ސަބަބާއި ކަން ހިނގިގޮތް ބަލަން ހޯދުން މުޅިން ދޫކޮށްނުލާ
އަބަދަށް އެފަދަ ކަންކަން ކުރާ ދަރިފަސްކޮޅަށް ދޫކޮށްނުލާ
އެއްވެސް އިރަކު މިނިވަންކަމަށް ލޮޅުމެއް އަރާފައި ނޯވެޔޭ
އެއްފާޑަކަށް ދިވެހީން ކުރެން އުޅެވޭ ނުބައި ބަޔަކާނުލާ
ލުޠުފީ ސަގަރު ނާސިރު ކަހަލަ ޣައްދާރު މީހުން އުފެދުމުން
ޚުޠުބާޔަކުން އަސަރެއް ނުކޮށް ދީލާލަނީ ވިސްނާނުލާ
އޮނަވިހި ދަރީން ދިވެހީންކުރެން ދިޔައީ ޝަހީދު ވެގެންކަމާ
އޮނަހިރި ޢަދަދު ގޮވަމުންދަނީ ބަލިވާނެޔޭ ހުއްޓާނުލާ
ސައުވީސް ގަޑީރު އަރައި މިތާ ބަޑިޔާ ބޮމާ އުކަމުން ދިޔަސް
ފައުޖަށް ލޮޅުން އެރުމުން ފިލަން ދުއްވައިގަތީ ފިކުރާނުލާ
ސިފައިންގެ މައި މަރުކަޒު ހިފަން ކުރިހައި މަސައްކަތް ބީވުމުން
ގިނަ ހިނދުތަކެއް ނުވެ ބިރުހިތައި ދިޔައީ ފިލަން ފައުޖާނުލާ
ދިވެހީންގެ ލަސްކަރު ހިތްވަރާ ރައްބީގެ މަދަދުން ކުރިއަރައި
މިވެށީގެ ބާރާ އާރުގައި ޙަމަލާ ދިނީ ހުއްޓާނުލާ
ނަޞްރާ ނަސީބާ ކުރިއެރުން ގައުމަށް އިލާހީ ރަޙުމަތުން
އަސްރާރުގައި ދީނުގެ ވިމާތް އަތް އުފުލަމާ ތިރިކޮށްނުލާ