Support Us

"ގާނޫނީ ހައިސިއްޔަތު"– ލަފްޒާއި މާނަ ގުޅުވައިގެން ލިޔެ ވާހަކަ ދެއްކުމުގެ މުހިއްމުކަން

ދާދި ފަހުން ނޫހަކުން ފެނުނު ސުރުޚީއެކެވެ. 'އިންޑިޔާ އައުޓޭ' ގޮވައި، އިހުތިޖާޖު ކުރަމުން ދިޔަ ބަޔަކާ ބެހޭ ގޮތުން އިއްޒަތްތެރިއަކު ކަމުގައި ބަލަން ޖެހޭ މީހަކު ބުނެފައި އޮތް ވާހަކައެކެވެ. އެ ސުރުޚީގައި ލިޔެވިފައި އޮތް އިބާރާތުން ދޭހަވަނީ އެހެން ގޮވަމުން ދިޔަ ބަޔަކަށް، މަގުމައްޗަށް ނިކުމުގެ އެ އިހުތިޖާޖެއް ކުރުމުގެ 'ގާނޫނީ ހައިސިއްޔަތެއް' ނެތްކަމެވެ. އިބާރާތުގެ މާނަ ހަނިކޮށްލާފައި ބުނާ ނަމަ، އެކަން ކުރަމުން ދިޔައީ 'ގާނޫނީ ހައިސިއްޔަތު ނެތް' ބަޔަކާއެކުގައެވެ. އާދެ، މި ވާހަކަ ނިކުމެފައި އޮތް ކަމަށް ނޫހުގައި ބުނެފައި އޮތީ، ދެންމެ ބުނި ފަދައިން 'އިއްޒަތެރި' މެމްބަރެއްގެ އަނގައިންނެވެ. އާދެ، ގާނޫނު ހަދާ މަޖުލީހުގެ މެމްބަރެއްގެ އަނގައިންނެވެ. މިފަދަ މަޖުލީހެއްގައި ތިބެން ޖެހޭނީ، އެންމެ ކުޑަވެގެން، ތިމާ ބޭނުންކުރާ ބަސްތަކުގެ މާނައާއި އެބަސްތައް ބޭނުންކުރަންވާ ގޮތް ވެސް، ރަނގަޅަށް އެނގޭ، އަދި، އަމިއްލައަށް ކިޔޭ ނުކިޔޭ އެއްޗެއް އެނގޭ ބައެއްތާއެވެ! އާންމު ރައްޔިތުންގެ މަސްލަހަތުތަކަށް އިސްކަންދީ، އާންމު ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަކީ އެފަދަ މެމްބަރުންގެ މަސްއޫލިއްޔަތާއި އެމީހުން އަދާކުރަން ޖެހޭ އެންމެ އިސް ވާޖިބުކަން ދަންނަ ބައެއްތާއެވެ. ކޮންމެއަކަސް، އެ މެމްބަރަކު 'ގާނޫނީ ހައިސިއްޔަތު’، ބޭނުންކޮށްފައި އޮތް ގޮތުން، އޭނާއަށް އޭނާއަށް ކިޔޭ ނުކިޔޭ އެއްޗެއް އެނގުމާ މެދު ސުއާލު އުފެދެއެވެ. އެހެންވެ، މި އިބާރާތާ ބެހޭ ގޮތުން އެއްޗެއް ބުނެ، އެ 'އިއްޒަތްތެރި’– އަމިއްލައަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ، އަމިއްލަ މަސްއޫލިއްޔަތު އަދާ ނުކުރެވޭކަން ވެސް ރޭކާ ނުލާ ބައެއްގެ އޮންނާނީ ކޮން އިއްޒަތެއް ބާވައެވެ!– މެމްބަރު ބުނި އެއްޗެއްގެ މައްޗަށް ނަޒަރު ހިންގާލަން ޖެހުނީއެވެ. އެ އިބާރާތުން ގަސްދުކުރެވޭ މާނަ ރަނގަޅަށް ސާފުކޮށްލަ ދެވޭތޯ ބަލައިލުމުގެ ގޮތުންނެވެ.

އޭގެ ކުރިން، އެހެން ކަމެއް ފާހގަކޮށްލަން ޖެހެއެވެ. ލަފްޒާއި މާނައާ އޮންނަ ގުޅުމެވެ. ލަފްޒަކީ ވަސީލަތެކެވެ. މާނައަކީ އެ ވަސީލަތް މެދުވެރިކޮށް އެއާ ހަމައަށް ދެވޭ އަމާޒެވެ. ލަފްޒަކީ އޭގެ ޒަރިއްޔާއިން ގަސްދުކުރާ މާނަ ބަޔާން ކޮށް އެއާ ހަމައަށް ވާސިލުކޮށްދޭ އެއްޗެކެވެ. އެހެން އިބާރާތަކުން ބުނާ ނަމަ، ލަފްޒަކީ މާނައިގެ ޚިދުމަތުގައި ބޭނުން ކުރެވޭ އެއްޗެކެވެ. ކުރިއްސުރެން ފެށިގެން ބަހުގެ މިމައްސަލަ ބަޔާންކޮށްދޭ އިބާރާތެއް ދިވެހި ބަހުގައި ވެސް އޮވެއެވެ. 'ބަހަކީ އިޝާރާތެކެވެ.' މިހެން ބުނާ ބުނުމެވެ. މީގެ މާނައަކީ ބަސް ނުވަތަ ލަފްޒުގެ ވަޒީފާއަކީ މާނައަށްއަށް އިޝާރަތްކުރުމެވެ. ބަހުގެ އިތުރުން، މާނައަށް އިޝާރަތްކުރުމަށްޓަކައި ތަފާތު އެހެން ވަސީލަތްތައް ވެސް ބޭނުން ކުރެވެއެވެ. އަތްފައިގެ ހަރަކާތެވެ. ކުރެހުމެވެ. މޮސްކޯޑު ފަދަ އަޑުގެ ރަމްޒުތަކެވެ. މިޔުޒިކެވެ. މިއީ ހައްތަހާ ވެސް މާނައަށް އިޝާރަތްކުރަން ބޭނުން ކުރާ ވަސީލަތްތަކެވެ.

ޝައްކެއްނެތް ގޮތުގައި، މާނައަށް އިޝާރަތްކޮށް ބޭނުންކުރާ ހުރިހާ ވަސީލަތްތަކުގެ ތެރެއިން، އެންމެ ފުރިހަމަ ވަސީލަތަކީ ބަސްމޮށުންތެރި ކަމެވެ. އެހެން ވިޔަސް، ބަސްމޮށުން ތެރިކަމަކީ ވެސް، އެ ވަސީލަތުގައި އުނިކަންކަން ހުރި ވަސީލަތެކެވެ. މި އުނިކަމުގެ ތެރެއިން އެއް ކަމަކީ ހިތުގައި ކަނޑައަޅާ ލެވޭ ކޮންމެ މާނައަކަށް އިޝާރަތްކުރުމަށްޓަކައި ވަކިވަކި ލަފްޒުތައް ބަސްބަހުގައި ހަދާލެވިފައި ނޯންނަކަމެވެ. މި އުނި ފޫބެއްދުމުގެ ގޮތުން، އެއް ލަފްޒެއް ތަފާތު މާނައިގައި ބޭނުން ކުރެވެއެވެ. މިސާލަކަށް ހިޔާ އޭ ބުނުމުން ތަފާތު މާނަތައް ދޭހަވެއެވެ. އަވިން ރައްކާވެވޭ ތަނެކެވެ. ދޯނި ދޯނީގައި ހަދާފައި ހުންނަ ގެގަނޑެވެ. އަދި މަޖާޒީ ގޮތެއްގައި އެހީތެރިކަމުގެ މާނައިގައި ވެސް ހިޔާ މި ލަފްޒު ބޭނުން ކުރެވިދާނެއެވެ.

ކޮންމެ މާނައަކަށް ވަކި ލަފްޒެއް ނެތުމަކީ މައްސަލައެއް ނޫނެވެ. ވާހަކަ ދައްކާ މީހާއަށް، ނުވަތަ ލިޔާ މީހާއަށް، އޭނާ ބޭނުންކުރާ ބަސްބަހުގައި ތަފާތު މާނަ އޮވެ ދާނެކަން ކުރިން ދެނެގަނެ، އޭނާ ގަސްދުކުރާ މާނަ، ވާހަކައިގެ ސިޔާގުން އަންގައި ދިނުމުން މިކަން މައްސަލައަކަށް ނުވެއެވެ. މިސާލަކަށް، ގަހެއްގެ ހިޔަލުގައި އިން ވާހަކަ ބުނުމާއި ދޯނީގެ ހިޔަލުގައި ތިބުމޭ ބުނުމުންނާއި މިވެނި މީހެއްގެ ހިޔަލުގައި އުޅުނު ވާހަކަ ބުނުމުން ހިޔާ ބޭނުންކޮށްފައި އޮންނަ ގޮތް ސާފުވެއެވެ. ހިޔާ މި ލަފްޒު އިޝާރާތްކުރާ މާނަ އެނގި ބުނާ އެއްޗެއް ދާދި ފަސޭހައިން ދޭހަވެއެވެ.

ދެން، ގާނޫނީ ހައިސިއްޔަތޭ ބުނެވޭ ބަހުގެ މާނައިގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ ހައިސިއްޔަތަކީ ވެސް، އޭގެ އަސްލަށް ބަލާލާއިރު، ގިނަ މާނަތަކެއްގައި ބޭނުންކުރެވޭ ލަފްޒެކެވެ. ކަމެއްގެ ސަބަބު ބަޔާންކޮށް ދިނުން، (މިސާލަކަށް ހުކުމެއްގެ ހައިސިއްޔާތު)، ކަމެއްގެ ތަފްސީލުތައް (މިސާލަކަށް، އިންޝުއުރަންސް ޕޮލިސީއެއްގެ ހައިސިއްޔާތު)، ކަމެއްގައި އެކުލެވޭ ހެވާއި ނުބައި (މިސާލަކަށް ގަޒިއްޔާއެއްގެ ހައިސިއްޔާތު)، ކަމެއް އޭގެ މައްޗަށް ބިނާކުރެވޭ އަސާސު (މިސާލަކަށް ގާނޫނީ ހުކުމެއްގެ ހައިސިއްޔާތު)، މިފަދަ މާނަތަކެވެ.

'އިންޑިޔާ އައުޓޭ' ގޮވައި، އިހުތިޖާޖު ކުރި މީހުންނާއި އެކަން އެ ބަޔަކާ އެކު ކުރި ބަޔަކު، މިހެން ގޮވުމުގެ 'ގާނޫނީ ހައިސިއްޔަތެއް' ނެތޭ ބުނެ 'އިއްޒަތެރި' މެމްބަރު 'ހައިސިއްޔަތު' ބޭނުންކޮށްފައި ވަނީ ހީވާ ގޮތުގައި މަތީގައި ބަޔާން ކުރެވުނު މާނަތަކުގެ ތެރެއިން އެންމެ ފަހުން ބުނެފައި އޮތް މާނައިގައެވެ. އިހުތިޖާޖު ކުރި މީހުން، 'އިންޑިޔާ އައުޓޭ' މިހެން ގޮވުން އޭގެ މައްޗަށް ބިނާ ކުރާނެ ގާނޫނީ ހަމައެއް ނެތް ވާހަކައެވެ. ނޫނީ ގާނޫނީ ގޮތުން އެފަދައިން ގޮވުމުގެ ބާރަކާއި އިޚްތިޔާރެއް ލިބިދޭ މަގާމެއް އެމީހުންނަށް، ނުވަތަ އެ ބަޔަކާ އެކު އެކަން ކުރި ބަޔަކަށް، ލިބިފައި ނެތްކަމެވެ.

މި ކަމާމެދު އިތުރަށް އެއްޗެއް ބުނުމުގެ ކުރިން، އެހެން ކަމެއް ހަނދާނަށް އާދެއެވެ. ގާނޫނީ ހައިސިއްޔަތާ ބެހޭ އެހެން ކަމެއްގެ ހަދާނެވެ. މީގޭ ދެތިން އަހަރު ކުރިން، މިއަދުގެ ސަރުކާރުގެ އިސް ސަފުގައި މިހާރު ތިބި ބައެއް މީހުން، އަސްކަރީ ބާރު ބޭނުންކޮށް ރާއްޖޭގައި އޭރު އޮތް ސަރުކާރު ބަދަލުކޮށްލަން އިންޑިޔާގެ ކިބައިން އެދި، އިންޑިޔާއަށް ގޮވި ގޮވުމުގެ ހަނދާނެވެ. މިގޮވުން ގޮވީ ކޮން ގާނޫނީ ހައިސިއްޔަތެއްގެ ދަށުން ބާވައޭ އޭރު ހިތަށް އަރައި ސުއާލުކޮށް އެކަމާ ބެހޭ ގޮތުން ލިޔުންތަކެއް އޭރު ލިޔުނު ހަނދާނެވެ. މިގޮވުން ގޮވުމަށް، ބާރާއި އިޚްތިޔާރު އެމީހުންނަށް ލިބިދިން މަގާމަކީ ކޮބާ ބާވައޭ ހިތަށް އެރި ހަނދާނެވެ. އެމީހުންގެ އެ ގޮވުމުގެ އަމަލާއި ނޮވެމްބަރު ތިނެއްގައި ދިވެހިންގެ ބަޔަކު ރާއްޖެއަށް ތަމަޅަ ހަނގުރާމަވެރިން ގެނައުމުގެ އަމަލާ ދެމެދު މާ ބޮޑު ތަފާތެއް ނެތެވެ. ދެ އަމަލަކީ ވެސް ގައުމަށް ކީޔާނަތްތެރިވުމުގެ އަމަލެކެވެ. ގާނޫނީ ބޮޑު ކުށެކެވެ. މި ދެ އަމަލުގެ ތަފާތަކީ ދިވެހިންގެ ބަޔަކުގެ ރާއްޖެ ހިފުމަށް ދިން ދައުވަތު ގަބޫލުކޮށްގެން ތަމަޅައިން އައުމެވެ. ނަމަވެސް، އިންޑިޔާއިން، އެ ދައުވަތު ގަބޫލު ނުކުރިކަމެވެ. މި ތަފާތު ހުރި ކަމުގައި ވިޔަސް، އެފަދަ ދައުވަތެއް ބޭރު ބަޔަކަށް ދިނުމަކީ ވެސް، ޝައްކެތް ނެތް ގޮތުގައި، ގާނޫނީ ވަރަށް ވެސް ބޮޑު ކުށެކެވެ. މިކަމަކީ ކަމާ ބެހޭ އިދާރާތަކުން ތަހުގީގުކުރަން ޖެހޭ ގައުމީ ޚިޔާނަތާ ބެހޭ މައްސަލައެކެވެ. މިކަމާ މެދު، އިއްޒަތްތެރި މެމްބަރު ބުނާނީ ކީކޭ ބާވައޭ ވެސް ހިތަށް އަރައެވެ!

ދެން، މައުޟޫއަށް އެނބުރިލަމާ ހެއްޔެވެ؟ އާދެ، 'އިންޑިޔާ އައުޓޭ' ގޮވުމުގެ ގާނޫނީ ހައިސިއްޔަތުގެ މައްސަލައިގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ ކަމެއްގެ މައްޗަށް ބަލައިލައި ގޮތެއް ކަނޑައަޅާލެވޭނީ ކަމުގެ ސާފު ތަސައްވުރެއް ލިބިގެންނެވެ. މާނައަކީ ހިތުގައި އެކަމުގެ 'ސޫރަ' ރީތިކޮށް ކުރަހާލެވިގެންނެވެ. 'އިންޑިޔާ އައުޓޭ' ގޮވާ ގޮވުން ގުޅެނީ އިހުތިޖާޖުކޮށް، ސުލްހަވެރި ސިފައެއްގައި، ކަންކަމާ ދެކޮޅުހެދުމުގެ މިނިވަންކަމާއެވެ. މި މިނިވަންކަން، އާންމު ސިފައެއްގައި، ގުޅެނީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއެވެ. އިހުތިޖާޖުކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ގާނޫނީ އިމުގެ ތެރޭގައި ހުއްދަކުރެވިފައިވާ ކަމެވެ. އެއީ ކޮންމެ މުވާތިނަކަށް ވެސް ގާނޫނު ދީފައިވާ ހައްގެކެވެ. އެހެންވީމާ ގާނޫނީ ހަދާ މަޖުލިހުގެ އެ މެމްބަރު ގާތު ބުނަން ޖެހޭނީ، އިހުތިޖާޖުކުރުމާއި މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމުގެ ތަސައްވުރު ހިތަށް ގެނެސް، އެއަށްފަހު، މި ކަމާ ބެހޭ ގާނޫނު ރަނގަޅަށް ކިޔައި ފަހުމުކުރާށެވެ. ދިވެހި ދަންނަ، ދިވެހިން ލިޔެ ކިޔަން އެނގޭ، ސަލާމަތް ބުއްދިއެއް ހުރި ކޮންމެ މީހަކަށް ވެސް، މިކަން ކުރެވިދާނެއެވެ. އަދި، މިކަން ކުރުމުން، 'އިންޑިޔާ އައުޓޭ' ގޮވައި އިހުތިޖާޖު ކުރުމުގެ ގާނޫނީ ހައިސިއްޔަތު، ނުވަތަ އެކަން ބިނާވާ ގާނޫނީ އަސާސު ސާފުވާނެއެވެ. އަދި، އެކަން ސާފުވެއްޖެ ނަމަ، އެކަން ކޮންމެ ދިވެހި މުވާތިނަކަށް ވެސް ލިބިގެންވާނެކަން އެނގޭނެއެވެ. އަދި، 'އިންޑިޔާ އައުޓޭ' ގޮވި ގޮވުން ގޮވީ ދިވެހި މުވާތިނުންގެ ބަޔަކާ އެއްކޮން ކަމަށް ވަންޏާ، އެމީހުންނަށް ވެސް މިހެން ގޮވުމުގެ ހައްގު ލިބިގެންވާ ކަން ސާފުވާނެއެވެ.

ދެން އެންމެ ފަހުގެ މައްސަލައެއްގެ ގޮތުގައި އޮތީ 'އިއްޒަތްތެރި' މެމްބަރު ބުނަން އެއުޅުނީ ކީކޭ ހެއްޔެވެ؟ އިންޑިޔާ އައުޓޭ ގޮވީ ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ބަޔަކާ އެކުގައި ނޫނޭ ބުނާ ބަހުގެ މާނައަކީ ކޮބާ ހެއްޔެވެ؟ މި ސުއާލުގެ ޖަވާބު ޔަގީންކަމާއެކު ބުނާކަށް ނޭނގެއެވެ. ޅެންވެރިންގެ ބަހަރުވަ، ބައެއް ފަހަރު ހުންނަ ގޮތަށް، ބުނާ އެއްޗެއް މުޅިން ސާފު ނުވާގޮތަށް، އެވާހަކަ ބުނެފައިވާތީއެވެ. މިފަދައިން ޅެންވެރިން އެއްޗެހި ބަޔާންކުރުމުން، ކުރިން ބުނި 'ބަހަކީ އިޝާރަތެކޭ' މި ބަހާ ގުޅުވާލައިގެން ދިވެހިން މިހެން ވެސް ބުނެ އުޅެއެވެ. 'މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގައެވެ.' އާދެ، މާނައިން ގަސްދުކުރާ ހަގީގަތް އެނގޭނީ ހަމައެކަނި ޅެންވެރިޔާއަށެވެ. އެހެން މީހުންނަށް ކުރެވޭނެހާވެސް ކަމަކީ ޅެންވެރިޔާ ގަސްދުކުރާ މާނަ ލަފާކޮށްފައި ބުނުމެވެ. އެހެންވެ، 'އިއްޒަތްތެރި' މެމްބަރުގެ ވާހަކައިގެ ހަގީގަތް އެނގޭނީ ހަމައެކަނި އިއްޒަތްތެރި މެމްބަރަށެވެ. އެހެން މީހުންނަށް އެއާ މެދު، އެއްޗެއް ބުނާއިރު ބުނެވޭނީ ލަފާކޮށްލާފައި ބުނާ ބުނުމެކެވެ.

ލަފާކުރެވޭ ގޮތުގައި އިއްޒަތްތެރި މެމްބަރު، 'އިންޑިޔާ އައުޓޭ' ގޮވައި އެބަޔަކާ އެކު އިހުތިޖާޖުކުރި ބަޔަކުގެ ގާނޫނީ ހައިސިއްޔަތެއް ނެތޭ ބުނި ބުނުމުގެ މާނައަކީ،- މެމްބަރުގެ ވާހަކައިން ދޭހަވާ ގޮތުގައި، – ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން ތިބި ތަނަކަށް ގޮސް، އެ ސިފައިން ރާއްޖެއިން ބޭލުމުގެ ގާނޫނީ ހައިސިއްޔަތު 'އިންޑިޔާ އައުޓޭ' އެބަޔަކާ އެކު ގޮސް ގޮވި ބަޔަކަށް ގާނޫނީ ހައިސިއްޔަތެއް ނެތް ވާހަކައެވެ. ނޫނީ އަމަލީ ގޮތުން ރާއްޖެއިން އިންޑިޔާގެ އަސްކަރީން ނެރުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ބައެއްގެ ވާހަކައެވެ. އިއްޒަތްތެރި މެމްބަރުގެ ގަސްދަކީ މިއީ ކަމަށްވާ ނަމަ، މިއީ ތެދެކެވެ. ނަމަވެސް، 'އިންޑިޔާ އައުޓޭ' ގޮވި މީހުން އެބަޔަކާ އެކު އެއްޗެއް ގޮވީ ފަހަރެއްގައި ވެސް އިންޑީޔާ މީހުން ރާއްޖޭގައި ތިބި ނަމަ އެ ތިބި ތާކަށް ގޮސް، އެމީހުން ބޭރުކުރުމުގެ އަމަލީ މަސައްކަތެއް ކުރާކަށެއް ނޫނެވެ. އެކަން އެމީހުން ކުރީ އެމީހުން ބޭނުން ޚިޔާލެއް ފާޅުކުރުމަށެވެ. މަތީގައި ބުނެފައިވާ ފަދައިން މިކަމަށް ފުރިހަމަ ގާނޫނީ ހައިސިއްޔަތު ލިބިފައި ވެއެވެ. އެހެން ގޮވި މީހުންނަށާއި އަދި، އެބަޔަކާ އެއްކޮށް އެމީހުން އެ ގޮވެއްޔެއް ގޮވަން ދިޔަ ބަޔަށް ވެސް އެކަން ކުރުމުގެ ގާނޫނީ ހައިސިއްޔަތު ލިބިގެން ވެއެވެ.

މިފަދައިން އޮޅުން އަރާ ގޮތަށް ވާހަކަ ދައްކައި ލިޔެ ހެދެނީ ކީއްވެ ހެއްޔެވެ؟ އޭގެ މައިގަނޑު ސަބަބު ގުޅެނީ ލަފްޒާއި މާނަ ނުވަތަ މަފްހޫމާއި ދެމެދުގެ އޮންނަ ގުޅުން ހިތަށް ނުގެނެސް ވާހަކަދައްކައި ލިޔެ ހަދާތީއެވެ. އެއްޗެއް ބުނަން ގަސްދުކުރާއިރު، ފުރަތަމަ 'އުފަންވަނީ' މާނައެވެ. ނުވަތަ މަފްހޫމެވެ. ދެން، އެ މަފްހޫމާއި ގުޅޭ ލަފްޒެވެ. މިތަރުތީބުން އެއްޗެހި ބުނެ، ލިޔެ ހެދޭނީ، ކީރިތި ގުރުއާނުގައި ވެސް، ބަޤަރާ ސޫރަތުގެ 31 ވަނަ އާޔަތުން ފެށިގެން 33 ވަނަ އާޔަތުގެ ނިޔަލަށް، އިޝާރަތް ކުރެވިފައިވާ މަފްހޫމީ ގޮތެއްގައި ވިސްނުމާއި ފިކުރުކުރުން ގެންގުޅޭ ނަމައެވެ. އެންމެ ފުރަތަމައިން، މަފްހޫމުތައް ހިތަށް ގެނެސް، ދެން އެއަށް ފަހު، އެ މަފްހޫމަށް އިޝާރަތްކުރާ ލަފްޒު ނުވަތަ ބަސް، ނުވަތަ ކީރިތި ގުރުއާނުގެ އިބާރާތުން ނަމަ، އެ މަފްހޫމަށް ކިޔާ ނަން، ބޭނުން ކުރެވިގެންނެވެ. މީގެ އިތުރުން، މިކަން ގުޅުވާލަން ބޭނުންވާ ހާލަތު ވެސް ހިތަށް ގެންނަން ޖެހެއެވެ. އޭރުން ބުނަން އުޅޭ އެއްޗެއް އަޑުއަހާ މީހުންނަށް އޮޅުން ފިލާ ގޮތެއްގައި ސާފުކޮށް ބުނެދެވޭނެއެވެ. ދެން، އެއްޗެއްގެ މާނަ، އަޑުއަހާ މީހުންނަށް، ދޭހެވެ، އެއްވެސް އޮޅުމެން ނެތި އެ މާނަ ސާފު ވެގެންދާނެއެވެ. ނަމަވެސް، މި ނަންގަތް ފަދަ މަފްހޫމީ ވިސްނުމެއް ނުގެން ގުޅޭ ނަމަ، ނުވަތަ އެކަން ނޭނގޭ ނަމަ، ލަފްޒުތައް ބޭނުން ކުރެވޭނީ އޭގެ މާނައާ މެދު ވިސްނާނުލައި، ޣަރީޒީ (އިންސްޓިންކްޓިވްލީ) ސިފައެއްގައެވެ. ލަފްޒެއް އަޑު އިވިފައި އޮތީމައި، އޭގެ މާނަ ރަނގަޅަށް ނޭނގުނު ކަމުގައި ވިޔަސް، ބުނަން އުޅޭ އެއްޗެއް ބުނަން ބޭނުން ކުރެވިދާނެކަމަށް ހީވާތީއެވެ. ގާނޫނީ މަޖުލިހެއްގައި އިށީނދެ ތިބޭ އިއްޒަތްތެރި މެމްބަރުން ފަދަ މީހުން ބަސް ހިނގާ މަގާއި ބަސް ބަސް ބޭނުންކޮށްގެން ޚިޔާލުތަކާއި ފިކުރުތައް މީސްތަކުންނަށް ފޯރުކޮށްދޭނީ ކިހިނެއްކަން ދެނެގަތުން މުހިއްމެވެ. މިކަން ނޭނގޭ ނަމަ، އެފަދަ މީސް މީހުން ގާނޫނުތައް ހަދަ މަޖުލިހެއްގައި ތިބުމުގެ ގާނޫނީ ހައިސިއްޔަތެއް އޮވެގެން ނުވާނެއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

2 Responses

  1. ހައިސިއްޔަތު ހުރީ ހަމައެކަނި އުސާމުގެޔާ މޑޕ ގެތަ؟ ދުލުގާ ކައްޓެއްނެތެއްނު. ކޮންމެ ވާހަކައެއްވެސް ބުނެވިދާނެ

  2. އުޝާމުގެ ފެންވަރު މި އެންގުނީ. އަދިވެސް އަނގަހުޅުވާން އުޅޭތި، ގާނޫނީ މީހެކޭ ކިޔައިގެން އުޅޭއިރު އެއްވެސް އުރަތްޕެއް ޢިލްމެއް ނެތްކަން ޑރ. ޣަފޫރު ވަރަށް ރީތިކޮށް އޮޅުން ފިލުވައިދެއްވައިފިއެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ، ޑރ. ޣަފޫރު، ތިޔައީ ފަލްސަފާވެރި ޢިލްމުވެރި މުޙިއްބުލް ވަޠަނެއް. ހެޔޮ ޖަޒާދެއްވާށި! އުޝާމް އިތުރަށް ބޭޒާޜު ނުވެ ތަންތަނަށް އަނގަނުކޮށްފައި އިނދެވޭތޯ ބަލާބަލަ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *