Support Us

ފައިސާ ހުރުމާއި ނެތުން: އަރަތެއް!

ދައުލަތުގެ ކުންފުންޏެއްގެ މުސާރަވެރި ވެރިޔަކަށް މިލިޔަނުން މިލިޔަނުން ނަގުދު ފައިސާ ދީފައި މާލެއިން ގޯއްޗާއި ގެދޮރު ގަނެވެއެވެ.

ނަމަވެސް، ދައުލަތުގައި އެއްގަމުގައި ދުއްވާ ދެތިން އުޅަނދު ގަނެވޭހާ މިންވަރުވެސް ނުހުރެއެވެ. އެހޯދަން ޖެހެނީ ސަލާން ޖަހައިގެންނެވެ!

ސަރުކާރުގެ ރައީސުގެ ދަތުރުތަކަށް މިލިޔަނުން މިލިޔަނުން ޚަރަދު ކުރުމުގެ ފުރިހަމަ ގާބިލުކަން ދައުލަތުގެ ޚަޒާނާއަށް ލިބިގެން ވެއެވެ.

ނަމަވެސް، ދައުލަތުގައި އެއްގަމުގައި ދުއްވާ ދެތިން އުޅަނދު ގަނެވޭހާ މިންވަރުވެސް ނުހުރެއެވެ. އެހޯދަން ޖެހެނީ ސަލާން ޖަހައިގެންނެވެ!

ސަރުކާރުގެ ބައެއް ވަޒީރުންގެ ބޭރުގެ ކެމްޕޭނުތަކަށާއި އޭނާއާއި އޭނާގެ ޕާޓީގެ ދަތުރުތައް ކުރުމަށާއި ހުރުމަށާއި އެހެނިހެން ޚަރަދުތައް ކުރުމަށް ވެސް، މިލިޔަނުން މިލިޔަނުން ޚަރަދުކުރުމުގެ ގާބިލުކަން ދައުލަތުގެ ޚަޒާނާއަށް ލިބިގެން ވެއެވެ.

ނަމަވެސް، ދައުލަތުގައި އެއްގަމުގައި ދުއްވާ ދެތިން އުޅަނދު ގަނެވޭހާ މިންވަރުވެސް ނުހުރެއެވެ. އެހޯދަން ޖެހެނީ ސަލާން ޖަހައިގެންނެވެ!

ސަރުކާރުން ބޭނުންވާ މީހަކަށް، ބޭނުންވާ ވަގުތެއްގައި މިލިޔަނުން މިލިޔަނުން ބަދަލު ދިނުމުގެ ކުޅަދާނަކަން ދައުލަތުގެ ޚަޒާނާއަށް ލިބިގެން ވެއެވެ.

ނަމަވެސް، ދައުލަތުގައި އެއްގަމުގައި ދުއްވާ ދެތިން އުޅަނދު ގަނެވޭހާ މިންވަރުވެސް ނުހުރެއެވެ. އެހޯދަން ޖެހެނީ ސަލާން ޖަހައިގެންނެވެ!

ސަރުކާރުން ބޭނުންވާ ބައެއްގެ މުސާރަތައް ހިފެހެއްޓުމެއް ނެތި ބޮޑުކުރަން ބޭނުން ވަގުތެއްގައި ބޮޑުކުރުމުގެ ގާބިލުކަން ވެސް ދައުލަތުގެ ޚަޒާނާއަށް ލިބިގެން ވެއެވެ.

ނަމަވެސް، ދައުލަތުގައި އެއްގަމުގައި ދުއްވާ ދެތިން އުޅަނދު ގަނެވޭހާ މިންވަރުވެސް ނުހުރެއެވެ. އެހޯދަން ޖެހެނީ ސަލާން ޖަހައިގެންނެވެ!

ސަރުކާރުން ބޭނުންވާ ބަޔަކަށް ބޮޑެތި ވަޒީފާތައް ދިނުމަށްޓަކައި ވަޒީފާތައް އުފައްދައި، އެވަޒީފާތަކުގެ ބޮޑެތި ބޮޑެތި މުސާރަތައް ދިނުމުގެ ގާބިލުކަން ދައުލަތުގެ ޚަޒާނާގައި ހުރެއެވެ.

ނަމަވެސް، ދައުލަތުގައި އެއްގަމުގައި ދުއްވާ ދެތިން އުޅަނދު ގަނެވޭހާ މިންވަރުވެސް ނުހުރެއެވެ. އެހޯދަން ޖެހެނީ ސަލާން ޖަހައިގެންނެވެ!

އާދެ، ކަނޑުގެ ދިޔަގަނޑު ބޮޑުވާ ފަދައިން، ސަރުކާރުގެ އެކިއެކި މީހުންގެ އަމިއްލަ ބޭނުން ފުއްދުމަށްޓަކައި ދައުލަތުގެ ޚަޒާނާގެ ފައިސާގެ ދިޔަ ބޮޑުވެގެން ދެއެވެ. ނަމަވެސް، އާންމުންގެ މަސްލަހަތާ ގުޅޭ ކަމަކާ ޖެހުމުން ދައުލަތުގެ ޚަޒާނާގެ ދިޔަ ހިނދި، ހިކި ދިޔައަށް އެޅޭ ގޮތް ވެއެވެ. މިވެސް، ކަނޑުގެ ލޮނުގަނޑުގެ ދިޔަ ފަދައިން އިރުހަނދުގެ ދައުރުވުމާ ގުޅޭ ކަމެއް ބާވައެވެ؟