Support Us

އަޝްރަފު އަލީ (ކ) އާއެކު ޢަބްދުﷲ ރަޝީދު (ކ-2) އަދި ބައެއް ޅެންވެރީން ހުޅުމާލެއަށް ކުރެއްވި ދަތުރެއްގެ ތެރެއިން...

އިސްއުސްތާޛު އަޝްރަފް ޢަލީގެ ޚިދުމަތްޕުޅަށް ޝުކުރުގެ ބަހެއް

ދިވެހިބަހުގެ އިސްއުސްތާޛުން ކުރެ އަޝްރަފް ޢަލީ ދިވެހިބަހުގެ އެކެޑަމީގެ ރައީސްގެ ޙައިސިއްޔަތު ކުރެއްވި ޚިދުމަތްޕުޅަށް ޝުކުރުއަދާ ކުރުމުގެ ގޮތުން ބަހެއް ބުނެލުމަކީ، ދިވެހިބަހާއި އަދަބިއްޔާތަށް ލޯބިކުރާ މީހެއްގެ ޙައިސިއްޔަތުން އަޅުގަނޑަށް ވެސް އޮތް އިޚުވަތީ ވާޖިބެއްކަމުގައި ނޫނީ އަޅުގަނޑެއް ނުދެކެމެވެ. އެ ނަޒަރުން ބަހެއް ބުނާއިރު އަޝްރަފް ޢަލީ ދިވެހިބަހުގެ އެކެޑަމީގެ ރައީސްގެ ޙައިސިއްޔަތުން އަދާކުރެއްވި ޚިދުމަތްޕުޅުގެ މައްޗަށް ބަލައިލުމަކީ ނެތްކަމެއް ނޫނެވެ.

ދިވެހިބަހުގެ އިސްއަދީބުން ކުރެ ބަނޑޭރި ޙަސަންމަނިކުފާނާއި ޢަލީ އެދުރު މާފަތްކަލޭފާނާއި ޝައިޚު ނައިބުތުއްތޫ އާއި ޝައިޚު ޙުސައިން ޞަލާޙުއްދީނާއި ޝައިޚު ޢުމަރު ޢީސާއާއި ޝައިޚު ޖަލާލުއްދީނުގެ އިތުރުން ޝައިޚު ޖަމީލު ދީދީ އާއި އިބްރާހީމް ޝިހާބާއި މިފަދަ ބޭބޭފުޅުން ދިވެހިބަހާއި އަދަބިއްޔާތަށް ކުރެއްވި އަގުހުރި ޚިދުމަތްޕުޅުތަކުން އަލިކަން ފޯރުކޮށް ދެއްވި ހުޅުގަނޑު ކޮންމެ ސަބަބަކާ ހުރެވިޔަސް އައީ ކަނިވަމުން ފަނޑުވަމުން ނިވެމުންކަން ހަމަ އެންމެން ދަންނާނެއެވެ.

އެހެން އެކަން ހިނގަމުން ގޮސްގޮސް އޮއްވައި ރައީސް ނަޝީދުގެ ދަައުރުގައި އިސްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އިސްވެ ހުންނަވައިގެން އެކުލަވައިލެއްވި ދިވެހިބަސް ހިމާޔަތް ކުރުމުގެ ޤާނޫނުގެ ދަށުން ދިވެހިބަސް ކުރިއެރުއްވުމުގެ މަޤްޞަދުގައި ފުރަތަމަ ފަހަރަށް ދިވެހި ދައުލަތުން އުފެއްދެވި "ދިވެހިބަހުގެ އެކެޑަމީ"ގެ ރައީސްކަން އަޝްރަފް ޢަލީއާ ސަރުކާރުން މަތިކުރެއްވިއެވެ. އެވަގުތަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ބައްތީގެ ހުޅުކޮޅު ކަނިވަމުން އަލި މަޑުވަމުން ނިވުމާ ދިމާޔަށް ދިޔަ ވަގުތެކޭ ދެންނެވުމީ ބަސްތެރިކަން އޮތް ޙާލަތު ޠަޞައްވަރު ކުރެއްވުމަށް އެންމެ ފަސޭހަވާނެ ޢިބާރާތެވެ.

އެހެނަސް އަޝްރަފް ޢަލީގެ ހިތްވަރުފުޅާއި ހީވާގިފުޅު މަސައްކަތްޕުޅުގެ ނަތީޖާއިން ދިވެހި ބަހާއި އަދަބިއްޔާތު ދިއްލާލި ބިގަރެއް ފަދަވެ އޭގެ އަލިކަން ތުރާކުނުން ސީނު ހިތަދޫއާ ހަމަޔަށް ފޯރިއެވެ. ދިވެހި ބަހަށާއި އަދަބިއްޔާތުގެ ލޭ ދިވެހީންގެ ހަށިތަކުގައި ދައުރުވާން ފެށިއެވެ. ދިވެހީންގެ ހިތްތަކުގައި ދިވެހިބަހާއި އަދަބިއްޔާތުގެ ވިންދު ޖަހާން ފެށިއެވެ.

މުޅި ރާއްޖޭގައި އެތައްހާސް ޅެންވެރީން އަލަށް އުފެދުނެވެ. ރަސްމީ ނުރަސްމީ އިދާރާތަކުގެ ލިޔެކިޔުންތައް ދިވެހިބަހުގެ ހަމައިން ލިޔެވޭން ފެށެވުނެވެ. ނޫސްތަކުގައްޔާއި މީސްމީޑިއާގެ ޕޯސްޓްތަކާއި ކޮމެންޓުތަކުގައި ލިޔެވޭ ލިޔުންކޮޅުކޮޅުތަކުގައި ހުންނަ ކޮރުކަންކަން ފިލުވައި ލެއްވުމަށް މަސައްކަތް ފެށެވި އޭގެ އަސަރު ފާޅުވާން ފެށިއެވެ.

އަޝްރަފް ޢަލީގެ ހިތްޕުޅު ހެޔޮކަމާއި ސަމާސާ މިޒާޖުފުޅާއި މާފު ކުރެއްވުމުގެ ޚުލުޤީ ޠަބީޢަތްޕުޅުގެ ސަބަބުން ތަފާތު އެތައް ސަތޭކަ މީހުނާ އެކުލަވައިގެން އެކު އުޅުއްވެވިއެވެ.

އަޝްރަފު އަލީ (މ) އާއެކު ޢަބްދުﷲ ރަޝީދު (ކ) ތ. ބުރުނީއަށް ކުރެއްވި އެކަޑަމީގެ ރަސްމީ ދަތުރެއްގެ ތެރެއިން…

ބަހާއި، އަދަބީ، ސަޤާފީ، ކަންކަމުގައި ވަސީލަތްތަކުގެ ހަނިކަމާއެކު ވެސް އެތެރެއާއި ބޭރަށް ކުރެއްވި ގިނަގުނަ ދަތުރުތައް ފާހަގަ ކުރެވެއެވެ. ޅެންވެރީންގެ ދުވަސް ޚާއްޞަ އަދީބުންނަށް ޚައްޞަ ކުރައްވައިގެން ރަށްރަށުގައި ތަމްސީލު ކުރެއްވުމުގައި އެފަދަ ކަމަކަށް އެ ރަށްރަށުގެ އަހުލުންނާއި ދަރިވަރުންނަށް ދަސްކޮށްދެއްވި މެހްމާނުދާރި އަދާކުރުމާއި ޖާފަތާއި ފަރީއްކޮޅުތަކާއި ސައިފޮދު އެރުވުމުގެ ޚިދުމަތް އަދާކުރާނެ ގޮތާއި، މުނާސަބީ ކަންކަމުގައި ސަޤާފީ ޙަރަކާތްތައް ދަސްކޮށްދެއްވުން ފަދަ ކަންކަން ފާހަގަ ކުރެވުނެވެ.

މިފަދަ ކޮޅުންލާންނެތް އެތައް އެތައް ކަމެވެ.

ހަމަ އެފަދައިން އަތޮޅުތަކުގެ ހުރިހައި ރަށްތަކެއް ޝާމިލް ކުރައްވައިގެން އަދަބީ އީދުތައް ބާއްވަވައި އާންމު ދިވެހި ހިތްތަކުގެ ލެޔާއި ވިދާ ގާތަށް، ދިވެހި ބަހާއި އަދަބިއްޔާތާއި ސަޤާފަތާއި ތާރީޚު ގެނެސްދެއްވެވުން ހިމެނެއެވެ. މި ހިސާބަށް އަޅުގަނޑުގެ މި ބަސްކޮޅު މިގެނައީ ސުމުއްވުލް އަމީރު މުޙައްމަދު އަމީނު ދީދީ ދޮށިމޭނާ ކިލެގެފާނު ދިވެހި ބަހާއި އަދަބިއްޔާތަށް ކުރެއްވި މިންނެތް މަސައްކަތްޕުޅު ހަނދާން ނެތިކޮށްފައެއް ނޫނެވެ. އަދި ޝައިޚު ރައީސް މައުމޫނު ކުރެއްވި މަތިވެރި ޚިދުމަތްޕުޅުތައް ވެސް ހަނދާން ނެތިކޮށްފައެއް ވެސް ނޫނެވެ. އެ ދެ ރައީސުންގެ ޚިދުމަތްޕުޅުތައް ކިތަންމެހައި ވެސް މަތިވެރިއެވެ. އަބަދަށްމެ ޝުކުރު ޙައްޤެވެ. ނަތީޖާ ވެސް ނެރެދެއްވިއެވެ.

އެހެނެއްކަމަކު އެ ދެ ރައީސުން ކުރެއްވި ޚިދުމަތްޕުޅު ކުރެއްވެވީ އެ ބޭފުޅުންގެ ހިތްޕުޅަށް އެރި ކޮންމެ ކަމެއް ކުރެއްވުމުގެ ފުރިހަމަ ބާރާއި އިޚުތިޔާރާއި ކަންކަމަށް ބޭނުންފުޅުވާ ފައިސާ ޚަރަދު ކުރެއްވުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ވެސް ލިބިވަޑައިގެންވާ އިމުގެ ތެރޭގައި ކަމަށްވެފައި، އަޝްރަފް ޢަލީ އެ ޚިދުމަތްޕުޅުތައް ކުރެއްވީ އެއިން ހަމަ އެއްވެސް ކަމެއް އަމިއްލަފުޅަށް ކުރެއްވުމަށް މުސްތަޤިއްލު އެއްވެސް ބާރެއް އިޚްތިޔާރެއް އަދިކިޔެއްތަ ފައިސާގެ ފަންޑެއް ވިޔަސް ލިބިވަޑައިގެން ނެތި ކަމަށްވުމުން، އަޅުގަނޑު ދެކޭނީ އަޝްރަފް ޢަލީގެ ޚިދުމަތްޕުޅު ނިސްބީގޮތުން މާ ފުރިހަމަކަން ބޮޑުކަމަށެވެ. ލާބަޔާއި މަންފާޔާއި ނަތީޖާ ވެސް މާ ފުރިހަމަ ކަމަށެވެ.

ފަހެ، އަޝްރަފް ޢަލީގެ ޒަޢާމަތުގައި އުފެއްދެވި ދަރިވަރުން ކުރިމަގުގައި މޮޅު ދިވެހި އަދީބުންނަށާއި މޮޅު ޅެންވެރީންނަށް ނުވެއެއް ނުދާނެއެވެ. މިހެން އެކަންކަން ހުރުމުން އަޝްރަފް ޢަލީ އަކީ ދިވެހި އަދަބިއްޔާތުގެ ހަގު އަދީބެއްގެ ޙައިސިއްޔަތުން އިސްއަދީބެއްގެ ލަޤަބުފުޅެއް ޝަރަފުވެރިކަމުގެ ގޮތުން އެރުވުން ޙައްޤު ބޭފުޅެކޭ ދެންނެވުމަކީ ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރައްވާ ބޭފުޅުންނަށް ކުރެވޭ ބޭއިންޞާފެއް ކަމުގައި ވާނޭކޭ ހީޔެއް ނުވެއެވެ.

މި ޝުޢޫރުކޮޅު މި ހާމަކޮށްލީ އަޅުގަނޑުގެ ހިތުގެ ފުނުން ހިފެހެއްޓުމެއް ނެތް ޚާލިޞް ޝުކުރެއް ދިވެހިބަހުގެ އެކެޑަމީގެ ރައީސްގެ ޙައްސިއްޔަތުން އިސްއުސްތާޛު އަޝްރަފް ޢަލީއަށް އަދާކޮށް، ކުރެއްވި އަގުހުރި ޚިދުމަތްޕުޅުތައް ފަރުދީ ޙައްސިއްޔަތަކުން ފާހަގަކޮށްލުމަށެވެ. އަޝްރަފް ޢަލީގެ ދިހަ އަހަރުގެ ޚިދުމަތްޕުޅުގެ ތަޖްރިބާގެ ލާބަ އަބަދުމެ ދިވެހި ޤައުމަށް ލިބިލިބި ހުރުން އެދެމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި އަލްއުސްތާ މައުމޫން ޢަބްދުލް ޤައްޔޫމް ދިވެހި ބަހާއި އަދަބިއްޔާތަށް ކުރެއްވި ޚިދުމަތަށް ވުރެ އަޝްްރަފް އަލީ ދިވެހިބަހުގެ އެކަޑަމީގެ ރައީސް ކުރެއްވި ޚިދުމަތް ނިސްބަތުން މާ ފުރިހަމަކަން ބޮޑޭތޯ؟ މުޙައްމަދު އަމީން ދިވެހި ބަހާއި އަދަބިއްޔާތުގެ އޮށްތައް އިންދަވައި ކުރިތައް ރޯކުރައްވައި ފެންދެއްވައި ހެއްދެވީ ދެވަނަ ބޮޑު ހަނގުރާމައިގެ ހައިހޫނުކަމުގެ ތެރޭގައްޔާއި ހަނގުރާމަޔާ ވިދިގެން އައި ތަދު ދުވަސްވަރެއްގައި. މުޙައްމަދު އަމީނުގެ ކުރިން ރާއްޖޭގައި ތައުލީމު އާންމު ކުރެއްވުމީ ދިވެހި ސަރުކާރުގެ ސިޔާސަތެއް ނޫން. ދިވެހި ބަހާއި އަދަބިއްޔާތަކީ ވެސް ސަރުކާރަށް ފޫޅުކެނޑި ދަރިއެއް ކަމަކަށް ދެކިވަޑައެއް ނުގަންނަވާ. މައުމޫނު ޢަބްދުލް ޤައްޔޫމު 1978 ވަނަ އަހަރު ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރެއްވުމުގެ މަތިވެރި މަގުސަދުގައި ދިވެހިބަހަށް ޚިދުމަތްކުރާ ގައުމީ މަޖްލިސްގެ ނަމުގައި (ފަހުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ މަރުކަޒު) އުފެއްދެވުމުގެ ކުރިން ބަހާއި އަދަބަށް ޚިދުމަތް ކުރާ ރަސްމީ އިދާރާއެއް ރާއްޖެއަކު ނުހުރޭ. އެހެންކަމުން އަމީނާއި މައުމޫނަކީ ވެސް ނެތުމުގެ ތެރެއިން އެއްޗެއް( ރަސްމީ ސިފައެއްގައި ބަހާއި އަދަބއިްޔާތުގެ ޚިދުމަތް) ވުޖޫދަށް ގެންނެވި ދެބޭފުޅުން ކަމަށް ދަންނަވަން ޖެހޭ. ދެން އަދި ކޮބައިތޯ މިދެބޭފުޅުންގެ އަމިއްލަ ގަލަންކޮޅުގެ އަދަބީ އުފެއްދެވުންތަ؟ ދޫފުޅުން ދެއްވެވި ފަށުއި ތަޤުރީރުތައް؟ މި ދެބޭފުޅުންގެ އިތުރަށް ގައުމީ މަރުކަޒުގެ ރަީއސްކަން ދިގު މުއްދަތަކަށް ކުރެއްވި ރިހި ދޫފުޅެއް އަދި ފުށުވި ގަލަންކޮޅެއްގެ ވެރިޔާ އްލައުސްތާޒު ޢްބުދުﷲ ޙަމީދުގެ ޚިދުމަތްތައް ވެސް ކޮބައިތޯ؟ ވަކި އަތަކަށް ބުރަވިޔަސް ތިޔައީ ދެން ބޮޑުވަރެއް!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *