Support Us

ދުބާއީ އެކްސްޕޯގައި މެޑަމް ފަޒުނާ ހާދަ ފަރިއޭ! އެއީ ކާކުގެ ލިބާހެއްކަން އެނގޭތަ؟

ދުބާއީގައި ކުރިއަށްދާ އެކްސްޕޯ2020ގެ ދިވެހިރާއްޖޭގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ އަޅައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒުނާ އަހުމަދު ދިވެހި ލިބާހެއް ތުރުކުރައްވައިގެން އިންނެވުމުންނެވެ. ދިވެހިރާއްޖޭގެ އުފެއްދުންތައް ދައްކުވައިދޭ ދިވެހިވަންތަ ސްޓޯލަށް އެ ކަމަނާ މިދިޔަ ހޯމަ ދުވަހު ހަވީރު ޒިޔާރަތްކުރެއްވީ ފޭއްޔަކާއި ކަސަބު ބޯވަޅު އެޅި ނޫކުލައިގެ ދިވެހި ލިބާހެއްގައެވެ. ވަރަށް ވެސް ދިވެހިވަންތައެވެ. އެހާމެ ފަރި ހިނިތުންވުމެކެވެ. އަދި ތުނޑުކުނަލެއް އަޅައިފައިވާ އުނދޯއްޔެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ދެކަނބަލުން އޮއްވަޅު ކުޅުއްވަން ތިއްބެވި މަންޒަރަކީ، ވަރަށް ވެސް ދިވެހިވަންތަ، ގައުމީވަންތަ މަންޒަރެކެވެ.

މިއީ ދިވެހި މަހާރެހެންދިއަކު މިހާ ދިވެހިވަންތަކޮށް ފެނުނު ފުރަތަމަ ފަހަރެވެ.

ޓީޗަރެއްގެ ގޮތުގައި ޚިދުމަތްކުރެއްވި މެޑަމް ފަޒުނާ އަކީ މިއަދު ގައުމުގެ މަހާރެހެންދި ނަމަވެސް، އެ ކަމަނާއަކީ އަބަދުވެސް ވަރަށް ހިތްތިރި، އާދައިގެ ދިރިއުޅުއްވުމަކަށް ލޯބިކުރައްވާ ބޭފުޅެކެވެ. އެހެން ނޫން ނަމަ، ގައުމެއްގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ހައިސިއްޔަތުން ބައިނަލްއަގުވާމީ ބޮޑު މައުރަޒަކަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާއިރު، އަމިއްލަފުޅު ހެނދުންކޮޅެއްގައި ނޫނީ ވަޑައެއް ނުގަތީސްކަން ކަށަވަރެވެ. އެކަމަކު، މެޑަމް ފަޒުނާ އެހެނެއް ނޫނެވެ. އެކަމަނާ އިއްޔެ ތުރުކުރެއްވި ފަރި ލިބާސްކޮޅާއި ގަހަނާއަކީ މުޅީންވެސް ރައްޓެހީންގެ އަތުން އަނބުރާ ގެންދާ ގޮތަށް ހޯއްދެވި ސާމާނެވެ.

"ހެދުމާ ބެހޭ ގޮތުން ބުނަމެވެ. އެއީ މުޅީން ވެސް މީހުންގެ އަތުން ގެނެސްފައި ހުރި އެއްޗިއްސެވެ،" ފަޒުނާ ފޭސްބުކްގައި އިއްޔެ ވިދާޅުވެފައިވެއެވެ.

މި ހެދުންކޮޅާ ގުޅިގެން މެޑަމް ފަޒުނާގެ ޝުކުރުގެ ލިސްޓު ވެސް ވަރަށް ދިގެވެ.

"ލޯބިލޯބި ލިބާހާއި ރުމާފަޅި އާއި އުޅާ ބޭނުންކޮށްލަން ދެއްވީތީ ވަރަށް ޚާއްސަ ޝުކުރެއް ޖަމީލާ އަލީ ޚާލިދަށް ދަންނަވަމެވެ. އެންމެ ފާހަގަވަނީ ދަންނަވާލާ ކޮންމެ ފަހަރަކު ވެސް އެހީތެރިވެދެއްވަން ތިޔަ ބަހައްޓަވާ ޝައުގުވެރިކަމެވެ." ފަޒުނާ ވިދާޅުވިއެވެ. (ޖަމީލާ އަކީ ކުރިން އަމީނިއްޔާގެ ޕްރިންސިޕަލްކަން ވެސް ކުރެއްވި މަޝްހޫރު ޖަމީ މިސްއެވެ.)

"ފޭލި ބޭނުންކޮށްލަން ދެއްވައި، ފޭލި އަންނަން ދަސްކޮށްދެއްވީތީ އާއި އަޅުގަނޑާ އެންމެ ގުޅޭ ގޮތަށް ހުޅިޖަހަން ދަސްކޮށްދެއްވީތީ މަދީހާއަށް ޝުކުރު ދަންނަވަމެވެ." ފަޒުނާ ވިދާޅުވިއެވެ. (މަދީހާއަކީ ޝީގައި މަސައްކަތް ކުރައްވާ ޖީހާން ސަލީމްގެ މަންމައެވެ.)

"އަޅުގަނޑުގެ އިސްތަށިގަނޑު ރީތިކޮށް ބަހައްޓަން އައިޝަތު ޝާން ޝާކިރު ވަރަށް އެހީތެރިވެދެއްވިއެވެ. ހެއަރ ސްޕްރޭއާ ނުލައި، އަޅުގަނޑުގެ ފަން އިސްތަށިތައް މައިތިރިކުރުން އެއީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ޝާން ކޮށްދެއްވީ ބުރަ މަސައްކަތްޕުޅެކެވެ. އެކަމަށް ޝާނަށް ޝުކުރު ދަންނަވަމެވެ." ފަޒުނާ ވިދާޅުވިއެވެ. (ޝާންއަކީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްއެވެ.)

"ފައްޓަރުބަޔަކީ އަޅުގަނޑުގެ ދެބޭންގެ ދެދަރި ކުއްޖެއްގެ އަންހެނުން މުނާގެ އާއިލާގެ އެއްޗެކެވެ. ފައްޓަރުބައި ދެއްވީތީ ވެސް ޝުކުރިއްޔާއެވެ."

"އެންމެ ފަހުން އެކަމަކު، އެންމެ ކުޑަކޮށެއް ނޫނެވެ. އަޅުގަނޑުގެ ގާތް ރަހުމަތްތެރިޔާ ޕެޓަލް އެޑަމް ވެދިން ހުރިހައި އެހީތެރިކަމަކަށް ޝުކުރު އަދާކުރަމެވެ." ފަޒުނާ ވިދާޅުވިއެވެ. (ޕެޓަލް އެޑަމްއަކީ ޖަމާލުއްދީން ސްކޫލާއި ހިރިޔާގެ ކުރީގެ ޓީޗަރ ޝާހީން އާދަމެވެ.)

މެޑަމް އަދި ވިދާޅުވެފައި ވަނީ އެ ރަސްމީޔާތަށް ވަޑައިގެންނެވިއިރު ފޯނު ނުގެންދަވާ ކަމަށާއި އެކަމަނާގެ ފޮޓޯތައް ނަގައިފައި ވަނީ ރައީސް އޮފީހުގެ ފޮޓޯގްރާފަރު މުންޗި ކަމަށެވެ. އެހެންކަމުން މަޝްހޫރު ކޯރިއޯގްރާފަރު މުންކޮ ޕްރޮޑިއުސްކުރި ސަގާފީ ނެށުމުގެ ފޮޓޯއެއް އިއްޔެ ނުނެންގެވުނު ކަމަށާއި އެ ހުށަހެޅުން ވަރަށް ފުރިހަމަ ކަމަށާއި އަދި އެ ލަވައިގައި ބުނާ އެއްޗެއް އިޝާރާތްބަހުން ހުށަހަޅައިލަދިނުމުން އިތުރަށް ފުރިހަމަވެގެންދިޔައީތީ އެ ކަމަށް ވެސް މުންކޮއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މެޑަމްގެ މި ފޮޓޯތަކަށް، ފޭސްބުކްގައި ހުރިހައި ރައްޓެހިން ވެސް ގެންދަނީ ތައުރީފު އޮއްސަމުންނެވެ.

"އަޅޭ ލޯބިކަން. މާޝާﷲ." ވިސާމާ ހަސަން ކޮމެންޓް ކޮށްފައިވެއެވެ.

"ވ. އަންހެންވަންތަ،" ޝަކީދޮންދައްތަ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ބުރުގާ ނާޅާ ކޮން ސަކަރާތެއް. އިސްލާމީ ޤައުމެއްގެ ރައީސްގެ އަންހެނުން ހުންނަވާ ސަޤާފީގޮތަކީ ބުރުގާއެޅުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *