...

Support Us

ކޮލަމް މާޒީ: ހައްދުންމަތި އުފެއްދި އެންމެ އަގުހުރި ދަރި

ހައްދުންމައްޗަކީ އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ އަތޮޅެކެވެ. ބިން ބޮޑުކަމުގެ ގޮތުންނެވެ. ކަނޑުފަޅުގެ މުއްސަނދިކަމުގެ ގޮތުންނެވެ. ޤުދުރަތީ ރީތިކަމުގެ ގޮތުންނެވެ. ރާއްޖޭގެ އެންމެ ދިގު އަދި އެންމެ ބިން ބޮޑު ރަށަކީ ހައްދުންމަތީ ގަމެވެ. މި ނޫނަސް އިސްދޫއާއި ކަލައިދޫއަކީ ގާތްގަނޑަކަށް ހަމަ އެހާ ބޮޑު ރަށެވެ. މި ނޫނަސް ރާއްޖޭގެ ނިސްބަތުން ބިން ބޮޑެތި ކިތަންމެ ރަށެއް އެ އަތޮޅުގައި އެބަހުއްޓެވެ. މީހުން އުޅޭ ރަށްރަށާއި ފަޅުރަށްރަށް ވެސް މެއެވެ.

ހައްދުންމައްޗަކީ ޒަމާނުއްސުރެ ދަނޑުވެރިކަމަށް މަޝްހޫރު އަތޮޅެކެވެ. ފަޅުރަށްރަށް ގިނަ އަތޮޅެކެވެ. ބޮޑު ތަދުގެ ޒަމާނުގައި ވެސް ބަނޑުފުރާނަ މުއްތިކުރުމަށް ޓަކައި ރާއްޖޭގެ ކިތަންމެ ރަށަކުން ހައްދުންމައްޗަށް މީހުން އައެވެ. އެއައި އައުމުގައި ބައެއް މީހުން އެ އަތޮޅުގައި ވަޒަންވެރި ވެސްވިއެވެ.

މަސްވެރިކަމުގެ ގޮތުން ބަލާއިރު ވެސް ހައްދުންމައްޗަކީ ޒަމާނުއްސުރެ މަސްވެރިކަމަށް މަޝްހޫރު އަތޮޅެކެވެ. މިއަދު ވެސް ހައްދުންމައްޗަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އަތޮޅެކެވެ. މި ނޫނަސް މިއަދު ވެސް ހައްދުންމަތި ޚާއްޞަވާ ކިތަންމެ ސަބަބުތަކެއް އެ އަތޮޅުގައި ވެއެވެ. އައްޑު ގަމުގައި އިނގިރޭސީން ބިނާކުރި ވައިގެ ބަނދަރާއި ހުޅުލޭގައި ބިނާކުރި ވައިގެ ބަނދަރު ފިޔަވައި އެންމެ ފުރަތަމަ ވައިގެ ބަނދަރެއް ގާއިމުކުރެވުނީ އެ އަތޮޅުގައެވެ. އަސްކަރީ ވައިގެ ބަނދަރެއް އޮތީ އެ އަތޮޅުގައެވެ. ރާއްޖޭގެ އެންމެ ބޮޑު ސްކޫލް ހުރީ ހައްދުންމަތީގައެވެ.

ތިމާވެށީގެ ގޮތުން ވެސް ހައްދުންމައްޗަކީ ފާހަގަކޮށްލެވޭ އަތޮޅެކެވެ. ކަނޑުފަޅުގެ މުއްސަނދިކަމާއި ރީތި ގޮނޑުދޮށްތަކަކީ ފާހަގަކޮށްލެވޭ ތަންތަނެވެ. ކޯމަހާއި މަޑީގެ ބާވަތްތަކަށް ޚާއްޞަ ވާސަތަކާއި ވަރުނުލާ ރާޅުގަނޑެއް އޮންނަ "ގޮލައިކަނު" އެއީ ފަތުރުވެރީން އެންމެ ޝައުޤުވެރިވާ ތަންތަނެވެ. ހުވަދޫ ކަނޑާ ގުޅިފައި އޮންނަ ދެރަހާއާއި ސަތޯތިލަ ފަދަ ތަންތަނަކީ މަސްވެރިކަމުގެ ގޮތުން މުޅި ރާއްޖެއަށް މަޝްހޫރު ތަންތަނެވެ. ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެންމެ ދިގު 19 ކިލޯމީޓަރުގެ މަގު އޮތީ ވެސް ހައްދުންމަތީގައެވެ. އަދި މި ނޫނަސް ހައްދުންމަތީގައި ފާހަގަކޮށްލެވޭ ކިތަންމެ ޚާއްޞިއްޔަތެއް ހުރެއެވެ. ހައްދުންމަތީ މަޝްހޫރު "ލާމު ގޮޅަރިހަ"ގެ ވާހަކަ ދައްކާކަށް ބޭނުމެއް ނެތެވެ. ހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެ ވާހަކަ މި މަޤާމުގައި ދައްކާކަށް ނެތީމެވެ. ހައްދުންމައްޗަކީ ހަމަ ލާމަސީލު ލާމެވެ.

ތަޢުލީމީ ގޮތުންނާއި އަދަބީ ގޮތުން ވެސް ހައްދުންމަތި ފާހަގަ ނުކޮށް ވާކަށް ނެތެވެ. ރާއްޖޭގައި ނަން ހިނގާ މަޝްހޫރު ޝަޚުޞިއްޔަތުތައް ހައްދުންމައްޗަށް ނިސްބަތްވެއެވެ. އެހާރާއި މިހާރަށް ބެލިޔަސް ތަޢުލީމީ ގޮތުންނާއި އަދަބީ ރޮނގުން ފާހަގަކޮށްލެވޭ ޝަޚުޞިއްޔަތު ތަކެއް ހައްދުންމައްޗަށް ނިސްބަތްވެއެވެ. މި ދެންނެވި ހުރިހާ ބޭފުޅުންގެ ތެރެއިން އެންމެ ކުރީ ސަފުގައި ފާހަގަކޮށްލެވެނީ ހައްދުންމަތީ ގަމު ބޭފުޅެކެވެ. ގަމު ބަހުރުވައިން ނަމަ "ރަށްބޭގެ ހަސަނެވެ." ނުވަތަ މަޙުމޫދުގެ ހަސަނެވެ. ދިވެހި ތާރީޚުގައި އެ ބޭފުޅެއްގެ ނަންފުޅު ރަންއަކުރުން ލިޔެވިފައިވާ "އައްޝައިޚުލްޤާޟީ ޙަސަން ތާޖުއްދީނުލްޤަމަވީ"އެވެ.

އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ނަންފުޅު މީހުން ފާހަގަކުރަނީ އެއީ ތާރީޚު ޢީލްމުވެރިއެއްގެ ގޮތުންނެވެ. ނަމަވެސް އެއީ އެ މަނިކުފާނުގެ ހަގީގީ ދާއިރާއެއް ނުވަތަ "ޕްރޮފެޝަން"އެއް ނޫނެވެ. އެ މަނިކުފާނަކީ ދީނީ ޢިލްމުވެރިއެކެވެ. ކުޅަދާނަ ވާޢިޡެކެވެ. ޢަރަބި ބަހުގެ މާހިރެކެވެ. އައްސުލްޠާނުލްމުޡައްފަރު މުޙައްމަދު ޢިމާދުއްދީ (1116ހ) ސިރީކުލަ ސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުންގެ ރަސްކަމުގައި އެ ރަސްގެފާނުގެ އަމުރުފުޅަށް ޙަސަން ތާޖުއްދީން ޢަރަބިބަހުން ދިވެހި ތާރީޚުން ލިޔުއްވާން ފެއްޓެވި ފެއްޓެވުން މި ކަމުގެ ހެތްކަކަށް ފުދެއެވެ. ދިވެހި ތާރީޚު ލިޔުއްވާން ޙަސަން ތާޖުއްދީނު ފެއްޓެވީ އެ މަނިކުފާނަކީ ތާރީޚު ޢިލްމުވެރިއަކަށް ވާތީއެއް ނޫނެވެ. އެއީ ރަދުންގެ އަމުރުފުޅަށް ފެއްޓެވި މުޅީން އައު ޚިދުމަތެކެވެ. އެ މަސައްކަތްޕުޅު ކުރައްވާން ޙަސަން ތާޖުއްދީނާ ރަދުން ޙަވާލުކުރެއްވިކަމަށް ބެލެވެނީ، އެއީ ބޭރުބަސް ދެނެވަޑައިގަންނަވާ ޢިލްމުވެރި ޤާބިލު ބޭފުޅަކަށް ވާތީއެވެ.

ޙަސަން ތާޖުއްދީނަކީ ދުރުވިސްނިވަޑައިގަންނަވާ ޙިކުމަތްތެރިއެކެވެ. ޢަދުލުވެރި ރަސްކަލެއް ކަމުގައި ތާރީޚުން ފެންނާން އޮތް އައްސުލްޠަން މުޙައްމަދު މުޙްޔުއްދީން އާދިލް ސިރީ ނާކަރައި ސުންދުރަ މަހާރަދުން (1102ން1103ށް)ގެ ރަސްކަމުގައި އެ ރަދުންނަށް ލަފާ އަރުވާ މުޝީރެއްގެ ގޮތުގައި މަހަކު ފަންސާސް ލާރީގެ މުސާރަފުޅަކަށް ހަސަންތާޖުއްދީން ހަމަޖައްސަވައިފައި ބެހެއްޓެވި ބެހެއްޓެވުމަކީ މި ކަމުގެ ހެތްކަކަށް ނުފުދޭތޯއެވެ!

 

ޙަސަން ތާޖުއްދީނަކީ ދީނީ ޢިލްމުވެރިއެކެވެ. އުޞޫލުތަކުގައި ހިފެހެއްޓެވި ހަރުދަނާ ބޭފުޅެކެވެ. ތާރީޚުން އެނގޭ ގޮތުގައި ދެއްވަދޫ ފަނޑިޔާރު ތަކުރުފާނުގެ ރަސްކަމުގައި ހަސަން ތާޖުއްދީނަށް ފަނޑިޔާރުކަމަށް ކޮލި ލެއްވިއެވެ. އެއީ 2 ރަބީޢުލް އައްވަލް 1104ވީ ބުދަ ދުވަހުއެވެ. އޭރު ޙަސަން ތާޖުއްދީނުގެ ޢުމުރުފުޅުން 32 އަހަރެވެ. ޙަސަންތާޖުއްދީން ފަނޑިޔާރުކަން ގަބޫލުފުޅު ކުރެއްވީ އޭނާ ކުރައްވާ ޙުކުމަށް ރަސްގެފާނު އިންކާރު ނުކުރައްވައި ގަބޫލުފުޅުކުރައްވާނެކަމަށް އަހްދުކަށަވަރު ހިއްޕެވުމަށްފަހުގައެވެ. މި ކަމުން ދޭހަވަނީ ޙަސަން ތާޖުއްދީނަކީ ހަމައެކަނި މަޤާމުގެ ބޭޏުންފުޅުގައި ފަނޑިޔާރުކަން ކުރެއްވި ބޭފުޅެއް ނޫންކަމެވެ. އެއީ ގޮތް ހުރި ހަރުދަނާ ޝަޚުޞިއްޔަތެއް ކަމެވެ.

އައްސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު (ސައްޔިދު ރަސްގެފާނު) ސިރީ ހިކާޅަ މިލާދީއްތަ މަހާރަދުން (1103 ހ) ގެ ޒަމާނުގައި ކޮންމެ އަހަރަކު ރަޖަބު މަހަށް ހަނދުބެލީންސުރެ ރަމަޟާން މަސް ނިމޭންދެން ކޮންމެ ރެއަކު މަޣުރިބު ނަމާދާއި ޢިޝާނަމާދާއި ދެމެދު ހުކުރު މިސްކިތުގައި މީސްތަކުންނަށް ޙަދީޘް ކިޔަވައި ދިނުމަށް ހަސަންތާޖުއްދީން އިސްކުރައްވައި މި ކަމުގެ އުޖޫރައަކަށް މަހަކު ސަތޭކަ ލާރި ދެއްވިއެވެ. މިކަމުން ދޭހަވަނީ އެ ޒަމާނުގައި އެންމެ މަތީ ޢީލްމުވެރީންގެ ތެރޭގައި ޙަސަން ތާޖުއްދީން ހިމެނިވަޑައިގަތް ކަމެވެ.

ޙަސަން ތާޖުއްދީނުގެ ފަނޑިޔާރު ކަމުގައި މީސްތަކުން އިސްލާމްދީނަށް ހެއިއެރުއްވުމަށް ޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. މި ގޮތުން ކޮންމެ ހުކުރު ދުވަހަކު ޢަޞުރު ނަމާދަށް ފަހު ދޭވާނީންނާއި މަޖިލީހަށް އަރުއްވާ ބޭކަލުން ގޮވައިގެން ޙަސަން ތާޖުއްދީން ނިކުމެވަޑައިގެން އަމުރު މަޢުރޫފު ހިންގަވައި މުންކަރާތްތައް މަނާކުރައްވައި ހެއްދެވިކަމަށް ވެއެވެ. އަދި މުންކަރާތެއް ފެނިވަޑައިގެންފިނަމަ އެކަން މަނާކުރައްވައި އެމީހަކު ތައުޒީރުކުރެއްވިއެވެ. މީގެ އިތުރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ ފަރުޟުނަމާދު އަޅައިފި މީހަކު ޝަރީޢަތުގެ ކަނޑިން ޤަތުލު ކުރެއްވުމަށް ޓަކައި ރަސްގެފާނުގެ އަރިހަށް ގެނައުމަށް އަމުރުކުރެއްވުމެވެ. މި ގޮތަށް ދެތިން ހުކުރު ދުވަހަކު މަސައްކަތްޕުޅު ކޮށްލެއްވި ފަހުން ނަމާދު އަޅާ އެއްވެސް މީހަކު ރަށުތެރޭގައި ނޫޅޭ ކަމަށްވިއެވެ.

އަޅުން ފަދައިން މިނިވަން އަންހެނުން ލައްވައި އުޖޫރަޔަކާއި ނުލައި މަސައްކަތްކުރުވުމާއި އެކަކު އަނެކަކަށް އެ ފަދަ އަންހެނުން ވިއްކުމަކީ އޭރު މާލޭގެ ބޮޑުންގެ ތެރޭގައި އޮތް ވަރަށް ނުބައި އާދައެއް ކަމަށްވެއެވެ. މި ކަން ވަރަށް ހަރުދަނާކަމާއެކު މަނާކުރެއްވީ ޙަސަން ތާޖުއްދީނެވެ. މި ކަން މަނާކުރެއްވުމުގެ އަމުރު ނެރުއްވުމުން އެ ގޮތަށް ގެންގުޅެމުން ދިޔަ މީހުން ޙަސަންތާޖުއްދީން އަރިހަށް އައުމުން އެމީހުންނަށް އުޖޫރައެއް އަތުލައި ދެއްވައި މިނިވަން ކުރެއްވިއެވެ. އަޅުންގެ ގޮތުގައި މިނިވަނުން ގެންގުޅުމަކީ ޙަރާމް ކަމެއްކަމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަނޑައަޅުއްވައި ފަތުވާދެއްވީ ވެސް ހަސަންތާޖުއްދީނެވެ. އަދި ތަރިކައިން ޛަވިލްއަރުޙާމުންނަށް ވެސް ވާރުތަވާނޭކަމަށް ފުރަތަމަ ކަނޑައެޅުއްވީ ވެސް ހަސަން ތާޖުއްދީނެވެ. މި ފަދަ އެތައް ކަމަކުން، މަތިވެރި އެތައް ޚިދުމަތްތަކަކުން، ސާބިތުވަނީ ޙަސަން ތާޖުއްދީނުގެ ޢިލްމުވެރިކަމާއި އިސްލާމް ދީނަށް ބެހެއްޓެވި މަތިވެރި އިޙުތިރާމެވެ. ވީމާ، ޙަސަން ތާޖުއްދީނަކީ ދިވެހި ތާރީޚުގެ ބައްޕައޭ ބުނެލުމަކީ އެ މަނިކުފާނަށް ޙައްޤު މިންވަރުތޯއެވެ!

ހިޖުރައިން 1112 ވަނަ އަހަރުގެ ޝަޢުބާން މަހު ހައެއްވީ ހޯމަ ދުވަހު ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން އެރަދުން އަވަހާރަވީ ތާރީޚް ލައްވައިގެން ޅެންބައެއް ހައްދަވާފައި އެރަދުން ފަސްދާނުލެއްވި ގުއްބުގެ ފާރުގައި ލިޔުއްވި ކަމަށްވެއެވެ. މިކަމުން އަންގައިދެނީ ދިވެހި އަދަބުގައި ވެސް އެ މަނިކުފާނުގެ ފުންނާބުފުޅު އުސްކަމެވެ. އެއީ މޮޅު ޅެންވެރިއެއް ކަމެވެ.

ދެއްވަދޫ ރަސްގެފާނު އަވަހާރަވީތާ ފަސްވަނަޔަށްވީ ދުވަހު ޙަސަންތާޖުއްދީން ފަނޑިޔާރުކަން ދޫކުރައްވައި ޢާއިލާއާއެކު މައްކާއަށް ވަޑައިގަތީއެވެ. އެއީ ހިޖުރައިން 11 ޝަޢުބާން 1112ގައެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ އައްސުލްޠާން އިބުރާހިމް މުޡުހިރުއްދީންގެ ފަތްކޮޅެއް ލިބިވަޑައިގަތުމުން މާލެވަޑައިގަތެވެ. މާލެ ވަޑައިގަތުމުން ހަސަން ތާޖުއްދީނަށް ރަސްގެފާނު ވަރަށް ބޮޑަށް އިޙުތިރާމް ކުރައްވައި ހެޔޮކޮށް ހިއްތަވައި ވަރަށް އަރިސްކުރެއްވިކަމަށްވެއެވެ. އެހެންކަމުން ރަސްގެފާނު ޙައްޖައްވަޑައިގަންނަވަމުން އަރިހުގައި ގެންދެވިއެވެ. ޙައްޖުގެ އަޅުކަމަށް ޓަކައި ރަދުން ފުރައިވަޑައިގަތީ 1115 ރަމަޟާން 10ވީ ހުކުރު ދުވަހުއެވެ. މި ފަހަރު ޙައްޖުން އެނބުރި ވަޑައިގަތް އިރު ރަސްކަންވަނީ ބަދަލުވެފައެވެ. ރަސްކަމުގައި އޭރު އިންނެވީ އައްސުލްޠަން މުޡައްފަރު މުޙައްމަދު ޢިމާދުއްދީ (1116ހ) ސިރީކުލަ ސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުންނެވެ.

އެ ޒަމާނުގެ އާދަކާދަ ހުރި ގޮތުން، ޙަސަން ތާޖުއްދީން މާލެ ވަޑައިގަތުމުން އެ މަނިކުފާނުގެ އަމިއްލަފުޅު ރަށް ކަމަށްވާ ހައްދުއްމަތީ ގަމަށް އަރުވާލެއްވިއެވެ. އެ މަނިކުފާނު ކުށެއް ކުރައްވައިގެނެއް ނޫނެވެ. ކުށަކަށްވީ ކުރީން ތަޚުތުގައި އިންނެވި ރަދުންގެ އަރިހުގައި ޙައްޖަށް ވަޑައިގަތުމެވެ. އެ ރަދުންނާ މާ އަރިސް ބޭފުޅަކަށް ވުމެވެ. ނަމަވެސް ދާދި އަވަހަށް މާލެގެންނަވައި ފަނޑިޔާރުކަން ދެއްވިއެވެ. އެއީ 22 ޝައްވާލު 1116ހ. ގައެވެ.

ހަސަންތާޖުއްދީނުގެ ފަނޑިޔާރުކަމުގައި ޢިޝާނަމާދު ވަގުތު ފެށޭނީ އިރުއޮއްސި އެއްގަޑި ވިހިމިނިޓަށް ފަހުން ކަމަށް ހަމަޖައްސަވައި އެ ގަޑީގައި ޢިޝާ ނަމާދުކުރާން އަމުރުކުރެއްވިއެވެ. އެ ކަން ކުރެއްވީ ހުޅަނގު މޫސުމާއި އިރުވައި މޫސުމުގައި ދަރަޖަ ފުޅި ހިއްޕަވައިގެން ހަސަންތާޖުއްދީން އަތިރިމައްޗަށް ނިކުމެވަޑައިގެން އެކަން މުޖައްރިބު ކުރެއްވުމަށް ފަހުގައެވެ. އަދި ދަރަޖަ ފުޅި ހައްދަވައި، ގަނޑުވަރުތެރޭގައި ކިޔެވެނި ބޭކަލުންގެ އަށީ ކުރިމަތީގައި ހުރި ފޯކުއަށީގައި ފުޅިބަހައްޓަވައި އިރު އޮއްސުމުން ފުޅި އަނބުރުއްވާން އަމުރުކުރެއްވީ ވެސް ހަސަން ތާޖުއްދީނެވެ. އެއީ ހިޖުރައިން 1118 ވަނަ އަހަރުއެވެ. އޭގެ ކުރިން ޢިޝާ ނަމާދު ކުރަނީ އިރު އޮއްސި އެއްގަޑި އިރު ވީމައެވެ. އަދި ހަމަ ހަސަންތާޖުއްދީން އެންގެވި އެންގެވުމަކަށް ހުކުރު ދުވަހު މެންދުރު މުންނާރުން ޞަލަވާތް ގޮވާން ފެއްޓެވިއެވެ. އެއީ 1123ހ. ވަނައަހަރުގެ ރަބީޢުލްއައްވަލް މަހު 25 ވީ ހުކުރު ދުވަހުއެވެ. އަދި މުންނާރުން ބަންގި ގޮވާން ފެއްޓެވީ ވެސް ހަސަން ތާޖުއްދީނު ނިންމެވި ނިންމެވުމަކަށެވެ. އަދި ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވުމުގެ ކުރީން ދިހަ ދަރަޖައިގައި ފަތިސް ނަމާދުގެ ފުރަތަމަ ބަންގި ދިނުމަށާއި ފަޖުރުއް ޞާދިޤުގެ އަލިކަން ފާޅުވުމަށް ފަހު ދެވަނަ ބަންގި ދިނުމަށް އަމުރުކުރެއްވި އެވެ. މި ދެމެދުގައިވާނީ 21 ދަރަޖަ ކަމުގައި ވެސް ކަނޑައެޅުއްވިއެވެ.

ހަސަން ތާޖުއްދީނަކީ ބައެއް ޚުރާފާތްތަކާއި ބިދުޢަތައް ނައްތައިލައްވާން ވެސް މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށް ފާހަގަކުރެވެއެވެ. އެހެނީ މާލޫދު ހަރުގޭގެ މެދަށް ކަށިމަލާއި އުނިމަލާއި ފާޑުފާޑުގެ މާމެލާމެއްޔާއި ކޮށާފައި ހުންނަ ކުންނާރާއި އުއްދަނޑިއާއި ދޮންކޭލާއި ތަފާތު މޭވާއާއި ތަތް ބޮނޑިބަތާއި އެއްކޮށް ފުންޏަކަށް ޖަހައިގެން ހޭލައި ތިބުން ރަދުންނަށް ދަންނަވައިގެން މަނާކުރެއްވިއެވެ. އެއީ ހިޖުރައިން 1117ހ. ވަނަ އަހަރުއެވެ. އަދި ހަމަ މި ފަދައިން ޢާޝޫރާ ދުވަހު ކަނދި ކައްކައިގެން ގޭގެއަށް ކަނދި ބެހުން ވެސް މަނާކުރެއްވިއެވެ. މިއީ ޝީޢީންގެ ސަގާފަތެއް ކަމަށް ބެލެވެއެވެ. މި ކަންތައް މަނާކުރެއްވީ ހިޖުރައިން 1120 ވަނަ އަހަރުއެވެ.

ޙަސަން ތާޖުއްދީނާ ބެހޭ ގޮތުން އަޅުގަނޑު މި ލިޔުނީ ތިޔަ ބޭފުޅުންނަށް ވެސް އާ ވާހަކަތަކަކަށް ވާނެތީއެއް ނޫނެވެ. އާދޭހެވެ! މި ދެންނެވި ވާހަކަތަކާއި އަދި އެއަށްވުރެ ގިނަ ޚިދުމަތްތައް ޙަސަން ތާޖުއްދީން ދިވެހި ޤައުމަށް ކުރައްވައިފައިވާކަން ތާރީޚުން އެހެރީ ފެންނާށެވެ. މި ވާހަކަތައް އަޅުގަނޑު ހަނދާނަށް މި ގެނައީ މައިގަނޑު ދެ ސަބަބަކަށް ޓަކައެވެ. ދިވެހި ޤައުމަށް އަގު ނުކުރެވޭ ފަދަ ގިނަ ޚިދުމަތްތަކެއްގެ ކުރެއްވި ޚިދުމަތްތެރިޔާގެ ޚިދުމަތްތަކުގެ އަގު ދިވެހީންނަށް ވަޒަންކުރާން ނޭނގޭތީއެވެ. އެ މަނިކުފާނުގެ ޚިދުމަތެއްގެ ގޮތުގައި ގިނަ ދިވެހީންނަށް އެނގިފައި އޮންނަނީ އެއީ ހަމަ އެކަނި ދިވެހި ތާރީޚުގެ ބައްޕަ ކަމުގައެވެ. ޚުދު ހައްދުންމަތީ މީހުންނަން ވެސް، އަދި އެ މަނިކުފާނުގެ ރަށް ކަމުގައިވާ ގަމު މީހުންނަށް ވެސް، އެ މަނިކުފާނުގެ ޢިލްމުވެރިކަމާއި ޤައުމީ ޚިދުމަތްތައް ފާހަގަކުރެވިފައެއް ނެތެވެ. އެހެންކަމުން ހައްދުންމަތި އުފެއްދި މި ފަދަ އަގުހުރި ދަރިއެއްގެ ވާހަކަ އަޅުގަނޑުމެން ޒިކުރާ އާކުރާންޖެހޭނެ ކަމަށް ފެންނާތީ މި ވާހަމަ ލިޔެލީއެވެ.

މި ވާހަކަ ލިޔެލި އަނެއް ސަބަބަކީ ހައްދުންމައްޗަކީ ޢިލްމީ ތާރީޚެއް އޮތް އަތޮޅެއްކަން ހާމަކޮށްލުމެވެ. މި މަތިވެރި ޚިދުމަތްތެރިޔާ ޙަސަން ތާޖުއްދީންގެ ބައެއް އެދުރުންނަކީ ވެސް ހަމަ ހައްދުންމައްޗަށް ނިސްބަތްވާ ޢިލްމުވެރީންނެވެ. އަލްފަޤީހު މުޙައްމަދު ޝިރާޖުއްދީނާއި ފޮނަދޫ ދަންނަ ޚަޠީބު ތަކުރުފާނަކީ ޙަސަން ތާޖުއްދީންގެ ބައެއް އެދުރުންނެވެ. އެހެންނަމަވެސް ޚިދުމަތުގެ ރޮނގުން ބަލާއިރު ޙަސަން ތާޖުއްދީނަށް ވުރެ އަގުހުރި ދަރިއެއް ހައްދުންމަތީ ފަސްގަނޑުން އުފަންވެފައިވާކަމަކަށް ތާރީޚުން އެނގޭކަށް ނެތެވެ. މިއީ ވެސް މި ވާހަކ ލިޔެލި ސަބަބެކެވެ.

ޤައުމީ ފެންވަރުގައި ޙަސަން ތާޖުއްދީންގެ ނަންފުޅު ޒިކުރާ ކުރެއްވުމަށް ޓަކައި ތާޖުއްދީން ސްކޫލަށް ނަންދެވިފައި ވިޔަސް އަޅުގަނޑު ދެކޭ ގޮތުގައި މިއަށްވުރެ ބޮޑަށް ހައްދުންމަތީ މީހުން ތާޖުއްދީނުގެ ނަންފުޅު ޒިކުރާކުރާންޖެހޭނެވެ. އަޅުގަނޑަށް ބާރެއް ފޯރާ ނަމަ، ހައްދުންމަތީ ބޮޑުމަގަށް ވެސް "ތާޖުއްދީން ބޮޑުމަގު" ކިޔައި ނަން ދިނީމުހެވެ. ނަމަވެސް މިއީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫނެވެ. މި ކަން ކުރެއްވޭނީ ހައްދުންމަތީ އަތޮޅު ކައުންސިލަށާއި ދިވެހި ސަރުކާރަށެވެ.

ކޮންމެއަކަސް ތާރީޚު ދިރާސާ ކޮށްފި ކޮންމެ މީހަކަށް ވެސް އެއްވެސް އޮޅުމެއް ނެތި ސާބިތުވާން އޮތް ހަގީގަތަކީ "ލާމަސީލު ލާމު" އަތޮޅަކީ ނުވަތަ ހައްދުންމައްޗަކީ ޢިލްމީ ދަރީންތަކެއް އުފެއްދި އަތޮޅެއްކަމެވެ. އެ އަތޮޅުން ޤައުމީ އެތައް ޚިދުމަތްތެރީންނެއް އުފައްދައިފައިވާ ކަމެވެ. އަދި މި ފަދަ ޚިދުމަތްތެރީންގެ ތެރެއިން އެންމެ އަގުހުރި ދަރިއަކީ އައްޝައިޚުލްޤާޟީ ޙަސަން ތާޖުއްދީނުލްޤަމަވީ ކަމެވެ. އާދޭހެވެ! "ހައްދުންމަތި އުފެއްދި އެންމެ އަގުހުރި ދަރި"އަކީ އެއީއެވެ.

ކީރިތިވަންތަ މާތް ﷲ، ޙަސަން ތާޖުއްދީނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ! ޙަސަން ތާޖުއްދީނު ފަދަ އަގުހުރި ދަރީންތަކެއް "ލާމަސީލު ލާމު" އަތޮޅުން އުފަންވެ ޤައުމަށް ޚިދުމަތްކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ! މި ލޮބުވެތި ވަޠަން އިސްލާމް ދީނުގެ ހިދާޔަތުގައި މިނިވަންކަންމަތީ އަބަދަށް ލަހައްޓަވާށިއެވެ! އާމީން!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.