...

Support Us

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް އަމަލްކުރަން ފެށުމުން ފުލުހުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި 2021 މާރިޗު 27 ގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު (ކ) އަދި ހޯމް މިނިސްޓަރު އިމްރާން (ކ-4): އެ ދުވަހު އަލީ ނަޒީރުގެ ހައިސިއްޔަތަކީ ކޮބާ؟ -ފޮޓޯ: ޕޮލިސް

"ޕޮލިސް ސަރވިސް" ހޯމް މިނިސްޓްރީން ވަކިވިކަން ރައީސް އޮފީހަށް ރޭކާލީ ހަ މަސް ފަހުން!؟

މި އަހަރުގެ މާރިޗު 27 ވަނަ ދުވަހުން ފެށިގެން އަމަލްކުރަން ފަށައިފައިވާ ފުލުހުންގެ ޤާނޫނު ބުނާ ގޮތުން އެ ދުވަހުން ފެށިގެން "މޯލްޑިވްސް ޕޮލިސް ސަރވިސް" އަކީ ވަކި އިދާރާއެއްގެ ދަށުން ހިނގަމުންދާންޖެހޭ ތަނެއް ނޫނެވެ. އެހެން ނަމަވެސް އެ ދުވަހުން ފެށިގެން ހަ މަސް ފާއިތުވެގެންދިޔައިރު ވެސް އެކަން ވަނީ ރައީސުލްޖުމްހޫރިއްޔާ އިދާރީ ގޮތުން ތަންފީޒު ނުކުރައްވައެވެ. ގާނޫނަށް އަމަލްކުރަން ފެށި ފަހުން ހަ މަސް ފާއިތުވެގެންދިޔައިރު ވެސް "މޯލްޑިވްސް ޕޮލިސް ސަރވިސް" ހިނގަމުން އައީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުންނެވެ. އެކަން ބަދަލު ކުރައްވައި ގާނޫނުގައި ބުނާ ގޮތަށް ތަންޒީފުކުރެއްވީ، އިއްޔެ، 19 އޮކްޓޫބަރުގައެވެ. އެކަމަކު 2021 މާރިޗު 27 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރައްވައިފައިވާ ކަމެއްގެ ގޮތުގައެވެ.

"ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު)ގެ ދަށުން އުފައްދަވައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"އަކީ، ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)ގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތް" ކަމުގައި އެ ޤާނޫނުގައި ބަޔާންކުރާތީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދިޔަ "މޯލްޑިވްސް ޕޮލިސް ސަރވިސް"، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ އޮތް އޮތުން، 2021 މާރިޗު 27 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެންނަވައިފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ." ރައީސް އޮފީހުން އިއްޔެ ނެރުނު ދެންނެވުމުގައި ވެއެވެ.

"ދިވެހި ފުލުހުންގެ ޚިދުމަތް" މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ވަކިކުރިކަން އަންގައި ރައީސް އޮފީހުން މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް ސިޓީ ފޮނުވައިފައި ވަނީ 14 އޮކްޓޯބަރުގައެވެ. އެ ސިޓީ ވަނީ މީޑިއާއަށް ލީކުވެފައެވެ. އެ ސިޓީގައި ބުނާ ގޮތުން ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް ހަމަޖައްސަވައިފައިވާ ގޮތުގެ ލިއުން ވެސް ވަނީ އެ ސިޓީއާއެކު ފޮނުވައިފައެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުގައިވާ މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ މަސައްކަތްތައް ވެސް ވަގުތީ ގޮތުން އުނިކުރިއެވެ. އަދި އިސްލާހުކުރުމަށްފަހު ވެބްސައިޓުގައި އިއްޔެ އަލުން ހިމެނިއެވެ.

"ދިވެހި ފުލުހުންގެ ޚިދުމަތަ"ކީ ވަކި އިދާރާއެއްގެ ދަށުން ހިނގަމުންދާ ތަނެއް ނޫން ކަމަށް ގާނޫނުގައި އޮތަސް، އަދި ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލާ ފަރާތަކީ ވަޒީރުކަމުގައި ގާނޫނުގައި ބަޔާންކޮށްފައި އޮވެއެވެ. އަދި އެ ވަޒީރަކީ ހޯމް މިނިސްޓަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ.

ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލާ ފަރާތަކީ ހޯމް މިނިސްޓަރު ކަމުގައި ރައީސް ހަމަޖެެއްސެވިކަން އިއްޔެ އިއުލާން ކުރެއްވި ނަމަވެސް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް އަމަލްކުރަން ފަށައި، 2021 މާރިޗު 27 ވަނަ ދުވަހު ބޭއްވި ފުލުހުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަރިހުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވެސް ބައިވެރިވެވަޑައިގަތެވެ. އެ ދުވަހު އަލީ ނަޒީރު އެތާ އިންނެވުމުގެ ހައިސިއްޔަތަކީ ކޮބައިކަމެއް ނޭނގެއެވެ.

"ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)ގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތް"އަށް ޒިންމާވާނެ ވަޒީރަކީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގައި 27 މާރިޗު 2021 ގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލައި، އަދި ފުލުހުންގެ ޚިދުމަތް ހިނގަމުންދަނީ އެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި، މިނިސްޓަރ އޮފް ހޯމް އެފެއާޒު އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސެވުމުގެ ކަންކަން، 2021 މާރިޗު 27 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރައްވަމުން ގެންދަވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ." ރައީސް އޮފީހުން އިއްޔެ ނެރުނު ދެންނެވުމުގެ ދެ ވަނަ ޕެރެގްރާފުގައި ވެއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ މަސައްކަތްތަކުގެ ގޮތުގައި އަލަށް ހަމަޖެއްސި މަސައްކަތްތަކުގައި ވެސް "ދިވެހި ފުލުހުންގެ ޚިދުމަތް"ގެ މަސައްކަތްތައް ހިމެނެއެވެ.

"ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިން ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލައި، އަދި ފުލުހުންގެ ޚިދުމަތް ހިނގަމުންދަނީ އެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި ވަޒީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން،" މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މަސައްކަތްތަކުގެ ދަށުގައި، ހަތް ވަނަ ނަންބަރެއްގެ ގޮތުން ހިމަނައިފައިވެއެވެ. އެހެންކަމުން އާ ގާނޫނުގެ ދަށުން ވެސް "ދިވެހި ފުލުހުންގެ ޚިދުމަތް" އަދިވެސް ހިނގަމުންދަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ކަމަށް ގާނޫނީ ބައެއް ބޭފުޅުން ބުރަވެވަޑައިގަނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނު ކުރުކޮށް:

  • 6 ޑިސެންބަރު 2020 ގައި "ދިވެހި ފުލުހުންގެ ޚިދުމަތު"ގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރި
  • 27 ޑިސެންބަރު 2020 ގައި "ދިވެހި ފުލުހުންގެ ޚިދުމަތު"ގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވި. (ތަޞްދީޤުކުރެއްވުމުން ގާނޫނަކަށްވި. ގާނޫނަށް އަމަލްކުރަން ފަށާނީ ތިން މަސް ފަހުން ކަމަށް ގާނޫނުގައި ބުނެފައިވޭ)
  • 27 މާރިޗު 2021 ގައި "ދިވެހި ފުލުހުންގެ ޚިދުމަތު"ގެ ގާނޫނަށް އަމަލްކުރަން ފެށި. ހުރިހައި ފުލުހުން އަލުން ހުވާކުރި.
  • 27 މާރިޗު 2021 އިން ފެށިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން "މޯލްޑިވްސް ޕޮލިސް ސަރވިސް" ވަކިވި.
  • 19 އޮކްޓޫބަރު 2021 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން "މޯލްޑިވްސް ޕޮލިސް ސަރވިސް" 27 މާރިޗު 2021 ގައި ވަކިވެފައިވާ ކަމަށް ބުނެ ރައީސް އޮފީހުން ދެންނެވުން ނެރުނު.

"ދިވެހި ފުލުހުންގެ ޚިދުމަތަށް ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ޖައްސަވަމުންގެންދަވާނީ، މިހައިތަނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހަމަޖައްސަވައިފައިވާ ނަންބަރު 171 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި" ކަމަށް ވެސް ރައީސް އޮފީހުން އިއްޔެ ނެރުނު ދެންނެވުމުގައި ވެއެވެ. އެހެންކަމުން މި ހުރިހައި އޮޅުމެއް އަރައިގެންދިޔައީ، ފުލުހުންގެ ގާނޫނަށް އަމަލްކުރަން ފެށި، 27 މާރިޗު 2021 ގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވަންޖެހޭ ކަންތައްތަކެއް ނުނިންމަވައި، އަދި އާންމުކުރައްވަން ޖެހިވަޑައިގަންނަވާ "ދެންނެވުން" ނުނެރުއްވުމުގެ ސަބަބުން ކަމަށް ދެންނެވުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތެވެ.

ދައުލަތުގެ ގާނޫނީ ހުރިހައި ކަމެއްގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭ ބޭފުޅަކީ ބަންޑާރަ ނައިބެވެ. ބިލްތައް ޑްރާފްޓްކޮށް ގާނޫނުތައް އިސްލާހުކުރަނީ ވެސް ބައިންޑާރަ ނައިބުގެ ލަފާގެ މަތިންނެވެ. މަޖިލިހުން ފާސްކުރާ ހުރިހައި ބިލެއްވެސް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަނީ ވެސް ބަންޑާރަ ނައިބުގެ ލަފާފުޅުގެ މަތިންނެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި، ގާނޫނީ ކަންކަން ބެލެހެއްޓުމަށް ފުންނާބު އުސް ގާނޫނީ ވަކީލަކު ވަނީ ހަމަޖައްސަވައިފައެވެ. އެކަމަކު ގާނޫނީ ގޮތުން، ވަކި ތާރީހެއްގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް، އެ ތާރީހުގައި ނުކުރައްވައި، ހަ މަސް ކުރިން އެކަމެއް ކުރައްވައިފައި އޮތް ކަމަށް ދައްކަވަން އުޅުއްވުމުން، މިފަދަ އެތައް މައްސަލަތަކެއް ކުރިމަގުގައިވެސް ނުކުންނާނެކަން ޔަގީނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ރޮކެޓްސްޕީޑްގަަ ސަރުކާރުހިންގާއިރުު ތިހާފާސްޓްވާނެެ އެހެންވީމާާ ދެންވިސްނާާ ޢާއްމުރައްޔިތުންނާް ސީދާގުޅޭޭ ކަންކަންް ދާނެސްޕީޑްް އެއްވެސްކަމެއްް ކުރަންއެނގޭބަޔެއްނޫންް ޤާބިލްކަމެއްް ވަށްޓަފާޅިއެއްވެސްް ހުރިބަޔެއްނޫންް މުޅިޤައުމުު ވިއްކާާ ވިއްކާާ ހުސްކޮށްލައިފިި އެމީހުންކުރާހާވެސްކަމަކީީ އެކިއެކިގޮތްގޮތުންް އިންޑިޔާާ މައިސަރުކާރުންް އަންގާގޮތަށްް ރައްޔިތުންް ބާރުވެރިކުވުމަށްޓަކައިި މުށުތެރެއަށްލާފިއްތާބާރުކުންް ފެންނަނީީ ކޮންމެދުވަހަކުު އެތައްބައިވަރުު ފެއިލިޔާއަކަށްް ޕާޓީި ޖަގަހަކުރިއެރުވުމަށްް ގިނަަ ވަޒީފާތައްދޭތަންް މިހާރުވެސްް ޕާޓީި ޖަގަހަަ ގުރޫޕައްް ދޭވަޒީފާތަކަށްް ދުވާލެއްގެމައްޗަށްް އެތަކެއްމިލިޔަންރުފިޔާާ ހޭދަކުރޭޭ ރުހޭމީހަކަށްވިއްޔާާ ހެޔޮވާނެެ ފަސްހަަ މުސާރަޔާއެލަވަންސްް ދޭންވެސްް ޢައްމުރައްޔިތުމީހާާ ކިޔަވަކިޔަވައިގެންް އަދާކުރާނެެ ވަޒީފާގަނޑެއްނުލިބިފަަ މީތޯއިންސާފުގެެ ދަތުރުކުރާގޮތަކީީ މުޅިރާއްޖެެ ކުނިބުނިންް ތޮއްޖެހިއްޖެެ އަދިވެސްް ކުނިއުކަންް ކަންކަންކުރަޖެހޭގޮތުންް ހީވާކަހަލަަ ކޮންމެކުނިކޮތަޅަކީީ ރަންކޮތަޅެކޭޭ އެކިޔަނީީ އެއީީ މާބޮޑުއެއްޗެއްހޭދަކުރަންޖެހޭޭ ކަމެއްނޫނޭޭ ކޮންމެެ ގެއަކަށްް ގާތްގަޑަކަށްް 50ރުފިޔާާ ވެސްނުޖެހޭކަމަށްް ސޯޯ އެވަރުގެެ ކަމެއްވެސްރައްޔިތުންނަށްޓަކައިި ކޮށްނުދެވޭބަޔަކުު ދެންއިތުރުކަމެއްކޮށްދޭނެތޯޯ ނުކޮށްދޭނެެ އެމީހުންް އަބަދުވެސްް ރައްޔިތުންް ބައިތިއްބާނީީ މުށުތރެއަށްލާާ ފިއްތަފިއްތަަ މިއޮތީީ ވާާ ވެރިކަމެއް

  2. ހާދަ ދެފަށް އެކުނުވާ ވައްތަރަށް ހުރިހާކަމެއް ކުރަމުންދަނީ!
    ފުންނާބު އުސް ވަކީލުންނާއި، ފުންނާބު ތިރި އެތައްބަޔަކު
    އަތްދަށަށްލައިގެންވެސް ރަނގަޅަށްކުރެވޭ ހަމަ އެއްކަމެއްވެސްް
    ނެތް، ކީއްކުރާނީދޯ

  3. މިސަރުކާރުގަ ތިބީ ހުސް މަރުމޯލުން.
    ޥާއެއް ނުވާއެއް ނޭންގޭ.
    ދެން ހުރީ ފާލުން ނެއްޓިފަ ހުރި ސޮރެއް.
    ހެލްތު މިނިސްޓަރ ފޭލް
    ޢިސްލާމިކް މިނިސްޓަރ ފޭލް
    ޓްރާންސްޕޯޓް ފެއިލް
    ޕާޓީ ފެއިލް
    ………..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *