Support Us

ސޫފިޔާނާ ޚިޔާލެއް: މުއުޖިޒާތެއް ފަދަ ކަމަކީ ކޮބައިހެއްޔެވެ؟

ސޫފީ ފަލްސަފާވެރި އިލްމުވެރިއެއްގެ އަރިހުގައި ދެންނެވުނެވެ. "މިވެނި މީހަކު އުދުހެއޭ ބުނެފި ނަމަ އެވާނީ މުއުޖިޒާތެއް ފަދަ ކަމަކަށް ނޫންތޯއެވެ؟ މިކަމާ މެދު ޚިޔާލުފުޅަކީ ކޮބައިތޯއެވެ؟"

ދެން ސޫފީ ފަލްސަފާވެރިޔާ ވިދާޅުވިއެވެ. "އުދުހުމަކީ އެއީ މާ ބޮޑު ކަމެއް ނޫނެވެ. އެއީ މެއްސާއި މަދިރި ވެސް ކުރާ ކަމެއް ނޫން ހެއްޔެވެ؟ އަދި ކީއް ހެއްޔެވެ؟ މިވެނި އެވެނި މީހަކު ފެންމަތީ ހިނގައިފިއޭ ބުނުމުން ވެސް ހައިރާންވާކަށް ނުޖެހެއެވެ. މަރުވެފައި އޮންނަ ލަކުޑި ބުރިބުރި ވެސް ފެންމަތީ އޮވެ، ދޭ ނޫން ހެއްޔެވެ؟"

ދެން އޭނާއަށް ދެންނެވުނެވެ. "އެހެންވެއްޖިއްޔާ މުއުޖިޒާތެއް ފަދަ ކަމަކީ ކޮބާ ހެއްޔެވެ؟"

ޖަވާބުގައި ސޫފީ ފަލްސަފާވެރިޔާ ވިދާޅުވިއެވެ. "އިންސާނާއަށް އެންމެ ދަތި އުނދަގޫ ކަމަކަށްވަނީ އިންސާނެއްގެ ގޮތުގައި މީސްތަކުންގެ ތެރޭގައި އުޅުމެވެ! އެހެންވެ، އިންސާނަކަށް މުއުޖިޒާތެއް ފަދަ ކަމެއް ކުރެވުނު ކަމަށްވާނީ އިންސާނެއްގެ ގޮތުގައި މީސްތަކުންގެ ތެރޭގައި އޭނާއަށް އުޅެވުމުންނެވެ."

ދެން އޭނާއަށް ދެންނެވުނެވެ. "އިންސާނާއަށް އިންސާނެއްގެ ގޮތުގައި އުޅެވުނު ކަމަށްވާނީ ކިހިނެއް އުޅެގެން ތޯއެވެ؟"

ޖަވާބުގައި ސޫފީ ފަލްސަފާވެރިޔާ ވިދާޅުވިއެވެ. "މީސްތަކުގެންގެ ތެރޭގައި އުޅޭއިރު، އެމީހުންގެ ކިބައިން ފެންނަ ކުދިކުދި ނުރަނގަޅު ކަންތަކަށް ކެތްތެރިވެ، އެމީހުންނަށް އުނދަގޫ ނުކޮށް އުޅުމުންނެވެ. މިސްތަކުންގެ ތެރޭގައި އުޅޭއިރު ދެބައޮޑުވުމާއި ނެތިމޮށުމާއި މީހުންނަށް ހަސަދަލުމާއި ހެޔޮނޭދުމާއި ނުބައި ހިތް ލުމާއި މިފަދަ ކަންކަމުން ދުރުހެލިވެގެން އުޅެވިގެންނެވެ. މަކަރު ހެދުމާއި ވައްކަން ކުރުމާއި ޚިޔާނަތްތެރިވުމާއި ފާހިޝް އަމަލުތަކުން ދުރުހެލިވެގެން އުޅެވިގެންނެވެ. މިފަދައިން އުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ ވަރަށް ވެސް ދަތި އުނދަގޫ ކަމެކެވެ. އިންސާނާގެ ކިބައިގައްޔާއި އަދި އޭނާގެ ވަށައިގެން މިކަންކަމަށް ދައުވަތުދޭ ޝައިތާނީ ބާރުތައް އޭނާގެ މައްޗަށް ނުފޫޒު ފޯރުވަމުންދާތީއެވެ. އޭނާގެ ހަވާ ނަފްސުގެ ބާރެވެ. ނުރަނގަޅު މަގަށް އޭނާ ގެންދާ އިންސާނީ އަދި މަސްތުވާތަކެތި ފަދަ ޝައިތާނީ ބާރުތައް ވެސް މެއެވެ. ނަމަވެސް، އެބާރުތައް ދިފާއުކުރާނޭ ވަރުގަދަ ވަސީލަތްތައް ވެސް އިންސާނާގެ ކިބައިގައި ލެއްވިފައި ވެއެވެ. އޭނާގެ ޒަމީރެވެ. ހެޔޮ ނުބައި ވަކިކޮށްދޭ އޭނާގެ ބުއްދިއެވެ. އޭނާގެ ސަލާމަތް ފިތުރަތެވެ. އާދެ، އޭނާގެ އިންސާނީ މާތް ތަބީއަތެވެ. މިކަން ހެޔޮ ގޮތުގައި ލެހެއްޓުމަށް އޮންނަ ދީނީ ހެޔޮ ގަބޫލުކުރުންތަކާއި އެކަންކަން ދަމަހައްޓުވަން އޮންނަ އަޅުކަމުގެ ވަސީލަތްތަކެވެ.

ކޮންމެ އަކަސް، މިިކަން ކަމުން ހިއްވަރާއި ބާރު ލިބިގަނެ، ދެންމެ ނަންގަތް ނުރަނގަޅު ކަންކަމުން އެއްކިބާވެ ހުރެ، ތިމާއާއި އެހެން މީހުންގެ ހެވަށްޓަކައި މަސައްކަތްކޮށް އުޅުމަކީ އިންސާނެއްގެ ގޮތުގައި އުޅުމެވެ. އެހެން އުޅެވޭ ކަމަށް ވަންޏާ އެވާނީ ވަރަށް ވެސް ބޮޑު މުއުޖިިޒާތެއް ފަދަ ކަމަކަށެވެ. އެކަމަކީ، އެކަމާއިގެން އުޅެފި ނަމަ، ކޮންމެ މީހަކަށް ވެސް ވެިވިދާނޭ ކަމެކެވެ! އޭނާއަކީ ދިރި ހުރި މުއުޖިޒާތަކަށް ވުމަށްޓަކައި އުދުހޭކަށް ނޫނީ ފެނުގައި ހިނގާކަން ނުޖެހެއެވެ! އިންސާނެއްގެ ގޮތުގައި އުޅުމުން އެކަން ވެދެއެވެ! މި ހަގީގަތް ކީރިތި ގުރުއާނުގައި ވަރަށް ކުރު ޖުމްލައަކުން ބަޔާން ކުރެވިފައި އޮވެއެވެ. ސަލާމާއި ސަލަވާތް ލެއްވި އިތުރުއެކަލާގެފާނާ މުޚާތަބުކޮށް ކީރިތި ގުރުއާނުގެ ގަލަމު ސޫރަތުގެ ހަތަރު ވަނަ އާޔަތުގައި ބަޔާންކުރެވިފައި ވެއެވެ. "وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ" (ހަމަ ކަށަވަރުން، ކަލޭގެފާނުވަނީ ވަރަށްވެސް މާތް، މަތިވެރި އަޚުލާގީ ސިފަތަކެއްގެ މަތީގައެވެ.) އާދެ، އިތުރުއެކަލާގެފާނަށް ތައުރީފުގެ ބަސްފުޅު އިއްވިފައިވަނީ އެކަލޭގެފާނުންގެ އަޚުލާގު މާތްވެ މަތިވެރިވެގެންނެވެ. އަދި އެކަމުގެ ސަބަބުން، އެކަލޭގެފާނު ސިފަކުރެވިގެންވަނީ "ފުރިހަމަ އިންސާނާ" (الإنسان الكامل)، މިފަދައިންނެވެ! އިންސާނާ ފުރިހަމަ އިންސާނަކަށް ވަނީ، އާދެ، އިންސާނެއްގެ ގޮތުގައި އުޅެވެނީ، ރިވެތި އަޚުލާގުން މީހާއަށް ޒީީނަތްތެރިވެވިގެންނެވެ!"