ރާގު: އެދޭނަމަ ލޯބި ވާންވީވެސް….
ތިޔޭ ބިންނަން އެދޭ މަލަކީ، ނުބިނދެ ކެތްތެރި ނުވާ މަލަކީ
ކިޔޭ ޙަމްދާ ސަނާ މަލަކީ، ޠަވާފު ވަށައި ވެވޭ މަލަކީ
***
ފިޔާތޮށި ރީތި ފިޔަތަކުގައި އަބަދު ބޮސްދޭ ހިތޭވެވެނީ
ޚިޔާލަށް ސޫރަ ވެވުނީމާ ހަނދާނެއް އާ ހިތަށްވެވެނީ
ޚިޔާރު ވެވޭ އަރާމު އެދޭ ތިޔޭ ވަސްމީރު ފަރި މަލަކީ
ހަވީރެއް ހެނދުނު ފަތިހެއް ނެތި ފޮޅޭ މޯޅިވެ ނުދާ ގޮތުގައި
އަވީން ހޫނުން އަސަރު ނުކުރާ މުޅިން ތާޒާ ވެވޭ ގޮތުގައި
ހަވީރަށް ގުލްޝަނަށް ފަރިކަން ގެނެސްދޭ ރީތި ފަރި މަލަކީ
ފަޒާގައި ފިޔަޖަހާ ތަރިތައް ހަނދާނަން ގެންނަ މަންޒަރަކުން
ޖަޒާ ނިޢުމަތުގެ ލިބިދިންރޭ ހަނދާން ކޮށްދީފި ހަނދުވަރަކުން
ޝަޒާ ވައިރޯޅިޔާ އުތުރޭ ހިނދުން ތަޞްވީރުވާ މަލަކީ
ޠަބީޢީ މީރު މަޑު ވަހަކުން ފަޒާޔާ ކައުނު އެއްވަސްވީ
ރަބީޢީ މޫސުމަށް ފަރިވީ މަލެއްކަން އަޞްލުވެސް ދަސްވީ
ޢަބީރުން ކަރުގަނޑުން އުތުރޭ ފަޒާ ހިނިތުން ކުރާ މަލަކީ