Support Us

"ސަން އެފް.އެމް"ގެ "މިނިވަންކަމުގެ ހިޔަލުގައި..." ޝޯގައި މިނިވަންކަމުގެ ގަލަމާއެކު މުހައްމަދު ޝަހީބު... 25 ޖުލައި 2010 -ފޮޓޯ: މުހައްމަދު ޝާފީ 

މިނިވަންކަމުގެ ގަލަންކޮޅާއެކު އަޅުގަނޑު…

"މިއީ ހަމަ އެ ގަލަންކޮޅުތޯއެވެ؟" އަޅުގަނޑު ސުވާލު ދެންނެވީމެވެ.

"އާދެ. ތިއީ ހަމަ އެ ގަލަންކޮޅު،" ޖަވާބުގައި، އޮނަރަބަލް އަލްމަރުހޫމު ޢަބްދުއްސައްތާރު މޫސާ ދީދީ ވިދާޅުވިއެވެ.

"މިނިވަންކަމުގެ ހިޔަލުގައި…" ޝޯގައި މިނިވަންކަމުގެ ގަލަމާއެކު މުހައްމަދު ޝަހީބު… 25 ޖުލައި 2010 -ފޮޓޯ: މުހައްމަދު ޝާފީ

އަޅުގަނޑުގެ އަތުގައި މިއޮތް ޕާކަރު ބްރޭންޑުގެ، ކަޅު ރަތް (މެރޫން) ކުލައިގެ ގަލަންކޮޅަކީ ވަރަށް ވެސް ތާރީޚީ ގަލަންކޮޅެކެވެ. އިނގިރޭސީންގެ އަތުން، މީގެ 56 އަހަރު ކުރިން، ދިވެހިރާއްޖެއަށް ޚާރިޖީ/ ސިޔާސީ މިނިވަންކަން ލިބުމުގެ އެއްބަސްވުމުގައި، 1965 ޖުލައި 26ގައި ދިވެހި ދައުލަތުގެ ފަރާތުން ބޮޑުވަޒީރު އިބްރާހީމް ނާޞިރު ސޮއިކުރެއްވި ތާރީޚީ ގަލަންކޮޅެވެ. ކޮޅުނބުގައި ބޭއްވި ރަސްމީޔާތެއްގައި މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބޮޑު ވަޒީރު ނާސިރު އެ ގަލަންކޮޅު އަބްދުއްސައްތާރު މޫސާ ދީދީ އަށް ހަދިޔާ ކުރެއްވީއެވެ. އޭގެ 45 އަހަރު ފަހުން އަޅުގަނޑުގެ އަތަށް އެ ގަލަންކޮޅު ދެއްވީ އަބްދުއްސައްތާރު މޫސާ ދީދީއެވެ. އެ ރޭ ގާތްގަނޑަކަށް ގަޑިއެއްހާއިރު ވަންދެން އެ ގަލަންކޮޅު އޮތީ އަޅުގަނޑުގެ އަތުގައެވެ.

މިނިވަންކަމުގެ ގަލަން ޢަބްދުއްސައްތާރުގެ އަތްޕުޅުން މުހައްމަދު ޝަހީބަށް ދެއްވަނީ.. 25 ޖުލައި 2010 -ފޮޓޯ: މުހައްމަދު ޝާފީ

ބޮޑުވަޒީރު ނާޞިރު ސޮއިކުރެއްވި އެއްބަސްވުމާއެކު ލިބުނު މިނިވަންކަމަކީ، އިސްލާމް ދީނަށްފަހު ހުރިހައި ދިވެހިންނަށް ލިބުނު އެންމެ ބޮޑު ފަޚުރާއި ޝަރަފުކަން ކަށަވަރެވެ. ނަމަވެސް މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ގަލަންކޮޅު ހަމަ ލޮލުން ފެނި، އޭގައި އަތްލައި، އެއިން ލިޔެލައި، އެ ގަލަމުން ސޮއިކޮށްލުމަކީ މާ ގިނަ ބަޔަކަށް ލިބިފައި ނެތް ޝަރަފެއްކަން ޔަގީނެވެ.

އެއީ މީގެ 11 އަހަރު ކުރިއެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި "ސަން އެފް.އެމް" ރޭޑިއޯ އިން ގެނެސްދިން "މިނިވަންކަމުގެ ހިޔަލުގައި.." ޚާއްސަ ޝޯގައި ބައިވެރިވެވަޑައިގަތުމަށް 2010 ޖުލައި 25 ވަނަ ދުވަހުގެ ރޭ ޢަބްދުއްސައްތާރު މޫސާ ދީދީ "ސަން އެފް.އެމް" ސްޓޫޑިއޯއަށް ވަޑައިގަތީ، އެ ތާރީޚީ ގަލަންކޮޅު ހިއްޕަވައިގެންނެވެ؛ އެ ޝޯ އިންތިޒާމުކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދެންނެވި ދެންނެވުމަކަށެވެ. އެ ޚާއްސަ ޝޯގައި ޢަބްދުއްސައްތާރު އަރިހުގައި ބައިވެރިވެވަޑައިގަތް އަނެއް ބޭފުޅަކީ އޮނަރަބަލް އަލްމަރުހޫމު ކަރަންކާ އިބްރާހިމް ރަޝީދު ނުވަތަ ސޯދު ސީނު ރަޝީދެވެ.

މިނިވަންކަމުގެ ގަލަމުން ޢަބްދުއްސައްތާރު ލިއުއްވާއިރު ރަޝީދު (ވ) ބަލަހައްޓަވައިގެން… 25 ޖުލައި 2010 -ފޮޓޯ: މުހައްމަދު ޝާފީ

މަރުހޫމް ޢަބްދުއްސައްތާރު މޫސާދީދީ އަކީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން، ރާއްޖެއަށް ޤައުމީ މިނިވަންކަން ހޯދުމުގެ ބުރަ މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މިގޮތުން ބަލާއިރު ބޮޑުވަޒީރު ނާޞިރުގެ އަރިހުގައި އެންމެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ޢަބްދުއްސައްތާރު މޫސާދީދީއެވެ. ސިލޯނުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ ގޮތުގައި 1960ގެ ކުރީގެ އަހަރުތަކުގައި ހުންނަވައިގެން އިނގިރޭސި ދައުލަތާއި، ދިވެހި ދައުލަތުގެ ފަރާތުން ރާއްޖޭގެ މިނިވަންކަމާ ބެހޭ ސިޔާސީ މަޝްވަރާތައް ކުރެއްވީވެސް އެމަނިކުފާނު އިސްވެ ހުންނަވައިގެންނެވެ. މިގޮތުން ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނީ ބޮޑުވަޒީރު ނާޞިރުގެ އިރުޝާދާ އެއްގޮތަށް ޢަބްދުއްސައްތާރު ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މިނިވަންކަމުގެ އެގްރީމަންޓުގައި ބޮޑުވަޒީރު ނާޞިރު ސޮއިކުރެއްވިއިރު، ނާސިރުގެ ކަނާތްޕުޅުގައި، އެންމެ އަރިހުގައި ހުންނެވީ ވެސް ޢަބްދުއްސައްތާރު މޫސާ ދީދީއެވެ.

މަރުހޫމް ކަރަންކާ ރަޝީދަކީ ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯދުމަށް ކުރެވުނު ޤައުމީ މަސައްކަތްތަކުގައި ބޮޑުވަޒީރު ނާޞިރުގެ އަރިހުގައި ޢަމަލީގޮތުން މަސައްކަތްކުރެއްވި އެންމެ ފާހަގަކުރެވޭ އެއް ޝަޚުޞިއްޔަތެވެ. ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ރާއްޖެއާ ވަކިވެ ނުރައްކާތެރި ހާލަތަކަށް ޤައުމު ގޮސްފައިވަނިކޮށް، ރާއްޖޭގެ ޤައުމީ މިނިވަންކަން ދިފާޢުކުރެއްވުމަށް އެ ހިނދަށް ރާއްޖެއަށް އެންމެ ބޭނުންތެރި ފިޔަވަޅުތައް އަޅުއްވައި، ސަރުކާރުން ކުރެއްވި ބުރަ މަސައްކަތްތަކުގައި ދާޚިލީ ވަޒީރުގެ ގޮތުންނާއި، ބޮޑުވަޒީރުގެ ނާއިބްގެ ހައިޘިއްޔަތުން އިބްރާހީމް ރަޝީދު އަދާކުރެއްވި ވާޖިބާއި އުފުއްލެވި ބުރަ މަސްއޫލިއްޔަތު ދިވެހި ތާރީޚްގައި ފާހަގަވެފައިވެއެވެ.

އަދި މިނިވަންކަމުގެ ރަމްޒެއް ކަމުގައިވާ ރާއްޖޭގެ އަމިއްލަ ވައިގެ ބަނދަރެއް ބިނާކުރުމުގެ ބުރަ މަސައްކަތްތަކުގަ އާއި، މިނޫންވެސް އެ ދުވަސްވަރު ދައުލަތުން ކުރެއްވި ބޮޑެތި ހުރިހާ މަސައްކަތްކެއްގައި އިބްރާހީމް ރަޝީދު ވަނީ އެންމެ އިސް ދައުރެއް އަދާކުރައްވައިފައެވެ. ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން 1965 ޖުލައި 26ގައި ލިބުނީ މި ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މިނިވަންކަމުގެ ގަލަމާއެކު މުހައްމަދު ޝަހީބު (ކ) އަދި ޢަބްދުއްސައްތާރު.. 25 ޖުލައި 2010 -ފޮޓޯ: މުހައްމަދު ޝާފީ

"ސަން އެފް.އެމް"ގެ އިންޓަވިއުގައި ޢަބްދުއްސައްތާރު ވިދާޅުވި ގޮތުގައި މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބޮޑު ވަޒީރު ނާސިރު އެ ގަލަންކޮޅު ޢަބްދުއްސައްތާރަށް ހަދިޔާ ކުރެއްވީއެވެ.

"އަން. މި ގަލަން ޢަބްދުއްސައްތާރަށް،" ގަލަންކޮޅު ދެއްވަމުން ނާސިރު އެ ދުވަހު ވިދާޅުވި ކަމަށް ޢަބްދުއްސައްތާރު ވިދާޅުވިއެވެ.

އެ ދުވަހުއްސުރެ އެ ގަލަންކޮޅު އޮތީ ޢަބްދުއްސައްތާރު އަތްޕުޅުގައި ރައްކާ ކުރައްވައިފައެވެ. މާކަށް ގިނަ ބަޔަކަށް އެ ގަލަންކޮޅެއް ނުފެނެއެވެ. ނަމަވެސް ޢަބްދުއްސައްތާރު ވިދާޅުވި ގޮތުގައި، ރާއްޖެ ޒިޔާރަތްކުރެއްވި ބޭރުގެ ބައެއް މެހުމާނުންނަށް ތާރީޚީ އެ ގަލަންކޮޅު ވަނީ ދައްކަވައިފައެވެ. އެ ގޮތުން 1972 ފެބްރުއަރީގައި އިނގިރޭސީ ރާނީ ކުއީން އެލިޒެބަތް ދެވަނަ އާއި 1974 ގައި ސްރީލަންކާގެ ބޮޑުވަޒީރު ސްރީމާވޯ ބަންޑާރަނަޔަކަ ރާއްޖެ ޒިޔާރަތްކުރެއްވުމުން އެ ބޭފުޅުންނަށް އެ ގަލަންކޮޅު ދައްކަވައި، އެ ބޭފުޅުން ވަނީ އެ ގަލަންކޮޅުން ލިއުއްވައި ސޮއިކުރައްވައިފައި ކަމަށް ޢަބްދުއްސައްތާރު ވިދާޅުވިއެވެ.

ޢަބްދުއްސައްތާރު ބައިވެރިވެވަޑައިގެންނެވި މުހިންމު ބައެއް ޓީވީ ޝޯތަކާއި އިންޓަވިއުތަކުގައި އެ ގަލަންކޮޅު ދައްކަވައި، އެ ތާރީޚީ ހަނދާންތައް އާކުރައްވައިފައިވެއެވެ. ޢަބްދުއްސައްތާރު ވިދާޅުވީ އެ ގަލަންކޮޅު އެ މަނިކުފާނުގެ އަތްޕުޅުގައި ބާއްވަވާނެ ކަމަށެވެ. ދިވެހި ތާރީޚީ ހުރިހައި ތަރިކައެއް ގާނޫނީ ގޮތުން ބަލަހައްޓާ ދާރުލްއާސާރަށް ހަދިޔާކުރެއްވުމުގެ ޚިޔާލުފުޅެއް ޢަބްދުއްސައްތާރު ގެންގުޅުއްވައިފައެއް ނުވެއެވެ. އެހެންކަމުން 2015ގައި ޢަބްދުއްސައްތާރު އަވަހާރަވުމުން ވެސް އެ ތާރީޚީ ގަލަންކޮޅު އޮތީ ޢަބްދުއްސައްތާރުގެ އާއިލާގެ ބެލުމުގެ ދަށުގައެވެ. އެ ގަލަންކޮޅަށް ހައްދަވާނެ ގޮތެއް އެ އާއިލާއަކުން އަދި ނުނިންމަވާ ކަމަށް ޢަބްދުއްސައްތާރުގެ ބޭފުޅަކު "އަދިވެސް" އަށް މިއަދު ވިދާޅުވިއެވެ.

މިނިވަންކަމުގެ ގަލަމުގެ ނަކަލުތަކެއް، ހަމަ މި ގަލަމާ އެއް ގޮތަށް ހަދައިގެން މިނިވަން ފަންސާހުގެ މުނާސަބަތުގައި ވަރަށް ގިނަ މީހުންނަށް ފޯރުކޮށްދިނީ ވެސް މި ގަލަމުގެ މުހިންމުކަމުންތާއެވެ. މިނިވަންކަމުގެ ރަން ޔޫބީލުގެ މުނާސަބަތު އަޅުގަނޑުމެން ފާހަގަކުރި އިރުވެސް ހަނދާނީ ހަދިޔާއެއްގެ ގޮތުގައި ނަކަލުކޮށްގެން އުފެއްދީ މި ގަލަމުގެ ނަމޫނާތަކެކެވެ. މި ގަލަމަށް ދިވެހީން ކުރާ ގަދަރުގެ ރަމްޒެއްގެ ގޮތުންނެވެ. މި ގަލަމަކީ ދިވެހީންނަށް ޓަކައި ވަރަށް މަތިވެރި ވާޖިބެއް އަދާކޮށްދިން މަދަދުގާރެކެވެ. މި ގަލަމުގެ ތުނޑުން ނުކުތް ދެލިތިއްކަކުން ކަރުދާހުގައި ކުރަހައިލި ސޮއެއްގެ ނިޝާނެއްގެ ސަބަބުން، ދިވެހީންނަށް ބޭރު ދުނިޔެއަށް ނޭވާލުމުގެ ފުރުޞަތު ހޯދައިދިނެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހީންނަށް ހަމަ ނޭވާލައި އެހެން ޤައުމުތަކާ އެއް ސަފެއްގައި ދިވެހި ދިދަ ވިހުރައިލުމުގެ މަގުފަހިކޮށްދިނެވެ. ފުރިހަމަ ސިޔާސީ މިނިވަން ގައުމެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފެތުރިގަތުމުގައި އެހީތެރިވެދިނެވެ. އިނގިރޭސީންގެ ޙިމާޔަތުގެ ނަމުގައި އޮތް އަޅުވެތިކަމުން ސަލާމަތްވުމުގައި މެދުވެރިވީ މި ގަލަމެވެ. މި ފަދަ ގަލަމެއްގެ ބޭނުން ދިވެހި ޤައުމަށް އަބަދު ވެސް އޮންނާނެކަން ކަށަވަރެވެ.

މިނިވަންކަމުގެ ތާރީޚީ ގަލަންކޮޅުގައި އަތްލައި، ލިޔެލައި، ސޮއިކޮށްލަން އަޅުގަނޑަށް ފުރުސަތު ދެއްވީތީ މާތް ﷲ އަށް ހަމްދުކޮށް، އެ ރޭވެސް ޢަބްދުއްސައްތާރަށް ނިހާޔަތަށް ޝުކުރު ދެންނެވީމެވެ. މިއަދު ވެސް އެ ޝުކުރު ތަކުރާރުކުރަމެވެ.

މިނިވަން ދުވަހުގެ ބަތަލުންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މާތް ﷲ މިންވަރު ކުރައްވާށިއެވެ! އާމީން!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ތި ގަލަން ސަރުކާރާ ހަވާލުކޮށްފިއްޔާ ގެއްލިގެން ދިޔައީ، މަޖިލީހަށް ހާމަކުރި ސިފައިންގެ ސިއްރުތައް ނުހިފެހެއްޓުނުއިރު ތި ގަލަން ރައްކާތެރިކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއްނެތް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *