...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ދިވެހި ޚާރިޖީ ތާރީޚުގެ ކަޅު ދުވަހެއް!

ޖުލައި 15 ވީ ބުރާސްފަތި ދުވަހަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތާރީހުގައި ކަޅު ދުވަހެކެވެ! މީގެ 16 އަހަރު ކުރީން، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޒައާމަތުގައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ މަލަމަތީގައި ފޮރިން މިނިސްޓްރީގެ އާ އިމާރާތް ބިނާކުރެވުނެވެ. އިންޑިއާއިން ދޭ ކަހަލަ "ހިލޭ" އެހީއެއް ނޫނެވެ. ސަތޭކަ ޕަސެންޓް ހިލޭ އެހީއެކެވެ. އެތައް މިލިއަން ޑޮލަރު ހަރަދުކޮށްގެން ޗައިނާއިން ދިވެހި ރާއްޖޭގެ ޚާރިޖީ ވުޒާރާގެ ބިޔަ ބޮޑު އޮފީސް އިމާރާތް ބިނާކޮށްދިނުމަށް ފަހު، އޭގެ 15 އަހަރު ފަހުން، 2019 ވަނަ އަހަރު އެ އިމާރާތް، މަރާމާތަށް ބަންދުކުރެވުނެވެ. ދެ އަހަރު ދުވަހާއި އެތައް މިލިއަން ރުފިޔާއެއްގެ މަރާމާތަށް ފަހު ޗައިނާ ސަރުކާރުން ދިވެހި ދައުލަތާ އެތަން އަނެއްކާވެސް ހަވާލުކުރުމުން 15 ޖުލައި ވީ ބުރާސްފަތި ދުވަހު ފޮރިން މިނިސްޓްރީގެ މަސައްކަތް އެ އިމާރާތަށް ބަދަލުކުރުމުގެ ރަސްމިއްޔާތު ބޭއްވުނެވެ. ހަތާވީސް އަހަރު ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރުކަން ކުރެއްވި ފަތުހުﷲ ޖަމީލްގެ ނަންފުޅުން އެ އިމާރާތަށް ނަންދެވުނީ ވެސް އެ ރަސްމިއްޔާތުގައެވެ. އެ ދުވަސް ދިވެހި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތާރީހުގައި ކަޅު ދުވަހަކަށްވީ، އެފަދަ ބޮޑު ހަރަދެއް ކޮށްގެން ދިވެހި ސަރުކާރަށް އެ އިމާރާތް ބިނާކޮށްދީ، މަރާމާތުވެސް ކޮށްދިން ޗައިނާގެ ނަން، އެ ރަސްމިއްޔާތުގައި ޚާރިިޖީ ވަޒީރު ޝާހިދު ވިދާޅުނުވުމުންނެވެ.

ޝާހިދުގެ ވާހަކަފުޅުގައި ޗައިނާގެ ނަން ވިދާޅުނުވުމަކީ ހެޔޮ ކަމެއް ކޮށްދިނުމުން ޗައިނާގެ މޫނުމަތީގައި ޝާހިދު ޖެއްސެވި ނާތަހްޒީބު ތަފާއްޔެކެވެ.

ތެދެކެވެ. އެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ޗައިނާއިން 2005 ވަނަ އަހަރު ފޮރިން މިނިސްޓްރީގެ އޮފީސް އިމާރާތް ހިލޭ އަޅައިދިން ކަމާއި، 2019 ވަނަ އަހަރު އެތަން ޗައިނާ އިން މަރާމާތުކޮށްދިންކަން ފާހަގަކުރެއްވިއެވެ. ޗައިނާއަށާއި ޗައިނާގެ ރައީސަށް، ރައީސް ސޯލިހު ޝުކުރު އަދާކުރެއްވިއެވެ. އަދި ދާދި ފަހަކާ ޖެހެންދެން ރާއްޖޭގައި ހުންނެވި ޗައިނާ ސަފީރު މި މަސައްކަތުގައި ކޮށްދެއްވި ހިދުމަތަށްވެސް ރައީސް ސޯލިހު ޝުކުރު އަދާކުރެއްވިއެވެ. ނަމަވެސް ޚާރިޖީ ވަޒީރު ޝާހިދުގެ ވާހަކަފުޅުގައި، ގަސްތުގައި، ޗައިނާގެ ނަން ނުގެންނެވީ، އެ ރަސްމީޔާތުގައި ހުންނެވި އިންޑިއާ ސަފީރު ސަންޖޭ ސުދީރު ރުއްސަންކަން ވަރަށް ސާފެވެ.

އ.ދގެ އާއްމު މަޖުލީހުގެ 76 ވަނަ ދައުރުގެ ރައީސަކަށް ޝާހިދު ހޮވުނީ ދުނިޔެ އެކަމަށް އެދިގެންނެއް ނޫނެވެ. އެއީ އިންޑިއާއިން އެ ކެމްޕެއިނަށް ހަރަދުކޮށް، ލޮބީކޮށް، އިންޑިއާއިން އެކަމަށް ބޭނުންވެގެން އިންޑިއާއިން ކޮށްދިން ކަމެކެވެ. އެކަމުގެ އަގު އިންޑިއާ އިން ހޯދާނީ ބުރާސްފަތި ދުވަހު ކުރެއްވި ފަދަ "ދަށް ފެންވަރުގެ" ކަންކަން ޝާހިދު ލައްވާ ކުރުވައިގެންނެވެ. ރައީސް ސޯލިހު ވިދާޅުވީ އ.ދގެ އާއްމު މަޖުލީހުގެ ރައީސަކަށް ޝާހިދު ހޮވުމަކީ ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް މުޅި ދުނިޔެއިން ބަލައިގެންފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. ނަމަވެސް ޚާރިޖީ ދާއިރާގައި ގިނަ އަހަރު ތަކަކަށް މަސައްކަތް ކުރެއްވި އިސް ބޭފުޅަކު، ނަން ނުޖެހުމަށް ޝަރުތު ކުރައްވައި ވިދާޅުވީ، އ.ދގެ އާއްމު މަޖުލީހުގެ ރައީސް ކަމަށް ޝާހިދު ހޮވާފައި ވަނީ އިންޑިއާއިން އެއް ދޮނުގައި ދެބުޅި ޖެހުމަށް ކަމަށެވެ. މިކަމުގެ ސަބަބުން އިންޑިއާގެ ބާރު ރާއްޖޭގެ ޚާރިޖީ ވުޒާރާއާއި ސަރުކާރުތެރޭގައި ގަދަވާނެއެވެ. ހަމަ އެއާ އެކު އ.ދގެ އާއްމު މަޖުލީހުގެ ރިއާސަތުގައި ވެސް މިހާރު އެ އިންނެވީ ދިވެއްސަކަށް ވިއަސް އަސްލު އިންޑިއާ މީހެއް ފަދައެވެ. ބުރާސްފަތި ދުވަހުގެ ރަސްމިއްޔާތުގައި ޗައިނާގެ ނަން ވިދާޅުވާން ޝާހިދަށް ކެރިވަޑައިނުގަތުމަކީ އިންޑިއާގެ ނުފޫޒު ޝާހިދުގެ މައްޗަށާއި މުޅި ޚާރިޖީ ވުޒާރާ އަށް އޮތް މިންވަރު ދައްކުވައިދޭ ސާބިތު ހެއްކެކެވެ.

އެ ދުވަހުގެ ރަސްމިއްޔާތުގައި ޝާހިދު ކުރެއްވި އައިބު އަނެއް ކަމަކީ ފަތުހުﷲ ޖަމީލް ރާއްޖޭގެ ޚާރިޖީ ވަޒީރުކަން ކުރެއްވި 27 އަހަރު ދިވެހި ސަރުކާރުން ގެންގުޅުނު ޚާރިޖީ ސިޔާސަތުގެ 100 ޕަސެންޓް ކްރެޑިޓް ހަމަ އެކަނި ފަތުހުﷲ އަށް ދެއްވުމެވެ. މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ "ކާމިޔާބު"ކަމުގެ ކްރެޑިޓް ޝާހިދު ދެއްވީ ރައީސް ސޯލިހަށެވެ. އެ ނަޒަރުން ބަލާނަމަ ވެސް ފަތުހުﷲ ޖަމީލްގެ ޚާރިޖީ ވަޒީރުކަމުގެ 27 އަހަރުގެ ޚާރިޖީ ސިޔާސަތުގެ ކްރެޑިޓްގެ މައިގަނޑު ހިއްސާ ރައީސް މައުމޫނަށް ހައްޤެވެ. ސަބަބަކީ އެއީ ރައީސް މައުމޫންގެ ޚާރިޖީ ސިޔާސަތު، ޚާރިޖީ ވަޒީރެއްގެ ހައިސިއްޔަތުން ފަތުހުﷲ ޖަމީލް ތަންފީޒުކުރެއްވުން ކަމަށްވާތީއެވެ. ޝާހިދު އެ ވިދާޅުވާ ގޮތުން ނަމަ، 2018 އިން ފެށިގެން ރާއްޖޭގައި މި ހިނގަނީ ޝާހިދުގެ އަމިއްލަފުޅު ޚާރިޖީ ސިޔާތެކެވެ. އެއީ ރައީސް ސޯލިހާ ބެހޭ ކަމެއް ނޫނެވެ.

ބުރާސްފަތި ދުވަހުގެ ރަސްމީޔާތުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވެސް ރައީސް މައުމޫންގެ ނަންފުޅެއް ނުގެންނަވައެވެ. އަދި ރަސްމީއްޔާތުގައި ރައީސް މައުމޫނެއް ނެތެވެ. އެއީ ދައުވަތު ނޭރުވުމުން ކަމެއް ނުވަތަ، ކަންކަން ހުރި ގޮތުން ވަޑައިނުގެންނެވުނީ ކަމެއް ނޭނގެއެވެ. (ބުރާސްފަތި ދުވަހުގެ ރަސްމީޔާތަށް ދައުވަތު ލިބިވަޑައިގެންތޯ "އަދިވެސް"ގެ ފަރާތުން ރައީސް މައުމޫނަށް ދެންނެވުމުން ވަކި ޖަވާބެއް ނުދެއްވިއެވެ.)

ފޮރިން މިނިސްޓްރީ ޢިމާރާތުގެ ނަން ފަތުޙުﷲ ޖަމީލް ބިލްޑިންގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހްޞީޞްކޮށްދެއްވަނީ

ކޮންމެ ގޮތެއް ވިޔަސް ޗައިނާ އާއި ރައީސް މައުމޫންގެ ނަންވެސް ވިދާޅުނުވެ އެފަދަ ރަސްމިއްޔާތެއް ޚާރިޖީ ވަޒީރު ނިންމަވާލެއްވުމަކީ ވަރަށް ބޮޑު ޖޯކެކެވެ. އެހާމެ ބޮޑު ލަދުވެތި ކަމެކެވެ. ޝާހިދަށް ރައީސް ސޯލިހު ކިތައްމެ ސަނާއެއް ވިދާޅުވިއަސް ޝާހިދުގެ މި ކުޑަކުޑަ އަމަލުން އެ ވަނީ ޝާހިދުގެ ޕްރޮފެޝަނަލް ކަމެއް ނެތްކަމާއި، ވަކި އަތަކަށް ޖެހިވަޑައިގަތުމުގައި ހައްދު ފަހަނައަޅާފައިވާ ކަމާއި، އަމިއްލަ މަންފާ އަށް ޓަކައި ދިވެހި ޤައުމުގެ އިސްތިގްލާލް ވެސް ވިއްކާލައްވަން ފަސް ޖެހިވަޑައިނުގަންނަވާނެކަން ދައްކަވައިފައެވެ.

ރައްޔިތުންނަށް އޮޅުވާލެއްވުމަށް ކިތަންމެ ރީތި ވާހަކަތަކެއް ދެއްކެވިއަސް ތާރީހުގެ ތޫނުފިލި ނަޒަރުން މިފަދަ ކަންކަން ކައްސައިލައިގެން ނުދާނެއެވެ. ފަތުހުﷲ ޖަމީލްގެ ނަންފުޅު އެ އިމާރާތަށް ދޭން ހަމަ ހައްޤެވެ. ނަމަވެސް ޝާހިދު ނެތް ދުވަހަކުން އެ އިމާރާތުގެ މާލަމެއް ކީއްކުރަން އެތާނގެ ކާޕެޓް ފަދަ ތަކެތި ބަހައްޓާ ގުދަނަށްވެސް ޝާހިދުގެ ނަމުން ނަން ދިނުމަކީ ނާދިރު ކަމެކެވެ. ސަބަބަކީ ޝާހިދު ބުރާސްފަތި ދުވަހު އެ ކުރެއްވީ ޚާރިޖީ ސިޔާސަތުގެ ތާރީހުގައި ކަޅު ލައްގަނޑެއް ޖެއްސެވުމުގެ އަމަލަކަށް ވާތީއެވެ. އެކަން ތާރީހު ދަންނާނެއެވެ. ދިވެހީންގެ ލޮލަށް ނުފެނުނަސް، ރާއްޖޭގެ ޚާރިޖީ ވުޒާރާގައި ވިހުރުވޭ ދިދަ މިއަދު ކަރުނަ އަޅާނެއެވެ. މިނިވަންކަމުގެ ރީތި ހެދުމުގެ އަޑިން އަޅުވެތިކަމުގެ ކަޅު މިލަތައް ފޭދިގެންދާތަން ފެންނާތީ އެވެ. އެއީ ހަމަ ކަޅު ދުވަހެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
6222

4 Responses

  1. "ނަމަވެސް ޝާހިދު ނެތް ދުވަހަކުން އެ އިމާރާތުގެ މާލަމެއް ކީއްކުރަން އެތާނގެ ކާޕެޓް ފަދަ ތަކެތި ބަހައްޓާ ގުދަނަށްވެސް ޝާހިދުގެ ނަމުން ނަން ދިނުމަކީ ނާދިރު ކަމެކެވެ." އާރޓިކަލް ގެ އެންމެ ހިތްގައިމު ޢިބާރާތް.

  2. ޝާހިދުމެންގެ އަގެއް ނެތީމާ ވެއްޓޭނެ. އަގެއް ނޯންނާނެތީ އެހެން ތެޅެނީއެވެ. ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީއެވެ.

  3. ސަންޖޭ ސުދީރުގެ އަޅުން ކަމުގައިވާ އމޞއާއި ޝާހިދުމެންނަކީ ދުވަހަކު މަރު ނުވާނެ ކަމަށް ހީފުޅުކުރައްވައިގެން އުޅުއްވާ "ބޭފުޅުންނެވެ." އެތައް ޤަރުނެއް ވަންދެން މިނިވަންކަމާއެކު އަމިއްލަ ވެރިކަމުން ތަރައްގީވަމުން އައި ގައުމެއްގެ ތަރައްގީ ހުއްޓުވައި މުޅި ގައުމު އިންޑިއާގެ ދަށަށް އެ ގެންދަނީ އަމިއްލަ އެދުމަށް ޓަކައެވެ. މި ބޮޑު ޚިޔާނާތުގައި މައުމޫނާއި ގާސިމާއި ޢީމްރާނު ވެސް ބައިވެރިވަޑައިގެން އެ ތިއްބެވީ ނުވަވަނަ ހަސަން ރަސްގެފާނާއި ހަސަން ތާޖުއްދީނުގެ ދެ ބޭފުޅުންނާއި ސަގަރު ނާސިރާއި ލުޠުފީގެ ނަން އޮތް ލިސްޓުން ތާރީޚުގައި ނަން ހޯދާން ކަމުގައި ފެނެއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. މި ކަމުގެ ހުރިހާ ހިތާމައެއް އޮތީ މިޖީލުގެ އަހުލުވެރީންގެ ދަރީންނަށާއި ދަރީންގެ ދަރީންނަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *