Support Us

އިމެނުއަލް ކާންޓުގެ "ތަންވީރީ ފިކުރަކީ ކޮބާހެއްޔެވެ؟" މި ސުއާލަށް ދެވޭ ޖަވާބެއް

ތިރީގައި މި ހުށަހަޅާލަނީ ޖަރުމަނުވިލާތުގެ ފިލޯސަފަރެއް ކަމުގައިވާ އިމޭނުއަލް ކާންޓުގެ "ތަންވީރީ ފިކުރަކީ ކޮބާ؟ މި ސުއާލަށް ދެވޭ ޖަވާބެއް" މި މަޒުމޫނުގެ ޚުލާސާއެކެވެ. ކާންޓަކީ، މުހިއްމު ގިނަ އިލްމީ އަދި ފަލްސަފީ ލިޔުންތަކެއް ލިޔުއްވި، އަށާރަވަނަ ގަރުނުގެ އެންމެ މުހިއްމު ފަލްސަފާވެރިންގެ ތެރޭގައި ހިމެނުނު ފަލްސަފާވެރި އިލްމުވެރިއެކެވެ. އަށާރަވަނަ ގަރުނުގައި، ދެނެގަތުމާއި އިލްމަކީ ކޮބައިކަން ކަނޑައަޅާލާނީ ކިހިނެއްތޯ، މި މައްސަލައާ ބެހޭ ގޮތުން، ޔޫރަޕުގައި ކުރެވުނު ބަހުސުގައި ވިސްނުމުގެ ދެ މަދަރުސާއެއް އޮތެވެ. ތަޖުރީބީ (އެމްޕިރިސިޒަމްގެ) މަދަރުސާއާއި ބުއްދީގެ (ރޭޝަނަލިޒަމްގެ) މަދަރުސާއެވެ. ތަޖުރީބީ މަދަރުސާގެ އަހުލުވެރިން ގަބޫލުކުރާ ގޮތުގައި ކަންކަން ދެނެގަނެ، އިލްމަކީ ކޮބައިތޯ ކަނޑައެޅެނީ ހިއްސީ ތަޖުރިބާގެ ޒަރިއްޔާއިންނެވެ. ބުއްދީގެ މަދަރުސާގެ އަހުލުވެރިން ދެކެނީ މިކަން ހާސިލުކުރެވެނީ ބުއްދީގެ ޒަރިއްޔާއިން ކަމެވެ. އާދެ، އިންސާނާގެ ޚާލިސް ވިސްނުމާ ފިކުރުކުރުމުގެ ޒަރިއްޔާއިން ކަމެވެ. ކާންޓު ހިމެނެނީ ބުއްދީގެ މަދަރުސާގެ އަހުލުވެރިންގެ ތެރެއިންނެވެ. އެހެންކަމަށް ވިޔަސް، އޭނާގެ "ކްރިޓީކް އޮފް ޕިޔޯ ރީސަން" މި ފޮތުގައި، މި ނަންގަތް ދެ ފަލްސަފީ މަދަރުސާގެ ގުޅުން ބަޔާންކުރައްވައި، މި ދެމަދަރުސާގެ ވިސްނުން، ކާންޓު ގާތްކުރައްވައި އެއްގޮތްކުރެއްވުމަށް (ސިންތަޒައިޒް ކުރެއްވުމަށް) މަސައްކަތްކުރެއްވިއެވެ.

ކާންޓުގެ މި ނަންގަތް ކުރު ސިޔަރަތަށް ފަހު، ދެން، ތަންވީރީ ފިކުރަކީ ކޮބައި ކަމާ ބެހޭ ގޮތުން އޭނާ ލިޔުއްވި މަޒުމޫނުގެ މައްޗަށް ބަލައިލަމާ ހެއްޔެވެ؟ މި މަޒުމޫނުގައި، ބާރުއަޅައި ގޮވާލާފައިވަނީ ކޮންމެ މީހަކު ވެސް އޭނާގެ އަމިއްލަ ބުއްދި ބޭނުންކޮށްގެން މުސްތަގިއްލު ގޮތެއްގައި ވިސްނާ ފިކުރުކުރުމަށެވެ.

ކާންޓުގެ މިނަންގަތް މަޒުމޫނުގައި ހަތަރު ފަސް ނުކުތާއެއްގެ މައްޗަށް އަލިއަޅުވާލެވިފައިވެއެވެ. އެންމެ ފުރަތަމަ ތަންވީރީ ފިކުރަކީ ކޮބައިކަމެވެ. ދެވަނައަށް، މުޖުތަމައުގެ އަފުރާދުން، ތަންވީރި ފިކުރުގެ ބަޔަކަށް ވުމަށް ހުރަސް އަޅާ ސަބަބުތަކަކީ ކޮބައިކަމެވެ. ތިންވަނައަށް އެފަދަ ފިކުރެއް ލިބިގަތުމަށްޓަކައި ބޭނުންވާ ކަމަކީ ކޮބައިކަމެވެ. ހަތަރުވަނައަށް ތިމާގެ ވިސްނުން ބޭނުންކުރެވޭ ސިފައިގެ ބާވަތްތަކަކީ ނުވަތަ ގޮތްތަކަކީ ކޮބައިކަމެވެ. ފަސްވަނައަށް ތަންވީރީ ފިކުރު ލިބިގަތުމުގައި ސިޔާސީ ބާރާއި އަދި ދީނީ މުއައްސަސާތަކާ އޮތް ގުޅުމަކީ ކޮބައިކަމާމެދު ބަލައި، ތަންވީރީފިކުރަށް މަގުފަހިވާނޭ މިނިވަކަން ހޯދައިދިނުމުގައި މި ދެފަރާތަށް ކުޅެވިދާނެ ދައުރުގެ މައްޗަށް ވެސް ކާންޓު އަލިއަޅުވާލެއްވިއެވެ.

ތަންވީރީ ފިކުރަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން، އެއީ އިންސާނާގެ ތަސައްރުފު ނުފުދުމުގެ ހާލަތުން ނިކުމެ އޭނާގެ ބުއްދި، އެހެން މީހުންގެ މައްޗަށް ބުރަނުވެ، އަމިއްލައަށް، ބޭނުންކޮށް، ކަންކަމާމެދު، އޭނާ އަމިއްލައަށް ވިސްނައި ފިކުރުކުރުންކަން ލިޔުއްވިއެވެ. މިތަނުގައި ތަސައްރުފު ނުފުދުމޭ ބުނެވިފައިވަނީ މީހާގެ އުމުރުންވީ ދުވަހަކަށް ނިސްބަތްކޮށެއް ނޫނެވެ. ނަމަވެސް، މަޖާޒީ ގޮތެއްގައެވެ. އަޅުގަނޑުމެންނަށް އެނގޭ ފަދައިން، އަމިއްލަ ބުއްދި ބޭނުންކޮށް ކަންކަމާމެދު ރަނގަޅަށް ވިސްނައި ފިކުރު ކުރަން ނޭނގެނީ ތަސައްރުފު ނުފުދޭ ކުޑަކުދިންނަށެވެ. އެހެންވެ، އުމުރުގެ ގޮތުން ތަސައްރުފު ފުދިފައިވީ ނަމަވެސް، އަމިއްލައަށް ނުވިސްނާ މީހަކީ ކުޑަކުއްޖެއް ފަދަ މީހެއްކަމުގައި ކާންޓު ދެކިލައްވައެވެ.

ބުއްދީގެ ބާރާއި ވިސްނާ ފިކުރުކުރުމުގެ ކުޅަދާނަކަން އިންސާނާއަށް، ގުދުރަތުން (ނުވަތަ ދީނީ އިބާރާތެއް ބޭނުންކުރާ ނަމަ މާތްކަލާނގެ) ދެއްވާފައިވެއެވެ. ނަމަވެސް، އިންސާނާ މި ބާރުގެ ބޭނުންނުކޮށް، މަތީގައި ނަންގަނެވުނު ގޮތުގައި ތަސައްރުފު ނުފުދި ހުރެއެވެ. މިކަމުގެ ސަބަބަކީ ކަންނެއްކަމާއި ނުކެރުންކަމުގައި ކާނޓު ބަޔާންކުރައްވައެވެ. ކަންކަމާ މެދު ވިސްނާ ފިކުރުކުރުމަކީ ހަކަތައާއި ހިތްވަރު ބޭނުންވާ ކަމެކެވެ. އެކަން ނުކޮށް ހުރުން އެއީ ފަސޭހަ ގޮތް ކަމަށް ދެކިގެން، ވިސްނާ ފިކުރުކުރުމުން އިންސާނާ ދުރުވެގަނެއެވެ. އަދި، މިކަމުގެ ސަބަބުން، މީހުންގެ ސިކުނޑީގެ ބާރުތަކަށް ވެރިވެ، މީހުން ކޮންޓުރޯލުކުރުމަށް، އެހެން މީހުންނަށް ފަސޭހަވެ ދެއެވެ. ޚާއްސަ ގޮތެއްގައި ސަރުކާރުގެ އިދާރާތަކުގެ ވެރިންނާ އަދި ދީނީ އިމާމުވެރި ބޭކަލުންނަށެވެ.

ތަންވީރީ ފިކުރުގެ ބަޔަކަށްވެ، ތިމާގެ އަމިއްލަ ބުއްދި ބޭނުންކޮށް އަމިއްލައަށް ވިސްނާ ފިކުރު ކުރުމަށްޓަކައި، ކާންޓު ދެކިލައްވާ ގޮތުގައި، ބޭނުންވަނީ މިނިވަންކަމެވެ. މިނިވަންކަން އޮތް ނަމަވެސް، މުޖުތަމައެއްގެ އެންމެންނަށް އެއްފަހަރާ ތަންވީރީ ފިކުރުގެ އަހުލުވެރި ބަޔަކަށް ވުމަކީ ވަރަށް ދުރުކަމެއްކަން ވެސް ކާންޓު ދެކެލައްވައެވެ. މިއާ ޚިލާފަށް، ވަކި ޖަމާއަތެއް ބަޔަކަށް މިކަން ހާސިލުކުރުމުގެ ފުރުސަތު ބޮޑެވެ. ވަކި ޖަމާއަތެކޭ ބުނެ އިޝާރަތްކުރެވެނީ، މިސާލަކަށް، ވަކި މުއައްލިފެއްގެ ފޮތްތައް ކިޔާ ޖަމާއަތެއްގެ ބަޔަކަށެވެ. ނޫނީ އަދަބީ ޖަމާއަތެއް ފަދަ ޖަމާއަތެއްގެ ބަޔަކަށެވެ. މިހެން ކަންތައް ވުމުގެ ސަބަބަކީ، މިފަދަ ޖަމާއަތްތަކުގައި ތަންވީރީ ފިކުރަށް ތާއީދުކުރާ މީހުން، މަދުން ނަމަވެސް ހިމެނޭނޭ ކަމެވެ. އަދި، މިފަދައިން ޒިހުނީ ގޮތުން މިނިވަން ވެފައިވާ މީހުން، މިނިވަންކަމާއެކު ވިސްނާ ފިކުރުކޮށް، އެކަމުގެ މައްޗަށް ބަލައި، ބުއްދީގެ ހަމަތައް ބޭނުންކޮށް މީހުންގެ އަގު ވަޒަންކުރުމުގެ މިނިވަކަން އެހެން މީހުންނަށްދީ، މި ރޫހު މީހުންގެ ތެރޭގައި ފަތުރާނެއެވެ. ފަހަރެއްގައިވެސް، މީހުންގެ އަގު ވަޒަންކުރެވޭނީ ވަކި އާއިލާއަކަށް ނިސްބަތްވުމަކުން ނުވަތަ، މުޖުތަމައުގައި، އެމީހާގެ އަދާކުރާ ވަޒީފާއަށް ނޫނީ އޭނާގެ އިޖުތިމާއި މަގާމަށް ނޫނީ އިގުތިސާދީ ހާލަތަށް ބަލާފައެއް ނޫނެވެ. މިފަދައިން ކަންތައް ވެދިޔުވުމުން، މީހުންގެ ވިސްނުމުގެ ފާރަވެރިން ކަމުގައި ތިބޭ ސަރުކާރުގެ އިސްވެރިންނާ އަދި ދީނީ އިމާމުވެރި ބޭކަލުން، ތަންވީރީ ފިކުރުގެ ބަޔަކަށް ވުމަށް އަވަސްވެވަޑައި ނުގަންނާނެކަން ވެސް، ކާންޓު ފާހަގަކުރައްވައެވެ. މިއާ ޚިލާފަށް، ބަޔަކު ތަންވީރީ ފިކުރުގެ އަހުލުވެރިންނަށް ވެއްޖެ ނަމަ، މި ނަންގަތް ފަދަ ފާރަވެރިން، އެމީހުން ތިބި ގޮތުގައި، ޒިހުނީ ގޮތުން ތަސައްރުފު ނުފުދި ތިބެން ނިންމާކަން ވެސް ކާންޓު ބަޔާންކުރައްވައެވެ. މީގެ ނަތީޖާއަކީ، ތިމާމެންގެ އަމިއްލަ ބުއްދި ބޭނުންކޮށް، އަމިއްލައަށް ވިސްނާ ފިކުރުކޮށް، ތަންވީރީ ފިކުރުގެ ބަޔަކަށް މީސްތަކުންވާނީ ލަސްލަހުން މަޑުމަޑުންކަމެވެ. އާދެ، އެކަމަށް ވަގުތުތަކެއް ނަގާނެއެވެ. އެހެނީ، އަނިޔާވެރި ވެރިކަމެއް، އިންގިލާބަކުން ބަދަލުކޮށްލެވުނަސް، މީހުންގެ ވިސްނުމަކަށް މި ފަދަ އިންގިލާބަކުން މާ ބޮޑު ހެޔޮ ބަދަލެއް ނުގެނެވޭނެއެވެ. ހިތުގައި އަށަގަންނުވައި ހަރުކޮށްލެވިފައިވާ ގަބޫލުކުރުންތަކަކީ އެހާ ފަސޭހައިން ބަދަލުކޮށްލެވޭ ކަންކަމަށް ނުވާތީއެވެ.

ތަންވީރީ ފިކުރުގެ ބަޔަކަށް މުޖުތަމައުގެ އަފުރާދުން ވުމަށްޓަކައި ބޭނުންވަނީ ކޮންކަހަލަ މިނިވަންކަމެއްތޯ ކާންޓު އޮޅުންފިލުވައިދެއްވިއެވެ. މިގޮތުން، މީހުންގެ ވިސްނާ ފިކުރުކުރުން ދެ ގޮތަކަށް ބޭނުންކުރެވޭކަން ފާހަގަކުރެއްވިއެވެ. ފުރަތަމަ ގޮތަކީ ވަކި ޚާއްސަ ވަޒީފާއެއް އަދާކުރާއިރު އިންސާގެ މިނިވަންކަން ބޭނުންކުރާ ގޮތެވެ. މިސާލަކަށް ސަރުކާރުގެ ވަޒީފާއެއް އަދާކުރާ މީހަކަށް، އޭނާ ހިތުހުރި ގޮތަކަށް ކަންތައް ކުރުމުގެ މިނިވަންކަމެއް ނޯވެއެވެ. އެފަދަ ވަޒީފާ އަދާކުރާ މީހަކަށް ޖެހޭނީ ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަންތައްތައް ކުރާށެވެ. ހަމަ އެހެންމެ، ދީނީ އިމާމުވެރި ބޭކަލެއް ވެސް އޭނާގެ ޖަމާއަތުގެ މީހުންނާ މުޚާތަބުކޮށް ވާހަކަ ދައްކަވާއިރު އޭނާއަށް ޖެހިވަޑައިގަންނަވާނީ އޭނާއަށް ވަޒީފާ ދިން ދީނީ މުއައްސަސާއެއްގެ ތައުލީމާތުތަކާ އެއްގޮތަށް ވާހަކަދައްކަވާށެވެ. މިފަދަ ހާލަތްތަކުގައި އިންސާނާގެ ވިސްނުމާ ފިކުރުކުރުން ބޭނުން ކުރެވެނީ "ޚާއްސަ ސިފައެއްގައިކަން" ކާންޓު ފާހަގަކުރެއްވިއެވެ. މިނަންގަތް ބޭކަލުން، އިލްމީ ބޭކަލުންގެ ހައިސިއްޔަތުން، އެބޭކަލުންގެ ލިޔުންތައް މެދުވެރިކޮށް އާންމުންނާ މުޚާތަބުކުރައްވާ ނަމަ އެބޭކަލުންގެ ވިސްނުމާ ފިކުރުކުރުން އެބޭނުން ކުރެވެނީ އާންމު ސިފައެއްގައިކަން ވެސް ކާންޓު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ މުވައްޒަފަކު، އޭނާގެ ވަޒީފާގެ ދާއިރާން ބޭރުގައި، ކަންކަން އިސްލާހު ކުރުމުގެ ނިޔަތުގައި، ސަރުކާރުގެ ސިޔާސަތަށް ފާޑުކިޔައި، އޭނާގެ ލިޔުންތައް މެދުވެރިކޮށް، އާންމުންނަށް ހުށަހެޅުމުގެ މިނިވަންކަން އޭނާއަށް އޮންނަން ޖެހޭނެކަން ކާންޓު ވިދާޅުވެއެވެ. ހަމަ އެހެންމެ، ދީނީ އިމާމުވެރި ބޭފުޅާ، އޭނާގެ މަސައްކަތުގެ ދާއިރާއިން ބޭރުވެ، އިލްމުވެރިއެއްގެ ހައިސިއްޔަތުން، އޭނާގެ ދީނީ މުއައްސަސާގެ ކަންތައްތައް އިސްލާހުކުރުމުގެ ނިޔަތުގައި ނުވަތަ އެ މުއައްސަސާގެ ތައުލީމާތުތަކުގައި ހުރި، އޭނައަށް ފެނިވަޑައިގަންނަވާ އުނިކަންކަން ފާހަގަކުރައްވައި، އޭނާގެ ލިޔުންތައް މެދުވެރިކޮށް، އާންމުންގެ ކުރިމައްޗަށް ހުށަހަޅާލެއްވުމުގެ މިނިވަންކަން ވެސް އޮންނަން ޖެހެއެވެ. މިވާހަކަތަކުން ކާންޓު ފާހަގަކޮށްދެއްވަން ބޭނުންފުޅުވަނީ މުޖުތަމައުގެ އަފުރާދުން ތަންވީރީ ފިކުރުގެ ބަޔަކަށް ވުމަށްޓަކައި ބޭނުންވަނީ އާންމު ސިފައެއްގައި މީހުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތުމެވެ.

އެހެންވެ، މުޖުތަމައުގެ އަފުރާދުން، ތަންވީރީ ފިކުރުގެ ބަޔަކަށް ވުމަށްޓަކައި، މިނިވަންކަން، ޚާއްސަ ގޮތެއްގައި އާންމު ސިފައެއްގައި މީހުންގެ ރައުޔާއި ޚިޔާލުތައް ހުށަހަޅާލުމުގެ މިނިވަންކަން، އޮންނަން ޖެހެއެވެ. ސަރުކާރުގެ ބާރުގެ ފަރާތުންނާއި އަދި ފައްޅިތައް ފަދަ، ދީނީ މުއައްސަސާތަކުން މިފަދަ މިނިވަންކަމެއް އޮތުމާ ދެކޮޅުހަދާ އެކަމަށް ހުރަސް އެޅިދާނެއެވެ. އެހެންވެ، މިކަމުގެ މައްޗަށް އަލިއަޅުވާލައި، ސަރުކާރުގެ ފަރާތުން ނޫނީ ދީނީ މުއައްސަސާތަކުގެ ފަރާތުން މި މިނިވަންކަމަށް ހުރަސްއަޅައިގެން ނުވާނެކަން ވެސް ކާންޓު ވިދާޅުވިއެވެ.

ސިޔާސީ ވެރިންގެ ވަޒީފާއަކީ، ކަނޑައެޅިފައިވާ ގާނޫނުތަކާ ގަވާއިދުތަކުގެ މަތިން ހަމަހަމަކަމާ އަދި އަދުލުވެރިކަމާއެކު، މުޖުތަމައުގެ ކަންކަން، ހިންގައި މުޖުތަމައުގައި ނިޒާމު ގާއިމުކުރުމެވެ. މިގޮތުން ބޭނުންވާ މުޖުތަމައީ ގާނޫނުތައް ވާންޖެހޭނީ މުޖުތަމައު ބަލައިގަންނަ ގާނޫނުތަކަކަށެވެ. ރަސްގެފާނު އެދިވަޑައިގަންނަވާ ގޮތް ވާންޖެހޭނީ މުޖުތަމައު އެދޭ ގޮތަށްކަން ކާންޓު ދެކިލެއްވައެވެ. މާނައަކީ، މުސްތަބިއްދު ގޮތެއްގައި ރަސްގެފާނު އެދިލައްވާ ގޮތަކަށް މުޖުތަމައުގެ ކަންކަން ކުރައްވައިގެން ނުވާނޭ ކަމެވެ. މި ފަދަ މުސްތަބިއްދު ގޮތަކަށް ރަސްގެފާނު ކަންތައް ކުރައްވާ ނަމަ، ކަންކަމާ ބެހޭ ގޮތުން، މީސްތަކުން، އާންމު ސިފައެއްގައި، އެމީހުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭނެތީއެވެ. މީގެ އިތުރުން، ކާންޓު ދެކިލައްވާ ގޮތުގައި، މީހުންގެ ދީނީ މައްސަލަތަކުގެ ތެރެއަށް ސިޔާސީ ބާރުތަކުގެ ފަރާތުން ވަދެގެން ނުވާނެއެވެ. މީސްތަކުންނާ އެމީހުން ހެއްދެވި ފަރާތާ އޮންނަ ގުޅުން، މީސްތަކުން އެދޭ ގޮތަށް ކުރިއަށް ގެންގޮސް، އެމީހުންގެ ދީނީ އަދި ރޫހާނީ ތަރައްގީގެ މަސައްކަތް އެމީހުން އަމިއްލައަށް ކުރުމަށްޓަކައި އެމީހުންގެ އަތް މައްޗަށް އެކަން ދޫކޮށްލަން ޖެހޭނެއެވެ. "ބަހުގެ ގަވާއިދުގެ އިލްމުވެރިންނަށް ވުރެ މޮޅަށް ރަސްގެފާނަށް ގަވާއިދު އެނގިވަޑައިގަންނަވާ ކަމަށް" ދެކިވަޑައިގެން، ހުރިހާ ކަމެއްގައި ރަސްގެފާނަކީ އެންމެ މޮޅު ބޭފުޅާކަމަށް ދެކެވަޑައިގަތުމަކީ، ރަސްގެފާނަށް، މީހުންގެ ނުރުހުން ލިބޭނޭ ކަމެއްކަން ވެސް ކާންޓު ފާހަގަކުރެއްވިއެވެ. އަދި، މިގޮތަށް ދެކިވަޑައިގެންފި ނަމަ، އެހެން މީހުންނަށް އާންމު ސިފައެއްގައި، އެމީހުންގެ ޚިޔާލުތައް ހުށަހަޅާލުމުގެ މިނިވަންކަމަށް ހުރަސް އަޅާފާނެއެވެ. ނަމަވެސް، އާންމުންގެ އެހެން ބަޔަކު، މީސްތަކުންގެ ދީނީކަންކަމަށް ހުރަސްއަޅާ ނަމަ، ސަރުކާރުގެ ބާރުތަކުން މިކަން ހުއްޓުވަން ޖެހޭނެއެވެ.

ދީނީ މުއަސަސާތަކަކީ ވެސް މީސްތަކުންގެ މިނިވަންކަމަށް ހުރަސްއަޅައި، އެމީހުންނަކީ ތަންވީރީ ފިކުރުގެ ބަޔަކަށް ވުން މަނާކުރާ މުއައްސަސާތަކަކަށް ވެސް ވެދާނެއެވެ. މިހެން ވެދާނެކަމުގެ މިސާލެއްގެ ގޮތުން، އަބަދުގެ އަބަދަށް، ބަދަލުނުވެ ދެމިއޮންނާނޭ ގަބޫލޫކުރުންތައް ލިޔެ ކަނޑައަޅައި އެއްބަސްވެވޭ އެއްބަސްވުމުގެ ވާހަކަ ގެންނެވިއެވެ. މިފަދަ އެއްބަސްވުމަކީ ފަހަރެއްގައި ވެސް ރަނގަޅު އެއްބަސްވުމެއް ނޫންކަމާއި އެފަދަ ކަމެއް ކޮށްގެން ނުވާނޭކަމާއި، އެކަމަކީ ބޮޑު ޖަރީމާއެއް ކަމުގައި ވިދާޅުވެ، ވަރަށް ހަރުކަށި އިބާރާތުން، މިކަން ކާންޓު ކުށްވެރި ކުރެއްވިއެވެ. އެހެނީ މިކަމަކީ އިސްލާހުގެ މަގަށް ހުރަސް އެޅި، ތަންވީރީ ފިކުރުގެ މަގު ބަންދުވެގެން ދާނޭ ކަމަކަށް ވާނެތީއެވެ. މިފަދަ އެއްބަސް ވުމެއް ވެވޭނަމަ، އެކަން ދެމިއޮންނަން ޖެހޭނީ، އެ އެއްބަސްވުމުގައި ކަންތައްތައް އޮތް ގޮތަށް ވުރެ ރަނގަޅު އެހެން ގޮތެއް ފެންނަން ދެން ކަމުގައި ވެސް ކާންޓު ލިޔުއްވައެވެ.

ކާންޓު ގަބޫލުކުރައްވާ ގޮތުގައި މީސްތަކުންނަށް، ޕްރަޝިޔާގައި އެދުވަސްވަރު– އެބަހީ 18ވަނަ ގަރުނުގައި– ތަންވީރީ ފިކުރު ލިބުމުގެ މަގުފަހިވެފައި އޮތެވެ. ވިސްނާ ފިކުރު ކުރުމުގެ މިނިވަންކަން އޮތުމުންނެވެ. ދެން އޮތީ މި މިނިވަންކަން ހެޔޮގޮތުގައި ބޭނުންކޮށް އެންމެނަށް ވެސް ތަންވީރީ ފިކުރު ލިބުން އެދިގެން އެކަމުގެ މަސައްކަތްކުރުމެވެ.

(ތަރުޖަމާ)

މަޒުމޫނު ލިޔުއްވި ސަބަބު

"ވަޓް އިޒް އެންލައިޓެންމެންޓު؟ މި ސުއާލަށް ދެވޭ ޖަވާބެއް!" މިއީ ކާންޓު، 1784 ވަނަ އަހަރު ލިޔުއްވައި ހަމަ އެ އަހަރު "ބާރލިން މަންތުލީ"، މި މަޖައްލާގައި ޝާއިއުކުރެވުނު މަޒުމޫނެކެވެ. މި މަޒުމޫނަކީ އޭގެ އަހަރެއްހާ ދުވަސް ކުރިން، ޕްރަޝިޔާގެ އެދުވަސްވަރުގެ ސަރުކާރުގެ އިސް ވެރިޔަކު، އެ ދުވަސްވަރުގެ މުފައްކިރުންނާ މުޚާތަބުކޮށް، "އެންލައިޓްންމެންޓަކީ" [ތަންވިރީ ފިކުރަކީ] ކޮބައިތޯ ކުރެއްވި ސުއާލަކާ ވިދިގެން، ލިޔެ ޝާއިއުކުރެވުނު މަޒްމޫނުތަކުގެ ތެރޭގައި ހިމެނުނު އެންމެ މަޝްހޫރުވި މަޒްމޫނެވެ.

މަޒުމޫނުގެ ތަރުޖަމާގެ އަސްލު

މި މަޒުމޫނުގެ އަސްލު ލިޔެވިފައިވަނީ ޖަރުމަނު ބަހުންނެވެ. ޖަރުމަނު ބަހަކީ އަޅުގަނޑަށް އެއްގޮތަކަށް ވެސް ނޭނގޭ ބަހެއް ކަމުން، އަޅުގަނޑުގެ ތަރުޖަމާ ބިނާވެފައިވަނީ މި މަޒުމޫނުގެ ބައެއް ތަރުޖަމާތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި އިނގިރޭސި ދެ ތަރުޖަމާއަކާއި އަދި އަރަބި ދެ ތަރުޖަމާ ހިމެނެއެވެ. މީގެ އިތުރުން މައިކަލް ކްލާރކްގެ "ކާންޓްސް ރެޓޮރިކް އޮފް އެންލައިޓްންމެންޓް" މި ލިޔުމާއި އަދި ވެސް ކާންޓުގެ މަޒުމޫނާ ބެހޭ އެހެން ބައެއް ލިޔުންތައް މި ތަރުޖަމާކުރުމަށް އެހީވެދިނެވެ.

އިލްމީ އަދި ފަލްސަފީ ލިޔުންތައް ތަރުޖަމާކުރުމުގައި ދަތިތައް ކުރިމަތި ވެއެވެ. ބޭނުންވާ މަފްހޫމުތަކުގެ ދިވެހި މަފްހޫމު ނޭނގުމެވެ. މީގެ އިތުރުން، އިހުގެ ތާރީޚީ މި ފަދަ ލިޔުންތައް ތަރުޖަމާކުރުމުގައި، މި ފަދަ ލިޔުންތަކުގައި ގެނެވިފައިވާ ބައެއް މަފްހޫމުތަކުގެ މާނަ އިހާރާއި މިހާރާއި އަޅާބަލާއިރު ތަފާތުވުމެވެ. މިސާލަކަށް "އިމްމެޗުއަރ"، "ޕަބްލިކް" ފަދަ މަފްހޫމުތަކުގެ މާނައެވެ. މި ފަދަ ލަފްޒުތަކާއި އޭގެ މާނަ މިހާރު ހިތަށް ނެގޭ ގޮތާއި ކާންޓު އެ ލަފްޒުތައް ބޭނުންކުރައްވާފައިވާ ގޮތުގެ މާނަ ތަފާތެވެ. އެހެންވެ، ތަރުޖަމާކުރުމުގައި މިކަމަށް ސަމާލުވެ، މަޒުމޫނުގައި އެ ފަދަ ލަފްޒުތައް ބޭނުންކުރެވިފައިވާ ގޮތުގެ މާނަ، ސާފުކޮށް، ހުށަހަޅާލަން ޖެހެއެވެ.

ކޮންމެއަކަސް، ކާންޓުގެ މަޒުމޫނުގައި އެކުލެވިގެންވީ މާނަ، އަޅުގަނޑަށް ވިސްނުނު ގޮތުގެ މައްޗަށް ބަލައި، މި ތަރުޖަމާގައި ގެނެސްދެވޭތޯ މަސައްކަތްކުރެވިފައިވާނެއެވެ. ނަމަވެސް، މި ތަރުޖަމާގައި، އިތުރަށް ސާފުކޮށްދީ، އިސްލާހުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރުން ވަރަށް ވެސް ގާތެވެ. އެހެންވެ، މިއީ، ކާންޓުގެ މި މަޒުމޫނުގެ ދިވެހި މާނަކުރުމުގެ ފެށުމެއް ކަމުގައި ދެކެމެވެ. އަދި، މި ތަރުޖަމާގައި ހުރި އުނިކަންތައްތައް ފިލުވައި، އިސްލާހުކޮށް، އާ ތަރުޖަމާތައް ލިޔެވުމަށް ކޮށައިދެވޭ މަގެއް ކަމުގައި މި ތަރުޖަމާވާނެ ކަމަށް ވެސް އުއްމީދުކުރަމުން މި ތަރުޖަމާ ހުށަހަޅާލަމެވެ.

ނޯޓު:

ތަރުޖަމާގައި މިފަދަ [ ] ހަތަރެސްކަން ބުރެކެޓުގެ ތެރޭގައި އިތުރުކުރެވިފައިވަނީ، ސާފުކޮށްދިނުމުގެ ގޮތުން ލިޔެވިފައިވާ މުތަރުޖިމުގެ އަމިއްލަ ވާހަކައެވެ. މިފަދަ ( ) ވަށް ބުރެކެޓުގެ ތެރޭގައި ހިމެނިފައިވަނީ ލިޔުމުގެ އަސްލުގައި އެފަދައިން ލިޔެވިފައިވާ ވާހަކައެވެ.

ތަރުޖަމާ

ތަންވީރީ ފިކުރު ލިބިގަތުމަކީ، އޭނާ އަމިއްލައަށް ލިބިގަނެގެން އުޅޭ، [ޒިހުނީ ގޮތުން، އެބަހީ ވިސްނާ ފިކުރުކުރުމުގެ ގޮތުން،] "ތަސައްރުފު ނުފުދި" ހުރުމުގެ ތެރެއިން، އިންސާނާ ނިކުތުމެވެ. މި ތަސައްރުފު ނުފުދުމަކީ ތިމާގެ އަމިއްލަ ބުއްދި [ވިސްނާ ފިކުރުކޮށް، ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު، ވަކިކޮށް ދެނެގަތުމުގެ ބާރު]، އެހެން މީހެއްގެ އެހީއަކާ ނުލައި، ބޭނުންކުރުމުގެ ކުޅަދާނަކަން ލިބިފައިނުވުމެވެ. އަމިއްލަ ބުއްދި ބޭނުންކޮށް ވިސްނާ ފިކުރުކުރުމުގެ އެކަށޭނަކަމުން ތިމާ މަހްރޫމުވެފައި ނުވިޔަސް، އެހެން މީހެއްގެ އެހީއަކާ ނުލައި، ތިމާގެ ބުއްދި، ތިމާ އަމިއްލައަށް ބޭނުންކޮށް، ވިސްނާ ފިކުރު ކުރުމުގެ ކެރުމާއި ހިތްވަރު ނެތް ނަމަ، މިސިފައަކީ އަމިއްލައަށް ލިބިގަނެގެން އުޅޭ ސިފައެކޭ ބުނެވިދާނެއެވެ. އެހެންވެ، ތަންވީރީ ފިކުރުގެ ޝިއާރަކީ [މޮޓޯއަކީ]:

[ކަންކަން] ދެނެގަތުމަށްޓަކައި، [ތިމާގެ ބުއްދި ބޭނުންކޮށް،] ތިމާ އަމިއްލައަށް ވިސްނުމުގެ ކެރުން ލިބިގަންނާށެވެ!

[ކަލޭމެންގެ ބުއްދި ބޭނުންކޮށް] ކަލޭމެންގެ އަމިއްލަ ވިސްނުން ބޭނުންކުރުމުގެ ހިތްވަރު [ވެސް] ލިބިގަންނާށެވެ! [މިއެވެ.]

ގުދުރަތުން ވަނީ، މާކުރިއްސުރެން ވެސް، އެހެން މީހުންގެ މި އަޅުވެތިކަމުން އިންސާނާ މިނިވަންކޮށްދީފައެވެ. އެހެން ކަމަށް ވިޔަސް، އިންސާނުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު، ހިތްހަމަޖައްސާލައިގެން، މުޅި އުމުރަށް، [އަމިއްލައަށް ވިސްނާ ފިކުރުނުކޮށް،] ތަސައްރުފު ނުފުދި ތިބެއެވެ. މިކަމުގެ މައިގަނޑު ސަބަބަކީ، އެމީހުންގެ ފިނޑިކަމާއި ކަންނެތްކަމެވެ. ހަމަ މި ދެ ސަބަބަށްޓަކައި، އެ މީހުންގެ ބުއްދީގެ ބޭނުންކޮށް، އެމީހުން އަމިއްލައަށް ވިސްނާ ފިކުރު ނުކުރާމީހުންގެ ފާރަވެރިން ކަމުގައި، ދާދި ފަސޭހައިން، އެހެން މީހުންނަށް ވެވެއެވެ.

[ވިސްނާ ފިކުރުނުކޮށް] ތަސައްރުފު ނުފުދި ތިބުމަކީ ކިހާ އަރާމު އަދި ކިހާ ފަސޭހަ ގޮތެއް ހެއްޔެވެ! އަހަރެންގެ ބުއްދި ބޭނުންކޮށް، އަހަރެން އަމިއްލައަށް ވިސްނުމުގެ ބަދަލުގައި އަހަންނަށް ވިސްނައިދޭނެ ފޮތެއް ލިބިފައި އޮވެފައި، އަދި އަހަރެންގެ އަމިއްލަ ޒަމީރުގެ ބަދަލުގައި ދީނީ މުރުޝިދެއް އަހަރެންގެ ޒަމީރުގެ ދައުރު އަދާކުރަން ހުރެފައި، އަދި ކާނާ ސިއްހީތޯ ނުވަތަ ނޫންތޯ ބަލަން ޑޮކުޓަރަކު ހުރެއްޖެ ނަމަ، [އަހަރެންގެ ބުއްދި ބޭނުންކޮށް، ވިސްނަން] އަހަރެން އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހޭނެއެވެ. އަހަރެންގެ އަތުގައި އެކަންކަމަށް އަގުދޭނޭ ފައިސާ ހުރެއްޖެ ނަމަ، އަހަންނަކަށް ވިސްނާކަށް ނުޖެހޭނެއެވެ. އޭރުން، މިބުރަ މަސައްކަތް، އަހަންނަށް، އެހެންމީހުން ކޮށްދޭނެއެވެ.

އިންސާނުންގެ ތެރެއިން، ހަމަ ގައިމުވެސް ވަރަށް ބޮޑު ބައެއް، އަދި މިބައިގެ ތެރޭގައި މުޅި ޖިންސުއްލަތީފުން އެއްކޮށް ހިމެނޭ ހެން، [މި ލިޔުމަކީ 18ވަނަ ގަރުނުގައި ލިޔެވުނު ލިޔުމެއްކަން ހަނދާނުގައި ބެހެއްޓެވުން މުހިއްމު!] އެމީހުންގެ ބުއްދި ބޭނުންކޮށް، އަމިއްލައަށް ވިސްނައި، ތަސައްރުފު ފުދިދިއުމުގެ [މަގުގައި] ފިޔަވަޅެއް ކުރިޔަށް އަޅައިފި ނަމަ، އެއީ ހަމައެކަނި ވަރަށް އުނދަގޫ ކަމެއްކަމުގައި ކަނޑައަޅާލުމުގެ އިތުރުން، އެއީ ވަރަށް ނުރައްކާތެރި ކަމެއްކަމުގައި ވެސް، މިބައިމީހުންގެ ވިސްނުމުގެ މަސައްކަތްކޮށް، އެކަންތައް ބެލެހެއްޓުމާ ހަވާލުވެގެން ތިބި ފާރަވެރިން، ފިސާރިއަވަހަށް، ކަނޑައަޅައި ނިންމައެވެ.

ގެރިބަކަރި ފަދަ ޖަނަވާރުން ފަދައިން، [ތިމާމެންގެ އަމިއްލަ ބުއްދި ބޭނުންކޮށް ވިސްނާ ފިކުރުނުކުރާ] މި މީސްތަކުން ތިބީ އޮޅުކުރެވި، މޮޔައިންނަށް ހަދާލެވިފައެވެ. އަދި ދާދި ފަސޭހައިން ކޮންޓުރޯލުކުރެވޭ މި މަޚްލޫގުތަކުން، އެމީހުން ކޮންޓުރޯލުކޮށް [އެމީހުންނަށް] މަގުދެއްކުމަށްޓަކައި އެމީހުންގެ ގައިގައި އެއްސިފައިވާ ވާތަކުގެ އެހީއާނުލައި، ކެރިގެން، އެމީހުން އަމިއްލައަށް އެންމެ ފިޔަވަޅެއް ވެސް އަޅަން އުޅެފި ނަމަ، މިދެންނެވި ވިސްނުމުގެ ފާރަވެރީން، އެފަދަ ފިޔަވަޅެއް، އެހެން މީހެއްގެ އެހީއަކާ ނުލައި އެޅުމުގައި ހުރި ނުރައްކާތެރިކަން ބަޔާންކޮށް، ބިރުދައްކާ ހަދައެވެ. ނަމަވެސް އެފަދަ ފިޔަވަޅެއް އެޅުމުގައި މާބޮޑު ނުރައްކަލެއް ނެތެވެ. އެހެނީ، [ތުއްތު ކުއްޖެއް ފަދައިން] ދެތިން ފަހަރަކު ވެއްޓިގެން ނަމަވެސް، އެންމެ ފަހުން، ހަމަޔަގީނުން ވެސް، އެމީހުންނަށް އަމިއްލައަށް ހިނގަން ދަސްވާނެއެވެ. [އެބަހީ، އެމީހުންގެ ބުއްދި ބޭނުންކޮށް ވިސްނާ ފިކުރުކުރަން ދަސްވާނެއެވެ.] ނަމަވެސް މިފަދަ ގޮތަކަށް ވެއްޓިގެން ހިނގަން ދަސްވާ ފަދަ މިސާލަކީ މީހުން ޖެހިލުންކުރުވާ، އަދި، އިތުރު ފިޔަވަޅު ކުރިއަށް އެޅުމަށް ބިރުގަންނަވައި އެކަންކުރުމަށް ހުރަސްއަޅާ، ހުއްޓުވާ ކަމެކެވެ.

[މިދެންނެވި ގޮތުގައި ނުކެރި ކަންނެތްކަންމަތީ] ތަސައްރުފު ނުފުދި ތިބުމުން، އެކަމަށް މުޅިން [ހޭނި] އާދަވެ، އެކަން، އެމީހުންގެ ދެވަނަ ތަބީއަތަކަށް، ވެދެއެވެ. މިހެން ކަންތައް އޮތްއިރު، ކޮންމެ ފަރުދަކު، ވަކިވަކިން، އެކަމުގެ ތެރެއިން އަރައިގެނެ، ނިކުތުމަކީ ވަރަށްވެސް ދަތި އުނދަގޫކަމެކެވެ. އޭނާ ވަނީ އެ ގޮތުގައި ހުރުމަށް ރުހި ގަޔާވެފައޭ ވެސް ބުނެވިދާނެއެވެ. އަދި އެހެންވެ، މިކަމުން އަރައިގަނެވޭތޯ، މަސައްކަތްކުރުމަށްޓަކައި އޭނާއަށް ފުރުސަތެއް ދެވިފައި ނެތުމުން، މިވަގުތަށް، އޭނާ ވަނީ، ހަގީގަތުގައި ވެސް، އޭނާގެ ބުއްދި ބޭނުންކޮށް އޭނާ އަމިއްލައަށް ވިސްނާ ފިކުރުކުރުމަށް ނުކުޅެދިފައެވެ. ގުދުރަތީ ގޮތުން އޭނާއަށް ހިބަކޮށްދެވިފައިވާ ދެވުންތަކުގެ ފައިދާ ލިބިގަތުމަށްޓަކައި އޭގެ އެހީގައި، ބުއްދީގެ ބޭނުން، ނުވަތަ ބުއްދީގެ ނަހަމަ ބޭނުން، ކުރުމަށްޓަކައި، [މީސްމީހުންގެ އަމިއްލަ އަތުން ހަދައި ތައްޔާރުކުރެވިފައިވާ] ގަވާއިދުތަކާއި ނިޒާމުތަތަކަކީ ތަސައްރަފު ނުފުދޭ ހާލުގައި އިންސާނާ ބެހެއްޓުމަށްޓަކައި، އޭނާގެ ގައިގައި އަޅުވާފައި އޮންނަ ކަސްތަޅުތަކެވެ. އަދި ފަހަރެއްގައި، މީހަކަށް، މިކަސްތަޅުން މިނިވަންވެގަނެވުނު ކަމުގައި ވިޔަސް، ކިތަންމެ ހަނިކޮށް ކޮނެ، ކަނޑާފައިވާ ކޯރެއް ގިރާކޮށް ފުންމާލަން ވެސް އޭނާ ޖެހުލުންވެއެވެ. އެހެނީ، މިގޮތަށް މިނިވަންކަމާއިއެކު ހަރަކާތްތެރިވާން އޭނާ އާދަވެފައި ނެތީމައެވެ. މިސަބަބަށްޓަކައި، އެމީހުންގެ އަމިއްލަ ވިސްނުން ތަރައްގީކޮށް، އަމިއްލަ ނަފްސަށް އިތުބާރުކުރާ ހާލު، ކެރިގެން، ތިމާގެ ބުއްދި ބޭނުންކޮށް، އަމިއްލައަށް ވިސްނާ ފިކުރު ކުރުމުގައި ދެމިތިބެގެން، އެމީހުންގެ އަމިއްލަ ތަސައްރުފު ނުފުދިތިބުމުގެ ހާލަތުގެ ތެރެއިން ނިކުމެގަނެވެނީ ވަރަށްވެސް މަދުބަޔަކަށެވެ.

[މުޖުތަމައެއްގެ ހުރިހާ ފަރުދުން އެއްފަހަރާ ތަންވީރީ ފިކުރުގެ ބަޔަކަށް ވެދިޔުމަށް ވުރެ،] ވަކި ޖަމާއަތެއްގެ މީހުންނަށް [މިސާލަކަށް އަދަބީ ޖަމިއްޔާއެއްގެ މެމްބަރުންނަށް ނޫނީ ވަކި ލިޔުންތެރިއެއްގެ ލިޔުންތައް ކިޔާ އުޅޭ ބަޔަކަށް] ތަންވީރީ ފިކުރުގެ ބަޔަކަށްވުމުގެ ފުރުސަތު ބޮޑެވެ. އެފަދަ ޖަމާއަތެއްގެ މީހުންނަށް [އެމީހުންގެ ބުއްދި ބޭނުންކޮށް، ވިސްނާ ފިކުރުކުރުމުގެ] މިނިވަންކަން ލިބިފައި އޮތް ނަމަ، މިއީ ހަމަގައިމު ވެސް، ނުވެނުދާނޭ ކަމެކެވެ. އެހެނީ، އަބަދުވެސް އަމިއްލައަށް ވިސްނާ ފިކުރުކުރާ މަދު ބަޔަކު [ނަމަވެސް] އުޅޭނެއެވެ. [ސަރުކާރުތަކުގެ އިދާރާތަކުގެ ވެރިންނާއި ދީނީ އިމާމުވެރި ބޭކަލުން ފަދަ] އާންމު މީސްތަކުންގެ ވިސްނުމުގު ކަންތައްތައް ކޮންޓުރޯލުކޮށް ބެލެހެއްޓުމެގެ ފާރަވެރިންގެ ތެރޭގައި ވެސް މިފަދަ [ތަންވީރީ ފިކުރުގެ، މަދު] ބަޔަކު [ނަމަވެސް] އުޅޭނެއެވެ. މިފަދަ ފާރަވެރީން، އެމީހުންގެ ގައިގާ އެޅިފައިވާ [އަމިއްލައަށް ވިސްނާ ފިކުރުކުރުމަށް] ނުކުޅެދިފައިވުމުގެ ކަސްތަޅުން މިނިވަންވެ، މީހުންގެ އަގާއި [އެބަހީ އޭނާގެ މޮޅުދެރަކަމާއި] އަމިއްލައަށް ވިސްނާ ފިކުރުކުރުމަށް، މީހުންނަށް، ގޮވާލެވޭ ގޮވާލެވުން، ބުއްދި ހަމަތަކުގެ މަތިން އަގުވަޒަން ކުރުމުގެ ރޫހު މީހުންގެ ތެރޭގައި ފަތުރާނެއެވެ. މިމައްސަލައާ ގުޅޭ ގޮތުން ފާހަގަކޮށްލެވޭ، ވަރަށް ވެސް އަޖައިބުކުރުވަނިވި، ކަމެއް އޮވެއެވެ. އެމީހުންގެ [ވިސްނުމާ ފިކުރުކުރުމުގެ ކަންތައްތައް ބަލަހައްޓައި ކޮންޓުރޯލުކުރާ] ފާރަވެރިންގެ ސަބަބުން، ކުރިން، [އަމިއްލައަށް ވިސްނައި ފިކުރުކުރުމަށް ނުކުޅެދިފައި ވުމުގެ] އަޅުވެތިކަމުގައި ލެއްވިފައިވާ ޖަމާއަތެއްގެ މީހުން، މި ނަންގަތް [ފަދަ،] ތަންވީރީ ފިކުރުގެ ބަޔަކަށް، ދުވަހަކު ކޮޅުންވެސް، ނުވެވޭނޭ ފާރަވެރިންގެ ތެރޭގައި ހިމެނޭ [ތަންވީރީ ފިކުރުގެ] ބައެއް މީހުންގެ ސަބަބުން، އެކަށީގެންވާ ގޮތެއްގައި، ހިލުވާލެވި، ހޭލުންތެރިވެއްޖެ ނަމަ، [މިކަން، ތަންވީރީ ފިކުރުގެ އަހުލުވެރި ބަޔަކަށް ނުވެވޭނޭ،] ސީދާ މި ފާރަވެރިން [އަމިއްލައަށް ވިސްނާ ފިކުރު ނުކުރުމުގެ] އަޅުވެތި ކަމުގައި ދެމި ތިބުމަށް މަޖުބޫރުކުރުވައެވެ. އެހެނީ، [އަމިއްލަ ވިސްނުމުގެ ބޭނުން ނުކޮށް]، ކުރިން، ހިތުގައި އަށަގެންނެވިފައިވާ ތަސައްވުރުތައް [އެބަހީ، ކަންކަމާ ބެހޭ ގޮތުން، ކިޔައި އަޅައި، ހިތުގައި ހަރުކޮށްލެވިފައިވާ ސޫރަތައް] މީހުންގެ ހިތްތަކަށް ވެއްދުމަކީ ވަރަށް ވެސް ގެންލުންހުރި ކަމެކެވެ. މިކަމުގެ ސަބަބުން، އާޚިރުގައި، މި ފަދަ ތަސައްވުރުތައް، އަމިއްލައަށް، އެފަދަ ކަންކަމަށް ހިތްވަރުދޭ މީހުންގެ ކިބައިން (ނޫނީ އެކަންކަން ވާރުތަވީ މީހުންގެ ކިބައިން) ބަދަލު ހިފައެވެ. މިއިން އެނގެނީ، [މަތީގައި ނަންގެނެވުނު އަދަބީ ނުވަތަ ވަކި ލިޔުންތަކެއް ކިޔާ] ޖަމާއަތެއްގެ މީހުންނަށް ވެސް ތަންވީރީ ފިކުރުގެ އަހުލުވެރި ބަޔަކަށް ވެވެނީ ވަރަށް ވެސް ލަސްލަހުން، މަޑުމަޑުން، ކަމެވެ. ހުރިހާ ބާރެއް ވަކި ފަރުދެއްގެ އަތްމަތީގައި އޮންނަ ވެރިކަމަކަށާއި [ދައުލަތުގެ މުދަލާއި ފައިސާއަށް] ދަހިވެތިވެ، ވެރިކަމުގެ ބާރު، ތިމާމެންގެ އަތްމަތީ ދެމި އޮތުމަށް އެދޭ އަނިޔާވެރި ވެރިކަމަށް، އިންގިލާބަކުން، ނިމުން ގެނެވިދާނެއެވެ. ނަމަވެސް، މިފަދަ އިންގިލާބަކުން، ފަރުދުންގެ ވިސްނާ ފިކުރުކުރުމުގެ ގޮތްތަކަށް އިސްލާހެއް، ހެޔޮބަދަލެއް، ނުގެނެވޭނެއެވެ. އެހެނީ، އޭރުން، ކުރީގައި ހިތުގައި އަށަގެންނެވިފައިވާ އަމިއްލަ ވިސްނުމާ ދުރު ގޮތްތަކުގެ ބަދަލުގައި އާ އެފަދަ [އެހެން] ގޮތްތަކެއް އަމިއްލައަށް ވިސްނާ ފިކުރުނުކުރާ އާންމުންގެ ހިތްތަކުގައި އަށަގަންނުވައި އެމީހުން ކޮންޓުރޯލުކުރެވޭނެއެވެ.

[މަތީގައި ދެންމެ މި ނަންގަނެވިދިޔަ ޕެރަގްރާފު ވިސްނައި ފަހުމްކޮށްލުމަށް އެހީވެދިނުމުގެ ގޮތުން، އަޅުގަނޑުމެން ދިވެހިންގެ ކައިރި މާޒީގެ ދެ ވާހަކައެއް ލިޔެލާނަމެވެ. މީގެ ތެރެއިން ފުރަތަމަ ވާހަކަ ގުޅެނީ ނަވާރަ ސަތޭކަ އަށްޑިހައިގެ ފަހުގެ އަހަރުތަކާއެވެ. މި ދުވަސް ވަރު، ކުޑަ ދުވަސްކޮޅަކަށް ނަމަވެސް، ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް ނޫސްވެރިކަމުގެ ދާއިރާށް ލިބުނެވެ. "ނޫސްވެރިކަމުގެ ދާއިރާއަކީ" މަތީގައި ނަންގަނެވުނު ވަކި "ޖަމާއަތެއް"ގެ މިސާލެއްކަމުގައި ބައްލަވާށެވެ. ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓިފައި އޮތީ ސަރުކާރުގެ ފަރާތުންނެވެ. މިއީ މަތީގައި ނަންގަނެވުނު "ފާރަވެރިޔާގެ" މިސާލެއް ކަމުގައި ބައްލަވާށެވެ. އެހެން ކަމުގައި ވިޔަސް، މި މިނިވަންކަން، ސަރުކާރުގެ އިސް ވެރިޔާ، ކުޑަ ދުވަސްކޮޅަކަށް ނަމަވެސް، ދެއްވިއެވެ. މަތީގައި ނަންގަނެވުނު "ފާރަވެރިންގެ ތެރޭގައި ވެސް އަމިއްލަ ވިސްނުން ބޭނުންކުރުމަށް ދައުވަތު ދޭނޭ ބަޔެއްގެ" މިސާލެއްކަމުގައި މިކަން ބައްލަވާށެވެ. ވަގުތީ މި މިނިވަންކަމުގެ ސަބަބުން، ނޫސްވެރިން "ހިލިގެން" ދިޔައެވެ. ސަރުކާރަށް ފާޑުކިޔައި ތަފާތު ލިޔުންތައް، މިނިވަންކަމާއެކު، ލިޔެވުނެވެ. "ސަންގާއި" "ހުކުރު" ފަދަ ނޫސްތަކުގައެވެ. ދެންވީ ކިހިނެއްތޯއެވެ؟ މިނަންގަތް ޖަމާއަތުގެ– ނޫސްވެރިންގެ– އަމިއްލަ ވިސްނުމުގެ ސަބަބުން، އެފަދަ ގޮތަކަށް "ވިސްނައި ފިކުރުކުރަން ނުކުޅެދިފައިވާ" ސަރުކާރުގެ ގިނަ އިސްވެރިންގެ ވިސްނުން ބަދަލުވީކީ ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ސަރުކާރުގެ އިސް ގިނަ ވެރިން ހަމަ އެމީހުން ތިބި ގޮތުގައި، އަމިއްލަ ވިސްނުމާއި ފިކުރުކުރުމުގެ މަސައްކަތް ކުރަން ނުކުޅެދިފައި ތިބީއެވެ. އަދި މީގެ އިތުރުން، މި އިސް ވެރިންގެ މަސައްކަތުން، މިނަންގަތް ފަދަ ނޫސްތައް ބަންދުކޮށް، ނޫސްވެރިންގެ "ޖަމާއަތަށް" ދެވެނު މިނިވަންކަމަށް ހުއްޓުން ގެނުވީއެވެ. އާދެ، ދެން، ސާރުކާރުން ނިންމީ ކުރިން ވެސް އޮތް ގޮތަށް، އަމިއްލަ ފަރުދީ ވިސްނުން ކޮންޓުރޯލުކޮށްފައި ބޭއްވުމަށެވެ. ނަތީޖާއަކަށްވީ މަތީގައިވާ ޕެރެގުރާފުގައި ނަންގަނެވިފައިވާ ގޮތަށް، ތަންވީރީ ފިކުރެއް ލިބުން، އާދެ، ކަންކަމާ މެދު، އަމިއްލައަށް ވިސްނާ ފިކުރުކުރުމުގެ އެކަށޭނަކަން ލިބުން ލަސްވުމެވެ. ދެން އައި ފަނަރަ، ވިއްސަކަށް އަހަރު ތެރޭގައި ފެނިގެން ދިޔައީ މަތީގައި ނަންގަނެވުނު "ބަދަލު ހިފުމުގެ" މަންޒަރެވެ. ސަރުކާރުގެ ސިޔާސާތުތަކަށް ފާޑުކިޔައި ތަފާތު "ސިއްރު" އޮންލައިން ނޫސްތައް ނިކުންނަށް ފެށިއެވެ. މިކަން ނިމިގެން ދިޔައީ ކުރީގައި އޮތް މުސްތަބިއްދު، ސަރުކާރު، އާދެ، މަތީގައި ބަޔާންކުރެވުނު "ހުރިހާ ބާރެއް ވަކި ފަރުދެއްގެ އަތްމަތީގައި އޮންނަ ވެރިކަމަކަށާއި [ދައުލަތުގެ މުދަލާއި ފައިސާއަށް] ދަހިވެތިވެ، ވެރިކަމުގެ ބާރު، އެބަޔެއްގެ އަތްމަތީ ދެމި އޮތުމަށް އެދޭ އަނިޔާވެރި ވެރިކަމަށް"، 2008ގައި ނިމުން ގެނެވި، ސަރުކާރު ބަދަލުވެގެންނެވެ.

ދެވަނަ ނުކުތާ ގުޅެނީ މި ބަދަލުވުމާއެވެ. މި ބަދަލުވުމުގެ ސަބަބުން، އާންމުންގެ ވިސްނުމާއި ފިކުރުކުރުމަށް މާ ބޮޑު ހެޔޮ ބަދަލެއް އަޔެކޭ ނުބުނެވޭނެއެވެ. މަތީގައި އިޝާރާތް ކުރެވުނު، "ސަރުކާރެއް ބަދަލުވުމަކުން އާންމުންގެ ވިސްނުން ބަދަލު ނުވުމުގެ" މިސާލަކަށް މިކަން ފުދެއެވެ. އިހުގައި އާންމުންގެ ވިސްނުމާ ފިކުރު ކޮންޓުރޯލުކުރެވުނީ، ސަރުކާރުގެ އަމުރުވެރި ފަރާތްތަކުން، ސީދާ ބާރުގެ ބޭނުން ކޮށްގެންނެވެ. ސަރުކާރުގެ ވިސްނުމާ ޚިލާފުވެއްޖެ ބަޔަކަށް އަދަބުދީގެންނެވެ. ފަހުން، އެކަން ކޮންޓުރޯލުކުރެވުނީ "ޕާރޓީގެ ވިސްނުން" ގެންގުޅެން ޕާރޓީގެ މެމްބަރުންނަށް މަޖުބޫރުކުރެވިގެންނެވެ. އަދި، އެފަދަ ގޮތަކަށް އަމަލު ނުކުރާ ނަމަ، ވަޒީފާ ލިބުމުގެ ފުރުސަތުތަކާއި އެހެނިހެން ވެސް މާއްދީ ފައިދާތަކުން މީސްތަކުން މަހުރޫމުކުރުމުގެ ބިރުދައްކައިގެންނެވެ. މިކަންކަމުގެ އަލީގައި މަތީގައިވާ ޕެރަގުރާފު ކިޔާލުމުން، އޭގައިވާ ވާހަކަތައް ވިސްނައި ފަހުމުކޮށްގަތުމަށް އެހީވެދޭނެ ކަމަށް ހީކުރަމެވެ.

މި މަގާމުގައި އިތުރަށް ފާހަގަކޮށްލަން ބޭނުންވަނީ މަތީގައި ބަޔާންކުރެވުނު ފަދަ، "ތަންވީރީ ފިކުރެއްގެ" ބަޔަކަށްވެވޭނީ އަޑުއަހާށާއި، ކިޔަން ދަސްވެގެންނެވެ. އަޑުއަހާ އެއްޗެއް ނުވަތަ ކިޔާ އެއްޗެއް، އެކުލެވިގެންވާ ބައިތައް ދެނެގަނެ، އެ އެއްޗެއް ތަހުލީލުކޮށް، އެއާ މެދު ފާޑުކިޔުމުގެ ނަޒަރަކުން ބަލައިލަން އެނގިގެންނެވެ. މިސާލަކަށް، ރާއްޖެއަށް ބޭނުންވަނީ، އަދި ރަނގަޅުވާނީ، ބަރުލަމާނީ ނިޒާމެކޭ މީހަކު ބުނެ ދައުވާކޮށްފި ނަމަ، އެ ނިޒާމު ރަނގަޅުވަނީ ކީއްވެގެންކަން، ބުއްދި ގަބޫލުކުރާ ހެއްކާ ދަލީލު ދައްކައި، އެކަން ސާފުކޮށްދީ ބަޔާންކޮށްދޭން ޖެހެއެވެ. މިކަން ނުކުރެވޭ ނަމަ މި ދައުވާވާނީ ބާތިލު ދައުވާއަކަށެވެ. މީހުންގެ އަމިއްލަ ވިސްނުމާ ފިކުރަށް ހެޔޮ ބަދަލެއް އައުމުން، އެމީހުންގެ އަމިއްލަ ވިސްނުމުގެ އަލީގައި، މިފަދަ ދައުވާތަކުގެ މައްޗަށް ނަޒަރު ހިންގައި، ތަހުލީލީ ގޮތެއްގައި ބަލައި، އެ ދައުވާގެ ސައްހަކަމާ ދޭތެރޭ ގޮތެއް ނިންމާނެއެވެ. އ.ހ. މުތަރުޖިމު.]

މިފަދަ ތަންވީރީ ފިކުރެއް ލިބިގަތުމަށްޓަކައި ބޭނުންވަނީ ހަމައެކަނި މިނިވަންކަމެވެ. އަދި މިބުނާ މިނިވަންކަމަކީ މިނިވަންކަމުގެ ތެރޭގައި ހިމެނޭ އެންމެ ގެއްލުން ކުޑަ މިނިވަންކަމެވެ. މި މިނިވަންކަން ނިޔާކުރަނީ، ހުރިހާ ކަމެއްގައި ވެސް، އޭނާގެ ވިސްނުން، އާންމު ސިފައެއްގައި ބޭނުންކުރާއިރު، [މީގެ މާނަ ތިރީގައި ބަޔާންކުރެވޭނެއެވެ!] އިންސާނާގެ [އަމިއްލަ] ވިސްނުން ބޭނުންކުރުމެވެ. ނަމަވެސް، ހުރިހާ ދިމާއަކުން ވެސް އަހަންނަށް އިވެނީ [މިކަން މަނާކޮށް] ގޮވާލެވޭ މި އަޑެވެ. [ސިފައިންގެ] އޮފިސަރު ވިދާޅުވާ އަޑެވެ. "[ދެކޮޅުހަދައި] ޒުވާބު ނުކުރާށެވެ! ސަފުތެރެއަށް ވަދެ ތަމްރީނުތަކައިގެން ކުރިއަށްދާށެވެ!" ޓެކުސް ބަލައިގަންނަ އޮފިސަރު ވިދާޅުވާ އަޑެވެ. [ދެކޮޅުހަދައި] ޒުވާބު ނުކުރާށެވެ! ޓެކުސް ދައްކާށެވެ! ދީނީ އިމާމުވެރި ބޭކަލުން ވިދާޅުވާ އަޑެވެ! [ދެކޮޅުހަދައި] ޒުވާބު ނުކުރާށެވެ! [ތިމަން މި ބުނާ ވާހަކަ] ގަބޫލުކުރާށެވެ! ([ނަމަވެސް،] ދުނިޔޭގައި ވެރިކަންކުރައްވާ އެއް ވެރިޔަކު ވިދާޅުވެއެވެ. [މިތާނގައި ކާންޓު އިޝާރަތްކުރައްވަނީ އެދުވަސްވަރު ޕްރަޝިޔާގެ ރަސްކަންކުރައްވަމުން ގެންދެވި ފްރެޑަރިކް ދެވަނަ، މި ރަސްގެފާނަށެވެ.] ކަލޭމެން ބޭނުން މައުޟޫއެއްގައި ކަލޭމެން ބޭނުން ވަރަކަށް އެއްޗެހި ބުނެ ބަހުސްކުރާށެވެ! ނަމަވެސް، [އާންމު މަސްލަހަތު ހިފަހައްޓަން ހެދިފައިވާ ގާނޫނުތަކަށް] ބޯލަނބައި ކިޔަމަންތެރިވާން ޖެހޭނެއެވެ!) މީގެ މާނައަކީ ހުރިހާ ތަނެއްގައި ވެސް މިނިވަންކަން ހިފެހެއްޓިފައިވާ ކަމެވެ. ނަމަވެސް، [ސުއާލަކީ] ތަންވީރީ ފިކުރެއް ލިބުމަށް ހުރަސްއެޅެނީ ކޮން ބާވަތެއްގެ މިނިވަން ކަމެއް ހިފެހެއްޓުމުން ހެއްޔެވެ؟ އަދި އެ ބާވަތެއްގެ މިނިވަންކަމެއް ހިފެހެއްޓިއްޖެ ނަމަ، ތަންވީރީ ފިކުރަށް ހުރަސް ނާޅާ މިނިވަންކަމުގެ ބާވަތަކީ ކޮބާ ހެއްޔެވެ؟ އަދި އެ މިނިވަންކަން ލިބުމުން، ތަންވީރީ ފިކުރަށް މަގުފަހިކޮށްދެނީ ކޮން ކަހަލަ މިނިވަންކަމެއް ހެއްޔެވެ؟ [މީގެ] ޖަވާބުގައި އަހަރެން ބުނަމެވެ. އިންސާނާގެ ވިސްނުން "އާންމު ސިފައެއްގައި" ބޭނުންކުރުމުގެ މިނިވަންކަން އަބަދުވެސް އޮންނަން ޖެހޭނެއެވެ. ތަންވީރީ ފިކުރެއް މީސްތަކުންގެ ތެރެއަށް ގެނައުމަށްޓަކައި ބޭނުންވަނީ ހަމަ އެކަނި މި ފަދަ މިނިވަންކަމެކެވެ. އިންސާނާގެ ވިސްނުން "ޚާއްސަ ސިފައެއްގައި" ބޭނުން ކުރެވޭއިރު، ވަރަށް ގިނަ ފަހަރު، އޭނާގެ މިނިވަންކަން، މަހުދޫދު ގޮތެއްގައި، [ކުޑަ ގޮތަކަށް]، ހިފެހެއްޓިފައި އޮންނަން ޖެހެއެވެ. ނަމަވެސް، އެއްވެސް ހަގީގީ އުޒުރެއް ނެތި، ތަންވީރީ ފިކުރު ތަރައްގީވެ، ކުރިއެރުމަށް، ހުރަސްނާޅާ ގޮތަކަށެވެ. ދެން، "އާންމު ސިފައެއްގައި" އިންސާނާގެ ވިސްނުން ބޭނުންކުރުމޭ [ބުނާއިރު]، މި އިބާރާތުން އަހަރެން ގަސްދުކުރާ މާނައަކީ ތައުލީމީ މީހެއްގެ ހައިސިއްޔަތުން، [ލިޔުންތައް] ކިޔައި އުޅޭ ރައްޔިތާ މުޚާތަބުކޮށް، ކޮންމެ މީހެއްވެސް އެމީހެއްގެ ވިސްނުން ބޭނުންކުރާ ބޭނުންކުރުމަށެވެ. އިންސާނާގެ ވިސްނުން "ޚާއްސަ ސިފައެއްގައި" ބޭނުންކުރުމޭ [ބުނާއިރު] މި އިބާރާތުން އަހަރެން ގަސްދުކުރާ މާނައަކީ، މީހަކު އޭނާއާ ހަވާލުކުރެވިފައިވާ މަދަނީ ވަޒީފާއެއް އަދާކުރާއިރު ނުވަތަ ވަކި [އަސްކަރީ] މަގާމެއްގެ ވާޖިބު އަދާކުރާއިރު އޭނާގެ ވިސްނުން، ބޭނުންކުރާ ބޭނުންކުރުމަށެވެ.

ޝައްކެއްނެތް ގޮތުގައި، ރައްޔިތުންގެ އާންމު މަސްލަހަތަށް އަސަރުކުރާ ކަންކަމުގައި، ކަނޑައެޅިފައި އޮންނަ ވަކި ގޮތްތަކަކަށް، ކަންތައްތައް ކުރަން އަހަރުމެންނަށް ޖެހެއެވެ. އެހެންވީމާ، ރައްޔިތުންގެ ތެރެއިން ވަކި ބަޔަކު، ކަނޑައެޅިފައި އޮންނަ ވަކި ގޮތަކަށް، ކަންކަން ކުރަން ޖެހެއެވެ. މިހެން ކަންތައް އޮތުމުން، [ސަރުކާރުން] ކަނޑައަޅާލާ އާންމު އެއްބަސްވުމެއްގެ މަތިން، ރައްޔިތުންގެ ފައިދާއަށްޓަކައި (ނޫނީ، އެންމެ ކުޑަވެގެން، އެ ފައިދާތައް ގެއްލި ނުދިޔުމަށްޓަކައި) މި ނަންގަތް މީހުންނަށް، ސަރުކާރުގެ ވަޒީފާތައް އަދާކުރެވޭ ގޮތް ވެއެވެ. މިފަދަ ހާލަތެއްގައި [އެފަދަ މީހުންނަށް، ކަންތައް ކުރަން ކަނޑައެޅިފައި އޮންނަ ގޮތާ] ޚިލާފުވެ، [އެކަމާ] ޒުވާބެއް ނުކުރެވޭނެއެވެ. [މިފަދަ ހާލަތެއްގައި، އެބަހީ، ސަރުކާރުގެ ވަޒީފާ އަދާކުރާ ހާލަތެއްގައި، ސަރުކާރުގެ ގަވާއިދުތަކަށް] ކިޔަމަންގަތުމަކީ ވާޖިބެކެވެ. ނަމަވެސް، [ސަރުކާރުގެ] މެޝީނުގެ އޮނިގަނޑުގައި ހިމެނޭ ސޯބެއްގެ ގޮތުގައި މަސައްކަތް ކުރާ މި މީހަކީ، އެއްބަޔެއްގެ ގޮތުގައި، ނޫނީ ތަފާތު ބައިތަކުގެ މައްޗަށް އެކުލެވިފައި، އޮންނަ މުޖުތަމައެއްގެ މެންބަރެއް ކަމުގައި ވެސް ބެލެވޭއިރު، އަދި އެ މީހަކީ ތައުލީމީ މީހަކަށް ވެފައި، އޭނާގެ ލިޔުންތައް މެދުވެރިކޮށް، އެންމެ ފުރިހަމަ މާނައިގައި، އާންމު ރައްޔިތުންނާ މުޚާތިބުކޮށް، އޭނާގެ ބައެއް ވަގުތުތަކުގައި ވަކި ގޮތްތަކަކަށް ތަބާވެ، ވަޒީފާ އަދާކުރުމުގައި ކުރަންޖެހޭ ކަންކަމަށް ގެއްލުން ނުލިބޭ ގޮތަށް، [އޭނާގެ ލިޔުންތައް މެދުވެރިކޮށް، މިނިވަންކަމާއެކު، ކަންކަމާ ބެހޭގޮތުން] ޒުވާބުދީ ހުއްޖަތް ދެއްކިދާނެއެވެ. ނަމަވެސް، [މިސާލަކަށް، ސިފައިންގެ] އޮފިސަރަކު އޭނާގެ ވާޖިބު އަދާކުރުމުގައި ދެމިހުންނައިރު، އޭނާގެ އިސްވެރިޔެއްގެ ފަރާތުން އޭނާއަށް އަންނަ އަމުރަކާ މެދު ފާޅުގައި ދެކޮޅުހަދައި، އެ އަމުރުގެ އެކަށޭނަކަމާ ނުވަތަ ބޭނުންތެރިކަމާ މެދު، ޖަދަލުކޮށް ޒުވާބުދިނުން ވާނީ ވަރަށް ވެސް ގެއްލުން ހުރި ކަމަކަށެވެ. އޭނާއަށް ޖެހޭނީ އެ އެއަމުރަށް ހަމަ ކިޔަމަންގަތުމަށެވެ. ނަމަވެސް، ތައުލީމީ މީހެއްގެ ހައިސިއްޔަތުން، އޭނާއަށް ފެންނަ، އަދި، އަސްކަރީ ޚިދުމަތާ ބެހޭ ގޮތުން، އޭނާ ފާހަގަކުރާ ބައެއް ހަމަނުޖެހޭ ކަންތައްތަކުގެ ވާހަކަތައް ލިޔެ، [އޭނާ ދެކޭ ގޮތާ މެދު] އާންމުން ނިންމާ ގޮތެއް ނިންމުމަށްޓަކައި، އެމީހުންގެ ކުރި މައްޗަށް ހުށަހަޅާލުމަކީ، ބުއްދީގެ ހަމަތަކުގެ މަތިން ބަލާއިރު، އޭނާއަށް މަނާކުރެވިގެންވާނޭ ކަމެއްނޫނެވެ. [ހަމަ އެހެންމެ،] ރައްޔިތުންގެ އެކަކަށް ވެސް، އޭނާ ދައްކަންޖެހޭ ޓެކުސް ދެއްކުމަށް އިންކާރެއް ނުކުރެވޭނެއެވެ. މިފަދަ ޓެކުހެއް ދައްކަންޖެހޭ ވަގުތުގައި، އޭނާގެ އަމިއްލަ މިނިވަންކަމުގެ އިމުން ބޭރުވެ، އެކަމަށް ފާޑުކިޔައި [އެ ޓެކުސް ދެއްކުމާ] ދެކޮޅު ހަދައިފި ނަމަ، އެކަމަކީ އާންމު ނުކިޔަމަންތެރިކަމަކަށް މަގުފަހިކޮށްދީފާނޭ ފަދަ އަމުރަށް ނިކުޔަމަންތެރިވުމުގެ އަދަބު، އޭނާއަށް، ދެވިދާނޭކަމެކެވެ. އެހެންކަމަށް ވިޔަސް، ހަމަ މި ރައްޔިތު މީހާ، ތައުލީމީ މީހެއްގެ ހައިސިއްޔަތުން، [ރައްޔިތުންގެ އަތުން] ފައިސާ ނެގުމާ ބެހޭ މިފަދަ ފިޔަވަޅުތަކާ މެދު، އެއީ މުނާސިބު ނޫން، ނުވަތަ އެއީ އަނިޔާވެރި ފިޔަވަޅުތަކެއް ކަމުގައި ބުނެ، އޭނާ ދެކޭ ގޮތުގެ އަޑު، އާންމު ސިފައެއްގައި، އުފުލުމަކީ އޭނާގެ މަދަނީ ވާޖިބު އަދާކުރުމާ ފުށުއަރާ ކަމެއް ނޫނެވެ. ހަމަ އެހެންމެ، ދީނީ އިމާމުވެރި ބޭކަލަކު، އޭނާގެ ދަރިވަރުންނާއި އޭނާގެ ޖަމާއަތަށް، އިރުޝާދު ދޭންޖެހޭނީ އޭނާ ޚިދުމަތްކުރާ ދީނީ މުއައްސަސާއެއްގެ އިއުތިގާދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެހެނީ، އޭނާއަށް ވަޒީފާ ދެވުނީ އެ ގޮތަށް ކަންތައްތައް ކުރުމުގެ މަތިން ކަމަށްވާތީއެވެ. ނަމަވެސް، އިލްމީ މީހެއްގެ ހައިސިއްޔަތުން، ރަނގަޅަށް ދިރާސާކުރުމަށް ފަހު، ހެޔޮ އެދިގެން، އާންމުންގެ ކުރިމައްޗަށް، [އޭނާގެ ނަޒަރުގައި] އެފަދަ އިއުތިގާދުތަކުގެ ހަމަނުޖެހޭ ބައިތަކަކީ ކޮބައިކަމާއި، އަދި ދީނީ ކަންތައްތަކާއި ދީނީ މުއައްސަސާގެ ކަންތައްތައް ހަމަޖައްސައި ހިންގާނޭ ރަނގަޅު ގޮތް ގޮތާއި ބެހޭ ގޮތުން، އޭނާގެ އަމިއްލަ ޚިޔާލުތައް ހުށަހަޅާލުމުގެ ފުރިހަމަ މިނިވަންކަން، އޭނާއަށް ލިބިގެން ވެއެވެ. އަދި މިކަމަކީ އޭނާގެ މައްޗަށް ލާޒިމު ވެސް ކަމެކެވެ. މިކަން ކުރުމަކުން އޭނާގެ ޒަމީރަށް އުނދަގޫކުރާނޭ އެއްވެސް ކަމެއް ނެތެވެ. އަހަރެން ވިޔަސް ނޫނީ އޭނާ ވިޔަސް ވިޔަސް، މީހެއްގެ ވާޖިބު އަދާކުރުމުގެ ގޮތުން ކިޔަވައިދޭ އެއްޗަކީ، ދީނީ މުއައްސަސާއެއްގައި ހަރަކާތްތެރިވާ މެންބަރެއްގެ ހައިސިއްޔަތުން، އޭނާގެ އަމިއްލަ ނިންމުމުގެ މައްޗަށް ބިނާކޮށް ހުށަހަޅާލުމަށްޓަކައި އޭނާ[އަށް އިޚުތިޔާރުދީ] ބާރުވެރި ކުރެވިފައިވާ ކަމެއް ނޫނެވެ. މިއާ ޚިލާފަށް، އެއީ، ލިޔެވި، ކަނޑައެޅިފައިވާ ގޮތެއްގެ މަތިން، [އޭނާގެ ވަޒީފާ ނިޔާކުރާ ގޮތުން، އޭނާ ތަބާވާން ޖެހޭ] އެހެން ފަރާތެއްގެ ނަމުގައި، [އޭނާގެ ދަރިވަރުންނަށް ނުވަތަ އޭނާގެ ޖަމާއަތުގެ މީހުންނަށް] އޮޅުންފިލުވައިދިނުމަށްޓަކައި އޭނާއާ ހަވާލުކުރެވިފައިވާ ވަޒީފާއެކެވެ. އެހެންވެ، އޭނާއަށް ބުނަން ޖެހޭނީ: އަހަރުމެންގެ ދީނީ މުއައްސަސާ އުނގަންނައިދެނީ މިހެންނެވެ، ނުވަތަ އެހެންނެވެ. އަދި، މިހުރީ އެކަމަށް ދައްކާ ހުއްޖަތްތަކެވެ. ދެން [ދީނީ މުއައްސަސާގެ އުގަންނައިދިނުންތަކުގައި ހިމެނޭ] އިންސާނާގެ ސުލޫކާއި ފިކުރާ ބެހޭ ގަވާއިދުތަކުގެ ތެރެއިން، އަމަލީގޮތުން ފައިދާކުރާނޭ ކަންތައްތައް، އޭނާގެ ޖަމާއަތުގެ ފައިދާއަށްޓަކައި އިސްތިންބާތުކުރެވެން [ނެރެވެން] އޮތް ވަރަކަށް އިސްތިންބާތުކުރެވިދާނެއެވެ. އެހެނީ، މި ގަވާއިދުތަކު[ގެ ފައިދާއާ] މެދު އޭނާ މުޅިން ހިތްހަމަ ޖައްސާލެވޭ ކަމަކަށް ނުވިޔަސް، އޭގައި [ކޮންމެވެސް ވަރެއްގެ] ހަގީގަތެއް އެކުލެވިގެންވުމަކީ މުޅިން މުސްތަހީލުކަމެއް ނޫނެވެ. [މީގެ އިތުރުން، މިއިއުތިގާދުތަކުގެ މައްޗަށް] ކޮންމެ ގޮތަކަށް [ބަލައިލި ކަމުގައި ވިޔަސް]، އޭގައި، ދީނުގެ އަސާސީ އުގަންނައިދިނުންތަކާ އިދިކީލަވާ ކަމެއް ނެތުމުން ވެސް މެއެވެ. މި އިއުތިގާދުތަކުގެ ތެރެއިން، މިފަދަ [އިދިކީލަވާ] ކަމެއް، ދީނީ އިމާމުވެރި ބޭކަލަކަށް ފެނިއްޖެ ނަމަ، ސާފު ޒަމީރަކައިގެން، އޭނާގެ ވާޖިބުތައް އޭނާއަށް އަދައެއް ނުކުރެވޭނެއެވެ. މިފަދަ ހާލަތެއްގައި އޭނާއަށް ޖެހޭނީ [އޭނާގެ މަގާމުން] އިސްތިއުފާދޭށެވެ. އެހެންވެ، މުދައްރިސެއްގެ ވަޒީފާ ދެވިފައިވާ މީހަކު، އޭނާގެ ޖަމާއަތުގެ ކުރިމަތީގައި އޭނާގެ ވިސްނުން ބޭނުންކުރާއިރު އެކަން އެކުރެވެނީ ހަމަ މުޅިން ޚާއްސަ ސިފައެއްގައެވެ. އެހެނީ އެފަދަ ޖަމާއަތެއްވާނީ، އެ ޖަމާއަތް ކިތަންމެ ބޮޑުކަމުގައި ވިޔަސް، ވަކި ބަޔެއްގެ [އެބަހީ، އޭނާ ކިޔަވައި ދެއްވާ މެމްބަރުންގެ] ޚާއްސަ އެއްވުމަކަށެވެ. މިގޮތުން ބަލާއިރު، ދީނީ އިލްމުވެރިޔެއްގެ ހައިސިއްޔަތުން އޭނާއަކީ މިނިވަނެއް ނޫނެވެ. އަދި މިނިވަނަކަށް ނުވެސް ވެވޭނެއެވެ. އެހެނީ، އޭނާ އަމަލުކުރަމުން ގެންދަނީ، ބޭރުން، [އެބަހީ ވަކި ދީނީ މުއައްސަސާއެއްގެ ފަރާތުން] އޭނާގެ މައްޗަށް ކަނޑައެޅިފައިވާ ގޮތެއްގެ މަތިންނެވެ. މިއާ ޚިލާފަށް، ހަގީގީ ޖުމްހޫރަކާ، (އެބަހީ މުޅި ދުނިޔެއާ،) މުޚާތަބުކޮށް، އިލްމުވެރިޔެއްގެ ހައިސިއްޔަތުން، އޭނާގެ ލިޔުންތައް މެދުވެރިކޮށް، އޭނާގެ ބުއްދިއާއި ވިސްނުން ބޭނުންކުރާ ނަމަ، އޭނާގެ އަމިއްލަ ނަމުގައި، އެއްވެސް ހުދޫދެއް ނެތި، [ފުރިހަމަ] މިނިވަންކަމާއެކު، އޭނާގެ ވިސްނުން، އާންމު ސިފައެއްގައި، ބޭނުންކުރެވިދާނެއެވެ. މީސްތަކުންނަށް އިރުޝާދުދޭން ތަސައްރުފު ނުފުދޭ [އެބަހީ، އަމިއްލަ ބުއްދިއާ ވިސްނުން ބޭނުންނުކުރާ] ރޫހާނީ ފާރަވެރިން ބޭތިއްބުމަކީ އެއްގޮތަކަށް ވެސް ބުއްދި ގަބޫލުކުރާނޭ ކަމެއް ނޫނެވެ. މިކަން މިހެން އޮވެއްޖެ ނަމަ، މި ފަދަ ބުއްދި ގަބޫލުނުކުރާ ކަންތައްތައް ދާއިމީ ގޮތެއްގައި އޮންނަން މެދުވެރިވާނެއެވެ.

މިސާލަކަށް ފައްޅީގެ ބޮޑުންގެ މަޖުލިހަކަށް، ނޫނީ (ހޮލަންޑު މީހުން ކިޔާ ގޮތަށް ނަމަ) ދީނީ އިމާމުވެރި ބޭކަލުންގެ މުހުތަރަމު މަޖުލިހެއް ފަދަ ޖަމާއަތަކަށް، ބަދަލުނުކުރެވޭނޭ އިއުތިގާދުތަކުގެ މައްޗަށް އެކުލެވޭ ބައެއް ކަންތައްތައް، ހުވައެއްގެ މަތީގައި ބަލައިގަނެ، ގަބޫލުކޮށްގެން ތިބުމުގެ ހައްގު ލިބިގެން ނުވޭހެއްޔެވެ؟ އެއީ، އެމީހުންގެ މެންބަރުންގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށާއި، އަދި މި މެންބަރުން މެދުވެރިކޮށް، (އެހެން) އެންމެންގެ މައްޗަށް ވެސް، ހުރިހާ ޒަމާނަކަށް ދެމިގެން އޮންނާނެ ގޮތުގައި، ދާއިމީ ސިފައެއްގައި، ފާރަވެރިވެ ތިބުމަށްޓަކައެވެ. މި ސުއާލުގެ ޖަވާބުގައި އަހަރެން ބުނާނީ މިއީ އެއްގޮތަކަށް ވެސް ކޮށްގެން ވާނޭ ކަމެއް ނޫނެވެ. ދުވަހަކު ކޮޅުން ވެސް، ތަންވީރީ ފިކުރުގެ ބަޔަކަށް އިންސާނުންވުން ހުއްޓުވުމުގެ ބޭނުން ނޫން އެހެން ބޭނުމެއް ނެތް، މި ބާވަތުގެ އެއްބަސްވުމަކީ އެއަށް އަމަލު ކޮށްގެން ނުވާނޭ، ހަމަ މުޅިން ބާތިލު އެއްބަސް ވުމެކެވެ. ވެރިކަމުގެ އެންމެ މަތީ ބާރުތަކުގެ ފަރާތުން، ނޫނީ މުޅި އިންޕުރާތޫރުގެ ގާނޫނުތައް ހަދާ ފަރާތުން ތަސްދީގުކޮށް، އަދި ކިތަންމެ ބޮޑަށް ތަގުދީސުކުރެވިފައިވާ ސުލްހައިގެ މުއާހަދާއަކަށް އެ އެއްބަސްވުން ހަދާލެވުނު ކަމުގައި ވިޔަސް ވެހެވެ. އެއް ޒަމާނެއްގެ ބަޔަކު، ހުވައެއްކޮށްފައި، ދެން އަންނަން އޮތް ޖީލެއްގެ އިލްމުވެރިކަން އިސްލާހުކޮށް، ކުރިއެރުވުން ފަދަ މުހިއްމު ކަންކަމަށް ހުރަސް އަޅާފާނޭ ހާލަތެއްގައި، ނުވަތަ، އެއްގޮތަކަށް ވެސް، އެއްވެސް ކަމެއްގައި، ތަންވީރީ ފިކުރުގެ ބަޔަކަށް ނުވާނޭ ފަދަ ހާލަތެއްގައި މީސްތަކުން ބޭތިއްބުމަށް، އެއްބަހެއް ނުވެވޭނެއެވެ. މި ފަދަ އެއްބަސްވުމެއް ވާނީ އިންސާނާގެ ތަބީއަތާ ދެކޮޅަށް ކުރެވޭ ޖަރީމާއަކަށެވެ. އެހެނީ އިންސާނާގެ މަސީރު [ޑެސްޓިނީ، ތަބީއީ ގޮތުން އޭނާ ހިނގައި ކުރިއަށް ދާން ކަނޑައެޅިފައި އޮތް މަގު] ގުޅިފައިވަނީ، ސިދާ ހަމަ މިފަދަ [ތަންވީރީ ފިކުރާއި އަދި އިލްމުވެރިކަން އިސްލާހުކޮށް ތަރައްގީކުރުމުގެ] ކުރިއެރުމާ ކަމަށް ވާތީއެވެ. މިފަދަ އެއްބަސްވުންތަކަކީ، ކުށް، އަދި ޣައިރު ޝަރުއީ އެއްބަސްވުމެއް ކަމަށް ބަލައި، އެކަން އެއްގޮތަކަށް ވެސް ބަލައި ނުގަތުމުގެ ހައްގު، ފަހުގެ ޖީލުތަކަށް ލިބިގެން ވެއެވެ. ވަކި އެއްވެސް ގާނުނަކީ އުއްމަތެއްގެ މައްޗަށް ހިންގާލެވިދާނޭ ގާނޫނެއްތޯ ބަލައިލުމަށްޓަކައި، [އެންމެ ފުރަތަމަ] އެފަދަ ގާނޫނެއް އެމީހުންގެ މައްޗަށް ހިންގާލަން ބޭނުންތޯ އަހަރުމެން އަހާލަން ޖެހޭނީ ހަމައެކަނި އެއުއްމަތުގެ މީހުން ކުރެންނެވެ. ވަކި ގޮތަކަށް [މުޖުތަމައުގެ ކަންތައްތައް] އިންތިޒާމު ކުރުމަށްޓަކައި، ކަނޑައެޅޭ ކުރު މުއްދަތަކަށް، މިފަދަ ގާނޫނެއް ހިންގާލެވިދާނެއެވެ. އެއީ، މިހެން ބުނުން އެންމެ ރަނގަޅު ނަމަ، އެއަށް ވުރެ ރަނގަޅު އެހެން ހައްލެއް ހޯދެން ދެންނެވެ. މީގެ މާނައަކީ، ކޮންމެ ރައްޔިތަކަށް ވެސް، އަދި ވަކިން ޚާއްސަ ގޮތެއްގައި، އިލްމުވެރި ބޭކަލުންގެ ހައިސިއްޔަތުން، ދީނީ ބޭކަލުންނަށް ވެސް، އާންމު ސިފައެއްގައި، އެބޭކަލުންގެ ވިސްނުން ބޭނުންކޮށް، އެބޭކަލުންގެ ލިޔުންތައް މެދުވެރިކޮށް، މިހާރުގެ މުއައްސަސާތަކުގައި ހުރި، [އެބޭކަލުންނަށް ފާހަގަކުރެވޭ،] އުނިކަންކަމުގެ މައްޗަށް ތައުލީގުކުރުމުގެ [މާނައަކީ: ކަންކަމާ ބެހޭ ގޮތުން އެއްޗެހި ބުނުމުގެ] ފުރިހަމަ މިނިވަންކަން އޮންނާނެއެވެ. މިކަން ކުރެވެންދެން، އަލަށް [ހެދިފައިވާ ގާނޫނުގެ މައްޗަށް] ގާއިމުވެފައި އޮތް ނިޒާމު ދެމި އޮންނާނެއެވެ. [މިހާރު ހުރި މުއައްސަސާތައް، އިސްލާހުކޮށް އިތުރަށް] ތަރައްގީކޮށް [އަލުން] ބިނާކުރުމުގެ މައްޗަށް އާންމުންގެ ނަޒަރު ހިންގައި [އެމީހުންނަށް އަލަށް ފެންނަ ގޮތް އެއީ މިހާރު ކަންތައްތައް އޮތްގޮތަށް ވުރެ ރަނގަޅު ގޮތެއްކަމަށް] ސާބިތިކުރެވެންދެންނެވެ. [ދެން މި އިސްލާހުކުރެވުނު ކަންތައްތަކާ] ގިނަ ބަޔަކު، (އެކަމާ އެންމެންނަށް އެއްބަސް ނުވެވޭ ނަމަ،) އެއްބަސްވެއްޖަ ނަމަ، [އެ އިސްލާހުތައް ބަޔާންކޮށް] ރަސްކަމުގެ ފަރާތަށް ހުށަހެޅުމެއް ހުށަހެޅިދާނެއެވެ. މި ހުށަހެޅުމުގެ ބޭނުންތަކުގެ ތެރޭގައި، މިސާލަކަށް، އެ ޖަމާއަތުގެ މީހުން، އެމީހުންގެ ހިތަށް ފެނުނު މޮޅު އިތުރު ގޮތާ އެއްގޮތަށް، އެމީހުންގެ ދީނީ މުއައްސަސާ [އިސްލާހުކޮށް، އެ މުއައްސަސާއަށް] ބަދަލުގެންނަން އެދޭ ޖަމާއަތުގެ މީހުން ހިމާޔަތްކުރުން ވެސް ހިމެނެއެވެ. ނަމަވެސް، ކުރީގައި ކަންތައްތައް އޮތްގޮތަށް، [ދީނީ މުއައްސަސާގެ] ކަންތައްތައް ބާއްވަން ބޭނުންވާ ބަޔަކު އެ ގޮތަށް އެކަން ބޭއްވުމަށް، މި [ނަންގަތް] ޖަމާއަތުގެ މީހުން ހުރަސްއަޅައި [ހުއްޓުވާކަށް] ނޫޅެނޭއެވެ.

ނަމަވެސް، އެއާ މެދު، އާންމު ސިފައެއްގައި، އެކަކަށް ވެސް ސުއާލު ނުކުރެވޭނޭ ފަދަ ދީނީ ނިޒާމެއް، ދާއިމީ ގޮތެއްގައި، އެންމެ ކުޑަވެގެން އެކެއްގެ އުމުރު ދުވަހުގެ މުއްދަތައް ވެސް، ބޭއްވުމުގެ މައްޗަށް، އެއްބަސްވުމަކީ ފަހަރެއްގައި ވެސް [އެކަން އެގޮތަކަށް ބޭއްވުމަށް] އުޒުރެއް [ހެއްކެއް،] ދެއްކޭނޭ ވަރުގެ ކަމެއް ނޫނެވެ. އެހެނީ މިކަމަކީ އަމަލީ ގޮތެއްގައި ތަރައްގީވެ ކުރިއަރައި ދިޔުން މުޅިން ހުއްޓުވާނޭ ކަމެކެވެ. އަދި އަންނަން އޮތް ޖީލުތަކަށް ކުރިއަރައި ދިޔުމުގެ އެއްވެސް ހެޔޮ ނަތީޖާއެއް ނުނެރެވުމުގެ އިތުރުން، އެ ޖީލުގެ މީހުންނަށް ގެއްލުން ހުރި ވެސް ކަމެކެވެ. މީހަކަށް އެނގެން ޖެހޭނޭ ކަންކަމާ މެދު، [ވިސްނާ ފިކުރުނުކޮށް،] އޭނާގެ އަމިއްލަ ނަފްސު، ތަންވީރީ ފިކުރުގެ މީހަކަށް ވެދިޔުން، ވަކި މުއްދަތަކަށް، ފަސްކޮށްލުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ. ނަމަވެސް، އަބަދުގެ އަބަދަށް، އޭނާ ވިޔަސް ނުވަތަ ވަކިން ޚާއްސަ ގޮތެއްގައި އަންނަން އޮތް ޖީލުތަކުގެ މީހުން ވިޔަސް، މިނަންގަތް ފަދަ [ކަންކަމުގައި އަމިއްލަ ވިސްނުން ބޭނުންކުރާ] ތަންވީރީ ފިކުރުގެ ބަޔަކަށް ވެދިޔުމަށް އިންކާރުކުރުންވާނީ މުޅި އިންސާނިއްޔަތުގެ މުގައްދަސު ހައްގުތަކެއް ފައިދަށަށްލައި އެ ހައްގުތަކަށް އިހުތިރާމު ނުކުރުން ކަހަލަ ކަމަކަށެވެ. ގައުމެއްގެ މީހުން، އެމީހުންގެ މައްޗަށް ހިންގާލުމަށް ބޭނުންނުވާ ކަމެއް، ރަސްކަލަކު އެކަން އެމީހުންގެ މައްޗަށް ހިންގާލުމަކީ އެންމެ އެކަށީގެންވާ ކަމަކަށް ނުވާނެއެވެ. އެހެނީ ރަސްކަލެއްގެ ގާނޫނު ހެދުމުގެ ބާރު ސީދާ ބިނާވާން ޖެހޭނީ އޭނާގެ މަމްލަކާގައި ހިމެނޭ ރައްޔިތުންގެ [ޖަމާއީ] އެދުމާއި އޭނާގެ އެދުން އެކައްޗަށް ވުމުގެ މައްޗަށެވެ. ހަގީގީ ނުވަތަ ޚިޔާލުކުރެވޭ އިސްލާހުތައް، [އެރަސްގެފާނުގެ މަމްލަކާގައި ގާއިމުވެފައި އޮތް] މަދަނީ ނިޒާމާ މުވާފިގު [އެއްގޮތްވާ، އެބަހީ އެ ނިޒާމަށް ބުރޫއަރުވާ، އެ ނިޒާމުގެ ހަމަޖެހުން ގެއްލުވާނުލާ] ކަމެއްގެ ގޮތުގައި އެ ރަސްގެފާނު ދެކިވަޑައިގަންނަވާހާ ހިނދަކު، އާޚިރަތް ދުވަހުގައި އެމީހުންގެ ދިންނެވުން ހޯދުމުގެ ގޮތުން އެ ރަސްގެފާނުގެ ރައްޔިތުން ބޭނުން ކަމެއް ކުރުމަށް ރަސްގެފާނަށް ޖެހިވަޑައިގަންނަވާނީ ދޫކޮށްލައްވާށެވެ. އެހެނީ އާޚިރަތް ދުވަހުގައި އެމީހުންގެ ދިންނެވުން އެދިގެން ކުރާ މަސައްކަތަކީ ރަސްގެފާނު ބެހިވަޑައިގަންނަވަންޖެހޭ ކަމަކަށް ނުވާތީއެވެ.

ނަމަވެސް، އެއްވެސް މީހަކު، ގަދަކަމުން، އެހެން މީހުން، އެމީހުންނަށް ކުރެވެން އޮތް އެންމެ ރަނގަޅަށް، އެމީހުންގެ ދިންނެވުން ލިބޭނީ ކިހިނެއްކަން ކަނޑައަޅައި އެކަން ކުރިއެރުވުމުގެ މަސައްކަތަށް ހުރަސް އަޅާ ނަމަ، އެކަން ހުއްޓުވުމަކީ ރަސްގެފާނާ ބެހޭ ކަމެކެވެ. ނަމަވެސް، މިކަމުގެ ތެރެއިން، ރައްޔިތުންގެ ދީނީ ފިކުރު، އެމީހުންގެ ލިޔުންތައް މެދުވެރިކޮށް ސާފުކޮށްދޭ ދިނުން، ސަރުކާރުގެ ފަރާތުން ބަލައި ފާރަވެރިވުން ޝަރުތުކުރެވޭ ނަމަ، އެއީ ރަސްގެފާނުގެ ރަސްކަމުގެ ހައިބަތަށް އުނިކަން ގެނެސްދޭނޭ ކަމެކެވެ. ރަސްގެފާނު [ދެކެވަޑައިގަންނަވާ، އެމަނިކުފާނުގެ] އަމިއްލަފުޅު، މަތިވެރި، ރައުޔުގެ މައްޗަށް ބިނާކޮށް ކަންތައް ކުރައްވާ ނަމަ، ކަންތައް އެކުރައްވަނީ މިނަންގަތް ގޮތުގައި ކަމުގައި ބެލެވޭނެއެވެ. އަދި އޭރުން، ‘ސީޒަރަކީ ބަހުގެ ގަވާއިދުގެ އިލްމުވެރިންނަށް ވުރެ [ނުވަތަ ގާނޫނަށް ވުރެ] މަތިވެރި ބޭފުޅެއް ނޫނެވެ’ މި ބަހުން ގަސްދުކުރެވޭ ނުރުހުމުގެ ޝުއޫރު ރަސްގެފާނަށް ރައްދުވާނެއެވެ. ދީނީ ގޮތުން މީހުން އަޅުވެތިކޮށް، [އެމީހުންގެ މައްޗަށް ދީނީ ވަކި ގޮތްތަކެއް ގަދަކަމުން ހިންގައި،] އެމީހުންގެ ހައްގުތަކަށް އަރައިގަންނަ، އަނިޔާވެރި ބަޔަކަށް ތާއީދު ކުރައްވާ ނަމަ ރަސްގެފާނުގެ މަތިވެރި ބާރުގެ ދަރަޖަ ވެއްޓި، އަދި މިއަށް ވުރެ ވެސް ބޮޑަށް، ރަސްގެފާނަށް ނުރުހުން ރައްދުވާނެއެވެ.

އަހަރުމެން މިހާރު އުޅެމުން މިދަނީ ތަންވީރީ ފިކުރެއް ލިބިފައި އޮތް ޒަމާނެއްގައިތޯ ސުއާލުކުރެވިއްޖެ ނަމަ ބުނަންޖެހޭނީ ނޫނެކެވެ. ނަމަވެސް، އަހަރުމެން އުޅެމުން މިގެންދަނީ ތަންވީރީ ފިކުރެއް ލިބެމުން އަންނަ ޒަމާނެއްގައިކަމޭ [ބުނެވިދާނެއެވެ]. މިހާރު ކަންތައްތައް އޮތް ގޮތުން ނަމަ، [ތަންވީރީ ފިކުރެއް ލިބި]، ދީނީ ކަންކަމުގައި، ބޭރު އެހެން ބައެއްގެ އެހީއަކާ ނުލައި، [ތިމާމެންގެ] އަމިއްލަ ނަފްސަށް އިތުބާރުކުރާ ހާލު، ރަނގަޅަށް، އެންމެހައި މީސްތަކުން، އެމީހުންގެ އަމިއްލަ ވިސްނުން ބޭނުން ކުރެވޭ މަގާމަކަށް އައުމަށްޓަކައި، ނުވަތަ އެމީހުން އެފަދަ މަގާމަކަށް ގެންދިޔުމަށްޓަކައި، ކަޑައްތުކުރަން ޖެހޭ ރާސްތާ އަދި ވަރަށް ދިގެވެ.

ނަމަވެސް، އެ ދިމާއަށް ދިޔުމަށްޓަކައި، މިނިވަންކަމާއި އެކު މަސައްކަތްކުރުމުގެ މަގު ސާފުކުރެވެމުންދާކަމާއި އަދި އިންސާނާ އަމިއްލައަށް، އޭގެ ތެރެއަށް ވެއްޓިގަނެގެން އުޅޭ، ތަސައްރުފުނުފުދި ހުރުމުން ނިކުމެ، ތަންވީރީ ފިކުރު އެންމެނަށް ލިބި އާންމުވުމަށް އޮތް ހުރަސްތައް، އެއްކަމަކަށް ފަހު އަނެއް ކަމެއް، ނެތި އުނިވަމުންދާ ކަމުގެ ވަރަށް ސާފު ހެކިތައް އަހަރުމެންނަށް ފެންނަމުން އެބަދެއެވެ. މި ގޮތުން ބަލާއިރު، އަހަރުމެންގެ މި ޒަމާނަކީ ތަންވީރީ ފިކުރު ލިބެމުން އަންނަ ޒަމާނެކެވެ. [އެހެންކަމުން، މިއީ މިކަމަށް މަގުފަހިކޮށްދެއްވި، ޕްރަޝިޔާގެ ރަސްގެފާނު] ފްރެޑަރިކް ގެ ގަރުނެވެ.

ދީނީ ކަންކަމުގައި މީސްތަކުންގެ މައްޗަށް ވަކި ގޮތެއް ކަނޑަނޭޅުމަކީ [ވެރިކަމުގެ ބާރު އޭނާގެ އަތްޕުޅުގައި އޮތް] އަމީރުގެ ގަދަރާ އެކަށީގެން ނުވާކަމެއް ކަމަށް ދެކިވަޑައިގަތުމާއި އަދި [މިކަމުގައި] މީސްތަކުންނަށް ފުރިހަމަ މިނިވަންކަން ދެއްވުމަކީ އެމަނިކުފާނުގެ ވާޖިބެއްކަން ދެކެވަޑައިގަތުމާއި، އަދި މިގޮތުން ތަސާމުހުގެ ބޭއަދަބީ ލަގަބުވެސް ގަބޫލުނުކުރައްވާ އަމީރަކީ ޚުދް އެމަނިކުފާނަށް ތަންވީރީ ފިކުރު ލިބިވަޑައިގެންވާ ބޭފުޅެކެވެ. (ސަރުކާރުގެ ފަރާތްތަކަށް ބަލާއިރު)، ތަސައްރުފު ނުފުދި ތިބުމުގެ ތެރެއިން މީސްތަކުން އެންމެ ފުރަތަމަ ނެރެ، ޒަމީރާ ބެހޭ ހުރިހާ ކަންކަމުގައި އެމީހުންގެ އަމިއްލަ ވިސްނުން ބޭނުންކުރުމުގެ މިނިވަންކަން ދިން މީހާގެ ހައިސިއްޔަތުން މިހާރާއި އަދި ފަހުގެ ޝުކުރުވެރި [މީސްތަކުންގެ] ފަރާތުން [ވެސް] އެ [ފަދަ] އަމީރަކަށް ޝުކުރު އަދާކުރުން ލާޒިމުވެގެންވެއެވެ. [އެހެނީ އެފަދަ] އަމީރެއްގެ ވެރިކަމުގެ ދަށުގައި، ދީނީ މުއައްސަސާތަކުގެ އިއްޒަތްތެރި ބޭކަލުން، އެ ބޭކަލުންގެ ރަސްމީ ވާޖިބުތައް ވަކިގޮތަކަށް އޮތްކަމުގައި ވިޔަސް، އިލްމުވެރި ބޭކަލުންގެ ހައިސިއްޔަތުން، މިނިވަންކަމާއެކު، އަދި އާންމު ސިފައެއްގައި މުޅި ދުނިޔެ އޭގެ މައްޗަށް ގޮތެއް ނިންމުމަށްޓަކައި، އެ ބޭކަލުންގެ ރައުޔުތަކާއި ނިންމުންތައް، މިކަންކަމީ [ދީނީ މުއައްސަސާތަކުގެ] ރަސްމީގޮތުން ރަނގަޅު ގޮތްކަމުގައި ބަލާ ގޮތާ ޚިލާފު ގޮތްކަމުގައި ވިޔަސް، ހުށަހަޅާލެވިދާނެއެވެ. ދީނީ މުއައްސަސާގެ ރަސްމީ ވަޒީފާއެއްގެ ސަބަބުން ހުރަހެއް މެދުވެރިވެފައި ނެތް މީހުންގެ މައްޗަށް، މި ގޮތުގެ މަތިން ޚިޔާލުތަކާ ނިންމުންތައް ހުށަހަޅާލުން، ވަކިން ބޮޑަށް، ލާޒިމުވެގެން ވެއެވެ. ސަރުކާރެއްގެ ހަގީގީ ވަޒީފާއަކީ ކޮބައިކަން އޮޅިފައިވާ ސަރުކާރުތަކުގެ ފަރާތުން މެދުވެރިކުރުވާ، އަދި ބޭރަށް ފެންނަން ހުންނަ، ހުރަސްތަކާ ކުރިމަތިލައި ހަނގުރާމަކުރަން ޖެހުނު ކަމުގައި ވިޔަސް، މިނިވަންކަމުގެ މި ރޫހު، ބޭރު ގައުމުތަކުގައި ވެސް، ފެތުރެމުން އެބަ ދެއެވެ. މިއީ، މިނިވަންކަން އޮތުމަކުން، އާންމު ނިޒާމަށާއި އާންމުންގެ އެއްބައިވަންތަކަމަށާއި [އާންމު] މަސްލަހަތަށް ކުޑަވެސް ނުރައްކަލެއް ނެތްކަމެއްކަން މިނަންގަތް ފަދަ ދައުލަތްތަ[ކުގެ ސަރުކާރުތަ]ކަށް ފެނިގެންދާ، އަލިގަދަ މިސާލެކެވެ. އެ މީހުން އެ މަންމަން ގަބު ހާލަތުގައި، ބޭތިއްބުމަށްޓަކައި [އިންސާނީ ތަބީއަތާ ނުގުޅޭ] މަސްނުއީ ފިޔަވަޅުތަކެއް ގަސްދުގައި އެޅިފައި ނުވާ ނަމަ، މީސްތަކުން، ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން، [އަމިއްލައަށް ވިސްނައި އެއްޗެއް ބުނަން ނޭނގިފައި ތިބޭ] މަންމަންކަމާއި ގަބުކަމުގެ ހާލަތުން ނިކުތުމުގެ މަގު ކޮށަމުން ދާނެއެވެ.

ތަންވީރީއް ފިކުރެއް، އެބަހީ، އިންސާނާ، އޭނާ އަމިއްލައަށް އެކަމުގެ ތެރެއަށް ވެއްޓިގަނެގެން އުޅޭ [އަމިއްލައަށް ވިސްނަން ނުކުޅެދިފައި ވުމުގެ] ތަސައްރަފު ނުފުދުމުގެ ތެރެއިން ނިކުތުމުގެ ފިކުރެއް، ލިބިގަތުމަށްޓަކައި، އަސާސީ ނުކުތާއެއްގެ ގޮތުގައި އަހަރެން ލިޔެ [މިތާ] ބަޔާންކުރީ ދީނާ ގުޅޭ މައްސަލަތަކެވެ. މިކަމުގެ ފުރަތަމަ ސަބަބަކީ ސައިންސާއި އަދަބިއްޔާތު [އާރޓްސް]ގެ ދާއިރާއާ ގުޅޭ ގޮތުން ރައްޔިތުންގެ މައްޗަށް ފާރަވެރިވެ ތިއްބެވުމުގެ ދައުރެއް އަދާކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް އަހަރުމެންގެ ވެރިންގެ ނެތެވެ. ދެވަނަ ސަބަބަކީ، ދީނީ ގޮތުން [އަމިއްލައަށް ނުވިސްނައި] ތަސައްރުފު ނުފުދި ތިބުމަކީ ތަސައްރުފު ނުފުދި ތިބުމުގެ ހުރިހާ ބާވަތްތަކުގެ ތެރެއިން ވެސް އެންމެ ނުރައްކާތެރިކަން ބޮޑު އަދި އެންމެ އައިބު، ލަދުވެތިކަން ބޮޑު ބާވަތްކަމަށް ވާތީއެވެ.

ސައިންސާ އަދަބިއްޔާތުގެ ދާއިރާގައި މިނިވަންކަން ދިނުމަށް އިސްކަންދެއްވާ ދައުލަތެއްގެ ވެރިޔަކުގެ ވިސްނުން ގެންގުޅުއްވާ ގޮތް ހުންނަނީ، މިކަންކަމަށް އިސްކަން ދެއްވުމަށް ވުރެ ވެސް ކުރީގައެވެ. އެހެނީ، މި ކަމަކީ މިހާރު ހުރި ގާނޫނުތަކަށް ސީދާ ފާޑުކިޔުން ރައްދުވާ ކަމެއްކަމުގައި ވިޔަސް، ގާނޫނުތައް ހެދުމަށް ރަނގަޅު އެހެން ގޮތް ގޮތް ހުރިކަން، އެމީހުންގެ އަމިއްލަ ވިސްނުން ބޭނުންކޮށް، އާންމު ސިފައެއްގައި، އެމީހުންގެ ޚިޔާލުތައް އާންމުންގެ ކުރި މައްޗަށް ހުށަހަޅާލުމުގެ މިނިވަންކަން އޭނާގެ ރައްޔިތުންނަށް ދެއްވުމަކީ އޭނާގެ ގާނޫނުތައް ހައްދަވައި ތަޝްރީއުކުރެއްވުމުގެ މަސައްކަތްޕުޅަށް ވެސް އެއްވެސް ނުރައްކަލެއް އޮތް ކަމެއް ނޫންކަން އޭނާއަށް ވިސްނިވަޑައިގަންނަވައެވެ. އަހަރުމެންގެ ކުރިމަތީގައި އެ ވެރިޔާއާ އެއްފަދަ ދެވަނައެއް ނެތް، އަދި އެކަމަށްޓަކައި އަހަރުމެން އެ ވެރިޔާއަށް ޝުކުރުގެ ޖިޒީއަދާކުރާ، މިފަދަ ވަރަށް ވެސް މޮޅު ވެރިޔެއްގެ މިސާލު [ޕްރަޝިޔާގެ ފްރެޑަރިކް ރަސްގެފާނުގެ ކިބިފުޅުން] އަހަރުމެންނަށް ފެންނަން އެބަ ހުއްޓެވެ.

ނަމަވެސް، އާޚިރުގައި، ހިޔަނި ދެކެ ބިރު ނުގަންނާނީ [އެބަހީ: މިނިވަންކަން ދިނުމުން، މިވެނި އެވެނި ކަމެއް ވެދާނެތީ ބިރު ނުގަންނާނީ] ތަންވީރީ ފިކުރުގެ ވެރިޔަކަށް ވެވަޑައިގެންފައިވާ ވެރިޔެކެވެ. އެހެން ކަމަށް ވިޔަސް، ހަނދާންކޮށްލަން ޖެހެނީ، ރަށުގެ އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި، ތަމްރީނުކުރެވިފައިވާ ބޮޑު ލަޝްކަރެއް އޭނާގެ އަމުރުފުޅުގެ ދަށުގައިވާ ކަމެވެ. އެހެންވެ، އެހެން އެއްވެސް ދައުލަތެއްގެ [ވެރިޔަކު] ވިދާޅުވާން ޖެހިލުންވެ ވަޑައިގެންފާނެ މިވާހަކަ އޭނާއަށް ވިދާޅުވެވިދާނެއެވެ: "ކަލޭމެން ބޭނުން ވަރަކަށް ޖަދަލުކޮށް ޒުވާބުދޭށެވެ! ނަމަވެސް، [އާންމު ގާނޫނުތަކަށް ތަބާވެ] ކިޔަމަން ގަންނައްޗެވެ!" މިކަމަކީ އިންސާނުންނާ ބެހޭ މައްސަލަތައް، ހީނުކުރާ އަދި އަޖައިބުކުރުވަނި ގޮތަކަށް އޮންނަކަން ހާމަކޮށް އަންގައިދޭ ކަމެކެވެ. (އަބަދުވެސް، އަހަރުމެންނަށް ފެންނަން އޮންނަ ފަދައިން، އެންމެ ފުޅާ މާނައިގައި އެކަން ބަލައިފިނަމަ، ކޮންމެ ކަމެއްވެސް އޮންނަނީ އިދިކީލަވާ ކަހަލަ ގޮތަކަށެވެ.) މަތީ ދަރަޖައަކަށް މަދަނީ މިނިވަންކަން އޮތުން ވާނީ އުއްމަތެއްގެ ޒިހުނީ [ސިކުނޑީގެ، އިންޓަލެކްޓުއަލް] މިނިވަންކަމަށް ފައިދާހުރި ކަމެއް ކަމަށް ފެނެއެވެ. އެހެންކަމަށް ވިޔަސް، އެ ފަދަ މިނިވަންކަން، ގިރާ ނުކުރެވޭނޭ ފަދަ ހުރަސްތައް ވެސް ޒިހުނީ ގޮތުން ކުރިއަރާ ދިޔުމަށް މެދުވެރިކުރުވައެވެ. މިއާ އިދިކޮޅަށް، ތަންކޮޅެއް ކުޑަ ދަރަޖައަކަށް މަދަނީ މިނިވަންކަން އޮތުމުން، ޒިހުނީ ގޮތުން އޭގެ އެންމެ ފުޅާ މިނިވަންކަން ފެތުރިގެން ދިޔުމަށް، ފުދޭވަރަށް ޖާގަ ލިބެއެވެ. އެހެންވެ، ތަބީއަތް އޭގެ މައްޗަށް އެންމެ ބޮޑު އަޅާލުމެއް ދިން އޮށް– މިނިވަންކަމާއެކު ވިސްނުމަށް ލޯބިކުރުމާ އަދި އެއީ އޭނާ ކުރަންޖެހޭ ކަމެއްކަމަށް ދުށުން– އޭގެ ހަރު ނާށިގަނޑު ތެރޭގައި ތަރައްގީވެ ފައްކާވުމުން، މަޑުމަޑުން، [ނިކުމެ] މީސްތަކުންގެ ސިކުނޑިތަކަށް އަސަރުކުރުވައެވެ. އަދި މިކަމުގެ ސަބަބުން، މީސްތަކުން، އަމިއްލައަށް ވިސްނުމުގެ އެކަށޭނަކަން އިތުރުވަމުންދެއެވެ. އެންމެ ފަހުން، މިކަން، ސަރުކާރުތަކުގެ އާންމު އުސޫލުތަކަށް ވެސް އަސަރުކުރުވައެވެ. އަދި، މިފަދަ ސަރުކާރުތަކުގެ ފަރާތުން އިންސާނާއަކީ ހަމައެކަނި (ބުނީމާ ބުނާ ގޮތަށް ކަންތައް ކުރަން ހުރި) މެޝިނެއް ނޫންކަމަށް ބަލައި، އިންސާނާއަށް (ވިސްނާ ފިކުރުކުރުމުގެ މިނިވަންކަންދީ) އޭނާގެ ކަރާމަތާ އެކަށީގެންވާ ގޮތަށް އޭނާއާ މެދު މުއާމަލާތު ކުރެއެވެ. (ނިމުނީ)

[މުތަރުޖިމުގެ ފަހުބަހެއް:]

ތިމާމެން އަމިއްލައަށް ވިސްނާ ފިކުރުކުރުމަށްޓަކައި މިނިވަންކަން އޮންނަން ޖެހޭނޭ ކަން ކާންޓުގެ މަޒުމޫނުގައި އޭނާ ފާހަގަކުރައްވާކަން ސާފުވެއެވެ. އަދި ސިޔާސީ ބާރުތަކުގެ ފަރާތުންނާއި ދީނީ މުއައްސަސާތަކުގެ ފަރާތުން، މި މިނިވަންކަމަށް ހުރަސް އެޅިދާނޭ ކަމަށް ވެސް އެ ލިޔުމުން ސާފުވެދެއެވެ. ފަހު ބަހެއްގެ ގޮތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ނުކުތާ ގުޅެނީ މި ނަންގަތް ހުރަސް އަޅުގަނޑުމެންގެ ތެރޭގައި އަދު އޮތް ގޮތާއެވެ. އެކަމާ ބެހޭ ގޮތުން ބުނެލަން ބޭނުންވާ ވާހަކައަކާއެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން، އަޅުގަނޑުމެންގެ ތެރޭގައި އޮތްކަން ފާހަގަކުރެވެއެވެ. އެކަމުގެ ހެއްކަކީ، ތަފާތު ނޫސްތަކާ މަޖައްލާތައް، މިނިވަންކަމާއެކު ނެރެ ޝާއިއުކުރުމުގެ މިނިވަންކަން އޮތީމައެވެ. އަދި، މިނިވަން ރޭޑިޔޯތަކާއި ޓީވީތަކުގެ ޒަރިއްޔާއިން ވެސް މީސްތަކުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތީމައެވެ. މީގެ އިތުރުން، ފޭސްބުކް، ޓުވިޓަރާއި އަދި މިނޫންވެސް މިފަދަ ޚަބަރު ފަތުރާ އިޖުތިމާއީ ތަފާތު ވަސީލަތްތައް މެދުވެރިކޮށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތީމައެވެ. މީގެ މާނައަކީ މުޖުތަމައީ މައްސަލަތަކުގައި، އެމީހަކަށް ވިސްނޭ ރަނގަޅު ހެޔޮގޮތް، ހެޔޮނިޔަތުގައި، ހުށަހަޅާލުމުގެ ފުރުސަތު، ކޮންމެ މީހަކަށް ވެސް އޮތް ކަމެވެ. މިކަން މަސްއޫލުވެރި އަދި ބިނާކުރުވަނިވި ގޮތެއްގައި ބޭނުންކުރުން އޮތީ އާންމުންގެ އަތްމަތީގައިވެ. މީހުންގެ ޒާތީކަންކަމާ ނުބެހި، މަދަނީ ސިފައެއްގައި، އަދަބުވެރިކަމާ އިންސާނީ އަޚުލާގީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިކަންކުރުން އޮތީ އާންމުންގެ އަތްމަތީގައެވެ.

ދީނީ މުއައްސަސާތަކުގެ ވާހަކަ ދެއްކެވިއިރު، ކާންޓު އިޝާރަތްކުރައްވަނީ އޭނާގެ މުޖުތަމައުގައި އެދުވަސްވަރު އޮތް ދީނީ މުއައްސަސާތަކުގެ ވާހަކައަށެވެ. އާދެ، ފައްޅީގެ މުއައްސަސާތަކާއި އެ ފަދަ މުއައްސަސާތަކުން، މީހުންގެ އަމިއްލަ ވިސްނުމާ ފިކުރަށް ހުރަސްއަޅައި ތަންވީރީ ފިކުރުގެ ކުރިއެރުން ހުއްޓުވިދާނެ ގޮތުގެ ވާހަކައެވެ.

އަޅުގަނޑުމެންގެ މުޖުތަމައުގައި މިފަދަ ދީނީ މުއައްސަސާތަކެއް ނެތެވެ. ނަމަވެސް، އަޅުގަނޑުމެންގެ އިސްލާމީ ތައުލީމު ހަމަޖެހިފައި އޮތީ ކާންޓު ފާހަގަކުރެއްވި ގޮތަށް އެކަމަށް އެއްވެސް ހެޔޮ ބަދަލެއް ގެނެވި، އިސްލާހު ނުކުރެވޭ ފަދަ ގޮތަކަށެވެ. އެހެންވެ، މިކަން ސާފުވެދިޔުމަށްޓަކައި، އަޅުގަނޑުމެންގެ އިސްލާމީ ތައުލީމީ މަންހަޖާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ޖެހެއެވެ.

އަޅުގަނޑުމެންގެ ދީނީ ހުރިހާ ކަމެއް ބިނާވެގެން ވަނީ އިސްލާމީ ޝަރީއަތުގެ މައްޗަށެވެ. މި ޝަރީއަތް ބަޔާންކުރެވިފައި އޮތީ ކީރިތި ގުރުއާނުގައެވެ. މި ޝަރީއަތުގައި ދީނީ ކަންކަމާއި އަދި މުޖުތަމައު ހިންގުމާ ބެހޭ ބައެއް އުސޫލުތަކާއި ތައުލީމާތުތައް ވެސް ހިމެނެއެވެ. އިސްލާމީ ތާރީޚުގެ ކުރީކޮޅު، ގާތްގަނޑަކަށް ފުރަތަމަ ސާޅީހެއްހާ އަހަރު ދުވަހު، އިސްލާމީ ޝަރީއަތް -އޭގެ ދީނީ ބަޔާއި، އަދި ވަކިން ޚާއްސަ ގޮތެއްގައި ފާހަގަކުރެވޭ ގޮތުގައި، މުޖުތަމައުގެ ކަންތައް ހިންގުމާ ބެހޭބައި- ކުރިއަރުވައި ތަރައްގީ ކުރެވުނެވެ. އެބައިގައި ހިމެނޭ ތައުލީމާތުތައް، މުޖުތަމައުގެ ކުރިއެރުމާ ގުޅޭ ގޮތުން، މާނަކުރެވި، އިސްލާހުތައް ގެނެވި، ބަދަލުތައް ވެސް ގެނެވިގެންނެވެ. މިކަން ކުރެވުނީ އިސްލާމީ ވެރިކަމުގެ އޮނިގަނޑުގެ ތެރޭގައެވެ. ނަމަވެސް، އިސްލާމީ ވެރިކަން، ވިރާސީ ވެރިކަމަކަށް ބަދަލުވުމާ ގުޅިގެން، އިސްލާމީ ޝަރީއަތުގެ ކަންތައް މާނަކޮށް ތަރައްގީކުރުން، ވެރިކަމުގެ އޮނިގަނޑުން ބޭރުވެ، އެކަން ދީނީ އިލްމުވެރިންގެ އަތް މައްޗަށް ދިޔައެވެ. އަދި، ދެން އައި ދޮޅު ގަރުނެއްހާ ދުވަހުގެ ތެރޭގައި އިސްލާމީ ޝަރިއަތް، އެބަހީ ކީރިތި ގުރުއާނުގައި ބަޔާންކުރެވި ދިޔަ ތެދުމަގާ ބެހޭ ތައުލީމާތުތައް، މާނަކުރެވި، އެކަމަށް ހިއްސީ ސިފައެއް ގެނެވި ފުރިހަމަ ކުރެވުނެވެ. މިކަމުގެ ނަތީޖާއަކަށްވީ ފިގުހު އިލްމު އުފެދިގެން ދިޔުމެވެ. އަދި، އިސްލާމީ ޝަރިއަތަކީ ފިގުހުގައި އެކަން މާނަކުރެވިފައިވާ ގޮތްކަމުގައި ވުމެވެ.

ކުރިން އިޝާރަތްކުރި ފަދައިން، ހިޖުރައިން ދެވަނަ ގަރުނުގެ މެދެއްހާ ހިސާބު، ފިގުހު އިލްމު ތަރައްގީކުރެވި ފުރިހަމަވެގެން ދިޔުމުން، އިސްލާމީ ޝަރީއަތަކީ އަދި ކަންކަމުގައި އޮންނަ އިސްލާމީ ގޮތަކީ ފިގުހުގައި ބަޔާންކުރެވިފައިވާ ގޮތްކަމުގައި ވެގެން ދިޔައެވެ. ދެން އައި ގަރުނުތަކުގައި، އެކި އެކި މަޒުހަބުތަކުގެ މައްޗަށް ފިގުހުފޮތްތައް ލިޔެވުނެވެ. ހަނަފީ މަޒުހަބާއި މާލިކީ މަޒުހަބާއި ޝާފިއީ މަޒުހަބާއި ހަންބަލީ މަޒުހަބާއި ޖައުފަރީ މަޒުހަބުތައް ފަދަ މަޒުހަބުތަކުގެ މައްޗަށެވެ. އަދި މި ފަދަ ފޮތްތައް ޚުލާސާކޮށް އަދި އެޚުލާސާތައް ތަފްސީލުކޮށް ފޮތްތައް ލިޔެވުނެވެ. އިސްލާމީ މަންހަޖު ބިނާވެފައި އޮތީ މިފަދަ ފޮތްތައް ކިޔެވުމުގެ މައްޗަށެވެ. ފިގުހާއި އަދި އިސްލާމީ ތައުލީމުގައި ހިމެނޭ ތަފްސީރާއި ހަދީސް ފަދަ އިލުމު އުނގެނުމުގައި ވެސް ކަންއޮތީ އެ ދާއިރާއެއްގައި ހިމެނޭ ފޮތެއް ނޫނީ ފޮތްތަކެއް ކިޔައި ދަސްކުރުމެވެ. އެ ފޮތްތަކުގެ މައްޗަށް ތަންގީދީ ނަޒަރަކުން ބަލައި، އޭގައި އެކުލެވޭ މައުލާމާތު އިސްލާހުކޮށް، ކުރިއަރުވާނީ ކިހިނެއްކަމުގެ ހުނަރު އިސްލާމީ ތައުލީމީ މަންހަޖު ދަރިވަރުންނަށް ދަހެއް ނުކޮށްދެއެވެ.

މިކަމުގެ އެއް ނަތީޖާކާއަކަށްވީ އިސްލާމީ ސަގާފަތުގެ ކުރިއެރުން ހުއްޓި ހައްޔަރުވުމެވެ. މިތަނުގައި އިސްލާމީ ސަގާފަތޭ ބުނެ އިޝާރަތް މިކުރަނީ މުސްލިމުންގެ ޒިހުނީ އުފެއްދުމަށެވެ. ހިޖުރައިން ފުރަތަމަ ދެތިން ސަތޭކަ އަހަރު، އިލްމީ ހުރިހާ ދާއިރާއެއްގައި ގިޔާދީ ދައުރެއް އަދާކުރުމަށް ފަހު، މުސްލިމުންގެ އިލްމީ މަސައްކަތް ނިމި ހުއްޓިގެން ދިޔުމެވެ. ހުރިހާ އިލްމެއްގެ ރާޖާއަކީ ‘ފިގުހުކަމަށްވެ’ އިސްލާމީ އުނގެނުމަކީ ހަމަ އެކަނި ފިގުހަށްވެ ދިޔުމެވެ. އެހެން އިލްމީ މަސައްކަތްތަކަށް ހިތްވަރު ނުދެވުމެވެ. މިކަމުގެ ހެއްކަކީ ދެން އައި ގަރުނުތަކުގެ ތެރޭގައި ޣަޒާލީގެ އިހުޔާއުއާއި އިބްނު ޚަލްދޫނުގެ މުގައްދިމާގެ އިތުރުން އަސްލީ، އާ އެއްވެސް އިލްމީ އުފެއްދުމެއް ފެނިގެން ނުދިޔުމެވެ.

މިކަމުގެ އަނެއް ނަތީޖާއަކީ އިސްލާމީ ޝަރިއަތުގެ ތައުލީމާތުތައް އިތުރަށް މާނަކުރެވުން ހުއްޓި މުސްލިމުންގެ މުޖުތަމައުތައް އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ދިޔުމަށް ހުރަސް އެޅުމެވެ. އިސްލާމީ ތައުލީމީ މުއައްސަސާތަކަށް، މި މަސައްކަތް ކުރާނޭ ދީނީ އިލްމުވެރިން ނުއުފެއްދުމެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ފިގުހަކީ އިސްލާމީ ޝަރީއަތް ކަމަށް ބެލެވި، ފިގުހުގެ އުނގަންނައިދިނުންތަކަކީ އެއަށް އެއްވެސް ބަދަލެއް ނުގެނެވޭނޭ އެއްޗަކަށް ވެގެން ދިޔުމެވެ. ކާންޓުގެ ލިޔުމުގައި ބަޔާންކުރެވިފައި އޮތް ފަދައިން، އަޅުގަނޑުމެންގެ ތެރޭގައި، ދީނީކަންކަން ވަކިގޮތަކަށް ކަނޑައަޅައި ނިންމުމުގެ އިޚުތިޔާރާ ބާރުއޮތް، ފައްޅީގެ މުއައްސަސާތައް ނެތްކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ދީނީ ތައުލީމީ މަންހަޖު މިފަދަ މުއައްސަސާތަކުގެ ދައުރު އަދާކޮށް، މުސްލިމު މުޖުތަމައު އިސްލާމީ އުސޫލުތަކާ އެއްގޮތް ވާގޮތުގެ މަތިން ކުރިއެރުމަށް ހުރަސް އަޅައެވެ. މިކަމާ ބެހޭ ގޮތުން ޚިޔާލެއް ފާޅުކުރެވިއްޖެ ނަމަ، އެކަން ހުއްޓުވަން، ދީނީ އިލްމުވެރި ބޭކަލުން މަސައްކަތްކުރައްވައެވެ.

ޝަރީއަތުގެ ތައުލީމާތުތައް ކުރިއެރުވުމުގެ މަސައްކަތުގެ ވާހަކަދައްކާއިރު، މިތަނުގައި އިޝާރަތްކުރަނީ ޝަރީއަތުގެ ތައުލީމާތުތަކުގައި ހިމެނޭ މުޖުތަމައު ހިންގުމުގެ ބަޔަށެވެ. މިބައި ކުރިއަރުވައި މުޖުތަމައުގައި ހިންގާލެވޭނީ، އިސްލާމީ ތާރީޚުގެ ކުރީ ކޮޅު، އާދެ ފިގުހު އިލްމު އުފެދުމުގެ ކުރިން، އަސްހާބު ބޭކަލުންނާއި ތާބިއީ ބޭކަލުންގެ ދުވަސްވަރު، އިސްލާމީ ޝަރީއަތުގެ މުޖުތަމައީ ތައުލީމާތުތައް މާނަކުރެއްވި ގޮތުގެ މައްޗަށް ބަލައި، މުޖުތަމައުގެ އަގުތަކަށް އަންނަ ބަދަލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިފަދަ ތައުލީމާތުތަކުގެ ސޫރައަށްވުރެ ބޮޑަށް އެ ސޫރަތައް މެދުވެރިކޮށް ހާސިލުކުރަން ބޭނުންވާ މަގުސަދުތަކަށް މުހިންމުކަން ދެވި، އެކަންކަން ހިންގާލެވޭނޭ އާ ސޫރަތަކެއް އުފެއްދިގެންނެވެ. [މީގެ ބައެއް ތަފްސީލުތައް ކުރިން ޝާއިއު ކުރެވުނު ދީނީ ހަރުކަށި ފިކުރާ ބެހޭ ލިޔުމުގެ ފުރަތަމަ ދެބައިގައި ކޮންމެވެސް ވަރަކަށް ގެނެވިފައިވާނެއެވެ.]

ކާންޓުގެ ލިޔުމުގައި އޭނާގެ މުޖުތަމައު ވޭތުކުރަމުން ދިޔައީ ތަންވީރީ ފިކުރެއް ލިބުމުގެ މަގުފަހި ވެފައިވާ ޒަމާނެއްކަން ފާހަގަކުރެއްވިއެވެ. ހަމަ އެފަދައިން، އަޅުގަނޑުމެން ވެސް މިއަދު ވޭތުކުރަމުން މިދަނީ، ދެންމެ މި އިޝާރަތްކުރި މަސައްކަތް ކުރުމަށް މަގުފަހިވެފައި އޮތް ދުވަސް ވަރެކެވެ. އިސްލާމީ ޝަރިއަތުގެ ތައުލީމާތުތަކުގެ މުޖުތަމައީ ބައި، އަދުގެ މުޖުތަމައަށް އައިސްފައިވާ ބަދަލުތަކުގެ އަލީގައި، އަލުން މާނަކޮށް މިއަދުގެ މުޖުތަމައުގައި ހިންގާލުމުގެ އިލްމީ މަސައްކަތް ކުރުމުގެ މަގު ފަހިވެފައި އޮތް ދުވަސްވަރެކެވެ. މިކަމަށް ބޭނުންވަނީ، ކާންޓު ފާހާގަކުރެއްވި ފަދައިން، ކެރުމާއި ހިތްވަރެވެ. ކަމާ ބެހޭ އިހުގެ އިސްލާމީ ލިޔުންތަކާއި އަދި މިއަދު މިކަމާ ބެހޭ ގޮތުން މުސްލިމުންގެ މެދުގައި ކުރެވެމުންދާ ބަހުސްތަކާ ދިރާސާތުތައް ހުޅުވިފައިވާ ސިކުނޑިއަކާގެން ބަލައިގެންނެވެ. އަޅުގަނޑަށް ހީވާ ގޮތުގައި އަޅުގަނޑުމެންގެ އިސްލާމީ ކުރިއެރުން ގުޅިފައި އޮތީ މި މަސައްކަތާއެވެ. އ.ހ]