Support Us

ކޮލަމް: އަލި

ވަރަށް ލޯބިވޭ

އަޅުގަނޑުމެންގެ ގިނަ މީހުންނަށް އިނގިޜޭސީބަހުން "ލަވް ޔޫ" މިހެން ބުނެލުން މާ ބޯޑު މައްސަލައަކަށް ނުވެއެވެ. އެކަމަކު ދިވެހިބަހުން "ލޯބިވޭ ނުވަތަ ވަރަށް ލޯބިވޭ" ބުނެލުން ވަނީ ނިކަން ލަދުވެތި ކަމަކަށެވެ. ލޯބި މިއީ ނިކަން މާނަފުން ލަފުޒެކެވެ. ތަފާތު އެތައް އިހުސާސަކާއި ގުޅުމަކާ ލާމެހިފައިވާ ލަފުޒެކެވެ. ލޯބިވޭ ދިވެހިބަހުން ބުނުމަކީ ލަދުގަންނާންވީ ކަމެއް ނޫނެވެ. އަދި ޖެހިލުން ވާން ވީ ކަމެއް ވެސް ނޫނެވެ. އެހެނީ ލޯބި ބޭނުން ނުވާ އެއްވެސް މަޚުލޫޤެއް ﷲ ޚަލްޤު ކުރައްވައިފައެއް ނުވެއެވެ. ޚުދު މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންގެ މައްޗަށް ރަޙުމަތްވަންތަވެ ވޮޑިގެންވެއެވެ. ލޯބިވެވޮޑިގެންވެއެވެ. އޯގާވަންތަވެވޮޑިގެންވެއެވެ.

އާދޭހެވެ! ލޯތްބަކީ ވަރަށް ތަފާތު އިހުސާސެކެވެ. އެއީ ގުޅުމެއް ދެމި އޮތުމުގެ ބާރެވެ. އަޅުގަނޑުގެ ނަޒަރުގައި ލޯތްބަކީ ހިތެއްގެ ފުނުން އުފެދޭ އިޚްލާޞްތެރި ޖަޒުބާތަކެވެ. ލޯބި ފާޅު ކުރާން ޖެހެއެވެ. ލޯބިވާ ވާހަކަ ބުނާން ޖެހެއެވެ. ލޯބިލޯބިންނެވެ. މި ލަފުޒުން ލޯބިވާކަން ބުނެ ފާޅު ކުރާން ޖެހެނީ ހަމަ އެކަނި އިޝްގުގެ ލޯބިވެރިންނެއް ނޫނެވެ. ލޯބިވާ ވާހަކަ ދަރިން މައިންބަފައިންނަށް ވެސް ބުނާން ޖެހެއެވެ. މައިންބަފައިން ދަރީންނަށް ވެސް ބުނާން ޖެހެއެވެ. މުދައްރިސުން ދެކެ ލޯބިވާ ވާހަކަ ދަރިވަރުން މުދައްރިސުންނަށް ވެސް ބުނާން ޖެހެއެވެ. އަދި މުދައްރިސުން ވެސް ދަރިވަރުން ދެކެ ލޯބިވާ ވާހަކަ ބުނާން ޖެހެއެވެ. ރައްޓެހީން ރައްޓެހީންނަށާއި އެކުވެރީން އެކުވެރީންނަށް ވެސް ލޯބިވާ ވާހަކަ ބުނާން ޖެހެއެވެ. މުވައްޒަފުން ވެރީންނަށާއި ވެރީން މުވައްޒަފުން ދެކެ ވެސް ލޯބިވާ ވާހަކަ ބުނެ ފާޅު ކުރާން ޖެހެއެވެ. ލޯބިވާ ވާހަކަ ބުނުމަކީ ހިތްހަމެޖެހުމާއި އުފާވެރިކަން ހިތުންހިތަށް ފޯރުވައިދޭ ކަމެކެވެ. އޭގެ ސަބަބުން އެކަކު އަނެކެއްގެ މެދުގައި އިތުބާރާއި ޔަގީންކަން ކަށަވަރުވެ ގުޅުންތައް ބަދަހިވެ ވަރުގަދަވެއެވެ. މި ބަޔާންކޮށް ފާޅު ކުރަނީ ވަރަށް މަތިވެރި ޝުޢޫރަކާއި އިހުސާސެއްގެ ވާހަކައެވެ.

އާދޭހެވެ! ލޯބީގެ ހިނިތުންވުން ހަނދުވަރު ފަދައެވެ. ލޯބީގެ ވަސް ގޮމަކަސްތޫރި ފަދައެވެ. "ލޯބި" މި ރިވެތި ލަފުޒު އިވޭ ކޮންމެ ހިނދަކުމެ އަޅުގަނޑުގެ ހިތަށް އެންމެ ފުރަތަމަ އަންނަނީ އަޅުގަނޑުގެ ލޮބުވެތި ދިވެހި މުދައްރިސް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް ޢަބްދުﷲ ޞާދިޤެވެ. މުދައްރިސާ ބައްދަލުވާ ހަމަ ކޮންމެ ވަގުތަކު ސަލާންކަލާން ކުރައްވައިފައި ދެން ވިދާޅުވާނީ "ވަރަށް ލޯބިވޭ" މިހެންނެވެ. ބައްދަލުވުމުން ވަކިވާ ހިނދު ވެސް އެހެން ވިދާޅުވެއެވެ.

ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ އެހެން ކަމެއް ވެސް ދަންނަވައިލާ ނަމެވެ. މުދައްރިސާ ބައްދަލުކޮށްލަން ހ. އާމުލީގެއަށް ދާ ކޮންމެ ހިނދަކުމެ އެގޭތެރެއިން އެކަކު އަނެކަށް ވެސް "ވަރަށް ލޯބިވޭ" މިހެން ވިދާޅުވާ އަޑު ކެނޑި ނޭޅި އިވިއިވި ހުރެއެވެ. ހާލު ބަލައިލަން ފޯނު ކުޅަޔަސް އެންމެ ފަހުގެ އަޑަކަށް އިވެނީ "ވަރަށް ލޯބިވޭ" މިހެން ވިދާޅުވާ އަޑެވެ. މުދައްރިސްގެ ލޮބުވެތި، ހިތްޕުޅު ހެޔޮ އަނބިކަނބަލުން މުނީރާގެ ވެސް ދޫފުޅުމަތީން އެންމެ އާންމުކޮށް ފާޅުކުރައްވާ އެއް ބަސްކޯޅިއަކަށް އަޅުގަނޑަށް އަޑު އިވެނީ "ވަރަށް ލޯބިވޭ" މި ބަސްކޯޅިއެވެ.

ކޮވިޑު19ގެ އާލާސްކަންފުޅަށް ފަހު މުދައްރިސްގެ ޙާލުކޮޅު ރަނގަޅުކަން އެނގުމުން ވަރަށް އުފާވިއެވެ. ﷲއަށް ޙަމްދު ކުރަމެވެ. ޝުކުރު ކުރަމެވެ. މުދައްރިސް ގެއަށް ވަޑައިގެންނެވިކަމުގެ ޚަބަރު އަޅުގަނޑު އެހީ އުފަލާއެކުއެވެ. އެފަހުން މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ޚަބަރު ލިބުމުން އަޅުގަނޑު ފޯނުން ގުޅީމެވެ. މުދައްރިސާ ވާހަކަ ދެއްކީމެވެ. އަނބިކަނބަލުންނާ ވެސް ވާހަކަ ދެއްކީމެވެ. މުދައްރިސާ ބައްދަލުކޮށް ވާކަދައްކައިލަން ފައިންޕުޅު ދެކެން ދާން ދުވަހެއް ވެސް ކަނޑައެޅީމެވެ. ފޯނު ބާއްވަމުން ދެމީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބުނެވުނީ "ވަރަށް ލޯބިވޭ" މި ހެންނެވެ.

މުދައްރިސް ނުފެނި ދުވަސްކޮޅަކަށް ފަހު މުދައްރިސާ ބައްދަލުކުރަން އާމުލީގެއަށް ދިޔައިމެވެ. އެންމެ ބޮޑު ބޭނުމަކީ ބައްދަލުކޮށް މުދައްރިސް ގާތުގައި "ވަރަށް ލޯބިވޭ" މިހެން ބުނުމެވެ. މި ބައްދަލުވުމަށް އަޅުގަނޑު ދިޔައީ މުދައްރިސަށް ވަރަށް ޚާއްޞަ ހަދިޔާއެއް ވެސް ހިފައިގެންނެވެ. އެއީ މުދައްރިސަށް ތަޚްޞީޞްކޮށް އަޅުގަނޑު ހެދި ލަވައެކެވެ. އޭގެ އޯޑިޔޯ ސީޑީއެކެވެ. އަދި އެ ލަވަ އަޅުގަނޑުގެ އަޑުން ވެސް ކިޔައިދިނީމެވެ. މުދައްރިސް އިންނެވީ ވަރަށް އުފާފުޅުވެފައެވެ. ލަވަ އަޅުގަނޑުގެ ފޯނުން ވެސް ޖަހައި ދިނީމެވެ. ލަވަ އަޑު އައްސަވަމުން ގެންދެވި އިރު މުދައްރިސްގެ ލޯފުޅުން ކަރުނަފޮދު އޮހުނުތަން އަޅުގަނޑު ދުށީމެވެ. އެ ހަދިޔާ މުދައްރިސަށް ކަމު ހިނގާއްޖެކަން އަޅުގަނޑު އެ ހިނދު ޤަބޫލުކުރީމެވެ. އެއީ ހިންދުސްތާން ފިލްމެއް ކަމަށް ވާ ދިލްކާ ތުގްގެ ރީތިލަވަ "ޔެ ރާތޭ ޔެ މޯސަމް ނަދީކާ ކިނާރާ" މި ލަވައިގެ ރާގުގައި އަޅުގަނޑު ހެދި ލަވައެކެވެ. މިހައި ހިސާބުން އެ ލަވައިގެ ޅެން ތިޔަ އަރިސްތަކަށް އަރިސްކުރާނަމެވެ.

ވަރަށް ލޯބިވޭ

ރާގު: ޔެ ރާތޭ ޔެ މޯސަމް
ހަނދާ ރީތި ތަރިތައް އެ ކިޔަނީ ހިމޭނުން ވަރަށް ލޯބިވޭ
ނަދާތައް ވަޔާފިނި ބަޔާންކޮށް އެ ބުނަނީ ވަރަށް ލޯބިވޭ

މުތީހެން ވިދާ ރީތި ޝަބްނަމްގެ ތިކިތައް
މަތީން ފެތުރިގެން އައި އަބީރީ ހުވަނދުތައް
ލަތީފީ އަސަރުގައި އުފާވެރި ނަޒަރުގައި
އެ ކިޔަނީ އެ ބުނަނީ ވަރަށް ލޯބިވޭ.

ވަށައިގެން ޖެހޭ ރީތި ވައި ރޯޅިރޯޅިން
ވަށައިގެން ފޮޅޭ ޗާލު މާކޯޅިކޯޅިން
ފަށައިގެން މި ނަޣުމާ ވަރަށް ލޯބިލޯބިން
އެ ކިޔަނީ އެ ބުނަނީ ވަރަށް ލޯބިވޭ

މަޑުން ރާޅުތައް ބޮސްދެމުން ބީހިލައިފައި
އަޑުން ދޫނިތައް ހީނލަމުން އުދުހިލައިފައި
އަޑުންއަޑު ނަގައިފައި އުފާފާޅުކޮށްފައި
އެ ކިޔަނީ އެ ބުނަނީ ވަރަށް ލޯބިވޭ

މި ލަވައިގައި ބަޔާން ކޮށްފައި އެ ވަނީ އަޅުގަނޑުގެ ހިތުގައި އުފެދުނު ޝުޢޫރުތަކެކެވެ. މި ލަވައިގެ ޝުޢޫރު އަޅުގަނޑު ބިނާކޮށްފައި އެވަނީ ކާއިނާތުގެ މައްޗަށެވެ. މައިގަނޑުގައި "ވަރަށް ލޯބިވޭ" ބުނެ ބަޔާން އެ ކުރަނީ ހަނދާއި ތަރިތަކެވެ. ފިނިފިނި ވައިރޯޅިތަކެވެ. ފުރަތަމަ ކަޑީގައި "ވަރަށް ލޯބިވޭ" ބުނެ ފާޅު އެ ކުރަނީ ޝަބްނަމުގެ ތިކިތަކާއި ފަޒާއިން ފެތުރޭ މީރުވަހެވެ. ޖަޒުބާތީ އަސަރެއްގައެވެ. އުފާވެރި ނަޒަރެއްގައެވެ. ދެވަނަ ކަޑީގައި "ވަރަށް ލޯބިވޭ" އެ ބުނަނީ ވަށައިގެން ޖެހެމުން ދިޔަ ވައިރޯޅިތަކާއި މާކޯޅިތަކެވެ. ރީތި ލަވައެއްގެ ގޮތުގައެވެ. ވަރަށް ލޯބިލޯބިންނެވެ. އެންމެ ފަހު ކަޑީގައި "ވަރަށް ލޯބިވޭ" ފާޅުކޮށް ބަޔާން އެ ކުރަނީ ދިޔަރެސްތަކަށް ބީހިނލާ ރާޅުތަކެވެ. ހީނލަމުން އުދެހެމުންދާ ދޫނިތަކެވެ. އަޑުން އަޑު ނަގައިފައެވެ. އުފާތައް ފާޅުކޮށްފައެވެ.

މި ލަވަ އަޅުގަނޑުގެ އެދުމަކަށް ވިދާޅުވެފައި އެވަނީ ރ މީދޫ ޒުވާން ލަވަކިޔުންތެރިޔާ އަޙުމަދު އިޝާމެވެ. އޭނާއަށް ހާސްފަށުން ޝުުކުރު ދަންނަވަމެވެ.

އާދޭހެވެ! ކާއިނާތުގައި ލައްވައިފައިވާ ކޮންމެ އެއްޗެއް ވެސް އެ ފާޅު ކުރަނީ ލޯބިވާ ވާހަކައެކެވެ. އޯގާވެރިކަމާއި ހިތްހެޔޮކަމާ އެކު ކޮންމެ އެއްޗެއްމެ ހަރަކާތްތެރި އެވަނީ "ވަރަށް ލޯބިވޭ" ބުނަމުންނެވެ. ބުނާށެވެ. ކިޔާށެވެ. ބަޔާން ކުރާށެވެ. ފާޅު ކުރާށެވެ. ލޯބިވާހަކަ ބޮޑުކޮށް ފާޅުކޮށް ފާޅުކުރާށެވެ. ލަދެއް ނެތި، ބިރެއް ނެތި، ޖެހިލުމެއް ނެތި ބުނާށެވެ. "ވަރަށް ލޯބިވޭ!ވަރަށް ލޯބިވޭ! ވަރަށް ލޯބިވޭ!" ނަދާތައް ވަޔާ ފިނި ބަޔާންކޮށް އެބުނަނީ ވަރަށް ލޯބިވޭ… ހަނދު ވެސް ރީތި ތަރިތައް ވެސް އެ ކިޔަނީއެވެ. އެ ބުނަނީއެވެ. ހަމަ އެންމެ ވާހަކައެކެވެ. "ވަރަށް ލޯބިވޭ"އެވެ. ހަގީގަތުގައި ވެސް "ވަރަށް ލޯބިވެއެވެ."