Support Us

ޤާނޫނާއި މުޖުތަމަޢާ ބެހޭ ޚިޔާލުތަކެއް

(ނޯޓު: ތިޔަބޭފުޅުން އަޅުގަނޑަށް ހުއްދަ ދެއްވައިފިއްޔާ، އަޅުގަނޑު މި ލިޔުމުގެ ބަސްމަގުގެ ދަރަޖަޔާއި، ރާގު ބަދަލުކޮށްލާނަމެވެ. އެއީ، މިލިޔުމުގައި މި ބުނާ އެއްޗެއް އެންމެނަށްވެސް ކިޔަން ފަސޭހަކޮށްލައިދިމުގެ ނިޔަތުގައެވެ.)

އަހަރުމެންގެ މި ކުޑަ ކުޑަ ދިވެހިރާއްޖޭގައި ޤާނޫނޭ ބުނީމައި އެއީ އޮންނަ އެއްޗެއް ކަން ނޭނގޭ ބަޔަކު އުޅޭނޭ ހެނެއް ހީއެއް ނުވެއެވެ. އެހެންނަމަވެސްް، ޤާނޫނުތަކެއް ހަދައި، އެ ޤާނޫނުތައް ތަންފީޒުކުރުމަކީ ޙަޤީޤަތުގައި ކޮން ބޭނުމެއްގައި ކުރަން ޖެހޭ ކަމެއް ކަން ނޭނގޭ ބަޔަކުވެސް މިތާނގައި މަދުމަދުން ނަމަވެސް ތިބެދާނެއެވެ. އެހެން ވީމައި،  ޤާނޫނު ތަކެއް ހަދައިފައި ހުރުމުގެ ޞައްޙަ ބޭނުންތަކަށް ކޮންމެހެން ބަލައިލައި، އެ ބޭނުންތައް ނެތިއްޖެނަމަ ދެން ފެނިދާނޭ މަންޒަރެއްގެ ވާހަކަވެސް ދައްކައިލާން އެބަ ޖެހެއެވެ.

ކިރިޔާވެސް ތަހުޒީބޭ ކިޔާ މުޖުތަމަޢުތަކުގައި، އެ މުޖުތަމަޢުތަކުގެ ދެމިއޮތުން ކަށަވަރުކުރުމަށްޓަކައި ޤާނޫނުތައް ހެދެއެވެ. އަދި އެ މުޖުތަމަޢުތަކުގައި އުޅޭ އެންމެންގެ މެދުގައި އަމަން އަމާން ކަމާއި ޢަދްލު އިންޞާފު ދެމެހެއްޓުމަށްޓަކައި ޤާނޫނުތައް ހެދެއެވެ. ފެންނަ ފަށުގައްޔާއި ނުފެންނަ ފަށުގައިވެސް، މީހުން އުޅޭ ނޫޅޭ ގޮތް ވަކި ހަމަތަކެއްގެ މަތީގައި ހިފެހެއްޓުމަށްޓަކައި ޤާނޫނުތައް ހެދެއެވެ. އަދި އެ ޤާނޫނުތައް ވީހާވެސް އިންޞާފުވެރި ގޮތެއްގައި ތަންފީޒު ކުރުމަކީވެސް މާ އިހުއްސުރެވެސް އިންސާނުން ކުރަމުން އައިސްފައިވާ ކަމެއް މެއެވެ. މުޖުތަމަޢެއްގައި ޞައްޙަ ޤާނޫނުތަކެއް ނެތަމަ، ނުވަތަ ޤާނޫނުތަކެއް ހުރެފައިމެ، އެ ޤާނޫނުތައް އެންމެންގެ މައްޗަށް ހަމަހަމަކޮށް ރަނުން ރަނަށް ތަންފީޒު ނުކުރެވޭ ނަމަ، އެއީ ފޭލިވެފައި އޮތް މުޖުތަމަޢެއްކަން ޒަމާން ސާބިތުކޮށްދެއެވެ. އަދި އެފަދަ މުޖުތަމަޢަކީ ގަދަ މީހާޔަށް ގަދަ، ބަލި މީހާޔަށް ގޮތް ހުސްވާ، ޖަންގަލީގެ އުޞޫލަށް ކަން ހިނގާ މުޖުތަމަޢަކަށް ވެއްޖެނަމަ، އެ މުޖުތަމަޢެއް މާ ގިނަ ދުވަހަކު ދެމި ނޯންނަ ކަން ވެސް  ދުނިޔޭގެ ތާރީޚު އެތަކެއް ފަހަރު ސާބިތުކޮށްދީފައިވެސް ވެއެވެ.

ޤާނޫނު ހެދުމާއި ތަންފީޒު ކުރުމާ ބެހޭގޮތުން ދުނިޔޭގެ މާހިރުން ލިޔެފައި ހުރި ބައެއް އެއްޗިއްސަށް ބަލައިލާއިރު، ޤާނޫނު ހެދުމުގެ ބޭނުން ތަކެއް ކަމަށް ގުޅި ލާމެހިފައިވާ އެތައް ކަމެއް ފާހަގަ ކުރެވިފައި އެބަހުއްޓެވެ. މުޖުތަމަޢެއްގެ ތެރޭގައި ބަލައިގަނެވެނީ ކޮންކަހަލަ ކަންކަމެއް ކަމާއި، ބަލައިނުގަނެވެނީ ކޮންކަހަލަ ކަންކަމެއް ކަން ބަޔާން ކުރުމަކީ ޤާނޫނު ކުރާ އެއް ކަމެވެ. މުޖުތަމަޢެއްގެ ފަރުދުންގެ މެދުގައި ޞުލްޙަވެރިކަމާއި އަމަން އަމާންކަން ޤާއިމްކޮށް، އެ އަމަން އަމާންކަން ދެމެހެއްޓުމުގެ މުގުލުގައި އޮންނަނީވެސް ޤާނޫނެވެ. އެންމެ ޝަރަފުވެރި މަޚުލޫޤު ކަމަށްވާ އިންސާނާގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، އޭނާ އުޅޭ މުޖުތަމަޢެއްގައި ތަރައްޤީއާއި ކުރިއެރުމަށް ޖާގަ ލިބުމަކީވެސް ކޮންމެވެސް ކަހަލަ ހަމަޖެހޭ ޞައްޙަ ޤާނޫނެއް ނުހިނގާ ތަނެއްގައި ވާނޭ ކަމެއް ނޫނެވެ. މުޖުތަމަޢެއްގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ނިކަމެތި ފަޤީރުންގެ ޙައްޤުތައްވެސް ޙިމާޔަތް ކޮށްދީ، މުޖުތަމަޢުގެ އެންމެނަށްމެ ޢަދުލު އިންޞާފުގެ ދޮރު އެއްވަރަކަށް ހުޅުވައިލައިދީފައި ބޭއްވެނީވެސް ޞައްޙަ ޤާނޫނީ ނިޒާމެއް ޞައްޙަ ގޮތެއްގައި ހިނގާ ތަންތަނުގައެވެ.

މަތީގައި މި ބުނި ގޮތާ ޚިލާފަށް، ތަނެއްގައި ޤާނޫނުތައް ހެދެނީ ވަކި ބައެއްގެ ވަކި މަޞްލަޙަތުތަކެއް ޙިމާޔާތްކުރުން ކުރިޔަށް ނެރެގެން ކަމަށް ވަންޏާ، އެ މުޖުތަމަޢަކީ އެހައި ހަމަޖެހޭ ތާކަށް ނުވާނެއެވެ. ނުވަތަ މުޖުތަމަޢެއްގައި ލިޔެފައި އޮންނަ ޤާނޫނު ކިތަންމެ އިންޞާފުވެރިޔަސް، އެ ޤާނޫނު ތަންފީޒު ކުރުމުގައި އެކި މީހުންނަށް އެކި ގޮތް ހެދެންޏާ، އެ މުޖުތަމަޢެއްގެ ފޭރާން އޮންނާނީ ވީދި ކުނޑިކުނޑިވެފައެވެ. އެ ފަދަ މުޖުތަމަޢަކަށް މާ ގިނަ ދުވަހަކު ދެމިއެއްވެސް ނޯވެވޭނެއެވެ. މިއީ ފަހެ ދޮގެއްހެވެ؟

ތަނެއްގައި ޤާނޫނު ހެދޭ ނުހެދޭ ގޮތާ ބެހޭ ގޮތުން އިހަށް އެއްޗެއް ނުކިޔައި، ހެދިފައި ހުންނަ ޤާނޫނުތައް ތަންފީޒު ކުރުމަށް އިހަށް ބަލައިލަމާހެވެ؟ މިލިޔުމުގައި ތަންކޮޅެއް ކުރީން އެ އޮތް ފަދައިން، ޤާނޫނު ތަންފީޒު ކުރުމުގައި އެކި މީހުންނަށް އެކި ގޮތް ހެދެންޏާ އެއީ ދެރަ ކަމެކެވެ. އަދި އެޔަށް ވުރެވެސް ދެރަވަރު ގޮތަކަށް ކަންކަން ހިނގާ ނަމަ، ބައެއް ފަރާތްތަކުން ޤާނޫނާ ޚިލާފަށް ކުރަމުން ގެންދާ ކަންކަމާ މެދު އެކަންކަން ބަލަން ތިބޭ މީހުން ޤަޞްދުގައި ޣާފިލް ވާނަމަ އެއީ ޤާނޫނުގެ ބޭނުން ކެނޑޭ ކަމެކެވެ. ކަންކަން ބަލަހައްޓައި، ޤާނޫނު ތަންފީޒު ކުރަން ތިބޭ މީހުން ފެންނަ ކަންކަން ނުފެންނަ ކަމަށް ހަދާނަމަ، ބަލަން ޖެހޭ ކަންކަން ނުބަލާނަމަ، އެ ކަންކަމާ ބެހޭ ޤާނޫނެއް ނެތްފަދަ ނޫންބާވައެވެ؟ ތަނަވަސް މީހާ ޤާނޫނާ ޚިލާފަށް ކުރާ ކަންކަމުގެ ސަބަބުން ނިކަމެތި މީހާގެ އަސާސީ އެތަކެއް ޙައްޤަކަށް އަރައިގަނެވޭ ކޮންމެ ފަހަރަކު، އެ ފަކީރުގެ ދިރިއުޅުން ދުނިޔެމަތީގެ ނަރަކަޔަކަށް ވީމައި، ޤާނޫނީ ގޮތުން އެކަހަލަ ކަންކަން ހުއްޓުވައި، ފިޔަވަޅުއަޅަން ތިބޭ މީހުން އެއީ ނުދެނެހުރި ކަމަކަށް ހަމަ ކޮންމެ ފަހަރަަކު ހަދަންޏާ، އެކަމާ ބެހޭ ޤާނޫނެއް އޮތުމުގެ ބޭނުމެއް އެބަ އޮތް ކަމަށް ނިކަމެތި މީހާ ދެކޭނެ ބާވައެވެ؟ ޤާނޫނު ތަންފީޒު ކުރަން ތިބޭ ފަރާތްތަކުން އެކަން ހަމަހަމަކޮށް ކުރަން ޖެހިލުންވަނީ ތަޖުރިބާ ކޮށްފައި ހުރި ކޮންމެވެސް ބިރަކާ ހެދި ކަމަށް ވަންޏާ އަދި މާ ދެރައެވެ. ކޮންމެއަކަސް، ޢަދަދުން ގިނަ ނިކަމެތީންގެ ޙައްޤުތައް އެގޮތަށް ނެތިގެން ދާ ކޮންމެ މުޖުތަމަޢަކީ ތާރީޚު ބުނެދޭ ގޮތުން… ބުނަނީ ކީކޭހެވެ؟

ދެން އޮތީ ޤާނޫނުތައް ހެދޭ ގޮތުގެ ވާހަކައެވެ. ޤާނޫނޫ ހެދުމަށްޓަކައި ރައްޔިތުންގެ ބައިތުލް މާލުން ހޭދަކުރަން ޖެހޭ ބޮޑު މިންވަރުގެ ވާހަކައެވެ. ޑިމޯކުރަސީގެ އިންޞާފުވެރިކަމާއި ހަމަހަމަކަމުގެ މައްޗަށް އެހެން އެއްވެސް އެއްޗެއް ނުވަތަ ކަމެއްގެ ނުފޫޒު ކިރިޔާވެސް ފޯރިޔަ ނުދީ ބޭއްވޭ އިންތިޚާބު ތަކުން ހޮވިގެން އަންނަ މަންދޫބުން ހަދާ ޤާނޫނުތަކުގެ ވާހަކައެވެ. ރައްޔިތުން ތަމްޘީލުކުރާ، ރައްޔިތުންގެ ޚާދިމުން ހަދާ ޤާނޫނުތަކުގެ ވާހަކައެވެ. ރައްޔިތު ކުދިބޮޑު ފޯރާނުފޯރާ އެންމެ ކަތުންގެ ޖުމުލަ މަޞްލަޙަތުތަކަށް ބަލައިގެން ހަދާ ޤާނޫނުތަކުގެ ވާހަކައެވެ. ވަކި ބައެއްގެ ވަކި ކަންތައްތަކެއް ޙިމާޔަތް ކުރަން އިސްކަން ދިނުމުގެ ބަދަލުގައި، އެންމެންގެ ޙައްޤުތައް އެއްވަރަކަށް ދެމެހެއްޓުން ކުރިޔަށް ނެރެގެން ހެދޭ ޤާނޫނުތަކުގެ ވާހަކައެވެ. ޖުމުލަކޮށް ބުނަންޏާ، މުޖުތަމަޢު ކުރިޔަށް ނެރެގެން ހަދާ ޤާނޫނު ތަކުގެ ވާހަކައެވެ. މި ނޫން ގޮތްގޮތަށް އިންސާނީ ޤާނޫނު ހެދޭތަންތާނގައި، ޔަޢުނީ ނުފޫޒު ނުވަތަ ބާރު ނުވަތަ މާލީ ހަކަތަ ބޭނުން ކޮށްގެން ހޮވޭ ބަޔަކު ހަދާ ޤާނޫނު، ނުވަތަ ރައްޔިތު އެންމެން ނޫން ވަކި ޚާއްޞަ ބަޔަކު ތަމްޘީލުކުރާ ބަޔަކު ހަދާ ޤާނޫނު، ނުވަތަ ވަކި ބައެއްގެ މަޞްލަޙަތަށްޓަކައި އެކަނި ހެދޭ ޤާނޫނުގެ ސަބަބުން  މުޅި މުޖުތަމަޢަށް ފައިދާއެއް ކުރާނެ ބާވައެވެ؟ ނޫނީ އެއީ ރައްޔިތު އެންމެންގެ ބައިތުލްމާލުން ކުރެވޭ އިސްރާފެއް ބާވައެވެ؟

ދެން އޮތީ ދޭދޭ ފަރުދުން، ނުވަތަ ޤާނޫނީ ގޮތުން ޝަޚުޞުންގެ ދަރަޖަ ދޭ ދެ ފަރާތުގެ މެދުގައި، ޤާނޫނީ ހަމަތަކުގެ މަތީން ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ މަރުޙަލާ ގެ ވާހަކައެވެ. މިއީވެސް މުޖުތަމަޢެއްގައި ޤާނޫނެއް އޮތުމުގެ ބޭނުންތެރިކަން ދައްކައިދޭ ވަރަށް މުހިންމު އެއް ބަހާއެވެ. ޤާނޫނީ ދެ ޝަޚުޞެއްގެ ދެމެދުގައި އުފެދޭ ހަމަނުޖެހުމެއްގައި ނުވަތަ އެކެއްގެ ޙައްޤަށް އަނެކަކު އަރައިގެންފި ކަމަށް ފެނިގެން އެކަން އިންޞާފުވެރިކަމާއެކު ހަމަޖައްސަން ދާން ތަހުޒީބު މުޖުތަމަޢު ތަކުގައި ހަމަޖެހިފައި އެ ހުންނަނީ ޤާނޫނީ ކޯޓުތަކެވެ. ދާން ޖެހެނީ އެތަންތަނުގައި ތިބޭ ފަނޑިޔާރުންގެ ކުރިމައްޗަށެވެ. ކަން މިހެން އޮންނަ އިރު، މިވެނި ފަނޑިޔާރަކު ބާރުގަދަ މިވެނި މީހަކާ ދިމާޔަށް ލެނބިއްޖެޔޭ، ނުވަތަ އެވެނި ފަނޑިިޔާރަކު ރިޝްވަތުގައި ހިފައިފިޔޭ، ނުވަތަ ދެންވެސް އެހެން ފަނޑިޔާރަކު ދެރަ މީހާޔަށް ދެރަ ގޮތް ހަދައިފިޔޭ، މިކަހަލަ އަޑުތަކެއް އިވުނަސް، އެއީ އެ ހިސާބުން އަދި ގޯހެއް ނޫނެވެ. އެހެނީ، ފަނޑިޔާރެއްގެ ކުރިމައްޗަށް މައްސަލަޔަކާ ވިދިގެން ހާޒިރުކުރެވޭ ކޮންމެ ދެ މީހުންކުރެ އެކަކީ މައްސަލަ ނިމޭއިރު ފަނޑިޔާރު ގޯސް ކުރަން ތައްޔާރަށް ހުންނަ މީހަކަށް ވުމީ ބައެއް ކަހަލަ މުޖުތަމަޢުތަކުގައި އާދައެކެވެ. އެއީ އެކަހަލަ ތަންތާނގައި ބޯޅަ ރެފުރީންނާއި މުބާރާތްތަކުގެ ޖަޖުންނަށްވެސް ދިމާވާ ގޮތެކެވެ. އެހެން ނަމަވެސް، މުޖުތަމަޢެއްގައި ފަނޑިޔާރުން މި ބުނީ ޒާތުގެ ކަންކަން ކޮށް، އެކަހަލަ ކަންކަން ކުރަނިކޮށް ހިފި، ނުވަތަ ކުރިކަން ރަސްމީކޮށް ސާބިތުވުން ގިނަވެއްޖިއްޔާ ދެން ވާނީ އަދި އެހެން ގޮތެކެވެ. ފަނޑިޔާރުންގެ ފަސްބައިގައި ޖެހޭ ލައްލައްގަނޑު ފިލުވައި ނުލެވިގެން ފަސްބައި ފޮރުވަން ޖެހެންޏާ، އެއީ ޤާނޫނުތަކުގެ ޙަޤީޤީ ބާރާމެދު ބައެއް މީހުން ޝައްކު ކުރާނޭ ކަމެކެވެ. އަނެއްކާ، އެހެން ނޫން ބާވައެވެ؟

އެހެން ވީމައި، ޤާނޫނު ހަދަން މީހުން ހޮވާ މަރުޙަލާތަކުގައި އިންޞާފު ވިކުނަސް، ވިއްކައިލިޔަސް، އެ އޮޔާލަނީ މަޞްލަޙަތެވެ.  ޤާނޫނު ހަދަން ތިބޭ ބަޔަކު އެންމެންގެ ލާބައިގެ ކުރިޔަށް ވަކި ބަޔަކަށް ލިބެން އޮތް ފައިދާގަނޑެއް އިސްކުރިޔަސް އެ ގެއްލެނީ ގެއްލިގެން ނުވާނެ އެއްޗެކެވެ. އިތުބާރެވެ. ތަނަވަސް ކަމުގެ އަހުލުވެރިޔަކު ފަޤީރެއްގެ އަބުރަށާއި ގޯތިގެދޮރަށާއި މިލްކިއްޔާތަށް އައްސުން އަރައިގަންނައިރު އެކަންކަން ކުރުން މަނާ ކުރަން ޤަވާޢިދުތަކާއި ފޯމުތައް ހަދައި، އިނިސްޕެކްޓަރުން ލައިގެން އުޅޭ މީހުން އެ ކަން ނުފެންނަ ކަމަށް ހަދައިފިނަމަ، ޖޯކަކަށް ވަނީ ނިކަމެތި މީހާއެއް ނޫނެވެ. ފަޤީރު ކަލޭގެ ޝަކުވާ ކުރީމައި އަޅައިނުލައި ހިފެހެއްޓީމައި އަގުވެއްޓެނީވެސް އޭނާާގެއެއް ނޫނެވެ. އެންމެންމެ ޤާނޫނަށް ތަބަޢަވޭތޯ ބަލައި، ތަބަޢަނުވާ މީހުން ދިމާޔަށް ފެނުނަސް އެމީހުންގެ މައްޗަށް އަޅަން ހުންނަ ފިޔަވަޅުތައް ނުއަޅައި، ލިޔެކިޔުން ގިނަވާނެތީ ނުވަތަ ބޭފުޅަކު ކޯފާ އިސްކުރައްވާނެތީ ޤާނޫނު ތަންފީޒުކުރަން ބަޔަކު ޖެހިލުންވާނަމަ، ދެން ފިނދި، ކަފާސްވެގެން އެދަނީ ސީދާ ޤާނޫނެވެ. މިއީ ދުނިޔޭގެ ތާޜީޚު ތަކުރާރުކޮށް އެންމެނަށް އަންގައިދީދީ އޮންނަ ފިލާވަޅެކެވެ.

އަހަރެންނަށް ފެންނަ މަންޒަރު މި ބަޔާންކުރަނީއެވެ. އަހަރުމެންގެ މި ދެކުނު އޭޝިޔާގެ ޤައުމުތަކަށް ބަލާއިރު، މަތީ ތަޢުލީމޭ މިކިޔާ ފެންވަރުން އެންމެ މަތީ ފާސްތައް ނަގައިގެން ތިބި މީހުން އާބާދީގެ ނިސްބަތުން އެންމެ ގިނަ އެއް ތާކަށް އަހަރުމެންގެ މި ދިވެހިރާއްޖެ ވާނެކަން ކަށަވަރެވެ. ޤާނޫނު ހަދާށާއި، ޤާނޫނު ނަގަހައްޓާށާއި، ޤާނޫނު ތަންފީޒު ކުރާށާއި، ޤާނޫނުގެ މަގުން ޢަދްލު އިންޞާފު ޤާއިމް ކުރާން މިރާއްޖޭގައި މިހައިރު މިތިބަ މީހުންނަށްވުރެ ވަކީން ބޮޑަށް ރޯފިލައިފައި ތިބި، ވަކީން ބޮޑަށް ތޫނުފިލި، ޒުވާން ލެއިން ހަކަތަ ލިބިގެން ތިބި އެހެން ބަޔަކު ދުނިޔޭގެ އެހެން ތަނެއްގައި ތިބުން ނާދިރެވެ. އެހެންކަމަށް ވާތީ، މި ލޮބުވެތި، ހަންހާރަވެތި ދިވެހިރާއްޖޭގެ މުޖުތަމަޢު ހަހެއް ފަހެއް ނެތި، ފިނދި، ކަފާސްވެ، އޭގައި ބައުގަނޑުގަނޑު ހެދި، ވީދި ކުނޑިކުޑިވާކަށް އަޅުގަނޑުމެންގެ މިބުނާ ޢަމަލީ ހިންމަތްތެރީން ދޫކޮށެއް ނުލާނެއެވެ. އެއީ އަހަރުމެން އެންމެންގެ ނަޞީބެވެ. އެއީ މުސްތަޤުބަލުގެ ފެހިކަމާއި އާރޯކަން އަހަރުމެން އެންމެނަށް ކަށަވަރުކޮށްދޭ ގަދަފަދަ ބާރެވެ. ޢަދަދުން މަދު، ފޯރާ މީހުންނަށާއި، ބައިގިނަ، ދެރަ ފަޤީރުންނަށްވެސް މެއެވެ.