Support Us

އަޝްރަފުގެ ގިނަގުނަ ޚިދުމަތަށް ލޯތްބާއި ތައުރީފު އޮހެނީ

ދިވެހިބަހުގެ އެކަޑަމީގެ ރައީސްކަމުގައި ކާމިޔާބު ދެ ދައުރު ފުރިހަމަކުރެއްވުމަށްފަހު މިދިޔަ އާދިއްތާ ދުވަހު މަގާމުން ވަކިވެވަޑައިގެންނެވި އަޝްރަފް އަލީގެ ގިނަގުނަ ޚިދުމަތަށް، އޭނާގެ ދަރިވަރުންނާއި ލިއުންތެރިންނާއި އަދަބީ ދާއިރާގެ ގިނަ ބައެއްގެ ލޯތްބާއި ތައުރީފުގެ ބަސްތައް މީސް މީޑިއާގައި ދަނީ އޮހެމުންނެވެ.

އަޝްރަފް ޢަލީގެ ރައީސް ކަމުގެ 10 އަހަރުގައި ޅެންވެރިކަމާއި އަދަބިއްޔާތަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ވަނީ ކުރައްވައިފައެވެ. ދިވެހި ބަސްފޮތް ޒަމާނީކުރެއްވުމުގެ ބުރަ މަސައްކަތްޕުޅުތަކެއް ވަނީ ކުރައްވައިފައެވެ. ކުރީން ބަސް ކޮމެޓީން ގެންގުޅުނު ގޮތް ބަދަލުކުރައްވައި ފަންނިއްޔާތުގެ ތެރެއިން ޑޭޓާ ކޮށާރެއް އުފައްދަވައި އާ ބަސްފޮތެއް ވެސް ވަނީ ވުޖޫދަށް ގެންނަވައިފައެވެ. އަދި "ކުޑަހުވަދޫ ލޯމާފާނު" ވަނީ ދިވެއްސާއި އިނގިރޭސި ބަހަށް ތަރުޖަމާކުރައްވައި ނެރުއްވައިފައެވެ.

ތިރީގައި މިވަނީ އަޝްރަފުގެ ފޭސްބުކްގައި އޭނާއާ ބެހޭ ގޮތުން ފާޅުކޮށްފައިވާ ބައެއް ޝުއޫރުތަކެވެ.

އަބްދުﷲ ސައީދު

ދިވެހިބަހާއި ތާރީޚާއި އަދަބަށް އަޝްރަފް ޢަލީ ކޮށްދެއްވި ޤައުމީ އަގުހުރި ޚިދުމަތަކީ ނަމޫނާ މަަސައްކަތް ތަކެކެވެ. އެކަމަށް ޓަކައި ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ޝުކުރުގެ ޖިޒީތައް ބަރުތީލަކުރަމެވެ. ޝައްކެއްނެތެވެ. ތިޔަ ޤައުމީ ޚިދުމަތްތައް ދާއިމަށް ދިރިދިރި އޮންނާނެއެވެ. އެ ޚިދުމަތްތަކެއްގެ ސަބަބުން ޤައުމު ހަނދާން ކުރާނެއެވެ.

ފިކުރާއި ޝުޢޫރާއި އުމުރާއި ޚިޔާލު ތަފާތު އެތައް ބަޔަކު ގޮވައިގެން ލީޑްކުރެއްވިއިރު ހޯއްދަވާފައިވާ އަރުތަތައް ނުހަނުގިނަކަމުންނެވެ. ނެރުއްވި ތާރީީޚީ އަދި އަދަބީ ފޮތްތަކާއި އުފެއްދެވި މީސް މީޑިއާގެ ތަފާތު މަންސަތަކާއި މީޑިއާގެ ތަފާތު ވަސީލަތްތަކާއި ހިންގެވި ތަފާތު ޢިލްމީ ޕްރޮގްރާމުތަކާއި ކުރިއަށް ގެންދެވި ތަފާތު މުބާރާތްތަކާއި ފާހަގަކުރެއްވި އަދަބީ ޢީދުތަކާއި ބޭއްވެވި ޅެންވެރީންގެ ހަވީރުތަކާއި ކުރިއަށް ގެންދެވި ހޫނު ބަހުސްތަކާއި މިހިރީ ދިވެހިބަހުގެ އެކަޑެމީގެ ރައީސްކަމުގައި ހުންނަވައިގެން ހޯއްދަވައި އަދި ހާސިލުކުރައްވާފައިވާ ކާމިޔާބު ތަކެވެ. މި ކަންކަމުގައި އަޝްރަފު ގެންގުޅުއްވި ޤައުމީ ވިސްނުންފުޅާއި އަޝްރަފުގެ ހިތްޕުޅުގައި އޮތް ޤައުމީ ލޯތްބާއި ޤައުމީ ރޫޙު ކޮންމެވެސް ވަރަކަށް ފެނުނު މީހަކަށްވާތީ އުފެދިފައިވާ ލޯތްބާއި ދެވިފައިވާ ގަދަރު މަތިވެރިއެވެ.

ޅެންވެރިކަމުގައާއި ލިޔުންތެރިއެއްގެ ގޮތުގައި އަދި ދިވެހިތާރީޚަށް ޚިދުމަތް ކުރުމުގައި އަޅުގަނޑަށް ދެއްވި އިރުޝާދާއި ފުރުސަތުތަކުގެ މަތީން އަބަދުވެސް ހަނދާން ހުންނާނެއެވެ. ޚާއްޞަކޮށް އެތައް ދަރިވަރުންނަކާ ތަފާތު ސްޓޭޖުތަކާއި ތަފާތު އޮޅިތަކުން ބައްދަލުކޮށް އެ ކުދިންގެ ޅަ ސިކުނޑިތަކަށް ޤައުމިއްޔަތުގެ އަލިކަން ވައްދައިދިނުމަށް ކުރެވުނު މަސައްކަތްތަކަކީ ވަރަށް ހިތްހަމަޖެހޭ މަސައްކަތްތަކެކެވެ. އަޅުގަނޑު އެދެނީ އަޝްރަފް ޢަލީއަށާއި އާއިލާއަށް އުފާ ފާގަތިކަމެވެ.

އިސްމާއިލް އަލީ

އަޚް އަޝްރަފް ޢަލީ އަށް ދަންނަވަން އޮތީ ދިވެހި ބަހާ ބަހުގެ އަދަބިއްޔާތަށް ޒަމާނީ ރޯޝަންކަން ގެނައުމަށް ތިޔަ ކޮށްދެއްވި ބުރަ އަދި އިޚްލާސްތެރި މަސައްކަތުން ބަހާ އަދަބުގެ ޖައްވަށް ދިރުންލިބި ހިނިތުންވުން ގެނުވައިފިޔޭ. މިޤައުމު ދެމިއޮތްހާ ދުވަހު ތިޔަކޮށްދެއްވި ޚިދުމަތުގެ މީރުވަސް ތާޒާކަމާއެކު ދެމިހުންނާނެޔޭ.

އާމިނަތު ޖިނާހު

ދިވެހިބަހާއި އަދަބަށް، ދިވެހިންނަށް، އަދުގެ ކިޔަވާ ކުދިންނަށް ތިޔަ ކޮށްދެއްވި އަގުހުރި ޚިދުމަތަށްޓަކައި ނިހާޔަތަށް ޝުކުރު ދަންނަވަން. އަޅުގަނޑު އެދެނީ ލޮބުވެތި މުދައްރިސަށް އަދަށްވުރެ އުޖާލާ ކުރިމަގެއް މިންވަރުކުރެއްވުން.

މުބީން ޢަލީ

ދިވެހި އަދަބިއްޔާތު ކުރިއެރުވުމަށްޓަކައި، މުޙްތަރަމް އަޝްރަފް ޢަލީ ކުރެއްވެވި މަސައްކަތްޕުޅުތަކަކީ، އަޅުގަނޑުގެ ދުލާއި ޤަލަމުން އެކަންކަމުގެ އަގު ވަޒަންކޮށް، ހެޔޮ ތަޢުރީފުގެ ދެ ތިން ލަފުޒު ބަރުތީލަކޮށްލުމުން ފުދޭނެ ވަރަށްވުރެ އަގުހުރި، ލާމަސީލު، ބުރަދަން ހުރި މަސައްކަތްޕުޅުތަކެކެވެ. އެމަނިކުފާނުގެ ނަން ތާރީޚީ ފަތްފުތްތަކުގައި ލިޔެވިގެން ދާނީ، ހަމައެކި ދިވެހި ބަހަށް ޚިދުމަތްކުރެއްވި ޚިދުމަތްދާރެއްގެ ގޮތުގައެއްނޫނެވެ. އެމަނިކުފާނަކީ މި ޤައުމުގެ ޙައްޤުގައި ތެދުވި އަޒުމުވަރުގަދަ، ހިތްވަރުގަދަ، ޖެހިލުންކުޑަ، އެފަދަ ދެވަނައެއް ނެތް ލާމަސީލު ނަމޫނާއެކެވެ. ދިވެހި ޤައުމުގެ ޙައްގުގައި ތެދުވި ބޭފުޅެކޭ އަޅުގަނޑު މިދަންނަވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އަޅުގަނޑުމެންގެ މިނިވަންކަން ރަމުޒުކޮށްދޭ، އެންމެ އަގުބޮޑު އެއްް ރަމުޒުކަމުގައިވާ “ދިވެހިބަސް”، މި ވަޠަނުގެ ފަސްގަނޑުގައި ވަޅުޖެހިފައި ވަނިކޮށް، ބަހުގެ މައްޗަށް މި ޖީލުގެ ޒުވާނުންގެ ހިތްތަކުގައި، ހަންހާރަވެތި ލޯތްބެއް އަށަގެންނެވުމަށްޓަކައި، އެ މަނިކުފާނު ވަނީ ހިތްވަރާއެކު މަސައްކަތްޕުޅުކުރައްވާފައެވެ. ދައްޗާއި، ތުރައުތަކާއި، އުނދަގޫތަކާއިއެކު، ހަސަދަވެރި ދުޝްމަނުންގެ، ފުރައްސާރައާއި، ދެކޮޅުވެރި ޢަދުއްވުންގެ އުދަނގޫތަކުގެ ކުރިމަތީގައި ސާބިތުވެހުންނަވައިގެންނެވެ. ދަހަރެއްގެ ދިގު މުއްދަތުގައި އެމަނިކުފާނު އެ ކުރެއްވި މަސައްކަތްޕުޅުތަކަކީ ހަމައެކަނި ވަޒީފާގެ މަސްޢޫލިއްޔަތުތަކޭ ދަންނަވާނީ ކިހިނަކުންތޯއެވެ؟ އެއީ އަގުނުކުރެވޭނޭ ފަދަ ޤައުމީ މަސައްކަތްޕުޅުތަކެކެވެ. އެމަނިކުފާނުގެ ހިތްޕުޅުގައި، ޒުވާނުންނަށް ދެވިފައިވަނީ ވަރަށް ޚާއްސަ ލޯތްބެކެވެ. ޒުވާނަކު ކަމަކައިގެން އެމަނިކުފާނަށް އިޝާރާތެއްކޮށްލެއްވި ކޮންމެ ވަގުތެއްގައި ވެސް، އަދި ކޮންމެ ދަމެއްގައި ވެސް، ދަމެއް ބޮޑުނުވެ، އެހީތެރިކަން ފޯރުކޮށްދެއްވައެވެ. ނޭނގޭނަމަ ބުނެދެއްވައެވެ. އޮޅުންފިލުވައި ދެއްވައެވެ. ކަންކަމުގައި ލަފާދެއްވައެވެ.

އެމަނިކުފާނަކީ ހިތްތަކުގެ މިތުރެކެވެ. ނުސިޔާނުކަމާއި، ނޭއްދާރުކަމުގެ ހަތުރެކެވެ. ސަކަ މިޒާޖުގެ ސަމާސާ ބޭފުޅެކެވެ. މީހުންނާ ގުޅޭ، މީހުންނަށް އިޙްތިރާމުކުރަން ދަންނަ، ޚުލްޤު ހެޔޮ، ހިތްތިރި، ހިތްހެޔޮ ބޭފުޅެކެވެ. ކުޅަދާނަ ލިޔުންތެރިޔެކެވެ. ފުދުންތެރި ޝާޢިރެކެވެ. އެތަކެއް ސަތޭކަ ދަރިވަރުންގެ އިޙްތިރާމާއި، ޤަދަރުލިބިގެންވާ، ކުޅަދާނަ އެދުރެކެވެ.

ޤަލަމުން ދެލި ހުސްނުވާކަމުގައި ވަނީނަމަ ލިޔެވިދާނެއެވެ. ދުލުން ބަސް ހުސްނުވާ ކަމުގައި ވަނީނަމަ އިތުރަށް ވެސް ބުނެދެވިދާނެއެވެ. އެހެންނަމަވެސް، އެމަނިކުފާނުގެ މަސައްކަތްޕުޅުތަކަކީ ދުލާއި، ޤަލަމުން ބަޔާންކުރެވޭނެ ވަރަށްވުރެ އަގުހުރި މަަސައްކަތްޕުޅުތަކެކެވެ. ވިމާ އަޅުގަނޑު ގަލަން މި ބާއްވަނީ އެމަނިފާނަށް އުފާވެރި، ފާގަތި މުސްތަޤުބަލެއް ދެއްވުން އެދި މާތް ٱللَّٰه ގެ ހަޟުރަތުގައި ދުޢާ ދަންނަވަމުންނެވެ.

ޝާޢިރީ އަލި އުދަރެހުން ދީބަށް އުދަވި ތަރި އަސްރަފީ

ދާއިމަށް އަދަބުގެ އުޑުން ފަނޑުނުވެ ނުހަނު އަލިކޮށް ވިދާށި

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އުސްތާޛު އަޝްރަފް ޢަލީ، ދިވެހި ބަހާއި ޘަޤާފަތާއި ތާރީޚަށް ކޮށްދެއްވި އަގުހުރި ޚިދުމަތަށްޓަކައި ނުހަނު ލޯތްބާއި އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެމަނިކުފާނު ފެނިގެން ދިޔައީ ވަރަށް ހިތް ހެޔޮ ޚުލުޤު ހެޔޮ، ހިނިތުންވުމާއެކު މުޢާމަލާތު ކުރެއްވި އެދުރެއްގެ ގޮތުގަ. އުސްތާޛު އަޝްރަފް ޢަލީ އަށް އިތުރު ކުރިއެރުން މިންވަރު ކުރައްވާށި. އާމީން.

އާޒިމްބެ

ޝައުގާއެކު ކޮށްދެއްވި އިޚުލާޞްތެރި ޚިދުމަތްތަކަކީ އިރާދަކުރެއްވިއްޔާ ގެއްލިގެން ދާނޭ ޚިދުމަތެއް ނޫން!

ރައީހުގެ މަގާމާއި ޒިންމާގައި ނެތަސް، އެކުވެރިންނާއި ރަޙުމަތްތެރިން އަޝްރަފާއެކުގައި ﷲ ގެ އިރާދައާއި ވާގިފުޅުން އަޝްރަފާ ދުރު ނުވެ އެކުވެރިކަމާއެކު އަޝްރަފާއެކު ލަހައްޓަވާށި! އަޝްރަފުގެ ކުރިމަގަކީ ހުރިހައި މާނައެއްގައިވެސް އުފާފާގަތި ދުޅަހެޔޮ ދުވަސްތަކެއްކަމުގައި ﷲގެ ރަޙުމަތުން ލަހައްޓަވައި، އަޝްރަފުގެ ފަންނީ ހުނަރާއި ތަޖުރިބާ ދިވެހިންނަށާއި ދިވެހި ގައުމަށް ކުރިމަގުގައިވެސް މިންވަރުކުރައްވާށި!

ޒިފްލީން ހަސަން

ދިވެހި ބަހަށް ތިޔަކޮށްދެއްވި އަގުހުރި ޚިދުމަތަށްޓަކައި ގާތް އެކުވެރިއެއްގެ ހައިސިއްތުންނާއި، ދިވެހި ބަހަށް ލޯބިކުރާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ނުހަނު ލޯތްބާއި އެކު ޝުކުރު ފަށްފށް ކުރަން. ފާގަތި އުޖާލާ ކުރިމަގެއް މިންވަރު ކުރައްވާށި.

ފާތުމަތު ނިއުމާ

ލޮބުވެތި ސަރ! ދިވެހިބަހާއި ތާރީޚަށް ތިޔަ ކޮށްދެއްވީ ޤައުމެއްގެ ނިސްބަތުން ބަލާއިރު ވަރަށް އަގުހުރި ޚިދުމަތްތަކެއްކަން ކަށަވަރު. ލޯތްބާއި އިޙުތިރާމާއެކު ހިތުގެ ފުންމިނުން ފަނޑުވުމެއްނެތް ޝުކުރުގެ ޖިޒީތައް އަރިސްކުރަން. އަބަދުވެސް ސަރއަށް ކާމިޔާބު ކުރިމަގަކަށް އެދެން

އައިންތު އބްރާހީމް

ކުރެއްވި އިޚްލާސްތެރި އަގުބޮޑު މަސައްކަތް އިންޝާﷲ އަސްލު ދިވެހިން ބަލައިގަންނާނޭ ކަމާ މެދު ޝައްކެއް ނެތް ދިވެހިބަސްދެކެ އިންތިހާ އަށް ލޯބިވާ މުދައްރިސެއް،އެދުރެއް ދިވެހި ގައުމިއްޔަތަށް ކުލުނުހުރި އުސްތާޒެއް ދިވެހި ފަސްގަނޑަށް އުފަންވީ ކަމަކީ ހެޔޮނަސީބެއް

ޝާހިލް މުއީން

އަޝްރަފް ޢަލީ ފަދަ ދެވަނަ އަޝްރަފެއް ލިބުން ނާދިރު. ޖޯޝު ކުރިޔަށް ނެރިގެން އޭގެން ބާރު ހޯދައިގެން ދިވެހި ބަހާއި އަދަބަށް އަދި ތާރީޚަށް ކޮށްދެއްވީ އަގު ނުކުރެވޭ ފަދަ ޚިދުމަތެއް

ތޯހާ ސަލީމް

އާދަޔާ ޚިލާފު ކާމިޔާބު ދެ ދައުރު. ތެދުވެރި، އުފެއްދުންތެރި މަސައްކަތް ތަކެއް. ޖީލުތަކަށް ދެމިގެންދާނެ ފައިދާ ހުރި ޚިދުމަތެއް. އަބަދުވެސް ކާމިޔާބަށް އެދެން

އަބޫބަކުރު އާދަމް

ދިވެހިބަހަށް އަޚް އަޝްރަފުއަލީ ކޮށް ދެއްވި ގިނަގުނަ މަސައްކަތްޕުޅަށް ތައުރީފު ހައްގު ޝުކުރު ދަންނަވަމެވެ. އަދި އަޚް އަޝްރަފުއަލީ އަކީ ހިތްޕުޅުހެޔޮ ވަރަށްވަފާތެރި ލާމަސީލު ޝަޚްޞިއްޔަތެކެވެ. މިފުރުޞަތުގައި އަޚް އަޝްރަފު އަލީއަށް އަޅުގަނޑު އެދެނީ އުފާފާގަތި ކުރިމަގެކެވެ.

އައިޝަތު ރުޝްދީ

ދިވެހި ޤައުމު ފަޚުރުވެރިވާ ފަދަ އިޚްލާސްތެރި މަސައްކަތްތަކެއް ދިވެހި ޤައުމަަށާއި ދިވެހި ބަހަށް ކޮށްދެއްވައިފީމު. އެފަދަ ދަރިންނަކީ އެފަދަ ދަރިންގެ އަގުހުރި ޚިދުމަތްތައް އަބަދުވެސް ޖީލުތަކަކަށް ދެމިގެންދާނެ އަގުހުރި ދަރީން. މާތްﷲ އަޝްރަފް ޢަލީގެ ޚިދުމަތްތަކަށް ހެޔޮ ޖަޒާ ދެއްވާށި.އާމީން.

އުފާވެރި ކާމިޔާބު ކުރިމަގެއް މިންވަރުކުރައްވައި ފުރިހަމަ ޞިއްޙަތެއްގައި އަދިވެސް މި ޤައުމަށް ޚިދުމްތް ކުރައްވާ ތަން ފެނިގެން ދިއުމަކީ ކުރެވޭ އުއްމީދެއް. އިންޝާﷲ

އަންވަރު އިބްރާހީމް

ދިވެހިބަހަށް ތިޔަ ކޮށްދެއްވި މަތިވެރި އަދި އަގުހުރި ޚިދުމަތަށް ޓަކައި ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ވަރަށް ލޯތްބާއެކު ޝުކުރުދަންނަވަމެވެ. އެކި ފަހަރު މަތިން އެކި ގޮތްގޮތަށް އަޅުގަނޑަށާއި ސްކޫލުތަކަށް ވެދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ވެސް މުދައްރިސެެއްގެ ހައިސިއްޔަތުން ޝުކުރު ދަންނަވަމެވެ. ތިޔަ ހަރުދަނާ ޝަޚުޞިއްޔަތުގެ ދިވެހިވަންތަކަމާއި ގައުމީވަންތަކަމަކީ އަޅުގަނޑަށް ފެނުނު އެންމެ ރީތި ތަސްވީރެވެ.

މަރިޔަމް ފިޒާނާ ރަޝީދު

ޝުކުރުވެރިވެވޭ ކުރެއްވި ބުރަ ބޮޑު މަސައްކަތަށް.. ދެވޭ ލޯތްބާއި އިޙްތިރާމް ހިތްހެޔޮ މިތުރަކަށް ވީތީ… ފާގަތި އުފާވެރި ދުވަސްތަކެއް މިންވަރު ކުރައްވާށި. އާމީން

ރީނާ ޔަމް

އަޝްރަފް ސަރގެ މަސައްކަތްޕުޅަށް އައްސަރިބަހާއި ސާބަސް ހައްގު. ސަރގެ މަސައްކަތްޕުޅަކީ ދިވެހިބަހާއި ދިވެހި އަދަބިއްޔާތާއި ދިވެހި ސަގާފަތް ދިރުވަން ދިވެހި ދަރީންގެ ހިތުގައި އާ ރޫޙެއް އުފެދުނު މަސައްކަތްޕުޅެއްކަން ޔަޤީން.

ސަރ އަށް ހެޔޮ ގޮތް މިންވަރުކުރައްވާށި! ފަހި، ފާގަތި ކުރިމަގެއް ދެއްވާށި!

މުހައްމަދު ނަސީރު އަލީ

މުހިންމު ފޮތްތައް ލިޔެވިގެން ވަނީ ގިނަ ބާބު ތަކަށެވެ. މުހިންމު ޝަޚްޞިއްޔަތުތަކުގެ ޙަޔާތް ވެއަތު ކޮށްފައި ވަނީ ތަފާތު މަރްޙަލާ ތަކެއްގައި ތަފާތު ތަޖްރިބާ ކޮށްފަ އެވެ. މަނިކުފާނުގެ ޙަޔާތްޕުޅުން ތިޔަ ނިންމެވި މަރްޙަލާގައި ގިނަގުނަ ޚިދްމަތްތަކެއް މި ދިވެހިޤައުމަށް ކޮށްދެއްވައިފީމު އެވެ. ބަހުގައި ތިޔަ ކުރެއްވި ދަތުރުނާމާ އަޅުގަނޑުގެ ހިތުގައި ބިންވަޅު ނަގައި ކުރަހައިދިނީ ނުހަނު ރީތި ޤައުމީ ތަޞްވީރެކެވެ. ބަހުން ފައިބައި ވަޑައިގަތަސް މަނިކުފާނުގެ ދަތުރުފުޅު އޮންނާނީ ކުރިޔަށް ކަމާމެދަކު ޝައްކެއް ނުކުރަމެވެ. ތިޔައީ ފަޚްރުވެރި ދިވެހި ދަރިއެކެވެ. ހުވަދޫގެ ހިތްވަރުގަދަ ޒުވާނެކެވެ. އަހަރެމެން އެންމެން ނުހަނު ލޯބިވާ އަޚެކެވެ.

އަލީ އަމީރު

ސާނަވީ މަރުޙަލާގައި އައި އެންމެ ހިތާމަވެރި އެއް ދުވަހަކީ މުދައްރިސް ދަރުމަވަންތަ ސްކޫލު ދޫކުރައްވައި އެކެޑަމީގެ ރައީސްގެ މަސްއޫލިއްޔަތާއި ހަވާލުވެލެއްވި ދުވަސް. އެކަމަކު، އެދުވަހުވެސް ޤަބޫލުކުރެވުނު އެއް ކަމަކީ މުދައްރިސް ވަޑައިގެންނެވީ ދިވެހި ބަހަށް ފާގަތި މުސްތަޤުބަލެއް ހޯއްދަވައިދެއްވުމުގެ މަތިވެރި މަސައްކަތްޕުޅަށްކަން.

2011 ވަނަ އަހަރުން ފެށިގެން މިވީ 10 ވަރަކަށް އަހަރު މުދައްރިސް ދިވެހި ބަހަށްޓަކަށް ކުރެއްވި މަސައްކަތް ގާތުން ފެނުނު ޒުވާނެއްގެ ހައިސިއްޔަތުން ދަންނަވާލަން ބޭނުންވަނީ، ތިޔަ ކުރެއްވި އަގުހުރި ޚިދުމަތުގެ ހަނދާން، ދިވެހި ޤައުމު އަބަދުވެސް ކުރާނޭ. އަދި އަބަދުވެސް މުދައްރިސްގެ ޚިދުމަށް ދިވެހި ބަހަށް ލިބެމުން ދާނެއޭ.

މުދައްރިސްގެ ޤިޔާދަތުގެ ދަށުގައި ދިވެހިބަހުގެ އެކެޑަމީއަކީ ދިވެހިން ބަލައިގަންނަ މުއައްސަސާއަކަށް ހެއްދެވި. އަދަބީ މުބާރާތްތަކަށް ގެންނެވި ހެޔޮ ބަދަލު އުފަލާއެކު ބަލައިގަންނަން. ބަހަށް ޒުވާނުން ހޭލުންތެރި ކުރެއްވުމަށް، މިފަހުގެ ތާރީޚެއްގައި މުދައްރިސް ކުރެއްވި މަސައްކަތްޕުޅާ ގާތައްވެސް އެހެން އެއްވެސް ބޭފުޅަކަށް މަސައްކަތް ކުރެއްވިފައެއް ނެތް. ވަކިން ޚާއްޞަކޮށް، މީސް މީޑިއާގެ ވަސީލަތްތަކުގައި ތާނަ އަކުރު ބޭނުންކުރެއްވުމަށް ބާރުއަޅުއްވާ، ލިޔާނީ ކިޔާނީވެސް މި ރީތިވި ބަހުންކަން ޢަމަލުން ދައްކުވައިދެއްވި. އަދަބީ އެކި އެކި ހަރަކާތްތައް ޒަމާނީ ކުރައްވާ، އެތައް ޒުވާނުންނަކަށް ފުރުޞަތު ފަހިކޮށްދެއްވި. އެތައް ހާސް ދަރިވަރުންނާއި ފަރުދުންނަށް ހިލޭ ކޯސްތަކާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް ނަންގަވައިދެއްވި.

މުދައްރިސްގެ ދަރިވަރަކަށް ވީތީ ވަރަށް ފަޚުރުވެރިވަން. އެދެނީ ވަރަށް އުފާވެރި އުޖާލާ މުސްތަޤުބަލަކަށް.

ޤައުމަކަށް ކުޅަ ޚިދުމަތެއް މީހާގެ ނަން މަތިވެރި ވެދާށި

އައުކަމާ ތާޒާކަމާ ފެހިކަން ނަމަށް ދާއިމް ވެދާށި

މުހައްމަދު ޑީޑީ

ދިވެހިބަހުގެ އެކެޑަމީގައި ބަސް ކުރިއެރުވުމަށާއި، ތާރީޚާއި ޘަޤާފަތަށް އަޝްރަފް ޢަލީ ކޮށްދެއްވި ޤައުމީ ޚިދުމަތަށް ޝުކުރާއި މުބާރަކު ބާދީ ދަންނަވައި ހެޔޮއެދުންތައް ފޮނުވަން. ހަމަ އެއާއި އެކު ހިޖްރީ އައު އަހަރުގެ. ހެޔޮއެދުމާއި ތަހްނިޔާ އަރިސް ކުރަން.

ނާޙިދާ މުހައްމަދު

ހިތުގެ ލޯތްބާ އިޙްތިރާމާ ޝުކުރު މި ދުލުން ފަށް ކުރޭ

ފިތުނަ އެއް ނެތި ދެއްވި ޚިދުމަތް އަބަދު ޤައުމީ ދެމިހުރޭ

އަލްޙަމްދު ލިއްލާހި. ބަހުގެ ދަރިއެއްގެ ހައިސިއްޔަތުން ކުރެވުނު މަސައްކަތުގައި އަޝްރަފްގެ ލީޑަރޝިޕްގެ ދަށުން ލިބިގެން ދިޔައީ ނިހާއީ އެހީތެރިކަން. ދެއްވި ހިތްވަރާއި ކުރެއްވި އިތުބާރު އަބަދުވެސް ހަނދާން ހުންނާނެ.

ޓެކްނޮލޮޖީއާއި ދިވެހި ބަހާ ގުޅުވައި ދެއްވުމަށް ޓަކައި ކުރެއްވި މަސައްކަތް އެއީ ދިވެހި ޖީލު އަބަދުވެސް ދަންނާނެކަމެއް. އަޝްރަފް އަލީ އާއެކު ބަހަށް ޓަކައި ހިލޭސާބަށް އެތައް މަސައްކަތްތަކެއް ކުރެނު މީހެއްގެ ދުލުން ބުނާ ނަމަ ބުނެވޭނީ ލިބެންހުރި އެއްޗެއްގެ ބޭނުންކޮށްގެން ރީތިސޫރައެއް ތަސައްވަރުކޮށްދިން، އުންމީދުތައް އާކޮށްދިން ހިތުގެ މުއްސަނދި ކަމުން އެހީތެރިކަން ހިއްސާކުރާ ލާމަސީލު އެކުވެރިއެއް ކަމުގައި.

މާތްﷲ އަބަދުވެސް އުފާފާގަތި ކަމުގައި ތިބާއާއި އާއިލާ ލެއްވުން އެދި ދުޢާ ކުރަން.

ދެއްވަވާނދޭ ކާމިޔާބީ އާ ފަލާޙާ އަބަދުވެސް

ލައްވާނދޭ ދެދުނިޔޭގާ ހެޔޮ ނަސީބާ ނަސްރު ވެސް

މިންނު

މި ވޭތުވެ ދިޔަ އަހަރު ތަކުގައި ދިވެހިބަހަށް ވަރަށް ގިނަ ކުރިއެރުން ތަކެއް ގެނެވިއްޖެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. ބަހާމެދު ޢާއްމުން ވާހަކަ ދައްކާ ޚިޔާލު ފާޅުކުރާ ލައްކަ ގިނަ ހޮޅުއަށި ތަކެއް އުފެދިގެން ދިޔައީ ބަހުގެ އެކަޑަމީގެ މަސައްކަތުން ކަން ހަމަ ޔަގީން. ދިވެހި ބަހަށް ކޮށްދެެއްވަމުން ތިޔަ ގެންދަވާ މަސައްކަތަށް ޓަކާ އަބަދުވެސް ފަޚުރުވެރިވަން.. އަޅުގަނޑަށް ވަރަށް ގިނަގޮތްގޮތުން އެތައް އެހީތެރިކަމެއްވަނީ ލިބިފައި. އެކަން ވަރަށް ޝުކުރުވެރިކަމާ އެކު ބަލައިގަންނަށް. އަޝްރަފު ސާރ އަށް އިތުރު ގިނަ ކާމިޔާބީ ތަކަށް އެދެން.. އަދި ދިވެހި ބަހަށް ޚިދުމަތްކުރުމުގައި ދެމިހުންނަވާނެ ކަމަށް އުއްމީދުކުރަން… ވަރަށް ލޯތްބާއެކު ޝުކުރިއްޔާ

ޢަދުނާން ހަލީމު

ދިވެހި ބަހުގެ އެކެޑަމީގައި އެތަނުގެ ރައީސްގެ ގޮތުގައި ދިވެހިބަހާއި އަދަބަށް، ދިވެހިތާރީޚާއި ޘަޤާފަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވުމަށްފަހު އެތައްބައެއްެ ލޯތްބާއެކު އަޅުގަނޑުމެންގެ އަޝްރަފް ޢަލީ އެކަޑަމީގައި ކުރެއްވި މަސައްކަތުގެ ދައުރު ނިންމަވައި ލައްވައިފިއެވެ.

މިއަދު އަޝްރަފުގެ މޫނުމަތިން ފެންނަނީ އިއްޔެގެ ސިފައެއް ނޫނެވެ. އެކަމަކު އެއީ ހަމައެކަނި މިއަދުގެ ބަދަލެކެވެ. މަސައްކަތާއި ޚިދުމަތުގެ ދުވަސްތަކަށް އައި ބަދަލެކެވެ. ހިތްހަމަޖެހުމާއި، އުފަލާއި، ހިތާމައިގެ ބަދަލެކެވެ. ބުރަމަސައްކަތަކަށް ފަހު އަރާމުކޮށް ރާއްޖޭގެ ކަންކޮޅުތަކަށް އެހެން ނަޒަރަކުން ބަލައިލުމުގެ ބަދަލެކެވެ.

އަޅުގަނޑަށް ޔަޤީނެވެ. އަޝްރަފުގެ ޚިދުމަތުގެ ދައުރެއް ނުނިމެއެވެ. އަޝްރަފް ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތް ކުރެއްވުމުގެ މައިދާނުގައި މި ފެށުނީ މުޅީން އައު ދައުރެކެވެ. ޤައުމަށް ޚިދުމަތް ކުުރުމުގައި، ދިވެހިބަހާއި އަދަބަށް އަދި ދިވެހި ބަހުރުވަތަކަށް ޚިދުމަތްކުރުމުގައި އަޅުގަނޑުމެންގެ އަޝްރަފުގެ މަސައްކަތުގެ ދާއިރާ ފުޅާވެފައި ތަނަވަހެވެ.

މިއަދަކީ އިއްޔެއެއް ނޫނެވެ. މިއަދުދައްކާނީ އިއްޔެ ދެއްކި ވާހަކަ ތަކެއްވެސް ނޫނެވެ. މިއަދު ކުރާނީ އިއްޔެ ކުރަމުން ދިޔަ ކަންތައްތަކެއް ވެސް ނުމެނޫންމެއެވެ. އިއްޔެ އަޅުގަނޑުމެންނާ ތާއަބަދަށް ވަކިވެއްޖެއެވެ. މިއަދުގެ އިރު އެހެރީ އަޅުގަނޑުމެންގެ ބޯމަތީގައެވެ. ނަމަވެސް މާދަމާގެ ޙާލަތެއް އަޅުގަނޑުމެން އެކަކަށްވެސް ނޭގެއެވެ.

އާދޭހެވެ! މުޅީން ތަފާތު ވެށްޓެއްގައި މުޅީން ތަފާތު ގޮތެއްގައި އަދިވެސް އަޝްރަފު ހުންނަވާނީ ދިވެހިބަހާއި، ދިވެހި ބަހުރުވަތަކާއި، ދިވެހި އަދަބިއްޔާތާއި، ދިވެހި އާދަކާދަތަކާއި، ދިވެހި ޘަޤާފަތާއި ދިވެހިންނާއެކުގައެވެ. ދިވެހިބަހަށާއި އަދަބިއްޔާތަށާއި، ދިވެހި ތާރީޚާއި ޘަޤާފަތަށް ކުރަންވެފައިވާ ޚިދުމަތުގެ މައިދާނުގައެވެ.

އަޅުގަނޑު އިއްޔެވެސް އެދުނު ފަދައިން މިއަދުވެސް އެދެނީ އަޝްރަފުގެ މަސައްކަތަށް ކާމިޔާބީއެވެ. ނުހަނު ލޯތްބާއި ހިތްހެޔޮކަމާ އެކީގައެވެ.

ޔޫޝައު ހަސަން

އަޅުގަނޑަށް މިއީ ހަމައެކަނި އަޝްރަފް ސަރ އެއް ނޫނެވެ.
ހިތްވަރު ދިނުމުގައި ދެގޮތެއް ނުވެ ހިތްވަރު ދެއްވަވާ އެދުރެކެވެ.
އެހީތެރިކަމުގެ އަތުގައި ހިއްޕަވައިގެން މަގު ދައްކަވާ މަދަދުގާރެކެވެ. ހެޔޮ ނަޞޭހަތާ ހެޔޮމަގުގައި ދެމިހުރުމުގައި އެހީތެރިވެ ދެއްވާ މިތުރެކެވެ.
މިތުރުންގެ ސަފުގައި އަސްރަފީއެއް ފަދަ އަޝްރަފް އެކެވެ.
"ދިވެހި ބަހުގެ އެކަޑަމީގެ ރައީސްކަމުގައި ހުންނަވައިގެން ދިވެހި ބަހާއި އަދަބިއްޔާތަށް އަގުނުކުރެވޭ ޚިދުމަތްތަކެއް ކޮށްދެއްވި ތިޔަ ޚިދުމަތްތެރިޔާގެ ނަން ދިވެހި ތާރީޚުގައި ލިޔެވިގެންދާނީ ފަނޑުވުމެއް ނުވާ ދެއްޔަކުންކަން ޔަގީނެވެ."

ނުދާނެ ފިލައިގެނެއް ޤައުމުގެ ، މި ޖައްވުން ތިޔަ ނަމެއް ދުވަހަކު
ނުވާނެ ފަނޑެއް ކުރެއްވެވި މާތް ، ވި މަތިވެރި ޚިދުމަތެއް އަމުދަކު
– މުދައްރިސްދެކެ ލޯބިވާ -ޔޫޝަޢު ޙަސަން-

ހުސެއިން އަދީލް

ދިވެހިބަހުގެ އެކަޑެމީގެ ރައީސްގެ މަޤާމުގައި އަޝްރަފް އަލީ ހޭދަ ކުރެއްވި މުއްދަތުގައި ދިވެހިބަހާއި ތާރީޚާއި އަދަބިއްޔާތަށް ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ވަނީ ކޮށްދެއްވާފައި، ކުރިޔަށް އޮތް ތަނުގައި ވެސް ދިވެހިންނަށް މުދައްރިސްގެ ޚިދުމަތް ލިބިގެން ދާނެކަމަށް އުންމީދުކުރަން

އިއްޒާ އަހުމަދު ނިޒާރު

އަޝްރަފް ޢަލީ އަކީ ދިވެހިބަހަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ހިތްޕުޅު ހެޔޮ ލާމަސީލު ޝަޚުޞިއްޔަތެއް. ހެޔޮ ދަރުމަ ދެއްވާށި.

އަހުމަދު ޔާސިރު

އަޝްރަފް އަލީ އާއި އެކު ގިނަ ޕްރޮޖެކްޓްތަކެއްގައި ވަރަށް ގާތުން މަސައްކަތްކުރެވުނު. ވަރަށް ހިންގުތެރި

ހިތްހެޔޮ މަޖާ އެކުވެރި މިޒާޖެއްގެ ވެރިއެއް.

ދިވެހިބަހުގެ އުދަރެހުން ފެނުނު އަލިގަދަ ތަރިއެއް. ހިންގުންތެރި ނަމޫނާ މިސާލެއް.

އަބަދުވެސް ކާމިޔާބަށް އެދެން

އަލީ ނިޒާމް

އަޝްރަފް އަލީ ސަރ އަކީ ކިޔަވައި ދެއްވުމުގައި ދަރިވަރުންނާ ގުޅިގެން ކިޔަވައިދެއްވާ އެކުވެރި ދާރިސެއް.މި ދިވެހި ރާއްޖެ އަދަބީ ރޮނގުން ވަޅުޖެހެމުންދިޔަ ދަނޑިވަޅުގައި 400އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި ޅެންވެރިކަމުގެ އަަސާސީ ތަމްރީނު ކޯސް ހިންގަވާ އަދަބިއްޔާތު ދިރުއްވި ބޭފުޅެއް.މިއަދު ދިވެހިބަހުގެ އެކެޑަމީގެ ރައީސްކަމުން ދުރަށް ވަޑައިގެންނެވިޔަސް މަނިކުފާނުގެ ހަނދާން އާކުރާނެ ދުއިސައްތައަށްވުރެ ގިނަ ޅެންވެރީން ޅެންވެރީންގެ ބުސްތާނުގައި އެބަތިބި.

ވަކިން އޮތަކަސް މުތީއެއްފަދަ ތިޔައި އަގުހުރި ޖަވާހިރެކޭ

ހެކިން ފެންނަން ދުރާ ގާތުން އެކީ ތިބި މިތުރު ދާރިސެކޭ

މޮއްކުލެ

ސަރ ކޮށްދެއްވެވި ޚިދުމަތަކީ ދުވަހަކުވެސް ދިވެހި ބަސް މި ދިވެހި ގައުމުގައި ދެމި އޮތްހައި ހިދަކު ހިތުން ފިލައިގެން ދާނޭ ކަންކަމެއް ނޫން

ސަރގެ އެ ޚިދުމަތްތައް ފާހަގަކޮށް އެކަންކަމަށް ޝުކުރު ދަންނަވަން އެންމެ އެކަށޭނަ ލަފުޒެއްވެސް އަޅުގަނޑަކަށް ނުވިސްނުންއެ ހާ ވެސް ފުރިހަމައެ ހާމެ އޯގާތެރި، ފަންނުވެރި، ހިތްޕުޅު ހެޔޮ އުސްތާޒެއް

ސަރގެ ނަން ދިވެހި ބަހުގެ ތާރީޚުގައި އަބަދާއި އަބަދު ރަން އަކުރުން، ވިދުން ގަދަ ބެބުޅުންތަކުން ބަބުޅާނެއެ. ދެނީ އަދިވެސް އިތުރު ކާމިޔާބާއި ކުރިއެރުން

މޫނިސާ

އަޝްރަފް ސަރގެ ފުރަތަމަ ދައުރުގެ ފުރަތަމަ ކޮޅުގައި އަޅުގަނޑަށްވެސް ސަރގެ ޚިދުމަތާއި ،މުވައްޒަފުންނާއި ދޭތެރޭ ބެހެއޓެވި ގާތްކަމާއި އޯގާތެރިކަން ފެނުމުގެ ނަސީބު ލިބިފައިވެއެވެ. އެންމެ މަތީ މަޤާމުގަ ތިބި ބޭފުޅުން ފެށިގެން، އެންމެދަށް މަޤާމުގައި ތިބި މީހުންނާއި ވާހަކަ ދައްކާ އެކީ އުޅުމުގައި ތަފާތުކޮށްފައި ނުވެއެވެ. އަދި ޚާއްޞަކޮށް މުވައްޒަފުންނަށް ތަޢުލީމީ ގޮތުން ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދެއްވިއެވެ. އަޅުގަނޑަށް ދެންނެވޭނީ ތިފަދަ ވެރިއެއް އަޅުގަނޑުގެ ޙަޔާތުގައި ދެކެފައި އަދި ނުވާކަމެވެ. މާތް ﷲ ރަޙުމަތް ފުޅާއެކު އަޝްރަފް ސަރއަށް އަދަށްވުރެ ކާމިޔާބު ދުވަސްތަކެއް މިންވަރު ކުރައްވާށިއެވެ. آمي

މުހައްމަދު ޒަޔާން އަބްދުﷲ

މީގެ 10 އަހަރު ކުރިން ދަރުމަވަންތަ ސްކޫލުން ސަރ ވަކިވެވަޑައިގެންނެވީ ދިވެހިބަހުގެ އެކެޑަމީއާ ގުޅިވަޑައިގަތުމަށް. އޭގެ 1 ދަހަރު (10 އަހަރު) ފަހުން ދިވެހިބަހުގެ އެކެޑަމީގެ ރައީސްގެ މަޤާމުން ތިޔަ ވަކިވެޑައިގަތީ ދިވެހިބަހަށް ރޯޝަންކަން ގެނެސްދެއްވުމަށްފަހު. ރާއްޖޭގެ އުތުރުން ދެކުނަށް ދަތުރުކުރައްވައި، އަތޮޅު ފެންވަރުގައި އަދަބީ ޢީދުތައް ކުރިއަށް ގެންދަވައި، އެރަށްތަކުގައި ތިބި ދަރިވަރުންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދެއްވުމަށްފަހު.

ޤައުމީ ފެންވަރުގައި ކުރިއަށް ގެންދެވުނު އަދަބީ އެކިއެކި މުބާރާތްތަކުގައި ރަށްރަށުން ބައިވެރިވާ ސްކޫލްތަކުގެ ޢަދަދު އިތުރުވެ، ދަރިވަރުންގެ މެދުގައި އޮންނަ ވާދަވެރިކަން ބޮޑުވި. ޅެންހަދަން ދަސްކޮށްދޭ ކޯސްތަކާއި، ދިވެހިބަހުގެ ހުނަރުތައް ދަސްކޮށްދޭ ކިލާސްތައް ރަށްރަށަށް ވަޑައިގެން ކުރިއަށް ގެންދެވި. ސަރުކާރުގެ އެކިއެކި އޮފީސްތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ކުށެއް ނެތް ސާފު ދިވެހިބަހުން ވާހަކަދެއްކުމަށާއި ލިޔާނެ ގޮތް ވިދާޅުވެދެއްވަމުން ގެންދެވީ އެއްވެސް ވަރުބަލިފުޅުކަމެއް ނެތި.

އަޅުގަނޑަށް މި ބަޔާންކޮށްލެވުނީ ސަރ ޚިދުމަތުން ދެތިން ކަމެއް. މިހުރިހާ ކަމެއް ކުރެއްވިއިރު އެކަމަށް ހިނގާނެ ޚަރަދާއި ކުރިމަތިވި ގޮންޖެހުންތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީވެސް ސަރ އަށް. އެހެންނަމަވެސް، ރަށްރަށުގައި ބޮޑެތި އަދަބީ ޢީދުތަކާއި، އެކި ފެންވަރުގެ ކޯސްތައް ކުރިއަށް ގެންދަވަން ވަޑައިގަތީ ދިވެހި އަދަބީ ގުލްޝަނުގައި ފޮޅުނު މާމެލާމެލީގެ މީރުވަހާ އެކީގަ. ދިވެހި އަދަބަށް ޚިދުމަތްކުރައްވާފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިތިއްބެވި ބޭފުޅުން އެރަށްރަށް ގެންދެވީ ޝަރަފާއެކީގަ. އަދަބީ ޢީދުގެ އުފަލުގައި ކުދިބޮޑު އެންމެން ބައިވެރިކުރެއްވި.

މިއަދު ދިވެހިބަހާމެދު ވިސްނާ މީހުން އިތުރުވެއްޖެ. ބަހާ ގުޅުންހުރި ސައްލާތައް އެކި މަންސަތަކުގައި ކުރިއަށްދޭ. އެކިތަންތަނުން އިވޭ ތަޢުރީފާއި، ޝުކުރުބަސްތަކާއި ފާޑުކިޔުންތަކުގެ އަސްލަކީ ވޭތުވެދިޔަ 3653 ދުވަހު ސަރ އާއި ސަރގެ ފިސާރި ޓީމުން ކުރެއްވި އަގުހުރި ޚިދުމަތް. ދިވެހި އަދަބަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ހައްޤުވާ ޝަރަފާއި ޢިއްޒަތް ހޯއްދަވައިދެއްވައިފީމު. ދިވެހިބަސް ޓެކްނޮލޮޖީއާ ރައްޓެހިކުރައްވައިފީމު. ދިވެހިބަހަކީ ޝަރަފުވެރި، ގަދަރުވެރި ބަހެއްކަން މުޅި ދުނިޔެއަށް އަންގަވައިދެއްވައިފީމު. މިކަންކަމުގެ އަގުވަޒަންކުރަނީ ދިވެހިބަހުން ވާހަކަދައްކާ ދިވެހިން އެކަންޏެއް ނޫން. ބޭރު ދުނިޔޭގެ މީހުންވެސް ސަރ ބަލައިގަންނަނީ ބަހަށް ޚިދުމަތްކުރައްވާ އިސްވާރެއްގެ ގޮތުގައި. ދިވެހި ގައުމިއްޔަތުގެ އެންމެ ދުވަސްވީ ބަހާ އަންނާން އޮތް ޖީލުތަކަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދެއްވުމަށްޓަކައި ކުރެއްވި މިންނެތް މަސައްކަތްޕުޅުގެ އަގުވަޒަންކޮށް ސަރ އާއި ސަރގެ ޓީމަށް ވަރަށް ލޯތްބާއެކު ޝުކުރާއި މުބާރަކްބާދީ އަރިސްކުރަމެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ލަހައްޓަވައި އިތުރު ކާމިޔާބީ މިންވަރުކުރައްވާށި! އާމީން.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އަޝްރަފް ޢަލީ
    ދިވެހިބަހަށް ތިޔަ ކޮށްދެއްވި މަތިވެރި އަދި އަގުހުރި ޚިދުމަތަށް ޓަކައި ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ވަރަށް ވަރަށް ލޯތްބާއެކު އަޝްރަފު ސަރއަށް ޝުކުރުދަންނަވަމެވެ. މިފާއިތުވެ ދިޔަ ހަލަބޮލި އަހަރުތަކުގައި އެއްމެހައި ނުފޫޒުތަކުން އެއްކިބާވެ،ދިވެހިބަހާއި،އަދަބިއްޔާތަށް ތިކޮށްދެވި އަގުހުރި ޚިދުމަތަކީ މިފަދަ މަޤާމުތަކަށް އަންނަފަރާތްތަކުން ނަމޫނާ ނަގަން ޖެހޭފަދަ ކަމެއް ކަމުގައި ދަންނަވަމެވެ.ދިވެހި އަދީބުން އެއްތަން ކުރުވައި،ދިވެހިބަހަށް އާރޯކަން ގެނުވިކަމީ މުޅި މި ދިވެހި ޤަޢުމު ހެކިވާނެކަމެއް، ފާހަގަ ކޮށްލެވޭ އެއްކަމަކީ ކޮންމެ ވަގުތަކުވިޔަސް،އެހީތެރިކަމަށް އެދިއްޖެނަމަ،ވަގުތުން އެކަމަކަށް އެހީތެރިވެ ދެއްވާކަން، އެކި ގޮތްގޮތަށް އަޅުގަނޑަށް ވެދެއްވި އެހީތެރިކަމާއި ދެއްވެވި އިރުޝާދާއި،އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމެވެ. ތިޔަ ހަރުދަނާ ޝަޚުޞިއްޔަތުގެ ދިވެހިވަންތަކަމާއި ގައުމީވަންތަކަމަކީ އަޅުގަނޑަށް ފެނުނު އެންމެ މާތް ސިފަ ކަމުގައި ދަންނަވަމެވެ. މުދައްރިސް އަޝްރަފު ޢަލީއަށް އަދަށްވުރެ ފެހިފަހި މާދަމާއެއް މިންވަރުކުރައްވާށި. އާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *