Support Us

ކޮލަމް މާޒީ: ފޮތެއްގެ ޝިކާޔަތު

އަހަންނަށް ވާހަކަދައްކާން އެނގެނީ އެންމެ އާދައިގެ ބަހުންނެވެ. ތަފާތު ދަރަޖަތަކުން ވާހަކަދައްކާކަށް އަހަންނަކަށް ނޭނގެއެވެ. މި ކަމަށް މާފުކުރާނަމަ ކިޔަމުން ކުރިއަށް ދާށެވެ! މާފުކުރާނެ ކަމަށް އުންމީދުކުރަމެވެ.

ފޮތެއްގެ ސިފަ އަހަރެންނަށް ކުރީން ލިބިފައިނުވިޔަސް ހިޖުރައިން 548 ވަނަ އަހަރުގެ ތެރޭގައި ވެސް އަހަރެންގެ ވުޖޫދު މި ރާއްޖޭގައި އޮތެވެ. އެއީ މީލާދީން 1153 ވަނަ އަހަރެވެ. އަހަރެންގެ ހަނދާން އެންމެ ދުރަށް ދަނީ މިހާ ހިސާބަށެވެ. ނަމަވެސް ކާބަފައިން ބުނާ ގޮތުންނަމަ، އަހަރެންގެ ވުޖޫދު އެތައް ހާސް އަހަރެއްގެ ކުރިއަށް ދެއެވެ. ނަމަވެސް އެއީ މާޒީއެވެ. މާޒީއަކީ ހަމައެކަނި ޙާލުގެ މޫނުބަލާ ލޯގަނޑެވެ. މާޒީއަށް ވިސްނައިގެން ލިބޭނީ ހަމައެކަނި ޢިބްރަތެކެވެ. ފިލާވަޅެކެވެ. ދެނެއް މާޒީއެއް ބަދަލެއް ނުކުރެވޭނެއެވެ. ނަމަވެސް އެ ވާހަކަ ހަނދާނަށް މި ގެންނަނީ ހަމައެކަނި އެއިން ފިލާވަޅު ލިބިގަންނާށެވެ. ޢިބްރަތަކަށް ޓަކައެވެ.

މި ބުނި ޒަމާނުން ފެށިގެން މިއަދާ ހަމައަށް ގާތްގަނޑަކަށް ނުވަ ވަރަކަށް ޤަރުނާ ކައިރިވަނީތާއެވެ. ހަމަގައިމު ވެސް 860 އަހަރަށް ވުރެ ގިނަ ދުވަސް އޭގެ ފަހުން ވޭތުވެ ހިނގައްޖެއެވެ. އަހަރެން ހަނދާން ހުންނާން ފެށީ އެހާ ހިސާބުން ފެށިގެންނެވެ. އަހަރެން ވުޖޫދުގައި އޮތަސް ނެތަސް އޭގެ ކުރީން މަށާމެދު ކަން ހިނގި ގޮތެއް ހަމަގައިމު ވެސް އަހަރެންގެ ހަނދާނަކު ނެތެވެ. އެހެންވީމާ އެ ވާހަކަ މާމައާއި މާފައާއި މުންނައާއި ކާފައަށް ދޫކޮށްލުމަށް ފަހު ހަނދާނައިގެން ކުރިއަށް ދާނަމެވެ.

ކޮންމެއަކަސް މި ބުނި ޒަމާނުން ފެށިގެން ތަރުތީބެއް ނެތް ވަކިވަކި ގަނޑުތަކެއްގެ ގޮތުގައި އަހަރެން ގެންގުޅުނު ބަޔަކު އަހަރެން ބަލަހައްޓަމުން އައެވެ. ބަލަހައްޓަމުންނޭ ބުންޏަސް ވަރަށް އިހާނެތި ކޮށް އަހަންނާ މެދު ކަންތައްކުރި މީހުންނާ ވެސް ދިމާވެއެވެ. ބައެއް ގަނޑުތައް ވީދައި ހަދައެވެ. އަދި ބައެއް ފަހަރު ހިސާބަކަށް އާ ގަނޑު އެއްކޮށްލައި ވެސް މެއެވެ. މި ގޮތުގެ މަތީން ދުވަސްތައް ފާއިތުވަމުން އައި އައުމުގައި ވަރަށް ނުލަފާ ބަޔަކު އަހަރެންނާ ޙަވާލުވިއެވެ. އެ މީހުން އަހަރެން އަތުލައިގަތީ އަހަރެންގެ ސާހިބުމީހާ މި ދުނިޔެއާ ވަކިކޮށްލުމަށް ފަހުގައެވެ. ދިގުކަރައިން އެ އައި ވިލާތުގެ ނުބައި ނުލަފާ މީހުން އަހަރެންގެ ގަނޑުތަކަށް އެއްވެސް ކުލުނެއް ނުބެހެއްޓިއެވެ. އަހަރެންގެ ބައެއް ގަނޑުތައް ގަސްތުގައި ވީދައި ހެދިއެވެ. ބައެއް ގަނޑުތަކުން ތަންތަން ފޮހެ ހަޑިކުރިއެވެ. ނަމަވެސް ﷲގެ ރަޙުމަތްފުޅުން އަހަރެންގެ ވުޖޫދު ނެތިގެން ނުދަނީސް ވަރަށް ރަނގަޅު އިންސާނަކު އަހަރެންގެ ޛިންމާތަކާ ޙަވާލުވެއްޖެއެވެ. ކުރީން މި ބުނި ޒާލިމުން ފައްސައިލުމަށް ފަހުގައެވެ.

ފަހުން އަހަންނާ ހަވާލުވީ ވަރަށް މާތް އިންސާނެކެވެ. ތަޢުލީމީ ޒުވާނެކެވެ. ހުނަރުވެރި ފަހުލަވާނެކެވެ. އޭނަޔާ އަހަރެންގެ ޒިންމާ ޙަވާލުވުމަށްފަހު، އަހަރެންގެ ވީދިފައި ހުރި ގަނޑުތައް މަރާމާތުކޮށް ބައެއް ގަނޑުތައް އިތުރުކުރިއެވެ. އަދި އެވަރުން ފުއްދައިލީކީ ނޫނެވެ. ގަނޑުތައް ތަރުތީބުކޮށް ފަތްފުށްތަކަށް ނަންބަރުދީ، ހީރަސްޖަހައި ފޮތެއްގެ ސިފަ ގެނައެވެ. އަދި ފޮތަށް ނަމެއް ވެސް ދިނެވެ. މަށަށް ކީ ކޮން ނަމެއްކަން ނުބުންޏަސް ތިޔަބައިމީހުންނަށް އެނގޭނެއެވެ. މި ކަމެއް ހިނގި ހަނދާން ވަނީ ހިޖުރައިން 981 ވަނަ އަހަރުގެ ތެރޭގައެވެ. މީލާދީ ގޮތުން ބަލާނަމަ އެއީ 1573 ވަނަވަނަ އަހަރެވެ. އޭގެ ފަހުން އަހަރެންގެ އެކި އިޞްދާރުތައް ވެސް ގެންދިޔައީ ނެރެމުންނެވެ.

އޭގެ ފަހުން ތަފާތު ފެންވަރުގައި ތަފާތު ނަންނަމުގައި އަހަރެން ބަލަހައްޓާން އެކި ދުވަސްވަރު އެކި މީސްމީހުން ޙަވާލުވިއެވެ. ފޮތަށް ލޯބިކުރާ މީހުންނާއި ލޯބި ނުކުރާ މީހުން މި މުޖުތަމަޢުގައި އުޅޭކަމީ ހަގީގަތެއްތާއެވެ. ފޮތަށް ލޯބިކުރާ މީހުން ނިސްބަތުން މަދު ވެސް މެއެވެ. އެހެންކަމުން އަހަންނަށް އެކި މީހުން ހޭހަންކުރީ އެކި މިންވަރަށެވެ. މަށަށް އިހާނާތްތެރިކޮށް ހިތި ނަމަވެސް އެކަކު ވެސް ގަސްތުގައި އަހަރެންނާ ޢަދާވާތްތެރިއެއް ނުވެއެވެ. އަހަރެން ވުޖޫދުން ފޮހެލުމާ އެ އެންމެން ވެސް ދެކޮޅެވެ. އެއީ އެމީހުންގެ ފޭޑިކަމަށް ވެދާނެއެވެ. މާ ގިނަ އިޞްދާރުތައް ނުނެރުނަސް އެކަން ވެސް މަޑުމަޑުން އެކަމަކު ހަމަ ކަށަވަރުން ގެންދިޔައީ ކުރިއަށެވެ.

ވާހަކަ ދިގު ކުރާނެ ކަމެއް ނެތްތާއެވެ. ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތަކާއި 1960ގެ އަހަރުތަކުގައި އަހަރެންގެ ބެލެހެއްޓުންތެރީންނަށް އައީ އަހަންނަށް ވަރަށް އޮފުދާރުކުރި މީހުންނެވެ. އަހަރެންގެ ޙިމާޔަތުގައި އެ މީހުން ވަރަށް މަސައްކަތްކޮށްދިނެވެ. އަމިއްލަ ވަންތަކަމާއެކު އަހަރެން ޙިމާޔަތްކުރިއެވެ. އެހެން މީހުންގެ ނުފޫޒުން އަހަރެން ސަލާމަތްކޮށްދިނެވެ. އެ ހުރިހާ އެންމެންނަށް ހިތުގެ އަޑީން މިއަދު ވެސް ޝުކުރުވެރިވަމެވެ.

ހަތްދިހައިގެ ފަހު އަހަރުތަކުގައި އަހަރެންނާ ޙަވާލުވީ ހަމަގައިމު ވެސް އޭރު ވަރަށް ރަނގަޅު ޒުވާނެކެވެ. އަހަރެންނަށް ޚާއްޞަ ކުލުނެއް ބެހެއްޓި ލޭފަވެއްޗެކެވެ. އިސްޕީޑުގައި ލަސްކަމެއް ހުސްޓަސް ގޮތް ހުރި، ހަރުދަނާ މީހެކެވެ. އަހަންނަށް ކުޑައިމީސްކޮށެއް ނުހިތައެވެ. އަހަރެންގެ ދިފާޢުގައި ނޫނީ ވާހަކަދައްކައިފައެއް ވެސް ނެތެވެ. އަދި އަހަރެންގެ ކުރިއެރުމަށް ޓަކައި ލަސްލަހުން ނަމަވެސް މަސައްކަތްކުރިއެވެ. އެތައް އިސްދާރުތަކެއް ނެރުނެވެ. މި ފަހަކަށް އައިސް އަހަރެންގެ ބެލެހެއްޓުން ތެރިއަކަށް އެންމެ ގިނަ ދުވަހު ހުރެ ހޭހަންކުރީ ވެސް އޭނާއެވެ. އަހަރެންގެ ޙަވާލުދާރަކަށް ހުރިއިރު އޭނާ އަހަންނަށް ވަރަށް އެހީތެރިވެދިނެވެ. ހޭހަންކުރިއެވެ. އެހެންކަމުން އަހަރެންގެ ހިތުގައި އޭރު އޭނާއަށް ވަރަށް ޚާއްޞަ ލޯތްބެއް އުފެދުނެވެ. މިއަދު ވެސް އެކަމަށް ޓަކައި ޝުކުރުވެރިވަމެވެ.

ސަހަރޯއެވެ! ދެހާހުގެ އަހަރުތައް ފެށި، ފުރަތަމަ ދަހަރުގެ ތެރޭގައި އަހަރެންނާ ޙަވާލުވީ ތަފާތު ޝަޚުޞިއްޔަތެވެ. ފާޅުގައި އަހަރެންނާ ދެކޮޅަށް ބަސްބުނާން ވެސް ފެށީއެވެ. އެކަމަކު އެއް ދުވަހު ދައްކާ ވާހަކައާ ދިމާ އިދިކޮޅަށް ވެސް އަނެއް ދުވަހު ވާހަކަދައްކައިފާނެއެވެ. އަހަންނަށް ވަރަށް އިހާނެތިކޮށް ހިތި ވެސް މެއެވެ. ބައެއް ގަނޑުތައް އިރައި، ވީދައި ވެސް ލިއެވެ. ބައެއް އިޞްދާރުތައް ނައްތައިލިއެވެ. ނަމަވެސް ހުރިހައި އިސްދާރުތަކުގެ ހީރަސްތައް ކަނޑައި، ވުޖޫދުން އަހަރެން މުޅީން ފޮހެ ނުލެވެނީސް އަހަރެން ދޫކޮށްލުމަށް ފަހު އޭނާ ފިލައި ރައްކާވެއްޖެއެވެ. އޭނާ އަހަންނަށް ލިބިދިން ހެވަތަކީ ހަމައެކަނި އެއީއެވެ. އަހަރެން ދޫކޮށްލައިފައި ދިޔުމެވެ. އެކަމަށް ޓަކައި ޝުކުރުވެރިވަމެވެ.

ދުވަސްކޮޅެއް ވަންދެން ވަގުތީ ގޮތުން އަހަންނާ ހަވާލުވެގެން މީހަކު އުޅުމަށް ފަހު، ދެން އަހަރެންނާ ހަވާލުވީ ފިސާރި ދިވެއްސެކެވެ. އަހަރެންގެ ދިފާޢުގައި އެއްވެސް ކަމެއް ކުރާން ފަސް ނުޖެހުނު ލަފާދާރެކެވެ. އޭނާ އަހަންނަށް ހޭހަންކުރީ އާދަޔާ ޚިލާފަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެންގެ ލޯތަކަށް ފެންނަވަރަށް އަހަންނަށް އޯގާވެރިވިއެވެ. އަހަރެން ލަދުގަންނަ ވަރަށް ޢިއްޒަތް ދިނެވެ. ޤަދަރުކުރިއެވެ. އެތައްއެތައް އިޞްދާރެއް އަލަށް ވުޖޫދަށް ގެނައެވެ. އޭނާ މަސައްކަތްކުރީ ހަމައެކަނި އަހަރެންގެ ހައްގުގައި ކަމަށް ނޫނީ އަހަންނަކަށް ނުވިސްނެއެވެ. ކޮންމެއަކަސް ފަންސާހަކަށް އަހަރުން ވެސް އާދައިގެ މީހަކަށް ނުކުރެވޭހާ ގިނަ މަސައްކަތް އޭނާ މަށަށް ޓަކައި ކުރިއެވެ. އަހަރެން އެންމެ އުފާކުރީ އެ ދުވަސްވަރުއެވެ.

މިއަދު އަހަރެންނާ ހަވާލުވެގެން އުޅެނީ ވަރަށް ތަފާތު އިސްވާރެކެވެ. މަށާ ދެކޮޅަށް ވާހަކައެއް ނުދައްކައެވެ. ނަމަވެސް މަށާ ދެކޮޅަށް މީހުން ވާހަދެއްކިޔަސް އަހަރެން ދިފާޢެއް ވެސް ނުކުރެއެވެ. އަދި އަހަރެންގެ ޙިމާޔަތަށް ޓަކައި ކަމެއް ކުރުމުގެ ބަދަލުގައި އަހަރެންގެ ޢަދާވާތްތެރީންނަށް އަހަންނާ ހަމައަށް ވާޞިލުވެވޭނެ ހުރިހާ މަގުތަކެއް ފަހިކޮށްދެއެވެ. ނަމަވެސް މީހުން ގާތު ބުނަނީ މުޅިން އެހެން ވާހަކައެކެވެ. ކަންކުރަނީ ދައްކާ ވާހަކައާ މުޅިން އިދިކޮޅަށެވެ. އޭނާއާ އެންމެ ގާތުގައި ގެންގުޅެނީ ވެސް އަހަރެން ދެކެ އެންމެ ރުޅި އަންނަ ގުސްތަރުންނެވެ. އެހެންކަމުން އަހަންނާމެދު އޯގާވެރި ނަޒަރަކުން ބަލައިލުމުގެ އިޚުތިޔާރެއް ވެސް އަހަރެންގެ ހަވާލުދާރަކަށް ނޯވެޔޯލައެވެ. އަހަންނާމެދު ވެސް އަދި އެހެން މީހުންނާ ދޭތެރޭ ވެސް ކަންކުރާންވާ ގޮތް އަންގަނީ އެހެން މީހެކޯލައެވެ. އެ މީހަކީ އަހަރެންގެ ވެސް އަދި ވަކީން ޚާއްޞަކޮށް އަހަރެން ދެކެ އެންމެ ބޮޑަށް އޯގާތެރިވި ސާހިބާގެ ވެސް ދުޝްމަނެކޯލައެވެ. އަހަރެންގެ އިތުރު އިޞްދާރެއް ނެރޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން އަހަންނަށް ގޯނާކުރާން ބޭނުންވާ މީހުންނަށް މިހާރު ހަމަ ސެއްލައެވެ. ބޭނުން މީހަކު އަހަރެންގެ ގަނޑުތައް ކަނޑައިގެން ބޭނުން ކަމެއް ކުރާންވީއެވެ. އެކަން އެބަ ކުރޭ ވެސް މެއެވެ. އެހެންކަމުން އަހަރެން ހަނދާން ހުންނާން ފެށީއްސުރެ، މިއަށްވުރެ ހިތް ދަތި ޙަޔާތެއް އަހަރެން ވޭއްޗެއް ނުކުރަމެވެ.

މިއަދު އަހަރެންގެ ޙާލަކީހެއްޔެވެ! ހަމަ އެކަނި ވުޖޫދުގައި ނަން އޮތްކަމެވެ. ހުރިހާ އިޞްދާރުތަކެއްގެ ހީރަސްތައް ވަނީ ނައްޓައިލެވިފައެވެ. ގަނޑުތައްވަނީ އޮޅުންބޮޅުންވެ ބޮއްސުންލައިފައެވެ. ހިރަފުހާއި ކިލައިން ތަޣައްޔަރުކޮށް ހަޑިކޮށްފައެވެ. މިހާރު އަހަރެންގެ ލޮލުން ކަރުނަ ހިކޭ އެންމެ ހިނދުކޮޅެއް ވެސް ނާދެއެވެ. މި ކަން ބައްޔަކަށް ވެސް ވެއްޖެއެވެ. މި ނޫން މީހަކު އަހަރެންގެ ކަންކަން ބަލަހައްޓާން ޙަވާލުވާނެ ދުވަހަކަށް މިހާރު އިންތިޒާރުކުރެވެނީއެވެ. ނަމަވެސް ދެން އަހަރެންނާ ޙަވާލުވާ މީހަކަށް ވެސް އަހަރެންގެ ހުރިހާ އިޞްދާރުތަކެއްގެ ގަނޑުތައް އަލުން ތަރުތީބުކޮށް ހީރަސްޖަހައި، މަދުވާ ގަނޑުތަކުގެ ބަދަލުގައި އާ ގަނޑުތަކެއް ލައި، އަހަރެންގެ އަޞްލު ޞޫރައަށް ގެނައުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. މިހާރު އަހަރެންގެ ޙަވާލުދާރަކަށް ހުރި މީހާ މަސައްކަތްކުރަނީ ވެސް އެ މަގުންނެވެ. އެހެން މީހަކަށް އަހަރެން ކުރީގެ ޙާލަތަށް އިޢާދަ ނުކުރެވޭވަރުކުރާށެވެ. ވުޖޫދުން މުޅީން ފޮހެލާށެވެ! ކުރީން އަހަރެންނާ އަޅައިލައި ހޭހަންކުރި ބައެއް ސާހިބުން ދުނިޔޭގައި އެބަ އުޅޭ ކަމަށް ބުނާ އަޑު ވެސް އަހަމެވެ. ނަމަވެސް އެއިން މީހަކު ވެސް އަހަރެން ސަލާމަތްކުރާން މަސައްކަތެއް ވެސް ނުކުރަނީބާވައެވެ. ނުވަތަ ބާރު ނުފޯރަނީބާވައެވެ. އަޅެ އަހަރެންގެ މިއަދުގެ ޙާލަތު ތިޔަބައިމީހުން އެބަ ދެކެން ހެއްޔެވެ! މިއަދު އަހަރެންނަކީ އަނިޔާ ލިބެމުންދާ މަޒުލޫމެކެވެ. އަހަރެންގެ މިއަދުގެ ވޭނީ ޝިކާޔަތަކީ މިއީއެވެ. މި ޝިކާޔަތު އަޑުއަހާނީ ކާކުހެއްޔެވެ؟

"ޒާލިމުން އަނިޔާކުރާއިރު ބައްލަވާން މިރުޞާދުގައި
ޚާލިޤުލްކައުނައިނި ވާނަކަން ނޭނގެނީތަ؟ އަޖާއިބެކޭ"