Support Us

އިންޑިޔާއިން ރާއްޖެ ތަރައްގީ ކުރުމަށް އެހީ ވެވިދާނެ ހެއްޔެވެ؟

ޝައްކެއްނެތް ގޮތުގައި، ހުރިހާ ގައުމެއް ވެސް އިސްކަން ދޭނީ އެ ގައުމެއްގެ މައްސަލަތައް ހައްލުކުރުމަށެވެ. ވަޒީފާ އިތުރުކުރުމާއި ތަނުގެ އާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުން ފަދަ އިގުތިސާދީ މައްސަލަތަކެވެ. ބޯހިޔާވެހިކަން ހޯދައިދިނުމާއި އިޖުތިމާއީ ތަފާތުތައް ނައްތާލުން ފަދަ އިޖުތިމާއީ މައްސަލަތަކެވެ. ތައުލީމީ ޚިދުމަތާއި ސިއްހީ ޚިދުމަތް ދިނުން އިތުރަށް ރަނގަޅުކުރުން ފަދަ މައްސަލަތަކެވެ.

މިއީ ގައުމުތަކުން ކަންތައް ކުރާ އާންމު އުސޫލުކަމުގައި ވިޔަސް، މި އާންމު އުސޫލާ ޚިލާފުވާ ތަނަކަށް ރާއްޖެ ފެންނަހެން ހީވެއެވެ. ކަންކަމުގައި ތަނުގެ މަސްލަހަތު އިސްނުކުރެވޭ ތަނެވެ. މިސާލަކަށް، ރާއްޖެއިން ގުރުއާން މުދައްރިސުން ލިބެން އޮއްވައި ނުވަތަ ދާދި ފަސޭހައިން އެކަމަށް ބޭނުންވާ މީހުން ތަމްރީނުކުރެވެން އޮއްވައި، ބޭރުން އެފަދަ މުދައްރިސުން ގެނައުމެވެ. ހަމަ އެހެންމެ، ރާއްޖޭގައި ވެސް އިމާރާތްކުރުމުގެ ބޮޑު ސިނާއަތެއް އޮއްވައި، ރާއްޖޭގެ އެފަދަ ކުންފުނިތަކަށް ފުރުސަތު ނުދީ، ދާދި ފަހުން، ފުލުހުންގެ އިމާރާތްތަކެއް ބިނާކުރުމަށް، އެތައް އެތައް މިލިޔަން ޑޮލަރުގެ މަޝްރޫއުތައް އިންޑިޔާގެ ކުންފުންޏަކާ ހަވާލުކުރި ކަމެވެ. ރާއްޖޭގެ މީހުންނަށް ވަޒީފާގެ އިސްކަން ނުދީ، ރާއްޖޭގެ ސަރުކާރުގެ ނުވަތަ ސަރުކާރުގެ ބާރުގެ ދަށުގައިވާ މުއައްސަސާތަކުގެ އިސް ވަޒީފާތަކަށް ބޭރު މީހުން އިސްކުރުމެވެ.

ކޮންމެ އަކަސް، މިއަދު ފާހަގަކޮށްލަން ބޭނުންވަނީ މި މައްސަލައެއް ނޫނެވެ. އިންޑިޔާގެ ކިބައިން ހުރިހާ ކަމަށް ރާއްޖެ އެދޭ އިރު، އިންޑިޔާ އޮތީ އެހެން ގައުމަކަށް އެހީއެއް ވެދެވޭނޭ މަގާމެއްގައި ބާވައޭ ކުރެވޭ ސުއާލުގެ މައްޗަށް ބަލާލުމަށެވެ. މި ސުއާލުގެ މައްޗަށް ބަލައިލުމުގެ ގޮތުން ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އިންޑިޔާއާ ކުރިމަތިވެފައިވާ ބައެއް މުހިއްމު މައްސަލަތަކުގެ ވާހަކަ މިތަނުގައި ނޯޓުކޮށްލާނަމެވެ. ދެން، އޭގެ އަލީގައި މަތީގައި ސުރުޚީގައި އެޅިފައިވާ ސުއާލުގެ ޖަވާބު ހޯދުން ކިޔުންތެރިންގެ އަމިއްލަ ވިސްނުމަށް ދޫކޮށްލާނަމެވެ.

އިންޑިޔާގެ ނެޝަނަލް ސެމްޕަލް ސާވޭ އޮފީސް (އެން.އެސް.އެސް.އޯ) އިން ޝާއިއުކުރި މައުލޫމާތު ބުނާ ގޮތުގައި، ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ނުދާހާ މައްޗަށް، އިންޑިޔާގެ ވަޒީފާނެތިފައި ތިބި މީހުންގެ އަދަދު ހިނގައްޖެއެވެ. ރާއްޖޭގެ އެކިއެކި ވަޒީފާތަކަށް އިންޑިޔާއިން މީހުން ގެންނަނީ ކޮންމެހެން ރާއްޖެއިން އެ ވަޒީފާތަކަށް މީހުން ނުލިބިގެން ނޫންކަމާއި އިންޑިޔާއިން އިންޑިޔާ މީހުންނަށް ވަޒީފާ ނުލިބިފައި އޮތުމުގެ ސަބަބުންކަން މިތާނގައި ފާހަގަކޮށްލަން ޖެހެއެވެ. އާދެ، އިންޑިޔާގެ އެމްބަސީން ރާއްޖޭގެ މަޝްރޫއުތައް އިއުލާނުކޮށް، އެކަމަކީ ހަމަ އެންމެ ރަނގަޅު ކަމެއް ކަމުގައި ރާއްޖޭގެ މިއަދުގެ ސަރުކާރުން ބުނެ، އިންޑިޔާއިން ރާއްޖެ އެމީހުންގެ ބާރުގެ ދަށަށް ގެންނަން ބޭނުންވާ އެއް ސަބަބަކީ އިންޑިޔާ މީހުންނަށް ރާއްޖެއިން ވަޒީފާ ދިނުމޭ ބުނުމަކީ ހައްގުން އެެއްކިބާވުމެކޭ ނުބުނެވޭނެއެވެ.

ޑަބްލިޔޫ އެޗް އޯ ގެ މައުލޫމާތު ބުނާ ގޮތުގައި، ވެށީގެ ގޮތުން މުޅި ދުނިޔޭގެ އެންމެ ބޮޑަށް ހަޑިވެފައިވާ ދިހަ ރަށް އޮތީ އިންޑިޔާގައެވެ. މިކަަމުގެ ހައްލު ހޯދުން ދޫކޮށްލާފައި އެހެން ބަޔަކަށް އެހީވެދޭން އިންޑިޔާއަށް އުޅެވިދާނެ ހެއްޔެވެ؟

ސުވިސް ކުރެޑިޓް ރިޕޯޓު ބުނާ ގޮތުގައި އިންޑިޔާ މީހުންގެ މުސާރާތަކުގެ ތަފާތުކަން އެންމެ ބޮޑުވެގެން ގޮސްފައި ވަނީ ވޭތުވެ ދިޔަ އަށްޑިހަ އަހަރު ދުވަހުގެ ތެރޭގައެވެ. އާދެ، އިންޑިޔާގެ ފަގީރުން ފަގީރުވެ، މުއްސަނދިން މުއްސަނދިވިއެވެ. ޝައްކެއް ނެތް ގޮތުގައި މިއީ އިޖުތިމާއީ ބޮޑު މައްސަލައެކެވެ. އަދި، އޭގެ އަސަރު އިންޑިޔާގެ ސިޔާސަތަށް ވެސް ވަރަށް ބޮޑަށް ކުރާނޭ މައްސަލައެކެވެ. ވެރިކަން ކުރާ ސިޔާސީ ޕާޓީއަކަށް މިކަމުގެ އެކަށީގެންވާ ހައްލެއް ހޯދައިނުދެވިއްޖެ ނަމަ، ވެރިކަމުގެ ބާރު ގެއްލިދިޔުން މެދުވެރިކުރާ މައްސަލައެކެވެ. މިކަން މިހެން އޮއްވައި، އެހެން ބަޔަކަށް އެހީވުމުގެ އިގުތިސާދީ ބާރެއް އިންޑިޔާއަށް ލިބިގެންވޭ ހެއްޔެވެ؟

ޥހޯލްސޭލް ޕުރައިސް އިންޑެކްސް (ޥީ.ޕީ.އައީ.)، އާދެ، މުދަލުގެ އަގަށް އަންނަ ބަދަލުތައް ބަލަމުންދާ ހަމަ، މައުލޫމާތު ދޭ ގޮތުގައި އިންޑިޔާގެ ދަނޑުވެރިންގެ އުފެއްދުންތަކުގެ އަގު އެންމެ ބޮޑަށް ވެއްޓިފައިވަނީ ވޭތުވެދިޔަ 18 އަހަރު ދުވަހުގެ ތެރޭގައެވެ. ޝައްކެއްނެތް ގޮތުގައި މިއީ އިންޑިޔާގެ ސަރުކާރު އިސްކަންދީގެން ހައްލުކުރަން ޖެހޭނޭ މައްސަލައެކެވެ. އެހެން ނޫންނަމަ، ވެރިކަން ކުރާ ސަރުކާރުގެ ވެރިކަން ވެއްޓުމަކީ ދުރުކަމެއް ނޫނެވެ.

މާކެޓް ޑާޓާ، ފައިސާގެ ބާޒާރުގެ މައުލޫމާތު ބުނާ ގޮތުން، އިގުތިސާދީ ގޮތުން ދުނިޔޭގެ ބޮޑެތި ގައުމުތަައް ކަމުގައި ބެލެވޭ ގައުމުތަކުގެ ފައިސާގެ އަގަށް ބަލައިލާއިރު، އިންޑިޔާގެ ރުޕީ ހިމެނެނީ އެންމެ އަގުދަށް ފައިސާ ކަމުގައެވެ. އަދި، އޭޝިޔާގެ ގައުމުތަކުގެ ފައިސާގެ އަގަށް ބަލާލާއިރު ވެސް، އިންޑިޔާގެ ރުޕީ ހިމެނެނީ އެ ސަރަހައްދުގެ އެންމެ އަގު ދަށް ފައިސާ ކަމުގައެވެ. މިއިން އަންގައިދެނީ ކޮން އެއްޗެއް ހެއްޔެވެ؟ އިންޑިޔާގެ އިގުތިސާދުގެ ބަލިކަށިކަމެވެ. މިފަދަ ހާލެއްގައި އޮތް ގައުމަކަށް، އިގުތިސާދީ ގޮތުން، އެހެން ބަޔަކަށް އެހީވެވިދާނެ ހެއްޔެވެ؟ އަރަބި ހަރުބަހެއްގައި އޮވެއެވެ. فاقد الشيء لا يعطيه. އަތުގައި އެއްޗެއް ނެތް މީހާ، އެހެން މީހަކަށް އެއްޗެއް ނުދެވޭނެއެވެ. ތިމާމެންގެ ކިބައިގައި އެހެން ބައެއް ތަރައްގީކުރުމަށް ބޭނުންވާ އިގުތިސާދީ ބާރު ނެތް އިރު، އެފަދަ އެހީއެއް ބަޔަކަށް ވެވޭނީ ކިހިނެއް ހެއްޔެވެ؟

މިނޫންވެސް އެހެން ކަންކަން، ދުނިޔޭގެ ގައުމުތަކާ ބެހޭ އެކިއެކި ރިޕޯޓުތަކުގައި އިންޑިޔާއާ ބެހޭ ގޮތުން ފާހަގަކުރެވިފައިވެއެވެ. މިސާލަކަށް، މިއަދުގެ އިންޑިޔާގެ ވެރިކަން ގާއިމުވެގެން ދިޔަފަހުން، ގެރިއާ ގުޅިގެން ހަވަރު ނުކުމެ އެންމެ ގިނައިން މީހުން މަރާ ގައުމަކީ އިންޑިޔާކަން ފާހަގަ ކުރެވިފައިވެއެވެ. މިއިން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ އިންޑިޔާގެ މިއަދުގެ ސަރުކާރަކީ، އިންޑިޔާގައި މިހާތަނަށް އުފެދުނު، މުސްލިމުންނާ އެންމެ އިދިކޮޅު ސަރުކާރުކަމެވެ! މިފަދަ ބަޔަކު، ރާއްޖެއަށް ހަގީގަތުގައި ވެސް ހެޔޮއެދިފާނެ ހެއްޔެވެ؟ އެހެންކަމަށް ވާނަމަ، ނިޔޯ ނާޒީން އިޒުރޭލަން ހެޔޮ އެދުނީހެވެ؟ އަދި އިޒުރޭލުން، ފަލަސްތީނު މީހުންނަށް، ނޫނީ އަރަބިންނަށް، ހެޔޮ އެދުނީހެވެ. މީގެ އިތުރުން، އިންޑިޔާއަކީ މިވަގުތު ދުނިޔޭގައި އޮތް އަންހެނުންނަށް އެންމެ ރައްކާތެރި ނޫން ގައުމުކަމުގައި ތޯމަސް ރޮއިޓާސް ސާވޭގައި ބުނެފައި ވެއެވެ. ގޮލޯބަލް ވެލްތް ރިޕޯޓުގައި އިންޑިޔާއަކި ދެވަނައަށް އެންމެ ހަމަ ނޫން ގައުމު ކަމުގައި ފާހަގަކުރެވިފައި ވެއެވެ. މިހުރިހާ މައްސަލަތަކެއްގެ ހައްލު ހޯދުން އެއްކިބާކޮށްފައި، އެހެން ގައުމަކަށް އެހީވުމުގެ އެކަށޭނަކަން އިންޑިޔާއަށް ލިބިގެންވޭ ހެއްޔެވެ؟ އެހެންކަމަށްވާ ނަމަ، އެމެރިކާ ތަރައްގީކުރަން ރާއްޖެއަށް އެހީވެދެވޭނެއެވެ!

ދެން، ޕާޓީ ތައައްސުބުން އެއްކިބާވެ ހުރެ، އަދި، ތިމާ ދެކޭ ގޮތުގައި ހުރިހާ ކަމެއްގެ ހަގީގަތް ދަންނަ ލީޑަރުންނޭ ކިޔާ މީހުންގެ ސިކުނޑިގެ އަޅުވެތިކަމުން ވެސް އެއްކިބާވެ ހުރެ، މާތްރަސްކަލާނގެ ތިމާއަށް ދެއްވި ތިމާގެ އަމިއްލަ ސިކުނޑީގެ ބޭނުންކޮށްގެން މިކަންކަމުގެ މައްޗަށް ނަޒަރު ހިންގާލާފައި މަތީގައި ކުރެވުނު ސުއާލުގެ ޖަވާބު ހޯދާށެވެ! އާދެ، އިންޑިޔާގެ އިގުތިސާދީ ހާލަތާއި އިޖުތިމާއީ ހާލަތު މަތީގައި ބަޔާންކުރެވިފައިވާ ގޮތަށް އޮތް އިރު، އިންޑިޔާ އޮތީ އެހެން ބަޔަކަށް އެހީވެދެވޭނޭ ހާލަތެއްގައި ހެއްޔެވެ؟

މި ސުއާލުގެ ޖަވާބު ހޯދުމަށް އެހީވެ ދިނުމަށްޓަކައި އަދި އެއްކަން ފާހަގަކޮށްލަދޭނަމެވެ. ރާއްޖެއާ އިންޑިޔާއާ ދެމެދު ކުރެވުނު އަސްކަރީ އެއްބަސްވުންތަކަށް ނަޒަރު ހިންގާލާށެވެ. އެ އެއްބަސްވުންތަކުގެ ކޮޕީތައް ދާދި ފަސޭހައިން ލިބެން އެބައޮތެވެ. އެ އެއްބަސްވުންތަކުގައިވާ ގޮތުން، އިންޑިޔާގެ ބޭނުމަށްޓަކައި ހިންގާ މި މަޝްރޫއުތަކުގެ ހުރިހާ ޚަރަދެއް ކުރަނީ ރާއްޖެއިންނެވެ. ރާއްޖޭގެ ރައްޔިތުންގެ ފައިސާއިންނެވެ. އިންޑިޔާއިން އެފަދަ ޚަރަދެއް ކުރެވެން ނެތީމައެވެ! ދިވެހި ރައްޔިތުންގެ ނަމުގައި އިންޑިޔާއިން ލޯނު ނަގައިގެން ހޯދާ އެ ފައިސާއަކީ އިންޑިޔާގެ އަސްކަރީ ބޭނުމަށް ކުރަން ޖެހޭ ފައިސާ ހެއްޔެވެ؟ ތަނުގެ މީހުންނަށް ގެދޮރު އެޅުމަށް އެ ފައިސާ ބޭނުންކޮށްފި ނަމަ، އެކަމަށް ހައްލު ލިބުން ކައިރިވާނެއެވެ! އަދިވެސް އެއްފަަހަރު އަމިއްލަ ނަފްސާ މިސުއާލުކޮށްލާށެވެ! އިންޑިޔާގެ އަސްކަރީ ބޭނުމަކަށްޓަކައި މި ފައިސާ ރާއްޖެއިން ޚަރަދު ކުރަން ޖެހެނީ ކީއްވެ ހެއްޔެވެ؟ އަދި އެއްފަހަރު އެ ސުއާލުގެ ޖަވާބުވެސް ލިޔެލާނަމެވެ. އެއީ އިންޑިޔާގެ ކިބައިގައި އެކަން ކުރުމުގެ، އެފައިސާ ޚަރަދުކުރުމުގެ އެކަށޭނަކަން ނެތީމައެވެ! އިންޑިޔާގެ އިގުތިސޯދު އެކަމަށް ތަން ނުދޭތީއެވެ. މިކަން އޮތީ ބޭރުގެ ބައެއް ރިޕޯޓުތަކުގައި ވެސް ފާހަގަ ކޮށްފައެވެ. އެ ފަދަ ރިޕޯޓުތައް އަމިއްލައަށް ހޯދާލުމުން ފެންނާނެއެވެ. އެކިއެކި ނޫސްތަކުންނެވެ.

ދެން، އޮތީ އެންމެ ފަހުގެ ނުކުތާއެވެ. އެހެން ގައުމަކަށް އިގުތިސާދީ ގޮތުން އެއްވެސް ކަހަލަ ހަގީގީ އެހީއެއް ވެދެވެން ނެތް ގައުމަކީ އެކަން ކުރެވިދާނެ ކަމަށް ގޮވާ މީހުންގެ ހަގީގީ މަގުސަދަކީ ކޮބާ ހެއްޔެވެ؟ އެއްވެސް ޝައްކެއްނެތް ގޮތުގައި ރާއްޖެ ތަރައްގީކޮށް، ރާއްޖޭގެ މީހުންނަށް ފަސޭހައެއް ހޯދައިދިނުމެއް ނޫނެވެ. އަދި، ކިޔެއްހެއްޔެވެ؟ ރާއްޖެ ސަލާމަތްކުރުމެއް ވެސް ނޫނެވެ. ރާއްޖެ ސަލާމަތްކުރަން ޖެހެނީ ރާއްޖޭގެ މީހުން އަތުން ހެއްޔެވެ؟ ރާއްޖެ ސަލާމަތް ކުރަން ޖެހެނީ އިިންޑިޔާ ފަދަ، ރާއްޖެއަށް ވެރިވެގަންނަން މަސައްކަތް ކުރާ ގައުމުތަކުގެ ކިބައިންނެވެ. އަދި، މިފަދަ އެއްވެސް ބުރަދަނެއް ނެތް ގޮވުންތައް ގޮވައި، އިންޑިޔާއަށް އިންޑިޔާގެ މަގުސަދު ހާސިލުކުރުމަށްޓަކައި، އަދި، އެމީހުން ރާއްޖެއަށް ވެރިވެ ދިޔުމަށްޓަކައި، އެހީވާ އިންޑިޔާގެ އޭޖެންޓުންގެ ކިބައިންނެވެ. މިފަދަ ގޮވުންތައް ގޮވާ ޚިޔާނަތްތެރި، ޣައްދާރުންގެ ކިބައިންނެވެ. ތަނަށް، ތަނުގެ ބޮޑު އަޚުލަބިއްޔަތުގެ މީހުންގެ ދީނަށް، ނޫނީ ތަނުގެ މީހުންނަށް ވެސް، އެއްވެސް ވަފާތެރިކަމެއް ނެތް، އަމިއްލަ އެދުމުން ފުރިފައިވާ، އަދި އެއެދުންތައް ފުއްދުމަށްޓަކައި، ދީނާއި ގައުމާއި މިސްތަކުންވެސް ވިއްކާލަން ޖެހިލުން ނުވާ، ޑޮން މެނުއަލް (ކުރީގެ ނަމުންނަމަ ހަސަން ނުވަ ވަނަ ރަސްގެފާނު ފަދަ) ކަސްބީ ސިޔާސީ ވެރިންގެ ކިބައިންނެވެ. ރާއްޖެއަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ މިއެވެ. މިފަދަ ޣައްދާރުންގެ ކިބައިން ރާއްޖެ ސަލާމަތް ކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

3 Responses

  1. ޢިންޑިއާގެ ރައްޔަތުންންށް ސާފު ބޯފެންކޮޅެއް ދެވޭތޯ މޯދީ ބަލަންވީނު. ޢަމިއްލަ ގައުމުގެ ޙާލަށް ބަލާލަބަލަ. އެހެން ބަޔަކަށް ކޮންކަމެއް ކޮށްދެވޭނީ.

  2. ވަރަށް ބޮޑު ތެދެއް. ކަސްބީ ސިޔާސީ ވެރިން މި ގައުމުގައި ތިބީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *