ޙަސަދައިގެ ހުޅު ހުރެގެން އަނދާ ހިތަކުން އެ ހުޅު ފާއްދާނެޔޭ
މަސަލަސްވެ ހިނދުކޮޅަށް ވިޔަސް ހަމަޖެހި އެ ހިތް ނޯންނާނެޔޭ
ވަދެނުކުމެ ހެދިޔަސް މިސްކިތަަށް ޙާސިދުގެ ހިތް ނުވެޔޭ ހެވެއް
އަނދެގެން އުޅޭ މުންޑުންނިވައި އޮރިޔާން އެކަށް ނުވެވޭނެޔޭ
މަގުގައި ޞިރާޠުގެ ސީދަލަށް ދިއުމަށް ހިތަށް އެރިއެއް ކަމަކު
ތަޤުވާގެ ފޭރާން ނާޅަޔެއް ކަށަވަރު ތެދަށް ނުދެވޭނެޔޭ
ތިލަޔާ ފުނުން ވަކި ވަށްބަހުން މީހުންގެ މައްޗަށް ނުނިޔަތުން
ދިލަޔާއި ކުޅިކަން އެކުލެވޭ ބަސްބަސް އުކައި ނޫޅޭނެޔޭ
މީހުންގެ ޖާހާ ޢިއްޒަތާ އާރާއި ބާރާ އަދި މުދާ
ކީހުން ފަޅައި ކުދިކޮށް ދަރަށް އަންދައިލުމަށް ނުރުހޭނެޔޭ
މުއްސަނދިކަމާ މުދަލުގެމަތީ ހުރުމުން އެއިރު ލަވަކީ ކަތުން
ދުޝްމިނުވެފައި ހަޖުލުގެ ކިޔާ ލަވަޔަށް ބެރެއް ނުޖަހާނެޔޭ
ފޮރުވަން ޠަބީޢަތު އުރަލުމުން މީހާގެ ގޮތް ފޮރުވޭނެހޭ
ތޮރުފިއްޖެ ނަމަ އުރައިން ލެވުނު ތިކިތިކި ޖަހައި ފޭދޭނެޔޭ