Support Us

އައްލާމާ އިގުބާލަށް ފޮނުވި ސިޓީއެއްގެ ވާހަކަ

ތިރީގައި ވަނީ ފޭބި މީލާދީ ގަރުނުގައި އުފެދުނު އިސްލާމީ އިލްމުވެރި ބޮޑެތި މުފައްކިރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ދެ މުފައްކިރެއްގެ ދެމެދުގައި ބަދަލު ކުރެވުނު ސިޓީއެއްގެ ކޮޕީއެކެވެ. ތާރީޚުން ފެންނަން އޮތް ފަދައިން، މީގެ އަށްޑިހަ އަހަރަށް ވުރެ ގިނަ ދުވަސްކުރިން ލިޔެވުނު ސިޓީއެއްގެ ކޮޕީއެކެވެ.

މިސިޓީ ލިޔުއްވީ މުހައްމަދު އަސަދެވެ. ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ، ކީރިތި ގުރުއާނުގެ އިނގިރޭސި ތަރުޖަމާއަކާއި ތަފްސީރެއް ލިޔުއްވި މުއައްލިފެކެވެ. އަދިވެސް، އިސްލާމީ އިލްމީ ފިކުރީ ފޮތްތަކެއް ލިޔުއްވައި، އޭނާގެ ހަޔާތުގެ ހަތްދިހަ ވަރަކަށް އަހަރު، އިސްލާމް ދީނަށް ފިކުރީ ގޮތުން ޚިދުމަތްތަކެއް ކުރެއްވި އިލްމުވެރިޔެކެވެ.

ސިޓީ މުޚާތަބުކުރެވިފައި އޮތީ އައްލާމާ އިގުބާލަށެވެ. ޕާކިސްތާނުގެ ފިކުރުގެ ބާނީއެވެ. އިސްލާމީ ބިންގަލެއްގެ މަތީގައި މިޒަމާނުގެ ދައުލަތެއް ބިނާކުރުމުގެ މުހިއްމުކަމާއި އެދުން ފާޅުކުރައްވައި އެކަމުގެ މަގު ކޮއްޓަވައި ދެއްވި މުފައްކިރެކެވެ. އޭނާގެ ޅެންތަކުގައި މަރުވެފައި އޮތް އިސްލާމީ ދީނީ ރޫހަށް ދިރުން ގެންނަވަން މަސައްކަތްކުރެއްވިއެވެ. އަދި އޭނާގެ ނަޘްރުގެ ލިޔުން ކަމުގައިވާ އިސްލާމީ ދީނީ ފިކުރު އާކުރުން، މިފޮތުގައި މިކަން ކުރެވިދާނޭ ކަމުގެ ހުއްޖަތް ދައްކަވާފައިވެއެވެ.

މި ދެބޭކަލުން ވެސް، އިސްލާމީ އާ ދިރުމެއް ގެންނަން ބޭނުންފުޅުވިއެވެ. އަދި، މިކަން ކުރެވޭނީ އިލްމީ ބިންގަލެއްގެ މަތީގައކަން ދެކެވަޑައިގަތެވެ. އަދި އެ ގޮތުން، 1892ގައި ގާއިމުކުރެވުނު އިސްލާމިއްޔާ ކޮލެޖުގައި، އިސްލާމީ މަންހަޖު އިސްލާހުކޮށް ކިޔަވައި ދިނުމުގެ މުހިއްމުކަން ދެކެވަޑައި ގަތެވެ. ނަމަވެސް، އެކަން އެ ދެބޭކަލުން އެދިވަޑައިގަތް ގޮތަކަށް ހަމަޖެހިގެން ނުދެއެވެ. މިސިޓީ ލިޔެވުނު އިރު، އައްލާމާ އިގުބާލު އުޅުއްވަނީ އާލަސްކަންފުޅާއެވެ. އަދި މިސިޓީ ލިޔެވުނަތާ ހަތަރުވަރަކަށް އަހަރު ފަހުން އޭނާ އަވަހާރަވިއެވެ. ދެން، އެ ވަޒީފާ ހަވާލުކުރެވުނީ އެހެން ބޭފުޅަކާއެވެ. ތަޖުދީދުގެ މަސައްކަތަށް އިސްކަން ދެއްވުމަށް ވުރެ، ހަމަ ކުރިން ވެސް ކަންތައްތައް އޮތް ގޮތަށް ބޭއްވުމަށް ލޯބިކުރެއްވި ބޭފުޅަކަށެވެ.

ކޮންމެ އަކަސް މީގެ އަށްޑި އަހަރު ކުރިން މުހިއްމުވެ ފާޅުކުރެވުނު ޚިޔާލެއް އަދިވެސް އޮތީ ހަމަ އެ ގޮތުގައެވެ. ޚިޔާލެއްގެ ގޮތުގައެވެ. އެ ޚިޔާލަށް އަމަލީ ސިފަ ނުގެނެވިއެވެ. އެކަން ސާފުވެ ދިޔުމަށްޓަކައި ސިޓީގެ ބައެއްގެ ތަރުޖަމާ ލިޔެލާނަމެވެ.

"އިއްޒަތްތެރި ޑރ. އިގުބާލު މަނިކުފާނަށް ދަންނަވަމެވެ.

މި މަހު [ޖުލައި] ދިހައެއްގައި މަނިކުފާނު ލިޔުއްވި ސިޓީއިން އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބުނެވެ. މަނިކުފާނުގެ ހުށަހެޅުއްވުން- އިސްލާމިއްޔާ ކޮލެޖުގައި އުލޫހިއްޔާތު ކިޔަވައިދިނުން- ޝައްކެއްނެތް ގޮތުގައި އެއީ ވަރަށް ވެސް ރަނގަޅު ހުށަހެޅުއްވުމެކެވެ. އަދި، އެ މަގާމު އަޅުގަނޑަށް ދެއްވައިފިނަމަ، އުސޫލެއްގެ ގޮތުން، އެކަން ގަބޫލުކުރަން ތައްޔާރަށް ހުރި ކަމުގެ ވާހަކަ ދަންނަވަމެވެ. މިކަން ކުރުމުގައި އަޅުގަނޑުގެ ޚިޔާލަށް ފެންނަ ގޮތަކީ އާދައިގެ މަތިން، ސާދާ ގޮތެއްގައި، ދީނުގެ އިލްމުވެރިން، އާދަކޮށް، ފިގުހު ކިޔަވައި ދެއްވާ ގޮތަށް ކިޔަވައިދިނުމެއް ނޫނެވެ. ނަމަވެސް، ކީރިތި ގުރުއާން ބާވާލެއްވުން ފެށި، އެންމެ ފަހުގެ ހަދީސް ފޮތް ޖަމާކުރެވުނު ވަގުތާ ހަމައަށް، އިސްލާމް ދީންގެ އަސްލާއި ފަލްސަފާއާއި އަދި އުފެދި ކުރިއަރައި ދިޔަގޮތް ހިމެނޭ ނިޒާމީ ކޯހެއްގެ ސިފައިގައި ކިޔަވައިދިނުމެވެ. ޝައްކެއް ނެތް ގޮތުގައި، ފިގުހާ ބެހޭ ކަންކަން، އިއްތިފާގުން، ހިމެނިގެންދާނެއެވެ. ނަމަވެސް، އެކަން ވާނީ އަޅުގަނޑުގެ ކިޔަވައިދިނުމުގައި މައިގަނޑު އަމާޒަކަށް ނޫނެވެ. އެހެން ކަމަށް ވިޔަސް، އަޅުގަނޑަށް އަޅުގަނޑު އެންމެ ބޭނުންތެރި ކަންތައް ހާސިލުކުރެވިދާނޭ ކަމާމެދު އަޅުގަނޑު ޔަގީންކުރަމެވެ: މުސްލިމު ޒުވާން ސިކުނޑިތަކުގެ ތެރެއަށް، އެންމެ ކުޑަވެގެން ބައެއް މުސްލިމު ޒުވާން ސިކުނޑިތަކުގެ ތެރެއަށް، ޒިހުނިއްޔަތީ (ފިކުރީ ވިސްނުމުގެ) އުފަލާއި ހިތްހަމަޖެހުން ގެނެސްދިނުމެވެ…"

އާދެ، މި ބޭކަލުންގެ އުއްމީދަކަށްވީ، އިސްލާމީ މަތީ ތައުލީމުގެ މަންހަޖު އިސްލާހުކޮށް، ކިޔަވައިދިނުމުގެ ތެރެއިން އިސްލާމީ ޒިހުނިއްޔަތުގެ އާ ހޭލުންތެރިކަމެއް އުފެއްދުމެވެ. މި އެދުމަށް ސަތޭކަ އަހަރު ފުރެން ކައިރިވަމުންދާއިރު، އަދިވެސް މި އެދުން އޮތީ ހަގީގަތަކަށް ހަދައިނުލެވިއެވެ. ކޮންމެ އަކަސް، އުއްމީދަކީ، އެދުމަކީ، މިކަން ކައިރި މުސްތަގުބަލެއްގައި ހަގީގަތަކަށް ވުމެވެ.