Support Us

ތަސްވީރެއް ކިޔައިދޭ ވާހަކައެއް

ތަސްވީރުން ދައްކައިދެނީ ޗައިނާގެ ބޮޑު ފާރެވެ. މިފާރު ބިނާކުރެވުނީ އެކިއެކި ފަހަރުމަތިންނެވެ. މީލާދުގެ ހަތްވަނަ ގަރުނުގެ ކުރިން ފެށިގެންނެވެ. މީލާދުގެ ތިންވަނަ ގަރުނުގެ ކުރިން ވެސް އެ ފާރުގެ ބައެއް ބިނާކުރެވުނެވެ. އެންމެ ފަހުގެ ބައި ބިނާކުރެވުނީ މީލާދުގެ ސާދަވަނަ ގަރުނާއި ސަތާރަ ވަނަ ގަރުނުގެ ދެމެދުގައެވެ.

މި ފާރު ބިނާކުރުމުގެ މައިގަނޑު އެއް މަގުސަދަކަށްވީ ގައުމު ދިފާއުކުރުމެވެ. ބޭރުން އަތުވެދާނެ ދުޝްމަނުން ރަށަށް އެރިޔަ ނުދިނުމަށްޓަކައެވެ. ކޮންމެ އަކަސް އެ ފާރު ބިނާ ކުރެވުނު ފަހުންވެސް ދެތިން ފަހަރަކު ދުޝްމަނުން ޗައިނާއަށް އަރައިގަނެ ހަމަލާދިނެވެ. ބުނެވޭ ގޮތުގައި މިހެން ދިމާވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ތަނުގެ މީހުންގެ ޚިޔާނަތުގެ މައްސަލައެވެ. ފާރު ބަލަހައްޓަން ތިބި ފާރަވެރިން ރިޝްވަތު ހިފައި އެމީހުންގެ ރާއްޖެ ވިއްކާލުމެވެ. އާދެ، ގައުމުގެ މީހުން އެންމެ ބޮޑަށް އިތުބާރުކުރި ގައުމުގެ ހަށިފާރަވެރިން، މަދު ފައިސާކޮޅަކަށް ގައުމު ވިއްކާލުމުގެ ސަބަބުންނެވެ.

މިއީ އަބަދުވެސް، ތާރީޚުން ފެންނަމުންދާ ކަމެކެވެ. ގައުމުތަކުގެ މިނިވަންކަން ގެއްލިގެން ދަނީ އެ ހަމަ އެކަނި އެ ގައުމުތައް ބަލިކަށިވެ، ނިކަމެތިވެގެންނެއް ނޫނެވެ. އެކަމުގެ މައިގަނޑު ސަބަބަކަށް ވަނީ، ގައުމުތަކުގެ އަޚުލާގީ ފެންވަރު ދަށްވެ، ގައުމުގައި ހަށިފާރަވެރިންގެ ގޮތުގައި އެމީހުންގެ އަމިއްލަ އެދުން ނޫން އެހެން މަސްލަހަތެއް ނެތް ބަޔަކު ގައުމުގެ އިސްސަފުތަކުގައި ތިބުމެވެ. ގައުމުގެ އިސް ސިޔާސީ ވެރިންގެ ގޮތުގައި ގައުމު ބިނާކުރުމުގެ އެއްވެސް މަސައްކަތެއް ކުރަން ނޭނގޭ، އެކަމުގެ ގާބިލިއްޔަތު ކަމެއް ނެތް ބަޔަކާ ގައުމުގެ ހިންގުން ހަވާލުވުމުންނެވެ. އެމީހުންގެ ހަމައެކަނި ބޭނުމަކަށްވީ، ގައުމު ބިނާކުރުމުގެ ބަދަލުގައި، އެ ވަގުތު ނެގެން އޮތް އެންމެ ބޮޑު މާއްދީ ފައިދާއެއް ނަގައި، ވީހާ ވެސް ދިގު މުއްދަތަކަށް އެކަން ދެމިގެންދާނޭ ގޮތެއް ހެދުމެވެ. އެހެންވެ، ގައުމަށް ޚިޔާނަތްތެރިވެ، ގައުމު ވިއްކާލުން ވެސް، އެއީ އެފަދަ މީހުންގެ ނަޒަރުގައި ހަމަ އެންމެ ރަނގަޅު ކަމެކެވެ. އާދެ، ޗައިނާގެ ބޮޑު ފާރުގެ ތަސްވީރުވެސް މި ވާހަކަ ހަނދާންކޮށްދެއެވެ.