޮޑެތި ބޮޑެތި ގެންލުންތަކެއް ތަނަށް ލިބިގެންނެވެ. ބޮޑު ބަދަލެއް ދީގެންނެވެ. އާޚިރުގައި ފެނިގެން ދިޔައީ އެވަގުތު ވެރިކަމުގައި އޮތް ބައެއްގެ ނާގާބިލުކަމުގެ އިތުރުން، އެމީހުންގެ މައިގަނޑު ބޭނުމަކީ ތަން އިސްލާހުކޮށް ކުރިއެރުވުމުގެ ބަދަލުގައި، ތަނަށް ބޭރު ބައެއްގެ ނުފޫޒު ގެނައުމެވެ.

ދެންވީ ކިހިނެއް ހެއްޔެވެ؟ ކުޑަ ދުވަސްކޮޅެއް ފަހުން، މިކަން ހަނދާން ނެތިއްޖެއެވެ. މި ހަނދާން ނެތުމުގެ ނަތީޖާއަކީ ވެރިކަން ހިންގުމުގައި އެއްވެސް ގާބިލުކަމެއް، ތަޖުރިބާއެއް ނެތް، އަދި، މީގެ އިތުރުން، އެމީހުންގެ ހުރިހާ ވެސް މަގުސަދަކީ ބޭރު ބަޔެއްގެ ފުރިހަމަ ކޮންޓުރޯލުގެ ދަށަށް ތަން ގެންދިޔުން ކަމުގައިވީ ބައެއް ވެރިކަމަށް ގެނައުމެވެ. އާދެ، ވޯޥުއާޑު ފާހަގަކުރިފަދައިން، ބަންޓޫންގެ ގޮތުގައި، ރާމާމަކުނުތަކެއްހެން، އަމިއްލަ ވިސްނުން ބޭނުންނުކޮށް، އަމިއްލަ ނަފްސަށް އިތުބާރު ނުކުރުމުގެ ނަތީޖާގެ ސަބަބުންނެވެ. އެމީހުންގައިގައި ތެޅިޔަސް، ވޯޓު ދިނުމުގެ ހައްގު ދިނަސް، ފިލާވަޅެއް އިބުރަތެއް ހާސިލުކުރުމެއް ނެތި، ގުނބޯ ހެދިގެން، އަނިޔާވެރި މުނާފިގުން ވެރިކަމަށް ގެނައުމުގައި އެމީހުން ދެމި ތިބޭނެއެވެ.

އާދެ، ކުރިން ކުރެވުނު ސުއާލު ހިތަށް ގެންނާށެވެ! އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ސިޔާސީ ވެރިން، އެއްވެސް އަސާސެއް ނެތް، ބުހުތާނު ދޮގު ހަދަން ޖެހިލުން ނުވަނީ ކީއްވެ ހެއްޔެވެ؟ އެމީހުން ދެކޭ ގޮތުގައި، ރައްޔިތުން ތިބޭނީ ބަންޓޫންގެ ގޮތުގައެވެ. ޥާވުއާޑު ބުނިފަދައިން، ބަންޓޫން ޔޫރަޕުގެ ދޮން މީހުންނަށް ބޭނުންވާ ފަދައިން، އަޅުގަނޑުމެން ވެސް، އަޅުގަނޑުމެންނަށް ބުހުތާނު ދޮގު ހަދާ މުނާފިގު ސިޔާސީ ވެރިންނަށް ބޭނުން ޖެހިފައިވަނީއެވެ. އެހެންވެ، އެއްފަހަރު ނޫނީ ދެފަހަރު ނޫނީ ތިންފަހަރު ފޭލިވިޔަސް، އެމީހުންނަށް ލަފާދޭ 'ދޮން މީހުން' ކައިރިއަށް ގޮސް، ހެދުން ބަދަލުކޮށްލައިގެން އައިސް އާ ރާގެއްގައި ހަމަ އެއް މަގުސަދެއް ހާސިލުކުރަން އުޅޭ އިރުވެސް އެކަން އާންމު ރައްޔިތުންނަށް ފާހަގައެއް ނުކުރެވެއެވެ. ނޫނީ ފާހަގަކުރާކަން ބޭނުމެއް ނުވެއެވެ.

މިހެން ވުމުން، ނޮވެމްބަރު ތިނެއްގެ ހާދިސާތައް ތަކުރާރުވެގެން ދިޔުމަކީ ހައިރާންވީ ކަމެއް ނޫނެވެ. މިފަހަރު، ރަސްމީ ސިފައެއްގައި ކުލަ ގަދަ ގޮތެއްގައި ނަސްރުގެ ދުވަސް ފާހަގަކުރަން ވެސް ބޭނުމެއް ނުވާ ކަހަލައެވެ! ކީއްވެބާވައޭ ހިަތަށް އަރެއެވެ؟ ދެން ދެ ސަބަބެއްގެ ވާހަކަ ހިތަށް އާދެއެވެ. މި ހާދިސާއާ މިވަގުތު އޮތް ވެރިކަމާ ގުޅުމެއް އޮތް ކަމެވެ. މި ސަރުކާރު ނިސްބަތްވާ ޕާޓީއަކީ ނޮވެމްބަރު ތިނެއްގައި އަމަލީ ގޮތުން ބައިވެރިވި ބައެއް މީހުންނަށް މިނިސްޓަރުކަންދީ އިނާމު ދިން ބައެކެވެ. އަދި، މި ބޮޑު ޚިޔާނާތުގެ އަމަލުގެ މުގުލުގައި ހުރި މީހާ ބޭރަށް ފޮނުވައި ދުވަސްގަނޑެއް ވަންދެން ބަންދުން ދޫކޮށްލާފައި ވެސް ބެހެއްޓި ބަޔެކެވެ! އެހެންވީމާ، އެވާހަކަ ނުދެއްކުން މުހިއްމުވަނީއެވެ! ދެން އޮތީ، އަދުގެ ސަރުކާރުގެ އެންމެ ބޮޑު އެއް މަގުސަދަކީ ބޭރު ބައެއްގެ ނުފޫޒުގެ ދަށަށް ރާއްޖެ ގެންދިޔުމެވެ. އަދި، ސަރުކާރުގެ އިސް މީހުންގެ ގޮތުގައި ތިބީ، ފާޅުގައި، ހަރު އަޑުން މިކަމަށް ގޮވި މީހުންނެވެ! އެހެންވީމާ، ނޮވެމަބަރު ތިނެއްގެ ވާހަކަ ދައްކައި، ނަސްރުގެ ދުވަސް ފާހަގަކުރަން އެފަދަ ބަޔަކު ބޭނުން ވެދާނެ ހެއްޔެވެ؟

ނަމަވެސް، ތަނުގައި، ސަލާމަތް ބުއްދީގެ ބަޔަކު އަދިވެސް ތިބޭނޭ ކަމަށް ހީކުރަމެވެ. އަދި، ބަންޓޫ ހައްދައި، ބަންޓޫން ގޮތުގައި ތިބެން ނުރުހޭނޭ ބަޔަކު ވެސް އުޅޭނޭ ކަމަށް ދެކެމެވެ. ތަނުގެ ދިރުމާއި ކުރިއެރުން ގުޅެނީ މިފަދަ މީހުންނާއެވެ. މުނާފިގު، ޚާއިނު ސިޔާސީވެރިންގެ ވާހަކަތައް އެ ވާހަކަތަކުގެ ހަގީގަތާ އެއްގޮތަށް ބުނަން ކެރޭ މީހުންނާއެވެ. އަދި، އަމިއްލައަށް މަސައްކަތްކޮށް، ތިމާގެ ވިސްނުން ތަރައްގީކޮށް، ތަނުގެ އާންމުން ވެސް ހޭލުއްވައި އަމިއްލައަށް ވިސްނަން ގޮވާލާނޭ މީހުންނާއެވެ. މިފަދަ މީހުންގެ މަސައްކަތުން، ތަނުގައި އާންމު ހޭލުންތެރިކަމެއް އުފެދި، ސިޔާސީ ގޮތުން ތަސައްރަފު ފުދިއްޖެ ނަމަ، ރައްޔިތުންނަކީ ބަންޓޫން ކަމުގައި ދެކޭ ސިޔާސީވެރިންނަށް ސިޔާސީ މަސްރަހުން އެއްވެސް ޖާގައެއް ނޯންނާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

2 Responses

  1. ކިޔާއަޑުއިވެނީީ މިސަރުކާރާާ އެދުވަހުގެެ އެބިރުވެރިި ހާދިސާާގެެ ބައިވެރިންނާާ ޢާއިލީބަޔެއްގެެ ވާހަކަަ
    ބަރުލަމާނީީ އަތުވެއްޖެއްޔާާ މަޖިލިސްމެމްބަރުންނަކީީ ހުރިހާަ މަގާމުތަކެއްް ފުރާނެބަޔަކީީ އޭރުންް ބޮޑުހަރަދުކޮށްގެންް ކިޔަވާދަރިންނަށްް ވެސްް މަޖިލިސްމެމްބަރުކަންް ނުލިބިއްޖެއްޔާާ އެދަރިންް ކިތައްމެމޮޅަސްް ކިތަންމެެ ތަޖުރިބާހުއްޓަސްް ލިބޭނެެ މަތީމަޤާމެއްނޯންނާނެެ އަދިި މިނިސްޓަރާވެސްް އެމްޑީއާވެސްް އަދިި ޗެއާމަންއާވެސްް ކުރާހާސުވާލެއްް އަމިއްލަނަފުސާކޮށްް އަމިއްލައައްް އެސުވާލުތަކަށްް ޖަވާބުވެސްް ދޭންޖެހޭނީީ ދެންކިހާާ އިންސާފުވާނެތޯޯ ބޮންޑާާ އާާ ދޮންބިލަތާާ ސުވާލުކޮށްލަންް އޮބަޖެހޭނޫންތާ

  2. އޯކޭ ދެން އަހުރެމެންނަން ބަންޓޫން ގޮތުގައި މިރާއްޖޭގައި ތިބުން ނޫން ގޮތެއް ނެތީތާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *