Support Us

އެޑިޓޯރިއަލް

"އަދިވެސް" އަށް ހޫނު މަރުހަބާއެއް!

އިރާދަކުރެއްވިއްޔާ "އަދިވެސް" ލިޔެވޭނެ އެވެ.

މާތް ﷲގެ ވާގިފުޅާއެކު، "އަދިވެސް" އޮންލައިން ނިއުސް މެގަޒިން ވުޖޫދަށް އައުމުން އެކަލާނގެ ހަޒުރަތަށް ހަމްދާއި ޝުކުރު ދަންނަވަމެވެ. އަދި މި މަސައްކަތުގައި އަޅުގަނޑަށް ހިތްވަރާއި ލަފައާއި އެކި ކަހަލަ އެހީތެރިކަން ދެއްވި ހުރިހައި އެކުވެރީންނަށާއި އާއިލާގެ މެމްބަރުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.

ބައެއް ކަހަލަ ހުވަފެންތަކަކީ ދުވަހުން ކުލަޖެހޭ ހުވަފެންތަކެވެ. އެކަމަކު، ދެކޭތާ އެތައް ދުވަހެއް ފަހުން ކުލަޖެހޭ ހުވަފެންތަކުގެ ކުލަތައް، ނަލަވެފައި ހިތްގައިމުވާނެ ކަމަށް ބުނެވެ އެވެ. ހަމަ ޔަގީނުން ވެސް އަޅުގަނޑަށް މި ދިމާވީ އެކަހަލަ ގޮތަކަށެވެ.

އަމިއްލަ ނޫހެއް، މަޖައްލާއެއް، ނުވަތަ މީޑިއާގެ އެހެން ވަސީލަތެއް އުފަންކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ވަރަށް ކުރިއްްސުރެ ވެސް އަޅުގަނޑު ހިތަށްއަރައެވެ. އެހެންވެ ފާއިތުވި 30 އަހަރު ތެރޭގައި އެ މަގުން ތަފާތު މަސައްކަތްތައް ކުރީމެވެ. ތަފާތު ތަޖުރިބާތަކެއް ވެސް ކުރެވުނެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތް ކުށްކަމުގައި ނުވާ ނަމަ، ގަލަމާއި ދުލުގެ އަހުލުވެރީންގެ އެންމެ މުހިންމު އެއް ބޭނުމަކީ ކަންހިނގާ ނުހިނގާ އަންގައިދީ އިޞްލާޙަށް މަގުދައްކައިދިނުމެވެ. މައްސަލަތަކުގެ މައްޗަށް ބަހުސު އުފައްދާން ޖާގަ ތަނަވަސްކޮށްދިނުމެވެ. އަދި ބަހުސުކުރުމެވެ. އަޅައިބަލައި، ފުރާނައި، އޮއްޓަރު ނެރެދިނުމެވެ. އޭގެ މައްޗަށް އަމަލުކުރާނީއެވެ. އިޞްލާޙަށް ޓަކައެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން 8 ޖުލައި މި ތާރީޚަކީ ރާއްޖޭގައި އެންމެ ފުރަތަމަ މަޖައްލާއެއް ނެރެވުނު ތާރީޚެވެ. މީގެ 87 އަހަރު ކުރިންނެވެ. ނަމަކީ އަލްއިޞްލާޙެވެ. އިޞްލާޙުގެ މާނަ ދެނެގަންނާން އެންމެ ރަނގަޅު ގޮތަކީ އިންސާނުން އެ ލަފުޒު ބޭނުންކުރާ މާނަ ބެލުމެއް ނޫނެވެ. އަދި ކިޔެއްތަ އެ ލަފުޒުގެ މާނަ ދެނެގަންނާން އެންމެ ރަނގަޅު ގޮތަކީ އިންސާނާ ހެއްދެވި ފަރާތުން އެ ލަފުޒަށް ދެއްވި މާނަ ބެލުމެވެ. އެ މާނަ އަޅުގަނޑުމެންނަށް ފެންނަ ފަށުގައި ކީރިތި ޤުރްއާނުގައި އެ އޮތީއެވެ. އެހެން ކަމުން މި މާނައިގައި ކުރެވޭ މަސައްކަތަށް އަޅުގަނޑުމެންނަށް އަދިވެސް ގަލަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފިދާނެއެވެ. ދިވެހި ތާރީޚަށް ދިވެހީންގެ ލޯ ހުޅުވިދާނެއެވެ. ދިވެހީންގެ ރީތި އާދަތަކަށް ދަރިވަރުންގެ ހިތްޖެއްސިދާނެއެވެ. ދިވެހި ޤައުމުގެ އަސާސްތަކާއި ރުކުންތަކަށް ޙުރުމަތާއި ލޯބި އިތުރުކުރެވިދާނެއެވެ. އިންސާނީ ކަރާމާތް މަތިވެރިކުރާ ވަސީލަތެއްގެ ގޮތުގައި ގަލަމުގެ ބޭނުން ހިފިދާނެއެވެ.

ޖުލައި މަހެއްގެ 26 ވަނަ ދުވަހެއްގައި މި މަޖައްލާ ނޭވާލައިފައި މިވަނީ ރާއްޖޭގެ 55ވަނަ މިނިވަންދުވަހުގެ ފަތިހަށެވެ. ޖުލައި މަހަކީ ދިވެހި ރާއްޖެއަށް ދެ މިނިވަންކަމެއް ލިބުނު މަހެކެވެ. ފުރަތަމަ މިނިވަންކަމަކީ ޕޯޗުގީޒުންނާ ހަނގުރާމަކުރައްވައި އުތީމު އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނުލްއަޢުޡަމް 2 ޖުލައި 1573ގައި ރާއްޖެއަށް ހޯއްދަވައިދެއްވި މިނިވަންކަމެވެ. އަނެއް މިނިވަންކަމަކީ އިނގިރޭސީންގެ ޙިމާޔަތޭ ކިޔިފައިވާ، ދިވެހި ދައުލަތުގެ އަމިއްލަ ބާރެއް އިޚްތިޔާރެއް ނެތް ދުވަސްތަކަށް ނިމުމެއް ގެނެސް ދެއްވައި އޭރުގެ ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރު އިސްވެ ހުންނަވައި ހޯއްދަވައިދެއްވި މިނިވަންކަމެވެ. މި ދެ މިނިވަންކަން ހޯދަން ޖެހުނީ ވެސް ދިވެހި ދައުލަތުގެ ރަޙްމަތްތެެރި ދެ ބާރެއްގެ އަތުންނެވެ. ބައެއް ރަޙުމަތްތެރިކަން ލޯތްބަށް ބަދަލުވެއެވެ. އަދި ބައެއް ލޯބި ލެޔަށް ބަދަލުވެއެވެ. މިއަދަކީ ވެސް ރާއްޖޭގެ ރަޙްމަތްތެރި ބާރުތައް ފެންނަމުންދާ ދުވަސްވަރެކެވެ. އެހެންކަމުން ވަގުތާއި ޙާލަތާއި މާޒީއާ އަޅައިބަލައި ރާއްޖޭގެ މިއަދާއި މާދަމާގެ މިނިވަންކަމާ ބެހޭ ގޮތުން ވިސްނާ ފިކުރުކޮށްލުމީ އަދިވެސް ކުރުން އެކަށީގެން ނުވާކަމެއް ނޫނެވެ.

"އަދިވެސް" ވެގެންދާނީ ރާއްޖޭގެ ނޫސްވެރިކަމުގައި އަނެއްކާ ވެސް ރަހަތަފާތުކޮށްލުމަކަށެވެ. "އަދިވެސް"ގެ ގިނަ ލިއުންތެރީންނަކީ، އެއިން ކޮންމެ ބޭފުޅަކަށް ވެސް، ތިޔަ އެންމެހައި ކިއުންތެރިން އިންތިހާއަށް އިތުބާރު ކުރައްވާ ބޭފުޅުންތަކެއްކަން ކަށަވަރެވެ. އެއީ ދިވެހި ނޫސްވެރިކަމާއި ލިއުންތެރިކަމުގެ އެންމެ ކުރީ ސަފުގައި ތިއްބެވި، ކަމުގެ ތަޖުރިބާކާރުންނެވެ. ބައެއް ބޭފުޅުންނަކީ ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ނޫސްވެރިކަމާއި ލިއުންތެރިކަމުގެ ހިތްވަރުދިނުމުގެ ގައުމީ އިނާމާއި އަލިމަސް ގަލަމާއި ރަން ގަލަމާއި ރިހި ގަލަން ވެސް ހާސިލްކުރައްވައިފައިވާ ބޭފުޅުންނެވެ. އަދި ހަމަ ހާއްސަ ދާއިރާތަކުން ލިއުއްވާ ބައެއް ބޭބޭފުޅުންނަކީ އެ ބޭފުޅެއްގެ ފަންނީ ދާއިރާއިން ދުނިޔޭގެ އެންމެ މަތީ ފާސް ހާސިލްކުރައްވައިފައިވާ ތަޖުރިބާހުރި ޢިލްމުވެރީންނެވެ. އެހެންވީމާ "އަދިވެސް" ޓީމު ވަރަށް ވެސް "ފިޓް" ވާނެއެވެ.

ކިއުންތެރިން އެންމެ ބޭނުންވާ ހުރިހާ ރަހަތަކެއް "އަދިވެސް"ގައި ހިމެނޭތޯ މި އަންނަނީ މަސައްކަތްކުރަމުންނެވެ. ޚަބަރާއި ރިޕޯޓާއި ހަގީގީ ހާދިސާތަކާއި ސިޔާސީ އަދި އިޖުތިމާޢީ ތަފާތު ދާއިރާތަކުން ދިރާސާ ރިޕޯޓާއި ކޮލަމްގެ އިތުރުން، ކާޓޫނާއި ވާހަކަ ވެސް ހިމެނޭނެ އެވެ. އަދި މުނިފޫހިފިލުވުމާއި ފަރުދުން ޕޭޖާއި ކުޅިވަރާއި ވިޔަފާރި އާއި ތާރީޚާއި ދީނާއިދުނިޔެ އާއި ކަސްރަތާއި ފޮޓޯ ގެލެރީ އާއި ވީޑިއޯގެ ޚާއްސަ ބައިތަކެއް ވެސް ހިމެނޭނެ އެވެ.

ރާއްޖޭގައި މިހާރު ނުކުންނަ އޮންލައިން ނޫސްތަކުގައި ނުހިމެނޭ ވަރަށް ޚާއްސަ ބައިތަކެއް ވެސް "އަދިވެސް"ގައި ހިމަނައިފައިވާނެއެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެއް ބަޔަކީ ދިވެހި ޅެންވެރިކަމަށް ޚާއްސަކޮށްފައިވާ "ޅެންހަރެ"ވެ. ބޭނުމަކީ ދިވެހި އަދަބީ ގުލްޝަންގައި ފަރިވެ ފޮޅެމުންދާ ވަސްމީރު މާމެލާމެލީން ޒުވާނުންނާއި ޅަ ދަރީންގެ ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުމާއި ތާޒާކަން ފޯރުކޮށްދީ، ޅެންވެރިކަން ކުރިއެރުވުމަށް ޒުވާން ދަރިވަރުންނަށް ހިތްވަރުދީ، ކިއުންތެރިންގެ އަދަބީ ޚަޒާނާ މުއްސަނދިކުރުމެވެ.

"އަދިވެސް"ގެ ފުރަތަމަ އަދަދުގައި ލިއުއްވައިފައިވާ މަޝްހޫރު ޅެންވެރީންގެ ތެރޭގައި ވެސް ޅެންވެރިކަމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންގެ އިތުރުން މަޝްހޫރު ގިނަ ޅެންވެރިންތަކެއް ހިމެނޭކަން މި ފާހަގަކުރަނީ ނުހަނު އުފަލާއި ޝަރަފާއެކުގައެވެ.

ދެވަނަ ބަޔަކީ "ހުޅުވާލެވިފައިވާ ސިޓީ" އެވެ. މިއީ މުޖުތަމައުގައި ހުރި ރައްޔިތުން ކަންބޮޑުވާ އެކިއެކި ކަންކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގައި، ކަމާ ބެހޭ ފަރާތަށް ނިސްބަތްކޮށް ކިއުންތެރިން ފޮނުއްވާ ސިޓީތަކަށް ޚާއްސަ ބައެކެވެ. "ހުޅުވާލެވިފައިވާ ސިޓީ" އަށް ސިޓީ ފޮނުވުމުގެ ދައުވަތު ހުރިހައި ކިއުންތެރިންނަށް އަރުވަމެވެ. ސިޓީ ފޮނުއްވާނީ [email protected] އަށެވެ.

"އަދިވެސް"ގައި ދެން ހިމެނޭ މުހިންމު އަނެއް ބަޔަކީ "ފަންނުވެރިން"ގެ ބައެެވެ. މި ބަޔަކީ ފަންނުވެރިކަމުގެ ތަފާތު ދާއިރާތަކުގައި އެކިއެކި އުފެއްދުންތައް އުފައްދާ ދިވެހިން ކިއުންތެރިންނާ ކައިރިއަށް ގެނެސްދޭ ބައެކެވެ. މިގޮތުން ފެޝަން/ ޑިޒައިން އާއި ކޭކު އެޅުމުގެ އިތުރުން ތަފާތު އަތްތެރި މަސައްކަތްތެރީންގެ އުފެއްދުންތައް މިބައިގައި ހިމަނައިފައިވާނެ އެވެ.

"ފަންނުވެރިން"ގެ ބައިގައި ހިމެނޭނީ މަގުބޫލް ފެޝަން ޑިޒައިނަރުންގެ އުފެއްދުންތަކާއި ކޭކު އެޅުމުގައި މަޝްހޫރު ބައެއް ކަނބަލުންގެ ކޭކުތަކާއި ހަދިޔާއަށް ދޭ ކަހަލަ އެކިއެކި އުފެއްދުންތަކެވެ. އޭރުން، މުހިންމު ހަފުލާއަކަށް ހެދުމެއް ފައްސަވާލައްވަންވިޔަސް، ކޭކެއް އަޅުއްވަންވިޔަސް، ނުވަތަ ދިވެހިވަންތަ ހަދިޔާއެއް ހޯއްދަވަން ބޭނުންފުޅު ވިޔަސް، "ފަންނުވެރިން"ގެ ފޮޓޯތައް ބައްލަވައިލެއްވުމަށްފަހު، ވަރަށް ފަސޭހައިން އެ ފަރާތްތަކާ ގުޅާލެއްވޭނެ އެވެ.

"އަދިވެސް" ޓީމުގެ އެންމެހައި މެމްބަރުންނަށް ވަރަށް ވެސް ހޫނު މަރުހަބާއަކާއި ތަހުނިޔާއެއް އަރިސްކުރަމެވެ. މީގެ ތެރެއިން ބައެއް ބޭފުޅުންނަކީ ނޫސްވެރިކަމުގެ ތަފާތު މަރުހަލާތަކުގައި އަޅުގަނޑާއެކު "ހަވީރު"ގައި މަސައްކަތް ކުރައްވައިފައިވާ، އެ ބޭފުޅުންގެ ފަންނީ ކުޅަދާނަ ކަމަށް އަޅުގަނޑު ވެސް ވަރަށް އިހުތިރާމްކޮށް އިތުބާރުކުރާ ބޭފުޅުންނެވެ. ދެން ތިއްބެވި އެހެން ބޭބޭފުޅުންނަކީ ވެސް ނޫސްވެރިކަމާއި ލިއުންތެރިކަމާއި އެކިއެކި ފަންނީ ދާއިރާތަކުގައި ގިނަގުނަ ތަޖުރިބާތަކެއް ހާސިލްކުރައްވައިފައިވާ، މުޖުތަމައުގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގެންފައިވާ ބޭބޭފުޅުންނެވެ.

އަޅުގަނޑު މިއަދު އެންމެ ބޮޑަށް އުފާވަނީ، އަޅުގަނޑުގެ މި ވިސްނުން އެ ބޭފުޅުންނަށް ހުށަހަޅައި ދައުވަތު އެރުވުމުން، ކޮންމެ ބޭފުޅަކު ވެސް އެހާމެ އުފަލާއެކު ދައުވަތު ގަބޫލްކުރެއްވި ކަމުންނެވެ. އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރައްވަން އެބޭފުޅުން "އަދިވެސް" ބޭނުންފުޅުވާކަން ކަށަވަރުވުމުންނެވެ. "އަދިވެސް"ގެ ވިސްނުމާއެކު ގަލަން ނަގައި، އަލުން ކުރިޔަށް ހިނގައިގަންނަން އަޅުގަނޑަށް އެންމެ ބޮޑު ހިތްވަރެއް ދެއްވީ ހަގީގަތުގައިވެސް އެ ބޭފުޅުުންނެވެ. އެބޭފުޅުންގެ ޚާއްސަ ދާއިރާތަކުން މީގެ ކުރިން ވެސް ލިއުއްވި ސްޓައިލްގެ އޮއްޓަރު ހެޔޮ ލިއުއްވުންތަކެއް، މިއަދުގެ ހަގީގަތުގެ މައްޗަށް ބިނާކޮށް، އަނެއްކާ ވެސް ފެނިގެންދާނެކަން އަޅުގަނޑު ޔަގީން ކަށަވަރުކުރަމެވެ. އޭގެ ނަތީޖާއަކަށް ވާނީ، އެފަދަ ރަހަތަފާތުކޮށްލުމަކަށް އަނެއްކާ ވެސް ބޭނުންފުޅުވެފައި ތިއްބެވި ކިއުންތެރިންނަށް، ރަނގަޅު ތަށިބަރިއަކަށް "އަދިވެސް" ވެގެންދިއުމެވެ.

"އަދިވެސް" ޓީމުގެ ގިނަ މެމްބަރުންތަކެއް އިފްތިތާހީ މި އަދަދުގައި ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އެވެ. އަދި ކުރިއަށް މި އަންނަ ދުވަސްތަކުގައި އިތުރު މެމްބަރުން ވެސް ފެނިވަޑައިގަންނަވާނެ ކަމަށް ޔަގީންކުރައްވާށެވެ. އުންމީދުކުރައްވާށެވެ.

ތިޔައީ ރަނގަޅު ސުވާލެކެވެ. "އަދިވެސް" މިއީ ކިހިނެއްވެގެން، ކޮން ގޮތަކަށް ބަލައިފައި ކިޔައިފައިވާ ނަމެއްހެއްޔެވެ؟

"އަދިވެސް" އޮންލައިން ނިއުސް މެގަޒިން އަށް ނަމެއް ކިއުމުގައި ވެސް ވަރަށް ގިނަ ބައެއްގެ ލަފައާއި އިރުޝާދު އަޅުގަނޑު ހޯދީމެވެ. މި ޓީމުގެ ގިނަ ލިއުންތެރިންނާއި އެކުވެރިންނާއި ގާތް ރައްޓެހިންނާއި މަންމަ އާއި އާއިލާގެ ގިނަ މެމްބަރުން ވެސް ބުރަވީ "އަދިވެސް" އަށެވެ. އެ ހުރިހާ އެންމެން ވެސް ބުނަނީ ހަމަ އެއް ވާހަކައެކެވެ؛

"އަދިވެސް" ލިޔެވޭނެއެވެ. "އަދިވެސް" ކުރެވޭނެއެވެ. އިރާދަކުރެއްވިއްޔާ ވާނެއެވެ.

ޝުކުރިއްޔާ!

 

މުހައްމަދު ޝަހީބު
"އަދިވެސް"ގެ ސީ.އީ.އޯ އަދި ޗީފް އެޑިޓަރ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
831
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ޝަހީބުގެ ފޭނެއް އަދި ދަރިވަރެއްގެ ހައިސިއްޔަތުން، ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. ލިޔުންތަކާމެދު ވަރަށް ހިތްހަމަޖެހޭ. މިހާތަނަށް މަޖައްލާއެއްގެ ހުރިހާ އަދަދެއް ގަނެެ ކިޔައި ރައްކާކޮށްފައި ވާނީ ހުވާސް. ހުވާސްގެ ލޯގޯ އެއީ ފޭވަރިޓް. އަދިވެސްގެ ލޯގޯ އާމެދު ހިތްހަމަ ނުޖެހޭ ވާހަކަ ދަންނަވާލަން. އެންމެ ބޭފުޅުންނަށް ސަލާމް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *