Support Us

މިނިވަން ދުވަހުގެ ކުރު ވާހަކަ

ފޮޓޯއިން އެ ފެންނަނީ ކޮން ބޭފުޅެއް ހެއްޔެވެ؟ އެއީ ރާއްޖެއަށް މިނިވަންކަން ހޯދުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވި ޝަރަފުވެރި އެއް ޝަޚްޞިއްޔަތެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ، އަލްމަރުހޫމު އޮނަރަބްލް ޢަބްދުއްސަތާރު މޫސާދީދީއެވެ.

މިނިވަންކަން ލިބުނުތާ ވިއްސަކަށް އަހަރު ފަހުން އެއް ފަހަރަކު ރަސްމީ ދަތުރުފުޅެއްގައި ސިލޯނަށް ވަޑައިގަތެވެ. ކޮންމެ ވެސް އެއްޗެއް ބައްލަވައިގަތުމަށް ޓަކައި ބާޒާރަށް ނިކުމެވަޑައިގަތް ރެޔެކެވެ. އަރިހުގައި ދިވެހި ސަފާރާގެ މުވައްޒަފަކު ހުއްޓެވެ.

"ތިޔަ އަގު ދެވޭ ވަރަކަށް ފައިސާއެއް ނެތް. ޝުކުރިއްޔާ" ސެކްރެޓަރީއަށް އިވުނީ ޢަބްދުއްސައްތާރު މިހެން ވިދާޅުވި އަޑުފުޅެވެ. ކުއްލި ސަމާލުކަމެއް އެ ކަމަށް ދީ، ވިސްނައިލުމުން އެނގުނީ އެ ބޭނުންފުޅުވި އެއްޗެއްގެ އަގަށް ވާ ވަރަށް އަތްޕުޅުގައި ފައިސާ ނެތީތީ އެ ބައްލަވައިގަނެވެން ނެތް ވާހަކަ އެ ވިއްކާން ހުރި މީހާ ގާތު ވިދާޅުވަނީކަމެވެ.

ކުއްލިޔަކަށް އެއްލުނު ކަޅިޔަކުން ކަމެއް އަޅައިގަތެވެ. ޢަބްދުއްސައްތާރުގެ އަތްތިލަފުޅުތެރޭގައި އޭރު އަދި ހުޅުވައިލެވިފައި އޮތް ވޮލެޓުގައި އެ އަށްވުރެ މާ ގިނައިން ވެސް ފައިސާ އެބަ ހުއްޓެވެ. އެތައް ޑޮލަރެކެވެ. އެކަމަކު އެ ފައިސާ ހުރީ މެދުން ސުރެންސުރެން ދިގަށް އޮތް ކަރުދާސްފަށެއްގެ އަނެއް ފަރާތުގައެވެ. ކުޑަކޮށް ފޮރުވިފައެވެ. ވީމާ ފެނިވަޑައިނުގަތީ ތާ އެވެ. "ބައްލަވާ! އެހެރީ ނޫންތޯ ފައިސާ. އެ ކަރުދާސްކޮޅުގެ އަނެއް ފަރާތުގައި" ސެކްރެޓަރީ މައްސަލައިގެ ހައްލު ހޯދައިދިނެވެ.

އެ ވަގުތު އޭނާއާ ހަތަރުކަޅި ހަމަކޮށްލައްވައިފައި ހިމޭން ހަރުދަނާ އަޑުފުޅަކުން ޢަބްދުއްސައްތާރު ވިދާޅުވިއެވެ. ކަރުދާސްކޮޅުގެ އެ ފަރާތުގައި އެހެރީ ސަރުކާރު ފައިސާއެވެ. އަހަރެންގެ ފައިސާ މިހިރީ މި ފަރާތުގައެވެ. ގަންނަން މި އުޅެނީ އަހަރެންގެ އަމިއްލަ ބޭނުމަކު ގަންނަ އެއްޗެކެވެ. މި ފަރާތުގައި މިހިރަ ފައިސާއިން އޭގެ އަގު ހަމައެއް ނުވެއެވެ. އެހެންވީމާ ގަނެވެންނެތީއެވެ.

މާތް ﷲ، މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި! އާމީން!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *