މަންމަ އެއްގެ މަގާމުގައި ނުދެކެން އެފަދަ މާތް ދެވަނައެއް
ކޮންމެ ވަގުތެއްގައި އެދެއްވެވި ލޯބި ފުރިހަމަ މަންމަ އެއް
ލެއްވި ފުރިހަމަ ނިޢުމަތުން ދިރި އުޅުމުގައި ނެތް އުނިކަމެއް
އެއްމެނަށް ހިތްޕުޅުގެ ޚާލިސް ލޯބި ދެއްވެވި މަންމައެއް
ގޭގެ ހުރިހާ ކަންކަމެއް ބެއްލެވުމުގައި އިސް ނަންގަވައި
އޭގެ ފުރިހަމަ ވީނަމޫނާ ދެއްކެވީ މާތް މަންމައެއް
އާއިލީ ގުޅުމުން ތަފާތެއް ނެތި އެހީތައް ދެއްވަވައި
ދާއިމަށް ހިތްތަކުގެ ފުރިހަމަ ގަދަރު ހޯއްދެވި މަންމައެއް
ދީން އުގަންނައި ދެއްވަވައި ފަރުޟާއި ސުންނަތް އަންގަވައި
ދީނުގައިވާ ތެދު މަގުން ހިންގެވި އެއީ މާތް މަންމަ އެއް
އެންމެ ޅަޒުވާން އުމުރުގައި ހައްޖުގެ ފަރުޟު ފުރިހަމަވުމުން
ދެއްވި ނިއުމަތުގައި ޒިކުރުކޮށް ދިރި އުޅުއްވެވި މަންމައެއް
އެފަދަ ލޮބުވެތި މަންމަޔާ ވަކިވީ އެމަންޒަރު ސިފަވުމުން
އެފަދަ ހިތްދަތި ކަންލިބޭ ނުފިލާ ހަނދާންވާ މަންމައެއް
ޔާއިލާހީ ދެއްވަވާނދޭ ޖަންނަތުގެ ފިނި ފިނި ހިޔާ
ދާއިމީ ސުވަރުގެ އެދެން މިއަޅާ! އެއީ މާތް މަންމައެއް
