...

Support Us

ލޯބީގެ ފަލްސަފާއެއް: ލޯބިވެވޭނީ އެކަކު ދެކެއެވެ؛ ލޯބި ބައިބައެއް ނުކުރެވޭނެއެވެ!

ސިޔާސީ ވާހަކަ ނުދެއްކުމުގެ ނިޔަތުގައި، ތިން މީހަކު ކޮފީ ބޯން ތިބެގެން ނިންމީ ލޯބީގެ މައްޗަށް ފަލްސަފީ ނަޒަރަކުން ބަލާލައި ބަހުސްކޮށްލާށެވެ. އެމެރިކާ މީހަކާއި އިންޑިޔާ މީހަކާއި އަދި ދިވެއްސެކެވެ. ޚާއްސަގޮތެއްގައި، ދިވެހި މީހާ، މިކަމަށް، މަރުހަބާ ކިޔެވެ. އޭނާ ވެސް ސިޔާސީ ވާހަކަ ދެއްކުމާ ފެއަށްދާން ބޭނުންވާތީއެވެ. މުޅި ތަން ބައިބައިކޮށް، ގުޅުންތައް ކަނޑައި، ފިތުނަވެރިކަމުގެ މުގޫ ކަމުގައި އެފަދަ ވާހަކަތައް ވެފައި އޮތުމުން ވެސް މެއެވެ.

އެމެރިކާ މީހާ ބުންޏެވެ. ޝައްކެއް ނެތެވެ! ލޯތްބަކީ ބައިބައިކުރެވޭނޭ އެއްޗެއް ނޫނެވެ. އެހެންވެ، އަހަރުމެން އިންނަނީ އެކަކާއެވެ. އެކަކާ އިނދެގެން އުޅުނު ނަމަވެސް، އަހަރުމެންގެ ކޮންމެ މީހަކުވެސް އަބަދުވެސް ވަގު އަނތްބެއް ގެންގުޅެއެވެ. އަހަރުމެން ދެކޭ ގޮތުގައި އެއީ ލޯބި ބައިބައިވާން ޖެހޭ މައްސަލައެއް ނޫނެވެ. ސަބަބަކީ އަހަރުމެންގެ ލޯބި އަބަދުވެސް ޚާއްސަކުރެވިފައި އޮންނަނީ އެކަކަށެވެ. އަހަރުމެންގެ އަނބިމީހާ ނޫނީ އަހަރުމެންގެ ވަގު އަނބިމީހާއަށެވެ.

ދެން އިންޑިޔާ މީހާ ބުންޏެވެ. ޝައްކެއް ނެތެވެ! ލޯތްބަކީ ބައިބައިކުރެވޭނޭ އެއްޗެއް ނޫނެވެ! އަހަރުމެންވެސް އިންނަނީ އެކަކާއެވެ. އަހަރުމެންގެ މައިންބަފައިން ދައްކާ މީހަކާއެވެ. ރުހުނަސް ނުރުހުނަސް، އަހަރުމެން، އަހަރުމެންގެ މައިންބަފައިން ދެއްކި މީހަކާ ކައިވެނި ކޮށްގެން، އުފަލުގައި ނުވަތަ ގިލަނުގައި އަހަރުމެންގެ ހަޔާތް ވޭތުކޮށްލަމެވެ. މިއާދަކާދައިގެ ސަބަބުން ދިމާވެދާނެ ހިތްދަތިކަމެއް ފޫބައްދާލުމުގެ ގޮތުން، އަނބި މީހާގެ އިިތުރުން، އަހަރުމެން އެތައް ލޯބިވެރިންނެއް ގެންގުޅެމެވެ. ނަމަވެސް، އަހަރުމެންގެ ނަޒަރުގައި އެއީ ލޯބި ބައިބައިވާން ޖެހޭނޭ މައްސަލައެއް ނޫނެވެ. ސަބަބަކީ އަހަރުމެން ލޯބި އަބަދުވެސް ޚާއްސަކުރެވިފައި އޮންނަނީ އަހަރުމެންގެ މައިންނަށެވެ. އަހަރުމެން ލޯބިވަނީ އަހަރުމެންގެ މައިންދެކެއެވެ.

ދެން ދިވެހި މީހާ ބުންޏެވެ. ޝައްކެއް ނެތެވެ! އަހަރެން ވެސް ކަލޭމެން ދެމީހުންނާ އެއްބަހެވެ. ލޯތްބަކީ ފަހަރެެއްގައި ވެސް ބައިބައިކުރެވޭނޭ އެއްޗެއް ނޫނެވެ! އަހަރުމެންގެ ހަތަރު އަނބިން ތިބެދާނެއެވެ. އަދި، ވަރިކޮށްފައި ތިބޭ، އެހެން ނަމަވެސް، އަހަރުމެން ގުޅުން ބާއްވާ ހަތަރު އަންހެނުންވެސް ތިބެދާނެއެވެ. އަދި މީގެ އިތުރުން އެތައް އެތައް ވަގު އަނބިންވެސް އަހަރުމެން ގެންގުޅެފާނެއެވެ. ނަމަވެސް، އެއީ އަހަރުމެން ދެކޭ ގޮތުގައި ލޯބި ބައިބައިވާން ޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ އަހަރުމެންގެ ލޯބި، އަބަދުވެސް ޚާއްސަވެފައި އޮންނަނީ އަހަރުމެންގެ ސިޔާސީ ޕާޓީއަށް ކަމަށް ވާތީއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.