Support Us

އެއް ބަޔަކަށް ބޮޑު ނަމަވެސް އަނެއް ބަޔަކަށް ކުޑަ އީދު

މިއަދަކީ ބަރަކާތްތެރި އަދި އުފާވެރި އަޟުޙާ ޢީދު ދުވަހެވެ. އެތައް ދުވަހެއް ވަންދެން ފުރަބަންދުގައި ކަރަންޓީނުގައި ތިބުމަށްފަހު އެކަމުން ވީއްލިގެން އަޢީ އުފާވެރި އީދެވެ. މި އުފާވެރި މުނާސަބަތުގައި އެންމެހައި ކިޔުންތެރިންނަށް އަދި ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުވަމެވެ.

އަޟުޙާ ޢީދަށް ބޮޑުޢީދޭ އަދި ފިޠުރު ޢީދަށް ކުޑައީދޭ ކިޔުނީ ކީއްވެގެން ކޮން ސަބަބަކާ ހުރެކަމެއް ސާބިތު ގޮތެއްގައި އަޅުގަނޑަކަށް ނުހޯދުނެވެ. ނަމަވެސް ލަފާކުރެވޭ ލަފާކުރުންތަކެއް އެބަހުއްޓެވެ. ކުޑައީދުގައި ތަކުބީރު ކިޔާ ވަގުތު މަދެވެ. ޢީދުވިލޭރޭ އިރު އޮއްސުނީއްސުރެ އިމާމު މީހާ ޢީދު ނަމާދަށް ޙަރަމް ބަނދެއްޖައުމަށްދާނދެވެ. ބޮޑުއީދުގައި އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހުގެ ޢަޞްރު ނާމާދުގެ ފަހުގައި ކިޔައިފުމަށްދާނދެން ތަކުބީރުކިޔުން ދެމިއޮވެއެވެ. މިއީ، އަޟުޙާ ޢީދު ބޮޑު ޢީދުގެ ގޮތުގައި އަދި ފިޠުރު ޢީދު ކުޑައީދުގެ ގޮތުގައި ބަލަމުން އަންނަ އެއް ސަބަބު ކަމުގައި ވެދާނެއެވެ. އަނެއް ސަބަބަކީ ފިޠުރު ޢީދާ ގުޅިގެން ދިވެހިރާއްޖޭގައި ބަންދުވަނީ ތިން ދުވަސް ކަމަށް ވެފައި އަޟުޙާ ޢީދާ ގުޅިގެން ފަސް ދުވަސް ބަންދުވާތީ ކަމަށް ވެސް ވެދާނެ އެވެ. އެހެންކަމުން ގިނަ ކުޅިވަރުތައް ރާވައި ހިންގުމުގެ ފުރުޞަތު ބޮޑުއީދުގައި ބޮޑުވެއެވެ. ވީމާ، ބޮޑު ޢީދެއްގެ ގޮތުގައި އަޟުޙާ ޢީދު ފާހަގަކުރުމުގެ ފުރުޞަތު ވެސް ބޮޑުވެއެވެ.

ކޮންމެއަކަސް އަޟުޙާ ޢީދަކީ ދިވެހީންގެ ބޮޑުއީދެވެ. އަދި ފިޠުރު ޢީދަކީ ދިވެހީންގެ ކުޑައީދެވެ. މިއީ ދިވެހީން ގަބޫލުކުރާ ގޮތެވެ. ދިވެހީންގެ ސަގާފަތެވެ. ނަމަވެސް މިކަމުގައި މުސްލިމު އެހެން ބައެއް ޤައުމުތަކުގެ ރައްޔިތުންގެ ޚިޔާލު ތަފާތެވެ. މިސާލަކަށް މެލޭޝިޔާގައި ބޮޑު ޢީދެއްގެ ގޮތުގައި ފާހަގަކުރަނީ ފިޠުރު ޢީދެވެ. ފިޠުރުޢީދާ ގުޅިގެން ގޭގެ ޒީނަތްތެރިކުރުމާއި ހެޔޮ އެދުމުގެ ކާޑު ބަދަލުކުރުން ވެސް މާ ބޮޑަށް އެ ޤައުމުގައި އިތުރެވެ. އަދި ބަންދުވާ ދުވަސްތަކުގެ ޢަދަދުވެސް ގިނައެވެ. ދެތިން ހަތަރު ރަމަޟާން މަހެއްގައި މެލޭޝިޔާގައި ހުރުމުގެ ފުރުޞަތު އަޅުގަނޑަށް ވެސް ލިބިފައިވާތީ، މި ކަންކަން އަޅުގަނޑަށް ތަޖުރިބާކުރެވުމުން މި ކަމާ ބެހޭ ގޮތުން މެލޭޝިޔާގެ ބައެއް ރައްޓެހީންނާ އަޅުގަނޑު ވާހަކަދައްކައިލީމެވެ. އަޅުގަނޑު ބުނީމެވެ. ތިޔަބައިމީހުން ބޮޑުއީދުގެ ގޮތުގައި ފިޠުރު ޢީދު ފާހަގަކުރަނީ ކީއްވެގެންހެއްޔެވެ؟ އަޅުގަނޑު މި ސުވާލުކުރީ، އެ މީހުން އެ ކަން ކުރަނީ ރަނގަޅަށް ނޫންކަމަށް ބުނާން ވެގެންނެވެ. އެހެންނަމަވެސް އެ މީހުންގެ ޖަވާބުން އަޅުގަނޑުގެ އަނގަ ބަންދުކޮށްލިއެވެ. އެމީހުން ބުންޏެވެ. ފިޠުރު ޢީދަކީ ހުރިހާ މުސްލިމުން އަދާކުރި މަތިވެރި އަޅުކަމެއް (ރޯދަ) ފުރިހަމަކުރެވުމުގެ އުފަލުގައި ފާހަގަކުރާ ޢީދެއް ނޫންހެއްޔެވެ؟ އަޟުޙާ ޢީދަކީ ތަނަވަސްކަމުގެ އަހުލުވެރީން މައްކާއަށް ގޮސް ފުރިހަމަކުރާ އަޅުކަމަކާ ގުޅިގެން އަޅުގަނޑުމެން ފާހަގަކުރާ ޢީދެއް ނޫންހެއްޔެވެ؟ އެ އަޅުކަން އަދާކުރަނީ އަދި އަދާކުރެވެނީ ނިސްބަތުން މަދު ބަޔަކަށެވެ. އެހެންވީމާ، އަޅުގަނޑުމެން އެންމެން ޙިއްޞާވި އަޅުކަމަކާ ގުޅިގެން ފާހަގަކުރާ ޢީދު މާ ބޮޑުވާން ޖެހޭނެ ނޫންހެއްޔެވެ؟ ކޮންމެއަކަސް މިއީ ދެ ޤައުމުގެ ސަގާފަތުގައި ހުރި ތަފާތަކަށް ވެދާނެ އެވެ. މި ޖަވާބަށް ދޭނެ ރައްދެއް އަޅުގަނޑަކަށް އޭރަކު ނުވިސްނުނެވެ. އޭރު އުމުރުން ތަންކޮޅެއް ހަގުވެފައި މަޢުލޫމާތުގެ ޚަޒާނާ ފަގީރުކަމުން ކަމަށް ވެދާނެއެވެ.

މިއަދު މިފަދަ މުނާޤަޝާއެއްގައި ބައިވެރިވެވިއްޖެ ނަމަ ދޭނެ ޖަވާބުތައް ބައިވަރެވެ. ހަގީގަތުގައި އަޟުޙާ ޢީދު މި ފާހަގަކުރަނީ ކޮންމެހެން މިއަހަރު މައްކާއަށް ގޮސް ތިބި މުސްލިމު އަޚުން ފުރިހަމަކުރި ޙައްޖުގެ މުނާސަބަތުގައި އެކަނި ތޯއެވެ؟ ނޫނެކެވެ. މި އީދުން ރަމްޒުކޮށްދެވީ މާ މުހިންމު ހާދިސާތަކެކެވެ. ޒިކުރާކޮށްދެވީ މާ ޚާއްޞަ ހަނދާންތަކެކެވެ. މުޅި އިސްލާމްދީނުގެ އުފަންވުމުގެ ފަޖުރު ދަންމަތި ފެންމަތިވެގެން ދިޔަ އެތައް ހާދިސާތަކެއް އަޟުޙާ ޢީދުން ރަމްޒުކޮށްދެއެވެ.

ބުއްދިއާއި ފިކުރުފުޅު ހިންގަވައިގެން، ސަލާމްލެއްވި އިބްރާހީމްގެ ފާނު ތައުޙީދުގެ ތެރެއަށް ވަދެވަޑައިގަތް ގޮތެވެ. އެކަލޭގެފާނާ ކުރިމަތިވެވަޑައިގަތް އެތައް އިމްތިޙާންކުން އެންމެ މަތީ ދަރަޖައިގައި ފާސްވެވަޑައިގަތް ފާސްވެވަޑައިގަތުމެވެ. އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނުގެ ކެތްތެރިކަމާއި މާތް ﷲއަށް އިޢުތިޤާދުކުރެއްވި ފުރިހަމަކަމެވެ. އިސްމާޢީލުގެފާނާއި ހާޖަރުގެފާނުގެ ކިޔަމަންތެރިކަމުގެ ލާމަސީލު ނަމޫނާއެވެ. ގަހެއް ރުކެއް ނެތް ހަނަފަސް ވާދީއެއްގައި ފެންފަރީއްކޮޅަކަށް ބޭނުންފުޅުވީ ހިނދު ﷲގެ ކިބައިން މަދަދަށް އެދިވަޑައިގެން ކެތްތެރިކަމާއި އުންމީދާއެކު ޞަފާއާއި މަރުވާއާއި ދެމެދު ހިންގެވި ހިންގެވުމެވެ. ޒަމްޒަމްވަޅުކޮޅުގެ މަތިވެރި މުޢުޖިޒާއެވެ. މި ފަދަ ތާރީޚީ އެތައްއެތައް ހާދިސާތަކެކެވެ.

ސަލާމްލެއްވި އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނަށް ހާޖަރަށް ކުރިމަތިވެވަޑައިގަތް ހުރިހާ އިމްތިޙާނުތަކުން އެންމެ ފުރިހަމަ ދަރަޖައިގައި ފާސްވެވަޑައިގަތުމުން ﷲ ދެއްވި މަތިވެރި ނިޢުމަތްތަކުގެ ހަނދާންތަކެވެ. އިސްމާޢީލްގެފާނު ޤުރުބާންކުރެއްވުމުގެ އިމްތިޙާނުން އެކަލޭގެފާނު ފާސްވެވަޑައިގަތުމުން ﷲ ކަންބަޅިއެއްފޮނުއްވައި ޛަބަޙަކުރެއްވުމުން އިސްމާޢީލުގެފާނު ސަލާމަތްކުރެއްވި ގޮތުގެ މަތިވެރި ޛިކުރާއެވެ. އިބްރާހީމްގެފާނު ކުރެއްވި ދުޢާތައް އިޖާބަކުރެއްވި ކަމުގެ އުފާވެރި ހަނދާންތަކެވެ. މި ހާދިސާތައް ކީރިތި ޤުރުއާނުގައި ޛިކުރުކުރައްވައި ޤިޔާމަތާ ހަމައަށް އެކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވިކަމުގެ ހަނދާންތަކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَنَادَيْنَاهُ أَنْ يَا إِبْرَاهِيمُ. قَدْ صَدَّقْتَ الرُّؤْيَا إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ. إِنَّ هَذَا لَهُوَ الْبَلَاء الْمُبِينُ. وَفَدَيْنَاهُ بِذِبْحٍ عَظِيمٍ. وَتَرَكْنَا عَلَيْهِ فِي الْآخِرِينَ. سَلَامٌ عَلَى إِبْرَاهِيمَ. كَذَلِكَ نَجْزِي الْمُحْسِنِينَ. إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ. وَبَشَّرْنَاهُ بِإِسْحَقَ نَبِيًّا مِّنَ الصَّالِحِينَ. وَبَارَكْنَا عَلَيْهِ وَعَلَى إِسْحَقَ …." ("ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. އޭ إبراهيمގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ. إحسانތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. ހަމަކަށަވަރުން، މިއީ ފާޅުވެ ބަޔާންވެގެންވާ امتحانކަން ކަށަވަރެވެ. އަދި قدرބޮޑުވެގެންވާ (ކަންބަޅި ބަކަރިއެއް) ކަތިލައްވައިގެން ތިމަންރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ. އަދި ފަހުން އަންނަނިވި أمّةތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ. إبراهيمގެފާނުގެ މައްޗަށް سلامހުށްޓެވެ. إحسانތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންރަސްކަލާނގެ مؤمنއަޅުންގެ ތެރެއިންނެވެ. އަދި صالحންގެ ތެރެއިންވާ ނަބިއްޔަކު ކަމުގައި إسحاقގެފާނު ދެއްވާނެކަމުގެ އުފާވެރި خبر، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ. އަދި އެކަލޭގެފާނާއި، إسحاقގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ بركاتލެއްވީމެވެ.") (سورة الصافات:104~113)

ޙައްޖުވެރީންގެ ބަޔަކު ޢަރަފާތު ބިމުގައި

އަޟުޙާ ޢީދުގެ މުނާސަބަތާ ގުޅިފައިވަނީ މި ހުރިހާ ހަނދާންތަކެވެ. އެއީ މަތިވެރި ހަނދާންތަކެކެވެ. ބޮޑެތި ހަނދާންތަކެކެވެ. ޤިޔާމަތާ ހަމަޔަށް އާލާވޭވޭ ހުންނާނެ ހަނދާންތަކެކެވެ. އެހެންކަމުން އަޟުޙާޢީދަކީ ބޮޑު ޢީދެކެވެ. އެއީ ހަމަ ބޮޑު އީދެވެ.

ދީނީ ގޮތުން ބޮޑު ޢީދެއް ކުޑައީދެއް އޮންނާކަށް ނުޖެހެއެވެ. ކޮންމެ ޢީދަކީ ވެސް ހަމަ "ބޮޑު" ޢީދެކެވެ. ނަމަވެސް ޒަމާނުއްސުރެ ދިވެހީންގެ ސަގާފަތުގައި ކުޑައީދަކީ ފިޠުރު ޢީދެވެ. ބޮޑުއީދަކީ އަޟުޙާ ޢީދެވެ. ދީނީ ގޮތުން މިކަން ކޮންމެ ގޮތަކަށް އޮތަސް އަޅުގަނޑުމެން މި ދެ ނަން ދީގެން މި އުޅެނީ ސަގާފީ ގޮތުންނެވެ. އެއީ ދީނީ ނަމެއް ނޫނެވެ. ވީމާ، އެއީ މައްސަލައެއް ކަމަކަށް ނުދެކެމެވެ. އަޟުޙާ ޢިދަކީ ދިވެހީންނަށް ހަމަ "ބޮޑުއީދެވެ." ފިޠުރު ޢީދަކީ ދިވެހީންނަށް ހަމަ "ކުޑައީދެވެ".

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

2 Responses

    1. ހެހެހެހެ. "ބަކަރި ޢީދު" ކިޔާ ކަމަށް ވާނަމަ، އެހެން އެ ކިޔަނީ އުޟުޙިއްޔާ ކަތިލުމާގުޅުވައިގެން ކަމަށް ބެލެވެއެވެ. އުޟުޙިއްޔާއަށް ގިނައި ކަތިލައި އުޅެނީ ބަކަރި ކަމަށް ވާތީއެވެ. އިތުރު މަޢުލޫމާތުކޮޅެއް ލިބުނު ލިޔުމެއް. ލިޔުންތެރިޔާއަށް ޝުކުރިއްޔާ! ޢިދު މުބާރިކް!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *