Support Us

ކުރު ވާހަކަ: މަނިކުބޭގެ ތުއްތު ދަރިފުޅުގެ މުސްތަގުބަލު ދެނެގަތުން

މިދުވަސްކޮޅު މަނިކުބޭ އެންމެ ކަންބޮޑުވާ މައްސަލައަކީ މަނިކުބޭގެ ކުޑަ ދަރިފުޅުގެ މައްސަލައެވެ. މަނިކުބޭގެ ލޮލުގެ ކޮއިފަދަ، އުމުރުން އަދި އެންމެ ތިން އަހަރުގެ ތުއްތު ދަރިފުޅު ބޮޑުވެގެން، އޭނާ ވާނީ ކޮން ކަހަލަ މީހަކަށްތޯއާ މެދު، މާގިނައިން ވިސްނައި ފިކުރުކުރެވެނީއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ މިދުވަސްވަރަކީ ނުރަނގަޅު ހުރިހާ މަގަކުން ފަސޭހައިން ހިނގާލެވެން އޮތް ދުވަސްވަރެކެވެ. މަސްތުވާ އެއްޗެހި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުމުގެ މަގެވެ. ވައްކަމާއި މަރާމާރީ ހިންގުމުގެ މަގެވެ. ގޭންގުތަކާ ގުޅި ފައިސާއަށް މީހުން މެރުމުގެ މަގެވެ. ގޭ ދޮށު ހަތަރު އަނގޮޅި މައްޗަށް ނިކުމެއްޖެ ނަމަ، މިއިން ކޮންމެ މަގަކުން ދެވޭނޭ ރާސްތާ ފެންނަން އޮވެއެވެ.

އެންމެ ފަހުން، މިކަމާ އުނދަގޫވެގެން މަނިކުބޭ އަންހެނުން ލަފާ ދިނީ، ފާލުބަލާ ސީދީ އަރިހަށް ގޮސް، ދަރިފުޅުގެ މުސްތަގުބަލާ ބެހޭ ގޮތުން މަޝްވަރާކޮށްލުމަށެވެ. ފަހަރެއްގައި ދަރިފުޅުގެ މުސްތަގުބަލާ ބެހޭ ގޮތުން މަނިކުބެ ހިތްހަމަޖެހޭ ކަހަލަ ވާހަކައެއް ވެސް ސީދިބޭ ވިދާޅުވެދާނެތީއެވެ. ރަށު މީހުން ދެކޭ ގޮތުގައި ސީދިބޭގެ ވާހަކަތަކަކީ ވަރަށް ވެސް ތެދު، ސީދާ ވާހަކަތަކެކެވެ. މިހެންވެއްޖެ ނަމަ، މަނިކުބޭ އަންހެނުން ދުށީ، ދަރިފުޅުގެ މުސްތަގުބަލާ މެދު އެވަރަށް ފިކުރުނުކޮށް، މާތްކަލާނގެއާ ވަކީލުކޮށްލައިގެން، ހިތް ހަމަޖައްސާލައިގެން، މަނިކޭބޭ ހުރެދާނެ ކަމެވެ.

ކޮންމެއަކަސް، ސީދިބޭ އަރިހަށް މަނިކުބޭ ގޮސް، މަނިކުބޭގެ ހިތުގެ ގިލަނުގެ ވާހަކަ ދެންނެވިއެވެ. އަދި، މަނިކުބޭގެ ތުއްތު ދަރިފުޅުގެ މުސްތަގުބަލާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވެދެއްވުމަށް އަދައިދެންނެވިއެވެ. ޖަވާބުގައި ސީދިބޭ ވިދާޅުވިއެވެ. ތިއީ މާ ބޮޑު ކަމެއް ނޫނެވެ. ތިމަންނާ މި ވިދާޅުވާ ގޮތަށް ކަންތައް ކުރާށެވެ. މޭޒެއް މަތީ މި ތަކެތި ބަހައްޓާށެވެ. ޚަތިމަކާއި ފައްސަތޭކަ ރުފިޔާގެ ނޫޓަކާއި، ރުކުރާ އަޅައިފައި ހުރި ތަށްޓަކާއި، އަދި ސީޑީއެއް މޭޒުމަތީ ބާއްވާށެވެ. ދެން ދަރިފުޅުގާތު މޭޒުދޮށަށް ގޮސް ކޮންމެސް އެއްޗެއް ނަގަން ބުނާށެވެ. ޚަތިމު ނަގައިފި ކަމަށް ވަންޏާ ދަރިފުޅުވާނީ ހެޔޮލަފާ ސޯލިހު މީހަކަށެވެ. ފައްސަތޭކައިގެ ނޫޓު ނަގައިފި ނަމަ އޭނާ ވާނީ ފައްކާ ބޮޑު މުލު ވަގަކަށެވެ. ރާތަށި ނަގައިފިިނަމަ އޭނާ ވާނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކަށެވެ. ސީޑި ނަގައިފިނަމަ އޭނާ ވާނީ އަންހެނުންގެ އިއްފަތް ފޭރޭ މީހަކަށެވެ.

ދެން މަނިކުބޭ ގެއަށް ދިޔައެވެ. އަދި، ވަރަށް ޖެހިލުންވެ ހުރެ ސީދީ ވިދާޅުވި ގޮތަށް ކަންތައް ކުރިއެވެ. ކުޑަ ޚަތިމަކާއި ފައްސަތޭކައިގެ ނޫޓަކާއި ރުކު ރާތަށްޓަކާއި ސީޑީއަކާއި މިތަކެތި މޭޒެއް މަތީ ބެހެއްޓިއެވެ. އަދި ދަރިފުޅުގާތު މޭޒު ދޮށަށް ގޮސް ދަރިފުޅު އެންމެ ބޭނުން އެއްޗެއް ނަގައިގެން އައުމަށް ބުންޏެވެ. ދެން ދަރިފުޅު ގޮސް ކުޑަ ޚަތިމު ދަރިފުޅުގެ އެއް ޖީިބަށް ލިޔެއެވެ. އަދި، އަނެއް ޖީބަށް ފައްސަތޭކައިގެ ނޫޓު ލިޔެއެވެ. ދެން، ރުކުރާތަށިން ފޮދުވަރެއް ބޯލައިގެން ސީޑީ ހިފައިގެން އައިސް ކޮމްޕިޔުޓަރުން އެ ދެއްކުމަށް އެދުނެވެ.

މަނިކުބޭއަކަށް ދަރިފުޅު ކަންތައް ކުރިކަމުގެ ތައުބީރެއް ނޭނގުނެވެ. އެހެންވެ، އަނެއްކާ ވެސް ސީދިބޭ އަރިހަށް ދިޔައެވެ. އަދި، ދަރިފުޅު ކަންތައް ކުރި ގޮތް ސީދިބޭއަށް ދެންނެވިއެވެ. ދެން ސީދިބޭ ވިދާޅުވިއެވެ. ޚަތިމާއި ފައިސާ ދެޖީބަށް ލުމުގެ މާނައަކީ ވައްކަންކޮށް ދީން ވިއްކުމެވެ. އަދި ރާތަށިން ފޮދުވަރެއް ބުއުމުގެ މާނައަކީ މަސްތުވާ ދިޔާ އެއްޗިއްސާއި ހިކި އެއްޗެހި ބޭނުންކޮށް އޭގެ ވިޔަފާރިކުރުމެވެ. ސީޑީގެ ހުރި އެއްޗެއް ބެލުމުގެ އެދުން ފާޅުކުރިކަމުގެ މާނައަކީ މީހުންގެ އިއްފަތް ފޭރުމެވެ. ދެން ސީދިބެ ވިދާޅުވިއެވެ. ކުޑަ ވަގުތުކޮޅެއް ދޭށެވެ. ކުޑަކޮށް އަކަޖަހައި ހިސާބުކޮށްލާފައި އަންނަ އެއްޗެއް ބަލާފައި އޭގެ މާނަ ބުނެދޭނަމެވެ.

ސީދިބޭ ކޮޓަރީގައި ކުޑަ އިރުކޮޅެއް ވެލެއްވުމަށް ފަހު، އެނބުރި ވަޑައިގެން ވިދާޅުވިއެވެ. ދަރިފުޅުގެ މުސްތަގުބަލު ވަރަށް ވެސް ރަނގަޅެވެ. އޭނާ ވާނީ ސިޔާސީ މީހަކަށެވެ. މަޖުލީހުގެ ވަރަށް ވެސް އިއްޒަތްތެރި މެންބަރަކަށެވެ!