...

Support Us

ކޮލަމް: ވިނަވި

ވޯރާ ވިޔަފާރިވެރިންގެ އަތްދަށުގައި ރާއްޖޭގެ އިޤުތިޞާދު އޮތް 105 އަހަރު

ވޯރާ ވިޔަފާރިވެރިން ރާއްޖެއަށް އައި އައުމުގައި އެމީހުންނަށް ހެދުނު ގޯހަކީ ކޯޓްފަޓްލޫނު ނުލައި އާދެވުނުކަމެވެ. ކޯޓް ލައިގެން އާދެވުނު ނަމަ އެ މީހުން ވެސް ވީހީ "ފޮރިން އިންވެސްޓަރުންނަށެވެ." ރިސޯޓްތަކުގެ ވެރިންނަށެވެ. އަދި އެ މީހުންނަށް ލިބުނީހީ ރަތްދޫލައިގެ މަރުހަބާއެކެވެ. ބަދުނަސީބުން އެކަން އެހެނެއް ނުވިއެވެ. ބައެއް ދިވެހީން އެމީހުންނަށް ކުރީ ނަފުރަތެވެ. އެންމެ ފަހުން 1962ގައި ރައީސް އިބުރާހީމް ނާސިރުގެ ވެރިކަމުގައި އެ މީހުން ރާއްޖެއިން ފޮނުވާލެއްވީއެވެ.

ވޯރާއިންނަކީ ގުޖުރާތުގައާއި މުމްބައީގައި ދިރިއުޅޭ އިސްމާއީލީ ވޮހޮރާއިންނެވެ. އެއީ ސުންނަތް ޖަމާއަތުން ބޭރު އިސްލާމުންނެވެ. އިނގިރޭސީންގެ އިސްތިއުމާރީ ދުވަސްވަރުގައި އެއީ ސިލޯނަށާއި ބަންގާޅަށް އަމިއްލަ އުޅަނދުފަހަރުގައި ދަތުރުކުރި ވިޔަފާރިވެރިންނެވެ. ވޯރާއިންނަށް ރާޖޭގައި ދިރިއުޅެން ހުއްދަ ލިބުނީ 1857 ގައެވެ.

އެ މީހުންނަށް ރާއްޖެ އާދެވުނީ އެ ދުވަސްވަރު ސިޔާސީ މަޝްރަހުގައި ހިނގި ވާދަވެރިކަމެއްގެ ތެރެއިންނެވެ. އެއިރު ތަޚުތުގައި އިންނެވީ މުޙައްމަދު ޢިމާދުއްދީން 4 މުސްކުޅި ބަންޑާރައިންނެވެ. މާލޭގެ ބާރުވެރިކަން އޮތީ ދެ އާއިލާއެއްގެ އަތްމަތީގައެވެ. އެއީ ކަކާގޭ އާއިލާއާއި އަތިރީގޭ އާއިލާއެވެ. އަތިރީގޭގެ އިސްބޭފުޅަކީ ގަލޮޅުގޭ އަލީ ދޮށިމޭނާލިގެފާނެވެ. ކަކާގޭގެ އިސްބޭފުޅަކީ އަލީ ރަންނަބަނޑޭރިކިލެގެފާނެވެ.

ކުރީކޮޅުގައި ރަދުން ބޮޑުބަނޑޭރިއަކަށް ޚިޔާރުކުރެއްވީ އަލީ ދޮށިމޭނާ ކިލެގެފާނެވެ. ނަމަވެސް ފަހުން އެ މަޤާމަށް ގެންނެވީ އަލީ ރަންނަބަނޑޭރި ކިލެގެފާނެވެ. އެކަން އެހެން އޮތްއިރު، އަލީ ދޮށިމޭނާ ކިލެގެފާނަކީ އަނެއް ކިލެގެފާނަށްވުރެ މާ މުއްސަނދި ބޭފުޅެކެވެ. އެހެން ކަމުން އޭނާގެ ނުފޫޒު މާ ގަދައެވެ. ނަތީޖާއެއްގެ ގޮތުން އަލީ ރަންނަބަނޑޭރިކިލެގެފާނު ބޭނުންފުޅުވީ ޢަލީ ދޮށިމޭނާ ކިލެގެފާނަށް ވުރެ މުއްސަނދިވާށެވެ. އެކަމަށްޓަކައި އޭނާ ހަތިޔާރަކަށް ބޭނުން ކުރެއްވީ ވޯރާއިންނެވެ. އެ ކިލެގެފާނު، މުސްކުޅި ބަންޑާރައިންނަށް ދަންނަވައިގެން އެމީހުން މާލޭގައި ޤާއިމްވެ ތިބެގެން ވިޔާފާރި ކުރުމުގެ ހުއްދަ ހޯއްދަވައިދެއްވިއެވެ. އެގޮތުން ޓީ.އައި.ޖޭ. ނޫރުބަހީއަށް މާލޭގައި ހުރުމުގެ ހުއްދަ ލިބުނެވެ. އެހާތަނަށް ވޯރާއިންނަކީ މޫސުމީ ގޮތަށް އައިސް ބޮޑުފާރުން ބޭރުގައި ވަގުތީ ހިޔަލުގައި ތިބޭ ބަޔެކެވެ. އަހަރަކު ހަތަރު މަސްދުވަހު ވިޔަފާރިކޮށްފައި މޫސުން ނިމުމުނީމާ އެނބުރި ދަނީއެވެ.

 

ހުއްދަ ލިބުމާ އެކު ޓީ.އައި.ޖޭ. ނޫރުބަހީ ކުންފުނިން އައިސް މާލޭގައި "ދިގުފިހާރަ" ހުޅުވިއެވެ. އެއީ ރާއްޖޭގެ ފުރަތަމަ ބުމްބައި ފިހާރައެވެ. ދާދި އަވަހަށް އެއްގަމުގޭ އާއިލާއާ ގުޅިގެން އެމް.އެސް. ހިބަތުއްލާބަހީ ކުންފުނިން ރާއްޖޭގައި ފިހާރައެއް ހުޅުވިއެވެ. ވޯރާއިން ރާއްޖޭގައި ދާއިމީކޮށް ތިބެން ފެށުމުން އެމީހުންނަށް ދިވެހި ވިޔަފާރިވެރިންގެ މައްޗަށް ކުރި ހޯދުނެވެ. މި ކުރި ހޯދުމުގައި އެމީހުންނަށް އެހީއަކަށްވީ އެމީހުންގެ ރައުސުލްމާލު ބޮޑުވުމެވެ. އަދި އަމިއްލަ އޮޑިފަހަރު ނުވަތަ ރިޔަލުގައި ދުއްވާ ބަނގަލާ ބޯޓް ހުރުމެވެ. އެ މީހުންގެ ފިހާރަތައް ބޮޑެތިވީމާ ރާއްޖެއިން މަސް ގަންނަން ފަސޭހައެވެ. މުދާ ބޭރުކުރަނީ އަމިއްލަ އޮޑިފަހަރުގައި ކަމުން ނާލުދޭކަށް ނުޖެހެއެވެ. އަދި އެމުދާ ގަންނަނީ ބޭރު ޤައުމުތަކުގައި ހުންނަ އެ މީހުންގެ އަމިއްލަ ފިހާރަތަކަށް ކަމުން ހެޔޮ އަގުގައި ރީޓޭލް ކުރެވުނެވެ.

ކުރީގެ ބުމްބައި މިސްކިތް، މިހާރު އެއީ ބަންޑާރަ މިސްކިތް

ދިވެހީންގެ ތެރޭގައި ބުމްބައި މީހުންނާ ވާދަކުރެވޭ ވަރުގެ ހުންނެވީ ހަމައެކަނި ޢަލީ ދޮށިމޭނާކިލެގެފާނެވެ. އޭނާއަކީ ވަރަށް ތަނަވަސް ބޭފުޅެކެވެ. ބޭރުދަތުރުކުރާ އަމިއްލަ އޮޑިފަހަރު ހުއްޓެވެ. ނަމަވެސް ބުމްބައި މީހުންނަށް ރާއްޖޭގައި ތިބުމުގެ ހުއްދަ ރަދުން ދެއްވުމުން އެކަމާ އިހުތިޖާޖުކުރައްވައި އޭނާ ރާއްޖެ ދޫކުރައްވައި ވަޑައިގަތީއެވެ. އޭނާ ސިލޯނުގެ ގާލީގައި ވަޒަންވެރިވެގެން އެ ރަށުގެ މަހުޖަނަކަށް ވެވަޑއިގަތީއެވެ. ރާއްޖޭގައި ތިބި ވިޔަފާރިވެރިންނަކަށް ބުމްބައި މީހުންނަކާ ވާދައެއް ނުކުރެވުނެވެ. އެމީހުންގެ ވިޔަފާރިތައް ހުލިވަމުން ހުލިވަމުން ދިޔައީއެވެ.

މިގޮތަށް، ވޯރާއިންނަށް ބޭރު ދަތުރުފަތުރު ކުރަން ހުއްދަ އޮތީމާ ދާދި އަވަހަށް އެ މީހުން އޭގެ ފާއިދާ ނެގިއެވެ. އަދި އެމީހުންގެ އުޅަނދުތައް ގިނަ ކުރިއެވެ. މީގެ އިތުރަށް އެ މީހުން ގެންގުޅުނީ ވެސް ދިވެހީންގެ އޮޑިފަހަރަށް ވުރެ މާ ބޮޑެތި އުޅަނދުފަހަރެވެ. މި ވާދަވެރިކަން ފެށުނުއިރު ދިވެހީންގެ އަތުގައި ބޭރު ދަތުރުކުރާ އަށާވީހަކަށް ގަނޑެތި ހުއްޓެވެ. ނަމަވެސް 1887 އާ ހަމައަށް އައިއިރު ހުރީ އެންމެ ހަތަރު ގަނޑެއްޗެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައާ ހަމައަށް އައިއިރު ރާއްޖެއަށް ކާޑު ކޮޅެއް ގެނެވެން އޮތީ ވެސް އެމީހުން ގެނެސްދިނިއްޔާއެވެ. މީގެ ފާއިދާ އެމީހުން ފުރިހަމައަށް ނެގިއެވެ. ރާއްޖޭގެ މަސް ގަންނަނީ ހިތުހުރި އަގެއްގައެވެ. ބޮޑު އިސްޓޯރު ހުޅުވުމުން އެކަމާ ހިތްހަމަނުޖެހިގެން، ރާއްޖެއަށް ކާޑު ގެނެސްނުދޭނޭ ކަމުގެ އިންޒާރު ދިނެވެ.

ބުމްބައި މީހުން އެމީހުންގެ ނުފޫޒު ފުޅާކުރުމަށްޓަކައި "ބޮޑުދޮލަނގު"ގެ ޘަޤާފަތު ތައާރަފުކުރިއެވެ. އެއީ ރިޝްވަތަށް ކިޔައި އުޅުނު ރީތި ނަމެކެވެ. މާލޭގެ ބާރުވެރި ކޮންމެ މީހަކަށް ޤަވާއިދުން މަހުން މަހަށް ދޮލަނގު ލިބުނެވެ. މި ދޮލަނގު ތަކުގެ ސަބަބުން ސަރުކާރުގެ އެއްވެސް އިދާރާއަކުން ބުމްބައި މީހަކާ އިދިކޮޅަށް ކަމެއް ނިންމުމަކީ ނާދިރު ކަމެކެވެ.

އާއްމުންގެ އިތުރަށް ސަރުކާރު ވެސް އެއިރު އޮތީ ބުމްބައި މީހުންގެ ދަށުގައެވެ. ސަރުކާރުގައި ފައިސާ މަދުވީމާ ލޯނު ދެނީ އެމީހުންނެވެ. މިހެން ނަގާ ލޯނުތައް ހުންނަނީ ނުދެއްކިފައެވެ. އެހެންކަމުން ސަރުކާރު އޮންނަނީ އަބަދު ވެސް ބުމްބައި މީހުންނަށް ދަރައިފައެވެ. އެގޮތުން 1887 އާ ހަމައަށް އައިއިރު އެންމެ ކުންފުންޏަކަށް، ޖައުފަރުޖީ ކަރީމްޖީ ކުންފުންޏަށް އެކަނި ވެސް ސަރުކާރުން އެއް ލައްކަ ރުފިޔާ ދަރައި އޮތެވެ. އަދި އަބްދުލް އުލާ ކުންފުންޏަށް 60 ހާސް ރުފިޔާ ދަރައި އޮތެވެ.

މީލާދުން 1882 ގައި ރާއްޖޭގެ ސިޔާސީ މަޝްރަހަށް އިންގިލާބީ ބަދަލެއް އައެވެ. އެއީ 1835 ން ފެށިގެން 47 އަހަރު ރެނދަލި ކުރެއްވުމަށް ފަހު މުސްކުޅި ބަންޑާރައިން އަވަހާރަވުމުންނެވެ. މުސްކުޅި ބަންޑާރައިންނަކީ ބުމްބައި މީހުން ރާއްޖެ އަންނަން ހުއްދަ ދެއްވި ރަދުންނެވެ. އެއަށްފަހު ތަޚުތަށް ވަޑައިގަތީ އޭނާގެ ހަގުދަރިކަލުން އިބްރާހީމް ނޫރައްދީނެވެ. އެއާ އެކީގައި ކަކާގޭ ރަންނަބަނޑޭރި ކިލެގެފާނަށް އޮތް ބޮޑުބަނޑޭރިކަން އަތިރީގޭ އިބްރާހީމް ދޮށިމޭނާކިލެގެފާނަށް ލިބިވަޑައިގަތެވެ.

އިބްރާހީމް ދޮށިމޭނާކިލެގެފާނު ކޮންމެހެން ބުމްބައި މީހުން ފޮނުވައި ލައްވާކަށް ނުއުޅުއްވައެވެ. އޭނާ ބޭނުންފުޅުވީ އޭނާއަށް ބާރު ލިބޭ ކަހަލަ ބުމްބައި މީހުން ގެންނަވާށެވެ. އެގޮތުން ކަރީމްޖީ ޖައުފަރުޖީ ކުންފުނި ގެންނެވިއެވެ. އެ ދުވަސްވަރު އެއީ ސިލޯނުގައި ހުރި އެއްމެ ބޮޑު ވޯރާ ކުންފުންޏެވެ. އެ ކުންފުނިން މާލޭގައި ހުޅުވި ފިހާރައަކީ މުހައްމަދު އަލީ ކަރީމްޖީ ފިހާރައެވެ.

ފަހުން ވޯރާއިންގެ ނުފޫޒު ބޮޑުވާން ފެށުމުން އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އެކަން ކޮންޓްރޯލްކުރައްވަން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެއިރު ރަދުންނާއި ބޮޑުން ތިއްބެވީ ވޯރާއިންގެ ނުފޫޒުގެ ދަށުގައެވެ. ވީމާ އެމީހުންގެ މައްޗަކަށް އެއްވެސް އުސޫލެއް ގަވާއިދެއް ނުހިނގިއެވެ. ކުޑަ ރިޝްވަތަކަށް އެ މީހުންނަށް ޑިއުޓީ ނުދީ، ނުވަތަ ކުޑަ ޑިއުޓީއަކަށް މުދާ އެތެރެކުރެވުނެވެ. އަދި "ބަރަބޯ" ބޭނުންކޮށްގެން ރަނާއި ރިހި ފާއިސާ ބޭރުކުރެވެއެވެ. ވޯރާއިން ގެންގުޅުނު ބަރަބޮލަކީ އެތެރޭގައި ހޮއި ހަދައި މަތިޖަހައިފައި ހުންނަ އެއްޗެކެވެ. އެއަށް ހުންނަނީ ރަނާއި ރިހި ފާއިސާ އަޅައިފައެވެ.

ވޯރާއިން ބާރުގަދަވީ އަނެއް ސަބަބަކީ އެމީހުން އިނގިރޭސި ރައްޔިތުންނަށްވީ ކަމެވެ. ދިވެހި ސަރުކާރާއި އެމީހުންނާ ދޭތެރޭގައި ޖެހޭ މައްސަލަތަކުގައި އިނގިރޭސީން ނަގަނީ ވޯރާއިންގެ ކޮޅެވެ. އެގޮތުން ބޮޑު ހުޅުގެ މައްސަލައިގައި ވޯރާ ފިހާރަތަކަށް ލިބުނު ގެއްލުމަށް ބަދަލު ހޯދަން އިނގިރޭސީން ބާރު އެޅިއެވެ.

ވިހި ވަނަ ޤަރުނުގެ މެދާ ހަމައިން ދިވެހި ވިޔަފާރިން ތަރައްޤީވެ ވޯރާއިންގެ ބާރު ކެނޑެން ފަށައިފިއެވެ. އެމީހުންނަށް އިންސާފު ހޯދަން ވެސް ޖެހުނީ ފަނޑިޔާރުގޭގެ ވެރިންނަށް ރިޝްވަތު ދީގެންނެވެ. ނާއިބުންނަށް ޚައިރާތެއް ނުކުރަންޏާ މައްސަލައެއްގެ އަޑުއެހުމެއް ނުބާއްވާނެއެވެ. ފަނޑިޔާރުގެއިން އަބަދު ވެސް ބުނާނީ، މާދަމާ އަންނާށޭއެވެ. ނުވަތަ "ކަލް ދޯ ބަޖޭ އާއޯ"އެވެ.

ނަވާރަ ސަތޭކަ ފަންސާހާ ހިސާބަށް އައިއިރު ވޯރާއިންގެ ވިޔަފާރި އޮތީ އެ އެންމެ ފުޅާވީ ހިސާބަށް ގޮސްފައެވެ. މިގޮތުން 1850 ގައި ފަސް ފިހާރައާ އެކު ފެށުނު ވިޔަފާރި 1950ގައި އޮތީ 50 ފިހާރައަށް އަރައިފައެވެ. އެ ހިސާބުން ދެން ފެށީ ފިހާރަތައް މަދުވާށެވެ. އެއީ އެ އަހަރުތަކުގެ ތެރޭގައި ހެދި ފޯދިގެން އައި ދިވެހި ކުންފުނިތަކުގެ ނުފޫޒުންނެވެ. އެ ވިޔަފާރިތަކަށް ވޯރާއިންނަކީ އުނދަގުލަކަށް ވިއެވެ. އަދި އާއްމުންގެ ތެރޭގައި ވެސް ވޯރާއިންނަކީ ނަފްރަތުގެ އަމާޒަކަށް ވިއެވެ. އެންމެ ފަހުން ބޮޑުވަޒީރު އިބްރާހީމް ނާސިރު 1962 ގައި ރާއްޖޭގައި ވޯރާއިން ވިޔަފާރިކުރުން މަނާ ކުރެއްވީއެވެ.

ބުމްބައި މީހުން 105 އަހަރުގެ މުއްދަތެއްގައި މާލޭގައި ތިބިއިރު ދިވެހީންނަށް އައު ކަންތައްތަކެއް ތައާރަފު ކޮށްދިނެވެ. އެއީ ބާޒާރުމަތީގައި އެޅި ނަރުދަމާ ނިޒާމާއި ބުމްބައި ފާޚާނާ (ޕަބްލިކް ޓޮއިލެޓް) އެވެ.

ވޯރާއިން ރާއްޖޭގައި 1857 އިން 1962 އަށް 105 އަހަރު ދުވަހު ރާއްޖޭގައި ތިއްބެވެ. އެމީހުން ދިޔައީ މުދަލާއި ގެދޮރު ވެސް ދޫކޮށްފައެވެ. މިހާރު އެމީހުންގެ ފާހަގަކުރެވޭ އާޘާރަކަށް ހުރީ ބުމްބައި މިސްކިތެވެ. މިހާރު އެއީ ބަންޑާރަ މިސްކިތެވެ.

 

ކަވަރ ފޮޓޯގައި: ވޯރާ ފިހާރަތައް

 

ރިފަރެންސް

  1. ލޫކަސް ޖަލީލު (2020) "ތާރީޚުގެތެރެއިން ދިވެހިންނާއި ސްރީ ލަންކާގެ ގޯލްއާއި ޢަލީ ދޮށިމޭނާ ކިލެގެފާނު،" ލޫކަސްޖަލީލު.ކޮމް
  2. ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ (2012) "ވޯރާ ވިޔަފާރިވެރިންގެ ނުފޫޒު ދިވެހީންގެ މައްޗަށް އެހާ ގަދަވީ ކީއްވެ؟" ފަންވަތް.އިންފޯ
  3. އަންވަރު އިބްރާހީމް (2012) "ވޯރާ ވިޔަފާރަވެރިން އެހާ ނުފޫޒު ގަދަވީކީއްވެ؟" ސަރުނާ.އެމް އެން ޔޫ.އެޑިޔު.އެމްވީ
  4. ނަދާ ވަހީދު (2015) "ވޯރާ ވިޔަފާރިވެރިންގެ ފަރާތުން ދިވެހި އިޤްތިޞާދަށް ލިބުނީ ފައިދާހެއްޔެވެ. ނުވަތަ ގެއްލުންހެއްޔެވެ؟" ނަޑާއެއިޓް.ކޮމް
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.