Support Us

ކޮލަމް: ދިނަށަ

ރާއްޖެ ހަމަ އަޑިޔަށްދަނީތަ؟

ރާއްޖެ އަޑިޔަށް ދަނީހެއްޔެވެ؟ ހަމަ އެގޮތަށް އެކަން ވަނީހެއްޔެވެ؟ އަޅުގަނޑުގެ ޖަވާބަކީ އެކަމެއް އެހެނެއް ނުހިނގާނެއެވެ. އެހެނީ، ދުނިޔެއާއި ދުނިޔޭގެ ކަންކަން ހިންގެވުމުގައި މީސްތަކުންނާމެދު މާތްﷲ ކަން ހިންގަވާގޮތް ވަރަށް ސާފުކޮށް ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައި ވާތީއެވެ. ފަހެ، ދުނިޔޭގެ ކަންހިނގާ ފިޠްރީ އާދައިގައި އުފެދުމާއި ހަލާކުވެ ދިއުމަކީ ނެތް ކަމެކޭ ބުނަނީއެއް ނޫނެވެ. އެއީ، އިސްލާމަކު އިންކާރު ކުރާނޭ ކަންކަމެއް ވެސް ނޫނެވެ.

އެކަމަކު، ދުނިޔޭގެ ކަންކަން އެގޮތެއްގެ މަތީގައި ހިނގާނޭ ނިޒާމެއްގެ ތެރެއިން، ކަންކަން ހިނގުމަށް، މާތްﷲ، ތަޤްދީރު ކުރައްވާފައިވާ ކަންތައްތަކާއި، އެކަލާނގެ ޚާއްޞަ އަމުރުފުޅަކުން "އާދަފޫވައްޓަނިވި ކަންތައްތަކުގެ" (مُعْجِزَة) ގެ ޒާތުގައި ހިންގަވާ ކަންތައްތައް ވެސް ހުރިކަން އިސްވެދިޔަ ޒަމާންތަކުން ފެންނާން ނެތެކޭވެސް ނުބުނަމެވެ. އެފަދަ ކަންކަން އެގޮތަށް ހިންގެވި ސަބަބާއި ގޮތް ދެނެގަތުން ލާޒިމެވެ.

އެހެންކަމުން، އިންސާނުން ދުނިޔޭގައި ލައްވައި އެއުރެންގެ ކަންތައްތައް ތަދްބީރު ކުރައްވާފައިވަނީ އާދަމުގެ ދަރިޔާ ހީކުރާހައި ދޯދިޔާ ގޮތަކަށް ނޫންކަން ޤަބޫލުކުރާން ޖެހެއެވެ. މާތްﷲ އީ، ދެނެވޮޑިގެންވާ ފުދިވޮޑިގެންވާ އޯގާވަންތަ ކަލާނގެކަމާއި އެކަލާނގެ ކަންކަން ހިންގަވަަނީ ވަކި އިމެއްގެ ތެރޭގައިކަން ހަނދާން ނައްތައިލައިގެން ތިބެ ހިތުހުރިހައި ގޮތަކަށް ވާހަކަ ދެއްކުމަކީ ކޮށްގެންވާނޭ ކަމެއްނޫނެވެ. އެފަދަ ވާހަކަ ދައްކާނަމަ އެއީ ނުދަނެތިބެ ކުރެވޭ ކަންކަމެވެ. ގަސްތުގައި ނަމަ ކުރެވޭ ކުށެވެ. ޚާއްޞަކޮށް އެފަދަ ވާހަކަ ދެއްކުމަކީ، އިސްލާމުންނަށް އޮތްކަމެއް ނޫނެވެ. އިސްލާމުން ކޮށްގެންވާނޭ ވެސް ކަމެއް ނޫނެވެ. އެކަލާނގެ އެންމެ ފަހުން ބާވައިލެއްވި ފޮތްކަމުގައިވާ، އެފޮތުގެ ކުރިމަތީން ވިޔަސް ނުވަތަ ފަހަތުން ވިޔަސް ބާޠިލުކަމެއް ނާންނާނޭކަން އަންގަވާފައިވާ މަތިވެރި ފޮތުގައި (ކީރިތި ޤުރުއާނުގައި) އަންގަވާފައިވާ އެންގެވުންތަކަކީ އެކަންކަން އެގޮތަށް އެކަލާނގެ ހިންގަވާނޭ ކަންކަންކަމާއި އެއާ ޚިލާފަށް ހިންގެވި ކަންކަމަކީ، ރަސޫލު ބޭކަލުންގެ އަތްޕުޅު މަތީން ފާޅުކުރައްވާފައިވާ مُعْجِزَة ގެ ކަންކަންކަން ވެސް ހަނދާން ބަހަައްޓާން ޖެހެއެވެ. އެހެނީ، އެކަލާނގެއީ، އަޅުތަކުންނަށް ނުހަނު އޯގާވަންތަ ކަލާނގެ ކަމަށްވާތީއެވެ. ސޫރަތުން ނަޙުލުގެ 47 ވަނަ އާޔަތުގައި އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. "أَوْ يَأْخُذَكُمْ عَلَى تَخَوُّفٍ فَإِنَّ رَبَّكُمْ لَرَءُوْفٌ رَّحِيْمٌ މާނައީ، ނުވަތަ، އުނިކުރެއްވުމުގެ ގޮތުން (އެބަހީ، މުދަލާއި މީހުން މަދުވަމުންގޮސް މުޅިން ނެތިދާގޮތުން) އެއުރެން ހަލާކު ކުރައްވައިފާނޭކަމާމެދުގައިވެސް މެއެވެ. ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ނުހަނު އޯގާވަންތަ ކަލާނގެއެވެ."

އެހެންކަމުން، އެ މަތިވަރި ބަސްފުޅުގައި "ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއީ، ނުހަނު އޯގާވަންތަ ކަލާނގެއެވެ." މިފަދައިން އަންގަވާފައި އެވަނީ ކޮން ފަދައަކުންކަން ވިސްނައި ފިކުރު ކުރުމީ ކޮންމެހެން ކުރާންޖެހޭ ލާޒިމު ކަމެކެވެ. އެކަން ހަނދާން ނައްތާލައިގެން ތިބެ ނުވަތަ ދުނިޔޭގެ ކަންކަން ތަދުބީރު ކުރައްވަނީ އެކަލާނގެ ކަން ހަނދާން ނައްތައިލައިގެން ތިބެ ވާހަކަ ދެއްކުމަކީ ކޮށްގެންވާނޭ ކަންކަމެއް ނޫނެވެ. ހަމަ އެފަދައިން ހަލާކު ކުރެއްވުމުގައި ކަންހިންގަވާ ހަމަތައް ވެސް މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާކަން ދަންނާން ޖެހެއެވެ. مُعْجِزَة އެއް މެނުވީ އެއާ ޚިލާފުވާނޭ ކަމަށް ހީކުރެވޭ ނަމަ އެމީހާގެ އީމާންކަމާމެދު ތުހުމަތު އުފެދެއެވެ. مُعْجِزَة އެވެ، ބުނެވޭ ބަހުގެ އިޞްޠިލާޙީ މާނައަކީ، ރަސޫލުބޭކަލުން ނާއި ނަބީބޭކަލުންގެ އަތްޕުޅުމަތީން ފާޅުކުރައްވާ އާދަ ފޫވައްޓަނިވި ކަންކަމެވެ.

ފަހެ، އަނިޔާވެރި ގޮތުން އެކަލާނގެ ރަށްރަށް ހަލާކު ކުރެއްވުމުގެ މައްޗަށް ކަން ހިންގަވާގޮތް ބަޔާންކުރައްވާފައިވާ ކީރިތި ޤުރުއާނުގެ ބައެއް އާޔަތަކަށް މި މައުޟޫޢުގައި ބަލައިލާން ޖެހެއެވެ. ފަހެ، ސޫރަތުލް އަންޢާމުގެ 131 ވަނަ އާޔަތުގައި ވެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. "ذَٰلِكَ أَن لَّمْ يَكُن رَّبُّكَ مُهْلِكَ الْقُرَىٰ بِظُلْمٍ وَأَهْلُهَا غَافِلُونَ މާނައީ، ކަން ހުރީ އެހެންނެވެ. ރަށްތަކުގެ އަހުލުވެރިން غَافِلُ ވެފައި ތިއްބައި، އަނިޔާވެރިކަމުގެ ގޮތުން އެ ރަށްރަށް ހަލާކު ކުރައްްވާ ކަލަކު ކަމުގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ނުވެއެވެ." ވިސްނައި ފިކުރުކޮށްލައިބަލާށެވެ. މިއީ، ކޮންފަދަ މަތިވެރި ބަސްފުޅެއްތޯއެވެ؟

އަދި ހަމަ އެފަދައިން ހޫދު ސޫރަތުގެ 117 ވަނަ އާޔަތަށް ބަލައިލަމާ ހެއްޔެވެ؟ އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. "وَمَا كَانَ رَبُّكَ لِيُهْلِكَ الْقُرَىٰ بِظُلْمٍ وَأَهْلُهَا مُصْلِحُونَ މާނައީ، ރަށްތަކުގެ އަހުލުވެރިން ރަނގަޅަށް ކަންތައްކުރާ ބަޔަކުކަމުގައި ވަނިކޮށް، އަނިޔާވެރި ގޮތުގައި އެ ރަށްތައް ހަލާކު ކުރެއްވުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދައެއް ނުކުރައްވަތެވެ." މި އާޔަތުގައި އޮތް "مُصْلِحُونَ" ގެ މާނައަކީ އިޞްލާހުކުރާ މީހުންނެވެ. އެހެންވީމާ އިޞްލާޙުކުރާ މީހުން އުޅޭ ރަށްރަށާމެދު ވެސް ހަލާކު ކުރެއްވުމުގައި މާތްރަސްކަލާނގެ ކަން ކުރައްވާ ގޮތް ވަރަށް ސާފެވެ. އެއާމެދު ހިތުގައި ޝައްކެއް ހިނގާނަމަ އެމީހެއްގެ ހުރީ ކޮން އީމާންކަމެއް ހެއްޔެވެ؟

ހަމަ އެފަދައިން، ސޫރަތުލް އަންފާލުގެ 33 ވަނަ އާޔަތަށް ބަލައިލާނަމެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. "وَمَا كَانَ اللَّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ ۚ وَمَا كَانَ اللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ މާނައީ، އަދި ކަލޭގެފާނު އެއުރެންގެ މެދުގައި ހުންނަވަނިކޮށް، ﷲ އެއުރެންނަކަށް ޢަޒާބެއް ނުދެއްވާނެތެވެ. އަދި އެއުރެން استغفار ކޮށްކޮށް ތިއްބައި، ﷲ، އެއުރެންނަކަށް ޢަޒާބެއް ނުދެއްވާނެތެވެ."

މިފަދައިން ހަލާކު ކުރައްވައި ނެތިކުރެއްވުމުގެ ކަންކަން މާތްﷲ އެކަލާނގެ އަޅުތަކުންނަށްޓަކައި ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ އިރުވެސް، އެކަންކަން ހަމަ ނުދަންނަ ފަދައެވެ. އެއީ، ދެރަކަމެކެވެ. އަދި އެއީ، އިސްލާމެއްގެ މައްޗަށް ހުއްދަވާނޭ ކަންކަމެއް ނޫނެވެ. ޣައިރު މުސްލިމުން އެފަދަ ވާހަކައެއް ދެއްކިޔަސް އެފަދަ ވާހަކަތައް މުސްލިމުން ޤަބޫލުކޮށްގެނެއް ނުވާނެއެވެ.

ޤުރުއާން ގިނައިން ކިޔައި ދިރާސާ ކުރާށެވެ. ޣާފިލުކަމުން ބަރީޢަވާނެކަން ކަށަވަރެވެ. އެފަދަ މޮޅު މަތިވެރި ފޮތެއް ވުޖޫދަކު ނުވެއެވެ. ޤުރުއާނާމެދު ވިސްނައި ފިކުރުކޮށް ނުވަތަ ދިރާސާ ނުކުރާ މީހުނާމެދު މުޙައްމަދު ސޫރަތުގެ 24 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައި ވާނީ ކޮންފަދަ ބަސްފުޅެއްކަން ނިކަން ވިސްނައިބަލާށެވެ.

އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. "أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا މާނައީ، ފަހެ، ޤުރުއާނާ މެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީ ހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟"