އީދު އަޔަސް ވޭހެ އުފާ މޭގައި ތަދު އުފުލާ އިރު
ވީދޭން ހުދު ހަނދުފަޅިއާ ރަތް ފެހި ދޫކޮށްލާ އިރު
ފިރުމައިދިން ފިނިފިނި ވައިރޯޅި އިހަށް އައިސް ގައިގައި
ނިރުބަވެރީންގެ ވަޒަން ހެން އަދު ހަށިގަނޑު ތޮރުފާ އިރު
ފަތިހަށް ކަންފަތް ތެރެއަށް ކޮވެލި އަޅައިދިން މާމުއި
ހިތި ހަބަރަށް ބަދަލުވުމުން މޭގެ ރިހުން ގުނަވާ އިރު
ހިނިތުންވެ ހެނމުން މި ބިމަށް ލޯބިދެމުން އުދަވީ އިރު
ކަރުނަ ލޮލުން އޮހެރޭ ހާލް އުދައަސްތަވަމުން ދާ އިރު
އުތުރަހަޅައި އިރުވައިކެރި ހުޅަނގުގެ ފޮތް ކިޔެވީމާ
ހުކުރުގެ ހެދުމަށް މި ފަހަރު ނުވެދާނޭ ހީވާ އިރު
ކޮޅިގަނޑުގައި ޖެހުނަ ނުދޭން އޮޑިއަށް އެރި ނެވިނިޔަމީން
ކޮޅިގަނޑަކީ ސުވަރުގެއޭ ހިތަމުން އޮޑި ދުއްވާ އިރު
ކޮވިޑު ވަބާ ދޭ ހަމަލާއަށް ވުރެ ބޮޑު ހަމަލާއެއް
ކޮކަޑިލެވޭ ފެންހަދުތައް ދީފާނޭ ހީވާ އިރު
ބޮޑުއީދާ ކުޑައީދާ ރާޅާ އެކު ގިރުވައިލައި
ވޮޑުވާން، އައު އީދުތަކެއް، ބާޑީޖަހަމުން ދާ އިރު
ލައިގެން ތިބި ފޭރާން ފިނދި ހައުއަޅަމުން ދާ ބައުތައް
އައިބުތަކުން، ދައްކާ، ދުރުތިބި ލޯތައް ހެއްވާ އިރު
ވާ އިރު ޣަދަރު ބިމަށް މަންމަގެ އެކިއެކި ބޮޑެތި ދަރީން
ޝާހިދު ގަލަމާއި ދުލުން ޤަދަރަށް ޣަދަރު ހަދާ އިރު
