Support Us

ލިޔުންތެރިކަމުގެ އާދަކާދައިގެ ތެރެއިން ރަސްމީ ސިޓީ…

މި ފަހަރު އަޅުގަނޑު ބަލައިލާނީ ލިޔުންތެރިކަމުގެ ތެރެއިން ޅެންބަހުރުވަޔާއި، ވާހަކަޔާއި، އެބާވަތުގެ ތަކެއްޗާ ބެހޭގޮތުން ލިޔުއްވަން އެހެން ބޭބޭފުޅުންނަށް ދޫކޮށްލައިފައި، ލިޔުންތެރިކަމުގެ ހަވާސާގައި ނަމަވެސް ހިމެނޭ އެހެން ކަމަކަށެވެ. އެއީ، ޒަމާނާއި ތަހުޒީބާއި ތަރައްޤީގެ ހަރުފަތްތަކުން އަޅުގަނޑުމެންގެ ރާއްޖެ ކުރިއަރައިގެން މިދާ ދިޔުމުގެ ތެރެއިން، ރަސްމީ ސިޓީ ފަދަ ތަކެއްޗަށް އައި، ނުވަތަ ވަކި ބަޔަކު ނަމަވެސް ގެންނަން ކަމަށް އުޅޭ ބަދަލަށެވެ.

މި ރާއްޖޭގައި މިހައި ތަނަށްވެސް ޢާންމުންގެ ތެރޭގައި ހިމެނޭ އެކި ފަރާތްތަކުން އެކި ކަންކަމަށް އެދި ރަސްމީ އިދާރާތަކަށް ލިޔެއުޅުނީ ރަސްމީ ސިޓީއެވެ. ރަސްމީ ސިޓީއަކީ ހަމަ ކޮންމެކޮންމެ މީހަކަށް އެހައި ރަނގަޅަށް ލިޔަން އެއްއިރަކުވެސް އެނގުނު އެއްޗެއް ނޫނެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ސިޓީ ފެށުމުގައި ބިސްމިއަޅައި، ސިޓީ ފޮނުވާ މީހާގެ ރަސްމީ އެޑްރެސް ލިޔުމަށްފަހު، ސިޓީ ލިބޭ މީހާގެ ރަސްމީ މަޤާމާއި ފުރިހަމަ ނަން ހަމަ ކޮންމެހެންވެސް ލިޔަން ޖެހެއެވެ. މި މަޢުލޫމާތު ނޭނގެންޏާ، ނޭނގޭ މީހާޔަށް ޖެހޭނީ އެކި ތަންތަނާއި މިސްމީހުންނާ ގުޅައިގެން އެ މަޢުލޫމާތު ހޯދައިގެންނެވެ. އެއީވެސް ބައެއް މީހުންނަށް ކުޑަ ކަމެއް ނޫނެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި ޚިދުމަތަށް އެދޭ މީހުން އެގޮތަށް އެކަކު ގާތުން އަނެކަކު ގާތަށް ހިނގަން ޖެހިގެންވެސް ނުވާނެއެވެ. އެކަމަކު ރަސްމީ ސިޓީ މިރާއްޖޭގައި ’ހިނގި އަދި ހިނގަ‘އެވެ.

މަތީގައި އެ އޮތް ޕެރެގުރާފުގައި މިދެންނެވި މަޢުލޫމާތު ލިބުމާއެކު އެވީ ދެންމެ މިދެންނެވި ބޭފުޅާޔާ މިދެންނެވި މަގުން މުޚާޠަބް ކޮށް، ސިޓީ ފަށައިގަންނާށެވެ. އެބައި ނިމުމާއެކު، ދެން އޮންނާނީ ނުފޮނުވާ ވެދުމަކާއި، ނުކުރާ ސަލާމެއްގެ ވާހަކަ ލިޔުމެވެ. އޭގެ ފަހުން އެދޭ ކަމެއްގެ ވާހަކައެވެ. ނުވަތަ ހުށައަޅަން ބޭނުންވާ މައްސަލަޔެއް ހުށައެޅުމެވެ. ސިޓީގެ މައިގަނޑަކީ އެއީއެވެ.

ދެން އެހިސާބުން ސިޓީ ނިމޭ ނަމަވެސް އެންމެ ރަނގަޅެވެ. އެކަމަކު ދެން ލިޔަން ޖެހޭ އެއްޗިހީގެ ތެރޭގައި،ފަހަރުގައި ހިތުގައި ނޯންނަ އިޙްތިރާމެއް ޤަބޫލު ކުރައްވައިތޯ ދަންނަވައި، އޭގެ ފަހުން ސިޓީގައި ތާރީޚު ޖަހައި، ތިމާޔަކީ ތިބައުރެން އެންމެންގެ ޚާދިމެކޭވެސް ލިޔެފައި، ސޮއިކޮށް، ފުރިހަމަ ނަންޖަހައި ހަދަން ޖެހެއެވެ. އަދި ލިބޭ ފަރާތުގެ އޮފީހުގެ ރަސްމީ އެޑްރެސް ވެސް ލިޔަން ޖެހެއެވެ. ރަސްމީ ސިޓީ ލިޔުމުގައި މިހުރިހައި ކަމެއް ކުރަން ނޭނގޭ މީހާޔަށް ޖެހެނީ އެކަން ކޮށްދޭނޭ ކަހަލަ މީހުންގެ ގާތަށް ހިނގާށެވެ. ސިޓީ ލިޔެދޭތޯއެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި ޚިދުމަތަށް އެދޭ މީހުން އެގޮތަށް އެކަކު ގާތުން އަނެކަކު ގާތަށް ހިނގަން ޖެހިގެން ނުވާނެއެވެ. އެކަމަކު މިރާއްޖޭގައި އެއީ ވާކަމެވެ.

އަޅުގަނޑަށް ފެންނަ ގޮތުގައި، ރާއްޖޭގެ މިޒަމާނުގެ ކަންކަމުގެ ވައްޓަފާޅިއާއި، ޙާލަތާއި، މުޖުތަމަޢުގެ ހަމަތަކާއި،މިކަހަލަ އެންމެހައި ކަމަކަށް މިފަހަކުން އައިސްފައިވާ ބަދަލުތަކަށް ބަލާއިރު، ރަސްމީ ސިޓީއަކީ އެ ބާވަތުގެ ސިޓީ ލިޔަން ޖެހޭ ބައެއް މީހުންނަށް އެހައި ކަމުދާ އެއްޗަކަށް ނުވާނެއެވެ. އަދި ހަމަ އެހެންމެ، ސިޓީ ކިޔާ ބަޔަކަށްވެސް އެހައި ކަމުދާ އެއްޗަކަށް ނުވެ ހިނގައިދާނެއެވެ.

އަޅުގަނޑު ދެންމެ މިދެންނެވި ޢިބާރާތުގައި ސިޓީ ކިޔާ މީހުންނޭ ދެންނެވި ސަބަބު މިދަންނަވަނީއެވެ. ރަސްމީ ސިޓީއެއްގައި ކަމަކަށް އެދި، ނުވަތަ މައްސަލަޔެއް ހުށައަޅައި، ދެންވެސް މިކަހަލަ ހުށައެޅުމެއް ހުށައަޅަން ބޭނުންވާ ކޮންމެ މީހަކު އެ ހުށައެޅުމެއް ހުށައަޅާނީ އެމީހަކަށް ފެންނަ ދިގުމިނެއްގައި، އެމީހަކަށް ފެންނަ ޢިބާރާތުންނެވެ. އަދި ސިޓީ ލިޔާ މީހާޔަކީ ލިޔުންތެރިކަމުގެ ކޯހަކުން ފާސްނުވެ ހުރި މީހަކަށް ވާނަމަ، ބޭރު ވާހަކަތަކާއި އަސްލު މައްސަލަޔާ މަސްހުނިކުރުންވެސް އޮންނާނީ ގާތުގައެވެ. އަދި އެއް މައްސަލަޔަށް ވުރެ ގިނަ މައްސަލަ ހުށައަޅާނަމަ، އެ މައްސަލަތައް ޕެރެގުރާފުތަކަކަށް ބަހައިނުލައިވެސް ލިޔެފާނެއެވެ. ކަން މިހެން ވީމައި، ސިޓީ ބަލައިގަންނަ މުއައްސަސާގެ މުވައްޒަފުންނަށް އެތައް ދައްޗަކާ ކުރިމަތިލާން ޖެހެއެވެ. އެހެނީ، ރަސްމީ ސިޓީގެ އެކި ސިޓީ އެކި ކުލައިގެ އެކި ކަރުދާހުގައި، ދެލިއަޅާ ގަލަމުންނާއި ބޯލްޕޮއިންޓުން ލިޔެފައިވެސް ހުރެދާނެއެވެ. ނުވަތަ ކޮންޕިޔުޓަރުން ލިޔާނަމަ، އެކި ފޮންޓުން އެކި ބޮޑުމިނުގައިވެސް ލިޔެފައި ހުރެދާނެއެވެ. މިހުރިހައި ސިޓީއެއް މިހުރިހައި ’އޮޅުންބޮޅުން‘ ފިލުވައިގެން ކިޔުމަކީ މުއައްސަސާގެ މުވައްޒަފުންގެ އެތައް ވަގުތެއް ބޭކާރުވެގެން ދާނޭ ކަމެއްކަމަށް އަޅުގަނޑަށް ފެނެއެވެ.

އަޅުގަނޑު ޔަޤީނާގާތަށް ލަފާކުރާގޮތުގައި، ކޮންމެ މުއައްސަސާއެއްގެ ކޮންމެ މުވައްޒަފަކީ މަސައްކަތަށް ފަރުވާބަހައްޓާ، ފަޤީރުންނާ މުއްސަނދީންނާ ދެމެދު ތަފާތު ނުކުރާ، ފަސާދަޔަށް ނަފުރަތުކުރާ މީހުންނެވެ. އެހެންކަމުން، ހަމަ ކޮންމެ މީހަކު ލާ ސިޓީއަކަށްވެސް ސިޓީ ތަނަށް އެތެރެވި ތާރީޚުގެ ތަރުތީބުން އެމީހުން ޖަވާބު ދޭނެއެވެ. މުއްސަންޖަކު އެކަތަ، ދަގަނޑު، ހަރުމުދާ ގިނަވެގެން އަވަސް ގޮތަކުން ގުދަނެއް އަޅަން ވެގެން އޮގަސްޓުމަހު ލީ ސިޓީއަކަށް ދެދުވަސްތެރޭ ޖަވާބު ދީފައި، ފަޤީރެއްގެ އިންސާނީ ޙައްޤުތައް އޮޔާދާތީ ޖުލައިމަސް ފެށުނުތަނާ ލީ ސިޓީއަކަށް ސެޕްޓެމްބަރު މަހު ޖެއްސުމުގެ ޖަވާބެއް ދިނުން އެއީ އެފަދަ މުއައްސަސާތަކުގައި ތިބޭ އަމާނާތްތެރި މުވައްޒަފުން ކަންކުރާނޭ އުޞޫލެއް ނޫނެވެ. އެހެންކަމުން އެމީހުންނަށްވެސް ކަންކަން ފަސޭހަ ކޮށްލައިދޭން އެބަ ޖެހެއެވެ. މިކަމުގެ ޙައްލެއްގެ ގޮތުން ކޮންމެވެސް ފަރާތަކުން މި ހުށައަޅަނީ ޑައުންލޯޑު ކޮށްގެން ފުރައިފައި، މާއްދީގޮތުން އަނބުރާ ފޮނުވައިލެވޭނޭ ފޯމެއް ތަޢާރަފުކުރުމެވެ. އަދި ރަސްމީ ސިޓީއޭ ކިޔާ އެތި މަޑުމަޑުން އުވައިލުމެވެ.

އަޅުގަނޑު މިދަންނަވާ މަގަށް ޚިދުމަތް އަނބުރައިލުމަށްޓަކައި އެކަން ކުރަން އިސްނަގާ މުއައްސަސާޔަކުން އެންމެ ފުރަތަމަ ކޮށްލާނޭ  ކަމެއްކަމަށް އަޅުގަނޑަށް ފެންނަ ކަމަކީ، ގެޒެޓު ކަހަލަ ރަސްމީ އެއްޗެއްގައި އިޢުލާނެއް ޝާއިޢުކޮށްލުމެވެ. ބޭނުމަކީ އެކަން ޢާންމުކޮށް އިޢުލާނުކުރިކަން ރަސްމީކޮށް ސާބިތުކުރަން ޖެހިއްޖެ ޙާލަތެއްގައި އެކަން ސާބިތު ކުރުމެވެ. އިޢުލާނުގައި އޮންނަންވާނީ، މިވެނި ތާރީޚަކުން ފެށިގެން ޢާންމުންގެ އެކި ވަކި ފަރުދުންގެ ފަރާތުން މި މުއައްސަސާޔަށް އެކި ކަންކަން ހުށައެޅޭނީ ކަމަށް ޚާއްޞަކޮށްފައިވާ ފޯމުން އެކަންޏޭ، އެހެން ގޮތްގޮތަށް ހުށައަޅާ ހުށައެޅުންތައް ބަލައެއްނުގަނެވޭނެޔޭއެވެ. އަދި ފޯމު ހުންނާނީ މުއައްސަސާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭ ގޮތަށޭ،އަދި ޗާޕުކުރި ފޯމު މުއައްސަސާގެ އެއްވެސް އިދާރާޔަކުން ލިބޭކަށް ނުހުންނާނެޔޭއެވެ.

ދެން ކަންކަން ކިހައި ފަސޭހަވާނެ ދެއްތޯއެވެ؟

މިހެން މިދެންނެވީ، އަޅުގަނޑުމެންގެ ރާއްޖެ މިހައިރު ތަޖުރިބާކުރަމުން މިގެންދާ ތަހުޒީބު ޒަމާނުގައި ކޮމްޕިޔުޓަރެއް ނުގެންގުޅޭ މީހަކު ނުހުންނާނެ ކަމަށް ދެކޭ ބަޔަކު އުޅޭކަމަށް ފެންނާތީއެވެ. އިންޓަނެޓަށް ވަދެގެން އެއްޗެއް ޑައުންލޯޑުކުރަން ނުއެނގޭ މީހަކުވެސް އެކި ދިހަމަތީގައި ނޫނީ ނުހުންނާނޭ ކަމަށް އެބަޔަކު ބަލާ ހެން ޔަޤީނާ ގާތަށް ހީވާތީއެވެ. އެހެންވީމާ، ރަސްމީ ސިޓީ ލިޔަން މީސްމީހުން ގާތަށް ކުރީގައި ހިނގަން ޖެހުނަސް، މިހައިރަކު ކޮމްޕިޔުޓަރެއް ހޯދަން، އިންޓަނެޓަށް ވަންނަން، ވެބްސައިޓެއް ހޯދަން، ފޯމެއް ޑައުންލޯޑުކުރަން، އެހެން މީސްމީހުން ގާތަށް އާދޭސް ކުރަން ދާން ޖެހޭނޭ މީހަކު މަދުމަދުން ނޫނީ ހަމަ ނުހުންނާނެ ނޫންތޯއޭ އެމީހުން ދަންނަވާވެސް ފާނެއެވެ. އެކަމަކު އެހެން ތިބޭ މީހުންނަކީވެސް ހަމަ ދިވެހި ރައްޔިތުންކަމާއި، އެމީހުންނަށްވެސް ގޮތެއް އޮންނަން ޖެހޭނޭކަން އެއީވެސް ޙަޤީޤަތެކެވެ.

ދެން އޮތީ މިދެންނެވި ގޮތަށް ހަމައެކަނި ޑައުންލޯޑު ފޯމުގައި ލިޔެފައި ހުށައެޅީމައި ނޫނީ ކަންކަން ބަލައިނުގަންނާނޭ މުއައްސަސާގެ ވެބްސައިޓުގެ ވާހަކައެވެ. ޙަރަކާތުން ފުރިގެންވާ އެނިމޭޝަން ތަކާއި ހައިރެޒް ފޮޓޯއާއި ވިޑިޔޯ އިން ފުރިގެންވާ، އެންމެ ޒަމާނީ ކުލަތަކުން ފުރިގެންވާ ވެބްސައިޓުގެ ވާހަކައެވެ. ހުށައަޅާ ކަންކަން މުއައްސަސާޔަށް ފެންނަ ފަންސާހަކަށް ގިންތީއަށް ބަހައިލައިފައި، ކޮންމެ ގިންތިޔަކަށް ވަކި ފޯމެއް ޑައުންލޯޑު ކުރަން ކަމުގެ ތަޖުރިބާ ހުރި މީހަކު ކުޑަކޮށް ހާވައިލާން ޖެހޭ ވެބްސައިޓުގެ ވާހަކައެވެ.  އެކަމަކު، މިފަދަ ޒަމާނެއްގައި އެކަން ކޮށްލަން ދަންނަ މީސްމީހުން ގާތަށް އާދޭސްކުރާން ހިނގަން ޖެހޭ ވަރުގެ މީހަކު މިހައިރަކު ހަމަ ނުހުންނާނެޔޭ ބުނާނޭ ބަޔަކުވެސް އުޅެފާނެ ތޯއްޗެކެވެ. އެކަމަކު އެހެން ދާން މަޖުބޫރު މީހުންވެސް އަދި ރާއްޖޭގައި ތިބޭނެއެވެ. އެމީހުންގެވެސް ޙައްޤުތަކެއް ވާނެ، ދެއްތޯއެވެ؟

ދެން އޮތީ ޑައުންލޯޑުކުރަން ބަހައްޓާ ފޯމުގެ ވާހަކައެވެ. ހަތަރުފަސް އޮބުލިކުވެސް ހިމެނޭގޮތަށް ދިގު ނަންބަރެއް ޖަހައިފައިވާ ކޮންމެ ފޯމެއް ގިނަފަހަރަށް އޮންނަނީ ޕީޑީއެފް ފޯމެޓުގައެވެ. އޮންލައިން ކޮށް ސީދާ އެޑިޓު ނުކުރެވޭ ގޮތަށެވެ. ނޫނީ އެކަހަލަ ކަންކަމަށް ތަންކޮޅެއް ފަރިތަ މީހުން ވަކި ސޮފްޓްވެއަރ އެއް ދަތިޙާލުން ހޯދައިގެން ނޫނީ އެޑިޓް ނުކުރެވޭ ޙާލަތުގައެވެ. އަދި އެޑިޓް ކުރެވުނަސް، ޕްރިންޓް ކޮށްފައި، ގަލަމުން ސޮއިކޮށްފައި، ބައެއް ޙާލަތްތަކުގައި ދެލީން އިނގިލީގެ ނިޝާންވެސް ޖަހައިފައި އެ މުއައްސަސާގެ އެބުނާ ގޮތްޕަކަށް މާއްދީގޮތުން ގެންގޮސް ލާންޖެހޭ ގޮތަށެވެ. އޮންލައިން ކޮށް އަނބުރާ ފޮނުވޭ ގޮތަކަށް ނޫނެވެ.  މިހެން ދިމާވާ ފަހަރު، ޚިދުމަތަށް އެދޭ މީހާޔަށް ވީ ކޮން ފަސޭހައެއްތޯއެވެ؟ އަދި ޕްރިންޓާއި ފޮޓޯ ކޮޕީ ހަދައިދޭ ތަންތަނަށް ނުހިނގައި، ފޯމު ލާން ޓެކްސީގައި ނުގޮސްވެސް ފަރުޖެހޭ ތޯއެވެ؟

ނޫނެކެވެ! އަޅުގަނޑަށް ފެންނަގޮތުގައި ދިވެހީންގެ ރަސްމީ ސިޓީ އެކީއެކައްޗަކަށް އުވައިލެވޭނީ، ރަސްމީ ސިޓީއަކީ ޤާނޫނީ ޙައިޘިއްޔަތެއް ލިބިފައިވާ އެއްޗެއް ނޫންކަމަށް ޤާނޫނީ ގޮތުން ފާސްކޮށްގެންނެވެ. އަދި އެ ފާސްކުރުން ފާސްކުރެވޭނީ، ދުނިޔޭގެ ގިނަ އެހެން ތަންތާނގައިވެސް ހުންނަ ފަދައިން ޑިޖިޓަލް ސޮއި ހަދައި ކަށަވަރު ކުރެވޭނޭ ރަސްމީ ނިޒާމެއް ޤާއިމް ކުރެވި، ޑައުންލޯޑު ކޮށްގެން އަތުން ފުރަންޖެހޭ ޕީޑީއެފް ފޯމުގެ ބަދަލުގައި ވަގުތުން އޮންލައިންކޮށް ކަންކަން ހުށައެޅޭނޭ ވިޔުގައެއް ޤާއިމް ކުރެވި، ހުށައެޅޭ މައްސަލަތަކުގެ ކިޔޫ ނުވަތަ ސީރިޔަލް ނަންބަރާއި މައްސަލަ ހިނގާ ނުހިނގާ ދުވެލި ދެފުށް ފެންނަ ގޮތަށް ފެންނާނެ ގޮތެއްވެސް ހަމަޖެހިގެންނެވެ. މައްސަލައިގެ ދުވެލި ރެޔާއި ދުވާލު ބަލައިލަން ބޭނުންވާ ކޮންމެ ވަގުތަކު އޮންލައިންކޮށް ފެންނަން އޮތުމާއެކު، މައްސަލަޔާ ޙަވާލުވާ އިންސާނީ އޮފިސަރެއްގެ ނަމާއި މަޤާމާއި އޭނާޔާ ގުޅޭނޭ ގޮތްވެސް ނިޒާމީ ގޮތަކަށް ހަމަޖެހިފައި އޮވެގެންނެވެ.

އެހެންނޫނީ ދެން އަޅުގަނޑު ދަންނަވަން އޮތީ ފަރަށް އަދި ދިޔަޔަކަސް ބޮލިހިލަން ނުޖެހޭ ކަމަށް ބަޔަކު އަދި ދުށްޓަސް، އެޔަށް ކިޔަނީ ތަރައްޤީއެއްވެސް، ޑިޖިޓަލެއްވެސް އަދި އެހެން ނަމެއްގެ ތަހުޒީބެއްވެސް ނޫނޭއެވެ. އަދި މިދެންނެވި ބަދަލު އަންނަންދެން އަޅުގަނޑު ދެކޭނީ އަޅުގަނޑު ފޮނުވާ ރަސްމީ ސިޓީއަކީ ޤާނޫނީ ޙައިޘިއްޔަތު ލިބިގެންވާ، ލިބޭ ފަރާތުން އެޔަށް ޒިންމާވެސް ވާންޖެހޭ ޤާނޫނީ ލިޔުމެއް ކަމަށޭއެވެ. ބަޔަކަށް ކިތަންމެ އުނދަނގޫ ވިޔަސް، ކަޓު ކަމަށް ފެނުނަސް، ޤާނޫނީ ގޮތުން މިދެންނެވި ބަދަލު ނާންނަހާ ހިނދަކު އެއީ ހަމަ އަދިވެސް ރަނގަޅަށް އޮތް ޞައްޙަ މަގެއް ކަމުގައެވެ. އަޅުގަނޑު މިހެން މިދަންނަވަނީ ’ފޯމު ޑައުންލޯޑު‘ މިހައިރު އަދި މިހުންނަ ގޮތުން ދަތިވާ، ނިކަމެތި ދިވެހި އެތައް ރައްޔިތުންނެއްގެ ޙައްޤުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

One Response

  1. އޮގަރުވަހީދަށް ވެދުން ސަލާމް. ފުރިހަމަ ލިޔުއްވުމެއް.
    މިކަމަށް "ބަލިފަރުމާނުގައި ރިޔާއަޅައިގެން ދުއްވުން" ކަހަލަ ކަމެކޭ ކިޔަންވީ ނޫންތޯއެވެ. މާނަ އަޅުގަނޑު ނުދެންނެވިޔަސް ވަހީދަށް އެނގިލައްވާނެއެވެ. ބަލިފަރުމާނެއްގައި ރިޔާއަޅައިފިއްޔާ ފަރުމާނު ބިންދިދާނެތީ ރަނގަޅަށް ވައި އެޅުވޭކަށް ނޯވެއެވެ. ނަމަވެސް ދަތުރު ނުކޮށް ވާކަށްވެސް ނޯވެއެވެ. މިޒާތުގެ ކަމެއްދެއްތޯ!!🙂

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *