...

Support Us

ބުއްދިވެރި ހަކީމެއްގެ ބުއްދިވެރި ބަސްކޮޅެއް

(ތަރުޖަމާއެއް، ކުޑަ ބަދަލަކާއެކު)

  1. އިންސާނާގެ ވިސްނުމާއި އޭނާގެ ދުލާ ދެމެދު ސީދާ އިދިކޮޅު ގުޅުމެއް އޮވެއެވެ. އޭނާގެ ވިސްނުން 'ކުރުވެ’، ކޮށިވި ވަރަކަށް އޭނާގެ ދޫ ދިގުވެ، 'ތޫނު' ވެއެވެ.
  2. ޣީރަތްތެރި ކަމަކީ، ނުރަނގަޅު ކަންކަން ފެނުމުން އެކަމާ ނުރުހި ރުޅިއާދެވޭ އާދެވުމަކީ، 'ރީތި' [އަޚުލާގީ] ބައްޔެކެވެ. އެކަމަކަށް ފަރުވާއެއް ނޯވެއެވެ. އެކަމަށް ފަރުވާ ހޯދާކަށް ވެސް ނުޖެހެއެވެ.
  3. ނިޔަފަތި ދިގުވީމައި، އަހަރުމެން ކަނޑަނީ ނިޔަފައްޗެވެ. އިނގިލިތައް ބުރިކޮށްލާކަށް ނޫޅެމެވެ. އެހެންވެ، ދޭދޭ އުނދަގޫ މައްސަލަތައް ގިނަވީމައި ޖެހޭނީ އެ މައްސަލަތައް ހައްލުކުރަށް މަސައްކަތްކުރުމަށެވެ. ދޭދޭ ގުޅުންތައް ކަނޑާލާކަށް ނުޖެހެއެވެ.
  4. ދޫނިދޫނީގެ ކާނާ ކަމުގައި ހިނި ހިމެނެއެވެ. ނަމަވެސް ދޫނިދޫނި މަރުވުމުން ދޫނިތައް ވަނީ ހިނީގެ ކާނާއަށެވެ. މިއިން އެނގެނީ ބައެއްގެ ހާލަތު ބަދަލުވެދާނޭ ކަމެވެ. އެހެންވެ، އެކަކަށް ވެސް ގަދަރުކުރުން ކުޑަ ނުކޮށްލާށެވެ. މިއަދު، ކަލެއަކީ ބާރު ގަދަ މީހެއް ކަމުގައި ވެދާނެއެވެ. ނަމަވެސް، ޒަމާނަކީ ކަލެއަށް ވުރެ ބާރުގަދަ އެއްޗެއްކަން އަބަދުވެސް ހަނދާން ކުރާށެވެ. ޒަމާން ދައުރުވެ، ކަލޭގެ ހާލަތު ބަދަލުކޮށްލަފާނެއެވެ.
  5. ވުއްތާ (ވުލްފް، ކުއްތާގެ އާއިލާގެ ތެރޭގައި ހިމެނޭ، ބާރުގަދަ މިނިކާވަގު ފަދަ މިނިކާ ވަލު ޖަނަވާރެއް) އަށް ކަލޭމެން ތައުރީފުކުރެއެވެ. ވުއްތާއަކީ ކަލޭމެންގެ މައްޗަށް އޮތް ބިރެއް، ނުރައްކަލެއް، ކަމުގައިވީ އިރުވެސް މެއެވެ. ނަމަވެސް، ކުއްތާއަށް ބަދު ބަސް ބުނެ ކުއްތާއަކީ ދެރަ، ދަށް، އެއްޗަކަށް ކަލޭމެން ހަދާލައެވެ. ކުއްތާއަކީ ކަލޭމެންގެ ފާރަވެރިއެއް ކަމަށްވީ އިރު ވެސް މެއެވެ. ހަމަ މިފަދައިން، ވަރަށް ގިނަފަހަރު، ޚާދިމުންނަށް ކަލޭމެން ގަދަރެއް ނުކުރެއެވެ. ނަމަވެސް، ހަމަ ކަލޭމެންނަށް އިހާނަތްތެރިކޮށް ހިތައި ކަލޭމެންގެ ހައްގުތަކަށް އަރައިގަންނަ [’ބޮޑެތި ބޭފުޅު'] މީހުނަން އިހުތިރާމުކޮށް ކަލޭމެން ގަދަރުދީ އުޅެއެވެ.
  6. ކަލޭގެ ހިތުގެ ހެޔޮކަމާ މެދު ލަދުގަނެ ދެރަނުވާށެވެ! އެއީ ބަލިކަށިކަމެއް ނޫނެވެ. އަދި، ކިއެއް ހެއްޔެވެ؟ އެއީ ބާރު ލިބިދޭ ސިފައެކެވެ. ޖަވާހިރެއް، އޭގެ ވިދާ ބެބުޅުން ގަދަވެގެން ލަދެއް ނުގަނެއެވެ. އަދި ކިއެއް ހެއްޔެވެ؟ އެވިދާ ބެބުޅުމަކީ އެހެން އެއްޗިއްސާ ޖަވާހިރު ވަކިކޮށް އޭގެ އަގު ބޮޑުކަން އަންގައިދޭ އެންމެ ފާޅުކަން ބޮޑު ސިފައެވެ.
  7. އޭގެ އަނގަ ބަންދުކޮށްގެން އޮންނަ މަހެއް އެކަކަށް ވެސް ބުޅިޔަކު ނުބޭނެއެވެ. މިކަމުން އިބުރަތް ލިބިގަނެ ކަލޭގެ އަނގަވެސް ބަންދުކޮށްގެން ހުންނާށެވެ. އެހެނީ ވަރަށް ގިނަ ބަޔަކު، ކަލޭ ބޭނުމުގެ އެދުމުގައި ކަލޭގެ އަނގައިން ނިކުމެދާނޭ ކުށް ބަހެއްގެ ފާރައިގައި ތިބެއެވެ.
  8. އޭގެ ފެން ލިބުމުން ނަފާ ކުރާނޭ ފަދަ ވާރޭގެ ފެންފަދަ އެއްޗަކަށް ކަލޭ ވާށެވެ! ތިމަންނައާ ދޭތެރޭ ދުނިޔެ ކަންތައް ކުރަނީ އަނިޔާވެރިކޮށޭ، ދުނިޔެ ތިމަންނައަށް ފުރަގަސްދީފިއޭ ނުބުނާށެވެ! ފަހަރެއްގައި ދުނިޔެއަށް އަނިޔާވެރިވެ، ދުނިޔެއާ މެދު އަޅާނުލަނީ ކަލޭކަމަށް ވެދާނެއެވެ. ދުނިޔެއަކީ ކަލޭގެ ޚިދުމަތުގައި ލެއްވިފައިވާ އެއްޗެއްކަން ހަނދާންކޮށް، ދުނިޔެއިން ކަލެއަށް ލިބެން މިންވަރުކުރެވިފައިވާ އެއްޗެއް ހޯދުމަށް މަސައްކަތްކުރާށެވެ! އޭރުން އެ އެއްޗެއް ކަލެއަށް ލިބޭނެއެވެ. އަދި، ހަނދާންކުރާށެވެ! ދުނިޔެއިން ކަލެއަށް މިންވަރު ކުރެވިފައިވާ އެއްވެސް އެއްޗެއް އެހެން މީހަކަށް ނުލިބޭނެއެވެ.
  9. މީހެއްގެ މައްޗަށް ގޮތެއް ކަނޑައަޅާލުމަށްޓަަކައި އޭނާއާ ބެހޭ ގޮތުން އެހެން މީހުން ދައްކާ ވާހަކަ އަޑު ނާހައި ސީދާ އޭނާގެ ކިބައިން އޭނާގެ ވާހަކަ އަޑުއަހާށެވެ.
  10. ބޯ އަޅައިގެން ރޭގަނޑުގެ ނިދި ނިދާލުމަށްޓަކައި ސާފު ޒަމީރަކަށް ވުރެ އޮމާން ބާލިހެއް ދުނިޔެއިން ލިބޭކަށް ނޯވެއެވެ. އެހެންވެ، ޒަމީރުގެ ކޮށުންތަކަށް ސަމާލުވެ، ޒަމީރު އިދިކޮޅު ހަދާ ކަންތައް ކުރުމާ ދުރުހެލި ވެވިއްޖެ ނަމަ، އަރާމުގައި ނިދޭނެއެވެ!
  11. އަދި އެއްފަހަރު އެކަކުން ދިހައަކަށް ކިޔާލައި މިވާހަކަ ކޮޅާ މެދު ފުންކޮށް ވިސްނާލާށެވެ!
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.