އޭޝިއަން އެޗްއާރު ލީޑަރޝިޕް އެވޯޑްސްގެ "އެގްޒެމްޕްލަރީ ލީޑަރ އޮފް ދި އިޔަރ"ގެ އެވޯޑް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއަށް ލިބިވަޑައިގެންފިއެވެ.
މި އެވޯޑް މުޣުނީ އަށް ލިބިވަޑައިގެންފައިވަނީ އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ކުންފުނިތަކުގެ އިސް ވެރިންގެ ތެރެއިން ރޯލް މޮޑެލްއެއްގެ ގޮތުގައި ފާހަގަކުރެވޭތީ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ މުޣުނީ ހަވާލުވެވަޑައިގެން ފަހުން، ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެ، ޕީސީބީން ސަރުކާރު ހިއްސާވާ ކުންފުނިތައް ރޭންކުކުރާ މިންގަނޑުގެ "އޭ" ކެޓަގަރީއަށް ކުންފުނި ބަދަލު ކުރެވުމާއި، ހަކަތަ އުފެއްދުމަށްޓަކައި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އިޔާދަކުރަނިވި ހަކަތައާ ދިމާލަށް ކުންފުނި ދީލައިލުމަށް މުޣުނީގެ ލީޑަރޝިޕްގެ ދަށުން ކޮށްފައިވާ މަސައްކަތްތައް ހިމެނޭ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ. އޭގެ ތެރޭގައި، ގްރީންލައިފް އިނިޝިއޭޓިވްގެ ދަށުން ސޯލާ ޕެނަލްސް ވިއްކުމާއި މުޣުނީގެ އިރުޝާދުގެ ދަށުން ރާއްޖެއަށް ތައާރަފްކޮށްފައިވާ މުޅިން އައު އީޖާދުތަކުގެ ތެރޭގައި ހިމެނޭ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯ ގްރީން ލައިފް ބަސް ސްޓޮޕާއި، ދިވެހި ރާއްޖޭގެ މާހައުލާއި ގުޅޭގޮތަށް ސްޓެލްކޯއިން ތައްޔާރުކޮށްފައިވާ ފްލޯޓިންގ ސޯލާ ޕޮޑް ހިމެނެ އެވެ.
މީގެ އިތުރުން ތިމާވެށި ފެހި ކުރުމުގެ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައިދެއްވާފައިވާ، ރަށްފެހި ޕްރޮގްރާމް މެދުކެނޑުމެއް ނެތި ކޮންމެ އަހަރަކު ކުރިޔަށްގެންދާ ހަމައެކަނި ކުންފުންޏަށް ސްޓެލްކޯވުމާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި، ރާއްޖެ ލޮކްޑައުންއަކާ ދިމާލަށް ގޮސްދާނެ ކަމަށް ބަލައި، ދުރާލާ އެކަމަށް ތައްޔާރުވެ، ބަލީގެ އެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އެސްއޯޕީތައް ތައްޔާރުކޮށް، ކުންފުނީގެ ހިދުމަތްތައް މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް މުޣުނީގެ އިރުޝާދުތަކުގެ ދަށުން އަޅުއްވައިފައިވާ ފިޔަވަޅުތައް ހަރުދަނާވުމާއި، އޭގެ ނަތީއްޖާއެއްގެ ގޮތުން ލޮކްޑައުން ހާލަތުގައި ކުންފުނީގެ އެއްވެސް މުވައްޒިފަކު ކޮވިޑަށް ޕްޒިޓިވްވެފައިނުވުން ހިމެނޭކަން ވެސް ސްޓެލްކޯ އިން ފާހަގަކޮށްފައިވެއެވެ. އަދި ކުންފުނިން ކުރިޔަށް ގެންދާ ބޮޑެތި މަޝްއޫތައް ލަސްކަމެއް ނެތި ކޯވިޑްގެ ހާލަތުގައިވެސް ކުރިޔަށްގެންދިއުމާއި، މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް އައި.އެސް.އޯ 9001:2015 އަށް ސެޓިފައި ކުރެވުނު ފުރަތަމަ ކުންފުންޏަށްވުމުގެ ޝަރަފު ސްޓެލްކޯއިން ހޯދުންވެސް ހިމެނެ އެވެ.
ނަވާރަ ވަނަ އޭޝިއަން އެޗްއާރު ލީޑަރޝިޕް އެވޯޑްސްގެ "އެގްޒެމްޕްލަރީ ލީޑަރ އޮފް ދި އިޔަރ" އަށް މުޣުނީ ހޮވިވަޑައިގެންފައިވާއިރު، މިދިޔަ އަހަރު އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ އިމާޖިންގ ލީޑަރ އޮފް ދި އިޔަރގެ އެވޯޑްވެސް މުޣުނީއަށް ވަނީ ލިބިވަޑައިގެންފައެވެ.



advertisment

