Support Us

އަތުކުށް- 14

ކޮންމެ ބަހެއްގައި ވެސް އެއް ކަހަލަ މާނަތައް ދޭހަވާ ގިނަ ލަފުޒުތައް ހުރެއެވެ. ނަމަވެސް އެއް މާނަ ދޭހަވިޔަސް ދެ ލަފުޒެއް ނަމަ ބޭނުންކުރާ ޙާލަތާއި މާނައިގައި ކުދިކުދި ތަފާތު ހުންނާނެ ކަމަށް ބަހުގެ ޢިލްމު ދެނެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވެއެވެ. މިސާލަކަށް ރީތި، ހިތްގައިމު، ނަޔާ، ޗާލު ފަދަ ލަފުޒުތަކުން އެއް ކަހަލަ މާނަތަކެއް ދޭހަވި ކަމުގައި ވިޔަސް "ރީތި" ބޭނުންކުރާ ކޮންމެ ތަނެއްގައި "ހިތްގައިމު" ބޭނުންކޮށްގެން ކަމަކު ނުދާނެއެވެ. ވަރަށް ހިތްގައިމު ދަތުރެކޭ ބުނާންވެގެން އެއީ "ވަރަށް ރީތި ދަތުރެކޭ" ބުނެގެން ކަމު ނުދާނެ ނޫންތޯއެވެ!

މި ގޮތުގެމަތީން ދިވެހިބަހުގެ އަކުރުތައް ކަމުގައިވާ "އަދި"އާއި "އާއި" މި ދެއަކުރަކީ "ގުޅުވާ އަކުރު" ކަމަށް ގަވާއިދު ފޮތުގައި އޮތުމުގެ މާނައަކީ "އާއި" ބޭނުންކުރާ ކޮންމެ މަގާމެއްގައި "އަދި" ބޭނުންކުރުމުން ފުދޭނެ ވާހަކައެއް ނޫނެވެ. އަންނަނިވި ދެ މިސާލަށް ނަޒަރެއް ދެމާތޯއެވެ!

(1) ރައީސުލްޖުމްހޫރިއްޔާއާއި ސިފައިންގެ އެންމެމަތީވެރިޔާ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
(2) ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީވެރިޔާ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ފުރަތަމަ ޖުމުލައިން ދޭހަވަނީ ރައީސުލްޖުމްހޫރިއްޔާއާއި ސިފައިންގެ އެންމެ މަތީވެރިޔާއަކީ ދެ ބޭފުޅެއްކަމާއި އެ ދެ ބޭފުޅުން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތްކަމެވެ. ދެވަނަ ޖުމުލައިގެ މާނަ ތަފާތެވެ. ދެވަނަ ޖުމުލައިން ދޭހަވަނީ އެ ދެ މަގާމުގައި ހުންނަވަނީ އެއް ބޭފުޅެއްކަމާއި އެ މަނިކުފާނު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތްކަމެވެ.

މިއަދު އަޅުގަނޑު މި ނަކަލުކޮށްލާ ޖުމުލައަކީ މި ދެންނެވި ފަދަ ޖުމުލައެކެވެ. އޮންލައިން ނޫހަކުން އަޅުގަނޑު ނަކަލުކުރި ޖުމުލައެކެވެ. އެ ޖުމުލައަކީ "މިއަދު މޮނީޓަރިން ހާލަތަށް ގެނެސްފައި ވަނީ، ތ. ކިނބިދޫ އަދި މ. މުލައްއެވެ." މިއީއެވެ. މި ޖުމުލަ ރަނގަޅެއް ނޫނެވެ. ރަނގަޅުނުވީ ދެ ސަބަބަކާ ހުރެއެވެ.

ޖުމުލަ ރަނގަޅު ނުވި ފުރަތަމަ ސަބަބަކީ ދެ ރަށް ގުޅުވައިގެން ޖުމުލައިގައި ގެނައުމަށްޓަކައި ލިޔުންތެރިޔާ ބޭނުންފުޅުކުރައްވައިފައިވަނީ އެ ޙާލަތާ ގުޅޭ "އަކުރަކަށް" ނުވާކަމެވެ. މި ތާނގައި ލިޔުންތެރިޔާ ބޭނުންފުޅުވަނީ ދެ ރަށެއްގެ ވާހަކަ "ގުޅުވައިގެން" ގެންނަވާށެވެ. މި ޙާލަތުގައި ބޭނުންކުރާން ރަނގަޅުވާނީ އަޅުގަނޑު ކުރީން ބަޔާންކުރި ދެވަނަ މިސާލުގައިވާ "އާއި"އެވެ. "އަދި"އެއް ނޫނެވެ.

މި ޖުމުލަ ރަނގަޅު ނުވި ދެ ވަނަ ސަބަބަކީ އަލިފު ސުކުނަށް ނިމިފައިއެވާ ލަފުޒު "މުލައް" މި ނަމާއި ޖުމުލަ ނިންމާ އަކުރު ކަމުގައިވާ "އެވެ" މެހިފައި ނުވަތަ ގުޅިފައި ނެތުމެވެ. ދިވެހިބަހުގެ ހަމައަކީ އެފަދަ ލަފުޒުގެ ފަހަތަށް އެ ފަދަ އަކުރެއް ކުޅުވާނަމަ އަލިފު ސުކުނުގެ ބަދަލުގައި ކާފެއްގައި ފިލިޖެހުމެވެ. މިސާލަކީ: ރުއް – ރުކެއް، ރުކާއި، ރުކަކީ، ރުކުން، ރުކަށް، ރުކެވެ. މުލައް- މުލަކެއް، މުލަކާއި، މުލަކަކީ، މުލަކުން، މުލަކަށް، މުލެކެވެ.

މި ދެ މިސާލަށް ބަލާއިރު އަލިފު ނުކުނަށް ނިމިފައި އޮންނަ ލަފުޒެއްގެ ފަހަތަށް "އެވެ" ގުޅާނަމަ، އެ ލަފުޒުގެ އަލިފު ސުކުން ކާފަކަށް ބަދަލުވުމާއެކު "އެވެ" މި އަކުރުގެ އަލިފު އުނިކޮށް އަލިފުގައި އޮތް ފިލި ކާފުގައި ޖެހެނީއެވެ.

އިސްވެ ދެންނެވި ހަމަތަކާއި އުޞޫލުތަކާއި މިސާލުތަކަށް ބަލާއިރު، ނޫހުން މިރޭ އަޅުގަނޑު ނަކަލުކުރި ޖުމުލަ އޮންނާންވީ ރަނގަޅު ގޮތް މި ދަންނަވައިލަނީއެވެ. "މިއަދު މޮނީޓަރިން ޙާލަތަށް ގެނެސްފައި ވަނީ، ތ. ކިނބިދޫއާއި މ. މުލަކެވެ." މި ގޮތަށެވެ. ނުވަތަ "މިއަދު މޮނީޓަރިން ޙާލަތަށް ގެނެސްފައި ވަނީ، ތ. ކިނބިދުވާއި މ. މުލަކެވެ."

ދެވަނަ ގޮތުގައި "ކިނބިދޫ"ގެ ފަހަތަށް "އާއި" ގުޅުމުން ވާވުގައި ފިލިޖަހައިގެން މަހައިލީ "ދޫ" (ރަށް)ގެ އަޞްލަކީ "ދުވް"ކަމަށް ވާތީއެވެ. މި ދެ ގޮތް ވެސް ރަނގަޅުކަމުގައި ބައެއް ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް ބަހުގެ ޠަބީޢަތާ އެންމެ ގުޅެނީ ފަހުން ދެންނެވި ގޮތެވެ. ދުލަށް ފަސޭހައީ ވެސް އެ ގޮތެވެ.

މި ގޮތަށް ލަފުޒުތައް ރަނގަޅު ލަފުޒު ބޭނުންކޮށް ބަހުގެ ހަމަތަކާ އެއް ގޮތަށް ބަދަލުކޮށްލުމުން މާނަ ކިހާ ޞަރީޙަތޯއެވެ! އޮޅުންކުޑަ ނޫންތޯއެވެ! މި ޖުމުލައަށް އަޅުގަނޑު މި ގެނައީ ކުޑަކުޑަ ބަދަލެކެވެ. ޢިބާރާތަށް މާބޮޑު ބަދަލެއް ނުގެނެސް ރަނގަޅު ލަފުޒު ބޭނުންކޮށްލީއެވެ. ބަހުގެ ހަމައާއެއް ގޮތަށް މެހޭންޖެހޭ އަކުރުމަހައިލީއެވެ. އެހެން ބަދަލެއް އަޅުގަނޑެއް ނުގެންނަމެވެ.

މި ވާހަކަ މިއަށްވުރެ ތިޔަ ބޭފުޅުންނަށް މި ހަމަތައް އެނގިވަޑައިނުގަންނަވާނެތީއެއް ނޫނެވެ. އެ ޤާބިލުކަން ތިޔަ ބޭފުޅުންނަށް ލިބިވަޑައިގެންފައި ވާނޭ ކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. ހަމައެކަނި ތިޔަބޭފުޅުންގެ ހަނދުމަފުޅު އާކޮށްލުމަށް ޓަކައި މި ވާހަކަ ދަންނަވައިލީއެވެ.

"އަތުކުށް" މި ސިލްސިލާގައި އަޅުގަނޑު ލިޔާ ލިޔުންތަކާމެދު ތިޔަ ބޭފުޅުންގެ ޚިޔާލުފުޅު ދެއްވުމަކީ ވެސް މުހިންމު ކަމެކެވެ. އެއީ މި ފަދަ ކަންކަމާމެދު އަޅުގަނޑުމެން އެންމެން ވެސް ސަމާލުކަންދީގެން ޢިބާރާތްތައް އިތުރަށް ފުރިހަމަކޮށްލާން އަޅުގަނޑުމެން އެންމެންނަށް ލިބޭ ހިތްވަރަކަށް ވާނޭކަމަށް އުންމީދުކުރަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

One Response

  1. ދެ ޖުމްލައިން ވެސް ދޭހަވަނީ ހަމަ ދެމީހުން ކަމަށް. ދެވަނަ ޖުމްލައިން އަމުދުން އެކަކު ކަމަކަށް ހީއެއް ނުވޭ. އެކަމަކު ދަންނަ މީހުން ބުނީމާ ޖެހޭނީ ގަބޫލު ކުރާންތާ!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *