Support Us

ކޮލަމް: ދިނަށަ

މި އަހަރުގެ ފުރަތަމަ މާހުޅެވި

(ހުޅެތްވަކީ އިރުގެ އަލި ހަނދަށް އެޅިގެން ހަނދުގެ އަރިމަތިން ކޮންމެ ރެޔަކަށް އަލި ފާޅުވާ ރޭޝިޔޯގެ މިންވަރަށް ކިޔާ ނަމެވެ.)

ނޮވެމްބަރ 5، 2021 އަކީ، މިއަހަރުގެ ފުރަތަމަ މާހުޅެވި ފެންނަ ރެއެވެ. ރަބީޢުލް އައްވަލު މަހުގައި ދުނިޔެ ވަށައިގެން ހަނދު ޖަހާންފެށި ބުރު، "ވިރުސިކަ" ރާހީގެ (ޢަޤްރަބު ބުރުޖުގެ/ ސްކޯޕިޔޯ ސައިންގެ) "ނޮރަ" ނަކަތުގެ (ޢަރަބި ބަހުން ނަމަ ހަނދުގެ މަންޒިލް الغفر އެވެކިޔާ މަންޒިލްގެ) 00 ޖަރަޖަ 11 ދަޤީޤާއި ހަނދު އަރައި ހަމަވެ، ދުނިޔެއާއި އިރާއި ދެމެދުން އިރުގެ މެދާއި ދުނިޔޭގެ މެދާއި ހަނދުގެ މެދު، ނޮވެމްބަރ 4 ވަނަ ދުވަހު ޖީއެމްޓީ ގަޑިން 21:14 ގައި، މާލޭ ގަޑިން ނަމަ ނޮވެމްބަރ 5 ވަނަ ދުވަހު މެންދަމު 02:14 ގައި "އެއްއުއި" ވެ ރަބީޢުލް އާޚިރާ މަސް ހަނދު ފަށާނެއެވެ.

ނޮވެމްބަރ 5 ވަނަ ދުވަހު މާލެއަށް އިރު އޮއްސޭ ވަޤުތު ކަމަށްވާ 17:48:34 ގައި ހަނދު ހުންނާނީ 34 މިނެޓް މަތީގައި "ތީރު އަސްތަމާނު" ގެ 11 ދަރަޖަ 0 ދަގީގު 5 ސާނިޔާވީ މިޞްރާބުގައެވެ. އެއީ، ސަމުގާގެ 250.28 ވީ މިޞްރާބެވެ. ހަނދު ހުންނާނީ ޚައްޠު އިސްތަވާގެ ދެކުނުން 17 ދަރަޖަ 35.4 ދަގީގު ދެކުނުގައި، އިރަށް ވުރެން 1 ދަރަޖަ 45.1 ދަގީގު ދެކުނުގައި ކަމަށްވާތީ، ހަނދުގެ ހުޅެވި އަރިވާނީ ދެކުނަށެވެ. އެހިނދު ހަނދުގެ ހުޅެވީގެ އަލިކަމުގެ އިންސައްތައަކީ 0.7 އެވެ. ހަނދު ދުނިޔެއާއި އެވަގުތު ހުންނަ ދުރުމިނަކީ 222,496 މޭލެވެ. ހަނދުގެ ހުޅެވީގެ ޢާންމު ސައިޒަށްވުރެން 14 އިންސައްތަ ހުޅެވި ބޮޑުވެފައި ހުޅެވީގެ އަލިކަން ވެސް ޢާންމު ހުޅެވީގެ އަލިކަމަށް ވުރެން 30 އިންސައްތަ އިތުރުވާނެއެވެ. އެދުވަހު ހަނދުގެ ސެމީޑައިމީޓަރ އަކީ، 16.6 އެވެ.

ނޮވެމްބަރ 5 ވަނަ ދުވަހަކީ، އެދުވަހަށް މި ފަހަރު މޫސުން ދައްކާ ގޮތުން ވިލާ ބޯވެފައި ވިއްސާރަ ދުވަހެއް ކަމަށް ވާނެތީ މާހުޅެވި ދުށުމުގެ ފުރުޞަތު މާލެއިން ނުލިބިދާނެ ކަމަށް ދައްކާ ކަމަކު، ރާއްޖޭގެ ބައެއް ރަށްރަށުން މާހުޅެވި ދުށުމަކީ ނެތްކަމެއް ނޫނެވެ.

މި ފަހަރުގެ މާހުޅެވި ފާޅުވާ އިރު، ހަނދު ހުންނަނީ ހަނދުގެ ފަލަކުން ދުނިޔެއާއި އެންމެ ކައިރީގައެވެ. ދުނިޔެއާއި އެންމެ ކައިރީ ހުންނަ ހުރުމަށް އިނގިރޭސި ބަހުގައި ކިޔަނީ "ޕެރިޖީ" އެވެ. ހަނދު ދުނިޔެއާއި އެންމެ ދުރުގައި ހުންނަ ހުރުމަށް އިނގިރޭސި ބަހުގައި ކިޔަނީ "އެޕޮޖީ" އެވެ.
ތިރިން އެ ފެންނަ ފޮޓޯގައި އެވަނީ ހަނދު ދުނިޔެއާއި އެންމެ ކައިރީގައާއި ދުރުގައި ހުންނަ ގޮތުގެ މަޢުލޫމާތު ފަސޭހައިން ލިބިގަނެވޭނޭ ފޮޓޯއެވެ.

މިއަހަރުގެ އެންމެ ބިޔަ މާހުޅެވި ފާޅުވާނީ އަންނަ ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހުގެ ރޭގައެވެ. އެރޭ ހަނދުގެ ސައިޒު 5 ނޮވެމްބަރ ގެ ހަނދަށްވުރެން 0.1 ދަގީގު ބޮޑުވާނެއެވެ. އެހެންނަމަވެސް އެއްއުއިވާ ވަގުތާއި ހަނދު އޮއްސޭ ވަގުތު 7 މިނެޓް 53 ސިކުންތުގެ ކުޑަ ތަފާތެއްގައި ހުރުމުން، ހަނދުގެ ހުޅެވި އެންމެ ފުރިހަމަވެ ބިޔަވެގެން ފެނުމަށް ފުރުޞަތު ނޯންނާނެތީ މާލެއަށާއި ރާއްޖެއަށް ވެސް ނޮވެމްބަރ 5 ވަނަ ދުވަހުގެ މާހުޅެވި ފާޅުވާހައި ފުރިހަމަޔަށް، 4 ޑިސެމްބަރގެ ހުޅެވި ފާޅުވެގެން ނުފެންނާނެއެވެ.