...

Support Us

ހުރިހާ ޖަނަވާރުން ހަމަހަމައެވެ، ނަމަވެސް…

އާދެ، ސުރުޚީގައި އަޅާލެވިފައިވާ އިބާރާތް ނެގިފައިވަނީ ޖޯޖް އޯވެލްގެ 1947ގެ މަޝްހޫރު ރަމްޒީ ވާހަކައެއް ކަމަށްވާ 'ހައިވާނުންގެ ދަނޑު' (އެނިމަލް ފާމް) މި ވާހަކަ ފޮތުންނެވެ. އެ ޖުމްލަ ފުރިހަމަ ކޮށްލާނަމެވެ. "ހުރިހާ ހައިވާނުންނަކީ ހަމަހަމަ ބައެކެވެ. ނަމަވެސް ބައެއް ހައިވާނުންގެ ހަމަހަމަކަން އެހެން ހައިވާނުންގެ ހަމަހަމަ ކަމަށް ވުރެ ބޮޑެވެ." (އޯލް އެނިމަލްސް އާ އީކުއަލް، ބަޓް ސަމް އެނިމަލްސް އާ މޯ އީކްވަލް ދޭން އަދާސް.) މި ޖުމްލައިގެ މާނައިގެ މައްޗަށް ކަޅިއެއް އެއްލަމާ ހެއްޔެވެ؟

މީގެ މާނަ ފަހުމްކޮށްގަތުމަށްޓަކައި އެންމެ ފުރަތަމަ ހައިވާނުންގެ ދަނޑު، މިވާހަކައިގެ ކުރު ޚުލާސައެއް ހިތަށް ގެންނަން ޖެހެއެވެ. އެ ޖުމްލައިގެ ސިޔާގު ދެނެގަތުމަށްޓަކައެވެ. ވާހަކަ ފެށެނީ ޖޯން ކިޔާ މީހެއްގެ ދަނޑުގައި އޭނާ ގެންގުޅޭ ޖަނަވާރުތައް ބަޣާވަތްކޮށް އޭނާ ބޭރުކޮށްލާ ތަނުންނެވެ. ހުރިހާ ޖަނަވާރެއް ނިންމީ، އިންސާނުންނަށް މަސައްކަތްކޮށްދިނުމުގެ ބަދަލުގައި ހުރިހާ ޖަނަވާރުން ނެއްމެ، އަމިއްލަ ފައިދާއަށްޓަކައި މަސައްކަތްކުރުމަށެވެ. އަދި، ހުރިހާ ޖަނަވާރުންގެ މެދުގައި، އެއްވެސް ތަފާތުކުރުމެއް ނެތި، ހަމަހަމަ ގޮތެއްގައި، އިންސާފުވެރިކަމާއެކު، ދަނޑުގެ ކަންކަން ކުރުމެވެ. މިއީ ދަނޑުގެ ގާނޫނާއި އެ ގާނޫނު ބިނާވާ އުސޫލުކަމުގައި އިއުލާނުކޮށް، އެކަން އަބަދުވެސް ހަނދާންކޮށް ދިނުމުގެ ގޮތުން، ދަނޑުގެ ކަންކަން ހިނގާ މައިގޭގެ ފާރުގައި މިހެން ލިޔެލެވުނެވެ. "ހުރިހާ ޖަނަވާރުންނަކީ ވެސް ހަމަހަމަ ބައެކެވެ."

ދެން، ކުޑަ ދުވަސް ކޮޅެއް ފަހުން، ދަނޑުގެ ވެރިކަމުގެ ސަފުގައި އެންމެ އިސްކޮށް ހުރި ނެޕޯލިޔަންގެ ނަމުން ނަންދެވުނު އޫރު، ދަނޑުގެ އަސާސީ ނިންމުމަށް ކުޑަކޮށް ބަދަލު ގެނެއެވެ. އާދެ، އޭގެ ތެރެއަށް މިބައި އިތުރު ކޮށްލައިގެންނެވެ. "ބަޓް ސަމް އާ މޯ އީކްވަލް ދޭން އަދާސް" (ނަމަވެސް ބައެއް ހައިވާނުންގެ ހަމަހަމަކަން އެހެން ހައިވާނުންގެ ހަމަހަމަ ކަމަށް ވުރެ ބޮޑެވެ.) ދެން، އެ ފޮތުން އެންމެ މަޝްހޫރުވި އެއް އަރަތީތަފާތެއްގެ (ޕެރަޑޮކްސް އެއްގެ) މިސާލީ ޖުމްލަ އުފެދުނެވެ. "ހުރިހާ ހައިވާނުންނަކީ ހަމަހަމަ ބައެކެވެ. ނަމަވެސް ބައެއް ހައިވާނުންގެ ހަމަހަމަކަން އެހެން ހައިވާނުންގެ ހަމަހަމަ ކަމަށް ވުރެ ބޮޑެވެ." އަރަތީތަފާތެކޭ (ޕެރަޑޮކްސެކޭ) ބުނެވެނީ، ތަފާތެއް އޮވެގެން ނުވާނޭ ކަމެއްގައި ތަފާތެއް އޮންނަ ކަމަށް ބުނުމުންނެވެ. މިސާލަކަށް މަދު އެތިކޮޅަކީ ވެސް ހާދަ ގިނަ އެއްޗެކެވެ. މަދު އެއްޗެއް ގިނަވުމަކީ އަރަތެއް ނޫން ހެއްޔެވެ؟ އެހެންވެ، ހަމަހަމަ ކަމުގައި ހަމަހަމަކަން ނެތުމަކީ ވެސް ތަފާތުކުރުމަކަށް ވެފައި، އެކަން އެހެން އޮތުން އަރަތަކަށް ވާނެ ނޫން ހެއްޔެވެ؟

މިޖުމްލަ އިޝާރަތްކުރަނީ ކޮން ކަމަކަށް ހެއްޔެވެ؟ މި ޖުމްލަ، ޖުމްލަ ގޮތެއްގައި ވާހަކައިގެ މައިގަނޑު މައުޟޫއިން ގަސްދުކުރާ ގަސްދުކުރުން ފާޅުކޮށްލައެވެ. ވާހަކައިގެ މައިގަނޑު މައުޟޫއަކީ ޝުޔޫއިއްޔަތަށް، އާދެ، ކޮމިޔުނިޒަމްއަށް ފާޑުކިޔުމެވެ. ކޮމިޔުނިޒަމްގެ ނިޒާމުގެ ދައުވާއަކީ ގައުމުތަކުގައި ހަމަނުޖެހުމާއި އަރާރުންވުންތަކުގެ އަސްލަކީ އެތަންތަނުގައި ގާއިމުވެފައި އޮންނަ ރައުސްމާލީ (ކެޕިޓަލިސްޓިކް) ނިޒާމެވެ. ތަނުގެ ރައުސްމާލު، އާދެ، މުދާވެރިކަމާއި މުއްސަނދިކަން، މަދު ބައެއްގެ އަތްމައްޗަށް ގޮސް، ބާކީ އެހެން ހުރިހާ ރައްޔިތުން، މި މަދު ރައުސްމާލީންގެ، ކެޕިޓަލިސްޓުންގެ، އަތްދަށުގައިވެ، އަޅުވެތިވުމެވެ. ކޮމިޔުނިސްޓުން ދުށީ، ގައުމުތަކުގައި ހަމަހަމަކަމާއި އަދުލުވެރިކަން، ދެން އެއާ ވިދިގެން އަންނަ އުފާވެރިކަމާއި ބާއްޖަވެރިކަން، ގެނެސްދޭނޭ ނިޒާމަކީ ކޮމިޔުނިސްޓު އިގްތިސާދީ ނިޒާމެވެ. އަދި، މި ނިޒާމުގެ ހިންގާލުމަށްޓަކައި ވެރިކަމުގައި ތިބޭނޭ އިސްތިބްދީދީ ވެރިންނެވެ.

ހައިވާނު ދަނޑުގައި ބަޔާންކޮށްދެވެނީ މިކަން މިހެން ނުވާކަމެވެ. ސޮވިޔެޓް ޔުނިއަންގައި 1917ގައި ގާއިމުކުރެވުނު ކޮމިޔުނިސްޓު ނިޒާމުން، ކޮމިޔުނިސްޓުން ދައުވާކުރި ހަމަހަމަކަމާއި އިންސާވެރިކަން ގެނެސްދޭ ސިޔާސީ އިގްތިސާދީ ނިޒާމެއް ގާއިމު ނުކުރެވުނު ކަމެވެ. ރަނގަޅު ސިޔާސީ ހޭލުންތެރިކަމެއް އާންމުންގެ ތެރޭގައި ނެތް ނަމަ، ކޮންމެ ނަމެއްގައި ވެރިކަމަށް ބަޔަކު އައިކަމަށް ވިޔަސް، ހަމަހުރެފައި ކަންކަން ރަނގަޅު ނުވާނޭ ކަމެވެ. އާންމުންގެ މިބުނި ފަދަ ހޭލުންތެރި ކަމެއް ނެތް ނަމަ، ވެރިކަމަށް ކޮންމެ ބަޔަކު އައި ކަމުގައި ވިޔަސް، ނެޕޯލިޔަންއޭ ކިޔުނު އޫރު، ނުވަތަ ސުވަރު، ގާނޫނުތައް ބަދަލުކުރި ފަދައިން، ވެރިކަމުގެ ބާރު އެބައެއްގެ އަތްމަތީ އޮތް ބަޔަކު، އެމީހުންގެ އަމިއްލަ ފައިދާއަށްޓަކައި ކަންކަން ކުރަމުންގެންދާނޭ ކަމެވެ.

ދެން އޮތީ އެހެން ސުއާލެކެވެ. އެނިމަލް ފާމުގެ ވާހަކާއާއި ހުރިހާ ޖަނަވާރުންގެ ހަމަހަމަ ކަމާއި ބައެއް ޖަނަވާރުންގެ ހަމަހަމަކަން ބޮޑުކަމާއި މިވާހަކަތައް މިއަދު ކަމާކަންފަށާ ތި ދައްކަނީ ކީއްވެ ހެއްޔެވެ؟ ޖަވާބުގައި ބުނަމެވެ. މިކަން ހަނދާންވީ ދާދި ފަހުން ހިނގައިދިޔަ ވަރަށް ވެސް ހިތާމަވެރި ހާދިސާއަކާ ވިދިގެންނެވެ. އދ. ދަނގެތީގައި ވަރަށް ލާއިންސާނީ ސިފައެއްގައި ގަތުލުކޮށްލެވުނު މަރުހޫމު މަހުމޫދު އަބޫބަކުރުގެ ހާދިސާއާ ވިދިގެންނެވެ. ހަމަ، މި ހާދިސާއާ އެއްކޮށްހެން އިނގިރޭސިވިލާތުގެ ސިޔާސީވެރިޔަކު ވެސް އަނިޔާވެރި ގޮތެއްގައި، މުޖުރިމެއްގެ ވަޅީގެ ޝިކާރައަކަށްވެ، ގަތުލުކޮށްލެވުނެވެ. ދެން، ބައެއް ދިވެހިން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ ވެރިންނަށް ފުރަތަމަ ހަމްދަރުދީވެވުނީ އިނގިރޭސި ވިލާތުގައި މަރާލެވުނު ސިޔާސީވެރިޔާގެ މައްޗަށެވެ. އެމީހުން ތަމްސީލުކުރާ، އެމީހުންނަށް މުސާރަދޭ، ދިވެހި މުވާތިނަކު އަނިޔާވެރި ސިފައެއްގައި މަރާލައި، ކުނިގަނޑެއްގެ ގޮތުގައި ބަލައި، ވަޅަކަށް އެއްލާލުން އެއީ ހަމްދަރުދީ ފާޅުކުރަން ޖެހޭނޭ ކަމެއް ކަމުގައި ރާއްޖޭގެ ވެރިން ދުށްކަމަކަށް، ކުރިން އިޝާރަތްކުރި ލިޔުންތެރިން ބުނާ ގޮތުގައި، ނުވިއެވެ.

މިތާނގައި ފާހަގަކޮށްލުން މުހިއްމު އެހެން ކަމެއް ވެސް އެބަ އޮތެވެ. މަތީގައި އެޅިފައި އޮތް ސުރުޚީ، އާދެ، ހުރިހާ ހައިވާނުންނަކީ ހަމަހަމަ ބައެއްކަމާއި ނަމަވެސް ބައެއް ހައިވާނުންގެ ހަމަހަމަކަން ބޮޑުވެގެންވާކަން ވިސްނިދިޔުމަށްޓަކައެވެ. ރާއްޖޭގެ ކުރީގެ ވެރިޔަކަށް އަމާޒުކޮށްގެން ދެވުނު އިރުހާބީ ބޮމުގެ ހަމަލާއާ ވިދިގެން، ސަރުކާރުން ކަންތައް ކުރި ގޮތެވެ. އެކަން ކުށްވެރިކޮށް، އަޅުގަނޑުމެންގެ ހައިވާނު ދަނޑުގެ ނެޕޯލިޔަނުންތައް ބަޔާންތައް ވެސް ނެރުނެވެ. އަދި، އަޅަން ޖެހޭނޭ އެހެން ފިޔަވަޅުތައް ވެސް އެޅިއެވެ. އެކަމުގައި ޝާމިލުވާ މީހުން ހޯދުމާއި، އެ މީހުންގެ މައްޗަށް ޝަރީއަތް ކުރުމެވެ. އެއީ އެކަން ކުރަން ޖެހޭނޭ ވެސް ގޮތެވެ. ވަރަށް ވެސް ރަނގަޅެވެ. ނަމަވެސް، އެއްވެސް ކުށެއް ނެތް، މުޖުތަމައުއަށް ފައިދާކުރުވަނިވި އެތައް މަސައްކަތްތަކެއް ކުރަމުން ގެންދިޔަ، ހަރުދަނާ މަސައްކަތްތެރި މުވާތިނަކު ކަތިލައިލެވުން އެއީ ސަރުކާރުގެ އެންމެ އިސްވެރިޔާ އެކަން ކުށްވެރިކޮށް، އެންމެ ކުޑަވެގެން ބަޔާނެއް ވެސް ނެރެން ޖެހޭނޭ ކަމަކަށް ނުވިއެވެ. އާދެ، ހުރިހާ ޖަނަވާރުންނަކީ ހަމަހަމަ ބައެކެވެ. ނަމަވެސް ބައެއް ޖަނަވާރުންގެ ހަމަހަމަކަން، އެހެން ޖަނަވާރުންގެ ހަމަހަމަކަމަށް ވުރެ ބޮޑުވެގެންވެއެވެ. ފެނިގެން މިދިޔައީ، މި އަރަތީތަފާތުގެ އަރާހުރި ދިރިހުރި މިސާލެކެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.