Support Us

ނޫހެއްގައި އޮތް ޚަބަރަކާއި އެއާ ބެހޭ ގޮތުން އޮތް ޓުވީޓަކާއި އަދި އޭގެ މައްޗަށް ބުނެލާ ބުނެލުމެއް

މަތީގައި އެވާ ލިޔުމުގައި ވަނީ ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވި ވާހަކައެކެވެ. ލިޔުމަށާއި އަދި، މި ޚަބަރާ ބެހޭ ކޮމެންޓަކާއި ޓުވީޓަކާއި އަދި ތަހުގީގާ ބެހޭ ގޮތުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބަލައިލައި އެއްޗެއް ބުނެލަން ގަސްދުކުރަމެވެ. އޭގެ ކުރިން ކުށްކުރުމާއި އެކަމަށް އަދަބު ދިނުމާ ބެހޭ ގޮތުުން އެއްޗެއް ބުނެލަންޖެހެއެވެ.

ޝައްކެތް ނެތެވެ. ގާނޫނީ ގޮތުން މީހަކު ކުށެއް ކޮށްފިނަމަ އެ ކަން ތަހުގީގުކޮށް ގާނޫނުގައި އެކަމަށް ކަނޑައެޅިފައި އޮންނަ އަދަބު ދޭން ޖެހެއެވެ. އެއްވެސް މީހަކު އެކަމުން އިސްތިސްނާވެގެން ނުވާނެއެވެ. މިއީ ކަން އޮންނަން ޖެހޭނޭ ގޮތެވެ.

ދެން ނޫހުގައި އެއޮތް ޚަބަރާ ބެހޭ ގޮތުން، މީހަކު ކުރި ޓުވީޓަކުން ދޭހަވަނީ މިއީ ކޮންމެހެން ކުށަކާ ބެހޭ މައްސަލައެއް ނޫންކަމެވެ. މީހެއްގެ ނުވަތަ ބައެއްގެ އަބުރު ކަތިލުމާ ބެހޭ މައްސަލައެކެވެ. އަދަބު ދޭން ކަނޑައެޅިފައިވާ މީހުން ފާހަގަކޮށް، ވަޒީފައިގައި އެމީހުން ތިބި ނަމަ، ވަޒީފާއިން ވަކިކޮށް، އެފަދަ މީހުންނަށް އަދަބު ދިނުމުގެ ސަގާފަތާ ގުޅިފައި އޮތް ކަމެކެވެ. މިކަމުގެ ތަހުގީގު ކުރެވެމުން ދިޔަ ގޮތުގެ މައުލޫމާތުގެ މައްޗަށް ބަލާލާއިރު، ހަނދާނަށް އަންނަނީ އިހުގައި ސިފައިންގޭގައި ބައެއް ކަހަލަ ތަހުގީގުތައް ގެންދެވޭ ގޮތެވެ. އޭރު އޮންނަނީ ބަންދުކުރަން ޖެހޭ މީހެއް ނަމަ، ގާނޫނީ 'ގޮޅިއަކަށް' ފެއްތޭތޯ ސުއާލުކުރުމެވެ. އެ ގޮތުން އެންމެ 'އަނގަ ބޮޑު' ގާނޫނީ ގޮޅިއަކީ ރައްޔިތުންނާއި ސަރުކާރު ޖެއްސުމުގެ ގޮޅިއެވެ. ދެން، ފަހުން، މިފަދަ އެހެން 'އަނގަ ބޮނޑު' ގާނޫނީ ގޮޅިއެއް ވެސް ތައްޔާރުކުރެވުނެވެ. 'ދީނީ ނަސޭހަތް ދިނުމުގެ' ގޮޅިއެވެ. ގާނޫނީ ގޮތުން ކުށްވެރިކުރަން ޖެހޭ މީހަކު މި ދެ ގޮޅިން ކުރެ ގޮޅިއަކަށް ފައްތާލުމަކީ ދާދި ފަސޭހަ ކަމެކެވެ.

ކޮންމެ އަކަސް، މަތީގައި އެވާ މައްސަލައިގެ ތަހުގީގުގެ ކަންތައް ދިޔަ ގޮތަށް ބަލައިލާއިރު، ސުއާލު ކުރެވުނީ މިފަދަ ގޮތެއްގައެވެ. ތަހުގީގު ބޭނުމަކީ ކުށެއް ކޮށްފައިވޭތޯ ބެލުމެން ނޫނެވެ. ކުށެއްކޮށްފައި އޮތްކަން މާ ކުރިން އޮތީ ކަނޑައެޅި ނިމިފައެވެ. އެމީހުންނަކީ އަދަބު ދޭން ޖެހޭ ބައެއްކަން ސަރުކާރުގެ އިސް ފަރާތަކުން އޮތީ މާކުރި ނިންމާފައެވެ. އެހެންވެ، ތަހުގީގުގެ މަގުސަދަކަށް އޮތީ ފެތޭނޭ ގޮޅިއެއް ހޯދުމެވެ. އާދެ، އެންމެ ފަސޭހަވީ ކުޑަކުދިންނަށް އަނިޔާކުރި ކަމުގެ ގޮޅިއެވެ. އަނިޔާ އެއީ ބޭނުން ގޮތަކަށް މާނަކުރެވިދާނޭ ކަމެކެވެ. ކުރީގައި ރައްޔިތުންނާއި ސަރުކާރު ޖެއްސުމާއި ދީނީ ނަސޭހަތް ދިނުން މާނަކުރެވެން އޮންނަ ގޮތަކަށެވެ. އެހެންވެ، މިސާލެއްގެ ގޮތުން ބުނެލަމެވެ. ކުޑަކުދިން، މޫދަން އެރެން ގެންގޮސް އަވީގައި ތިބެން ޖެހޭ ޖެހުން އެވެސް އަނިޔާކަމުގައި ތަހުގީގުގައި ބެލެވުނެވެ. އާދެ، އެއޮތީ އެތައް ބަޔަކު ކުށްވެރިކުރެވޭނޭ ގޮޅިއެއް ފެނިފައެވެ. މޫދަށް އެރުވަން ކުދިން ގެންދިޔަ މީހުންނެވެ. އެ މަންޒަރު ބަލައިލަން އެތަނަށް ދިޔަ އޮފިޝަލުންނެވެ. އެކަމާ ބެހޭ ވުޒާރާގެ އިސް ވެރިންނެވެ!

މިކަމާ ބެހޭ ޓުވީޓެއްގައި މީހަކު ބުނެފައި އޮތެވެ. މިކަމަކީ، އެއްވެސް ސިޔާސީ މަގުސަދެއް ނެތި، ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރި ބަތަލާއެއް (-އާދެ، އެކަން ފާހަގަކޮށް އާންމު ޚިދުމަތުގެ އިނާމު ވެސް ދެވިފައިވާ މީހެއް-)، ބަދުނާމުކޮށް، އޭނާގެ ރީތި ނަން ހުތުރުކޮށް، އޭނާގެ ޝަޚުސު ކަތިލުމުގެ ގޮތުން މިއަދުގެ ސަރުކާރު ކުރާ ކަމެކެވެ. މިއަދުގެ ސަރުކާރުގެ ނުކުޅެދޭކަން ފޮރުވުމުގެ ގޮތުންނެވެ.

އެ ޓުވީޓުގައި އޮތް ސަރުކާރުގެ ނުކުޅެދޭ ކަމުގެ މައްޗަށް އެއްޗެއް އިތުރުކޮށްލަން ޖެހެއެވެ. ޝައްކެއްނެތް ގޮތުގައި މިއަދުގެ ސަރުކާރަކީ ރާއްޖޭގެ ތާރީޚު މިހާތަނަށް ދުށް އެންމެ ނުކުޅެދޭ ސަރުކާރު ކަމުގައި މިހާރު، ބައެއް އެއްކޮޅު މީހުންނާއި އިދިކޮޅު މީހުން ވެސް ފާހަގަކުރަމުން ދެއެވެ. މަތީގައި އިޝާރަތްކުރެވިފައިވާ ޓުވީޓަކީ މިއަދުގެ ސަރުކާރު ހިންގާ ޕާޓީގެ މެމްބަރެކެވެ. އަދި، މި ޕާޓީގެ ސަރުކާރެއްގެ ކުރީގެ ވަޒީރެއް ވެސް މެއެވެ. ތަނުގައި ފައިސާގެ ދަތިކަމާއި، އިޖުތިމާއީ އެތައް މައްސަލައެއް އޮތް އިރު ސަަރުކާރު ހިންގަން ތިބި މީހުން މިއަދު ކޮބާ ހެއްޔެވެ؟ އެންމެން ހެންވީ ރާއްޖޭން ބޭރުގައެވެ. އެމީހުންގެ އަނިބިފިރިންނާއި އަދި ބައެއް ރަހުމަތްތެރިންނާ ވެސް އެކުގައެވެ. މެދުއިރުމައްޗާއި ޔޫރަޕަށް ކުރާ ދަތުރެއްގައެވެ. ރައްޔިތުންގެ ޖީީބުން ފައިސާ ނަގައިގެން ކުރާ ދަތުރެކެވެ. ފަސާދައާއި ގާނޫނީ ކުށްތަކަށް އަރައިގަތުން ތަހުގީގު ކުރަން ބޭނުން ނަމަ، މިއީ ކުރަން މާ އެކަށީގެންވާ ކަމެއްހެން ހީވެއެވެ!

މި ފަދަ މައްސަލަތައް ފެނުމުން، އާދެ، ބަޔަކު ކުށްވެރި ކުރަން ޖެހޭ ކަން ކުރިން ކަނޑައަޅައި، އެ މީހުން ފައްތާނެ ގޮޅިއެއް ހޯދައި، އެ ގޮޅިއަކަށް ފައްތަން އުޅުމުގެ މައްސަލަތައް ފެނުމުން، ކީރިތި ގުރުއާނުގެ އާޔަތެއްގެ މަތިން ހަނދާން ވެއެވެ. ނަމްލު ސޫރަތުގެ 34ވަނަ އާޔަތެވެ. إِنَّ الْمُلُوكَ إِذَا دَخَلُوا قَرْيَةً أَفْسَدُوهَا وَجَعَلُوا أَعِزَّةَ أَهْلِهَا أَذِلَّةً ۖ وَكَذَٰلِكَ يَفْعَلُونَ ([ފާސިދު] ވެރިން، ރަށަކަށް ވަދެގަނެ، ވެރިކަމަށް އަރައިގެންފި ނަމަ، އެ ރަށެއް ފަސާދަކުރެއެވެ. އަދި އެ ރަށުގެ މާތް މީސްމީހުން ނިކަމެތި ކޮށްލައެވެ. މިއީ އެފަދަ [ފާސިދު ވެރިން، އަބަދުވެސް،] ކަންތައް ކުރާ ގޮތެވެ.!

ޝައްކެތް ނެތެވެ. ކުރިން ވެސް ބުނިހެން، ގާނޫނީ ކުށްތަކަށް އަރައިގަންނަ މީހުންގެ މައްސަލަތައް ބަލައި، ކުށްވެރިވާ ނަމަ، އަދަބު ދޭން ޖެހެއެވެ. ނަމަވެސް، ކުށެއް ނެތް މީހުންނަށް އަދަބު ދޭން ވެއްޖެ ނަމަ، އަނިޔާވެރި ހައްޖާޖު ބުން ޔޫސުފަށް ޖެހުނު ދަތުރު ޖެހުމަކީ ވަރަށް ވެސް ކައިރީގައި އޮތް ކަމެކެވެ. އަނިޔާވެރި ގޮތުގައި ޝަހީދުކޮށްލެވުނު ޝަހީދެއްގެ ބަދު ދުއާގައި ޖެހި، ހައްޖާޖު ނެތި ދިޔައީއެވެ. ހަމަ، އެހެންމެ، މިވަގުތު ރައްޔިތުންގެ ފައިސާ ޚަރަދުކޮށް ކުޅިމަޖާ ކުރުމުގައި އުޅެ، ކުށެއް ނެތް ބަޔަކަށް އަނިޔާދީފި ނަމަ، އެފަދަ ބައެއްގެ ބަދު ދުއާގައި ޖެހި، އަނިޔާވެރިންގެ ނިމުން އައުން ދުރުވުމަށްވުރެ ބޮޑަށް، ކައިރިވުން ގާތެވެ. ހަނދާން ކުރަން ޖެހެނީ ސާހިބުވަންތަ ރަސްކަލާނގެ އިންޒާރުގެ މި ބަސްފުޅެވެ. إن ربك لبا لمرصاد، (ހަމަކަށަވަރުން، ކަލޭގެފާނުގެ ސާހިބުވަންތަ ކަލާނގެ [މީސްތަކުންގެ އަމަލުތައް] ބައްލަވާ ވޮޑިގަތުމުގައި، ދެމިވޮޑިގެންވެއެވެ.) ޝައްކެތް ނެތެވެ. އެކަލާނގެ މީސްތަކުންނަށް، އެމީހުންގެ ކަންކަން އިސްލާހުކުރުމަށްޓަކައި މުހުލަތު، ފުރުސަތު، ދެއްވައެވެ. ނަމަވެސް، އެކަން ނުކޮށް، ފަސާދައިގައި ދެމިހުރުން އިޚުތިޔާރު ކޮށްފި ނަމަ، ވަރުގަދަ ހިއްޕެވުމަކުން އެކަލާނގެ އެފަދަ ފާސިދުން ހިއްޕަވައެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
51

One Response

  1. ހަމަ ތިއަކަހަލަ ކަންތައް ފާރިސު ޕީޕީއެމުގެ ކުލައައި ލޯގޯ ބޭނުންކޮށްގެން ނުރައްކާތެރި ކުއްވެރިއަކަށް ވެގެން ސަރިޔަފް ނިމޭދެން ޖަލުގައި ބަހައްޓަން ހުކުމއ ކޮށްގެން ޖަލުގައި ބެހެއްޓި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *