Support Us

މުހާވިރާ ނުވަތަ ހަރު ބަހެއްގެ މާނައާއި އެއާ ގުޅޭ ވާހަކައެއް

މިއަދު އިނގިރޭސި މުހާވިރާ ބަހެއްގެ މައްޗަށް އެއްޗެއް ބުނަން ގަސްދުކުރަމެވެ. އިނގިރޭސި ބަހުން ކިޔާއުޅޭ 'ޓު ފިޑިލް ޥައިލް ރޯމް ބާރންސް' މި މުހާވިރާ ބެހެވެ. މި ބަހުގެ ލަފްޒީ މާނައަކީ ރޯމް އަނދަމުން ދާއިރު، ބޭލާކުޅުން މިއެވެ. މި މުހާވިރާ ބަހުގެ މުރާދާ ބެހޭ ގޮތުން އެއްޗެއް ބުނުމުގެ ކުރިން މިއާ ގުޅިފައި އޮންނަ ވާހަކައެއް ލިޔެލުން މުނާސިބުކަމަށް ދެކެމެވެ.

މި ބަހާ ގުޅިފައި އޮންނަ ވާހަކަ ގުޅެނީ އިހުގެ ރޯމުގެ އެމްޕަރާއެއް ކަމުގައިވި ނީރޯއާއެވެ. ރޯމުގެ އެމްޕަރާކަން އޭނާ ކުރީ މީލާދުގެ 54 ވަނަ އަހަރުން ފެށިގެން 68 ވަނަ އަހަރާ ހަމައަށެވެ. އޭނާ ފާހަގަކުރެވިފައިވަނީ އޭނާ ދެކެ މީހުން ނަފުރަތުކޮށް ނުރުހުނު، ފާސިދު އަނިޔާވެރި ވެރިއެއްގެ ގޮތުގައެވެ.

ކޮންމެ އަކަސް، މީހަކާ މެދު، މިފަދަ ނުރުހުމުގެ ނަޒަރަކުން ބެލެވިއްޖެ ނަމަ، އެމީހަކު ކުރިޔަސް ނުވަތަ ނުކުރިޔަސް، ނުބައި އެތައް ކަމެއް އޭނާގެ ބޮލުގައި އަޅުވާލެވެއެވެ. އިންސާނީ މި ތަބީއަތުގެ ދަށުން، މީލާދީން 64 ވަނަ އަހަރު ރޯމުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއަކީ ނީރޯ ގަސްދުގައި ކުރި ކަމެކޭ ބުނެވުނެވެ. އަދި، އެ ހާދިސާ ހިނގަމުން ދިޔައިރު ނީރޯ އޭނާގެ ބޭލާ ކުޅެން އިންކަމަށް ބުނެވުނެވެ. ދެން، މަތީގައި ނަންގަނެވުނު މުހާވިރާ ބަސް، ނީރޯއާ ގުޅާލެވި، ރޯމު އަނދަމުން ދިޔައިރު ނީރޯ ބޭލާ ކުޅެން އިން ވާހަކަ ކިޔަން ފެށުނެވެ. މިކަމުން ބުނެދޭން އުޅެނީ ރޯމުގައި ހުޅުޖެހީ ނީރޯ ކަމެވެ. ބޮޑު ގަނޑުވަރެއް އެޅުމަށްޓަކައި ބިން ހުސްކުރުމަށްޓަކައެވެ. އަދި، މިކަން ނަސާރާއިންގެ ބައަކާ މަތިކޮށްފައި އެމީހުންގެ ތެރެއިން ބަޔަކު މަރައި އެމީހުންނަށް އަދަބު ދިނެވެ.

މިކަމުގެ ހަގީގަތަށް ބަލާލާއިރު، ގިނަ މުއައްރިޚުން ދެކޭ ގޮތުގައި ނީރޯ އަކީ ނުބައި ނުލަފާ ވެރިޔަކަށް ވިޔަސް، ރޯމުގައި ހުޅުޖެހީ އޭނާ ނޫންކަމެވެ. އަދި، އެ ހާދިސާ ހިނގިއިރު އޭނާއަށް ބޭލާއެއް ކުޅުމުގެ ފުރުސަތެއް ނޯންނާނޭ ކަމެވެ. ސަބަބަކީ ބޭލާއެއް އޭރަކު ވުޖޫދަކަށް ނާދެއެވެ. ނަމަވެސް، ނީރޯއަކީ ނަސާރާއިންގެ ބަޔަކަށް އަދަބުދީ އެމީހުން އަންދައި މެރި ވެރިއެކެވެ. ހަމަ އެހެންމެ، ރޯމު އަނދަމުން ދިޔައިރު، އެ އަލިފާންގަނޑު ނިއްވާލަން އެކަށީގެންވާ މަސައްކަތެއް ނުކުރުމުގެ ތުހުމަތު އޭނާގެ ބޮލުގައި އެޅުވިދާނެއެވެ. އޭނާ ބެލެވިފައި އޮތީ އަމިއްލަ އުފަލަށްޓަކައި މަސައްކަތް ކުރި ވެރިއެއްގެ ގޮތުގައެވެ. ރައްޔިތުންގެ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނައިގެން ކުރިއަށްދާން މަސައްކަތްކުރި ވެރިއެއްގެ ގޮތުގައެއް ނޫނެވެ.

މި ހިސާބުން، "ރޯމު އަނދަމުން ދާއިރު ބޭލާ ކުޅެން" އިންނަ އިނުމުގެ ބަހުގެ މުރާދު ސާފުވެދާނެ ކަމަށް ހީކުރަމެވެ. ކަމެއްގެ މަސްއޫލިއްޔަތު ހަވާލެވެފައި އޮވެ، އެ މަސްއޫލިއްޔަތު އަދާ ނުކޮށް، ކުޅިވަރާއި މަޖަލުގައި ވަގުތު ހޭދަކޮށްލާ މީހަކާ ދިމާއަށް، 'ރޯމު އަނދަމުން ދާއިރު ނީރޯ ބޭލާ ކުޅެން އުޅުނު ފަދައިން އުޅެނީއޭ" ބުނެވިދާނެއެވެ.

މިއީ އަޅުގަނޑުމެންގެ ތެރެއިން ވެސް ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ޚާއްސަކޮށް ވެރިކަމުގެ ސަފުގައި ތިބޭ މީހުން، ގައުމީ މައްސަލަތައް ހައްލުކުރަން ނޫޅެ، އެކަންކަން އަމިއްލައަށް ހައްލުވެދާނެ ކަމަށް ދެކިގެން ތިބެ، އެމީހުންގެ އަމިއްލަ ކަންކަމައިގެން މަޝްޣޫލުވެ އުޅޭތަން ފެނެއެވެ. އެކަކު، ތިމަންނަގެ ހޮބީއަކީ ދަތުރުކުރުމޭ ބުނެ، ރައްޔިތުންގެ ޚަރަދުގައި ދުނިޔެ ބަލާލަން ދަތުރުކުރަމުން ހިނގައިދާނެއެވެ. އަނެކަކު، އޭނާގެ ރަސްމީ ވަޒީފާ އޮތްތާނގައި އޮއްވާ، އެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުން ދުރަށްޖައްސާލާފައި ސާނަވީ އެހެން ވަޒީފާއެއް އަދާކުރުމުގައި ހުރެއެވެ. އާދެ، ރައްޔިތުންގެ ޖީބަށް އަތްލައި މުސާރަ ނަގަމުންނެވެ. ދެން، އަނެކަކުގެ އެންމެ އިސް ވާޖިބަކީ ތަނުގެ މައްޗަށް ބޭރު ބަޔަކު ގެންނަން މަސައްކަތްކުރުމާއި މިކަން ކުރުމަށްޓަކައި ގަވާއިދުތަކާއި ގާނޫނުތައް ވެވެން އޮތް ގޮތަކަށް ބަދަލުކޮށް ވެރިކަމުގެ ގޮނޑީގައި އިނދެވެން އޮތްނަމަ އިނދެގެން ނަމަވެސް، މަގުސަދު ހާސިލުކުރުމެވެ. ހިތު ހުރި ގޮތަކަށް ރައްޔިތުންގެ ޖީބަށް އަތްބާނައި ފައިސާ ނަގަމުންނެވެ. އެކިއެކި ވަޒީފާތައް އަދާކުރުމުގެ ނަމުގައެވެ. ތަނުގެ ހުރި މައްސަލަތައް ހުރި ގޮތަށް ހުރީއެވެ. ގޯތި ގެދޮރުގެ މައްސަލައެވެ. ޑުރަގުގެ މައްސަލައެވެ. ވައްކަމާއި ފަސާދައިގެ މައްސަލައެވެ. މަރާމާރީ ހިންގުމާއި މީހުން މެރުމުގެ މައްސަލައެވެ.

އާދެ، މިހުރިހާ މައްސަލަތަކެއް އޮތް އިރުވެސް، މިއިން ކަމެއްގެ ހައްލު ހޯދަން މަސައްކަތްކުރުމަކީ ތިމާމެންގެ މަސްއޫލިއްޔަތެއް ކަމުގައި ނުދެކި، ތަން އަނދައި ހުލިވެ، ހަލާކުވަމުން ދާއިރު، ރޯމު އަނދަމުން ދިޔައިރު ނީރޯ ބޭލާ ކުޅެން އިން ފަދައިން، މި އެންމެންވެސް، އެމީހުންގެ އަމިއްލަ ކުޅިވަރު ކުޅުމުގައި ވަގުތުތައް ހޭދަކުރަމުން ދަނީއެވެ.

ވާހަކަކޮޅު ނިންމާލަމުން ވެސް ބުނެލަން އޮތީ އިތުރު މުހާވިރާ ބަހެކެވެ. އަރަބި ބަހުގެ މުހާވިރާ ބަހެކެވެ. ما أشبه الليلة بالبارحة. މި ރޭ ކުރީ ރެއާ ހާދަ އެއް ގޮތެވެ. އާދެ، އިހުގައި ރޯމުގައި ރޯވި ހާދިސާއާއި އެ ހާދިސާއާ ގުޅިގެން ނީރޯގެ އަމަލުތައް ހުރި ގޮތާ މިހާރު މިފެންނަ ހާދިސާތަކާއި އެކަމާ ވިދިގެން މަސްއޫލުވެރިން ކަމުގައި ބެލެވޭ މީހުން ކަންތައް ކުރަމުން ގެންދާ ގޮތާ ހާދަހާވާ އެއްގޮތެވެ. ތަނުގައި ހުޅު ރޯވެ އަނދަމުންދާއިރު، އެކަން ހުއްޓުވަން ތިބި މީހުން، އިހުނެކޭ އެއްފަދައިން، ބޭލާކުޅެ، އަމިއްލަ އެދުންތައް ފުއްދުމުގައި މަޝްޣޫލުވެ ދެމިތިބީއެވެ!