Support Us

ސޫފިޔާނާ ވާހަކަކޮޅެއް: ހަސަނު އަލްބަސްރީއާއި މަޖޫރީއެއްގެ ވާހަކަ

ހަސަނު އަލްބަސްރީއަކީ ހިޖުރައިން ފުރަތަމަ ގަރުނުގައި އުޅުއްވި ޒުހުދުވެރި އިލްމުވެރި ތާބިއީ ބޭކަލެކެވެ. އާދެ ސަލާމާއި ސަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ ގިނަ އަސްހާބުބޭކަލުންނާ ބައްދަލުވެވަޑައިގެން ބޭކަލެކެވެ. އޭގެ ތެރޭގައި އިބްނު އައްބާސްގެފާނާއި އަނަސްގެފާނު ހިމެނިވަޑައިގެން ވެއެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ އުމަރުގެފާނުންގެ ޚަލީފާކަމުގެ ފަހު ދުވަސްކޮޅު، ހިޖުރައިން އެކާވީސް ވަނަ އަހަރުހާތާގައި މަދީނާގައެވެ. ފަހުން އިރާގުކަރައަށް ހިޖުރަކުރައްވައި ބަސްރާގައި ވަޒަންވެރިވެ ވަޑައިގަތީއެވެ. އަދި އެ ގޮތުން ބަސްރާއަށް ނިސްބަތްކުރެވި، އެކަލޭގެފާނުގެ ނަންފުޅަށް އަލްބަސްރީ އިތުރުކުރެވުނީއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 110 ވަނަ އަހަރު ބަސްރާގައެވެ. ފުރަތަމަ ގަރުނުގެ އިސްލާމީ މުޖައްދިދުކަމުގައި ތަޖުދީދީ މުއައްރިޚުން ފާހަގަކުރައްވާ އިލްމުވެރިއެކެވެ.

އެއްދުވަހު ހަސަނު އަލްބަސްރީ ބާޒާރުން ބައެއް ތަކެތި ބައްލަވައިގެން، އެ އެއްޗެހި ގެއަށް ގެންދެވުމަށްޓަކައި އެއްޗެހި އުފުލާ މަޖޫރީއެއްގެ އެހީ ހޯއްދެވިއެވެ. މަޖޫރީއާ އެއްޗެހި ހަވާލުކުރުމަށް ފަހު، އޭނައާ އެކު ގެއަށް ވަޑައިގަތުމަށް ހިންގަވަން ފެއްޓެވިއެވެ.

ގެއަށް ވަޑައިގެން މަގުމަތީގައި ހަސަނު އަލްބަސަރީއަށް މަޖޫރީގެ ކިބައިން ކަމެއް ފާހަގަކުރެވުނެވެ. ގެއަށް ދިޔަ މަގުމަތީގައި އޭނާ ދެ ކަލިމައެއް އަބަދު ތަކުރާރުކުރާ ކަމެވެ. އަލްހަމްދު لله (މާތްރަސްކަލާނގެއަށް ހަމްދު ހުއްޓެވެ.) އާއި އަސްތަޣުފިރުﷲއެވެ، (މާތްﷲގެ ކިބަފުޅުން ފާފަފުއްސެވުމަށް ތިމަން އެދެމެވެ.) މި ދެކަލިމަފުޅެވެ.

ގެއަށް ދެވުމުން، މަޖޫރީއަށް އޭނާގެ ހައްގު އުޖޫރަ ދެއްވުމަށް ފަހު، ހަސަނު އަލްބަސްރީ އޭނާއަށް ވިދާޅުވިއެވެ. އަހަރެން އިނބަ ކުރެން އެއްޗެއް އަހާލަން ހެއްޔެވެ؟ އެންމެ ރަނގަޅޭ މަޖޫރީ ދެންނެވުމުން، ހަސަނު ވިދާޅުވިއެވެ. އިނބަ މަގުމަތިން އައިރު އަލްހަމްދު لله އާއި އަސްތަޣުފިރުﷲ މި ދެކަލިމަ ތަކުރާރުކޮށް ކިޔަމުން އައިމު ނޫން ހެއްޔެވެ؟ މި ކަމުގެ ސިއްރު އަހަންނަށް ބުނެދީފާނު ހެއްޔެވެ؟

ދެން މަޖޫރީ ހަސަނަށް ދެންނެވިއެވެ. މާތްރަސްކަލާނގެ ހަނދުމަކުރުން މަތީ އަހުރެން ހުންނައިރު، އަހުރެންވަނީ ދެ ހާލަތެއްގައެވެ. އެކަލާނގެ ދެއްވި ނިއުމަތެއް ލިބިލިބިވާ ހާލަތެއްގައި ނޫނީ އެކަލާނގެ އަމުރުފުޅު ކުރައްވައި އެކަލާނގެއަށްޓަކައި އަހުރެން އަދާކުރަން ޖެހޭ ކަންކަން އަދާކުރުމުގައި ފަރުވާކުޑަކުރެވިފައިވާ ހާލަތެއްގެ ތެރޭގައެވެ. ފުރަތަމަ ހާލަތުގައި އަހަރެންނަށް އޮތީ އަކަލާނގެއަށް ހަމްދުކޮށް ޝުކުރު ކުރުމެވެ. ދެވަނަ ހާލަތުގައި އަހަންނަށް އޮތީ އެކަލާނގެ ކިބަފުޅުން ފާފަފުއްސެވުމަށް އެދި ދެންނެވުމެވެ.

މަޖޫރީ ދިޔުމުން، ދެއަތް ޖައްސަވާލައްވާފައި ހަސަނު އަލްބަސްރީ ވިދާޅުވިއެވެ. މަޖޫރީއަކަށް ވެސް ހަސަނަށް ވުރެ މާ ރަނގަޅަށް ދީނުގެ ކަންތައްތައް ވިސްނިއްޖެއެވެ! އަދި އަމިއްލަ ނަފްސާ މުޚާތަބުކޮށް ވިދާޅުވިއެވެ. ދުނިޔޭގައި މާތްރަސްކަލާނގެ އެކަލާނގެ އަޅަކަށް ދެއްވާނެ އެންމެ ބޮޑު ނިއުމަތަކީ އުފާވެރިކަމެއް ނޫނެވެ. ފުދި، ރުހިގެން ހުރުމުގެ ނިއުމަތެވެ. އަދި، އެހެންވެ، ކީރިތި ޤުރުއާނުގައި ކީރިތި ރަސޫލާއާ މުޚާތަބުކުރައްވައި މާތްރަސްކަލާނގެ ވަހީކުރައްވާފައިވެއެވެ. ولسوف يعطيك ربك فترضى (ކަލޭގެފާނުންގެ ސާހިބުވަންތަ ރަސްކަލާނގެ ކަލޭގެފާނަށް [ނިއުމަތްތައް] ދެއްވާނެތެވެ. ދެން، ކަލޭގެފާނުން ރުހިވަޑައިގެންވާނެއެވެ.) އަދި، ހަސަނު އަލްބަސްރީ ފާހަގަކުރެއްވިއެވެ. މި މަގާމުގައި ނިއުމަތްތައް ދެއްވާނެ ވާހަކަ އަންގަވާފައި ދެން އޮތީ فتسعد، ކަލޭގެފާނު އުފާކުރައްވާނެއޭ ނޫނެވެ. ނަމަވެސް فترضى، ކަލޭގެފާނު ރުހިވަޑައިގެންވާނެއެވެ.

ދެން، ހަސަނު އަލް ބަސްރީ އޭނާގެ ދެއަތްޕުޅު އުފުއްލަވައި މާތްރަސްކަލާނގެ ކިބަފުޅަށް ދުއާކުރެއްވިއެވެ. އަޅަމެން އެންމެންގެ ހިތްތަކުގައި ފުދި ރުހުމުގެ ސިފަ ވަޒަންވެރި ކުރައްވާށިއެވެ. އާމީން.