Support Us

ނޮވެމްބަރު 3 ގެ ހާދިސާ: 3

ހަމަލާދީދީ ތިބި ދުޝްމަނުންގެ ކުރިމައްޗަށް ނުކުތުން

އެޑިޓަރުގެ ނޯޓު:

ތިރީގައި މި ގެނެސްދެނީ، ދިވެހިންގެ ބަޔަކާ ގުޅިގެން 3 ނޮވެމްބަރ 1988ގައި ލަންކާ ޓެރަރިސްޓުންތަކެއް ރާއްޖެއަށް ދިން އުދުވާނީ ހަމަލަ ތަޖުރިބާކުރެއްވި ބޭފުޅުންގެ ތެރެއިން، އޭރު ސިފައިންގޭގައި އެންމެ އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އޭރުގެ ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލްގެ ތަޖުރިބާއެވެ. ސްކޫލް ނިންމެވުމަށްފަހު އެން.އެސް.އެސްގެ ވަޒީފާއަށް ޖަލީލް ވެންނެވީ 1980ގައެވެ. ހާދިސާ ހިނގިއިރު ޖަލީލް ހުންނެވީ އެން.އެސް.އެސްގެ ޓާސްކް ފޯސްގެ އޮފިސަރ އިންޗާޖްގެ އެހީތެރިޔާގެ މަގާމުގައެވެ. ސިފައިންގޭގެ ތަފާތު ރޭންކުތަކުގައި 32 އަހަރު އިޚްލާސްތެރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު ފެބްރުއަރީ 2012ގައި ރިޓަޔަރ ކުރެއްވިއިރު ޖަލީލް ހުންނެވީ މޭޖަރ ޖެނެރަލްގެ ރޭންކުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ. އަދި އޭގެ ފަހުން 2015 ވަނަ އަހަރު މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަގާމު ވެސް ޖަލީލް ވަނީ އަދާކުރައްވައިފައެވެ.

ތިރީގައި މި ވަނީ ނޮވެމްބަރު 3 ގެ ހާދިސާއާ ގުޅޭ ގޮތުން މޭޖަރ ޖެނެރަލް (ރޓޑ) މޫސާ އަލީ ޖަލީލް "އަދިވެސް" އަށް ދެއްވި އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ.

3 ވަނަ ބައި

ސިފައިންގެއިން ނިކުމެ ރައްދު ހަމަލާ ދިނުން:

ވޮލެންޓިއަރ ކުރާނޭ ބަޔަކު ވޭތޯ މަސައްކަތް ކުރަނިކޮށް އަޅުގަނޑާއެކުގައި ނުކުންނާނެ 10 މީހުން ވެއްޖެ. އެއީ

ޕްރައިވެޓް އާދަމް ނަސީރު ޝޭޑީ
ޕްރައިވެޓް މުޙައްމަދު އިބްރާހިމް މެކާނޯ
ޕްރައިވެޓް މުޙައްމަދު ޙަސަން
ޕްރައިވެޓް އަބްދުﷲ މުފީދު
ކޯޕްރަލް ފުއްކަފަ ދޮންތުއްތު
ޕްރައިވެޓް އިބްރާހިމް ޝަރީފް އޮނުތޫރި
ޕްރައިވެޓް ޙުސެން މަނިކު އުނަގަލަ
ލ.ކޯޕްރަލް ތިނަދޫ އަޙްމަދު ނަސީމް
ޕްރައިވެޓް މުޙައްމަދު ޢަލީ

ދެން އެ މީހުން ތައްޔާރުވި.

ގޭޓު ތަޅުލާފައި ހުރުމުން ބޭރަށް ނުނުކުމެވި އެތައް އިރެއް

ދެން އަޅުގަނޑު އެމީހުން ގޮވައިގެން ބަޑި ނަގަން ބަޑިގުދަން ކައިރިއަށް ދިޔައިރު އެތަނުގައި މޭޖަރ މުޙައްމަދު ޒާހިރު އާއި މޭޖަރ ޝައުކަތު އިބްރާޙިމް، ފަސްޓް ލެފްޓިނެންޓް އ.ޢުމަރު މަނިކު، ސާރޖަންޓް އަބްދުއްރަހީމް ބަނޑިދޫ އާއި ޕްރައިވެޓް އަޙްމަދު ރަޝީދު ބައްޓޭ، ސްޓާފް ސާރޖަންޓް ހަބަރު ދޮންމަނިކު މި މީހުން ތިއްބެވި. ބޭރަށް ނުކުންނަ މީހުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން މޭޖަރ މުޙައްމަދު ޒާހިރާއި މޭޖަރ ޝައުކަތު އިބްރާހިމް އާއި ދެބޭކަލުން ވާހަކަ ދެއްކެވި. ދެން ދުޝްމަނުންނާ ޙަމަލާ ދިނުމަށްޓަކައި ބޭރަށް ނިކުތުމަށް ވޮލެންޓިއަރ ކުރި މީހުންނަށް ކޮންމެ މީހަކަށް އޭކޭ 47 ބަޑިއަކާއި ހަތް މެގަޒިން ވަޒަނާއެކު ދިނުމަށްފަހު ޙަމަލާ ދޭނެ ގޮތާއި ދުޝްމަނުން ޙަމަލާ ދިނުމުން ކަންތައް ކުރާނޭގޮތް ކިޔައިދިނުމަށްފަހު ބަޑިތައް ސިފައިންގެ ތެރޭގައި ޓެސްޓް ފަޔަރކޮށް ނުކުތުމަށް ތައްޔާރުވުމުން ބަޑިގުދަން ކައިރިއަށް އައިސް ތިބިމީހުން ނުކުންނަން ތައްޔާރުވެގެން ތިބި އެންމެންނާ ބަޣަލްޤީރުކޮށް ހެދި. ދެން ހުރިހާ އެންމެންނާ ސަލާންގަލާން ކުރުމަށްފަހު އަޅުގަނޑު ހިނގައިގަތީމައި މޭޖަރ މުޙައްމަދު ޒާހިރު ވެސް ދުވެފައި ކަހަލަ ގޮތަކަށް ވަޑައިގެން އަޅުގަނޑާ ބަޣަލްޤީރު ކުރެއްވި. އަދި ވަރަށް ހިތްވަރުކުރުމަށް ނަސޭހަތް ދެއްވި. ދެން އަޅުގަނޑުމެން ގޮސް ބަނޑޭރިގޭ މައިގޭޓުން ނުކުމެވޭތޯ ބަލާ އެދޮރަށް ދުޝްމަނުން ދެމުންގެންދާ ޙަމަލާގެ ވަރުގަދަކަމުން އެ ދޮރުން ނުނިކުމެވޭނެކަން އެނގުމުން އަބުރާލާފައި ގޮސް ފުލުސް އޮފީހު ގޭޓުން ނުކުތުމަށްޓަކައި ސިޑިން ތިރިއަށް ފޭބީ.

ނުކުންނަން ބެލިއިރު ގޭޓް ހުރީ ތަޅުލާފައި. ޑިއުޓީ މީހާ ކައިރީގައި ގޭޓްގެ ތަޅުދަނޑި ކޮބައިތޯ އެހުމުން ތަޅުދަނޑިވީ ސާރޖަންޓް ޙުސެން ޝާކިރުގެ އަތުގައި ކަމަށާއި، ސާރޖަންޓް ޙުސެން ޝާކިރު ވީ ބަޑިގުދަނުގައި ކަމަށް ބުނުއްވި. ވީމާ، ސަރޖަންޓް ހުސެން ޝާކިރު އަތުން ތަޅުދަނޑި ހޯދުމަށްޓަކައި މީހަކު ފޮނުވީ. ބޮޑަށް ހަނދާންވަނީ އެއީ ޕްރައިވެޓް އިބްރާހިމް ޝަރީފް އޮނުތޫރި ކަމަށް. ސާރޖަންޓް ޙުސެން ޝާކިރު ކައިރިއަށް ފޮނުވިމީހާ އައީ ހުސްއަތާ. އައިސްފައި ތަޅުދަނޑިވީ މޭޖަރ މުޙައްމަދު ޒާހިރު އަތަށް ދެވިފައި ކަމަށް ސާރޖަންޓް ޙުސެން ޝާކިރު ބުނުއްވި ކަމަށް ބުނީ. އަނެއްކާވެސް ތަޅުދަނޑި ހޯދުމަށް މޭޖަރ މުޙައްމަދު ޒާހިރު އަރިހަށް ފޮނުވީ. ފުލުސް އޮފީހުގެ ތިރީބައިގައި މިހެން ތިބޭތާ އެތައް އިރެއްވީފަހުން މީނާ އައީ މޭޖަރ މުޙައްމަދު ޒާހިރުއާ އެކުގައި. ތަޅުހުޅުވައި ދިނުމަށް މޭޖަރ މުޙައްމަދު ޒާހިރު އަށް ދެންނެވުމަށްފަހުގައި އަޅުގަނޑުމެން ނުކުންނައިރު އޯވަރހެޑް ފަޔަރިންގ ދިނުމަށާއި، ނުކުތުމަށްފަހު އަވަހަށް ތަޅުލުމަށާއި، އެނބުރި އާދެވުނު އިރަކުން އައިސް ގޮވީމާ ނޫނީ ތަޅުނުހުޅުވުމަށް ދެންނެވީން. އެއަށްފަހު އަޅުގަނޑުމެން 10 މީހުން ފުލުސް އޮފީހުގެ ގޭޓުން ނުކުމެ ފުލުސް އޮފީހުގެ މަގުމަތީ ފާރުގެ އެތެރެ ފަރާތުގައި ޢިމާރާތުގެ ފާރާއި، މަގުމަތީފާރާއި ދެމެދުގައި ގޭޓް ތަޅުލާންދެން މަޑުކުރީ. އެއަށްފަހު ކިޔައިދީފައިވާ ގޮތަށް އަޅުގަނޑާ އެކުގައި މަސައްކަތް ކުރުމަށް އެންމެންނަށް އަންގާ އަޅުގަނޑު ކުރީގައި ހުރެގެން މަސައްކަތް ފެށީ.

ހަމަލާދީދީ ތިބި ދުޝްމަނުންގެ ކުރިމައްޗަށް ނުކުތުން

ފުލުސް އޮފީހުގެ އެ ގޭޓަކީ ފަތިސް ދަޅައިގައި ބަދަލު ކުރެވުނު ހަމަލާތަކުގެ ސަބަބުން އަޅުގަނޑަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ދިން ތަނަކަށް ވުމުން އެ ހިސާބުގައި ހަރަކާތްތެރި ވުމަށް އަޅުގަނޑުގެ ހަށިގަނޑު ހުރަސްއެޅި. ނަމަވެސް މި ހުރިހާ ކަމެއްގެ މައްޗަށް ޚިޔާލު ވެރިވެގަތަނުދީ މާތްކަލާނގެ ކިބަފުޅަށް ވަކީލްކޮށް ދިވެހިރައްޔިތުންގެ ޙައްޤުގައި އެބައިމީހުން ދިފާޢުކުރެވޭތޯ، ހަމަލާދީދީ ތިބި ދުޝްމަނުންގެ ކުރިމައްޗަށް ނުކުތީ. ހަމަ ނުކުތުމާއެކު ދުޝްމަނުން ހަމަލާދޭން ފެށި. ރައްދު ހަމަލާ ވަގުތުން ދިނިން. މިގޮތުން އަޅުގަނޑުމެން ހަމަލާ ދިނުމުން ދުޝްމިނުން އެމީހުން ތިބި މަގާމުތަކުން ފަހަތަށް ޖެހުނު. ފަހަތަށްޖެހި އެ ސަރަހައްދު ދުޝްމިނުންގެ ބާރު ކަނޑުވާލެވުނު. ނަމަވެސް މި ހަމަލާގައި އަޅުގަނޑުމެންގެ ތިން މީހަކު ޝަހީދުވި.

ޝަހީދުވީ ބޭކަލުން

(1) ޕްރައިވެޓް މުޙައްމަދު ޙަސަން

(2) ލާންސްކޯޕްރަލް އާދަމް ނަޞީރު ޝޭޑީ

(3) ޕްރައިވެޓް މުޙައްމަދު އިބްރާހިމް މެކާނޯ

އެކަކުގެ ބަޑި ދުޝްމަނުންގެ ކިލިންގ ޒޯނުގެ ތެރެއަށް ވެއްޓުން

އެއަށްފަހު ސިފައިންގެ އިރުމަތީ ފަރާތުން އަތުވެދާނެ ހަމަލާއަކަށް ތައްޔާރުވެ ހުކުރު މިސްކިތު ތެރޭގައި މީހުންތައް ޑިޕްލޯއީ ކުރެވުނު. ސިފައިންގެއިން އަޅުގަނޑާ އެކުގައި ނުކުތް މީހުންގެ ތެރެއިން ޕްރައިވެޓް ޢަބްދުﷲ މުފީދު ފިޔަވާ ހުރިހާ މީހުންގެ އަތުގައިވެސް ބަޑިޔާއި ވަޒަންހުރި. ޕްރައިވެޓް ޢަބްދުﷲ މުފީދުއަށް ދިމާވި ނަސީބު ދެރަގޮތަކުން ދެފަރާތުން ޙަމަލާ ބަދަލު ކުރެވުނު ވަގުތުގައި އޭނާގެ އަތުގައި އޮތް ބަޑި ވަނީ ދުޝްމަނުންގެ ކިލިންގ ޒޯނުގެ ތެރެއަށް ވެއްޓިފައި. އަޅުގަނޑުމެންނާއެކު އެނބުރި ދާން ނުކެރޭނެ ކަމަށް ބުނުމުން މީނާގެ އަތުގައިވާ މެގަޒިންތައް އަތުލައި ލ.ކޯޕްރަލް އަޙްމަދު ނަސީމް އަށް ދެ މެގަޒިން ޕްރައިވެޓް ޙުސެއިން މަނިކް އުލަގަލަ އަށް ދެ މެގަޒިން އަޅުގަނޑަށް ދެ މެގަޒިން ބަހާލީ. މެގަޒިންތައް މީނާގެ އަތުން އަތުލަމުން ދިޔައިރު އަޅުގަނޑުގެ ހިތަށް ވަރަށް ތަފާތު ޚިޔާލުތަކެއް ވަންނަމުން ދިޔަ. އެއީ ފަތިހުއްސުރެ މެންދުރާ ހަމައަށް ހަނގުރާމަ ކުރަމުން ދިޔައިރު އަޅުގަނޑުމެންނަށް ލިބިފައިވާ ގެއްލުންތައް ގިނަކަމާއި މީހުންގެ ހިތްވަރު އެލެމުން ދިޔަގޮތް ޕްރައިވެޓް ޢަބްދުﷲ މުފީދު އަށްވެސް އެނގުމާއި އަޅުގަނޑުމެންގެ މީހުންތައް ޑިޕްލޯއި ކުރެވިފައިވާ ގޮތް ޕްރައިވެޓް މުފީދު އަށް އެނގުމާއި ދުޝްމަނުންގެ އަތްދަށަށް ޕްރައިވެޓް ޢަބްދުﷲ މުފީދު ހިނގައްޖެނަމަ ކެރިކުޅަދާނަ ނުވާނެ ފަދަ އަނިޔާތަކެއް ކުރުމުން ޕްރައިވެޓް ޢަބްދުﷲ މުފީދުގެ ފަރާތުން ދުޝްމަނުންނަށް ބޭނުންވާނެ އެންމެ މުހިންމު މަޢުލޫމާތުތައް ލިބިދާނެ ކަމަށްޓަކައި. މިކަމާ ދޭތެރޭ ކުޑަ ހިނދުކޮޅަކު ވިސްނާލުމަށްފަހު ހުކުރު މިސްކިތު ތެރެއަށް ޕްރައިވެޓް ޢަބްދުﷲ މުފީދު ދޫކޮށްލާފައި އެނބުރި އައުމަށް ނިންމީ.

ސިފައިންގެއަށް އެނބުރި އައުން

އެނބުރި ސިފައިންގެއަށް ވަންއިރު ތިން މީހުން މަރުވެ އެކަކު ދޫކޮށްލަން ޖެހުނު ކަމުގައިވިއަސް ބަދަލު ކުރެވުނު ހަމަލާ ތަކުން ރައީސް އޮފީހުގެ ހުޅަނގު ގޯޅި ތެރޭގައި ތިބި ދުޝްމަނުން ސަރަހައްދު ދޫކޮށްދިއުމާއި ސިފައިންގެ އިރުމަތިންނާއި ދެކުނުން އެއްވެސް ކަހަލަ ނިޝާނެއް ފެނިފައި ނުވާތީ އެ ސަރަހައްދު ދޫކޮށް ދުޝްމަނުން ދިޔަކަން ޔަޤީންކޮށް އެކަށީގެންވާ ވަގުތު ހޭދަކުރުމަށްފަހު އެނބުރި އައިއިރު މަރަށް ތެޅިތެޅި އޮތް ޕްރައިވެޓް އަޙްމަދު ބުޝްރީ އާއި ޑިފެންސް ގޭޓްގައި ޑިއުޓީއަށް ހުރި ޕްރައިވެޓް މުޙައްމަދު އަބޫބަކުރު ގްލޭން އާއި ދެ މީހުން ސިފައިންގެއަށް ވެއްދިން.

ފުލުސްއޮފީހުގެ މަތީގައި ތިބި މީހުން އަޅުގަނޑުމެންގެ ގަޔަށް ބަޑިޖަހަން ތައްޔާރުވި

ސިފައިންގެއަށް ވަންނަން އައިއިރު ފުލުސްއޮފީހުގެ މަތީގައި ތިބި މީހުން އަޅުގަނޑުމެންގެ ގަޔަށް ބަޑިޖަހަން ތައްޔާރުވި. އަޅުގަނޑުމެން ހަޅޭއްލަވާ ހެދުމުގެ ސަބަބުން ނަސީބަކުން އަޅުގަނޑުމެންނާ ދިމާއަކަށް ބަޑިއެއް ނުޖަހާ. ސިފައިންގެ އަށް އެނބުރި އައިއިރު މަރުވި ތިން މީހުންނާއި ދޫކޮށްލަން ޖެހުނު މީހާ ފިޔަވާ ދެން ތިބި އެންމެން އެނބުރި އައީ. އަޅުގަނޑުމެން އަވަސްވެގަތީ ކޮމިއުނިކޭޝަނަށް ޚަބަރު ދިނުމަށް. އޭރު އެތާނގައި މޭޖަރ އާދަމް ޒާހިރު، ކެޕްޓަން އަޙްމަދު ނަޢީމް، ކޯޕްރަލް ޒުބައިރު އަޙްމަދު މަނިކު ތިއްބެވި. އަޅުގަނޑު ވަންއިރު އެބޭކަލުންވެސް ތިއްބެވީ ފޯނުގައި. ކަން ހިނގިގޮތް މޭޖަރ އާދަމް ޒާހިރު އަށް ކިޔައިދިނުމުން އެ މެސެޖުތައް ލަފުޒުން ލަފުޒަށް ސިފައިންގެ ވެރިޔާއަށް ދަންނަވަމުން ގެންދެވި. އެއަށްފަހު އަނެއްކާވެސް އިތުރު މީހުން ނެރެންވީތޯ މޭޖަރ މުޙައްމަދު ޒާހިރު ސިފައިންގެ ވެރިޔާއާ ސުވާލުކުރެއްވި. ޖަވާބުގައި ސިފައިންގެ ވެރިޔާ ވިދާޅުވި ކަމަށް މޭޖަރ މުޙައްމަދު ޒާހިރު ވިދާޅުވަނީ އެހާ ގިނަ ބަޔަކު ޝަހީދުވެ ދިޔައީމާ ދެވަނަ ބަޔަކު އެހާ އަވަހަށް ނުނެރުމަށް.

މޭޖަރ ޢަބްދުއްސައްތާރު ޢަންބަރީގެ ކޯލުން އަނެއްކާވެސް އަޅުގަނޑަށް އާ ހިތްވަރެއް ލިބުނު

ދެން ކުއްލިއަކަށް ކެޕްޓަން އަޙްމަދު ނައީމް މުޙައްމަދު ވާހަކަ ދައްކަވަން އިންނެވި ފޯން ދިއްކޮށްލެއްވުމުން އެ ފޯނަކީ ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް ސެކިއުރިޓީ މޭޖަރ ޢަބްދުއްސައްތާރު ޢަންބަރީ ކުރައްވާފައިވާ ފޯނެއްކަން އެނގިއްޖެ. މޭޖަރ ޢަބްދުއްސައްތާރު ޢަންބަރީ ވިދާޅުވީ ހަތަރު ފަހަރަށް ސިފައިންގެއަށް ވަދެވޭތޯ ދެވިއްޖެ ކަމަށް. ނަމަވެސް އެންމެ ކައިރިއަށް ވެސް ދެވުނީ ބަގީޗާގެއާ ހަމައަށް ކަމަށް. އަނެއްކާވެސް މި އުޅެނީ ސިފައިންގެއަށް ވަދެވޭތޯ މަސައްކަތް ކުރާން. އަޅުގަނޑު މޭޖަރ ޢަބްދުއްސައްތާރު ޢަންބަރީއަށް ދެންނެވީ "ސިފައިންގެއަށް ވަޑައިގަތުމަށް މަސައްކަތް ނުކުރައްވާށޭ" އަޅުގަނޑުމެން މިތިބީ ސިފައިންގެ ދިފާޢު ކޮށްގެންނޭ އެންމެ ފަހުމީހާއާ ޖެހެން ދެންވެސް، ސިފައިންގެ ދިފާޢު ކުރުމަށް ޓަކައި ނުކުމެ ތިން މީހުން ޝަހީދުވެ އެކަކު ދޫކޮށްލަންޖެހި ޖުމްލަ ހަތަރު މީހުން ގެއްލި އަނެއްކާވެސް ދުޝްމަނުންގެ ޙަމަލާތައް ވަރުގަދަވެ އަޅުގަނޑުގެ ހިތްވަރުވެސް އެލެމުންދިޔަ ވަގުތެއްގައި މޭޖަރ ޢަބްދުއްސައްތާރު އަންބަރީ ފަދަ އިސްވެރިއަކު ސީދާ އަޅުގަނޑާ ގުޅި ހިތްވަރު ދިނުމަށް ދެއްކެވި ވާހަކަފުޅު ތަކުން އަނެއްކާވެސް އަޅުގަނޑަށް އާ ހިތްވަރެއް ލިބުނު.

ގޮއްވާލި ބާގަނޑު ބައްދާލުން:

ދެން އަނެއްކާވެސް އަވަސްވެގަތީ ސިފައިންގެ ދިފާޢުކުރުމުގެ މަސައްކަތައިގެން ކުރިއަށް ދިއުމަށް. މިގޮތުގެ މަތިން ތިރިއަށް ގޮސް މޭޖަރ މުޙައްމަދު ޒާހިރުއާ ބައްދަލުކޮށް ސިފައިންގެ ހުޅަނގު ދެކުނު ކަނުން ގޮއްވާލި ބާގަނޑު ބެއްދުމުގެ މަސައްކަތް އަޅުގަނޑާއި ސްޓާފް ސާރޖަންޓް ޚަބަރު ދޮންމަނިކުއާ ދެމީހުން ވެސް ކުރިން. މިގޮތުން ބައި އިންޗީގެ ދަގަނޑު ފިލައެއް ފާރުގައި ލައްގާ ބާގަނޑު ބައްދައި ފިލާގައި (ސިފައިންގެއާއި ވީފަރާތުގައި) ވެލިބަސްތާ ޖައްސާ ބާގަނޑު ބެއްދީ.

ކޮމިއުނިކޭޝަން ފާރުގައި ވެލިބަސްތާ ޖެއްސުން:

ކޮމިއުނިކޭޝަނުގެ ސެޓްތައް ހުރީ ދުޝްމަނުންގެ ޙަމަލާތަކުން ވަރަށް ވަލްނަރަބަލްކޮށް ކަމުން ހައެއްކަ މީހުން ގޮވައިގެން ގޮސް ކޮމިއުނިކޭޝަން ސެޓްތަކުގެ ކަވަރެއްގެ ގޮތުން ވެލިބަސްތާތައް ޖަހައި ބޭރުން ޙަމަލާއެއް ދިނަސް ކޮމިއުނިކޭޝަންގެ އެއްވެސް ސެޓަކާއި އެސެޓްގެ މުވާސަލާތީ ގުޅުން ކެނޑިދާ ފަދަ ގޮތަކަށް ޙަމަލާ ނާރާނޭ ގޮތުން ވެލިބަސްތާތައް ޖެހީ. ދެން ވަށައިގެން މީހުން ތިބީ ރަނގަޅަށްތޯ ޗެކްކުރަމުން ދިޔައިރުގައި ލެފްޓިނެންޓް ޙަސަން ނަސީރު އާއި ކޯޕްރަލް ސުލައިމާން މަޙުމޫދު ބުރައުނިންގ މެޝިންގަން ސިފައިންގެ ވެރިޔާގެ ނައިބުގެ ކޮޓަރިކޮޅުގައި މައުންޓްކުރަނީ. އޭރު ޕޯސްޓަލްއާ ދިމާލުން ވަރުގަދަ ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރާއި ބިރުދައްކަމުން ދާކަން އިވޭއަޑުތަކުން އެނގިއްޖެ. އެހެންކަމުން ލެފްޓިނެންޓް ޙަސަން ނަސީރުމެން ބަޑި ބެހެއްޓުމުގެ މަސައްކަތް ގެންދިޔައިރު އަޅުގަނޑު އަވަސްވެގަތީ ފެންޑާތަކުގެ ބިއްދޮށް ވަރުގަދަކުރުމަށް. އެއީ އިރުއޮއްސޭއިރަށް އަނދިރިކަމުގެ ތެރޭގައި އަނެއްކާ ދުޝްމަނުން ސިފައިންގެ ތެރެއަށް ވަދެގަންނަން މަސައްކަތް ކޮށްފާނެތީ. އެހެންވީމާ ކޮއްތު ގުދަނުން ތާންގީ ހޯދައިގެން ގޮސް ސިފައިންގެ ދެކުނުފަރާތު ފެންޑާގެ ފުރަގަހުގައި ތިން ތާނގީއަށް ވެލިއަޅައި އެތާނގައި ބެހެއްޓީ. އެއަށްފަހު އެ ތާންގީތަކުން ކަވަރ ލިބޭގޮތަށް ކޯޕްރަލް ޒުބައިރު އަޙްމަދު މަނިކު އާއި ކޯޕްރަލް ޔޫސުފް ސަލީމް އާއި މި ދެމީހުން ބޭތިއްބީ. ސިފައިންގެ ހުޅަނގު ފެންޑާގެ ބިއްދޮށުގައިވެސް މިގޮތަށް ތާނގީ ބަހައްޓާ އެތަނުގައި ކޯޕްރަލް ޢަބްދުއްސަލާމް ބެހެއްޓީ.

އަނބުގަސްދޮށުގައި "ކަވަރ"އެއް ހެދުން.

ސަކީނާ މަންޒިލް ތެރެއިން ސިފައިންގެއަށް ހަމަލާދިނުމަށް ދުޝްމަނުން ވަންނަން އުޅޭކަމުގެ ޚަބަރު ލިބިގެން އަޅުގަނޑު ބޭރަށް ނިކުންނަން މަސައްކަތްކުރި ބަހުގެ ފަހަތަށް، ކަނޑާފައި ހުރި ތިން ތާންގީ އަރުވާ އެއަށް ފުރެންދެން ވެލިއެޅީ. މި ބަސް ކަވަރެއްގެ ގޮތުގައި ބޭނުންކޮށްގެން ޓާސްކުފޯހުން ބަޑިގުދަނަށާއި ކުޅިވަރު ފެންޑާއިން ބަޑިގުދަނަށް މީހުން ދިޔަ. އެއަށްފަހު އަނެއްކާވެސް ޑިޕްލޯއި ކުރެވިފައިވާ މީހުންތައް ބަލާ ޗެކްކުރަމުން ދިޔައިރު ގިނަ ފެންޑާތަކުގައި ބައިތިއްބާފައި ތިބި ތަންތަން ދޫކޮށްލާފައި ގިނަ މީހުން ތިބީ އެނދުސެޓްތަކުގެ ދަށުގައި ސީލިންގާ ދިމާލަށް ބަޑި އަމާޒު ކޮށްގެން.

އެމީހެއްގެ އަތުގައި އޮންނަ ބަޑި މިހާރު މި ޖެހެނީކަން އެނގިގެން ހުއްޓާލެވޭއިރު ވަޒަން ހުންނަނީ ހުސްވެފައި

މިހެން ތިބިތަން ފެނިފައި އަނެއްކާވެސް ޖެހުނީ މީހުންތައް ތަރުތީބުކޮށް އަތުރާން. މިހެން އުޅުނު އުޅުމުގެ ތެރޭގައި ވަރަށް ގިނަ ފަހަރު ވަރަށް ގިނަ ފެންޑާތަކަށް ވަދެ ޗެކްކުރެވުނު. އެދުވަހު ގިނަ މީހުން ބަޑިޖަހަމުން ގެންދިޔައީ އެއެއް މިއެއް ބެލުމެއްނެތި ހަމައެކަނި ވަޒަނެއް ގޮއްވާ އަޑުއިވުމާއެކު ސިހިގެން ގޮސްފައި އެމީހެއްގެ އަތުގައި އޮންނަ ބަޑިވެސް ގޮއްވާލަނީ. މިގޮތަށް ގޮއްވާލެވި އެމީހެއްގެ އަތުގައި އޮންނަ ބަޑި މިހާރު މި ޖެހެނީކަން އެމީހަކަށް އެނގިގެން ހުއްޓާލެވޭއިރު އެބަޑިއެއްގެ މެގަޒިންގައި ހުންނަ ވަޒަން ހުންނަނީ ހުސްވެފައި. މިއީ ވަރަށް ގިނަ ބަޔަކަށް ދިމާވި ގޮތެއް. މިގޮތަށް ތަންތަން ބަލައި ޗެކްކުރަމުން ވަޒަން ހޯދަން ބޭނުންވާ ފަރާތްތަކަށް ވަޒަނާއި ކޮއްތު ގުދަނުން ކާތަކެތި (ޕެކެޓް ކޮށްފައި ހުރި) ފޮނުވާ މިކަންކަން ކުރީން.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *